
ޚިދުމަތުގައި
ނޯޓް: މިއީ އަޅުގަނޑު ވާހަކަ.ކޮމްއަށް ލިޔުނު ކުރުވާހަކައެކެވެ. ހުރިހާ ބޭފުޅުންނަށްވެސް ކަމުދާނެކަމަށް އުންމީދުކުރަމެވެ.އަޅުގަނޑުގެ ފުރަތަމަ ވާހަކައަށް ދެއްވި ތަރުހީބަށް ފަންފަށުން ޝުކުރު ދަންނަވަމެވެ.
*************************************************************
“ޑރ.ލީލާ. ބެޑް ފޯ ޕޭޝަންޓް ސެޗުރޭޝަން އިޒް ޑްރޮޕިން. ބީޕީ ވެސް ނުލިބޭ” އަތް ދޮންނަ ސިންކު ކައިރީ ހުއްޓައި ފަހަތުން ނަރުސް ކުއްޖެއް ގޮވާލި އަޑު އިވުނެވެ. އަވަސް އަވަހަށް އަތް ފޮހެލުމަށްފަހު އާ އަންގިއެއް ލައްވައިގެން ޕޭޝަންޓާއި ދިމާއަށް ދުއްވައިގަތީމެވެ.
އަހަރެންނަކީ ސަރުކާރު މައި ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރަކީމެވެ. ކުޑަ އިރުއްސުރެ އަހަރެން ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހުނީ މީގެ 5 އަހަރުކުރިން ޔުނިވާސިޓީގެ ފުރަތަމަ ދަރަޖައިގައި ފާސްވެ ޑޮކްޓަރު ކަމުގެ ސެޓްފިކެޓް ލިބުނު ދުވަހުއެވެ. އަހަރެން ޑޮކްޓަރުކަން ކިޔެވީ އޭލެވެލްގައި އެއްވަނަ ލިބުމުން ސަރުކާރުން ދެއްވި ސްކޮލަޝިޕްއެއްގައި ޗައިނާގައެވެ.
އަހަރެން ނިސްބަތްވަނީ އުތުރުގެ ރަށަކަށެވެ. އަހަރެމެންނަކީ ރަށުގެ މެދުފަންތީގެ އާއިލާއެއްކަމުން 7 ދަރިންގެ ޚަރަދު ބަލަހައްޓަމުން އެހާބޮޑު ޚަރަދެއް ކުރުމަކީ އަހަރެންގެ މައިންބަފައިންނަށް ކުރެވޭނޭކަމެއް ނޫންކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އަހަރެން ޑޮކްޓަރަކަށްވުމުގެ އުންމީދު ބޮޑުކަމުން އަހަރެންނަށް ފެނުނު މަގަކީ މޮޅަށް ކިޔަވައިގެން ސްކޮލަޝިޕްއެއް ހޯދުމެވެ. އަހަރެން މަދަރުސީ ދައުރު ނިންމާލީ ރަން ވަނަތަކާއިއެކު މައިންބަފައިން ފަހުރުވެރިވާ ދަރިއެއްގެ ގޮތުގައެވެ. އަދި ޑޮކްޓަރަކަށް ވުމުގެ ދަތުރު ކިތަންމެ ދަތި އުނދަގޫނަމަވެސް، ވެއްޓޭ ކޮންމެ ފަހަރަކު ތެދުވެ ވެލި ފޮޅާލާ ކުރިއަށްވުރެ ބާރަށް ދަތުރުފަށަމެވެ. އެ ދަތުރު ކާމިޔާބުވެ މިއަދު އަހަރެންނަކީ ދިވެހިރާއްޖޭގެ ފެންވަރުގައިވެސް ފާހަގަ ކޮށްލެވޭ ޢާންމުންގެ ލޯބި ލިބިފައިވާ ނެވާލާ ނިޒާމުގެ ޚާއްޞަ ޑޮކްޓަރެކެވެ.
ކޮންމެއަކަސް، ޕޭޝަންޓް ކައިރިއަށް އަހަރެންނަށް ދެވުނު އިރު ޕޭޝަންޓްގެ އެއްވެސް ހަރަކާތެއްނެތެވެ. ވަގުތުން ސީޕީއާރް ފެށުމަށް އަހަރެން ބުނުމާއިއެކު ދެ ނަރުހުން ސީޕީއާރް ދިނުމުގެ މަސައްކަތްފެށިއެވެ. އެ ޕޭޝަންޓްގެ ފުރާނަ ސަލާމަތްކުރުމަށް ދޮޅު ގަޑިއެއްހާއިރު މަސައްކަތްކުރުމަށްފަހު އެކަން ހުއްޓާލީ ޕޭޝަންޓްގެ ވިންދު ހުއްޓި ހަށިގަނޑާއި ފުރާނަވަކިވިކަން ޔަޤީންކުރެވުމުންނެވެ. އެ ކަން އާއިލާއަށް އެންގުންވީ އަހަރެންނަށް އެންމެ އުނދަގޫކަންތަކަށެވެ. ވޭތުވެ ދިޔަ ހަފްތާއެއްގެ ތެރޭގައި ދިހަ ވަރަކަށް އާއިލާއަށް އެމީހުންގެ ކޮންމެވެސް ލޯބިވާމީހެއް ދުނިޔެއާއި ވަކިވި ޚަބަރު އަހަރެން ދިނީމެވެ. އޭގެން ކޮންމެ ފަހަރަކުވެސް އަހަރެންގެ ހިތަށްވެސް ވަރަށް އަސަރުކުރެއެވެ. ބައެއް ފަހަރު ދެރަވެގެން ރޮވެއެވެ. އެއް ބައްޔެއްގައި ގިނަ ބަޔަކު މަރުވާތަން ފެނުމުން ޑޮކްޓަރެއްގެ ހައިސިއްޔަތުން އަހަރެންގެ ހިތަށް ވަރަށް އުނދަގޫވެއެވެ. ނަމަވެސް މަރަކީ ހިފެހެއްޓޭނެ އެއްޗެއް ނޫންތާއެވެ. ޑޮކްޓަރުންނާއި ނަރުހުންނަށްވެސް ކުރެވޭނީ މަސައްކަތްތާއެވެ.
