
ނިކަން ލޯބިން-33
“ޔާ! ތީ މީހަކަށް ލިބޭނެ އެންމެ މާތް ވަފާތެރި ތެދުވެރި އަތްބެއް. އަހަރެންނަށް ޔަޤީން އިޖާޒްއަށްވެސް އެނގޭނެއެކަން. ޤައިމުވެސް އަހަރެންނަށް އެނގޭ އިޖާޒް އާއި އިނުމަށްފަހު ޔާ އަހަރެންނާ ދުރުވާން މަސައްކަތްކުރިވަރު. އަތްބެއްގެ ހައްޤުތަށް ޔާ އަދާކޮށްދޭނެކަމުގެ ކުޑަވެސް ޝައްކެއް އަހަރެން ނުކުރަން. އީރާވެސް އެއީ އޭގެ ހެއްކެއް. ޔާ އަމިއްލަ އަމިއްލަ އަށް މޮޅެތި ވިސްނުންތައް ވިސްނާލައިގެން ނިންމިކަމަކަށްވިޔަސް، އެކަމުގަ ޔާ ސާބިތުވެހުރި. ވެދާނެ ޔާ އިޖާޒް އާއި އިނުން އެއީ ތަޤުދީރުގައި ލިޔެވިފައި އޮތްގޮތްކަމަށް. އިޖާޒްގެ ކުރުޢުމުރު ތިކަހަލަ ރަނގަޅު ކުއްޖަކާއެކު ހޭދަ ކުރަން ލިބުނީތީ އިޖާޒް އުފާކުރާނެކަން ޤައިމު. އިޖާޒްވެސް ބޭނުންވާނީ އާޔާއާއި އީރާ އުފަލުގައި އުޅޭތަން ދެކެން.” ލައިތް ވާހަކަ ދައްކަމުން ދިޔައީ ނުހަނު ލޯބިންނެވެ.
” އަން. މި ކާލަބަ ޕްލީސް. އަހަރެންނަށް ޔަޤީން އާޔާ ނުލާހިކު ބަނޑުހައިވާނެ. އަނެއްކާ ފީޑް ކުރާއިރު އީރާއަށްވެސް ވިސްނާލަންވާނެއެއްނު” ލައިތް ދިއްކޮށްލި ސޭންޑްވިޗްގައި ހިފީމެވެ. އަދި ކަރުނަތަށް ފޮހެލުމަށްފަހު ލަސްލަހުން ކާން ފެށީމެވެ.
ހަޤީގަތުގައިވެސް ހިތުގެ އުދާސްތައް ބޭރުކުރުމަކީ ހިތަށް ހަމަޖެހުން ގެނުވައިދޭ ކަމެއްކަން އަހަރެންނަށް އިހްސާސްކުރެވުނެވެ. އިޖާޒް ނިޔާވި ވަގުތުން ފެށިގެންވެސް އަމިއްލަ ނަފްސު ކުށްވެރު ކުރެވެމުން ދިޔައީ އިޖާޒް ދެކެ އަހަރެންނަށް ލޯބި ނުވެވުމުންނެވެ. އަދި އެކަން އިޖާޒްއަށް އެނގޭތީއެވެ. އަހަރެން ލޯބިވެޔޭ ބުނާ އަޑު އަހާލަން އިންތިޒާރުގައި ހުރި އެ އަޑު ނީވި މި ދުނިޔެއާއި ވަކިވުމުންނެވެ. ނަމަވެސް ތެދެކެވެ. ކައިވެންޔަށް ހޭނަން ކުޑަ ދުވަސްކޮޅެއް ނެގިނަމަވެސް ފަހުން އިޖާޒްގެ ހުރިހާ ކަމެއް އަހަރެން ކޮށްދިނީމެވެ. އިޖާޒްގެ ހުރިހާ އެދުންތަކަކަށް އެންމެ ފުރިހަމައަށް ކިޔަމަންވެ ބޯލެނބީމެވެ. ހަމަ އެކަނި ތަފާތަކީ އެހެން ލޯބިވެރިން އުޅޭ ފަދަ “ގުރާ ޖޯޑެއް” ހެން ލޯބި ލޯބިން ނޫޅުމެވެ. ނަމަވެސް އުފަންދުވަސްތަކުގައި ހަދިޔާ ދީ ހެދުމާއި ކައިވެނީގެ އެނިވާސަރީ ފާހަގަ ކުރުން ފަދަ ކަންކަންވެސް ކުލަގަދަ ނޫނަކަސް އަހަރެމެން ކުރީމެވެ. ހިޔާލުތަކުން ބޭރުވީ އީރާ ރޯން ފެށިއަޑަށެވެ.
