
ޔީޝާ ކުރަމުން ދިޔަ އާދޭސްތަ އަޒާންއަށް އިވޭ ހެނެއް ހިޔެއް ނުވެއެވެ. އަޒާންގެ ބޭނުންތައް ފުއްދުމަށް އޭނާ އަވަސްވެގަތެވެ. އެންމެ ފުރަތަމަވެސް އަޒާން ޔީޝާ ލައިގެން ހުރި ޖިންސުގެ ގޮއްވަޅުގައި ހިފުމުން ޔީޝާ ބިރުން ދެލޯ ބޮޑުވެގެން ދިޔައެވެ. އެއްވެސް އިހްތިޔަރަކާ ނުލާ ޔީޝާ އަޒާންގެ މޭގައި އަޅާ ކޮއްޕާލާފައި އަޒާންގެ މޫނުމައްޗަށް އެތިފަހަރެއް އަޅުވާލިއެވެ. ޔީޝާ އެފަދަ ކަމެއް ކޮއްފާނެ ކަމަކަށް ތައްޔާު ނުވެ ހުރި އަޒާންއަށް މޫނުމަތިން ނަގާގަތް ދިލައިން ފަހަތަށް ޖެހިލެވުނެވެ. ޔީޝާގެ މޫނަށް ރުޅިވެރި ނަޒަރަކުން ބަލާލާފައި މިނިކާ ވަގެއްހެން ޔީޝާގެ ގައިގައި އޮޅުލައިގަތެވެ. ޔީޝާ ސަލާމަތަށް އެދި ހަލޭލަވައިގަތް ވަގުތު އެދިމާ ގަސްތަކުތެރެއަށް ހީވީ ބޮޑު ތޫފާނެއް އައި ހެނެވެ. ބާރު ބޫން އަޑަކާއެކު ގަސްތަށް ހެލިގަތީ ބިރުވެރި ގޮތަކަށެވެ.
ޔީޝާގެ އިތުރުން އަޒާންވެސް ސިހިފައި ފަރާތް ފަރާތް ބަލާލެވުނެވެ. އެވަގުތު ގަތަކު ތެރޭގައި ހުރި މީހަކު ދެމީހުންގެ ލޮލުގައިވެސް އަޅައިގަތެވެ.
****
“ދާނިޝް؟” ބޭއިހްތިޔާރުގައި ޔީޝާއަށް ދާނިޝްގެ ނަން ކިޔާލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތު އެމީހާގެ ރޫފައާ އިސްކޮޅު ފެނިފައި އެއީ ދާނިޝް ނޫންކަން ޔީޝާއަށް ދެނެގަނެވުނެވެ.
“ކާކު؟” ގަސްތަކުގެ ހިޔަނި އެޅިފައި ވުމުން އެމީހާގެ މޫނު ވަކިނުވުމުން އަޒާންއަށް އަހާލެވުނެވެ. ނަމަވެސް އެމީހާ ވާހަކައެއް ނުދައްކައެވެ. އެމީހުނާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ.
ހަދަންވީ ގޮތެއް ނޭނގިފައި ޔީޝާއަށްވެސް އެކަކު އަނެކަކު މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. މަދު ސިކުންތު ކޮޅެއް ފަހުން، ކައިރިވަމުން އައި ފިޔަވަޅު ތަކެއްގެ އަޑު ދެމީހުނަށްވެސް އިވުނެވެ.
“ޔީޝް.. ޔީޝް” އެދިމާއިން އިވުނު ދާނިޝް އާއި އަފާގެ އަޑު އިވުމުން ޔީޝާގެ ބިރު އެއްކޮށް ފިލައިގެން ދިޔައެވެ. ދާނިޝްއަށް ގޮވަމުން ޔީޝާވެސް އެދިމާއަށް ދުއްވައި ގަތެވެ.
“ޔީޝް ޔޫ އޯކޭ؟ ކޮންތާކަށްތަ ތިދިޔައީ؟ ހާދަ ވަރަކަށް ހޯދާފީމޭ” ހާސްކަމުން ފުރިފައިވާ ދާނިޝްގެ އަޑު ޔިޝާގެ ކަންފަތަށް އިވުމުން ޔީޝާގެ ހިތަށް ގޮތް ނޭނގޭ ފިނިކަމެއް ލިބުނެވެ.
“ޔީޝް.. ކޮންތާކަށްތަ ދިޔައީ؟” ޔީޝާ ބަލަހައްޓައިގެން ހުރުމުން ދާނިޝް އޭނާގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ.
