
ތިޔަ ލޯތްބަށް އެދެމޭ – 16
” ޔަހ.. ދެން އިލޫ އުޅެބަލަ ކުއްޖަކާ ރައްޓެހިވާން.. ދެމީހުން ރައްޓެހިވީމަ މަންމަ ކައިރީ ބުނާނީ.. ” ލުޔާ ނިދާ ހެދުން ހިފައިގެން ފާހަނައަށް ވަންނަމުން ބުންޏެވެ. އިލްޔާ ކޮޓަރީގެ ދޮރުފޮތިގަނޑު އެއްފަރާތަކަށް ހުރުމުން އެ ކަހާލާފައި އައިސް އަނެއްކާވެސް އައިސް އޮށޯތެވެ. މިއަދު ހެނދުނު ވީ ކަމާމެދު ވިސްނަން އޮއްވައި ވާރޭ ވެސް ވެހެން ފެށިއެވެ. ބާރު ގުގުރީގރ އަޑާއި އެކު އިލްޔާއަށް އިވުނީ ލުޔާ ހަޅޭއްލަވައި ގަތް އަޑެވެ.
**16 ވަނަ ޕާޓު**
” ލުޔާ.. ލުަޔާ… ކިހިނެއްވީ.. ދޮރު ހުޅުވަބަލަ.. ” އިލްޔާ އެނދުން ތެދުވެ ފާހާނާ ދޮރުގައި ޓަކިޖަހަން ފެށިއެވެ. ލުޔާ ކުއްލިއަކަށް ދޮރު ހުޅުވާލިއެވެ. އޭރު ލުޔާ ހުރީ ބިރުން ހަލާކުވާވަރު ވެފައެވެ.” ކިހިނެއްވީ..؟؟ ” އިލްޔާ ކަންބޮޑުވުމާއެކު އަހާލިއެވެ.” އަ.. އަހަރެން ބިރު ގަންނަނީ.. ” ލުޔާ އެނދަށް އަރައި ރަޖާ އެޅިއެވެ.” ހަމަ ޖެހިބަލަ.. ކޮންކަމަކާ ބިރު ގަންނަނީ..؟؟ ” އިލްޔާ ސުވާލުކޮށްލިއެެވެ.” ވާރޭ ވެހިފަ ގުގުރާތީ.. ” ލުޔާ މޫނު މައްޗަށް ވެއްޓިފައި ހުރި އިސްތަށިކޮޅު އެއްފަރާތް ކޮށްލިއެވެ.” ދެން ބިރު ނުގަންނާތި…. އިލޫ މިހުރީނު ލުޔާ ކައިރީގަ.. ” އިލްޔާ ލުޔާ އަތުގައި ހިފާލިއެވެ.
ހިޝާ އަށް ހޭލެވުނީ ފިނިވެގެންނެއެވެ. އޭރު ރާއިލް ފޯނާއި ކުޅެން އޮތެވެ. ބައެއް ފަހަރު ހީހީފައި ވާހަކަ ދައްކާއިރު އަނެއްބައި ފަހަރު ދެބުމަ ގޮށްޖަހާލައެވެ.” ރާލް؟ ނުނިދަންތަ؟؟ ” ހިޝާ އަލަށް އިސްވެ ވާހަކަ ދެއްކިއެވެ.” ހްމްމް އަދި ނުނިދަން.. މި ޔާން އާ ދިމާ ކޮށްލަނީ.. ” ރާއިލް ހިނިތުންވެލިއެވެ. އަދި މަޔާން ކައިރީގައި ދާން ޖެހިއްޖެއޭ ކިޔައި ރާއިލް ފޯނު ނިއްވާލާފައި އެނދަށް އެރިއެވެ. ހިޝާ އޮށޯތެވެ.” ފިނިވަނީތަ؟ ” ހިޝާ ރަޖާ ގަނޑު އަޅާ ބޮނޑިކޮށްލުމުން ރާއިލް އަހާލިއެވެ. ހިޝާ ބޯ ޖަހާލިއެވެ. ރާއިލް ހިޝާއާއި ގާތަށް ޖެހިލާފައި އެ ހަށިގަނޑުގައި ބައްދާލިއެވެ. ރާއިލް އޮތީ ހަމަ އެކަނި ސޯޓެއް ލައިގެން ހުސް ގަޔާ ކަމުން ހިޝާ ދެ ކޮލަށް ވަގުތުން ޖަންބު ކުލަ އެރިއެވެ.” މިހާރު ކިހިނެއް؟؟ ” ރާއިލް އަހާލިއެވެ. ހިޝާއަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.
