Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
loabi viyas
ލޯބި

ލޯބި ވިޔަސް… 6 ވަނަ ބައި

Shaila Level 110 Stories
April 27, 2021 6 Mins Read
0 Comments

މަހުދީ އެހާ ފޯރީގައި އެ ވާހަކަ ދައްކާފައި ފަހުން އެކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަނީ ކީއްވެބާއޭ އާތިފުގެ ހިތަށް ތަކުރާރުކޮށް އަރަމުން ދިޔައެވެ. އެންމެ ގާތް އެކުވެރިޔާ އެވަރުގެ ބޮޑު ސަމާސާއެއް ކޮށްފާނެބާއޭ އާތިފުގެ ހިތަށް އެރިއެވެ.

އެއީ ސަމާސާއެއް ވިޔަސް އަދި ހަގީގަތެއް ކަމުގައި ވިޔަސް އިސްވެ އެ ވާހަކަ ނުދައްކަން ހިތާ ހިތުން އަޒުމް ކަނޑައެޅިއެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން އާތިފުގެ ހިތަށް ނުތަނަވަސްކަން ވެރިވެއެވެ. ކާކުކަންވެސް ނޭނގޭ އެ މީހަކާ މެދުގައި  އެ ހިތުގައި އިހްސާސް ތަކެއް އުފެދި ކުރިފަޅައި ރޯވަމުން ދާ ކަހަލައެވެ. ވަގުތު ޖެހުމުން ހުރިހާ ކަމެއްވެސް ވާނެކަމަށް ގަބޫލު ކޮށްގެން އާތިފު ހުރީ ހުރިހާ ކަމެއްވެސް ﷲ އާ ވަކީލު ކޮށްގެންނެވެ. އެ ކަލާންގެ ހަޟްރަތުން އުންމީދު ކަނޑައެއް ނުލައެވެ. އާތިފަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ﷲ އާ އޮންނަ ގުޅުން ދުވަހެއް ދުވަހެއް ވަރުގަދަ ކުރުމެވެ. ކިތަންމެ ކުއްޖަކު އިސްވެ އާތިފަށް ލޯބި ހުށަހެޅި ނަމަވެސް، އޭނާ އެކަމަކާ އަދި މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. ފުރަތަމަ ދިރިއުޅުމުން  އޭނާގެ ކަރުބުޑުގައި ހަރުލާފައިވާ ހިތިރަހަ އަދިވެސް ނުފިލާތީ ވާގޮތެއް ކަމަށްވެސް ވެދާނެއެވެ.

“މިތަނުން ގެސްޓަކާ އިންނަންވީ!”

ރިސޯޓުގެ ދޮންވެލި ގަނޑުގައި އޮށޯވެލައިގެން ތިބި ތިން ފަތުރުވެރިންނަށް އިޝާރާތްކޮށް އާތިފު ބުނެލިއެވެ.

“މިހާރު އެހިސާބަށް ދިޔައީތަ؟؟ ކުރިން އާތީ ބުނެގެން މަ މަޑުކުރީ.. މިފަހަރު މަށަށް ދުވަސް ކޮޅެއް ދީ..”

މަހުދީ ދުރު ބަލަން ހުރެ އެހެން ބުނި ގޮތުން ހީވީ މީހަކަށް ވަރުގަދަ ލަނޑެއް ދީފައި ހުރިމީހަކު، އެކަން ރައްދުވާ މީހާއާ ހަތަރުކަޅި ހަމަކުރަން ބޭނުން ނުވެގެން އުޅޭހެންނެވެ.

އެކުވެރިޔާ މިފަހަރު މިކުރީ ސަމާސާއެއް ނޫންކަމަށް އާތިފްގެ ހިތް ބުނަމުން ދިޔައެވެ. “ކިހާ ދުވަހެއް؟”

އެއީކާކުތޯ ބެލުމަށް ކެތް މަދުވެފައި ވާ މީހެއް ފަދައިން އާތިފު ވެސް ސުވާލުކުރީ މީގެ ކުރިން މަހުދީ އޭނާއާ އެ ސުވާލު ކުރިގޮތަށް ކުރި ބީދައިންނެވެ.