” ތި ކައި ނިންމާ. އަހަރެން އީރާ ނަގާނަން” ތެދުވަން ފެށުމުން ލައިތް އަހަރެން ކޮނޑުގައި ހިފާ އަނެއްކާވެސް ސޯފާގައި ބޭންދުމަށްފަހުގޮސް އީރާ އުރާލިއެވެ.
” ތީނދަ ހޮޓް ބޭގް ތެރޭގަ އިންނާނެ ބުއްފުޅި ހަދާފަ” ކުރެހިފައި ވާއަޑަކުން އީރާގެ ބުއްފުޅި އިންތަން ބުނެދިނީމެވެ. ލައިތް ބުއްފުޅި ނަގާ އީރާއަށް ޖެއްސުމާއިއެކު ހުއްޓާލިއެވެ. އަދި އެނދުގައި ބާއްވާ މަޑުމަޑު ރާގެއް އަޅުވާލިއެވެ. އެތަން ބަލަން އިރުކޮޅަކު އިނުމަށްފަހު ވެފައި ހުރި ވަރުބަލަން ސޯފާގައި ލެނގެލިތަނުން އަހަރެންނަށް ނިދުނެވެ. އަހަރެންނަށް ހޭލެވުނީ އަނެއް ދުވަހުގެ 8 ވެސް ޖެހިފަހުންނެވެ. ފުންމައިގެން ތެދުވި އިރު އަހަރެންނަށް އޮވެވުނީ އަހަރެންގެ އެނދުގައެވެ. އެތަނަށް އަހަރެން ދިޔަ އިރެއް އަދި ގޮތެއްވެސް ހަނދާނަކަށްނައެވެ. އަވަސް އަވަހަށް އީރާގެ އެނދާއި ދިމާއަށް ދިޔައިރު އީރާވެސް ނެތެވެ. އެ ހުރިގޮތަށް ދުވެފައި ބޭރަށް ނުކުތްއިރު ގޯތި ތެރޭގައި އިން އުނދޯލީގައި ބަފައިބެ އީރާ އާއިއެކު ކުޅެން އިނެވެ. މައިދައިތަވެސް ކައިރީގައި އިނެވެ.
“އަނހަ. ދަރިފުޅާ ހޭލެވުނީތަ؟ ދަރިފުޅު ނިދާފަ އޮތީމާ ނުގޮވާންވެގެން އީރާ ނެގީ. ފެންވަރުވާ ސައިދީ ހަދާފަ މީނދީ. ދޭ ދަތް އުނގުޅާލައިގެން ސައިބޯން އަންނަން. މަންމަ މިއަދު ހުންނާނެ މަސްކުރޮޅި ހަދާފަ” މައިދައިތަ އަހަރެންނާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ.
އަހަރެން އެނބުރި ކޮޓަރިއަށްވަނީ ކުޑަކޮށްލަދުގަނެފައި ހުރީމައެވެ. މީހަކާއި އިނދެގެން ފިރިމީހާ ގެއަށް ބަދަލުވިފަހުން މިހާ ލަސްވަންދެން އަހަރެން ނިދާކަށް ނޯންނަމެވެ. ނަމަވެސް ހޭލެވުނު އިރު ހިތްހަމަ ޖެހުމެއް އިހްސާސްކުރެވުނެވެ. ހުވަފެނުން އިޖާޒްވެސް ނުފެނެއެވެ. އެހާ ގިނައިރު ނިދުނީވެސް އެހެންވެގެން ކަންނޭގެއެވެ. ކިތަންމެ ލަސްވި ނަމަވެސް ފެން ވަރައިގެން ނުކުމެ ފަތިސް ނަމާދުކޮށްލީމެވެ. އަދި ބޭރަށް ނުކުމެ ބަދިގެއަށްވަދެ ސައިވެސް ބުއީމެވެ. މަންމަ ބަދިގެއަށް އައިސްވަނީ އަހަރެން ސައިބޮއެގެން ތަށިތަށް ދޮންނަން ހުއްޓައެވެ.
“ކޯންޗެއް މިއަދު މެންދުރަށް ތައްޔާރުކުރާނީ؟” މަންމަ ބަދިގެއަށް ވަންނަމުން އަހާލިއެވެ.
