
ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ
މާޒީގެ ހަނދާންތައް ސިކުނޑި އަށް ވެރިވުމުގެ ކުރިން ޖަޒްލާ ދެފަރާތަށް ބޯ ހޫރުވައިލިއެވެ. ގިނައިރު މަޑުކުރަން ނުހަދާ އެނދުން ތެދުވިއެވެ. ފާހަނާއަށް ވަން ޖަޒްލާ އަވަހަށްމޫނު ދޮވެލައި އިސްތަށިގަނޑު ވޫލްކޮޅަކުން އައްސައިލިއެވެ. ޖަޒްލާގެ ސިކުނޑި އަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުން ދިޔަ މާޒީގެ އެކި ހަނދާން ތަކުން ދުރު ވުމަށް އޭޏަ ބޭނުންވީ ކޮފީ އެއް ބޯލުމަށެވެ. ޖަޒްލާ ކޮފީ އެއް ހަދަން ވެގެން ކޮޓަރިން ނުކުތް އިރު ސޯފާގައި ޝިފާނާ ޓީވީ ބަަލަން ހުއްޓެވެ. ޓީވީ އިން ދައްކަމުން ދިޔައީ ކައްކާ ޕްރޮގްރާމެކެވެ.
“މަންމާ އަޅެ ޗީޒް ކޭކް ހަދާ ގޮތްތަ އެ ދައްކަނީ؟”
ޓީވީ އަށް ނަޒަރެއް ދިނުމަށްފަހު ބަދިގެއަށް ވަންނަން ދިޔަ ޖަޒްލާ އަހައިލިއެވެ.
“އާނ. ޓީވީ އިން ޗީޒް ކޭކު ހަދާގޮތް ދެއްކީމަ މި ހިތަށް އަރަނީ މިއަދު ނިމް ސްކޫލުން އަންނަން ވާއިރަށް ޗީޒް ކޭކެއް ހަދާލން ވިއްޔޭ. އެދުވަހު އަަލަމާރި އަށްލީ ޗީޒް ކޮޅު އަދި އޮންނާނެދޯ ދަރިފުޅާ”
ޖަޒްލާގެ ސުވާލަށް ޖަވާބުދެމުން ޝިފާނާ ސުވާލުކޮށްލިއެވެ.
“އެދުވަހުގެ ފަހުން އަދި ޗީޒް ލައިގެން އެއްޗެއް ނަހަދަން.އެހެންވީމަ އޮންނާނެ. މަންމަ ވެސް މިހާރު މޮޅު ޝެފަކަށް ވެއްޖެ ”
ޖަޒްލާގެ ޖުމްލަ ނިންމާލީ މަންމަ އާއި ސަމާސާ އެއް ކޮށްލައިފައެވެ.
“ހޫނ ދެން ގޯނި ފުލަށް ނުލިޔަސް ހެވޭ. ”
އެހެން ބުނެލި ޝިފާނާގެ އަނގައިން މަޑު ހުނުމެއްގެ އަޑު ބޭރުވިއެވެ.
ޖަޒްލާ ބަދިގެއަށްވަދެ ފެން ހޫނު ކުރާ ޖަގު ޖެއްސިއެވެ. އަދި ކަބަޑުން ކޮފީ ޕެކެޓެއް ނަގައި ކޮފީ ތަށި ގިރަން ރެޑީ ކޮށްލިއެވެ. ކޮފީތަށި ހިފައިގެން ޖަޒްލާ ވަނީ ކޮޓަރިޔަށެވެ. ކޮފީ ތަށި ސްޓަޑީ ޓޭބަލް މަތީ ބެހެއްޓުމަށްފަހު ޖަޒްލާ ފޯނު ނަގައި ޑާޓާ ޖަައްސައިލިއެވެ. އެކި ގްރޫޕް ތަކުން ނޮޓިފިކޭޝަން ތަށް އަންނަމުން ދިޔައެވެ. ކެނޑިނޭޅި ކުލާސް ވައިބާރ ގްރޫޕް އިން މެސްޖް އަންނާތީ ޖަޒްލާ ވައިބާރ އަށް ވަދެ ކްލާސް ކުދިން ގްރޫޕް ބަލައިލިއެވެ. އެންމެން މިރޭ އޮލިމްޕަަހަށް ދާން ރާވަނީއެވެ.
” ޖޭޒް ހިނގާބަ އަހަރެމެންނާ އެކީ އޮލިމްޕަހަށް ދާން.”
