ދުވަސްތައް ހޭދަވަމުން ދިޔަވަރަކަށް ދިރިއުޅުން މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔައެވެ. އީރާއަށް ތިން އަހަރު ފުރުނީ އިޖާޒް ނިޔާވިތާ އެއް އަހަރާއި 6 މަސް ވީ ދުވަހުއެވެ. އީރާގެ ދެވަނަ އުފަންދުވަހުގެ ޕާޓީ ބޭއްވުމަށް އީރާގެ ދެ މާމަ އާއި ކާފަވެސް ނުހަނު ބޭނުން ވެފައި ތިބުމާއި އެކު އެކަމަށް އހަރެން ދެކޮޅު ހަދާކަށް ބޭނުމެއް ނުވިއެވެ. ދެ އާއިލާގެ ވެސް ގާތްތިމާގެ މީހުންނާއި ކުޑަ ކުދިންނަށް ދަޢުވަތު ދީގެން ބައްޕަ ގެ ރެސްޓޯރެންޓްގައި ޕާޓީ ބޭއްވުމުގެ ތައްޔާރީތަށް ވަމުން ދިޔައެވެ. އެ ހުރިހާ ކަމެއްގައިވެސް އެންމެ އިސްކޮށް އުޅުނީ ލައިތްއެވެ.

ޕާޓީގެ ކަންކަން ކުރިއަށް ދިޔައިރުވެސް އިޖާޒް މަތިން ވަރަށް ހަނދާންވިއެވެ.  އިޖާޒް ދުނިޔޭގައި ހުރިނަމަ އޭނާ އުޅޭނޭގޮތް ސިފަ ކުރެވެއެވެ. އެގޮތަށް އިޖާޒްގެ ހަނދާންވާ ކޮންމެ ފަހަރަކު އިޖާޒްއަށް ހެޔޮ ދުޢާކުރުން ނޫން އިތުރުކަމެއް އަހަރެމެންނަށް ކުރެވޭނޭހެއްޔެވެ.

މިވީ ދުވަސްތަކުގައި އަހަރެންގެ މައިން ބަފައިންވެސް އަދި އިޖާޒްގެ މައިންބަފައިންވެސް އަހަރެން ދެވަނަ ކައިވެންޏެއް ކުރުމަށް  ނަސޭހަތްތެރިވެއެވެ. އޭގެން ކޮންމެ ފަހަރަކުވެސް އަދި ކައިވެންޏެއް ކުރަން ބޭނުން ނުވާކަމުގައި އަހަރެން ބުނެ އެ ތަނަކުން ތެދުވެގެން ދަނީއެވެ. އަހަރެންނަކީވެސް ހުރިހާ ހިއްސެއް ފުރިހަމަ  ޒުވާންކަމުގެ ލޭ ހިނގާ އަންހެން ކުއްޖަކަށްވުމާއި އެކު އާ ހަޔާތެއް ފަށަން އަހަރެންވެސް ބޭނުންވެއެވެ. ނަމަވެސް އަހަރެންގެ އެހާ ހިތްވަރު ނެތީއެވެ. އިޖާޒްއަށް ބޭވަފާތެރިވެވޭކަމުގެ އިހްސާސްކުރެވޭތީއެވެ.  އިޖާޒްގެ މައިންބަފައިން ހިތް ހަމަ ނުޖެހިދާނެތީއެވެ. މީހަކާ އިނަސް ދެން ލައިތް ނޫން އެހެން މީހަކާ އިންނަން ބޭނުން ނުވާތީއެވެ. ލައިތް އާއި އިނދެފިނަމަ އަހަރެންގެ އާއިލާ އަދި އިޖާޒްގެ މައިންބަފައިންވެސް ހިތަށް އަރާފާނެ އެއްޗަކާއި ދޭތެރޭ ބިރުގަންނަނީއެވެ.

އާދައިގެމަތިން ރޭގަނޑުގެ ކެއުން ނިންމާލުމުމަށްފަހު އިޖާޒްގެ ބައްޕައާއި މަންމަ އެކު އަހަރެންވެސް އިނީ އުނދޯލީގައި ދުފާލާށެވެ.އެކި ވާހަކަ ދައްކަމުން ގޮސް މައުލޫ ބަދަލުވީ އަހަރެން މީހަކާ އިންން ވާހަކައަށެވެ.