މައްޔިތާ ސަހަރާއަށް ގެންދިޔުމުގެ ކަންކަން ހަމަޖެއްސުމަށްފަހު އަހަރެންގޮސް ޑޮކްޓަރުންނަށް ޚާއްސަ ފެންޑާއަށްވަދެ ލައިގެން ހުރި ޕީ.ޕީ.އީ ބޭލީމެވެ. އަދި ރަނގަޅަށް އަތްދޮވެލުމަށްފަހު ފާރުގައި އިން ގަޑިއަށް ބަލާލީމެވެ. އޭރު ގަޑިން ރޭގަނޑު 11 ޖަހަނީއެވެ. އަހަރެން މި ޕީ.ޕީ.އީ ލީ ހެނދުނު 8 ޖެހިއިރު ޑިޔުޓީއަށް އަރަމުންނެވެ. އަހަރެންގެ ޑިޔުޓީ ގަޑިއަކީ 8 ގަޑި އިރުގެ ޑިޔުޓީވިއަސް އެކި ދުވަސް ދުވަހު ނިމެނީ އެކި ގަޑީގައެވެ. ކޯވިޑް19 ގެ ބަލިމަޑުކަން މުޅި މާލޭގައި ކަންބޮޑުވާ ދަރަޖައަށް މައްޗަށް ގޮސްފައި ވުމުން ހޮސްޕިޓަލުގައި އެނދުމަތި ކުރެވޭ މީހުން އިންތިހާ ގިނައެވެ. ޢާންމު ބަލިތަކަށް ފަރުވާ ދިނުން ހުއްޓާލުމަށްފަހު ގިނަ ޑޮކްޓަރުން ޚާއްސަވެގެން ތިބީ މި ފަދަ ބަލި މީހުންނަށް ފަރުވާދިނުމަށް ނަމަވެސް، ބަލިމީހުން އަންނަވަރާ އަޅާބަލާއިރު ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން އިންތިހާއަށް ބޮޑެވެ. ބަލީގައި ބޮޑު ވަރުވެގެން އައިސީޔޫއަށް ގެންނަމީހުންގެ ޢަދަދުވެސް އިންތިހާއަށް ގިނައެވެ. ހުސް އެންމެ އެނދެއް ހުންނަ ދުވަހެއްވެސް މަދެވެ. އެހެންކަމުން އެހާމަދު އިންސާނީ ވަސީލަތްތަކާއިއެކު، ބައްޔަކާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަހަރެމެން ދާތާ އަހަރެއްވީއެވެ. ވަރުބަލިވެސް ވެއެވެ. އާއިލާއަށް ވަގުތު ނުދެވޭތީ ދެރަވެސްވެއެވެ. ނަމަވެސް ބަޔަކަށް އެހީވެދެވޭތީ ލިބޭ އުފާވެރިކަން އެހެން ހުރިހާ ހިތާމަތަށް ފަރުދާކޮށްލާ ކަހަލައެވެ.
ލައިގެންހުރި ސްކްރަބް ބޭލުމަށްފަހު ފެންވަރާލުމުން ހަށިގަނޑަށް އެ ލިބުނު އަރާމެއް ބުނެދޭންވެސް ނޭގެއެވެ. ފެންވަރާލައިގެން ނުކުމެ ކޮފީ އެއް ހިފައިގެން ގޮޑީގައި ޖައްސާލުމަށްފަހު ފޯނު ނެގީ ފިރިމީހާއަށް ބަލާއައުމަށް ގުޅުމަށެވެ. ފޯނު ނެގިއިރު ފިރިމީހާގެ 3 މިސްކޯލް އާއި 2 މެސެޖް އިނެވެ. މެންދުރުއްސުރެ އެކި ފަހަރުމަތިން ގުޅާފައެވެ. އަހަރެންގެ ފިރިމީހާ ޒިޔާންއަކީ ވިސްނޭ ހަރުދަނާ މީހެއްކަމުން އަހަރެން ޑިޔުޓީގަޑީގައި ފޯނު ނުނައިގައިފިނަމަ ނުއެއްގުޅާނެއެވެ. ހަމައެކަނި މެސެޖެއް ކޮށްލާނީއެވެ. ނަމަވެސް 3 މިސްކޯލް އިނުމުން ކަމެއް ދިމާވީހެން އަހަރެންނަށް އިހްސާސްކުރެވުނެވެ.މެސެޖްތައް ހުޅުވާލިއިރު ފުރަތަމަ މެސެޖްގައި އިނީ އެމެޖެންސީކޮށް ރަށުން ބޭރަށް ފުރަން ޖެހޭ ވާހަކައެވެ. ސިއްހީ ޚިދުމަތްދޭ ތަންތަން ތޮއްޖެހެމުން ދިޔުމާއި އެކު މާލެ ކައިރީ ކުރިން ރިސޯޓް ހިންގި ރަށެއް އައިސޮލޭޝަން ފެސިލިޓީއަކަށް ހެދުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން އެތަނުގެ މަސައްކަތްތަކާއި ހަވާލުވުމަށް ދަނީކަމަށްލިޔެފައި އޮތެވެ. އަދި ދެވަނަ މެސެޖް ގައި އިނީ ފުރި ވާހަކައާއި ބަލައިގެން އުޅުމަށް ނަސޭހަތްދީފައެވެ. އަދި ކައިގެން ބޮއެގެން އުޅުމަށާއި އަހަރެންނާއި ދޭތެރޭ ފަހުރުވެރިވާކަމަށެވެ.