މަހުދީ ހަމްނާގެ ވާހަކަ އާތިފު ކައިރީގައި ބުނުމުގެ ކުރިން އޭނާ ހަމްނާ ހުރިގޮތެއް ޔަގީންކުރިއެވެ. ހަމްނާ ބުނީ ހަމައެކަނި އޭނާއަށް އާތިފު ވަރަށް ކަމުދާ ވާހަކައެވެ. އެވަރުން މަހުދީ ހިތްހަމަޖެހުނެވެ. އާތިފު ކައިރީގައި ހަމްނާގެ ވާހަކަ ބުނުން އެންމެ ރަނގަޅުތޯ ސުވާލުކުރުމުން ހަމްނާ އެދުނީ އަދި ނުބުނެ ލަސްކޮށްލުމަށެވެ. މަހުދީއަށް އާތިފު ކައިރީގައި އެ ވާހަކަ ނުދައްކައި ގިނަދުވަސްވެގެން ދަނީ މި ސަބަބާ ހުރެއެވެ.

ހަމްނާގެ ކިޔެވުމުގެ ބާކީ އޮތީ ދެ މަސް ދުވަސްކަމުން ހަމްނާ އެދެނީ އޭނާކިޔެވުން ނިންމާފައި ރަށަށް ދެވުމުން އާތިފާ ބައްދަލުކޮށް އޭނާ އާތިފާ ގުޅެން ބޭނުންވާ ވާހަކަ ބުނާށެވެ.

ޑިއުޓީ ނިންމާފައި ގޮސް ރިސޯޓްގެ ފާލަންކައިރީގައި އާތިފާއި މަހުދީ ގޮސް ތިބީ ޑިންގީ އަންނާންދެނެވެ.

“ފޮނި މީހުންވެސް އުޅޭ”

ދެޒުވާނުން ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އާތިފާ މުޚާޠަބު ކުރުމުންނެވެ.

އެނބުރި ބަލައިލިއިރު ޝީޒާ އެމީހުނާ އަރާ ހަމަކުރަނީއެވެ.

“ކިހިނެއްވީ؟”

އާތިފު ދެބުމަ ކައިރިކޮށްލިއެވެ.

“ގުޅީމަ ފޯނު ނަގަނީއެއްނޫން.. މެސެޖެއްކުރީމަ ރިޕްލައިއެއް ކުރަނީއެއްނޫން”

ޝީޒާ ތުންކޮޅު އޫ ކޮށްލަމުން ޝަކުވާ ކޮށްލިއެވެ.

ޝީޒާ ހުންނަނީ އާތިފާ އަޅައިގަނެފައެވެ. ތަންކޮޅެއް ކުރިންވެސް މެސެޖް ކޮށްކޮށްފައި އާތިފު އަޅާނުލީމާ ހުއްޓާލުމަށްފަހު، އަނެއްކާވެސް އޭނާ އާތިފަށް މެސެޖްކޮށް ގުޅަން ފެށީއެވެ. ޝިޒާ އެވަރަށް ގުޅައި މެސެޖުކޮށް ހަދާތީ އާތިފު ހުންނަނީ ފާޑަކަށް އުނދަގޫ ވެފައެވެ. ކިތަންމެ ހިތްހަމަ ނުޖެހުނަސް، ހިތްހަމަ ނުޖެހޭކަން ހާމަކުރަން ޖެހިލުންވަނީ ޝީޒާއަކީ ރިސޯޓުގެ އިސް މަގާމެއްގައި ހުރި މީހަކަށް ވާތީއެވެ.

“މިރޭ ގުޅާނަން”

އާތިފް ޝީޒާއަށް ހިނިތުންވެލިއެވެ. އާތިފްގެ އެ ހިނިތުން ވުމުން އާތިފު އެހާ ގަޔާ ނުވާކަންޝީޒާއަށް އެނގުނެވެ.

“އަހަރެން މިރޭ ތި ރަށަށް ދާން މިއުޅެނީ ވާނެ ކޮފީއަކަށް ދާން”

ޝީޒާ އޭނާގެ އެއް އަތުން އަނެއްއަތުގެ އިނގިލިތަކާ ކުޅެލަމުން ބުންޏެވެ.

“އޯކޭ.. ކިހާއިރަކު ދަނީ..؟”

އާތިފު ވާހަކަ ދެއްކީ ފަރުވާކުޑަ ރާގަކަށެވެ.

