Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-43

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
February 4, 2021 4 Mins Read
0 Comments

“ޒޯ…”އައިވިން އައިސް ޒޯޔާގެ ކުރިމަތީ ކުޑަކަކޫ ޖަހާލަމުން ޒޯޔާއަށް ގޮވާލިއެވެ.

“އައިމް ސޮރީ ޒޯ.. މިހެން މިވީ އަހަންނާހެދި… އަހަރެންނަށް ޒައިކް ރަނގަޅަށް ނުބެލުނީމަ…..” ޝަބާގެ ދެލޯވެސް ފެންކަޅިވެގެން ދިޔައެވެ.

ޒޯޔާ ދެފަރާތަށް ބޯ ހޫރުވާލީ ޝަބާގެ ކުށެއްނޫންކަން އަންގައިދިނުމަށެވެ. އައިވިން އިތުރު ތަފްސީލަށް އެދުމުން ކަންވީގޮތް ކުރުގޮތަކަށް ޝަބާ އައިވިން އަށް ކިޔައިދިނެވެ.

“އަދި ޒައިކް ފެންނާނެ އިރާދަ ކުރެއްވިއްޔާ.. އަހަރެން މިހާރު ޕޮލިހުންނަށްވެސް އަންގައިފިން.. އަދިވެސް އަހަރެން ބޭނުން އެތެރެ ޗެކް ކޮށްލަން.. ދެން ހުއްޓާލާ ޒޯ.. “ ޒޯޔާ ގެނެސް ގާތްކޮށްލާ ބޮލުގައި ބޮސްދެމުން އައިވިން ޒޯޔާ ހަމަޔަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. ކިތަންމެ ހަމަޖެހިފައި ހުރިކަމަށް ދައްކަން މަސައްކަތް ކުރިނަމަވެސް އައިވިންގެ ހިތްވެސް ވަނީ ނުތަނަވަސް ކަމެއްގެ ދެރޭގައެވެ. ޒައިކްއަށް ކުޑަވެސް ގެއްލުމެއް ލިބޭކަށް އޭނާ ދުވަހެއްގެ ކޮޅުންވެސް ނޭދެއެވެ.

ޝަބާއާއެކު ޒޯޔާ ގޮވައިގެން ޕާޓީ ބޭއްވުނު މާޙައުލަށް އައިވިން ވަދެގެން ދިޔައެވެ. މީހުންގެ ލޯތައް އައިވިން އަށް އަމާޒުވަމުން ދިޔަނަމަވެސް އައިވިން އެއީ ކަމަކަށް ނަހަދައެވެ. ދީނާއަށް ޒޯޔާއާއެކު ހުރި އައިވިން ފެނުމާއެކު އެދިމާއަށް އައެވެ. ޒޯޔާގެ ފިރިމީހާ އަކީ އައިވިން އަށް ވެދާނެކަމަކަށް ދީނާ އުންމީދެއް ނުކުރެެއެވެ. އަނެއްކޮޅުން ތިންމީހުންގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން ކަމެއް ގޯސްވެއްޖެ ކަމުގައި ދީނާގެ ހިތް ބުނެލިއެވެ.

“ ޒޯ.. ޝަބާ ހުރިހާ ކަމެއް އޯކޭތަ.. ؟” ދީނާ ތިންމީހުންގެ ކަައިރިއަށް އައިސް ސުވާލު ކޮށްލިއެެވެ.