“ކުކުޅު ފިހެފަ މުގުރިހަ ކައްކަމާ ” އަހަރެން ހިޔާލެއް ދިނީމެވެ.
” ދަރިފުޅު ބައްޕަ ގެނައި އަނބުތަކެއްވެސް ވެއްޖެ.ގޭގަހުން މިއަދު އަނބު ބިނިއްޔޯ. އޭގަ ފަނި ގިރަންވާނެ”
ގިނަ ދުވަސްތަކަކަށްފަހު އަހަރެންނާއި މައިދައިތަ އާއި ދެމީހުން އެކީގައި މެންދުރަށް ކެއުން ތައްޔާކުރީމެވެ. ބަދިގޭގައި އުޅުނު އިރުވެސް އެކި ވާހަކަ ދެއްކީމެވެ. އެހެން ދުވަސް ދުވަހު އިޖާޒް ގެ ވާހަކަ ދެއްކުމުން އުނދަގޫ ވީ ނަމަވެސް އެ ދުވަހު އެކަހަލަ އިހްސާސްއެއް ނުކުރެވެއެވެ.
މެންދުރަށް ކައްކާ ނިންމުމަށްފަހު އީރާއަށް ކާންދީގެން ނިންދެވުމަށް ކޮޓަރިއަށް ވަނީމެވެ. އަދި އެނދުގައި ޖައްސާލުމަށް ފޯނު ނަގައި ލައިތް ގެ ނަންބަރު އަންބްލޮކް ކޮށްލުމަށްފަހު “ހައި” ޖަހާލީ ލައިތް އަދިވެސް ގެންގުޅެނީ އެ ނަންބަރުކަން ޔަޤީން ނުވާތީއެވެ.
މެސެޖް ފޮނުވާލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރިޕްލައި އައެވެ.”އޮހް މައި ގޯޑް! ޔޫ އަންބްލޮކްޑް މީ.އަހަރެން ހީކުރީ ދެން ދުވަހަކުވެސް އަން ބްލޮކް ނުކުރާނެކަމަށް” މެސެޖް ކިޔާލުމުން އެއީ ލައިތްކަން އަހަރެންނަށް ޔަޤީން ކުރެވުނެވެ.
“ޖަސްޓް ވޯންޓެޑް ޓު ސޭ ތެންކިޔު” އަހަރެންވެސް ޖަވާބު ފޮނުވާލީމެވެ.
” ޝުކުރު އަދާކުރާކަށް ނުޖެހެޔޭ! އާޔާ ހަމަ ޖެހިގެން އުފަލުގަ އުޅޭތަން ދެކެން ބޭނުމީ. އަނެއްކާ އާޔާ ގަދަވެ ސަލާމަތުން ހުރެގެން ދޯ އަހަރެން އިންނާނެ މީހެއް ވާނީވެސް” ލައިތް ގެ ޖަވާބުންއަހަރެން ކުޑަކޮށް ހިތް ނުތަނަވަސް ވިއެވެ.
” އަހަރެން އަދި މީހަކާ އިންނާކަށް ބޭނުމެއް ނޫން. އަދި އިޖާޒް ނިޔާވިތާ މާ ގިނަ ދުވަސް ތަކެއްވެސް ނުވޭ. އެކަހަލަ ކަމަކާ އަހަރެންނަށް ވިސްނަން ނުވެސް ކެރޭނެ” އަހަރެން ވިސްނާ ނުލާ ހިތަށް އައިގޮތަށް މެސެޖް ލިޔެފައި ފޮނުވާލީމެވެ.
“ކާކު ބުނީ އަހަރެން އިންނަނީ އާޔާ އާއޭ! ބަލަ އަހަރެން އިންނާނެ މީހެއް ހޯދަން ހަވާލުކުރީ އާޔާ އަކާ ނު! އެވާހަކައޭ މި ބުނީ. އެކަމަކު ގުޑް ޓު ނޯ ކޮންމެސް ދުވަހަކުން އަހަރެންނަށް އާޔާ ލިބުމުގެ އުންމީދުއާ ކޮށްލަ ދިނީތީ” ތެދެކެވެ. ލައިތް އިންނާނޭ މީހަކު ހޯދަދޭން އަހަރެންނާ އޮތީ ހަވާލުކޮށްފައެވެ. ލަދުގަތުމާއިއެކު އަވަހަށް ފޯނު ބޭއްވުމަށްފަހު ބޭބީ މޮނިޓަރ ހިފައިގެން ބޭރަށް ނުކުމެލީ މައިދައިތަ އުނދޯލީގައި އިންތަން ކުޑަ ދޮރުން ފެނުނީމައެވެ.