ޒިޔާންއަކީ ސިފައިންގެ އޮފިސަރެކެވެ. އަހަރެންނާއި ޒިޔާން ދިމާވީ ޗައިނާގައި އަހަރެން ކިޔަވަން ހުރި ދުވަސްވަރުއެވެ. ޒިޔާން ޗައިނާއަށް އައީ އަހަރެން އެކޮޅުގައި އުޅެނިކޮންނެވެ.ޒިޔާން ދެ އަހަރުގެ ކޯސް ނިންމާލިއިރު އަހަރެންވެސް ހުރީ ކިޔަވާ ނިމިފައެވެ. ޗައިނާގައި ފެށުނު ގުޅުން ކައިވެނީގެ ގޮށުން ގޮށްޖަހާލީ ރާއްޖެއައިތާ 2 މަސް ފަހުންނެވެ. ޒިލާ ލިބުނީ އޭގެ އެއް އަހަރު ފަހުންނެވެ. އަހަރެން ދިރިއުޅެނީ ޒިޔާންގެ މަންމަ އާއި ބައްޕަ އަދި އަންހެން ކޮއްކޮއަކާއި އެކުކަމުން އަހަރެމެން ދެމީހުން ޑިޔުޓީއަށް ދިޔަސް ޒިލާ ބެލުމުގައި އެއްވެސް ދައްޗަށް ދިމައެއެއް ނުވެއެވެ. ކޯވިޑް ގެ ބަލިމަޑުކަން ފެށުނީއްސުރެ އަހަރެންނަށް ޒިލާއަށް ވަގުތު ދެވެނީ ވަރަށް މަދުންނެވެ. ބައެއް ދުވަސް ދުވަހު ފަތިހު ފަތިހާ އެ ތުއްތު ދަރިފުޅު ހޭލައިގެން ނުކުމެ ހުންނަނީ އެ ދަރިފުޅުގެ މަންމަ އާއި ބައްޕަ އާއި ވާހަކަ ދައްކާލާ ހަދާލުމަށެވެ. އަހަރެން ގެޔަށް ވަނަސް މާސްކެއް ނުނަގަމެވެ. ކޮޓަރިން ނުކުންނަނީ ހަމަ އެކަނި ކާންށެވެ. އެވެސް ވަގުތު ލިބުނިއްޔާއެވެ. އަހަރެން ބަލި މީހުންނަށް ފަރުވާ ދިނުމުގައި ސަލާމަތްތެރިކަމަށް ބެލިއަސް އަހަރެންނަށްވެސް އެބަލި ޖެހުމުގެ ހިރާސް އޮންނާނެތާއެވެ. އަހަރެންގެ ފަރާތުން އަހަރެންގެ އާއިލާއަށް އެ ބަލި ފެތުރުނަ ދިނުމަކީ އަހަރެން ހިތް އެދޭކަމެއް ނޫނެވެ. ހެނދުނު 7:30 ގައި ގޭން ނުކުންނަ މީހާ ބައެއް ރޭރޭ ދަންވަރުވެސް ގެއަށް އަންނަމެވެ. އޮފް ދުވަހެއް ނުނަގާތާވެސް 3 މަސްވެއްޖެއެވެ. ވޭތުވެ ދިޔަ 3 މަސްދުވަހު ބަލީގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ ޚިދުމަތްދޭން ޖެހޭ މީހުން ގިނަވީއެވެ. ޑޮކްޓަރުންގެ މަދު ކަމާއިއެކު އޮފް ދުވަހަކަށް އެދެންވެސް ނުކެރެނީއެވެ. އަހަރެންނާއި ޒިލާ ދިމާ ނުވިނަމަވެސް، ޒިޔާންއަށް އަހަރެންނަށްވުރެ ގިނަވަގުތު ގޭގައި ހޭދަކުރެވެއެވެ. އެހެންކަމުން އަހަރެން ނުފެންނާތީ ޒިލާ ކުރާ ޝަކުވާތަކަށް ޖަވާބުދެނީ ޒިޔާންއެވެ. އެފަދަ ފިރިއެއް ދެއްވިކަމަށްޓަކައި އަބަދުވެއް ﷲއަށް ހަމްދު ކުރަމެވެ. ހަމަ އެހެންމެ އަހަރެންގެ މައިންބފައިންވެސް ނުފެންނަތާ އަހަރަކަށް ވުރެގިނަވީއެވެ. އެހެން ނޫނީ އަހަރަކު ދެފަހަރު އަހަރެން މައިންބަފައިންގެ ރަށަށް ޒިޔާރަތްކުރަމެވެ.