” ދަރިފުޅުދެން އެކަނި ތިހެން ޒުވާން އުމުރު ނަގާލާތީ ބައްޕަމެން ކަންބޮޑުވޭ. އިޖާޒް ނިޔާވިފަހުންވެސް ދޮޅު އަހަރުވީ. އަދިވެން މީހަކާ ވާހަކަ ދައްކާލާ އާ ދިރިއުޅުމެއް ހޯދުމަށް ވިސްނަނީއެއް ނޫންވިއްޔަ. އީރާވެސް ބައްޕަ އެއްގެ ލޯބި ބޭނުންވާނެ އެއްނު.” އަހަރެން ބޮލުގައި ފިރުމާލަމުން ލޯތްބާއިއެކު އިޖާޒްގެ ބައްޕަ ވާހަކަ ދެއްކިއެވެ.

“އީރާގެ ކާފަމެން ތިތިބީ ނު. އީރާއަށް އެއްވެސް އެއްޗެއް މަދެއް ނުވާނެ. އަހަރެން މީހަކާ އިންނަ ޚިޔާލެއް ނުކުރަން އަދި” އަބަދުވެސް ދޭ ޖަވާބު އަހަރެން ދިނީމެވެ.

“މަންމަ އަށްވެސް ޔަޤީން އިޖާޒްވެސް ބޭނުންވާނީ ދަރިފުޅު އާ ދިރިއުޅުމެއް ފަށަންކަން. މިއީ ދުނިޔެއޭ ދަރިފުޅާ. ތިހެން އުމުރު ހުސްކޮށެއް ނުލެވޭނެ. ދަރިފުޅުމެންގެ މައިންބަފައިންވެސް ބޭނުމެއް ނުވާނެ އުމުރު ދުވަހު ތިހެން ހުވަފަތް ވެފަ މިގޭގަ އިންނާކަށް” އިޖާޒްގެ މަންމަ އެބުނީ ތެދެއްކަން އަހަރެންނަށްވެސް ވިސްނެއެވެ.

” މަންމަމެން ބޭނުމިއްޔާ ގެއަށް އަހަރެން ބަދަލުވެދާނަން.” އަހަރެން އެހެން ބުނީ އެއީ އިޖާޒްގެ މައިންބަފައިން ބޭނުންވާގޮތް ނޫންކަން އެނގިހުރެއެވެ.

“އެހެނެއް ނޫނޭ މިބުނީ ދަރިފުޅާ! ދަރިފުޅުގެ ޒުވާން އުމުރު ތިހެން އެކަނި އިނދެ ގެއްލުވާލާތަން ބަލަން މަންމަމެންވެސް ބޭނުން ނުވާތީ. މަންމަ އަށް އިނގޭ ދަރިފުޅުގެ މަންމަމެން އެ ވާޙަކަ މާބޮޑަށް ނުދައްކާނެކަން. އެއީ އަހަރެމެން ދެ މަފިރިން ދެރަވެދާނެތީކަން. އެކަމަކު އެ ދެމީހުން ވިސްނާނޭވަރުވެސް މަންމަމެންނަށް އެނގޭ”
” މި ރަށުގަ ނެތެއްނު އަހަރެން އިންނާނޭ ކަހަލަ މީހެއް. މަންމަމެން ދެން ހޯދަބަލަ އަހަރެންނާ އިދެގެން މިގޭގަ ދިރިއުޅޭނެ މީހެއް. އޭރުން އަހަރެން ވިސްނާނަން”  އަހަރެންނަށް ޔަޤީންވާކަމަކީ ކޮންމެ މީހަކުވެސް ކައިވެނި ކުރުމަށްފަހު އަނބިމީހާ އަމިއްލަގެއަށް ނުވަތަ ދިރިއުޅުމަކަށް ގެންދަން ބޭނުންވާނެކަމެވެ.

