
“އޯކޭ ދެން ތި ލަވް ބާޑްސް ކޮންމެހެން އަހަރެމެން ކުރިމަތީ މާފޮޅުވާނެ ކަމެއް ނެތް.. އަހަރެން މިދަނީ ޖައްސާލަން. މިހާރު ވަރަށް ޓަޔަޑު” އަފާ އެހެން ބުނެފައި ކޮޓަރިއަށް ވަނުމުން ދާނިޝްއާއި ޔައީޝް މިސްކިތަށް ދިޔުމަށް ނުކުތެވެ.
***
ޖެހިގެން އައި ދުވަހުގެ ހަވީރެވެ. ޔައީޝްއަށް ރަށުތެރެ ދައްކާލަން އެންމެން އެކީ ނުކުތީ ހިނގާލަންށެވެ. އެރަށު ތުނޑި ބަލާލަން ބޭނުންވާ ކަމަށް ޔައީޝް ބުނުމުން އެންމެން ތުނޑިއާ ދިމާއަށް ހިނގާގަތެވެ.
“ދާނިޝްއާ ޔީޝް ވަރަށް ގުޅޭ ދޯ” އެމީހުންގެ އަމިއްލަ ކޯޅުމުގައި ކުރީގައި ހުރެ ހިނގަމުން ދިޔަ ދެމީހުނަށް ބަލަން ހުރެފައި އަފާ ބުނެލިއެވެ.
“އަސްލު އަހަރެންވެސް ހިޔެއް ނުކުރަން ޔީޝް މިހާ އަވަހަށް ކުއްޖަކާ ރައްޓެހި ވެދާނެ ކަމަކަށް.. ޔީޝްއަށް ދާނިޝް ކަހަލަ ކުއްޖަކު ލިބުނީމަ އަހަރެންވެސް ވަރަށް ހިތްހަމަ ޖެހޭ… މަންމަމެންވެސް ވަރަށް ހިތްހަމަ ޖެހޭ އެދެމީހުންގެ ގުޅުމާ މެދު.. ދާނިޝްގެ މަންމައަކީ އަހަރެންގެ މަންމަގެވެސް ކުޑައިރުގެ ގާތް އެކުވެރިއެއް..” ޔައީޝް ބުނެލިއެވެ. ޔައީޝް ވާހަކަ ދެއްކުމަށް ފަހުވެސް އަފާގެ ފަރާތުން ބަހެއް ނީވުމުން ޔައީޝް އިސްއުފުލާލާ އަފާއާ ދިމާއަށް ބަލާލިއެވެ. އޭރު އަފާ ހުރީ އޭނާގެ މޫނަށް ބަލަހައްޓައި ގެނެވެ.
“ކިހިނެއްވީ؟” އަފާ ބަލަން ހުރިގޮތުން ޔައީޝް ކުޑަކޮށް ރަކިވިއެވެ.
“އެނގޭތަ.. މިއީ ޔައީޝްގެ އަނގައިން އެއްފަހަރާ އެހާ ބައިވަރު ބަސްތަކެއް އިވުނު ފުރަތަމަ ފަހަރު.. އަހަރެން ހީކުރީ ޔައީޝްއަކީ މަންމަނު މީހެއް ކަމަށް.. އެކަމު ނޫންތާ ދޯ” އަފާ ހީލަމުން ބުނެލިއެވެ.
އަފާގެ ހިނިތުންވުން ފެނިފައި ޔައީޝްގެ ހިތް އަވަސްވިއެވެ. އަފާއަކީ ޔައީޝް ހިތް އެދޭ ކަހަލަ ސިފަތަށް ހުންނަ ކުއްޖެކެވެ. އަފާ ހީލާއިރު ދެލޯ ކުޑަވެފައި ދެކޯތާފަތަށް އަޑިކޮޅެއް އަރާ މަންޒަރު އެއީ ޔައީޝް އެންމެ ދެކޭހިތްވާ އެއް މަންޒަރެވެ. އޭނާގެ ހިތުގައި އަފާއަށް ހާއްސަކަމެއް ދެވިފައިވާ ކަންވެސް ޔައީޝްއަށް އެނގެޔެވެ. ނަމަވެސް އޭނާގެ ފިނޑިކަމުން އެކަން ހާމަކުރާކަށް ނުކެރެއެވެ. އެހެން މީހުން ކުރިމަތީ އަނގަ ގަދަ ޔައީޝް އަފާ ކުރިމަތީ މަންމަނު ވަނީވެސް އެހެންވެއެވެ.
