
ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ 4
ހަދާނެ ގޮތަކާއިމެދު ޖަޒްލާގެ ސިކުނޑި ވިސްނަމުން ދިޔައެވެ. އޭނާ ސަލާމަތުގެ އައްސޭރިއަށް ވާސިލްވާނެ ރާސްތާ އެއް ހޯދަަމުން ދަނިކޮށް ޝަބާ އޭނާގެ ކޮނޑުގައި ހިފާ އެފަރާތަށް އަނބުރާ ލައިފިއެވެ.
ދެލޯ ބޮޑުވެ އަނގައިން ބަސްހުސް ވެފައި ޖަޒްލާ ހުރިއިރު ޝަބާގެ މޫނުމަތިން ފެންނަމުން ދިޔައީ ތަރުޖަމާ ކުރަން ދަތި އިހުސާސް ތަކެކެވެ.
” ޖޭޒް”
ޝަބާގެ އަޑުން ފާޅުވަމުން ދިޔައީ ހައިރާން ކަމެވެ. އޭނާ އެސްފިޔަތައް ތަޅުވާލީ މީ ހުވަފެނެއް ނޫންކަން ޔަގީން ކުރަން ްވެގެންނެވެ.
“މީ …ކޮންކުއްޖެއް؟ ”
މިފަހަރު ޝަބާގެ ނަޒަރު އަމާޒު ވެފައި ހުރީ ޖަޒްލާގެ އުރުގައި ހުރި ހަތަރު އަހަރުގެ ނިއަމް އަށެވެ.
“ޝަބާގެ ދުލުން ބޭރުވި ބަސްތައް އިވުނު ޖަޒްލާ އޭނާގެ ޚިޔާލުތަކުން ބޭރު ކޮށްލިއެވެ. ޝަބާގެ ސުވާލު އައިސް އޭނާގެ ސިކުނޑީގައި ޖެހިގަތީ އެތައް ހާސް ޓަނުގެ ބަރުދަނާ އެކުގައެވެ. މޮޔައެއްހެން ހުއްޓުން އަރައިފައި ޝަބާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރުން ނޫން ކަމެއް އޭނާ އަކަށް ްނުކުރެވުނެވެ. މި އުދަނގޫ ހާލަތުން ޖަޒްލާ ސަލާމަތް ކޮށްދޭން އަތް ދިއްކޮށްލީ ރިންގުވާން ފެށި ޝަބާގެ ފޯނެވެ.
ހައިރާން ކަމާއެކު ޖަޒްލާގެމޫނަށް ބަލަން ހުރި ޝަބާގެ ނަޒަރު އޭނާގެ ފޯނަށް ދަތުރު ކޮށްލިއެވެ. މަންމަގެ ނަން އަރައިފައި އޮތުމުން އޭނާ ފޯނު ނެގިއެވެ. ނަމަވެސް އޭނާގެ ހިތް އެދެމުން ދިޔައީ ޖަޒްލާ އާއި އިރުކޮޅަކު ވާހަކަ ދައްކާލަން ހުރުމަށެވެ. ޖަޒްލާ އުރައިގެން ހުރި ކުއްޖާ އަކީ ޖަޒްލާގެ ކާކު ބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
ފޯނު ހިފައިގެން ތަންކޮޅެއް ދުރަށް ހިގައިގަތް ޝަބާ ފެނުމުން ޖަޒްލާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. ނިއަމް އުރައި ލައިގެން ފިހާރައިން ބޭރަށް ނިކުތް ޖަޒްލާ ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. ވަގުތީ ގޮތުން ނަމަވެސް ޝަބާގެ ސުވާލު ތަކުން ރެކެވުނީތީއެވެ. ކޮންމެވެސް ދުވަހަކުން އެކުވެރިންނަށް ނިއަމްގެ ހަގީގަތް އިނގޭނެ ކަން އޭނާ އަށް އިނގެއެވެ. ނަމަވެސް މިހާ އަވަހަށް އެހަގީގަތް އައިސް އޭނާ ވަށާލަފާނެ ކަމކަށް އޭނާ އުއްމީދެއް ނުކުރެއެވެ. ގެޔާއި ހަމައަށް ދެވުނުއިރު ވެސް ޖަޒްލާ ގެ ސިކުނޑި ވިސްނަމުން ދިޔައީ ޝަބާގެ ސުވާލު ތަކަށް ދޭނެ ޖަވާބެކެވެ.