“ފައިވާނު ވަދު ނެއްޓިގެން ފައިވާން ރަނގަޅު ކުރަން ގުދުވިތަނާ އަހަންނަށް އަފާ ގެއްލުނީ.. އަހަރެން މަޑުކުރާށޭ ބުނިން އެކަމު އަފާއަށް އަޑުނީވުނީ.. ދެން ތިމީހުން ތިބި ދިމާއަށް ދަނިކޮށް މީހަކު ގޮވީމަ އަހަރެން މިދިމާއަށް އައީ” ޔީޝާ ވީގޮތް ކުރުގޮތަކަށް ކިޔައި ދިނެވެ.
“މީހަކު ގޮވީމައޭ؟ ކާކު؟” އަފާވެސް ޔީޝާއާ ކައިރިއަށް ޖެހިލަމުން އަހާލިއެވެ.
“ނޭނގެ” ޔީޝާ އެހެން ބުނެފައި އަޒާންއާ ދިމާއަށް ބަލާލިއެވެ. އޭރު އެތާ ހުރި ތިންވަނަ މީހާވެސް އެތަނަކު ފެންނާކަށް ނެތެވެ.
“ކޮބާ އެމީހާ؟” ޔީޝާއަށް އަހާލެވުނެވެ.
“ކޮން މިހެއް..؟ އަދި އެހެން މީހަކުވެސް މިތާ އެބައުޅޭތަ؟” އެއްފަހަރު އަޒާންއަށް އަނެއްފަހަރު ޔީޝާއަށް ބަލާލަމުން ދާނިޝް އަހާލިއެވެ.
“ދެންމެ މިތާ ހުރި މިހެއް.. ނޭނގެ ކާކުކަމެއް.” ޔީޝާ އެހެން ބުނުމުން ދާނިޝް އަޒާންއާ ދިމާއަށް ބަޅާލާފައި އެތެދެއްހޭ އަހާލިއެވެ. ނަމަވެސް އަޒާން އެއަކަށް ޖަވާބެއް ނުދީ ގަސްތަކާ ދިމާއަށް ހިނގާގަތެވެ.
އަޒާން އާއި ޔީޝާގެ އަމަލުތަށް ހުރިގޮތުން އަފާއަށްކުޑަކޮށް ޝައްކުވިއެވެ. އަޒާންގެ ފަރާތުން ޖަވާބެއް ހޯދުމަށް އޭނާ ބޭނުންވިއެވެ. އަތް މުއްކަވާލަމުން އަފާ އަޒާންގެ ފަހަތުން ހިނގާގަތެވެ.
“އަފާ ދެން ހިނގާ ދާން.. އަހަންނަކަށް ކަމެއް ނުވެއޭ” އަފާގެ އަތުގައި ހިފާ ޔީޝާ އޭނާ ހުއްޓުވިއެވެ.
“ކަމެއް ނުވާނަމަ ކީއްވެ އޭނަ ޔީޝް ރަށުގެ އަނެއްކޮޅަށް ގެންނަންވީ.. އަހަރެމެން މިހާރު މިތިބީ ރަށުގެ އަނެއް ކޮޅުގައޭ. ނަސީބެއްނު އަވަހަށް އާދެވުނުކަން” އަފާ ނުރުހިފައި ބުނެލިއެވެ. އަފާއަށް އަޒާންގެ ގޮތް އެނގޭތީ ޔީޝާ ނުބުންޏަސް އެދެމެދު ކަމެއް ވެއްޖެކަން އޭނާއަށް ދެނެގަނެވުނެވެ.
“އަފާ.. ޕުލީސް. ދެން ހިނގާ ދާން..” ބޮޑު ހަމަ ނުޖެހުމެއް އުފެދި ދަތުރު ފަނިވެދާނެތީ ޔީޝާ އަފާ ހުއްޓުވިއެވެ. ދާނިޝްއަށް ވެގެން އުޅޭގޮތް ނޭނގުނު ކަމުގައި ވިއަސް އިހަށް ޔީޝާ ބުނިގޮތަށް ކަންތަށް ކުރުމަށް އެއްބަސްވިއެވެ.
ޔީޝާ ފެނިއްޖެ ކަމަށް އެންމެން ކައިރީ ބުނުމުން އެންމެން އެނބުރި ގެގަނޑަށް އައެވެ. އޭރު ދަންވެސް ވެއްޖެއެވެ. ފަތިހު ރަށަށް ފުރުމުގެ ކުރިން ބާބަކިއު ހަަދަން އެންމެން ސާމާނުތަށް ހިފައިގެން ގޮނޑުދޮށަށް ހިނގާގަތެވެ.