އަހަރެން ފޯނު ނަގާ ޒިޔާން އަށް ގުޅާލީމެވެ. އެންމެ ރިންގަކުން ޒިޔާން ފޯނު ނެގިއެވެ.
“ބޭބީ! ގުޅާނަން ފަހުން ވވވވވވ ބިޒީ. ލަވްޔޫ” އަހަރެން އެއްޗެއް ނުބުނެ އުޅެނިކޮށް ފޯނު ކަނޑާލިއެވެ. ޒިޔާން ފުރައިގެން އެ ދިޔައީ ކިހާ ދުވަހަކަސް ކަމެއްވެސް ނޭނގެއެވެ. އޭނާ ފުރައިގެން ދިޔައިރު އަހަރެންނަށް ނުފެންނަތާ 16 ގަޑިއިރު ވީއެވެ. ދެން ފެންނާނެ ދުވަހެއްވެސް ނޭގެއެވެ.
އަހަރެން ނުކުމެ ޓެކްސީ އެއް ހޯދުމަށްފަހު ގެއަށް ދިޔައީމެވެ. އާދައިގެ މަތިން ކާން ހަދައިގެން މަންމަ އަހަރެންގެ އިންތިޒާރުގައި އިނެވެ. އަހަރެން ގޮސް މަންމަ ކޮޓަރިއަށް ފޮނުވާލުމަށްފަހު ކައިގެން ގޮސް ޒިލާ އާއި ޒިޔާންގެ ކޮއްކޮ ނިދާ ކޮޓަރި ދޮރުހުޅުވާލާ އެތެރެއަށްވަނީމެވެ. އަދި ލޯބި ލޯބިކޮށް ނިދާފައި އޮތް އަހަރެންގެ ދަރިފުޅުބޮލުގައި ފިރުމާލީމެވެ. އެހެން މީހަކަށް އިހްސާސްނުވި ނަމަވެސް ޒިލާއާއި ދުރުގައި މިހެން ހޭދަކުރުމަކީ ހާދަ ވޭނީކަމަކެވެ.
ކޮޓަރިއަށް ގޮސް ޖައްސާލުމާއިއެކު އަހަރެންނަށް ނިދުނީ ވެފައި ހުރި ވަރުބަލިންނެވެ. ދެން ހޭލެވުނީ ފަތިހު 5:30 ގައެވެ. އަވަހަށް ތެދުވެ ފޯނު ބަލާލިއިރު 3 ޖެހިއިރު ޒިޔާން ގުޅާފައި އިނެވެ. އަދި ހެނދުނު 7:30 ގައި ގުޅާނެކަމުގައި މެސެޖްކޮށްފައި އިނެވެ. އަހަރެން ޑިޔުޓީއަށް ދާން ތައްޔާރުވެ ބަދިގެއަށް ވަތް އިރު މަންމަ ހުރީ ސައިހަދާފައެވެ. ޒިޔާންގެ މަންމަ އާއި އާއިލާ އެހާ އަޅާނުލާނަމަ މިއަދު އަހަރެން އުޅެން ޖެހޭނީ ވަރަށް ހާލުގައެވެ. ސައިބޮއެ ނިމިގެން ތެދުވި ތަނުން ކުޑަކުޑަ ޒިލާ ލޯ އުނގަޅުމުން ކޮޓަރިން ނުކުތެވެ.
” މަންމީ! މިއަދު ނުދޭ! ޒިލާ އާއެކީ ކުޅެން ހުރެބަ މަންމީ! ޑެޑީވެސް ގޮސްފި ބޭގް އަޅައިގެން.” ޒިލާ ދުވަފައި އައިސް ބައްދާލަމުން ވާހަކަ ދެއްކިއިރު ހުރީ ފެންކަޅިވެފައެވެ. އަހަރެން ޒިލާ ދުރުކޮށްލާ ގޮނޑީގައި ބޭންދީމެވެ.
” މަންމީ ޒިލާ ކައިރީ މަޑުކުރީމަ ދެން ބަލިވެފަ ތިބި ކުދިން ކިހިނެއް ހަދާނީ؟ އެއީވެސް ތިކަހަލ ލޯބި ލޯބި ކުއްޖެއްގެ މަންމީ އެއް ނޫނީ ޑެޑީ އެއްނު! މަންމީ ނުދިޔައީމަ އެކުދިންނަށް އެކުދިންގެ މަންމިމެން ދުވަހަކުވެސް ނުފެނިދާނެއެއްނު. މަންމީ ބުނީމެއްނު ކުދިންނަށް ހެލްޕް ވީމައޭ ސުވަރުގެއަށް ދެވޭނީ. ދަރިފުޅާ މަންމިއާ ޑެޑީ އާ 3 ކުދިން ސުވަރުގެ ދާން ޖެހޭނެއެއްނު”
މިއީ ވޭތުވެދިޔަ ތިންމަސްދުވަހުގެ ވެސް އާދައެވެ. ޒިލާއަށް ހެނދުނު ހޭލެވޭ ދުވަހެއްގަވިއްޔާ ބޮޑާހާކާނެއެވެ. އަހަރެންނަށް ޑިޔުޓީއށް ދެވޭނީ އެތަށް ވާހަކައެއް ދައްކާ ޒިލާ ހަމަޖެއްސުމަށްފަހުއެވެ.
އަހަރެން ހޮސްޕިޓަލަށް ދޔުމަށް ޓެކްސީއަކަށް އެރިތަނުން ޒިޔާން ގުޅިއެވެ.