ގޭގެ އެތެރެއަށް ޖަޒްލާ ވަދެވުމާއެކު އޭނާގެ އުރުން ފައިވަން ވެގެނ ްނިއަމް ގަދަ ހަދަންފެށިއެވެ. ޖަޒްލާ ނިއަމް ބިންމަތީގައި ބެހެއްޓުމާއެކު ދުވެފައި ގޮސް ޝިފާނާގެ އުނގަށް އެރިއެވެ.
“މާމާ. ނިމް މިއަދު ތިއްތި ވާނީ މާމަ އާއެކީ.”
ޝިފާނާގެ މޫނަށް ބަލަން ހުރި ނިއަމްގެ މޫނުގައިވީ މައުސޫމްކަމެވެ.
“އަވަހަށް ހިނގާ ދޫނީ”
ޝިފާނާ ނިއަމް އުރާލައިގެން ހިނގައިގަތީ ކޮޓަރިއަށް ދިޔުމަށެވެ. މަންމަ ނިއަމް ގޮވައިގެން ގޮސް ލޯމަތިން ގެއްލުމާއެކު ޖަޒްލާއަށް ސޯފާއަށް ވެއްޓިގަނެވުނެވެ.
ހައިރާންކަމުގެ އެތައް ކުލައަކުން ފެވިފައިވާ ޝަބާގެ މޫނު ވަނީ ޖަޒްލާގެ ސިކުނޑީގެ ލޯގަނޑު ހިސޯރުކޮށްފައެވެ. ޝަބާގެ ސިކުނޑީގައި އެވަގުތު އެފުދުނު ސުވަލަކީ ކޮބާބާއެވެ؟ ޝަބާ އޭނައާއި މެދު ދެކޭނި ކިހިނެތްބާއެވެ؟ ޝަބާ ގެ ސުވާލަށް އޭނާ ދެނީ ކޮންޖަވާބެއް ބާއެވެ؟ ޝަބާގެ ސުވާލުތަކަށް ޖަވާބު ދޭނެ ހިތްވަރު އޭނާގެ ކިބައިގައި ހުންނާނެ ބާއެވެ.؟ ޖަވާބު ލިބުމެއް ނެތް ސުވާލުތަކަކުން އޭނަގެ ހިތުގައި ވަކިއަޅާ ނޮޅަމުން ދިޔައެވެ.
ޚިޔާލުގެ ކަނޑުގައި ބެހެމުން ދިޔަ ޖަޒްލާ އަށް ހޭވެރިކަން ވީ މަންމައާއި ނިއަމްގެ އަޑު އިވުމުންނެވެ. އެމީހުން ނިކުންނަން އުޅެނީކަން އިނގުމާއެކު އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަން ްޖަޒްލާ މަސައްކަތް ކުރިއެވެ. ފުންކޮށް ދެތިން ނޭވާލުމަށްފަހު ޓީވި އާއި ދިމާލަށް ނަޒަރު ހުއްޓާލީ ޓީވީ ބަލާކަމަށް ހެދެން ވެގެންނެވެ.
އަނެއްދުވަހު ހެނދުނުގެ ވަގުތެވެ. ކްލާސްރޫމް ތެރެއަށް ވެރިވެފައިވީ ހަމަހިމޭން ކަމެވެ. ހިމޭނުން އިނދެ ޖަޒްލާ ވެސް މުދައްރިސް ކިޔަވައިދޭ ފިލާވަޅު އަޑު އަހަމުން ދިޔައެވެ.