“ކޯއްޗެއް ތިބަލަނީ؟” ޔައީޝް ބަލަން ފެށުމުން އަފާ އޭނާގެ ކުރިމަތީ އަތް ހުރާލަމުން ބުނެލިއެވެ.
“އެއްޗެއް ނޫން.. ” ދުރު ބަލާލަމުން ޔައީޝް ބުނެލިއެވެ.
“ކީއްވެތަ ތެދަށް ނުބުނަން ތިހުންނަނީ.. އަހަރެންގެ މޫނަށޭނުން ތިބަލަނީ.. މިއަދު އަހަރެން މާ ރީތީތަ؟” އަފާ ދެކޯތާފަތް މަތީ އަތް އަޅާލާފައި އެސްފިޔަ ޖަހާލަމުން ބުނެލިއެވެ.
“ހަހަ.. ވެރީ ފަނީ” ޔައީޝް ދެފަރާތަށް ބޯހޫރާލަމުން ބުނެލިއެވެ.
“ޕިސް.. ދެން ބުނެބަލަ އަހަރެން ދެކެ ލައިކްވެޔޭ.. ކިހާ ދުވަހެއް ވަންދެންތަ ސިއްރުކުރަން ތިޔަ ގަސްތު ކުރަނީ” އަފާ ބުނެލިއެވެ. އަފާގެ ޖުމްލަ އިވިފައި ޔައީޝް ސިހުނެވެ.
“ކިހިނެއް އެނގުނީ.. ކޮންއިރަކު؟” ޔައީޝްއަށް ހައިރާންވެފައި އަހާލެވުުނެވެ.
“ހަހް.. ޔައީޝް އަސްލުވެސް އަހަރެން ދެކެ ލައިކު ވޭތަ.. އަހަރެން އަދި ސަމާސާއަކަށް ބުނިއެއްޗެ އެއީ” އަނގަމަތީ އަތް އަޅާލަމުން އަފާ އެހެން ބުނުމުން ޔައީޝް ރަނގަޅަށްވެސް ލަދުގަތެވެ. އަފާ ކޮއްލި ސަމާސާއަކުން އޭނާގެ ހިތުގެ ހަގީގަތް މިހެން ފަޅާ އެރުމުން ޔައީޝް ހަދާނެ ގޮތް ހުސްވިއެވެ. ބިމގައި ހަފޫޓު ފުން ވަޅެއް ކޮނެފައި ވަޅަށް އެރި ފިލަންވީއޭވެސް އޭނާ ހިތަށް އެރިއެވެ.
“ހަހަހަ.. ސޯ ކިއުޓު.. އުހުމް.. ދެން.. ޔައީޝް އަހަންނާ ރައްޓެހި ވާނަންތަ.. އަހަރެން ޔައީޝްއާ ގަޔާވާކަން އެނގޭނުން” އަފާ އެހެން ބުނިއިރު އަޑުގައި ސީރިއަސް ކަމެއް ހުއްޓެވެ.
“އަފާ.. އަހަރެން…”
“މިހާ މަޑުން ހިނގަން ވެއްޖެއްޔާ އަހަރެމެންނަށް އެމީހުން ގެއްލިދާނެ.. ފިހާރަތަށް ބަނދުކުރަން ވާއިރަށް އަދި އައިސްކޯނު ގަންނަންވެސް ޖެހޭނެއްނު” ޔައީޝްގެ ވާހަކަ މެދުކަނޑާލުމަށް އަފާ ބުނެލިއެވެ. އަދި ޔައީޝްއަށް މަޑުކުރުމެއް ނެތި ބާރަށް ހިނގާގަތެވެ.