ޝަބާގެ ދުލުން ވީގޮތް އެނގުމުން ދީނާއަށްވެސް ލިބުނީ ޝޮކެކެވެ. އެވަޤުތު އައިވިން އަށް ލިބިގެން ދިޔަ ފޯނު ކޯލަކާއެކު އޭނާ އެއްފަރާތަށް ޖެހިލިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އައިވިން އާއި ބައްދަލުކުރީ ޕޮލިސް ޓީމެކެވެ. އާދައިގެ ހެދުމުގައި ތިބުމުން ނުވިސްނާ ތިބޭ ބަޔަކަށް އެއީ ޕޮލިހުން ކަމެއް ދެނެއެއް ނުގަނެވޭނެއެވެ. ކައިވެނީގެ މާޙައުލުގެ އުފާވެރިކަން ގެއްލިގެން ދާން އައިިވިން ބޭނުން ނުވުމުން އޭނާގެ އެދުނީ ސިއްރު އިންވެސްޓިގޭޝަން އެއް ކުރިއަށް ގެންގޮސްދިނުމަށެވެ. އަދި ދިމާވި ކަންތައް އެންމެނަށް އެނގި ތުންތުންމަތިން ވާހަކަ ފެތުރިގެން ދާކަށް އައިވިން ބޭނުމެއްނުވިއެވެ.

ޕޮލިހުންގެ ޓީމް ޝަބާއާއި ޒޯޔާގެ ބަޔާން ނެގިއެވެ. ޝަބާ ސިފަކޮށްދިން ގޮތަށް ޒައިކް އުރަން އެދުނު އަންހެން މީހާ ކުރަހާވެސް ނިންމިއެވެ. ތަނުގެ ސީސީޓީވީ ތައް ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް ޕޮލިހުންގެ ތެރޭގައި ހުރި އައިވިންގެ ދުވަސްވީ ރަޙުމަތްތެރިޔާ ފަރުޒީނު ހާމަކުރިއެވެ. އައިވިންގެ ފަރާތުން އެކަމުގައި ޝާމިލް ވާން އެދުުމުން އޭނާއަށް ބަލައިލެވުނީ ޒޯޔާއަށެވެ. ޒޯޔާ އެހުރީ އެކަނި ޙާލައިގެން ދޫކޮށްލެވޭ ހާލަތެއްގައި ނޫންކަން އައިވިން އަށް އެނގެޔެވެ. ޑްރައިވަރަށް ގުޅާލުމަށްފަހު އައިވިން ބަލައިލީ ޝަބާ އަށެވެ. ޒޯޔާއާއެކު މަޑުކޮށްލެވޭނެތޯ އެހުމުން ޝަބާ ނުހަނު އަވަހަށް ބޯ ޖަހާލިއެވެ. އައިވިން ނަޖުމާ އާވެސް ގުޅުމަށްފަހު ވީގޮތް ކުރުގޮތަކަށް ކިޔައިދީ ޒޯޔާއާ މެދު ފަރުވާތެރި ވުމަށް އެދުނެވެ.

އައިވިން ޒޯޔާއަށް ބަލާލުމަށްފަހު އަތުގައި ހިފާލަމުން މަޑު މަޑުން ބޭރަށް ނިކުތެވެ. އެއްވެސް މީހެއްގެ އުނދަގޫ ނުފޯރާނެ ހިސާބަށް ދެވުމުން މަޑު މަޑުން ޒޯޔާގެނެސް އޭނާގެ މޭތެރޭގައި ފޮރުވާލިއެވެ. ތަކުރާރުކޮށް ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް އައިވިން ޒޯޔާ ކައިރީ ބުނެލިއެވެ.

“އަހަރެން އެބަދާންޖެހޭ..ޝަބާ ހުންނާނެ ޒޯ ކައިރި.. ދެން ހުއްޓާލާ..” ޒޯޔާގެ ލޮލުން ފައިބައިގެން ދިޔަ ކަރުނަތިކި ލޯތްބާއެކު ފޮހެލަ ދެމުން އައިވިން ބުންޏެވެ. ޑްރައިވަރުގެ ފޯނު ކޯލާއެކު އައިވިން ޒޯޔާއާއި ޝަބާ ގޮވައިގެން ދުވާރު މައްޗަށް ނިކުތެވެ. ދެމީހުން ކާރަށް އެެރުމާއެކު ބަލައިގެން ދުއްވުމަށް ޑްރައިވަރުގެ ކިބައިން އައިވިން އެދުނެވެ. ކާރަށް އެރި ވަޤުތުވެސް އައިވިން އަށް ހުރެވުނީ ޒޯޔާގެ ޙަަަރަކާތްތަކަށް ބަލާށެވެ. ރަތްވެފައިވާ ދެލޮލާއި އަތުގައިވާ ތުރުތުރުލުން އައިވިން އަކަށް ސިއްރެއް ނުވިއެވެ. ކާރުގޮސް އޮބާލަންދެން ބަލަހައްޓައިގެން ހުރި އައިިވިން ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ބާރު ހިނގުމުގައި އޭނާ ހިނގައިގަތީ ދަރުބާރުގޭގެ ތެރެއަށެވެ.

