ރީމާއަށް ހޭލެވުނީ ބާލީސް ދަށުގާވާ ފޯން ރިންގުވާން ފެށުމުންނެވެ. ފޯނު ނަގާ ޑިސްޕްލޭއަށް ބަލާލީ ގުޅަނީ ކާކުތޯ ބެލުމަށެވެ. ފޯނުނަގާ ކަންފަތުގާ ޖައްސާލަމުން ހެލޯއޭ ބުނެލީ ކަންނެތް ގޮތަކަށެވެ. ޕިސް، ޕިސް، އަދިވެސް ނިދަނީ؟ ހޭލަން ނުވަނީތަ؟ މިހާރު އެޔޮއް ތިނެއް ޖަހަނީ! ގައިމު މިހާރު ނިދިފައެއްނު ހުންނާނީ!
އެކޮޅުން ވާހަކަ ދެއްކީ ނަޖުދާއެވެ. ނަޖުދާގެ ޖުމްލަތަކުން ރީމާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ނިދިވެސް މުޅިންހެން ފިލައިގެން ގޮސްފިއެވެ. އަސްލުވެސްތަ ނަޖޫ؟ ދޮގު ނަހަދާ! ފާރުގާ ހަރުކޮއްފާވާ ގަޑިއާ ދިމާލަށް ބަލާލަމުން ރީމާ އަވަސް އަވަހަށް އެދުން ފޭބިއެވެ. އޭތް ނަޖޫ! ރީމް ގުޅާނަން ފަހުން މި ދަނީ ފެންވަރަން. މިޔަދު ހަމަ ޔަގީނުންވެސް މަންމަގެ ޝަކުވާ ފުނި ފުންޏަށް އަންނާނެ. އެހެން ބުނެ ނަޖުދާއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮން ފޯނު ކަނޑާލިއެވެ.
ފާހާނާއަށް ވަދެ ފެންވަރާލުމައްފަހު ކޮޓަރިއަށް ނުކުމެ އަވަސްއަރުވާލާފާ އާދައިގެ ގޮތަކަށް ތައްޔާރު ވެލުމައްފަހު ގޭތެރެއަށް ނުކުތުމަށް އަވަސްވެގަތެވެ. ޖެހިލުންވެ ހުރެ ތެޅިތެޅި އޮތް ހިތާކާއެކު ކޮޓަރީގެ ދޮރު ހުޅުވާލުމަށް ފަހު ގޭތެރެއަށް ބޯ ދިއްކޮއްލިއެވެ. ވެރިވެފާވާ ހިމޭން ކަމުން ގޭތެރެ ސިފަވެގެންދަނީ ފަޅުގެއްގެ ގޮތުގައެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮއްލަމުން ކޮޓަރިން ނުކުތީ މޭގާ އަތް އަޅާލަމުންނެވެ. ބަނޑުހައި ވުމުގެ ސަބަބުން ބަނޑުން ޒާތެއްގެ އަޑެއް ގޮވާހެންވެސް ހީވެއެވެ. ބަދިގެއަށް ވަދެ ހައިހޫނުކަން ފިލުވާލުމަށް ބަދިގޭގެ އެތަން މިތަން ހާވަން ފެށީ ކާއެއްޗެއް ހޯދުމަށެވެ.