ކުއްލިއަކަށް އަފާ އެހެން ކަންތަށް ކުރުމުން ޔައީޝް ހައިރާން ވިއެވެ. އަފާ އޭނާއާ ދޭތެރޭ ހިތްހަމަ ނުޖެހުނީ ބާއޭ ޔައީޝް ހީކުރިއެވެ. ހަގީގަތުގައި އެހެން ކަންތަށް ކުރެވުނު ސަބަބެއް ހުދު އަފާއަކަށްވެސް ނޭނގުނެވެ. ޔައީޝްގެ ފަރާތުން ޖަވާބެއް ބޭނުންވި ނަމަވެސް އެ ޖަވާބު އަޑުއަހާކަށް އަފާއަކަށް ނުކެރުނެވެ. ފަހަރެއްގާ ޔައީޝް އޭނާއާ ދޭތެރޭ އެގޮތަށް ނުދެކޭނަމަ ދެން އަފާ އޭނާއާ ކުރިމަތި ލާނެ ގޮތެއްވެސް ނޭނގޭނެއެވެ. ކުރިން ނޫންކަމަށް ހިންޓު ދެމުން އައިނަމަވެސް ސީދާބަހުން ދިމާލަށް ގަޔާވާ ވާހަކަ ބުނެވުމުން އަފާ ކަންތައް ބޮޑުވީއެވެ. ޔައީޝް އޭނާގެ ލޯބި ގަބޫލު ނުކޮށްފިނަމަ ދެން އެދެމެދު އެކުވެރިކަން ބާއްވައްވެސް އުނދަގޫވާނެތީއެވެ.
ޔައީޝް ގޮވަމުން ދިޔަނަމަވެސް ނީވޭ ކަމަށްހެދިފައި އަފާ ޔީޝާމެންނާ ހަމަކުރިއެވެ.
“އަނެއްކާ ދެމީހުން ޒުވާބެއް ކޮއްލީ ދޯ؟” ޔައީޝްއާ ވަކިން އަފާ އައުމުން ޔީޝާ ބުނެލިއެވެ.
“ނޫން.. އަހަރެން އަންނާން އިނގޭ އެޔޮށް ފިހާރައަށް ވަދެ އައިސް ކޯނު ގަނެގެން” ޔީޝާގެ ސުވާލުތައް ކުރިމަތިވެދާނެތީ އަފާ އެތަނުން ދިޔައެވެ.
“ތުއްތުބެ އެއްޗެކޭ ބުނީދޯ އަފާއާ ދިމާއަށް” ޔައީޝް އެމީހުނާ ހަމަ ކުރުމުން ޔީޝާ އަހާލިއެވެ.
“ނޫން.. އަހަންނެއް ނުބުނަން އެއްޗެކޭ” ޔައީޝް އަމިއްލަ ދިފާއުގައި ބުނެލިއެވެ.
“ތިމީހުން މަޑުކުރޭ މިތާގަ…އަހަރެން މިދަނީ އަފާ ކައިރިއަށް” ޔީޝާ އެހެން ބުނެފައި އަފާގެ ފަހަތުން ދުއްވައި ގަތެވެ.
“މީހަކު ދެކެ ލޯބިވާކަން އެނގެނީ ކިހިނެއް؟ މިބުނީ ދާނިޝްއަށް ކިހިނެއް އެންމެ ފުރަތަމަ ޔީޝްދެކެ ލައިކްވާކަން އެނގުނީ؟” ޔީޝާ ދިޔުމުން ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ ޔައީޝްއެވެ.