“ޔީޝް.. ހަމަ އަސްލުވެސް ކަމެއް ނުވޭތަ؟ ތެދަށް ބުނެބަލަ” އަފާ ޔީޝާގެ އަތުގައި ހިފަމުން ބުނެލިއެވެ.
“އަހަންނަކަށް އެއްވެސް ކަމެއް ނުވެއޭ.. އެހެންނޫނަސް އޭނައަށް ކަމެއް ނުކުރެވެނީސް ތިމީހުން ތިއައީނުން.. އައިމް ފައިން އަފާ.. އެހާ ކަންބޮޑު ނުވެބަލަ” ޔީޝާ ފުންނޭވާއެއް ލަމުން ބުނެލިއެވެ.
“ތިހެންވިއްޔާ ކިތަންމެހާވެސް ރަނގަޅު.. އެކަމު ޔީޝް ދެން އަޒާންއާ ދުރު ދުރުން އުޅޭތި.. އޭނަ އުޅުނު ގޮތުންވެސް މަށަށް ހީވިއޭ އޭނަގެ ނިޔަތް އެހާ ރަނގަޅު ނޫންކަން.. އެކަމު އެކަހަލަ ވަގުތަކު އޭނަ އެފަދަ ކަމެއް ކުރަން ހިޔާލު ކޮށްފާނެކަމަކަށް އަހަރެން ހިޔެއް ނުކުރަން” އަފާ އަދިވެސް ހުރީ ނުރުހުންވެފައެވެ.
. ަދަ ކަމެއް ކުރަން ހިޔާލު ކޮއްފާނެކަމަކަށް އަހަންނަކަށް ނުވިސްނުނު.. ައި ހިފާ ޔީޝާ އޭނާ ހުއްޓުވިއ
ބާބަކިއު ގުރިލްއަށް ވައި ނޭޅޭނެހެން ބަހައްޓާފައި އެމީހުން ގެނައި ފައްޖަހާ މޭޒުމަތީ ހުރިހާ ތަށިތައް އަތުރާލިއެވެ. އެތަނުގައި ބޮޑު އަލިފާން ގަނޑެއް ރޯކޮށްލުމަށްފަހު ފޯރިއާއެކު އެންމެން މަސްފިހަން ފެށިއެވެ.
“އޭ ކޮބާ މިރުސް ލާފަ ހުރި ސޮސެޖު ތަށި؟” ކުކުޅުފަޔާ ފަރުމަސްތަށް މަސްފިހާ އެތިމަތީ އަތުރަން ހުރި އަންހެން ކުއްޖާ ގޮވާލުމުން މޭޒުމަތީ ހުރި ތަށިތަކަށް އެންމެނަށް ބަލާލެވުނެވެ.
“އެބުނާހެން.. އަދި އެބައި ނުލާދޯ މިއާދެވުނީ” ދެން ހުރި ކުއްޖާ ބުނެލިއެވެ.
“މަ އަންނާނަން ހިފައިގެން.. ކޮން ކޮތަޅަކު އެ ހުންނާނީ؟” ދާނިޝް ބުނެލިއެވެ.
“ވަކިން ހުރި ކޮތަޅުގަ ހުންނާނެ.. ހިނގާ އަހަރެން ދާނަން ދާނިޝްއާ އެކު” ޔީޝާ އެހެން ބުނުމުން ދާނިޝް އުފަލާއެކު އެއްބަސްވިއެވެ.
ފޯނުގެ ބައްތީގެ އެހީގައި ދެމީހުން ގެގަނޑާ ދިމާއަށް މިސްރާބު ޖެހިއެވެ. ޔީޝާ ކޮތަޅުތަށް ބަލަން ހުރީރު ފޯނުން އަލިކޮއްދޭން ދާނިޝް ހުރީ ތަންކޮޅެއް ދުރުގައެވެ.
“ޔީޝް.. އަހަރެން ވާހަކައެއް އަހާލަން..؟” ދާނިޝް އަހާލިއެވެ.
“އަހާބަލަ” ފަހަރަކު ކޮތަޅެއް ބަލަމުން ޔީޝާ ބުނެލިއެވެ.
“އަޒާން ދަންނަނީ ކިހިނެއް؟” ދާނިޝް އަހާލިއެވެ. ދާނިޝް އެހެން އެހުމުން ޔީޝާ ކުޑަކޮށް ހުއްޓުން އެރިއެވެ. އޭރު އަޒާން ކަންތަށް ކުރިގޮތް ހިތަށް އެރުމުން ޔީޝާގެ ތަބީއަތު ގޯސްވިއެވެ.