ޖަޒްލާ އޮންލައިން ވިކަން އިނގުމާއެކު އީރަމް އެދުނެވެ.
“އަހަރެން 3 ޓިކެޓު ވެސްނަގައިފިން ޖޭޒް ދާނެކަމަށް.”
ޖަޒްލާއަށް ރިޕްލައި ނުކުރެވެނީސް އަނެއްކައި ޢީރަމް މެސެޖު ކުރިއެވެ.
އީރަމްގެ މެސްޖަށް ރިޕްލައި ކުރާނެ ގޮތެއް ނޭނގިފައި ޖަޒްލާ އިނެވެ. ބިޒީ އޭ ބުންޏަސްގަބޫލެއް ނުކުރާނެއެވެ. މަންމަގެ ރައްޓިއްސެއްގެ ދަރިއަކު ބަލން ޖެހިގެންނޭ ބުނެފި ނަމަ އެއީ ކާކުތޯ އަދި އެ ހުރިހާ ވަރެއް އޮޅުން ފިލުވަން އެމީހުން ބޭނުންވާނެއެވެ. އެކުވެރިންނަށް މިގޮތަށް އޮޅުވައިލުމަކީ ޖަޒްލާ ވެސް ބޭނުންވާ ގޮތެއް ނޫނެވެ. ނަމަވެސް މިއަދު އެ ނޫން ރާސްތާ އެއް އޭނާ އަށް އެބައޮތް ހެއްޔެވެ؟ ކުއްޖަކު ހުރެޔޭ ބުނެފި ނަމަ އެކުވެރިންގެ ސުވާލުތަށް ގިނަވާނެއެވެ. އަހާނެ ވާހަކަ ހުސް ނުވާނެއެވެ. އެހުރިހާ ސުވާލަކަށް ޖަވާބުދީ މާޒީ ސޮފުހާތަށް އެކުވެރިންގެ ކުރިމަތީ ހުޅުވައިލުމަކީ އޭނާ އަށް ވާނެ ކަމެއް ނޫނެވެ. އަނެއްކާ އެ ހަގީގަތް އެނގުމަކީ އެކުވެރިން އޭނާ އާއި ދޭތެރޭ ދެކޭގޮތް ބަދަލުވެދާނެ ކަމެއްކަން އޭނާވެސް ގަބޫލު ކުރަން ޖެހެއެވެ. އެތައްބައެއްގެ ސަމާލުކަން ްއެކަމުގެ ސަބަބުން އޭނާއަށް ހުއްޓޭން ކަން ގައިމެވެ. ހައިރާން ކަމުގެ އެތައް ލޮލެއް އޭނާ އަށް އަމާޒު ވާނެއެވެ. ނުރުހުމުގެ ބަދުބަސްތައް މީހުން އޭނާއަށް އުކަން ފަށައިފާނެ ކަމުގެ ބިރު ވެސް ޖަޒްލާގެ ހިތުގައި ވެއެވެ.
ޚިޔާލީ ދުނިޔޭން ބޭރުވި ޖަޒްލާ ފޯނުގެ ސްކުރީނަށް ނަޒަރު ހިންގާލިއެވެ. އޭރު ޔަލްވީ ވެސް އީރަމް އާއި އެއްބައިގައި އޭނާ ސިނަމާ އަށް ދިޔުމަށް އެދިފައި އޮތެވެ. ނަމަވެސް ޖަޒްލާ އަށް ހަމަ އެ އިން ގޮތަށް ފޯނުގެ ސްކުރީނަށް ބަލަހައްޓައިގެން އިނދެވުނީއެވެ.
“މިރޭ މަންމަގެ ފްރެންޑެއްގެ ދަރިފުޅު ބޭބީ ސިޓް ކުރަން ޖެހޭ. ސޯ ގައިޒް އައިމް ރިއަލީ ބިޒީ.”
ތުރުތުރު އަޅަމުން ދިޔަ އިނގިލި ތަކުން ޖަޒްލާ ޓައިޕް ކުރިއެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގުމުން އެންމެ ފަހުން ޝަބާ ގާތު ހެދި ދޮގު އޭނާ އެހެން ކުދިން ގާތުގައި ވެސް ހެދީ އެވެ. ކުށްވެރިކަމުގެ އިހުސާސް އައިސް ހަތރު ފަރާތުން އޭނަ ފިއްތާލަން މަސައްކަތް ކުރަމުން ދިޔައެވެ. އޭނާގެ ބޮޑު ދެލޮލަށް ކަރުނައިގެ މުތީތައް ޖަމާވީ އެކުވެރިން ގާތު އަނެއްްކާ ވެސް ދޮގެއް ހެދުމުންނެވެ.