ޕޮލިހުންގެ އެހީއާއެކު ސީސީޓީވީ ފުޓޭޖް ހޯދިގެން ދިޔައެވެ. ޒުވާން އަންހެން ކުއްޖެއް ބޭރަށް ނިކުމެގެން ގޮސް ކަޅު ކުލައިގެ ކާރަކަށް ޒައިކް ގޮވައިގެން އެރިތަން ފުޓޭޖުން ފެންނަން ހުއްޓެވެ. ވަޤުތުން ކާރުގެ ނަންބަރު ބޭނުންކޮށްގެން އޭގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ޕޮލިސް ޓީމުން ފެށިއެވެ. އަދި އަންހެންކުއްޖާގެ މަޢުލޫމާތު ހޯދުމައްޓަކައި ދީނާއާއި އޭނާގެ ފިރިމީހާއާ ބައްދަލުކޮށް ކުރެހި ތަސްވީރު ދެއްކިއެވެ. ހައިރާންވާންޖެހުނީ އެ އަންހެންކުއްޖާއަކީ އެދެމީހުންވެސް ދަންނަ މީހެއްކަމަކަށް ނުވުމުންނެވެ. ދެން ޕޮލިހުން އެދުނީ ޕާޓީއަށް ދަޢުވަތު ދިން ހުރިހާ ފަރާތެއްގެ ނަން ހިއްސާކުރުމަށެވެ. ވަޤުތުން ދީނާގެ ފިރިމީހާ އެކަމައިގެން އުޅެން ފެށިއެވެ.
**********

ނަޖުމާއަށް ޒޯޔާގެ މޫނު ފެނުމާއެކުވެސް ހިތަށް ތަދުވެގެން ދިޔައެވެ. ޒޯޔާގެ ކޮނޑުގައި ހިފަހައްޓާލަމުން ހިތްވަރު ކުރުމަށް އެދުނެވެ. ޒޯޔާ ލަސްލަހުން ބޯޖަހާލަމުން ސޯފާގައި އިށީނެވެ. އެއްދިމާއަކަށް ގެއްލިފައި އިން މީހެއްހެން ހަރަކާތް ނެތިފައި ޒޯޔާއަށް އިނދެވުނެވެ.

“މިފެން ތަށި ބޯލާ..”ނަޖުމާއައިސް ޒޯޔާއަށް ފެންތައްޓެއް ދިއްކޮށްލަމުން ބުނެލިއެވެ. އެއްވެސް އެއްޗެއް އަރު ތެރެއަށް އެތެރެކުރާ ހިތް ނެތްނަމަވެސް ނަޖުމާގެ އާދޭހާއެކު ޒޯޔާ ފެންތަށީގައި ހިފިއެވެ. އެއިން އެންމެ ފެންކޯވަރެއް ބޯލުމަށްފަހު ޒޯޔާ މޭޒުގައި ތަށި ބޭންދިއެވެ.

******

ޒައިކް ހޯދުމުގައި ޕޮލިހުންގެ ޓީމަށް ކުރި ލިބޭގޮތެއް ނުވިއެވެ. ކާރު ވެރިފަރާތައް ގުޅުމުން އެނގުނީ އެއީ ގެއްލިގެން ރިޕޯޓު ކޮށްފައިވާ ކާރެއް ކަމެވެ. ކާރު ހޯދުމުގެ މަސައްކަތް ކުރިޔަށް ދަމުން ދިޔައިރު އަންހެންކުއްޖާ އާ ގުޅޭ މަޢުލޫމާތު ހޯދުމަށްވެސް ޕޮލިހުން ދިޔައީ މަސައްކަތް ކުރަމުންނެވެ.

