Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 55

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
February 5, 2021 4 Mins Read
0 Comments

“ކުރިންވެސް ކުރަހަން. ވަރަށް ކުޑައިރު އެއީ. ކުރީގެ ހިތްދަތިކަން މަންޒަރުތަކެއްގެ ސިފައިގަ ފޮރުވާފަ ހުންނާނީ. އެތަކެތި ކުރެހީ ހުދާއި ކަޅުގެ ފަންސޫރު ތުނޑުން. އެކަމަކު މިހާރު ބޭނުންވަނީ އަހަންނަށް ލިބެމުން މިދާ އުފާވެރިކަން ރީތި ކުލަތަކުން ކުރަހާލަން. ބަލާބަލަ މިފޮތް.. ބަލާބަލަ.. ދަންނަ އެއްވެސް ކަމެއް ފާހަގަ ވޭތޯ؟ ދަންނަ އެއްވެސް މީހަކު ހުރިތޯ؟ ގައިމުވެސް ކޮންމެސް ކަމެއް ފާހަގަ ވާނެ.”

ހިނިތުން ވެލަމުން ފާއިދު އޭނާ ކުރަހަން އިންފޮތް ދިއްކޮށްލިއެވެ.

ފަހަރަކު ގަނޑެއް ބަލަމުން ގޮސް ފަހުދު ކުއްލިޔަކަށް ބަލައިލީ ފާއިދުގެ ލޮލަށެވެ.

“އަހަންނަށް މާފްކުރޭ ފާއިދު.. އަހަންނަށް އެދުހު ކޮއްކޮއާ ދިމާލަށް ވަރަށް އެއްޗިސް ކިޔުން… އަހަރެން އުޅުނިން ސިފައިން ގެނެސްގެންވެސް އެދުހު، އެ އެންމެން ކުރިމަތީ ފާއިދު ފަލީހަތް ކުރެވޭތޯ.”

ފަހުދު އިރުކޮޅަކަށް އިސްޖަހާލީ ލަދުންނެވެ. ހަޤީގަތުގައިވެސް އެދުހު ކަންތައް ހިނގި ގޮތުން މިހާރު ފަހުދު އެކަމާ ލަދުގަނެއެވެ. އެގޮތުގައި ހުރުމަށްފަހު އަނެއްކާވެސް ފަހުދު ވާހަކަ ދައްކަން ފެށިއެވެ.

“އެކަމަކު އެދުހު އަހަރެން އެތާތިބި އެންމެންގެ ކުރިމަތީ އެވަރަށް އެއްޗިސް ކީމަވެސް ފާއިދު އަހަންނާ ދިމާލަށް ކުޑަވެސް އެއްޗެއް ނުބުނި.. ތިހާ މާތް މީހެއްކަން އެނގުނީމަ ދެން އަހަރެން ބެލީ އަހަރެންގެ ފަޔަށް ފަރުވާކުރަން ފާއިދު އަތުން ފައިސާ ޚަރަދު ކުރުވަން..”

ފާއިދުގެ މޫނަށް ބަލައިލަން ނުކެރުގެން އުޅޭފަދައިން ފަހުދުގެ އަމަލުތައް ހެކިވަމުން ދިޔައެވެ. އަދި ފަހުދު ދައްކަމުން ދިޔަ ވާހަކަތައް ފާއިދަށް ފަހުމްވަމުން ދިޔަވަރަކަށް ފާއިދު މަޑުމަޑުން
ބޯޖަހަމުން ދިޔައެވެ. އަދިވެސް ފާއިދު އަޑުއަހަމުން ދިޔައީ ފަހުދުގެ ޖަޒްބާތީ ވާހަކަތަކެވެ.

“އެކަމަކު ބަލާބަލަ.! އަހަންނާ ދޭތެރޭ ފާއިދު ކަންތައް ތި ކޮށްދޭ އޯގާތެރިކަން.. ފާއިދު ނެތް ވަގުތުތަކުގަ ތުގާވެސް އަހަންނަށް އެހީވަނީ ދަރިޔަކު އެހީވާ ފަދައިން.. އަހަރެންގެ ދަރިޔަކު ނެތަސް ދަރިޔަކު ދޭފަދަ ލޭފަވެތި ލޯބި އަހަންނަށް ތި ދެކުދިން ތި ދެނީ. އަނެއްކާ މިގޭ ބޭބެއާ ދައްތަވެސް އެހާ ރަނގަޅު…. ފާއިދު!.. އަހަންނަށް މާފްކުރޭ.”