މިނޫން ދުވަހެއް އަންނާނެ ނަމައޭ ހިތާހިތާ ކިޔާލެވުނެވެ. ދުޢާ ކޮށްލެވުނީ އޭނާގެ އިހުސާސްތަކަށް ގަދަރުކުރާ ސިއްރުތައް ހިފަހައްޓަދޭނެ އެކުވެރިޔެއް ލިބޭތޯއެވެ. ހިތާމައިގެ ކޯރެއްގައި ފަތަމުން ދިޔަ ޖަޒްލާއަށް ހަމަބިމަށް އާދެވުނީ އޭނާގެ ފޯނުގެ އެލާރމްގެ އަޑުންނެވެ.
ނިއަމް ސްކޫލަށް ގެންދާ ގަޑި ޖެހެނީ ކަން އިނގުމުން އޭނާ އަވަސްވެ ގަތީ ކުޑަކުޑަ ނިއަމް އަށް ގޮވަން ދިޔުމަށެވެ. ދެތިން ފަހަރު އޭނާ ގޮވިއިރު ވެސް ނިއަން ނުތެދުވުމުން އެކުއްޖާގެ ބަނޑުގައި ޖަޒްލާ ގިލިގިލި ކޮށްޓައިލިއެވެ. ހެމުން ހެމުން ތެދުވި ނިއަމް ޖަޒްލާގެ ކަރުގައި އޮޅުލައިގަތެވެ. ޖަޒްލާ ފާހަނާއަށް ވަދެ ނިއަމް ފެންވަރުވާ ސްކޫލަށް ދާން ތައްޔާރު ކުރިއެވެ. މަޑުނޫ ކުލައިގެ ޔުނީފޯރމް ގައި ހުރި ނިއަމް ލޯބިކަމުން ހަމަ ކޮންމެ މީހަކު ވެސް މޮޑެލާ ހިތްވާނެއެވެ.
ޖަޒްލާ ތައްޔާރުވެލައިގެން ސިޓިންރޫމަށް ނިކުތް އިރު ނިއަމް ހުރީ މާމަ ކައިރީ ސޯފަގައެވެ.ނިއަމް އުރާލައިގެން ޖަޒްލާ މިސްރާބް ޖެހީ އެކުއްޖާ ސްކޫލަށް ގެން ދިޔުމަށެވެ.
ނިއަމް ސްކޫލަށް ލައިފައި ގެއަށް އައިސް ޖަޒްލާ އަވަސްވެގަތީ ހޯމްވޯރކްތައް ނިންމުމަށެވެ. ޝައުގުވެރި ކަމާއެކު ޖަޒްލާ ފިލާވަޅުތައް ހަދަމުން ދިޔައެވެ. ފިލާވަޅު ހަދާނިންމާލި ޖަޒްލާ ގެ ސިކުނޑިއަށް އިހުސާސް ކުރެވުނީ ވަރުބަލި ކަމެވެ. އެނދުމައްޗަށް އުއްޑުން ވެއްޓިގަތް ޖަޒްލާ ފޯނު ނަގައި ޑާޓާ ޖައްސައިލިއެވެ. އަދި ފޯނުން އެސްފިޔަ އަށް ވަދެ ވާހަކައެއް ކިޔަންފެށިއެވެ. އަބަދުވެސް ސިކުނޑި ތާޒާ ކޮށްލުމަށް ވާހަކަ ކިޔުމަކީ ޖަޒްލާގެ އާދައެކެވެ. ވަހަކައިކގެ ދުނިޔެއަށް ގެއްލި ހުސްވެފައި ހުރި ޖަޒްލާ އަށް ހޭވެރިކަނވީ އަނެއްކާވެސް އޭނާގެ ފޯނުނއެލާރމް ވުމުންނެވެ. ނިއަމް ބަލައި ދާގޑި ޖެހުނީ ކަނ އިނގުމން ޖަޒްލާ އަވަސްވެގަތީ ނިއަމް ބަލައި ދިޔުމަށެވެ.