މިއަދު ޖަޒްލާއަށް ކޮލެޖަށް އާދެވުނީ ތަނކޮޅެއް ލަހުންނެވެ. އެގެންކަމުން ޝަބާއަށް އޭނާއާއި ސުވާލު ކުރާނެ ވަގުތެއް ނުލިބުނެވެ. ޖަޒްލާ ދެކުނު ގޮތުގައި އެއީ އޭނާ އަށްލެއްވި ރަހުމަތެކެވެ. ޝަބާ އެސުވާލު ކުރިނަމ ދޭނެ ރަނގަޅު ޖަވާބެއް އޭނާފެ ސިކުނޑިއަކަށް ނައީހެވެ. އެކަމާ ވިސްނާ ވިސްނާ ވެސް އޭނާ މިހުންނަނީ ބޮގޮވާ ވަރު ވެފައެވެ.
“އެކްސްކިއުޒް މީ.”
ކްލާސްތެރެއަށް ވެރިވެފައިވީ މަރުފަދަ ހަމަހިމޭންކަން ފޫއަޅުވާއިލީ ފިރިހެންވަންތަ ޒުވާނެއްގެ އަޑުންނެވެ. ޝަބާ އާއި އީރަމް ހައިރާންވެފައި އެދިމާލަށް ބަލައިލި ނަމަވެސް ޖަޒްލާ އިސްވެސް އުފުލައެއް ނުލިއެވެ. މުދައްރިސް ހުއްދަދެއްވުމާ އެކު އޭނާ ކުލާހަށް ވަނެވެ. ކްލާސްރޫމްގެ އެކި ތަންތަނަށް އޭނަގެ ނަޒަރު ދަތުރުކޮށް ލިއެވެ. މުޅިކުލާހުގައިވެސް އެވަގުތު ހުރީ އެންމެ ހުސް ޖާގައެއް ކަމުން އޭނާގޮސް އެތަނުގައި އިށިންދެލިއެވެ.
ފޮތުގައި ނޯޓް ލިޔަން ހުރި ޖަޒްލާ އިސް އުފުލާ ބަލައިލީ އޭނާގެ ނޭފަތުގައި ޖެހުނު ފިރެހެން ސެންޓުގެ ސަބަަބުންނެވެ. ކައިރީގައި ހުރި ޒުވާނާ ފެނުމުން ޖަޒްލާގެ ދެލޯ ބޮޑުވިއެވެ. އަލަށް ވަން ޒުވާނާ އޭނަގެ ގާތުގައި އިނުމުންނެވެ. އޭނާގެ ފުރިހަމަކަން ލޯ ކުރިމަތިން ފެނުނު ހިނދު ޖަޒްލާގެ މޫނަށް ވެރިވީ އިންތިހާ ދަރަޖައިގެ ފޫހިކަމެވެ.
ޖަޒްލާގެ ނަޒަރު އޭނާއަށް ހުރިކަން އިހުސާސްކުރެވި އެޒުވާނާ އޭނާ އާއި ދިމާލަށް ބަލައިލިއެވެ.
“ހައި. އައިމް ފައުޒާން.”
އެޒުވާނާ ހިނިތުންވެލިއެވެ. ކަޅި ޖަހައިނުލައިނއެޒުވާނާ އަށް ބަލަހައްޓައިގެން ހުރެވުނުކަން ޖަޒްލާ އަށް ރޭކާލީ ދެނެވެ. އޭނާގެ ކޯތާފަތަށް ލޭ ތައް ޖަމާވާން ފެށިއެވެ. ދެން އޭނާ ނަޒަރު ހުއްޓާލީ އޭނާގެ ދެއަތްތިލައަށެވެ.
ފަރުވާތެރި ކަމާއެކު ޖަޒްލާގެ ހަރަކާތްތައް ބަލަން ހުރި ފައުޒާން ގެ ދެތުންފަތް ދެމިލީ ލާނެތް ހިނިތުން ވުމަކުންނެވެ. ޖަޒްލާ ގެ މޫނަށް ބަލަން ހުރިއިރު އޭނާގެ ލޭގެ ހިނގުން އަވަސްވަމުން ދިޔައެވެ. މި ހޫރެއް ފަދަ ކުއްޖާ އޭނާ އަށް ޖެއްސީ ކޮންކަހަލަ ޖާދުލެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. މި ރީތި ޕަރީ ސިފަކުރާނެ ލަފްޒެއް ހޯދުމަށް އޭނާގެ ސިކުނޑި އަތްފުނާ އަޅަމުން ދިޔައެވެ.
