
ބެސްޓްފްރެންޑް
ޖަލުގެ ތޭރިތަކުތެރޭ ގައި އަހަރެން ހުންނަތާ މިއަދަށް މިވީ 10 އަހަރެވެ. އެ ހާދިސާ ދެންމެ ވީ ކަމެއް ހެން، އަހަރެންގެ ލޯ ކުރިމަތީ ފިލްމެއް ފަދައިން ފެންނަމުން ދިޔައެވެ. އެއީ އަހަރެންގެ ހަޔާތު ގައި އަހަރެންނައް ހެދުނު އެންމެ ބޮޑު ގޯހެވެ. އަހަރެންނައް ކުރެވުނު ކަންތަށް މީހަކަށް އެނގިއްޖެއްޔާ އަހަރެންނަކީ ގޮތް ހުއްޓި ފައި ހުރި މީހެކޭ ހިތައް އަރާނެއެވެ. އެއީ އަހަރެންނާއެކު އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަރުސަލް ދުނިޔޭގައި ހުރި އިރު ގެ ހަނދާންތަކެވެ.
އަހަރެމެންނަކީ ކުޑަ އިރުއްސުރެން އެންމެ ގާތް އެކުވެރިންނެވެ. އަހަރެމެންނާއި އެއްކުލާހެއްގައި ކިޔަވަމުން ދާ އީކަން އަކީ އަބަދުވެސް ހުރިހާ ޓީޗަރުންގެ ލޯބި ހޯއްދާ ކުއްޖެކެވެ. އަދި ކޮންމެ އިތުރު ހަރަކާތަކު ބައިވެރިވެ ވަނަތައް ހޯދައެވެ. މީގެ އިތުރުން ، އޭނާ ވަނީ ކޮންމެ ކުޅިވަރު މުބާރާތަކުން ވެސް ފާހަގަ ކޮށްލެވޭ ވަނަ ތަކެއް ހޯދާފައެވެ. މީގެ ސަބަބުން އަހަރެންނާއި އަރުސަލްގެ ހިތުގައި އީކަން އައް ނަފުރަތުގެ ހުޅުކޮޅެއް ރޯވިއެވެ.އަހަރެމެން އެއްކޮށް ކިޔަވާ ނިންމީ ފޮނި ނަތީޖާތަކާއި އެކުއެވެ. މިހެންކަމުން އީކަން އިތުރައް ކިޔެވުމައްޓަކައި މާލެ ދިޔައެވެ. މީގެ ސަބަބުން މި ދުވަސް ކޮޅުވީ އަހަރެންނާއި އަރުސަލްއައް ލިބުނު ހިތްހަމަ ޖެހުމުގެ ދުވަސްކޮޅަކަށެވެ.
އަނެއްކާވެސް އެހުރިހާކަމެއް ބަދަލުވީ އީކަން އެނބުރި ރަށައް އައުމުންނެވެ. އޭނާވެސް އުޅުނީ ހަމަ އަރުސަލް ބައިވެރި ވެގެން އުޅޭ ކޯހެއްގައި ބައިވެރި ވެގެންނެވެ. އެއީ އިންޖިނިއަރިންގެ ދާއިރާއާއި ގުޅުން ހުރި ކޯހެކެވެ. މި ކޯހުގައި ކޮންމެސް ކަމެއް ކުރުމައްޓަކައި ބައިވެރިން ނެގި އިރުގައި އަރުސަލް އާއި އީކަން ވީ އޭގެތެރެއިން ބައިވެރިންނަށެވެ. މިކަމާއި އަރުސަލް ވެސް އަހަރެންވެސް ހިތް ހަމަ އެއް ނުޖެހުނެވެ. ނަމަވެސް މިހެން އުޅެމުން ގޮސް އެދެމީހުން ގާތް އެކުވެރިންނައް ވިއިރުގައި އަހަރެންނައް ނުވެސް އެނގެއެވެ. އެހެންނަމަވެސް އަހަރެންނައް އެކަން މާގިނަ ދުވަހެއް ނުވެ ފަޅާއެރިއެވެ. މިކަމާއި ރުޅިގަދަވެގެން އަހަރެން އަރުސަލް އައް އެތަކެށް ވަސްވާސް ތަކެށް ލީމެވެ. އަދި އިންޒާރު ތަކެއްވެސް ދިނީމެވެ. ނަމަވެސް އެކަމުން އަރުސަލްއައް އެއްވެސް އަސަރެއް ނުކުރިއެވެ.