“ބޭބީ! ” ޒިޔާން ޢާންމުކޮށް އަހަރެންނަށް ގޮވާލާ ލޯބި ރާގުގައި ގޮވާލިއެވެ.
” ބޭބީ ސައިބޮއެފިންތަ؟ ރަނގަޅުތަ؟ ކޮން ދުވަހަކުން އަންނާނީ” އަހަރެންނަށް އެންމެ ފުރަތަމަވެސް އަހާލެވުނީ ޒިޔާން އަންނާނޭ ދުވަހެކެވެ.
“ސައިބޮއެފިން. ހަތަރު މަސްދުވަހޯ ބުނީ. އެހަށް މިތަން ސެޓްއަޕް ހަދަނީ. ވަރަށް ބިޒީކޮށް ދަނީ ފަހަރެއްގަ އެހާ ގިނައިން ނުގުޅިދާނެ އެނގޭ.އެކަމަކު ހަނދާން ކުރައްޗޭ ވަރަށް ލޯބިވޭ އަދި ވަރަށް މިސްވޭ”
“ސޭމް ޓު ޔޫ ޓޫ. އެކަމް ޒިލާއަށް ގުޅާލައްޗޭ. ޒިޔާން ދިޔައީމަ ވަރަށް ދެރަވެފަ ހުރީ” އަހަރެންހޮސްޕިޓަލް އަށްވަދެ ޕީޕީއީ ލުމަށްފަހު ފޯނުގައި އެއްގޮތަކަށްވެސް އަތެއް ނުލަމެވެ. އެހެންކަމުން ޒިލާ ހޭލަ އުޅޭ ގިނަ ވަގުތު މިހާރު ހޭދަވެގެން ދަނީ އަހަރެން ނުފެނިއެވެ.
“ވަރަށް ޑިފިކަލްޓް ޓައިމްއެއް ދޯ. އިންޝާﷲ ފަހުން ރަނގަޅުވާނެ ބޭބީ. ދިސްޓައިމްވިލްގޯ ޓޫ. ކޮންމެސް އެއްބަޔަކު ޤައުމަށް ޚިދުމަތްކުރަން ޖެހޭނެއެއްނު. އަހަރެންނަށް ޔަޤީން ޒިލާ ބޮޑުވީމާ ވަރަށް ފަހުރުވެރިވާނެ އަހަރެމެންނާމެދު”.
އާދައިގެމަތިން ހޭންޑް އޯވަރއިން މަސައްކަތް ފެށިއިރު އެހެނ ދުވަސް ދުވަހެކޭ އެއްގޮތަށް އައިސީޔޫ އޮތީ ފުލްވެފައެވެ. ޒުވާނުންނާއި އިސް ރަށްވެހީންނެވެ. ނޭވާލާން އުނދަގޫ ވާތީ އެއްބަޔަކަށް އޮކްސިޖަން ދެމުން ދިޔައިރު އެއްބަޔަކު ވެންޓިލޭޓްކޮށްފައެވެ. ސިއްހީ ޚިދުމަތް ދިނުމުގައި އުޅޭ މީހަކަށް ނޫނީ މި ފަދަ ތަނެއްގެ ހާލަތު ސިފަކޮށްދޭންވެސް ނޭގޭނެއެވެ.
ދުވަސްތައް ހޭދަވަމުން ދިޔައިރު ކޮވިޑްގެ ހާލަތަށް މާބޮޑު ބަދަލެއް ނާދެއެވެ. ޢާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް ދިޔަނަމަވެސް އެކަމުން އެދެވޭ ނަތީޖާއެއް ނުފެނެއެވެ. އެކަމުގެ ޒިންމާ އެއްބަޔަކު ސަރުކާރުގެ ބޮލުގައި އަޅުވަމުން ދާއިރު އަނެއްބަޔަކު ސަރުކާރާއި އިދިކޮޅު މީހުންގެ ބޮލުގައި އެކަމުގެ ޒިންމާ އަޅުވައެވެ. ކަމާއިބެހޭ އިދާރާތަކުން ވިދާޅުވަނީ ހާލަތު ބަދަލުކުރެވޭނީ ފަރުދީ ޒިންމާ ނަގައިގެންކަމެވެ. ޒިންމާވާން ޖެހޭނީ ކާކު ކަމެއް އަހަރެންނަކަށް ނޭގެއެވެ. އަހަރެންނަށް އެނގޭ ހަމައެކަނި ކަމަކީ ދުވަހަކަށްވުރެ ދުވަހެއް ބަލި މީހުން އިތުރު ވާކަމެވެ. ކޮންމެ މީހަކުވެސް ޒިންމާދާރުވެ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރަން ޖެހޭކަމެވެ. އަހަރެން ފަދަ ސިއްހީ ޚިދުމަތްތެރިން ވަރުބަލިވެއްޖެކަމެވެ. މިއީ ހަމައެކަނި އަހަރެންގެ ޝަކުވާއެވެ. އެހެނިހެން ވެސް ޒަރޫރީ ޚިދުމަތްތަށް ދިނުމުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެވެސް ހިތުގެ އުދާސްތަކަކީ މިއީކަން ހަމަ ޔަޤީނެވެ.