“އައިވިން ދެން ދާންވީންނު ގެޔަށް…ކުރިއެރުމެއް މިބުނުހާ އަވަހަކަށް އަހަރެން ގުޅާނަން.. ވީ ވިލް ޓްރައި އަވަރ ބެސްޓް..” އައިވިންގެ ރަޙުމަތްތެރިޔާ ފަރުޒީން ބުނެލިއެވެ. އޭރު ރޭގަނޑު މެންދަންވަނީއެވެ. ޒޯޔާވެސް އިންނާނީ އޭނާގެ އިންތިޒާރުގައި ކަން އައިވިން އަށް އެނގެޔެވެ. ޚުދު އައިވިންވެސް ޒޯޔާ އެހާލުގައިވާ އިރު ކައިރީގައި ހުންނަން ބޭނުންވެއެވެ. އެހެނަސް ޒައިކް ހޯދުމުގައި އެއްވެސް ކުރި އެރުމެއް ނުލިބެނީސް ހުސް އަތާ ޒޯޔާގެ ކުރިމައްޗަށް އަރާނެ ގޮތެއް އައިވިން އަކަށް ނުވިސްނުނެވެ. މިވަޤުތު އޭނާގެ ސަބަބުން ވިޔަސް ޒޯޔާގެ ހިތާމަތަކަށް ނިމުމެއް ނާންނާނެކަން އައިވިން އަށް އެނގެޔެވެ.

******

ގެއަށް ވަނުނުގެ ކުރިން އައިވިން ހަމަޖެހިލިއެވެ. ޒޯޔާ އާ ބައްދަލު ވުމުގެ ކުރިން ނަފްސު ކަމަކަށް ހާނުވާ ބީދައިންނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކީ ކާޑުން ދޮރު ހުޅުވާލުމަށްފަހު އައިވިން އެތެރެއަށް ވަނެވެ. އެވަޤުތު ސިޓިންގް ރޫމުގައި އިން ނަޖުމާ އައިވިން ގެ ލޮލުގައި އަޅައިގަތީ ދެނެވެ.

“ނަޖުމާއްތަ އަދިވެސް ނުނިދަންތަ..؟ ކޮބާ ޒޯ…” އައިވިން އެތެރެއަށް ވަންނަމުން ސުވާލު ކޮށްލިއެވެ.

“އައިވިން ނާންނަނީސް ނިދަން ވަންނަން ބޭނުން ނުވެފަ މީނީ.. ޒޯޔާ ވަދެއްޖެ ކޮޓަރިއަށް …ދައްތަ ކާން އެދުމުންވެސް އެކައްޗެއްވެސް ނުކެއި.. ޝަބާ ވެސް މާ ލަސްވަނީއޭ ކިޔާފަ ނުދާން ހުއްޓަވެސް ޒޯޔާ ފޮނުވާލައިފި.. އައިވިން އައީމަ އޭނައަށް ގުޅާލައްޗޭ ބުނެދޭށޭ ޝަބާ ބުނީ…” ނަޖުމާ ވާހަކަ ނިންމާލަމުން ދެއަތް ދެއަތާ މޮޑެލިއެވެ..

“އައިވިން… ޒައިކް….” ފަސްޖެހެވުނު ވަރުން ނަޖުމާއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އެހެނަސް އައިވިން އަށް ނަޖުމާ އަހަން ބޭނުންވަނީ ކީކޭކަން ނަގައިގަނެވުނެވެ.