ސޯފާގާ އޮށޯވެއޮތް ރީމާ ގެއްލި ހުސްވެފާއޮތީ ޓީވީން ދައްކަމުންދިޔަ ހިންދީ ޑްރާމާ އަކަށެވެ. ގައިދަށުގާވާ ފޯނު ރިންގުވާން ފެށުމުން ފޯނު ނަގާ ޑިސްޕްލޭއަށް ބަލާލުމައްފަހު ކަންފަތުގާ ޖަހާލިއެވެ. ކޮބާ ރީމް ރެޑީތަ؟ މި ދަނީ މިހާރު ތިކޮޅަށް ދާން. އެ ކޮޅުން ވާހަކަ ދެއްކީ ނަޖުދާއެވެ. ސޮރީ ނަޖޫ. މިޔަދު ނެތް ދެވޭކަށް. ކުޑަ ކަމެއް އެބައޮތޭ މިޔަދު. ނަޖުދާއާ އެވާހަކަ ހިއްސާ ކުރަން ރީމާ ބޭނުން ނުވީއެވެ. ޒާންގެ ހަނދާންތައް އާވުމުން ރީމާގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ. ފޯނު ކަނޑާލުމައްފަހު ސްކްރީނުން ގަޑި ބަލާލިއެވެ. ފަސްގަޑި ބައި ވަނީއެވެ. ޓީވީ ނިއްވާލުމަށް ފަހު ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
ލާނެ ހެދުމެއް ނޭންގި ފަހަރަކު ހެދުމެއް އަލަމާރިން ނަގާ ލޯގަނޑު ކުރިމައްޗަށް އަރާ ގައިގާ ޖައްސާލައެވެ. ދެތިން ހެދުން އެހެން ޖައްސާލުމައްފަހު ކަމުދާ ހެދުމަކާ ދިމާވިއެވެ. ކަޅުކުލައިގެ ކަކުލުން މައްޗަށް ހުރި ހެދުމުގާ ވަނީ ލޭސް ފޮތީގެ ދިގު އަތެކެވެ. ގައިގެ ބައްޓަމަށް ފަހާފާވާ އެ ހެދުމުގާ ވިދުމެއް ހުރުމުން އެ ހެދުމަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. ލޯގަނޑު ކުރިމަތީ ހުރެ ރީތިވަމުން ދިޔަ ރީމާގެ މޫނުމައްޗަށް އިރު އިރު ކޮޅުން ހިނިތުންވުމެއް ވެރިވެއެވެ. ލޯގަނޑާ ކައިރިވެލުމައް ފަހު ތުންފަތުގާ ގަދަރަތް ކުލައިގެ ލިޕްސްޓިކެއް ކާއްތާލިއެވެ. ބޮލުގެ އިސްތަށިގަނޑު ނިއުޅުވާލުމައްފަހު އެއްފަރާތު ކަންފަތާ ދިމާލުން ނޫ ކުލައިގެ ދައްޗެއް ޖަހާލިއެވެ. ކޮޓަރިން ނުކުމެ ސޯފާގާ އިށީންދެލަމުން ފޯނުނަގާ ގަޑި ބަލާލިއެވެ. ހަގަޑި ފަނަރަ ވަނީއެވެ. ކޮޓަރިން ނުކުމެ ވަށައިގެން ނަޒަރު ހިންގާލީ ގޭތެރޭން މަންމަ ފެނޭތޯއެވެ. ހިމޭންކޮން އޮތް ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ވަގުތު ކުޑަތަން ވަމުން ދިޔަވަރަކަށް ރީމާގެ ހިތް އާދަޔާ ހިލާފަށް ބާރަށް ތެޅެމުން ދިޔައެވެ. ގޯތިން ބޭރަށް ނުކުތުމުގެ ކުރިން މަގަށް ބޯ ދިއްކޮއްލާ މަގުގެ ދެކޮޅަށް ބަލާލިއެވެ. އިރު އޮއްސެމުން ދިޔަ ވަގުތު ކަމުން މަގުމައްޗަށް ވަނީ ހަލަބޮލި ކަމެއް ވެރި ވެފައެވެ. ގޭގެ ދޮރޯށި ކައިރީ މަޑުކޮއްލައިގެން ހުރީ މަގުތަކުން މީހުން މަދުވެލަންދެނެވެ. ބަންގި ގޮވީ ވެސް ރީމާ އެތާ އެގޮތަށް ހުއްޓައެވެ.