ޒިޔާން ފުރައިގެން ދިޔަ ފަހުން 2 މަސް ދުވަސްވީ އިރު އަހަރެންނާއި ޒިޔާން އަށް ވާހަކަ ދައްކާލަން ލިބެނީ ވަރަށް މަދު ފުރުސަތކެވެ. އަހަރެން މިހެން އުޅޭތާ 5 މަސް ދުވަސް ވެގެން ގޮސްފައި ވުމާއިއެކު ޒިލާ ވެސް ކުޑަކޮށް އަހަރެންނާ ދުރުވާކަމުގެ އިހްސާސެއް އަހަރެންނަށް ކުރެވެން ފެށިއެވެ. ކުރިން ފަތިހު ހޭލައިގެން ޝަކުވާ ކުރާ ޒިލާ މިހާރު ހަމައެކަނި އައިސް ބައްދާލުމަށްފަހު “ގުޑް ބައި” އޭ ބުނެލާފައި ނިންމާލަނީއެވެ. ޒިޔާން އާއި ވާހަކަ ދެއްކުނު ފަހަރެއްގައި އަހަރެންނަށް އިނގުނީ ޒިޔާން ގުޅިޔަސް އެހާވަރުން ވާހަކަ ދައްކަން ނޫޅޭކަމެވެ. މަންމައަށްވެސް ޒިލާގެ ފަރާތުން ތަފާތުކަމެއް އިހްސާސުކުރެވޭވާހަކަ ބުންޏެވެ. އަބަދުވެސް ކުލަ ޖައްސަން އޮންނަކަމާއި ކެއުމާއިވެސް ވަރަށް ދުރުވާކަމުގައި މަންމަ ބުނެދިނެވެ. އަހަރެންނަކީ ޑޮކްޓަރަކަށް ވުމާއިއެކު ޒިލާއަށް އެއަންނަ ބަދަލުތައް ވިސްނުނެވެ. ކޮވިޑްގެ ސަބަބުން އެހާގިނައިން ޒިލާ ބޭރަށް ނުނެރެމެވެ. އަދި މިހާރު އެއްގޮތަކަށްވެސް ބޭރަށް ނުނެރޭތާ 5 މަސް ވީއެވެ. ޒިޔާންހުންނައިރު ޒިޔާން އާއިއެކު ލިބުނު ވަގުތުވެސް މިހާރު ނުލިބޭތީ ނަފްސާނީ ގޮތުން އަސަރު ކުރަނީކަން އަހަރެންނަށް އެނގުނެވެ. ޒިލާއާއި ގިނައިން ވާހަކަ ދެއްކުމަށާއި ކޮންމެވެސް ކަމެއްގައި ޒިލާ ބިޒީ ކޮށް ބެހެއްޓުމަށް އަހަރެން މަންމަ އަށް ކިޔާދިނީމެވެ. އަހަރެން ކިތަންމެ ބޭނުންވިއަސް ޤައުމަށް އަހަރެންގެ ޚިދުމަތް ބޭނުންވާ މި ފަދަ ދަނޑިވަޅެއްގައި ޗުއްޓީއަށް އެދޭކަށްވެސް ނުކެރުނެވެ. އަހަރެންނަށް އަމިއްލަ ނަފްސު ކުށްވެރިކޮށް ލޮލުން ކަރުނަ ހިލުނީ އަހަރެންގެ ދަރިފުޅު އޭނާގެ މަންމަ އާއި ބައްޕަ ބޭނުންވާނޭ ވަރު ހިތަށްއަރާފައެވެ. ކައިރީގައި ހުރެމެ މަންމައެއްގެ އަޅާލުން އެދަރިފުޅަށް ނުދެވޭތާ ހާދަ ދުވަހެއް ވެއްޖެއެވެ.
ޒިލާއަށް އަންނަމުންދިޔަ ބަދަލުތަށް ފެނި މައި ލަގޮނޑިއަށް އަސަރުކުރަން ފެށީ އިންތިހާއަށެވެ. ޑިޔުޓީގައި އުޅޭއިރުވެސް ހުސްވަގުތެއް ވެއްޖެއްޔާ ދަރިފުޅާ ދޭތެރޭ ވިސްނަން ފެށުނެވެ. ޒިޔާން މަތިން މިސްވާން ފެށިއެވެ. ރޭގަނޑު ގެއަށް ދެވޭއިރު ގިނަ ރޭރޭ ޒިޔާން އަށް އޮންނަނީ ނިދިފައެވެ. ދުވާލު އަހަރެން ބިޒީވުމުން ފޯނު ނުކުރެވެއެވެ. އެންމެ ފަހުން އަހަރެންނަށްވެސް ނިދަން އުނދަގޫވާން ފެށިއެވެ. ރޭގަނޑު ގެއަށް ދެވުމުން ޒިލާ އަހަރެން ނިދާ ކޮޓަރިއަށް ގެންދަން ފެށީމެވެ. ޒިލާ އަހަރެން ނިދާ އެނދުގައި ބޭއްވުމަށްފަހު އަހަރެން ސޯފާގައި އެތަށް އިރަކު އެ މައުސޫމު މޫނަށް ބަލަހައްޓައިގެން އޮންނަމެވެ. އަދި ޒިލާ ހޭލަންވާއިރަށް އޭނާއަށް މީރު ކާ ތަކެތި ތައްޔާޜުކޮށް ބަހައްޓައި ދެމެވެ. ބައެއް ރޭރޭ ކުޅޭ އެއްޗެހި ހެދުމުގައިވެސް ރޭގަނޑުގެ ބޮޑުބައެއް ހޭދަކުރެވެން ފެށުނެވެ. އެހެންކަމުން ނިދި ލިބޭވަރު މަދުވާން ފެށިއެވެ.ވަރުބަލިވެ ބޮލުގައި ރިއްސަން ފެށިއެވެ. ހަށިގަނޑަށް ކެތް ނުވާވަރުވެ ހުންއަންނަންފެށިއެވެ. އެންމެފަހުން 2 ދުވަސް އޮފް އަހަރެން ނެގީ އެނދުން ނުތެދުވެވޭހާ މީހާ ވަރުބަލިވެގެންނެވެ. އެންމެ ފުރަތަމަ ހިތަށް އެރީ އަހަރެންނަށްވެސް ކޯވިޑް ޖެހުނީ ކަމަށެވެ.އަހަރެންގެ ކޮޓަރިއަށް މީހުންވަނުން މަނާކުރީމެވެ.