މިހެންކަމުން އަހަރެން ނިންމީ އީކަން މަރާލުމަށެވެ. އަހަރެންގެ ނިޔަތަކަށްވީ، އަނެއް ދުވަހުގެ އިރު އަރާއިރުގައި މި ދުނިޔެއިންވެސް އީކަންގެ ވަސް ވެސް ފުހެލުމަށެވެ. އީކަން އަކީ އާންމުކޮށް ކޮންމެ ރެއެއް ގައި ވެސް އަތިރިއަށް ދާމީހެކެވެ. މިކަން އެނގުމުން އަހަރެން އެރޭގައި އީކަން އަތިރިއައް ދިޔަ ވަގުތުގައި، އެދިމާލުގައި ތޫނު ވަޅިއެއް ހިފައިގެން ވަލުތެރޭ، ގަސްތަކު ތެރޭ ފިލައި އޮތީމެވެ. މިހެން އިރުކޮޅަކު އޮވެފައި އަހަރެން ވަރަށް ވަގުވަގައް އީކަން އާއި ދިމާލައް މިސްރާބު ޖެހީމެވެ. ގޮސް ހަމަޖެހިލާފައި، ކުރެވެން އުޅޭ ފާފައިގެ ބޮޑުކަން ނޭނގޭ ހާލު ލޯ މަރާލާ ފައި، އީކަން އާއި ދިމާއައް ވަޅި މަޅާލީމެވެ. އަހަރެން ލޯ ހުޅުވާ ބަލާލިއިރުގައި ސިއްސައިގެން ދިޔައެވެ.
ކުރިމަތީގައި ހުއްޓިފައި، ސިހިފައި، ލޯ ބޮޑު ވެފައި ހުރީ އަރުސަލް އެވެ. ދެން ހަމަ ހޭވެރިކަން ވީ ދުރުގައި ހުރި އަރުސަލްގެ ކޮއްކޮ ކަމައް ވާ ޖައިލަމް ކަންފަތާއި ފޯނު ދުރު ކޮށް ލާފައި، ކައިޔަން ކައެ މޮޔަވީ ހެއްޔޭ ކިޔާ އަހަރެންނާއި ދިމާއައް ދުއްވައި ގަތެވެ. އައިސް އަހަރެން ދުރައް ކޮއްޕާލާފައި އަރުސަލް ކައިރީ މަޑުކޮށްލިއެވެ. އަދި ދުރު ގައިވާ އަތިރިއަށް ނުކުންނަ މަގައް ބަލާލިއެވެ. އަހަރެން ގޮސް ވެލި ގަނޑު މަތީގައި ޖެހުމުން ދުރުގައި ވެއްޔާއިއެކު މޮޑެވިފައިވާ ހުރި އީކަން އާއި ދިމާއައް ބަލާލެވުނެވެ. އޭރު އޭނާގެ މޫނުން ހިތް ހަމަ ނުޖެހުމާއި، ރުޅިވެރިކަމާއި، ދެރަވުމުގެ އަސަރު ފާޅު ވަން ހުއްޓެވެ. އެވަގުތު ގައި އަހަރެން ދުރުގައިވާ މަގުން ބަޔަކު އަންނަހެން ހީވުމުން، ބަލާލި އިރުގައި ފުލުހުން ތަކެށް ދުވަމުން އާދެއެވެ. އަހަރެން ހުރީ ވާނުވާގައެވެ. ފުލުހުންތައް އައިސް އަހަރެން ހައްޔަރު ކޮށްގެން ގެންދިޔައެވެ.
އަހަރެންނައް އެހަނދާންތަކުން ދުރުވެވުނު އިރުގައި ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. ކަރުނަ ތިކި ފުހެލާފައި އަހަރެން ނޭފަތް ދަމާލީމެވެ. ހަމައަކަށް އެޅިލުމައްޓަކައި އަހަރެން ގޮސް ޖަލުގެ ބިތެއްގައި ލެގިލީމެވެ. އަދި ހިތައް ތަދުވިވަރު ހަނދާން ނައްތާލާފަ އެހަނދާން ތަކުން ދުރުވެލެވޭތޯ ބެލީމެވެ.
މިއީ އަޅުގަނޑު މި ސައިޓްއައް ލާ ފުރަތަމަ ވާހަކަ ކަމުން ކުށްތައް ފާހަގަ ކޮށްލަ ދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. ހުރިހާ ކިޔުންތެރިންނައްވެސް މި ވާހަކަ ކަމުދާނެ ކަމައް ހީކުރަމެވެ.
ކަވާރ ޕިކް ހަދަން އެނގޭ ކުއްޖަކު އުޅެންޔާ ކޮމެންޓް ކޮށް ދެއްވުން އެދެން ???