ހެނދުނު ހިޝާ އަށް ވަރަށް ކުރިން ހޭލެވުނެވެ. އޭރު ރާއިލްގެ އެއް އަތް ވަނީ ހިޝާގެ ބަނޑުމަތީގައި ބޭއްވިފައެވެ. ރާއިލްގެ އެއް ފައި ވެސް އޮތީ ހިޝާގެ ގަޔަށް ވަ ގޮތަށެވެ. ވަރަށް ބަލައިގެން ރާއިލް އަތާއި ފައި ނަގާފައި އިލްޔާ ތެދުވެ ފާހަނައަށް ވަނީ ރާއިލް ހޭލަން ވާއިރަށް ފެންވަރާލައިގެން ނިކުންނަންށެވެ. ނަމަވެސް ފާހާނާއިން ނިކުތްއިރު ރާއިލް އޮތީ ހޭލައެވެ. ހިޝާ ފެނުމުން ރާއިލް އެނދުން ތެދުވެގެން ގޮސް ހިޝާ ކައިރީގައި ހުއްޓުނެވެ. ބަހެއް ނުބުނެ ހިޝާ ލަދުން ބުރުގާ އަޅާލިއެވެ. ރާއިލް ހިޝާގެ އަތް ގެނެސް ތުންފަތުގައި ޖައްސާލިއެވެ. އެވަގުތުވީ މަޔާން ދޮރު ހުޅުވާލާފައި ވަތް ވަގުތަށެވެ.” އަހަހަ.. ސޮރީ.. ނުބައި ގަޑިއެއް ދޯ.. ” މަޔާން ހޭން ފެށިއެވެ. ހިޝާ ރާއިލްގެ އަތުން އަތް ދަމައިގަތެވެ.” ނޫނޭ.. ” ރާއިލް ބޯ ކަހާލިއެވެ.
” ދެން މަ ހިޝް އަށް ކިޔާނީ ކޮން ނަމެއްތަ.. ” މަޔާން އެއްބުމަ އަރުވާލިއެވެ.” ދޮންބެދައްތަ ކިޔަން ކިހިނެއްވާނެ؟ ” މަޔާން ދޫ ނެރެލިއެވެ. ” ތީ މަށަށް ދުވަހަކު ވެސް ދޮންބެ ކީ މީހެއްތަ؟؟ އާ އެހެންޏަ.. މާ ރަނގަޅު ވާނެ އެންމެން ކިޔާހެން ހިޝް ކިޔަސް.. ” ރާއިލް ޝަކުވާ ކޮށްލިއެވެ.” ނޫނޭ މަ ކިޔާނީ ދޮންބެދައްތަ… މީގެ ފަހުން ރާއިލް އަށް ވެސް ކިޔާނީ ދޮންބެ.. ” މަޔާން ރާއިލް އަށް މަލާމާތް ކޮށްލިއެވެ.” ރަނގަޅު މި ހުރިހާ ދުވަސް ފަހުން ތިހެން ކިޔަން އެނގުނުކަން ވެސް.. ” ރާއިލް އުނަގަނޑުގައި އަތް ވިއްދާލިއެވެ.” އާނ.. ޝުކުރު ކުރޭ.. ” މަޔާން ބުންޏެވެ.” ދޮންބެދައްތަ މަށަށް ކޮފީއެއް ހަދާދީބަލަ.. ” މަޔާން އެނދުގައި އިށީންނަމުން އެދުނެވެ. ރާއިލް އާއި މަޔާންގެ ޒުވާބު އަޑުއަހަން މަޖާވެފައި ހުރި ހިޝާ ކޮޓަރިން ނިކުތީ މަޔާން އަށް ކޮފީއެއް ހަދާދެންށެވެ.