ޒިޔާންއަށް އަހަރެންބަލިވެ އުޅޭކަން އެނގުނީ މަންމަގެ ފަރާތުންނެވެ.ޒިޔާން އަހަރެންނަށް އެދުވަހު ގުޅައިގެން ވަރަށް ގިނަ އިރުވާހަކަ ދައްކާ ރުޔެވެ. ޒިޔާން ރުއިތަން ފެނުނީ ނުވަތަ އަޑުއެހީ މިހާތަނަށް 3 ފަހަރުއެވެ. އެއީ ކައިވެނި ކުރެވުނު ރެއާއި ޒިލާ އުފަންވިރޭގެ އިތުރުން މި ފަހަރު އަހަރެން ބަލިކަން އެނގިގެންނެވެ. ބަލިވެ ޒިޔާންގެ ބޭނުން ޖެހުނު ދުވަހު ކައިރީގައި ނުހުރެވުނީތީ އެތަށް ފަހަރަކު މާފަށް އެދުނެވެ. ޒިލާ ވާހަކަ ދެއްކުން މަދުކަމުން އެކަމާއިވެސް ދެރަވެގެން އެތަށް ވާހަކައެއް ދެއްކިއެވެ. ޒިލާއަކީ ޒިޔާން ގެ ފުރާނައިގެ އެއްބައޭ ބުނާހާވެއެވެ. އެކުއްޖާ ދުލުން ބުނި ކޮންމެ ކަމެއް ޒިޔާން ކޮށްދޭނެއެވެ. ކުޑަވެސް މިންވަރަކަށް ޒިލާ ހިތުގައި ޖެހުމަކީ ޒިޔާންގެ ހިތް ފުނޑުފނުޑުވުން ކަހަލަ ކަމެކެވެ. ނަމަވެސް އަހަރެން ފަދައިން ޒިޔާން އަކީވެސް ޤައުމަށް ޚިދުމަތްކޮށްދިނުމަށާއި ޤައުމުގެ ރައްޔިތުންނަށް ދިމާވާ ބޮޑެތި ކަންކަމުގައި އެހީވުމަށް ހުވާކޮށްގެން ހުރި މީހެކެވެ. އެހެންކަމުން އާއިލާއަށްވުރެ މިވަގުތު ޤައުމަށް ޒިޔާންގެ ޚިދުމަތް މާ ބޭނުންވެއެވެ.
ބިރުން ހުރެވެސް އަހަރެން ކޯވިޑް ޓެސްޓް ހެދީމެވެ. ނަމަވެސް ﷲ އަށް ހަމްދު ކުރެވުނީ ކޯވިޑްއަށް ނެގެޓިވް ވުމުންނެވެ. ވަރަށް ވިސްނުމަށްފަހު ހޮސްޕިޓަލްގެ މެޑިކަލް ސައިޑްގެ އިސްވެރިންނާއި ވާހަކަ ދެއްކުމަށްފަހު 3 ދުވަހުގެ ޗުއްޓީއަކަށް އަހަރެން އެދުނީމެވެ. ޤައުމަށް ޚިދުމަތް ކުރުމުގައި ދަރިއަށް އިހްމާލުވުމަކީވެސް އަހަރެންގެ އަމިއްލަ ނަފްސަށް މާފުކުރެވޭނޭކަމެއް ނޫނެވެ. އަހަރެންގެ ހާލަތު އެމީހުންނަށް ކިތަންމެ ރަނގަޅަކަށްވެސް އިހްސާސްވިއެވެ. އަދި 5 ދުވަހުގެ ޗުއްޓީއެއް ދިނެވެ. ބަލިމީހުންނަށް ފުރިހަމަ ފަރުވާ ދެވޭނީ ޑޮކްޓަރުވެސް ފުރިހަމަ ސިއްހަތެއްގައި ހުރެގެންނޫންހެއްޔެވެ.