“އަށެއްގެ ޑިންގީގައި ދާނީ، ގޮސްފައި ބާރައިގެ ޑިންގީން މިކޮޅަށް އަންނަގޮތަށް”

އާތިފްގެ ސުވާލަށް ޖަވާބު ދެމުން ޝީޒާ ތަފްސީލު ކޮށްދިނެވެ.

ޝީޒާ ކުޅެން މިއުޅެނީ އަނެއްކާ ކޮންފަދަ ކުޅިގަނޑެއްބާއޭ އާތިފަށް ހިތާ ހިތުން ކިޔައިލެވުނެވެ. “އަނެއްކާ މަހުދީ އެ ދައްކަނީ ޝީޒާގެ ވާހަކަ ކަންނޭނގެ. މީ މަހުދީއާ ޝީޒާ ރާވައިގެން ކުރަން އުޅޭ ކަމެއްހެންވެސް ހީވާން ފަށައިފި..” އެހެން ހިތަށް އެރުމުން އާތިފު ވީ ފޫއްސަކުން އަނގަޔަށް ފާޑެއްގެ ވަށްތަރެއް ވެސް ޖައްސާ ލެވުނެވެ.

ގެއަށް ގޮސް އާތިފު އޭނާގެ ކޮޓަރިއަށް ވަދެ ދަބަސް ބެހެއްޓުމަށްފަހު، ފާހާނާއަށް ވަދެ ފެންވަރައިގެން ވުޟޫ ކޮށްލިއެވެ. މަޣްރިބް ނަމާދު ނުކޮށް ހުރުމުން ނަމާދު ކޮށްލައިގެން މަންމަގެ ކޮޓަރިއަށް ދިޔައެވެ.

“ޑެޑީ..”

އައިދިން މަޣްރިބް ނަމާދަށް ފަހު، ޤުރުއާން ކިޔަވާ ނިންމާފައި އޭނާގެ ޤުރުއާން ފޮތް ގެންގޮސް ސައިޑް ޓޭބަލް މަތީގައި ބޭއްވިއެވެ. އޭރުވެސް ޒުލޭހާ އިނީ ކިޔަވާށެވެ. ކޮންމެ ރެއަކު މަޣްރިބް ނަމާދަށް ކޮޓަރިއަށް ވަންނަގޮތަށް ޒުލޭހާ ނިކުންނާނީ ޢިޝާ ނަމާދު ކޮށްގެންނެވެ. އައިދިން ޢިޝާ ނަމާދު ކުރާނީ އާތިފާއެކީގައެވެ.

“އާންޓީ ފޮނުވި ކަޕްކޭކެއް ޑެޑީއަށް”

އައިދިން އަތުގައި އޮތް ކަޕްކޭކް ދިއްކޮށްލިއެވެ.

“އެއީ އާންޓީގެ ބާތުޑޭވީމަ ކޭކްބެހީއޭ. ޕޭރެންޓްސްއަށް ވެސް ދިނީ. މާމައަށް ވެސް ދިނޭ ދޯ މާމާ. އެކަމު މާމަ ކޭކްކެއީ އައިސިންކޮޅު އައި ކެއީމަ”

ކާ މޭޒުދޮށުގައި އިން އައިދިންގެ ވާހަކަ އަޑުއަހާފައި އާތިފާއި ޒުލޭހާއަށް ވެސް ހީގަނެވުނީ އެކުއެކީގައެވެ.

” އެހެންތަ؟ ޑެޑީގެ ކޭކްގެ އައިސިންކޮޅު އައި ބޭނުންތަ ކާން؟”

އާތިފު އައިދިންއަށް ހިނިތުންވުމެއް ދިނެވެ.

“ޑެޑީ ޖެހޭނީ ކާން. އައި ވަރަށް ފުލް”

އައިދިން ދެއަތުން އޭނާގެ ބަނޑުގައި އަތް އުނގުޅާލަމުން ގޮނޑިން ތެދުވިއެވެ.