” ކޮބާ.. ކިހިނެއް ފުރަތަމަ ރޭ.. ކަމުދާ ގޮތަކަށް ދިޔަތަ؟ ” މަޔާން ރާއިލް އާއި ދިމާއަށް ޖެއްސުން ކުރާ ގޮތަަކަށް ބަލާލިއެވެ.” ގުޑް ހަމަ.. ކަލޭ ހީކުރި ވަރަށް ވުރެ.. ” ރާއިލް މޫނަށް ވައްތަރެއް ޖައްސާލިއެވެ.” އެހެންދޯ.. ދެން ދާން އުޅެ ފެންވަރަން.. ” މަޔާން ރާއިލް ފާހާނާ އާއި ދިމާއަށް ކޮއްޕާލިއެވެ.” އަދި ނިކަށް ފޮނި ވާނެ.. ” ރާއިލް ފާހަނައަށް ވަނެވެ. ހިޝާ ވެސް ކޮފީ ހިފައިގެން އައެވެ.” ޝުކުރިއްޔާ ދޮންބެ ދައްތާ.. ” މަޔާން އެ ކޮޓަރިން ނިކުންނަމުން ބުންޏެވެ. ހިޝާ ހީލިއެވެ.
” މޯނިންގް.. ” ލުޔާ ކާގޭގައި ހުއްޓައި އީތަން ވަދުނެވެ.” ހްމް މޯނިންގް.. ” ލުޔާ ހީލިއެވެ.” މިއުޅެނީ މިރޭ ފުރަން.. މި އައީ ހަމަ އެކަނި ޕާޓީ އަށް.. ސޯ ނަމްބަރ ދީފާނަންތަ.. ” އީތަން ބުންޏެވެ. ލުޔާ ދެބަސްވުމެއް ނެތި އީތަންއަށް ނަމްބަރ ދިނެވެ.” ދެން ގުޅައިގެން ނޫނީ މެސެޖުން ދޯ މާދަން ވާހަކަ ދެއްކޭނީ.. ” އީތަން ލުޔާ ކައިރިއަށް ޖެހިލިއެވެ.” ދެން.. މީހަކަށް ފެނިދާނެއޭ.. ” ލުޔާ އީތަން އާއި ދުރުވެލިއެވެ.” ފެނުނިއްޔާ ދޯ ރަނގަޅު ވާނީ.. އޭރުން އަވަހަށް ކައިވެނި ކުރެވޭނެ.. ” އީތަން ހީލިއެވެ.” އަދި މާ އަވަސް.. އަށާރަ އަހަރުގެ ކައިވެނި ކޮށްގެން އުނދަގޫ ވާނެ… ތަންކޮޅެއް ފަހުން .. ” ލުޔާ އިސްޖަހާލިއެެވެ.
ގޯތިތެރޭގައި ހުރި ޖޯލީގައި އޮށޯވެލައިގެން އޮތް އިލްޔާ އަށް ވިސްނެމުން ދިޔައީ އިއްޔަ ހެނދުނު ވެދިޔަ ކަންތަކާއެވެ. އޭނައަށް އިންޒާރު ދޭން އެއީ ކާކުބާއޭ އިލްޔާ ހިތަށް އެރިއެވެ.” ކޮން ހިޔާލެއްގަ؟؟ ” ސަނާ ޖޯލީގައި އިށީންނަމުން އަހާލިއެވެ. އިލްޔާ ސިއްސައިގެން ދިޔައެވެ.” ހިޔާލެއެއް ނޫނޭ.. ” އިލްޔާ ހިނިތުންވެލިއެވެ.” އެހެންތަ.. ” ސަނާ އިލްޔާ އަށް ބަލާލިއެވެ.” ހީވަނީ ކަމަކާ މެދު ކަންބޮޑު ވެފަ ހުރިހެން.. ” ސަނާ އިލްޔާ މޫނު މަތީގައި ހުރި ކުލަވަރު ދެނެގަތެވެ.” ތީ ހީވާގޮތް.. ” އިލްޔާ ސަނާ އަށް އޮޅުވާލިއެވެ.” އެންމެ ރަނގަޅު.. ކޮބާ މިއަދު ނުދަންތަ ހިޝްމެންގެ ހާލު ބަލާލާކަށް.. ” ސަނާ ޖޯލީގައި ހަމަޖެހިލަމުން އެއްސެވެ.” ނޫނޭ ހަމަ ދާންވީ.. މިއޮތީ ލުޔާ ނިމެންދެން.. ” އިލްޔާ ބުންޏެވެ. އެވަގުތު ލުޔާ ނުކުމެގެން އައެވެ.