“އެކިމީހުނަށް އެނގޭނީ އެކިގޮތަށް.. އަހަންނަށް އެކަން ދެނެގަނެވުނީ ޔީޝް ފެންނަ އިރަށް އަހަރެންގެ ހިތަށް ހަމަޖެހުން ގެނެސް ދޭތީ.. އިރުކޮޅަކުވެސް ނުފެނިއްޖެ ނަމަ ހަނދާން ވާތީ.. ގިނައިރު އެކުގަ ވަގުތު ހޭދަ ކުރަން ބޭނުންވާތީ.. މިހެންގޮސް ބައިވަރު ސަބަބުތަކާ ހުރެ.. އަފާއަކީ ރަނގަޅު ކުއްޖެއް… ބަލާލަން ރީތިވެފަ އަހްލަގުވެސް ރަނގަޅު.. ” ދާނިޝް ބުނެލިއެވެ.
“ކިހިނެއް އެނގުނީ އަހަރެން މިދައްކަނީ އަފާގެ ވާހަކަ ކަން.؟” ޔައީޝްް ހިނިއައިސްފައި ބުނެލިއެވެ.
“ކުޑަ ކުއްޖަކަށްވެސް އެނގޭނެ ދޯ.. އަވަހަށް މިކަމާ އުޅެން ވީނުން.. ތިހެން ފިނޑިވެފަ ހުއްޓާ ތެޔޮ ނާށި ކާޅު ޖަހާ ގަނެދާނެ..” ދާނިޝް ޔައީޝްގެ ކޮނޑުގައި ޖަހާލަފައި ބުނެލިއެވެ. ޖަވާބުގައި ބޯޖަހާލާފައި ޔައީޝް ހޭން ފެށިއެވެ.
ޖެހިގެން އައި ހަފްތާގައި އެ ސެމިސްޓާގެ ފަހު އިމްތިހާންތަށް ފެށޭތީ ޔީޝާއަށާ ދަނިޝްއަށް އެހަފްތާ ވީ ވަރަށް ބުރަ ހަފްތާއަކަށެވެ. ދާނިޝް ގިނަވަގުތު ކެމްޕަހުގައި ހޭދަކުރާއިރު ޔީޝާވެސް ފިލާވަޅުތަށް ދަސްކުރުމުގައި ގިނަވަގުތު އުޅެނީ ލައިބުރަރީގައެވެ. ޔީޝާ ގިނަވަގުތު ކެމްޕަހުގައި އުޅޭތީ އަފާ ހުންނަނީ ކަންބޮޑުވެފައެވެ. ޗުއްޓީގައި އަދި ބާކީ ދުވަސްކޮޅެއް އޮތުމުން ގޭގައި އިނުން ނޫންގޮތެއް ނެތެވެ. ޔައީޝްއާއެކު އެކަނި ގިނަވަގުތު ހޭދަކުރަން ޖެހޭތީ އަފާ ހުންނަނީ ހާސްވެފައެވެ.
ޔައީޝް ގޭގައި އުޅޭ ވަގުތު އަފާ ކޮންމެވެސް ބަހަނާއެއްގައި ނިހާމެން އުޅޭ ބަޔަށް ދާނެއެވެ. ނަމަވެސް ނިހާގެ އޯލެވެލް އިމްތިހާން ފެށުމުން އެ ބަހަނާވެސް ދައްކާކަށް އަފާއަކަށް އިތުރު ފުރުސަތެއް ނުލިބުނެވެ.
ޔީޝާ ކޮލެޖަށް ދިޔުމުން ސީރިޒްއެއް ބަލަން އޮތްވާ ނިދުނު އަފާއަށް ހޭލެވުނު އިރު ހަވީރު ވެއްޖެއެވެ. ގައިމަތީ އޮތް ރަޖާ ގަނޑު އެއްފަރާތް ކޮއްލަމުން ތެދުވެ އެނދުމަތީގައި އިށީނެވެ. އޭނާއަށް ނިދުނު އިރު އެނދުގެ މަގަތުގައި އޮތް ލެޕްޓޮޕު ނިއްވާލާފައި މޭޒުމަތީ ބަހައްޓާފައި އޮތްވާ ފެނުމުން އަފާ ކޮޓަރިތެރެއަށް ނަޒަރު ހިންގާލީއެވެ.