އާޓް ފޮތުގައި ކުރަހާފައިވާ ފަހުދާއި ފާއިދުގެ ތަސްވީރު ފެނި ފަހުދު މާފަށް އެދުނެވެ. އެއީ ފަހުދު އެކްސިޑެންޓް ވީތަން ސިފަވާގޮތަށް ކުރަހާފައިވާ ވަރަށް ފުރިހަމަ ކުރެހުމެކެވެ.

“ކޮންމެ މީހަކުވެސް މާފަށް އެދެންވާނީ ކުށެއް ކުރެވުނުކަން އަމިއްލައަށް ވިސްނިގެން. އަހަރެން އަބަދުވެސް ލޯބިކުރާ ސިފައެއް އެއީ މާފަށް އެދުމާ މާފް ކުރުމަކީ.. އަހަންނަށް ވަރަށް ފަސޭހަ މީސް މީހުންނަށް މާފްކުރަން. ސީމައްތައާ މޫސަބެ އަހަންނަށް ދަސްކޮށްދީފަ ހުރީ، ވަރަށް ސާދާ ހިތްގައިމު ދިރިއުޅުމެއް އުޅެވޭނެ ގޮތްތައް. އަހަންނަށް އިނގޭ ކޮންމެސް އިރަކުން ބޭބެ މާފަށް އެދޭނެކަން. އެހެންވެ އެހެން ބުނަންދެން އަހަރެން މިހުރީ ކެތްކޮށްގެންވެސް… ހަޤީގަތަށް ބުނަންޏާ، ތިބަސް ބުނޭތޯ އަހަރެން ކޮންމެ ދުވަހަކުވެސް ތަފާތު އެތައް ކަމެއް ބޭބެއަށްޓަކާ ކޮށްދެވޭތޯވެސް ބެލިން.”

މުޅިދުވަހުގެ ފުޅާ ހިނިތުންވުން ފާޅުކޮށްލަމުން ފާއިދު އާޓް ފޮތުގައި ހިފިއެވެ. ފާއިދު ބޭނުންވި ކަންތައް ހާސިލްވުމުން ހިތްހަމަ ޖެހުމާއެކުއެވެ.

ލަހުމާ އޮތީ ނުވެސް ދަންނަ ފިރެހެނެއްގެ ދެއަތް މަތީއެވެ. އެމީހާ ލަހުމާ ގޮވައިން ފަހަރަކު ސިޑިއަކުން މައްޗަށް އަރަމުން ދިޔައެވެ. އަދި އެމީހާގެ އެއް ކޮނޑުގައި އަޅުވާފައިވާ ދަބަހުގެ ބޮޑުކަމުންވެސް އެމީހާއަށް ވަނީ އިންތިހާ ދަރަޖައަށް ވަރުބަލިކަން ވެރި ވެފައެވެ. ކަށިން ނެރެ ހިތްވަރުލަމުން ވަރުބަލިކަމާއެކު އެތައް ނޭވާއެއް ދޫކުރަމުން އެމީހާ ގޮސް އެ ޢިމާރާތުގެ ހަތަރުވަނަ ފަންގިފިލާގެ ތެރެއަށް ވަނެވެ.

ވަރުބަލި ވެފައިވާ ކަނާއަތުގެ އަތް ތިލައިން ދޮރުގެ ތަޅުގާ ޖައްސާލަމުން ދެތިން ފަހަރެއްގެ މަސައްކަތުން ދޮރު ހުޅުވާލަމުން އެމީހާ އެތެރެއަށް ދެމިގަތެވެ. އަދި ހަލުވި ހިނގުމުގާ ގޮސް ކުއީން ސައިޒްގެ އެނދު މަތީ ލަހުމާ ބާއްވާލިއެވެ.

“އާހްހހހހް!!! އަތަށް ވަރަށް ތަދުވެއްޖެ. މުޅިގައިން ވަރު ގޮސްފި.. ޕިސް ޕިސް.. އާހްހހހް!!”

އެމީހާ ތަޅުން މަތީ އޮށޯއްވެލިއެވެ. ސީލިންގްގައި ހަރުކޮށްފައިވާ ޚަރަކާތެއް ނެތް ފަންކާއަށް އިރުކޮޅަކު ބަލަން އޮތުމަށްފަހު އެމީހާ ތެދުވެލިއެވެ.

“ފަންކާ ޖަހާލާފަ އަހަރެން މިދަނީ ރަށަށް ދާން ފުރަން އިނގޭ.. ކަލޭގެ ހާލުބަލަން މިތަނަށް އަންހެނަކު އަންނާނެ.. އެއްވެސް ކަމަކާ ބިރު ނުގަންނާތި. މިގޭ މީހުން ކަލެޔަށް އެއްވެސް ގޯނާއެއް ނުކުރާނެ. އަދި ކަލޭ ވަރަށް ރަނގަޅަށް ބަލާނެ.”