އެ ފަސް ދުވަސް އަހަރެން އެކީ ހޭދަ ކުރީ ޒިލާއާއި އެކީއެވެ. ޒިލާއަށް އެންމެ މީރުހާ އެއްޗެހި ހަދާފައި ކާންދިނީމެވެ. ފެންވަރުވާ ރީތި ކޮށްދެމެވެ. އުނގުގައި ބާއްވައިގެން ނާނާ ކިޔަދެމެވެ. އެކުގައި ކުޅެމެވެ. އެކިއެކި ކްރާފްޓް މަސައްކަތް ދަސްކޮށްދިނީމެވެ. އަދި މި ދުވަސްތަކުގައި އަހަރެންނާއި ޒިޔާންގެ މަސައްކަތްތަށް ޒިލާއަށް ކިޔާދެމެވެ. ކުރީގެ ނޯމަލް ދިރިއުޅުމަށް ދެވޭނީ ބަޔަކު ޤުރުބާނީތަކެއް ވެގެންކަން ކިޔައިދިނީމެވެ. އަދި އެހެން މީހުންނަށް އެހީވެވޭނީ ޒިލާ ގެ ސަޕޯޓް މަންމައަށާއި ބައްޕައަށް ލިބިގެން ކަމުގައި ކޮންމެ ދުވަހަކު ބުނެދެމެވެ. ކޮންމެ ދުވަހެއްގެ މެންދުރު ވަގުތު ޒިޔާންވެސް ވީޑިޔޯ ކޯލް ކުރެއެވެ. ޒިލާގެ އުޅުންވެސް ދެތިން ދުވަސް ތެރޭ ހަމައަކަށް އެޅެން ފެށިއެވެ.
ފަސް ދުވަހުގެ ޗުއްޓީ ނިންމާ އަހަރެން ޑިޔުޓީއަށް ދާން ނުކުތް އިރު ޒިލާ ބޭރުގައި ޓާޓާ ކިޔަން ހުއްޓެވެ. 7 ދުވަހަށް ފަހު މަސައްކަތަށް ނުކުތްއިރު ނަފްސަށް ތާޒާކަމެއް އިހްސާސްކުރެވުނެވެ. ނުކުމެގެން ދިޔައިރުވެސް ދަރިފުޅުގެ ހިނިތުންފެނި އުފާވިއެވެ.
އަހަރެންނަށް ޒިޔާން ފެންނަން އަދި 2 މަސްދުވަސް ބާކީ އެބައޮތެވެ. އަހަރެންގެ ދުޢާއަކީ ޒިޔާން އެނބުރި އަންނަންވާއިރަށް މި ހާލަތު މިއަށްވުރެ ރަނގަޅުވުމެވެ. އަހަރެންވެސް ޢާންމު ދިރިއުޅުމެއްގައި އުޅެން ބޭނުމެވެ. އަށް ގަޑިއިރުގެ ޑިޔުޓީ ނިންމާ ދަރިފުޅާއި ފިރިމީހާއަށް ވަގުތު ދޭން ބޭނުމެވެ. ޒިޔާންވެސް އެނބުރި މާލެއައިސް ޢާންމު ދިރިއުޅުމަށް ބަދަލުވުމުން ކޮންމެ ދުވަހެއްގެ ހަވީރުން ފެށިގެން އަހަރެމެން ދެމައިންނާއިއެކު ވަގުތު ހޭދަ ކުރެއެވެ. ދެމީހުންގެ އޮފް ދުވަސްތަކުގައި ދަތުރުދަމެވެ. ހިނގާލަންދަމެވެ. އެދުވަސްތަށް އަނބުރާ ގެނައުމަށް އަހަރެންނަށް ކުރެވެންހުރި ހުރިހާ މަސައކަތެއް އަހަރެން ކުރާނަމެވެ. އަދި ޒިޔާންވެސް ކުރާނެކަން ޤައިމެވެ. ނަމަވެސް މިކަން ކާމިޔާބުވާނީ އެހެން މީހުންގެ އެއްބާރުލުންވެސް ލިބިގެންނެވެ. މުއްސަނދިންނާއި ސަރުކާރުގެ އިސްވެރިންއިން ފެށިގެން އެންމެ ދަށް ފަންތީގެ މީހާވެސް އަމިއްލަ އެދުން ތިރިކޮށް ޤައުމާއި ދެން ތިބި މީހުންނަށްވެސް ވިސްނައިގެންނެވެ. ސިޔާސީ ޚިޔާލުތަފާތުވުންތަށް އެއްފަރާތްކޮށް އެކަކު އެނެކަކަށް އެހީވެގެންނެވެ. އުސޫލުތަކާއި ޤަވާއިދުތަށް ވަކި ބަޔަކަށް ފައިދާވާ ގޮތަށް ބައްޓަން ކުރުމުގެ ބަދަލުގައި އުސޫލުތަށް ހަރުދަނާކުރެވިގެންނެވެ. ބަލިފެތުރޭ ގޮތްތަށް އަމިއްލައަށްވެސް ދެނެގަނެ އެކަންހުއްޓުވޭނެ ގޮތަކަށް އަމަލުތަށް ބަށްޓަންކޮށްގެންނެވެ. ވިޔަފާރިތަށް ހިންގުމުގައިވެސް ރައްކާތެރިކަން އިސްކޮށްގެންނެވެ. ވަރުގަދަ ޤަވައިދުތަށް ހަދާ ފިޔަވަޅު އެޅުމަށް ވުރެ ، ހުރިހާ ލެވެލްއެއްގައިވެސް ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭކަންކަންކޮށް އެންމެން އެއް ރޫހެއްގައި މަސައްކަތްކޮށްގެންނެވެ. ގޯސްކޮށް ކުރެވިފައި ހުރިކަންކަން ރަނގަޅުކޮށްގެންނެވެ. މި ފަދަ ކަންކަން ރަނގަޅުކޮށް ބަލި ކޮންޓްރޯލްކުރުން އޮތީ އެހެން މީހުންގެ އަތްމަތީގައެވެ. އެ ދުވަހެއް އަންނަންދެން އަހަރެންނާއި ޒިޔާންވެސް ޤައުމީ ޚިދުމަތުގައި ދެމިތިބޭނަމެވެ.
(ނިމުނީ)