” ހިނގާދާން.. ލުޔާ ނައިސްގެން މީނީ.. ” އިލްޔާ ތެދުވަމުން ބުންޏެވެ. ލުޔާ ހީލާފައި އިލްޔާ އާ އެއްކޮށް ގެއިން ނިކުތެވެ.” މިއަދު އެކަނި ބޭރަށް ނިކުތްތަ؟؟ އިއްޔެ ވިކަހަލަ ކަމެއް ވިތަ؟؟ ” ލުޔާ އަހާލިއެވެ.” ނޫން.. މިއަދު ނުނިކުންނަން އެކަންޏެއް.. ” އިލްޔާ ވަށައިގެން ބަލާލިއެވެ. މީހަކު ފެންނަން ނެތަސް ފަހަތުން އުޅޭ ކަމުގެ އިހުސާސް އިލްޔާ މެންނަށް ކުރެވުނެވެ.” މީހަކު އެބަ އުޅޭ ކަންނެ ފަހަތުން.. ” ލުޔާ އިލްޔާގެ ކަންފަތް ދޮށުގައި ބުންޏެވެ.” އިލޫއަށް ވެސް ހީވޭ.. ” އިލްޔާ ހިނގުން ބާރުކޮށްލިއެވެ.
މިއަދަކީ ފުދޭވަރަކަށް ވިއްސާރަ ދުވަހެއް ކަމުން އިލްޔާ އިނީ ކޮޓަރީގެ ކުޑަދޮރު ކައިރީގައި ލެޕްޓޮޕް ފެއަރީ ޓެއިލް ބަލަންށެވެ. ކިތަންމެ ފަހަރަކު ބެލިނަމަވެސް އިލްޔާ ބަލާހިތްވެއެވެ. ކުޑައިރުއްސުރެ ފަށައިގެން އިލްޔާ އަކީ އެނިމޭއަށް ފޯރި ހުންނަ ކުއްޖެކެވެ.” ދެން މިގަޑީގަ ކީއްކުރަން ލެޕް ހިފައިގެން އިންނަނީ.. ” ލުޔާ އައިސް ހެޑްފޯނު އަތުލަމުން ބުންޏެވެ.” ދެން.. ވިއްސާރަކަމުން ބޭރަށް ދާ ހިތެއް ނެތް.. އެހެން ނޫނަސް ނުވެސް ކެރޭނެ ދެން ދާކަށް.. ” އިލްޔާ ތުން ދަމާލަމުން ބުންޏެވެ.” ކޮންޗެއް ތި ބަލަނީ.. ދައްކަބަލަ އަހަރެން ވެސް ބަލާލަން.. ” ލުޔާ ލެޕްޓޮޕް އަށް ނަޒަރެއް ދިނެވެ.” ފެއަރީ ޓެއިލް.. އެއީ ވަރަށް ރީތި އެނިމޭ އެއް.. ލުޔާ ވެސް އާދެބަލަ ބަލަން.. ” އިލްޔާ ފޯރީގައި ބުންޏެވެ. ލުޔާއަށް ހެވުނެވެ.
” އެނިމޭއެއް ވިއްޔާ އިލޫއަށް ރީތި ވާނެ.. ތީގަ ވާގޮތެއް ނޭނގެ.. ” ލުޔާ އަކީ އެނިމޭ ބަލާ ކުއްޖަކަށް ނުވާތީ އޭހާ ފޯރިއެއް ނެތެވެ.” ޕިސް ދެން ބެލީމަ ދޯ އިނގޭނީ ވާ ގޮތް ވެސް.. ” އިލްޔާ ލުޔާ އަތުގައި ހިފައިގެން ގޮނޑީގައި ބޭންދިއެވެ.” އޯކޭ އޯކޭ.. ” ލުޔާ އެންމެފަހުން އެ ބަލަން ނިންމިއެވެ. އިލްޔާ ފޯރީގައި ބަލަމުން ދިޔައިރު ލުޔާ އިނީ ވާނުވާ ނޭނގިފައެވެ.” މިހާ ފޫހި އެއްޗެއް އިލޫއަށް ބަލަން ކެރޭތަ.. ” ލުޔާ ފޫހިވެގެން ގޮސް ނިދިވެސް އައެވެ. ” އަޅޭ… ނިކަށް ވެގެން ބަލާބަލަ.. ޔަގީން މި ބަލަން ފަށައިފިއްޔާ ލުޔާ ވެސް ބަލާ ހިތްވާނެކަން.. ” އިލްޔާ ބުންޏެވެ.” ނޭނގެ ދޯ.. އަޅެ ބުނެބަލަ ކިތަށް ފަހަރު ތި ބަލަނީ ތީތި.. ކިތަންމެ ފަހަރަކު ފެނޭ ތި ބަލަން އިންނަތަން.. އިލޫ ފޫއްސެއް ވެސް ނުވޭ ދޯ އެތަށްފަހަރަކު އެކައްޗެއް ބަލާކަށް.. ” ލުޔާ ލޯ މަރާލިއެވެ.