މަޑުހިނގުމެއްގާ އަތިރި ފަރާތަށް ހިނގަމުން ދިޔަ ރީމާ އިރު އިރު ކޮޅުން ފަހަތް ބަލާލަނީ ފަހަތުގާ މީހަކު ހުންނަ ކަމުގެ އިހުސާސެއް ކުރެވޭތީއެވެ. ދޭތެރެއަކުން މަގުމަތީ މަޑުކޮއްލަން ޖެހެނީ އަރާފާވާ ފައިވާނުގެ ކަށި ފަސްމަޑު ދިމަ ދިމާލުން އަޑިއަށް ވަދެގެން ދާތީ ހިނގަން އުނދަގޫ ވުމުންނެވެ. ވަކި ހިސާބަކުން ފައިވާން ނަގާ އަތަށް ލިއެވެ. އަތިރިއާ ގާތްވީ ވަރަކަށް ރީމާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. އެ ރީތި ޒުވާނާ ދެކިލުމަށް އިންތިހާއަށް ބޭނުންވެފާ ވާތީ ހިނގުން ބާރުކޮއްލިއެވެ. ކުރީ ރޭ އިށީންދެއިން ހިލަ ގޮނޑިއާ އަރާ ހަމަވުމުން އަތުގާވާ ފައިވާން ބިންމަތީ ބެހެއްޓުމަށް ފަހު ގޮޑީގާ އިށީނީ ކެތްމަދުވެފާވާ ހިތަކައި ގެންނެވެ. ދެ ނަމާދު ދޭތެރެ ކަމުން ކައިރި ހިސާބަކުންވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އުޑުމަތި ސާފު ރެއެއް ކަމުން އުޑުމަތީ ވާ ތަރިތައް ސާފުކޮން ފެންނަން ހުއްޓެވެ. ޖެހިލާ މަޑު ވައި ރޯޅިތަކުން ރީމާގެ ހަށިގަނޑަށް އާރާމު ކަމެއް ގެނުވަމުން ދިޔައެވެ. ތަރިތަކަށް ނަޒަރު ހުއްޓުވާލައިގެން އިން ރީމާއަށް ކައިރީ މީހަކު ހުރި ކަމުގެ އިހުސާސެއް ކުރެވުމުން ފަސް އެނބުރި ބަލާލިއެވެ. ކުޑަ ތަންކޮޅެއް ދުރުގާ ޒާން ހެވިފާ ހުއްޓެވެ. ރީމާގެ ތުންފަތަށް ވެރިވެގެން ދިޔަ ލަދުރަކި ހިނިތުންވުމާ އެކު އެ ދޮން މޫނު މުޅިންހެން ރަތް ވެގެން ދިޔައެވެ. މަޑު ހިނގުމެއްގާ ޒާން އައިސް ރީމާގެ ގައިގާ ޖެހޭ ނުޖެހޭ ހިސާބު ގާތު އިށީންދެލިއެވެ.
ޒާންއަށް އެނގޭ ރީމް އަންނާނެކަން. ދެން އަވަހަށް ޖަވާބު ދޭންވީނު. ރީމާ ދޭނެ ޖަވާބަކަށް ކެއްމަދުވެފާވާ ޒާން ބޭނުންވީ ރީމާގެ ފަރާތުން އަވަސް ޖަވާބެކެވެ. އިސްޖަހާލައިގެން އިން ރީމާ މަޑުމަޑުން ވާހަކަ ދައްކަން ފެއްޓިއެވެ. ރީމްއަށް ވެސް ޒާން ވަރަށް ކަމުދޭ. ބޭނުން ޒާންއާ ރައްޓެހިވާން. އެކަމަކު ރިީމްގެ ޝަރުތެއް އެބަ އޮތް! ރީމް ބޭނުމެއް ނޫން އަދި މި ގުޅުން އެއްވެސް މީހަކަށް އަންގާކަށް. ރީމްއަށް ރަނގަޅީ ރީމް ބުނަންދެން މި ގުޅުން ސިއްރެއްގެ ގޮތުގާ ބާއްވަ ދިނިއްޔާ! އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. ރީމާގެ ދަތްދޮޅީގާ ހިފާ އިސް އުފުލާލަމުން ޒާން ބުނެލިއެވެ. ދެ މީހުންގެ ހަތަރު ކަޅި ހަމަވި ވަގުތު ރީމާގެ މޫނު ލަދުންގޮސް ރަތްވި މަންޒަރު ފެނިގެން ދިޔައެވެ. އެމަންޒަރު ފެނި ޒާންގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުން ވުމެކެވެ. ޒާން ގޮސް މޫނާ މޫނު ޖޭހޭހާ ގާތަށް ރީމާއާ ގާތްވެލިއެވެ. ރީމާއަށް ބޭއިހްތިޔާރުގާ ލޯ މަރާލެވުނެވެ. ޒާންގެ ހޫނު ނޭވާތައް ރީމާގެ މޫނުމައްޗަށް އެޅެމުން ދިޔައިރު މޫނަށް ވެރިވަމުން ދިޔައީ އާދަޔާ ހިލާފު އަރާމު ހޫނުކަމެކެވެ. ޒާން މަޑުމަޑުން ރީމާގެ ކޮލަށް ބޮސް ދިނެވެ. ބޭއިހްތިޔާރުގާ ރީމާއަށް ޒާންގެ ހަށިގަނޑުގާ ބައްދާލެވުނެވެ. މިހާރު ދެ މީހުންގެ ހަށިގަނޑު ހީވަނީ އެކަތިގަނޑެއް ހެންނެވެ. އަހަރެން ދެން ދަނީ. އަދި މިރޭ ބައްދަލުވާނޭ ކަމަށް ބުނެ ޒާންގެ ހަށިގަނޑާ ރީމާ ދުރުކޮއްލިއެވެ. ކިހިނެތް؟ ރީމްއަށް ދެން މިރޭ ހިޔެއްނުވޭ ގޭން ނުކުމެވޭނެ ހެނެއް! ރީމާގެ ސުވާލުތަކަށް އެއްވެސް ޖަވާބެއް ނުދީ ޒާން ދާން ހިނގައިގަތެވެ. އެއްޗެކޭ ނުބުނެ ދިއުމުން ރީމާ ހިތުގާ ޖެހުނެވެ. ފެންކަޅިވެފާ ޒާން ދިޔަ ދިމާލަށް ބަލަން އިނދެވުނީއެވެ. ވެރިވެފާވާ ހިމޭންކަން ފޫއަޅުވާލީ އިޝާ ނަމާދުގެ ބަންގީގެ އަޑުންނެވެ. ދެ ލޯ ފުހެލަމުން އިށީންދެއިން ގޮނޑިން ތެދުވެ ގެއަށް ދާން ހިނގައިގާތީ ގޮނޑި ކައިރީ ބަހައްޓާފާވާ ފައިވާން އަތަށް ނަގަމުންނެވެ. ކަނު އަދިރިކޮން އޮތް މަގުތަކުން ކުރިޔަށް ދިޔަ ރީމާއަށް އެކަން އިހުސާސް ނުވާކަހަލައެވެ. ވާނީވެސް އެހެންތާއެވެ. އެޔަށްވުރެ ބޮޑަށް ރީމާ ވަނީ ހިތުގާ ޖެހިފައެވެ.
ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމަށްފަހު އެނދުމައްޗަށް ވެއްޓިގަތެވެ. ވެފާވާ ދެރައަކުން ހެދުން ބަދަލު ކުރަންވެސް ބޭނުންނުވާ ކަހަލައެވެ. ފެން ވަރާލުމަށް ހިތް ގޮވަމުން ދިޔައީ ހަށިގަނޑަށް ވެފާވާ ހޫނަކުންނެވެ. ހިތާ ދެކޮޅަށް އެނދުން ތެދުވެ ފާހާނާއަށް ވަދެ އަވަސް ގޮތަަކަށް ފެންވަރާލައިގެން ނުކުމެ ނިދަންލާ ހެދުމެއް ލައިގެން އަނެއްކާވެސް އެދަށް އަރާ އޮށޯވެލީ ފޯނު ނަގާ ނަޖުދާގެ ނަންބަރަށް ގުޅާލަމުންނެވެ. ގަޑިއެއްހާ އިރު ނަޖުދާއާ ވާހަކަ ދެއްކުމަށްފަހު ފޯނު ބޭއްވިއެވެ. ޒާން އާ ބައްދަލުކުރަން ރީމާގެ ހިތް ރޮމުން ދިޔައެވެ. އެކަމަކު ބައްދަލު ކުރާނެ ގޮތެއް އެގެނީއެއް ނޫނެވެ. ގުޅާލެވޭނީ ފޯނުނަންބަރު އިންނަމައޭ ހިތާ މާޔޫސް ކަންމަތީ އޮވެ ނިދަން އޮށޯތީ އެ ހިޔާލުތަކާ ދުރަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ. ޖައްސާފާވާ ހުދު ބޮކި ނިއްވާލާ ނިދާ ބޮކި ޖައްސާލުމަށް ފަހު ލޯ މަރާލިއެވެ.