އާތިފުވެސް ކައި ނިމިގެން ތަށިތައް ދޮވެފައި އައިދިން ގޮވައިގެން ގޮސް ޒުލޭހާގެ ކޮޓަރިއަށް ވަނެވެ. އާތިފު ރަށުގައި ހުންނަ ވަގުތުތަކުގައި ބަދިގެތެރޭގެ ކަންކަން ވެސް ޒުލޭހާއާ ނުޖައްސައި ކުރެވޭތޯ ބަލާނެއެވެ. އެއީ އެއްގޮތަކަށް ވެސް ޒުލޭހާ ބޭނުންވާ ގޮތް ނޫނަސް އާތިފު ކުރާހިތުން ކުރާ ކަމެއްވީމަ ޒުލޭހާވެސް އެކަމަކާ މާ ބޮޑަށް އަޅައެއް ނުލައެވެ.

އައިދިން ނިންދެވުމަށްފަހު، އާތިފު ގޮސް އޭނާގެ ކޮޓަރިއަށް ވަތްއިރު ފޯން ރިންގުވާ އަޑުއިވެއެވެ. ފޯނަށް ގުޅާނީ ޝީޒާކަން އެނގޭތީ ފޯނަށް ބަލާލުމެއްވެސް ނެތި ފާހާނާއަށް ވަދެފައި ނުކުމެގެން އައިސް ނިދަން ތައްޔާރުވިއެވެ. ފޯނު ނުނަގައިފިއްޔާ  ގެއަށްވެސް އަންނާނެކަން އިނގޭތީ، ޢިޝާ ނަމާދަށް އައި ގޮތަށް އާތިފު ކޮޓަރިއަށް ވަނީ ދޮރާށި ވެސް ތަޅުލާފައެވެ. މީގެ ކުރިންވެސް ޝީޒާގެ އުނދަގޫ އެގޮތަށް ޖެހިފައި އޮތީމަ އާތިފު ކުރީބައިގައި ހަތިޔާރު ބެހެއްޓީއެވެ. ހުއްޓުމެއް ނެތި ރިންގުވަމުން ދާ ފޯނަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު ފޯނު ހިފައިގެން ގޮސް ސައިޑް ޓޭބަލްމަތީގައި ބަންޑުން ބޭއްވުމަށްފަހު އޮށޯތެވެ. ފޯނުގެ ރިންގު ކެނޑުމާއެކު އަނެއްކާވެސް ގުޅަންފަށައެވެ. އާތިފް ފޯނު ނަގައި ބިޒީ ކޮށްލުމަށްފަހު ރިންގް އޮފް ކޮށްފައި ވެފައިވާ ފޫއްސެއްގެ ބޮޑުކަމުން ފޯނަށް އިތުރަށް ބަލައިލާން ވެސް އޭނާ ބޭނުން ނުވިއެވެ. ބިޒީ ކޮށްލުމުންވެސް ޝީޒާ ހުއްޓައެއްނުލިއެވެ. ކެނޑިނޭޅި ފޯނު ވައިބްރޭޓްވާ އަޑުއިވިއިވި ހުއްޓެވެ. އާތިފު ކަހާތަން ހިރުވާވެސް ނުލާ ބިއްދޮށަށް އެނބުރި ކަންފަތް މަތީގައި ބާލީސް އަޅައިގެން އޮވެ ނިދައިފިއެވެ.