“ކީއްވެ ކުރި ސުވާލެއް..؟ އަހަންނާ އަޒާންއާ އެއްވެސް ގުޅުމެއް ނޯންނާނެ.. ބައެއްފަހަރު އަޒާން އަހަންނާ ވާހަކަ ދެއްކިއަސް އަހަރެމެން މިއީ ހަމަ ނުދަންނަ ދެމީހުން” ޔީޝާ އަވަހަށް ބުނެލިއެވެ. ދާނިޝްގެ ހިތުގައި އެދެމީހުންނާ މެދު ގޯސްގޮތަކަށް ހީވެދާނެތީ ޔީޝާ ކަންބޮޑުވީ ކީއްވެ ކަމެއް ހުދު އޭނާއަކަށްވެސް ނޭނގުނެވެ.
“އޮކޭ އޯކޭ” ޔީޝާ އެހެން ބުނިގޮތުން ދާނިޝް އަށްވެސް ހެވުނެވެ.
“ހިނގާ ދާން” ކޮތަޅު ނަގައިގެން ތެދުވެ ހިންދެމިލަމުން ޔީޝާ ބުނެލިއެވެ. ނަމަވެސް ދާނިޝްއާ ވީފަރާތަށް އެނބުރުނު ވަގުތު ގަސްތަކު ތެރެއިން އެއްޗެއްގެ ހިލަމެއް ވީހެން ހީވެގެން ޔީޝާއަށް އެދިމާއަށް ބަލާލެވުނެވެ.
ޔީޝާއަށް ހީވީ ރަނގަޅަށެވެ. އޭރު ޔީޝާއާ ދިމާއަށް ބަލަހައްޓައިންގެން އުޑަފާނުން އިން އެއްޗެއް ގަސްތަކު ތެރޭގައި ހުއްޓެވެ. އޭތި ބޯއަރި ކޮށް ކޮށްފައި ޔީޝާއާ ދިމާއަށް ބަލަމުން ދިޔައެވެ.
ބިރުގަތްވަރުން ޔީޝާއަށް ގުޑިލަންވެސް ނުކެރިފައި އެދިމާ ބަލަހައްޓައިގެން ހުރެވުނެވެ. އެހެން ދިމާއަކަށް ބަލަން މަސައްކަތް ކުރި ނަމަވެސް ހިީވަނީ ނޭނގޭ ބާރެއް ޔީޝާގެ މައްޗަށް ބާރު ފޯރުވާހެނެވެ.
މެންދުރު ވަގުތު ނިދިފައި އޮތްވާ ފެނުނު ހުވަފެން ހަނދާންވުމުން ޔީޝާ އަދި އިތުރަށް ބިރުގަތެވެ.
“ޔީޝް.. ދެން ހިނގާ ދާން.. ހާދަ ފާޑެއްގެ ވަހެއްވެސް އެބަ ދުވައޭ މިތާގަ” ކުއްލިއަކަށް އެތަނުގައި ދުވަންފެށި ފަރުހަކި ފާޑު ނުބައި ވަހަކުން ދާނިޝްއަށް އޯކަށް ދެމެވޭގޮތް ވިއެވެ.
“ޔީޝް ކޯއްޗެއްތަ ތިބަލަނީ.. އާދެބަލަ ދެން ދާން” ޔީޝާ އަދިވެސް އެހުރިގޮތަށް ހުރުމުން ދާނިޝް ކައިރިއަށް ޖެހިލާފައި ގޮވާލިއެވެ.
“ދާނިޝް.. ބަލާބަލަ އެހެރަ ދިމާ.. ގަސްތަކު ތެރެ ބަލާބަލަ” ޔީޝާގެ އަޑުއައީ ވަރަށްވެސް މަޑުންނެވެ.
“ކޯއްޗެއްތަ؟ ނެތޭނުން އެތާކު އެއްޗެއް” ދާނިޝް ފޯނުގެ އަލި އެދިމާއަށް އަޅުވާފައި ބަލާލުމުންވެސް އާދަޔާ ހިލާފު އެއްވެސް ކަމެއް ނުފެނުނެވެ.
“މިހާރު ކޮބާ؟” ދެވަނަ ފަހަރަށް ޔީޝާ ބަލާލުމުން ހުދު އޭނާއަށްވެސް އެތާގަައި ހުރި އެއްޗެއް ނުފެނުނެވެ.