ފައުޒާންގެ ޚިޔާލީ ވާފަށް ކެނޑިގެންދިޔައީ ކްލާސް ނިމޭ ބެލްގެ އަޑުންނެވެ. ބެލްޖެހުމާ އެކު ލަސނުކޮށް ޖަޒްލާ ބޭނުންވީ އެތަނުން ދިޔުމަށެވެ. މިހުރިހާ އިރު ވެސް އޭނާ ހުރީ ފައުޒާންގެ ތޫނު ބެލުމުގެ ސަބަބުން އުނދަގޫ ވެފައެވެ. އަވަހަށް ކުލާހުން ނިކުމެގެން ދިޔަ ޖަޒްލާ އާއި އެއްވަރު ކުރުމަށް އޭނާގެ ފަހަތުން އީރަމް އަދި ޝަބާ އައީ ދުވެފައި ކަހަލަ ގޮތަކަށެވެ.
“ޖޭޒް މަޑުކޮށްބަލަ. ”
އީރަމް ގޮވައިލިއެވެ. މިހެން އެކުވެރިންނާއި ފިލައިގެން އުޅުމަކީ ހައްލެއް ނޫންކަން އޭނާއަށް ވެސް އެނގެއެވެ. މުޅި ކޮލެޖުންވެސް އޭނާއާއި އެންމެ ގާތް ދެ އެކުވެރިންނާއި ގުޅުން ކަނޑާލާނީ ކިހިނެތް ހެއްޔެވެ؟
ފުންނޭވާއެއް ދޫކޮށްލި ޖަޒްލާ ހިނގުން މަޑު ކޮށްލީ އެކުވެރިންގެ ސުވާލުތަކަށް ސިކުނޑި ތައްޔާރު ކުރަމުންނެވެ.
“ޖޭޒް ހިނގާބަ ބެންޗަށް. އެބަ އޮތް ވަަރަށް ބޮޑު ސުވާލެއް އަހަން ވެފަ.”
ޝަަބާގެ ޖުމްލައިން ޖަޒްލާގެ ހިތް ނުތަނަވަސް ވިއެވެ. ޗާބީ ދީފައިވާ ބުދެއް ފަދައިން އެދެ ކުދިންގެ ފަހަތުން އޭނާ ހިނގާފައި އައެވެ. އޭރު ވެސް އޭނާ ހިތާހިތާ ދުޢާ ކުރަމުން ދިޔައީ މިއުނދަގޫ ދަނޑިވަޅުން ސަލާމަތް ވާނެ ގޮތެއް ދައްކަވާތޯ އެވެ.ތިން އެކުވެރިން ގޮސް އިށިންނީ ސްކޫލުގެ އެއްފަރާތުގައި ހުރި ބެންޗެއްގައެވެ. ކައިރީގައި ހުރި ބެންޗު ގައި ވެސް މީހަކު ނެތެވެ. އެހެންކަމުން އެކުދިންނަށް ވާހަކަ ދައްކަން މިނިވަން ކަން ލިބިފައި އޮތެވެ.
” ޖޭޒް އިއްޔެ ފިހާރައިން ދިމާވި އިރު ޖޭޒް އުރައިގެން ހުރީ ކޮން ކުއްޖެއްތަ؟”
ޖަޒްލާ ބިރުން އުޅުނު ހަގީގަތް އައިސް އޭނާގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. އަބަދަށް ފޮރުވަން ބޭނުންވި ސިއްރު އެކުވެރިންނަށް ހާމަ ކުރަން ވީ ވަގުތު އައިސް ޖެހިއްޖެއެވެ.
One Comment
Comments are closed.
Masha Allah ❤️❤️❤️
Vrh Sali mi part vxxx ❤️❤️❤️
Dhn in part ah vrh curious koh waiting ingeyyy❤️❤️❤️❤️❤️❤️❤️❤️
Keep it up ❤️❤️❤️
Love u ❤️❤️❤️
Stay safe ❤️❤️❤️and tvgc❤️❤️