“ބައްޕަ ވިސްނައިފީމޭ. ހަނިމާދޫ ބޯޓް ދުއްވާ ފިރާޤު ގެ ހަގު ފިރިހެން ދަރިފުޅު އެހަކަށް ދުވަހަކު އެއައީ ޑޮކްޓަރުކަން ކިޔަވައިގެން. ފިރާޤުއެހި ދަރިފުޅު ބައްޕަ ކައިރީގައި ދަރިފުޅު ދެން މީހަކާ ނުދެވާނަންތޯވެސް. އެސޮރުވެސް ކައިވެންޏެއްކޮށްގެން ކިޔަވަންގޮސް ހުއްޓަ ޔޯ އަންހެނުން ވަރިވާން ބޭނުންވެގެން ވަރިކުރީ. މި ބައި އެހަދަނީ އެ ސޮރަށޯ.”ޖެހިގެން ހުރިގޭގެ ހަދާ ނިމެންކައިރިވެފައި ހުރި ޢިމާރާތަކަށް އިޝާރަތްކޮށްފައި އިޖާޒްގެ ބައްޕަ ވާޙަކަ ކުރިއަށް ގެންދިޔައެވެ.

“ބައްޕައަށް ފެނޭ ދެރިފުޅު އެކަމާ ވިސްނާލަން. ގެއާއިވެސް ކައިރި. ބޭނުން އިރަކުގެއަށް އައިސް އުޅެވޭނެ. އަނެއްކާ އެ ސޮރުވެސް އެއީ ނުލާހިކު ބަސްއަހާ އަޚުލާގު ރަނގަޅު ސޮރެއް.”

“އަހަރެން އެކަމާ ވިސްނާފަ ބައްޕަ ކައިރީ ބުނާނަން” އިތުރަށް އެވާހަކަ ދައްކާ އަޑު އަހަން އަހަރެން ބޭނުންނުވުމުން އިންތަނުން ތެދުވެހިނގައިގަތީމެވެ.

“ސާބަސް. އަނެއްކާ އެ މަންޖެ ރުޅި އައީކަންނޭގެ” އިޖާޒްގެ މަންމަ ބުނެލިއެޑުއިވުނެވެ. ނަމަވެސް އެކަމަށް ސަމާލުކަމެއްނުދީ ކޮޓަރިއަށްގޮސް ވަނުމަށްފަހު ދެކުވުނު ހުރިހާ ވާޙަކަތަކެއް ލައިތްއަށް މެސެޖްކުރީމެވެ.

“ދެން އިނދޭ އަވަހަށް” ލައިތްގެ މެސެޖް ވަރަށްވެސް ކުރެވެ. އެ މެސެޖް ކިޔާލުމުންވެސް އަހަރެން އިންތިހާއަށް ރުޅިގަދަވިއެވެ. ފޯނު ބާރަށް އެނދުމައްޗަށް އެއްލުމަށްފަހު އެނދުގައި ޖައްސާލީމެވެ.

ބައްޕަ އެ ބުނި ފިރާޤުބެގެ ހަގު ފިރިހެންދަރިއަކީ އަހަރެންނަށްވުރެ 2 އަހަރު ބޮޑު ކުއްޖެކެވެ. ދޮން މެންނާ އެއްކުލާހެއްގައި ކިޔަވަން އުޅުނު ޒަޢީމުއެވެ. އެއީ އެ އަހަރުގެ ސްކޫލް ކެޕްޓަނެވެ. އަޚްލާގާއި އުޅުން ކިތަންމެ ރަނގަޅަސް ދެން ލައިތް ނޫން އެހެން މީހަކާއި އަހަރެން އިންނަން ބޭނުމެއް ނޫނެވެ.

އިޖާޒްގެ ބައްޕަމެން އެވާހަކަ ދެއްކިތާ ދެތިން ދުވަސްވެގެން ދިޔައިރުވެސް އެވާހަކަ އިތުރަށް އެއްވެސް މީހަކު ނުދައްކައެވެ. އެހެންކަމުން އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނުވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ހޭދައެއްނުވިއެވެ. އެއްދުވަހެއްގެ މެންދުރު ބައްޕަ ގުޅާފައި ގެއަށް އައިސްދިނުމަށް އެދުނެވެ. ބައްޕަ އެހެން ބުނުމާއިއެކުވެސް އަހަރެންގެ ހިތް ތެޅެން ފެށިއެވެ. ކޮންމެވެސްކަމެއް ގޯސްވާން އުޅޭހެން އަހަރެންނަށް އިހްސާސްކުރެވުނެވެ. ބައްޕަ ބުނިގަޑިއަށް އަހަރެންގެއަށް ދިޔައިރު މަންމައާއި ބައްޕަ ސޯފާގައި ތިއްބެވެ. އަހަރެންގޮސް ގެއަށް ވަނުމާއިއެކު މަންމަ އީރާ ގޮވައިގެން ބޭރަށް ނުކުތެވެ.