އިޖާޒް ނިޔާވުމަށްފަހު އިޖާޒްގެ މައިންބަފައިންނާއި އީރާއަށް ޚާއްޞަ ގާތްކަމެއް ލައިތް ބަހައްޓާކަން އަހަރެންނަށް ފާހަގަކުރެވުނެވެ. އޮފީސް ނިންމާފައި ހަވީރު އަންނަ ގޮތަށް އީރާ ގޮވައިގެން ދުއްވާލަން ދެއެވެ. އެހެންކަމުން ފަހުން ފަހުން އައިސް ލައިތް ނިންމާފައި އަންނާނޭ ގަޑިއަކަށް އީރާވެސް ހުންނީ އިންތިޒާރުގައެވެ. ލައިތް ފެންނައިރަށް ” ދާދާ” ގޮވަމުން ލައިތް ފަހަތުން ދުއްވައިގަނެއެވެ. “ދާދާ (ޑާޑާ)” އަކީވެސް ލައިތް އީރާއަށް ދަސްކޮށްދިންނަމެކެވެ. އީރާ އިޖާޒް ފެންނަ އިރަށް “ދެދީ” (ޑެޑީ) ކިޔަން ފެށުމުން ލައިތްއަކީ ޑެޑީ ނޫންކަން އެ ކުޑަކުޑަ ދަރިފުޅަށް ކިއާދޭނެ ގޮތެއް ނޭނގުމުން ޑާޑާ ދަސްކޮށްދީގެން އެނަން އާދަކުރުވީއެވެ. އުމުރުން ކިތަންމެ ހަގު ނަމަވެސް ބައްޕަ އެއްގެ ލޯބި އީރާއަށް އުނި ވާނެކަން އަހަރެމެންނަށް އިހްސާސްކުރެވެއެވެ. އެގޮތުން އެ ލޯބި އީރާ އެ ހޯދަނީ ލައިތްގެ ފަރާތުންހެންވެސް ބައެއް ފަހަރު ހީވެއެވެ. އަހަރެންގެ މައިންބަފައިންވެސް އަދި އިޖާޒްގެ މައިންބަފައިންގެ ހިތުންވެސް ލައިތްވަނީ ޖާގައެއް ކަށަވަރުކޮށްފައިކަން ޤައިމެވެ. ދެ އާއިލާގެވެސް ފިރިހެން ދަރިއެއްގެ މަޤާމު މިވީ އަހަރެއްހާ ދުވަސްވަންދެން އަދާކުރަމުން އެދަނީ ލައިތްއެވެ. އަހަރެމެން ރަށަށް ވަޒީފާއަށް ބަދަލުވި ފަހުން ލައިތް ރަށަށް ދިޔައީވެސް އެންމެ ފަހަރަކު 5 ދުވަހަށެވެ.
ދުވަސްތައް ހޭދަވަމުން ދިޔަވަރަކަށް ދިރިއުޅުން މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔައެވެ. އީރާއަށް ތިން އަހަރު ފުރުނީ އިޖާޒް ނިޔާވިތާ އެއް އަހަރާއި 6 މަސް ވީ ދުވަހުއެވެ. އީރާގެ ދެވަނަ އުފަންދުވަހުގެ ޕާޓީ ބޭއްވުމަށް އީރާގެ ދެ މާމަ އާއި ކާފަވެސް ނުހަނު ބޭނުން ވެފައި ތިބުމާއި އެކު އެކަމަށް އހަރެން ދެކޮޅު ހަދާކަށް ބޭނުމެއް ނުވިއެވެ. ދެ އާއިލާގެ ވެސް ގާތްތިމާގެ މީހުންނާއި ކުޑަ ކުދިންނަށް ދަޢުވަތު ދީގެން ބައްޕަ ގެ ރެސްޓޯރެންޓްގައި ޕާޓީ ބޭއްވުމުގެ ތައްޔާރީތަށް ވަމުން ދިޔައެވެ. އެ ހުރިހާ ކަމެއްގައިވެސް އެންމެ އިސްކޮށް އުޅުނީ ލައިތްއެވެ.
(ނުނިމޭ)