ކުއްލިއަކަށް ސިއްސައިގެން ގޮސް ހޭލެވުނީ ކުޑަ ދޮރުގެ ބިއްލޫރިގަނޑުގާ އެއްޗެއް ޖެހުނު އަޑަށެވެ. ދެ ލޯ ބޮޑުކޮއްގެން އިދެ ހުޅުވިފާވާ ކުޑަ ދޮރާ ދިމާލަށް ރީމާ ބަލާލިއެވެ. ޖެހެމުންދިޔަ މަޑު ރޯޅިތަކަށް އެލުވާފާވާ ހުދު ކުލައިގެ ދޮރުފޮތިގަނޑު ނަށަމުންދާ ކަހަލައެވެ. އެނދުން ތެދުވެ ޓައިލްސްތައް މަތީ ފައިޖެހުނު ވަގުތު ފިނިކަމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހުޅުވިފާވާ ކުޑަ ދޮރު ލައްޕާލަން ދޮރުގާ ހިފާލި ވަގުތު މީހެއްގެ ހިޔަންޏެއް ވީކަމުގެ އިހުސާސެއް ވުމުން ކުޑަ ދޮރުން ބޭރު ބަލާލި ވަގުތު ރީމާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ޒާން! ދޮރު ކައިރީ ފާރުގާ ލައްވެގެން ހުރި ޒާން ފެނުމުން ހައިރާންވެ ހުރެ ޒާންއަށް ގޮވާލިއެވެ. އަހަރެން ބުނީމެއްނު މިރޭ އަދި ދިމާވާނެއޭ. އެހެން ވެގެން ރީމާ ދެކިލަން މި އައީ. ރީމާއަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮން ޒާން ވާހަކަ ފެއްޓިއެވެ. އެކަމަކު، ކިހިނެއް މި ގެ ހޯދީ؟ ރީމް ނުވެސް ބުނަން މި ގެ ހުންނަ ތަނެއްވެސް. ހައިރާންވެ ހުރެ ރީމާގެ ހިތުގާ އުފެދެމުން ދިޔަ ސުވާލުތައް އޮއްސާލިއެވެ. ހާހަހާ. ހޯދަން އުޅޭ މީހަކަށް އެއީ ދެން މާކަ އުނދަގޫ ކަމެއް ނޫނެއްނު. ހިނިތުން ވެލަމުން ޒާން ޖަވާބު ދިނީ ރީމާގެ މޫނަށް ބަލަން ހުރެއެވެ. އެ ބެލުމުން ފާޅުވަމުން ދިޔައީ މަސްތީ ކަމެކެވެ. ދެން އެކަމަކު ޒާން، މީހަކަށް ފެނިދާނެ. މިހާ ދަން ގަޑިއެއްގަ އަންނާކަށް ނުވާނެ އެއްނު. މީހަކަށް ފެނިދާނެތީ ޖެހިލުންވެ ހުރެ ރިމާ ބުންޏެވެ. ހާސް ނުވެބަލަ. މީހަކަށް ނުފެންނާނެ. އަހަރެން ވައްދަބަލަ ކޮޓަރިއަށް. އޭރުން ހަމަ ޔަގީނުންވެސް މީހަކަށް ނުފެންނާނެ. ލާނެއް ގޮތަކަށް ޒާން ބުނެލިއެވެ.
ކުޑަ ދޮރުގާ އަތް އަޅުވާލުމަށް ފަހު ޒާން އެތެރެއަށް ދެމިގަތީ ހަލުވިކަމާ އެކުއެވެ. ދޮރު ލައްޕާ ބޭރު ނުފެންނަ ގޮތަށް ދޮރު ފޮތިގަނޑު ދަމާަލުމަށްފަހު ރީމާ ގޮސް ޒާންގެ ގައިގާ ބައްދާލިއެވެ.
— ނުނިމޭ —