އެންމެފަހުން އިލްޔާ ބުނެގެން އެއަށް ބަލަން އިނުމުން ލުޔާ ވެސް އެބަލަން ޝައުގުވެރިވާން ފެށިއެވެ. ދެކުދިން ފޯރީގައި ފެއަރީ ޓެއިލް ބަލަމުން ދަނިކޮށް ސިހުނީ ދޮރުގައި ޓަކިޖަހާ އަޑަށެވެ. އިލްޔާ ދުވެލާފައި ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި އީތަން ހުއްޓެވެ.” ހްމް ހްމް.. ލުޔާ.. މިއޮށް އައީ ކުއްޖަކު ލުޔާ ހޯދަން… ” އިލްޔާ ސަމާސާ ގޮތަކަށް ހިނިތުންވެލިއެވެ. ފެއަރީ ޓެއިލް ބަލާ ހިތުން ތާކަށް ދާހިތް ނުވެފައި އިން ލުޔާ އަށް ލެޕްޓޮޕް ބާއްވާފައި ތެދުވެވުނީ އީތަން ފެނުމުންނެވެ. ގަދަ ނޫކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅުކުލައިގެ ޖީންސްއެއްގައި އީތަން ހުއްޓެވެ. އެއް އަތް ޖީބަށް ޖަހާލައިގެން ހުރިއިރު އީތަން އާއި ވަރަށް ގުޅެއެވެ.
” ނުދާނަންތަ؟؟ މިރޭ ފުރާތީ ހިނގާލަން ދާ ވާހަކަ ބުނީމެއްނު.. ” އީތަން ލުއި ހިނިތުންވުމެއް ލުޔާއަށް ހަދިޔާ ކޮށްލިއެވެ. ލުޔާ ހުރީ ފަލަމަސްގަނޑާއި ހަމައަށް އަންނަ މަޑު ފިޔާތޮށިކުލައެއްގެ ހެދުމަކާއި ކަޅުކުލައިގެ ޖީންސް އެއް ލައިގެންނެވެ. ބޯ ވަނީ ކަޅުކުލައިގެ ޝޯލް އަކުން ނިވާ ކޮށްފައެވެ.” އޯހ.. ސޮރީ ހަނދާން ނެތުނީ… ނަސީބެއް ރީތިވެގެން ހުރިކަން.. ” ލުޔާ ދެއަތް ޖޯޑު ކޮށްލިއެވެ.” ނުދާންތަ ތި ހުންނަނީ.. ” އީތަން ހީލިއެވެ. އީތަން އެހެން ބުނުމާއެކު އިލްޔާއަށް ބަލާލާފައި ލުޔާ ކޮޓަރިން ނުކުމެގެން ދިޔައެވެ. ލުޔާ ނުކުމެގެން ދިއުމާއެކު އިލްޔާ ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. މިހާރަކަށް އައިސް އިލްޔާ ހިތުގައި ބިރުވެރިކަމެއް އުފެދިފައި އޮވެއެވެ.