ހެނދުނު ރިސޯޓަށް ދިޔުމަށްޓަކައި އަވަސް ފިޔަވަޅުތަކެއްގައި އާތިފު ދިޔައީ ޑިންގީ އަންނަ ދިމާލަށެވެ. ގެއިން ނިކުތްގޮތަށް އިސްއުފުލައި ބަލާވެސް ނުލާ އަވަސް ހިނގުމެއްގައި ދިޔަ އާތިފު ކުއްލިއަކަށް ހުއްޓުން އެރީ ޑިންގީ ކައިރިކުރާ ދިމާލުގައި ދިހަވަރަކަށް ފޫޓު ދުރުގައި އޮލަ ވާހަކައެއްގައި ތިބި ޝީޒާއާ މަހުދީ ފެނުމުންނެވެ. ހުރި ފިޔަވަޅު މަތީގައި ގުޑިލަންވެސް ނޭނގިފައި އިރުކޮޅަކު އާތިފަށް ހުރެވުނެވެ. އެ ދެމީހުން އެކުގައި ފެނުމުން އާތިފަށް ޔަގީންވީ މަހުދީ އެ ދައްކަނީ ޝީޒާގެ ވާހަކަ ކަމެވެ. ޝީޒާ ރޭގައި އެނބުރި ރިސޯޓަށް ދާނަމޭ ކިޔާފަވެސް ހެދީ ދޮގުކަން ހަނދާންވުމުން އިތުރަށް ރުޅި އައިސްގެން ދަތްކުޑި ވިކާލެވުނެވެ. މުޅިމީހާގެ ޠަބީއަތު ހަރާބުވީއެވެ. އެމީހުން ތިބީ މޫދާ ދިމާލަށް ކުރިމަތި ލައިގެން ކަމުން އެމީހުންނަށް އާތިފު އަންނަ ތަނެއް ނުފެނެއެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ޑިންގީ ކައިރިކުރާތަން ފެނުނެވެ. ރިސޯޓަށް ދާންތިބި ކުދިންތައް ވެސް ޑިންގީއަށް އެރުމަށް ތައްޔާރު ވަމުންދިޔައެވެ. މަހުދީއާއި ޝީޒާއާ ދެމީހުން އެއްފަހަރާ ފަހަތަށް އެބުނރި ބަލައިލީ އެތަނުގައި އާތިފު ފެންނަން ނެތުމުންކަން އޭނައަށް އެނގެއެވެ.  މިއަދު އާތިފު ގެއިން ނިކުތީވެސް އެހެން ދުވަސް ދުވަހަށްވުރެ ލަހުންނެވެ. އޭނާގެ ހަބަރެއް ނުވެގެން ހެނދުނު މަހުދީ ދެފަހަރަކު ގުޅީމަވެސް އޭނާ ފޯނު ނުނެގީ ގަސްދުގައެވެ. އާތިފު ފެނުމުން މަހުދީ އަތުން ހަނާއަޅާލީ އަވަހަށް އަންނާށޭ ބުނުމުގެ ގޮތުންނެވެ. އާތިފު އަޅާވެސް ނުލައި ބާރު ހިނގުމެއްގައި ގޮސް ޑިންގީއަށް އަރައަރައި ތިބި މީހުންގެ ތެރެއިން ދެމިގަނެގެން ކަހަލަ ގޮތަކަށް ގޮސް ޑިންގީއަށް އަރައި އިށީނދެ ހަމަޖެހިލިއެވެ. ޝީޒާ ހުރީ އޭނައަށް ބަލަންކަން އެނގިހުރެ ވެސް އޭނާ އިތުރަށް ޝީޒާއަށް ވެސް މަހުދީއަށް ވެސް ބަލައެއް ނުލިއެވެ.

އާތިފުގެ އެ އަމަލުން މަހުދީގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ރިސޯޓަށް ގޮސް ހަމަޖެހިލައިގެން ކަންތައްވީ ގޮތުގެ ވާހަކަ ދައްކަން ނިންމައިގެން ހުރެ ހިތްހަމަ ޖައްސާލަން މަސައްކަތް ކުރިއެވެ.

“ކިހިނެއްތަވީ އޭ ހަމަޖެހިބަލަ.. އަހަރެން މިކިޔާ އެއްޗެއްވެސް އަޑުއެހީމަދޯ އިނގޭނީ މިވީ ގޮތެއް”

އާތިފުގެ ފަހަތުން ދުވަމުން ކަހަލަގޮތަކަށް ގޮސް އަރާ ހަމަކުރަމުން މަހުދީ ގޮވިއެވެ.

އާތިފު ހިނގުން މަޑުނުކުރުމުން މަހުދީ ބާރުބާރަށްގޮސް އޭނާގެ އެއްއަތުގައި ހިފާ ލުއްކިއެއް ޖެހިއެވެ. ކުއްލިއަކަށް އާތިފު ހުއްޓުން އެރިއެވެ.

“ކިޔާބަލަ ތިކިޔާ އެއްޗެއް.. ކޯޗެއްތަ ކިޔަން އޮތީ؟؟ ކޯޗެއްތަ އަޑުއަހަންއޮތީ؟ ކަލެއަށް އިނގޭނީ ޝީޒާއެއީ މަ ކިހާ ފޫހިވާ މީހެއްކަން.. ދެން ކޮބާ ބޭނުމަކީ؟”

މަހުދީގެ ދެކޮނޑުގައި ހިފާ ތަޅުވާލަމުން އާތިފުގެ ރުޅިގަނޑު ބޭރުކޮށްލިއެވެ.