އެކުވެރިންނާއެކު މަސްދަތުރު ދިޔަ ޔައީޝް މިހާ އަވަހަކަށް އަދި ނާންނާނެއޭ ހީކޮށް އެނދުމަތިން ތެދުވެ ޔީޝާގެ އެދަށް ބޯދިއްކޮއްލާ ބަލާލިއެވެ. އެނދުމަތީގައި ޔީޝާ ނެތްނަމަވެސް އެއްފަރާތެއްގައި އޮތް އޭނާގެ ދަބާހާއި ކޮނޑުގައި އަޅުވާފައި ހުރި ހެދުމުން ޔީޝާ ގެޔަށް އައީކަން އޭނާއަށް އެނގުނެވެ. އަތުގައި އައްސާފައި އޮތް ވޫލުކޮޅުން އިސްތަށިގަނޑު އައްސާލަމުން އަފާ ފާހަނައާ ދިމާއަށް ހިނގާގަތެވެ.
ފާހަނަ ތަޅުގައި ހިފާ އަބުރާލި ވަގުތު އެތެރެއިންވެސް ތަޅު ހުޅުވިގެން ދިޔަ އަޑަށް އަފާ ސިހުނެވެ. ހުޅުވިގެން ދިޔަ ފާހަނަ ދޮރުމަތީގައި އޭރު ހުރީ ޔައީޝްއެވެ. ހަމައެކަނި ކުރު ސޯޓު ކޮޅެއްގައި ހުސްގަޔާ ހުރި ޔައީޝް ފެނި އަފާ ލަދުން އިސްޖަހާލިއެވެ. ނަމަވެސް ލޮލުގެ ހިމަ ކޮޅުން ޔައީޝްގެ ހަށިގަނޑަށް ނަޒަރެއް ހިންގާލިއެވެ. ޔައީޝްގެ ކަންފަތަށް ވުރެ ތަންކޮޅެއް ތިރިއަށް ދިގުކޮއްފައި ހުރި ރާޅު ބާނީ އިސްތަށިގަނޑުގައި ކޮންމެވެސް ވަރަކަށް ތެތް ކަމެއް ހުރުމުން ޔައީޝް އެނުކުތީ ފެންވަރައިގެންކަން އެނގެޔެވެ. ޔައީޝްގެ ކަސްރަތީ ހަށިގަނޑުން ތިރިއަށްވެސް ބައެއް ފެންތިކިތަށް ދަތުރު ކުރާތަން ފެނުމުން އަފާގެ ހިތުގައި ތައުރީފު އުފެދުނެވެ. ކޮންފަދަ ޖާދޫވީ މަންޒަރެއް ހެއްޔެވެ.
“ސޮރީ.. ފާހަނައިގަ ހުރިކަމެއް ނޭނގޭތީ ދޮރުގަ މިހިފީ..” ޑުރެސިން ޓޭބަލް ކައިރިއަށް ޖެހިލަމުން އަފާ ބުނެލިއެވެ.
“އަހަރެންނަށްވެސް އެނގެޔޭ އަހަރެން ފާހަނައިގަ އުޅޭކަން އެނގިހުރެ އަފާ ދޮރު ނުހުޅުވާނެކަން….. ބަލަން ބޭނުން ނުވާނަމަކާ” ޖުމްލައިގެ ފަހު ބަސްކޮޅު ޔައީޝް ބުނެލިއިރު ލާނެތް ހިނިތުންވުމެއް އެ ތުނި ތުންފަތް މަތީ ކުޅެލިއެވެ. ލޯގަނޑާ ކުރިމަތިލައިގެން ހުރި އަފާއަށް ޔައީޝްގެ ހިނިތުންވުން ފެނި އިސްޖަހާލަން މަޖުބޫރުވިއެވެ.