ނިއަމް ގޮވައިގެން ސްކޫލުން ގެޔަށް އައި ޖަޒްލާ އަށް ފެނުނީ އެދިމާލަށް އަންނަމުން ދިޔަ ޝަބާއެވެ. “ޝެބީ” ޖަޒލްަގެ އަނގައިން ބޭރުވިއެވެ. ދަރިފުޅު ގޮވައިގެނ ްހުރުމުން ޖަޒްލާ ބޭނުންވީ ޝަބާ އަށް ފިލުމަށެވެ. އެހެން ކަމުން އޭނާ އެތާހުރި ފިހާރައެއްގެ ތެރެއަށް ދެމިގަތެވެ. ޖަޒްލާ ފަސް އެނބުރި ބަލައިލީ ޝަބާ ގެ ހިލަމެއްވޭތޯ އެވެ. އޭނާ އަށް ސިހުން ގެނުވި އެފިހާރ ތެރެއަށް ޝަބާ ވަންނަން އައި ތަން ފެނުމުންނެވެ.ޖަޒްލާ ނޫޑުލިސް އަދި ޕާސްތާ ހުރި ހަރެއްގެ ކައިރިޔަށް ޖެހިލުމަށްފހު އެތާހުރި އެއްޗިހި ބަލަ ކަމަށ ްހެދިގެން ހުއްޓެވެ. އޭރު އޭނާގެ ހިތް ތެޅޭވަރުން ހިވަނީ މޭފަޅާލައިފައި ނުކުމެދާނެ ހެންނެވެ. ދެއަތްތިލަ ފިނި ކަމުން ހިވަނި އައިސް ކިޔުބެހެންނެވެ. މާހައުލުގައި ރަސްކަން ކުރަމުން ދިޔަ އޭސީގެ ފިނިކަމާއެކުވެސް އޭނަގެ މޫނުގައި ދާތިކިތަށް ވިދާ ބަބުޅަން ފެށިއެވެ. ޝަބާ އަށް ފެނިދާނެތީ އޭނާ ހުރީ ފަސްއެނބުރި ބަލައިލަން ވެސް ނުކެރިފައެވެ.
ފިހާރައިގެ އެކި ދިމަ ދިމާ ބަލަމުން ދިޔަ ޝަބާ ހޯދަމުން ދިޔައީ ނޫޑުލިސް ޕެކެޓްތަކެވެ. އޭނ އެފިހާރައަށް އައީ ވެސް އެފިހާރައިގަ ހުންނަ ނޫޑުލިސް ވަރަށް އަގުހެވޭ މަންމަ ބުނުމުންނެވެ. ނޫޑުލިސް ޕެކެޓްތައް ހުރި ހަރު ފެނުމައެކު ޝަބާއެދިމާލަށް ހިނގައިގަތެވެ. އާދައިގެ ހިނގުމެއްްގައި ގޮސް ނޫޑުލިސް ހަރުތަށް ހުރި ތަނަށް އައިސް ހުއްޓުނު ޝަބާ ހައިރާންވީ ފެނުނު މަންޒަރަކުންނވެ.
އޭނާ އަށް ފުރަގަސްދީގެން ކުޑަކުއްޖަކު އުރައިގެން ހުރި ޖަޒްލާ ފެނުމުންނެވެ. އެފަން އިސްތަށިގަނޑާއި ލައިގެން ހުރި ހެދުމުން އެއީ ޖަޒްލާ ކަން އޭނާ އަށް އިނގުނެވެ. ނަމަވެސް އޭނާގެ ހިތުގައި ސުވާލުގެ އޮށް އިންދުނީ ޖަޒްލާގެ އުރައިގެން ހުރި ހަތަރު އަހަރުގެ ކުޑަކުއްޖާ ފެނުމުންނެވެ. އެއީ ޖަޒްލާ ނޫން އެހެން މީހެއްބާއޭ ވެސް އޭނާގެ ހިތަށް އެރިއެވެ.
“ޖޭޒް”
ގޮވަން ނުގޮވަން ހުރެފައި ޝަބާ ގޮވައިލިއެވެ.
ޝަބާގެ އަޑު ޖަޒްލާ އަށް އިވުނީ ހޮނު ގުގުރި އަކަށް ވުރެ ވެސް ބިރުވެރި ކޮށެވެ. ދެން ކަންތައްވެދާނެ ގޮތަކާއި މެދު އޭނާއަށް ޚިޔާލު ކޮށްލެވުނެވެ. ތަފާތު ވަސްވާސް ތަކުން އޭނާގެ ހިތް ފުރުނެވެ.
2 Comments!
Comments are closed.
redlailacrose
keep up the gud work + love this story
curiously waiting for the next part
love you stay safe dear
????????
Thanks for commenting ?? it means a lot to me ?? hope ull comment in other episodes too ?? stay safe ??