“އަދި ނޭނގެ.. ދައްތާ.. އަހަރެން ކިހިނެއް ޒޯ އާ ކުރިމަތި ލާނީ.. އޭނަ އަހަރެންގެ ފަރާތުން ހާދަ އުންމީދެއް ކުރާނެއޭ… އަމިއްލަ ދަރިފުޅު ގެއްލިގެން އުޅޭ އިރު މައިމީހާއަށް ކުރާނެ އަސަރު އަހަންނަކަށް އިޙްސާސްވެސް ނުވާނެކަން އެނގޭ.. އަހަރެން ކިހިނެތް ޒޯ އަށް ވިސްނަދޭނީ.. އޭނަ ރުއްސަން އަހަރެން ވަކި ކީކޭ ބުނާނީ…؟” އައިވިން އަށް ނަޖުމާގެ ކުރިމަތީ ހިތުގައިވާ އުދާސްތައް ބޭރުކޮށްލެވުނެވެ.

“ދަރިފުޅާ އައިވިން.. ހެޔޮކޮށް ވިސްނާ.. އައިވިން ޖެހޭނެ ވަރަށް ހިތްވަރު ގަދަވާން.. ޒޯޔާގެ ހިތްވަރަކަށް އައިވިން ވެދީ.. އިރާދަ ކުރެއްވިއްޔާ ޒައިކް ވަރަށް އަވަހަށް ފެންނާނެ.. އުންމީދު ކަނޑާނުލާތި.. މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުކަން އަބަދުވެސް ހަނދާން ކުރާތި..” ނަޖުމާ އައިވިން އަށް ހިތްވަރުލައިދެމުން ބުނެލިއެވެ.

ނަޖުމާގެ ވާހަކަތަކަށް ބޯ ޖަހާލަމުން އައިވިން ތެދުވިއެވެ. ނަޖުމާ ކައިރިން ނިދަން ދިޔުމަށް އެދެމުން އައިވިން ހިނގައިގަތެވެ. ކޮޓަރިއަށް ދިޔުމުގެ ކުރިން ޝަބާއަށް ގުޅަމުން އައިވިން މަޑުކޮށްލީ ހާމަފެންޑާގައެވެ.

ދެތިން ރިންގާއެކު ޝަބާ ފޯނު ނަގައިފިއެވެ. ހީވަނީ މާކުރިންވެސް އައިވިންގެ ކޯލެއްގެ އިންތިޒާރުގައި އިންހެންނެވެ.

“އައިވިން.. ކިހިނެއްވީ..؟ ކީކޭ ޕޮލިހުން ބުނީ.. ޒޯ ކޮބާ…؟” ޝަބާގެ އަޑުގައިވާ ހާސްކަން އިޙްސާސްވުމާއެކު އައިވިން އަށް ދެލޯ މަރާލެވުނެވެ.

”ޕޮލިހުން އަދިވެސް މައްސަލަ ބަލަމުން ދަނީ.. އަދި ޒައިކް  ވީ ތަނެއް ނޭނގޭ..” އައިވިން އަށް މާޔޫސްކަމާއެކު ބުނެލެވުނެވެ. އެއާއެކު އެކޮޅުން ޝަބާގެ ގިސްލުމުގެ އަޑު އިވިގެން ދިޔައެވެ. ޝަބާ މަޢާފަށް އެދެމުން ރޮމުން ދިޔައެވެ.

”ޝަބާގެ ކުށެއް ނޫނޭ މިއީ.. އަހަންނަށް އެނގޭ ޝަބާއަށް އެނގިގެން ޒައިކް އަށް ގެއްލުމެއް ލިބުނަކަ ނުދޭނެކަން.. ތީ ޒޯގެ ވަރަށް ރަނގަޅު ރަޙުމަތްތެެރިއެއް.. އިރާދަ ކުރެއްވިއްޔާ ޒައިކް ފެންނާނެ..ޝަބާވެސް އެކަމަށްޓަކަައި ދުޢާކޮށްދީ..” ޝަބާއަށް ހިތްވަރު ލައިދެމުން އައިވިން ވާހަކަ ދެއްކިއެވެ. އިރުކޮޅަކުން ޝަބާް ހަމައަކަށް އެޅުންހެން ހީވުމުން އައިވިން ފޯނު ކުރުކޮށްލީ ޒޯޔާ އޭނާ ލަސްވެގެން އުޅޭނެކަން ޔަޤީންވާތީއެވެ. ސިޑިން ފައިބައިގެން އައިސް މަޑު މަޑުން ކޮޓަރީގެ ދޮރު ހުޅުވާލީ ޒޯޔާއަށް ނިދިފައިވެސް އޮވެދާނެތީއެވެ.