“ޔައީޝްއަށް އިނގޭތަ ސަމާސާވެސް ކުރަން.. އަހަރެން ނޫޅެން ކޮންމެހެން ބަލާކަށް.. ރީތި އެއްޗަކީވެސް ނޫ….” ކުއްލިއަކަށް ޔައީޝް އައިސް އަފާގެ ފަހަތުން އެ ހަށިގަނޑުގައި ބައްދާލުމުން އަފާގެ ދޫބަންދުވިއެވެ. ޔައީޝްގެ ގައިން ދޮވި ޝަވާޖެލް ވަހާއި އާފްޓާ ޝޭވް ވަސްގަނޑުން އަފާގެ ސިކުނޑި ތާޒާވެގެން ދިޔައެވެ.
“އަފާ ކީއްވެތަ ފަހަކަށް އައިސް އަހަރެންނާ މާދުރު ދުރުން ތިއުޅެނީ.. އެހާ ގަޓުވެލާފަ ލޯބިވާވާހަކަ ބުނެފަ ކީއްވެ މިހާރު ތިފިލަނީ..” ޔައީޝް އަފާގެ ކަންފަތް ބުޑުގައި ބުނެލިއެވެ.
“އައި މިސްޑު ޔޫ އަފާ.. ވަރަށް ބޮޑަށް” ޔައީޝް އެހެން ބުނުމުން އަފާ ހައިރާނުގެ ނަޒަރަކުން އެ ކީއްވެހޭ އެހިއެވެ.
“އަފާ މިހާރު މާ ސީރިއަސްއީ.. އަހަރެންނާ ސަމާސާއެއްވެސް ނުކުރޭ.. އަބަދު އުޅެނީ ފިލައިގެން.. އަހަރެން ބޭނުމީ ކުރީގެ އަފާ” ޔައީޝް ޝަކުވާއިން ފުރިގެންވާ ރާގަކަށް ބުނެލިއެވެ.
“ހަހަ.. ކޮބާ ކުރީގެ އަފާއަކީ.. ނޭނގުނު ތިމާނަ ކުރިގޮތެއް” އަފާ ހިނިއައިސްފައި ޔައީޝްއާ ކުރިމަތިލިއެވެ.
“އަހަރެން ފެންނައިރަށް ޖެއްސުން ކޮއްލާ ދިމާ ކޮއްލާ އަބަދުވެސް އަހަރެން ފަހަތު އަޅުވާލައިގެން ކުރީގަ އަފާ އުޅޭނީ.. ރުޅިއައީމަ ކުޑަ ބުޅާގަނޑެއް ހެން ކޯޅި ގަނެފަ.. މިހާރު ތިހުންނަހެން އަބަދު ލަދުރަކިވެފަ ދޫ ބަނދުވެފަ ހުންނާކަށް އަފާއަކަށް ނުގުޅޭ..” ޔައީޝް ބުނެލިއެވެ
“އަހަރެން ހީކުރީ އަހަރެން އެހެން އުޅޭތީ ޔައީޝްއަށް ކަމަކު ނުދޭކަމަށް” އަފާ ބުނެލިއެވެ.
“ކަމު ނުދާނަމަ އަފާދެކެ ލޯތްބެއް ނުވެނުނީހެއްނު.. އަފާގެ ހުރިހާ ސިފަތަކެއްވެސް އަހަންނަށް ވަރަށް ކަމުދޭ.. އައި ލަވް ޔޫ.. އައި ރިއަލީ ޑޫ.. ސޮރީ ކުރިން ނުބުނެވުނީތީ.. އެކަމު އަހަރެން އަފާއާ ގަޔާވާތަ ވަރަށް ގިނަ ދުވަސްވެއްޖެ” ޔައީޝް އެހެން ބުނެފައި އަފާއާ ގާތްވެލިއެވެ.
“މީޓޫ.. ޔައީޝް..” އަފާ އެހެން ބުނުމުން ޔައީޝް އޭނާގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. ޔައީޝްގެ ބާރުގަދަ އަތް ތެރޭ އަފާއިސް ޔައީޝްގެ މޭގައި ލަތްގަނެވުނެވެ.