“އެތާކު ނެތޭ އެއްޗެއް.. އެވާނީ ޔީޝްއަށް ހީވި ގޮތް ކަމަށް” ދާނިޝް ޔީޝާ ހަމަ ޖައްސައި ދިނުމަށް ބުނެލިއެވެ.
“ދެން އަޅާ ނުލާ ހިނގާ ދާން” ޔީޝާ ބޯޖަހާލާފައި ހިނގާގަތެވެ. ނަމަވެސް ތަންކޮޅަކަށް ދެވުނު ތަނާ ޔީޝާ އަރި އަޅާލިއެވެ. އޭނާގެ ހަތަރެސް ފައި ފިނިވެފައި ވުމުން ހިނގުންވީ ބޮޑު އުނދަގުލަކަށެވެ. ޔީޝާ އަރި އަޅާލުމުން ދާނިޝް ޔީޝާގެ އަތުގައި ހިފިއެވެ. ނަމަވެސް ދެވަނަ ސިކުންތު ދާނިޝްގެ ދެލޯ ބޮޑުވެގެން ދިޔައީ ޔީޝާ ހަބަރު ހުސްވެގެން ބިންމައްޗަށް ދެމުމުންނެވެ. ދާނިޝް ހުސިޔާރު ކަމާއެކު ޔީޝާ އަތް ދަނޑިމައްޗަށް އުފުލާލިއެވެ. އަވަސް ފިޔަވަޅު ތަކުގައި ގަސްތަކު ތެރެއިން ނުކުމެ ދެން ތިބިމީހުނަށް ގޮވިއެވެ.
“ދެންވެސް އަވަހަށް ދޯނި ދުއްވާ މިމާއަށް ގުޅާބަލަ.. ޔީޝާ ހުމާ ފިހި ފިހި އޮށްވާ ދެން އިތުރަކަށް މިރަށުގަ މަޑުކުރާކަށް ނުފެނޭ” ދާނިޝް ކަންބޮޑުވުމުގެ ރާގަކަށް ބުނެލިއެވެ.
އުނގުމަތީގައި އޮތް ޔީޝާގެ ބޮލުގައި ފިރުމަމުން ދިޔަ އަފާވެސް އެކަމަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އޭރު އެތަނުގައި ތިބި ހުރިހާ އެންމެންގެ މޫނުމަތީ ވަނީ ހާސްކަމެވެ.
ބާރު ދުވެލީގައި ދޯނި އެނބުރި ރަށަށް ދިޔައިރު ހެނދުނު ވެއްޖެއެވެ. ރަށަށް ދެވުނު އިރު ޔީޝާގެ ހުން މަޑުވެފައި ވުމުން ހޮސްޕިޓަލަށް ދިޔުމުގެ ހިޔާލު ދޫކޮށްލާފައި ގެއަށް ދިޔައެވެ. އަފާ ފާހަނައިން ނުކުތުމުން ހަރުގައި އަޅުވާފައި އޮތް ތުވާލި ހިފައިގެން ޔީޝާވެސް ވަނީ ފެންވަރާލާށެވެ. ލައިގެން ހުރި ހެދުންތައް ބާލާފައި ޔީޝާ މާގަނޑު ދަށަށް ޖެހިލިއެވެ. ފިނި ފެންތިކިތަށް ޔީޝާގެ ކުލަ އަލި ހަށިގަނޑުން ތިރިއަށް ދަތުރު ކުރަމުން ދިޔައިރު އެ އޮމާން ހަންގަނޑުގައި ހީބިހީގެ ތޮށިގަނޑެއް ލެވެމުން ދިޔައެވެ. އަތަށް ޝަވަރ ޖެލް ފުޅިން އެތިކޮޅެއް އަޅާލާފައި އޭނާގެ ހަށިގަނޑުގައި ހާކަމުން ދިޔައިރު ބަޔާން ކުރަން ދަތި ހިތްހަމަ ޖެހުމެއް ލިބި ސިކުނޑި ތާޒާވިއެވެ. ނަމަވެސް ދެވަނަ ސިކުންތު ޔީޝާ ސިހިގެން ދިޔައީ އޭނާގެ އުނަގަނޑުގައި އަތް ހާކާލިއިރު އަބަދުހެން އޭނާގެ ހަށިގަނޑާ ވަކިކޮށް ނުލާ ގެންގުޅޭ ތަވީދުގައި އަތް ނުޖެހުމުންނެވެ.
(ނުނިމޭ)