ދޮރު ހުޅުވާލުމާއެކު އެނދުގައި އިށީނދެގެން އިން ޒޯޔާ އިސްއުފުލާލަމުން ބަލައިލިއެވެ. ދޮރު ކުރިމަތީގައި ހުރި އައިވިން ފެނުމާއެކު ޒޯޔާއަށް ފުންމައިގެން ތެދުވެވުނެވެ. އަވަސް ފިޔަވަޅުތަކުގައި އައިސް އައިވިންގެ ކައިރީ ޒޯޔާ ހުއްޓުނެވެ.

ދެއަތްތިލަ މެއާ ދިމާއިން ބޮނޑިކޮށްލަައިގެން ހުރި ޒޯޔާއަށް އައިވިންގެ ލޮލަށް ބަލަމުން ދިޔައިރު އެ ނަޒަރުގައިވާ އެތަކެއް ހާސް ސުވާލުތައް އައިވިންގެ ހަމަޖެހުން ނަގާލަމުން ދިޔައެވެ.

“ޒައިކް…” ޒޯޔާގެ އަނގައިން ބޭރުވީ އެންމެ ނަމެކެވެ. އެވަޤުތު އައިވިން އަށް ހިންދިރުވާލެވުނެވެ. އިޚްތިޔާރަކާ ނުލާ ޒޯޔާގެ މޫނުން ނަޒަރު ވަކިކޮށްލަމުން ތިރިޔަށް ބަލައިލެވުނެވެ. ޒޯޔާއަށް އޭނާގެ ޖަވާބު ލިބުނު ފަދައެވެ. ހުރި ތަނަށް ތިރިވިއިރު އެދެލޮލުން ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. ޖޯޑުކޮށްލެވިފައިވާ ދެއަތް މެއާލާ އިތުރަށް ބާރުކޮށްލިއިރު ވޭނީ ގިސްލުމުގެ އަޑު ބޭރުވަމުންދިޔައެވެ. ދަރިފުޅު އޭނާގެ އަތުތެރޭގައި ނެތްކަމުގެ ހުސްކަން ފޫބައްދާނެ ގޮތެއް ޒޯޔާއަކަށް ނުހޯދުނެވެ.

ޒޯޔާއަށް ވީގޮތް ފެނުމާއެކު އައިވިން އަވަސް އަވަހަށް ޒޯޔާގެ ކުރިމަތީ އިށީނެވެ. ވަރެއްނެތް ޒޯޔާގެ ހަށިގަނޑު ގެނެސް އޭނާގެ ގައިގާ ލައްކޮށްލަމުން ހޭވިފައިވާ އިސްތަށިތަައް ރީތިކޮށްލަދިނެވެ.

”ޒޯ.. އަހަރެން ދައްކާވާހަކަ އަޑު އަހާބަލަ.. ޒައިކް އަދި އެނބުރި އަންނާނެއޭ.. އަހަރެން ޒޯއަށް ވަޢުދުވަން.. ޒައިކް އަނބުރާ ޒޯއަށް ގެނެސްދޭނަން.. “ޒޯޔާ ރޯތަން ފެނި ގޮތްހުސްވެފައި އިން އައިވިންގެ ދުލުން ބޭރުވިއެވެ.

-ނުނިމޭ-

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ޤާތިލް-6

Next

އިމްތިޙާން 55

Next
February 5, 2021

އިމްތިޙާން 55

Previews
February 4, 2021

ޤާތިލް-6


All Right Reserved!