“ތިބުނީ..؟ އަހަންނަށް އިނގޭ ޝީޒާއާ ލައިކް ނުވާކަން އެހެންވޭ އޭނަ ރޭގަ އެވަރަށް ކީމަވެސް އަހަރެން އާތީއަށް ނުގުޅީ.. އާތީ ފޯނު ނުނެގީމަ އޭނަ ވަރަށް އާދޭސް ކުރި ޒީ ކައިރީގަވެސް ބުނި ގުޅަން.”

ކުއްވެރިއެއް ފަދައިން އިސްޖަހާލައިގެން ހުރެ މަހުދީ ވާހަކަ ދެއްކީ މަޑުންނެވެ.

“އާ… ޗާ.. އެހެންވެދޯ ރޭގަ އޭނަ ގެނެސް އޭނަ ތިގޭގައި ބަހައްޓާފައި ހެނދުނު ގޮވައިގެން ތިއައީ”

އާތިފުގެ އަޑު ދިޔައީ އިތުރަށްބާރުވަމުންނެވެ.

“އަހަންނާ އޭނަޔާ ގުޅުވަން މަސައްކަތް ނުކުރާތިދެން..”

ޝާހާދަތް އިނގިލިން މަހުދީގެ މޭގައި ޖައްސާލުމަށްފަހު އާތިފު ދިން އިންޒާރުން މަހުދީ ހުރީ ފާޑަކަށް ވާނުވާ ނޭނގިފައެވެ. އާތިފުގެ ރުޅިވެރި ބަލައިލުމުން މަހުދީ އަންދައި އަޅިއަށް ހަދައިލާން އުޅުނު ކަހަލައެވެ.

“ތި ރުޅިގަނޑު މަތަވެގެން ދޯ އެއްޗެއް އަޑުއިވޭނީވެސް.. އަޑުއަހާބަލަ އިހަށް ތިރުޅި މަޑުކޮށްފަ”

އާތިފު އެހާ ރުޅިއައިސްފައި ހުއްޓާ މަހުދީއަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. ދުވަހަކުވެސް މީހަކާ ދިމާލަށް އަޑުލައި ނުހަދާ އާތިފު އެވަރުގެ ރުޅިއެއް އައިސްފައި އެހުރީ ގައިމުވެސް ވަރަށް ބޮޑު ކަމަކާކަން މަހުދީއަށް ވިސްނުނުވެ.

“ފައިން.. ފައިން.. ތަންކޮޅެއް ފިނިވެލައިގެން އެވާހަކަ ދައްކާނީދެން.. މިވަގުތު ހިނގާ މެސްއަށް ފިނިއެއްޗެއް ބޯލަން.. ފާގަދިޔަ ދީގެންވެސް ތިރުޅި އެބަ ޖެހޭތާ މައިތިރި ކުރަން”

މަހުދީ އާތިފުގެ ކޮނޑަށް އަތް ވަށްޓާލުމަށްފަހު ހިނގައިގަތުމުން ވެސް އާތިފު މަހުދީގެ އަތް ފޮޅާލުމަށްފަހު ދުރަށްޖެހިލިއެވެ.  އާތިފުގެ ރުޅިގަނޑު މައިތިރި ކުރެވޭތޯ ކުރި ހުރިހާ ކަމެއް ބޭކާރުވެގެން ދިއުމުން މަހުދީ ނިންމައިގެން ހުރީ ފަހުން އާތިފާ ވާހަކަ ދައްކާށެވެ. މިހާރު އޭނާ ހުރީ މީހަކު ދައްކާ ވާހަކައެއް އަޑުއަހާ، ގަބޫލު ކުރާ ހިސާބަށްވުރެ މާ މަތީގައެވެ. ރުޅި ގަދަވުމުން އިންސާނުންގެ ބޮލުން ދުން އަރާނަމަ މިހާރު އާތިފުގެ ބޮލުން ހުންނާނީ ދުން އަރައަރާކަން މަހުދީއަށް އެނގެއެވެ.