“އަހާން އަހާން ކޮންކަމެއް؟” ދެމީހުން ސިހިގެން ދިޔައީ ޔީޝާގެ އަޑަށެވެ. ކޮޓަރި ދޮރުމަތީ ހުރި ޔީޝާއާއި ދާނިޝް ފެނިފައި ދެމީހުން ބިރެއް ފެނުނުހެން ދުރަށް ޖެހިލިއެވެ.
“ކޮން ކަމެއްތަ..؟ ކަމެއް ވެއްޖެތަ މިތާގަ” އަފާ އަވަހަށް ނޫންކަމަށް ހެދެމުން ތުވާލި ހިފައިގެން ފާހަނައަށް ވަނެވެ. ޔީޝާގެ ސުވާލުތަކުން ރެކެންވެގެން ޔައީޝްވެސް އަވަހަށް ޓީސާޓު ބޮލަށް މަހާލަމުން ކޮޓަރިން ނުކުމެގެން ދިޔައެވެ. އަފާއާއި ޔައީޝް ކަންތަށް ކުރިގޮތުން ޔީޝާއާއި ދާނިޝްއަށް ހެވުނެވެ.
ފެންވަރާ ތާޒާވެލައިގެން ވަލީދު ފާހަނައިން ނުކުތް އިރު މަގްރިބު ނަމާދުގެ ބަންގީގެ އަޑު އިވެމުން ދިޔައެވެ. މިސްކިތަށް ދިޔުމަށް ތައްޔާރުވެލައިގެން ވަލީދު އަވަހަށް ނުކުތެވެ. ސިޑިން ފޭބީރު ވަލީދު ހުރީ ވަރުބަލިވެ ނޭވާ ހިއްލަން ފަށާފައެވެ. ސިޑިން އަރާ ފޭބުމަކީ މިހާރު ވަލީދުއަށް ކުޅަދާނަ ކަމެއްވެސް ނޫނެވެ.
ގޭގެ ދޮރާށި ކައިރިއަށް އައިސް ހުއްޓުނު ތަނާ ދޮރާށި ކުރިމަތިން ހުރަސްކޮއްފައި ދިޔަ ދާނިޝް ވަލީދުއަށް ފެނުނެވެ.
“އަހަން ދޮން ކަލޯ އަދިވެސް ނަމާދަށް ދާކަށް ތައްޔާރެއް ނުވަންތަ.. މިހާރު އެއޮތް ބަންގިވެސް ގޮވީނުން” ކުރު ސޯޓަކާ ޓީސާޓުގައި ހުރި ދާނިޝް ފެނުމުން ވަލީދު ބުނެލިއެވެ. ނަމަވެސް ދާނިޝް އަނގައިން ނުބުނިތާ ފަސްއެނބުރި ވަލީދުއާ ދިމާއަށް ބަލާވެސް ނުލިއެވެ. މީގެ ކުރިން ދާނިޝް އެގޮތަށް ކަންތައް ކޮއްފައި ނުވުމުން ވަލީދު ކުޑަކޮށް ހައިރާންވިއެވެ. ނަމަވެސް ދާނިޝްއަށް އޭނާގެ އަޑު ނީވުނީ ކަމަށް ހީކޮށް އަޅައެއް ނުލައެވެ.
“ވަލީދުބޭ..” މިސްކިތާ ދިމާއަށް ހިނގާގަތް ވަލީދު ހުއްޓުން އެރީ ފަހަތުން އިވުނު ދާނިޝްގެ އަޑަށެވެ. ފަސްއެނބުރި ބަލާލިއިރު ހުދުކުލައިގެ ގަމީހަކާ ކަޅު ޖިންސެއްގައި ހުރި ދާނިޝް ފެނުމުން ވަލީދު ސިހުނެވެ.
(ނުނިމޭ)