“ދަރިފުޅާ މިތާ އިށީނދެބަލަ” ޖެހިގެން ހުރި ސޯފާގައި އަހަރެން ގޮސް އިށީނީމެވެ.

“ދަރިފުޅަށް އެނގޭނެ މަންމަ އާއި ބައްޕަ އަދި ދޮންވެސް ދަރިފުޅު ދެކެ ލޯބިވާވަރު. ބައްޕަމެންނަކީ ދުވަހަކުވެސް ތީގެން ކުއްޖެއް ކައިރީ ކަމަކު ކީ ބައެއް ނޫން. ދަރިފުޅުމެން ބޭނުންވާގޮތަކަށް މިހާތަނަށްވެސް ދިރިއުޅުން ބައްޓަން ކުރަމުން ތި ގެންދަނީ. އެކަމަކު ބައްޕަ ބޭނުން ދަރިފުޅު ކައިރީ ވަރަށްބޮޑު ކަމަކު ކިޔަން. އެއީ ދަރިފުޅާ އީރާ އަދި ބައްޕަ މެންގެވެސް އުފަލަކަށް”

ބައްޕަ ޥާހަކަ ދައްކަމުން ގެންދިޔަ އިރު އަހަރެންގެ މޭ އޮބި ނޯންނަހާ ބާރަށް ތެޅެން ފަށައިފިއެވެ. ޔަޤީނުންވެސް އެއުޅެނީ މީހަކާ އިންނަން ބުނަންކަން ޔަޤީންވިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލައިގެން އަހަރެން އިނީމެވެ.

“ދަރިފުޅު ދެވަނަ ކައިވެންޏެއް ކުރަން ބައްޕަމެން ވަރަށް ބޭނުން. މިއީ ދަރިފުޅު ކައިރިން އެންމެ ފުރަތަމަ އަދި އެންމެ ފަހުކަމަކަށްވެސް ބައްޕަ އެދޭނެކަން. ވަރަށް ރަނގަޅު ކުއްޖެއް ދަރިފުޅުގެ ކައިވެންޏަށް އެދި އެއައީ. އިޖާޒްގެ ބައްޕަމެންވެސް ވަރަށް ޤަބޫލު. ދެން އޮންނާނީ ދަރިފުޅުމެން ވާހަކަ ދައްކާލުން. ދެމީހުން ވާހަކަ ދައްކާލާފައި ދެމީހުންނަށް އެކަކު އަނެކަކު ކަމުދަންޏާ ބައްޕަ އެދެން މިކަމަށް އާބަސް ބުނަން.” އަހަރެން ބައްޕަގެ އެދުމަށް ޒަޢީމު އާއި ޖެހިގެން އަންނަ ރޭ ރޭގަނޑު ބައްދަލުކުރަން އެއްބަސްވީ އަހަރެންގެ އަމިއްލަ ޕްލޭނެއް ހިތުގައި ރާވާލަމުންނެވެ. އަހަރެން އޭނާ އާއި ބައްދަލުކޮށް އާދޭސް ކުރާނަމެވެ. ކައިވެންޏަށް ނޫނެކޭ ބުނެދޭން އެދޭނަމެވެ. އިޖާޒްގެ މައިންބަފައިން ދޫކޮށް ދިރިއުޅުން ބަދަލު ނުކުރެވޭނޭކަމާއި އިޖާޒްގެ ވަސިއްޔަތްވެސް ބުނެދޭނަމެވެ. އޭނާ ކައިވެންޏަށް ނޫނެކޭ ބުނަންދެން އެކި ޢުޒުރުތައް ދައްކާނަމެވެ. އަހަރެން ތެދުވަނިކޮށް ފޯނަށް މެސެޖްއެއް އައުމުން ބަލާލީމެވެ. މެސެޖްގައި އިނީ ހެޕީ ފޭސް އިމޯޖީއެކެވެ.

“އާނއެކޭ ބުނީ. ދެން ބާރަށް ހީ” ޖަވާބުގައި އަހަރެން އެހެން ބުނީ ލައިތް އެ މެސެޖްކުރީ އަހަރެން ޒަޢީމުއާއި އިންނަން އެއްބަސް ނުވީކަމަށް ހިތަށް އަރާފައިކަން ޤައިމުވީމައެވެ.

(ނުނިމޭ)

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!