****************************

ނަޒާހާ މިހާރު ޒަހީންއާ މާ ގަޔާ ނުވާކަން ޒަހީނަށް ފާހަގަ ކުރެވެންފެށިއެވެ. ގިނަ ވަގުތު އުޅެނީ ބޭރުގައެވެ. ޒަހީންގެ އެހެން އަތްބަކާއި ދަރިން ތިބި ނަމަވެސް، އޭނާގެ ހަޔާތުން ނަޒާހާ ދާކަށް އޭނަ ބޭނުމެއް ނުވެއެވެ. ދަރިއަކު ހޯދުން ފިޔަވައި ނަޒާހާ ބޭނުންވާނެ ހުރިހާ ކަމެއް ޒަހީނު ދަނީ ކޮށްދެމުންނެވެ. ކޮންމެ ގޮތެއް ވިޔަސް ނަޒާހާގެ އެ ހުވަފެނުގައި ޒަހީނަށް ކުލަޖައްސައި ދެވޭކަށް ނެތެވެ. އެ އުންމީދު ފުރިހަމަ ކޮށްދެވޭކަށް ނެތެވެ. އެހެން ބަނޑަކަށް ދަރިއެއް ހޯދަން ޒަހީން އެއްގޮތަކަށް ވެސް، ބޭނުމެއް ނުވެއެވެ. ނަޒާހާ ހިތްހަމަ ނުޖެހިފައި ހުންނަނީ އެކަމާކަން ޒަހީނަށް ހިތާހިތުން ބުނެލެވުނެވެ. ނަޒާހާގެ ރުހުން އަނބުރާ ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އޭނާ ކުރާނެއެވެ. އެ ދެމެދުގައިވާ ދުރުކަމުން ޒަހީނަށް އުނދަގޫތަކެއް ވާން ފެށިއެވެ. ގޭގައި ހުންނަ ވަގުތަކުވެސް ޒަހީން ކައިރިވެލައިފި ނަމަ، ނަޒާހާއަށް ހުންނަނީ ފާޑަކަށް އުނދަގޫ ވެފައިކަން ޒަހީނަށް އިނގެއެވެ.

ކަނދުރާގައި އެއްއަތުން ހިފާލަމުން ސޯފާއިން ތެދުވެގެން ޒަހީން ދިޔައީ ބަދިގެއަށެވެ. މާ ބޮޑަށް  އޭނާގެ ބޯ ހާސްވާހެން ހީވަން ފެށުމުން ހޫނު ކޮފީ އެއް ތައްޔާރު ކޮށްލިއެވެ.  ކޮފީ މަގު ހިފައިގެން އެނބުރި ސޯފާއަށް އޭނާގެ ހަށިގަނޑު ދަމާލިއެވެ.

“ޑަޒް ޝީ ރިއަލީ ނީޑް އަ ބޭބީ؟”

މަޑުމަޑުން ކިޔާލެވުނެވެ. ކޮފީ ކޯވަރެއް ބޯލުމަށްފަހު ޒަހީނަށް ފުން ނޭވާއެއް ދޫކޮށްލެވުނީ ކުއްލިޔަކަށް ކަމެއް ހަނދާން ވެގެން ކަހަލަ ގޮތަކަށެވެ. ކޮފީ މަގު މޭޒުމަތީގައި ބެހެއްޓުމަށްފަހު އަވަސް އަވަހަށް ކޮޅަށް ތެދުވިއެވެ. ހާސްވެފައިވާ މީހެއް ފަދައިން ސިޓިންރޫމު ތެރޭގައި ދެކޮޅަށް ހިނގަން ފެށީ އަވަސް ހަލުވި ފިޔަވަޅު ތަކެއްގައެވެ.  ފޯނު ނެގުމަށްފަހު، ނަޒާހާއަށް ގުޅަން މަސައްކަތް ކޮށްލިއެވެ. ނަޒާހާގެ ފޯނަށް ގުޅޭތޯ ދެތިން ފަހަރު މަސައްކަތް ކުރުމުންވެސް، ފޯނު ބިޒީވެފައި ހުރުމުގެ ސަބަބުން ގުޅޭ ގޮތެއް ނުވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaila

Level 110 Stories

Other Articles

Previous

ހިތުގެ ޝަކުވާ… އަށްވަނަ ބައި

Next

ޖަވާހިރުގެ ބާރު 1

Next
April 27, 2021

ޖަވާހިރުގެ ބާރު 1

Previews
April 27, 2021

ހިތުގެ ޝަކުވާ… އަށްވަނަ ބައި



All Right Reserved!