ކޮޓަރީގައި ހުރެގެން މާ ބޮޑަށް ނުތަނަވަސް ވާން ފެށުމުން އިލްޔާ ނިކުތީ ގޭތެރެއަށެވެ. ސަނާ އެއް އަޒާމް އެއް ވެސް ނޫޅެއެވެ. ހީވާގޮތުން އެމީހުން ވީ އަޒާމްގެ ދައްތަ އާޒިފާ މެންގޭގައެވެ. ދެން އިލްޔާ ނިންމީ މަޔާން ކައިރިއަށް ދިއުމަށެވެ. ނުތަނަވަސް ވެފައިވާ ހިތަކާއި އެކު އިލްޔާ ގެއިން ނިކުތެވެ. އިލްޔާގެ ނަސީބު ރަނގަޅުކަމުން މަގުމަތީގައި މީހުން ވެސް ގިނައެވެ. ހަމަޖެހިލަމުން އިލްޔާ ހިނގައިގަތީ މަޔާން މެން އުޅޭ ގެޔަށް ދިއުމަށެވެ. އޭރު ވާރޭ ތިކިލާން ފަށައިފިއެވެ. އަތުގައި އޮތް ފޯނު ޖީންސްގެ ޖީބަށް ލަމުން އިލްޔާ ދުއްވައިގަތީ ވާރޭ ބޯކޮށްލާން ވާއިރަށް މަޔާން މެންގެއަށް ފޯރައިތޯއެވެ.
އެގެއާއި ހިސާބަށް ދެވުނު އިރު ވާރޭ ބޯކޮށްލައިފިއެވެ. އިލްޔާ ސަލާމް ގޮވާލައިފައި ގެއަށް ވަތްއިރު ހިޝާ ޓީވީ ބަލަން އިނެވެ.” އިލޫ ދޯ.. އާދޭ އިށީންނަން.. ” ހިޝާ ހީލިއެވެ.” އާނ.. ރާއިލްބެ ކޮބާތަ.. ” ރާއިލް ފެންނަން ނެތުމުން އިލްޔާ އަހާލިއެވެ.” ވެއްޖެ އެކުވެރިއަކާ އެއްކޮށް ގޮސް.. ހީވަނީ ސައިބޯން ދިޔައީ ހެން.. ” ހިޝާ ފޫހިވެގެން ފަހަރަކު ޗެނަލް އަކަށް ލަމުން ދިޔަ އެވެ.” އެހެންދޯ.. ޔާން ކޮބާތަ.. އޭނަ ހޯދަން މި އައީ.. ” އިލްޔާ މަޔާން ކޮޓަރިއަށް ބަލާލިއެވެ. ކުރީގައި މަޔާން އާއި ރާއިލް އެއްކޮޓަރީގައި އުޅުނެއްކަމަކު މިހާރު މަޔާން އުޅެނީ އެ ކޮޓަރީގައި އެކަންޏެވެ. ގޭގައި ހުހަށް ދެތިން ކޮޓަރި ހުންނަ އިރު ވެސް އެދެބެން ބޭނުންވަނީ އެއްކޮޓަރީގައި އުޅޭންށެވެ.
” އޭނަ ދޯ.. ނޭނގެ… ނުފެނޭ އަދި.. ހެނދުނު އެކަނި ފެނުނީ.. ” ހިޝާ ވެސް މަޔާންއަށް ވީގޮތް އޮޅުންފިލުވާން ބޭނުންވިއެވެ.” ވެދާނެ މޫޑު ކަޓާފަ ކަމަށް.. ދޭބަލަ ގޮވަން.. ކޮޓަރިން އަޑެއް ބަޑެއް ނީވޭ.. ” ހިޝާ ބުންޏެވެ. އިލްޔާ ތެދުވެގެންގޮސް މަޔާން ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ތަޅު ހުރީ ހުޅުވާފައެވެ. ކޮޓަރި ތެރޭގައި މީހެއްގެ ހިލަމެއް ނެތެވެ.” ނެތް ހަމަ އެކަކު.. ” އިލްޔާ ދޮރު ލައްޕާލިއެވެ. ތެމިގެން އައި ރާއިލް ގެއަށް ވަނީ އެވަގުތެވެ.” ޔާން ނުފެނިގެން މި ހޯދަނީ.. ރާއިލްބެ އަށް ފެނުންތަ.. ” ރާއިލް ވަދުމާއެކު އިލްޔާ އަހާލިއެވެ. ” ހްމްމް.. އޭނަ ގޮއްސި ރިސޯޓަކަށް މިއަދު ހެނދުނު ގަޑީގަ.. މަށަށް ވެސް އިނގުނީ އޭނަ ގުޅައިގެން ބުނީމަ.. ” ރާއިލް ކޮޓަރިއަށް ވަނެވެ. އިލްޔާ ހުއްޓުން އެރާފައި ހުއްޓެވެ. މަޔާން ރިސޯޓަށް ދިއުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟
– ނުނިމޭ –