އެހެން ބުނުމަށްފަހު އެމީހާ ހިނގައިގަތީ ލަހުމާއަށް ވާހަކަ ދައްކާނެ ފުރުޞަރެއްވެސް ނުދީއެވެ.

ހިތް ނުތަނަވަސް ވެފައިވާ ލަހުމާ ކޮޓަރީގެ އެކި ދިމާލަށް ބަލަމުން ދިޔައެވެ. އެއީ ވަރަށް ރީތި ކޮޓަރިއެކެވެ. ސާފުތާހިރު ކަމުގައި އިތުރަށް އުފެދޭނެ ސުވާލެއް ނެތެވެ. ފަރުނީޗަރު ތަކުގެ ރީތިކަމުން މުޅި ކޮޓަރި އިތުރަށް ތަނަވަސް ކޮށްދެއެވެ. ދެތިން މިނެޓަށް ފަހު ލަހުމާ ސިއްސައިން ދިޔައީ މީހަކު ދޮރު ހުޅުވާލި އަޑަށެވެ.

ކޮޓަރިއަށް ވަދެގެން އައީ ރީތި ޒުވާން އަންހެން ކުއްޖެކެވެ. ހަމުގެ ކުލަ އަލިކަމުން އެކުއްޖާގެ ބުރުސޫރަ އިތުރަށް ޗާލެވެ. ލައިން ހުރި ރަތްކުލައިގެ ދޯޕައްޓާ ހެދުމުން އެކުއްޖާގެ ރީތިކަން މާބޮޑަށްވެސް ފުރިހަމަ ކޮށްދެއެވެ. މަޑުމަޑުން ގޮސް އެކުއްޖާ އިށީނީ ލަހުމާގެ އުނަގަނޑާ ދިމާލުން އެނދުގައެވެ. އެޔަށްފަހު ލަހުމާގެ ކަނާއަތް ނަގާ އެކުއްޖާގެ ދެއަތްތިލައިގެ ތެރެއަށް ލިއެވެ. އަދި ލަހުމާއަށް ހިނިތުން ވުމެއް ހަދިޔާކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ.

“ދައްތާ! އަހަންނަކީ ދައްތައާ ހަވާލުވެގެން ހުރި ކުއްޖަ.
އަހަރެންގެ ނަމުން ގޮވުމަށްވުރެ އަހަންނަށް ރަނގަޅީ ކޮއްކޮއޭ ކިޔާފަ ގޮވިއްޔާ.. ދައްތަ ބަލަން އަހަރެން މިހަވާލުވީ މަދު ދުވަސްކޮޅަކަށް. އޭގެފަހުން ހާލަތު ބަދަލު ވާނީ ކިހިނެއް ކަމެއް އަހަންނަކަށްވެސް ނޭނގެ. އަހަރެންވެސް އުޅެނީ މިގޭގަ ބޭބެމެން ބުނިގޮތެއް ހަދައިން.”

އެކުއްޖާ އަމިއްލައަށް ކުރު ތަޢާރަފެއް ދެމުން އަނެއްކާވެސް ހިނިތުން ވެލިއެވެ.

ހެނދުނުގެ އެންމެ އަވި ބާރު ވަގުތެވެ. ސަމީރާއެކު މާލިކްގެ އިތުރުން މަހޫ މާލެ ފޭބީ ހިތްހަމަ ޖެހުމުގެ ނޭވާއެއް ލަމުންނެވެ. މަގުމަތިން ކާރެއް ހޯދައިން އިރުކޮޅެއް ތެރޭ ހ.ޑްރީމްސް ގޭގެ ދޮރުމައްޗަށް މަޑުކޮށްލިއެވެ. ޑިކީގައިވާ ދަބަސްތައް ނަގާ ކޮނޑުގައި އަޅުވާލަމުން ގެއަށް ވަނުމަށްޓަކާ ތިން މީހުން ހިނގައިގަތެވެ.

މާލިކްގެ ނަމުގައި ފޮނުވާފައިވާ ސިޓީ ކިޔާ ނިމުނުއިރު އަފީފާގެ ލޮލުން ފޭބި ކަރުނަތިކިތައް އެ ސިޓީގައި އުފަލާއެކު ބޮސްދިންފަދައެވެ. މިއީ އަފީފާ ހުވަފެނަކުންވެސް ދެކެފައި ނުވާފަދަ ދުވަހެކެވެ. މާލިކް ކުޑަކޮށްވެސް ޖަޒްބާތުގައި ޖެހިދާނެކަމަށް އަފީފާ ވިސްނާފައެއް ނުވެއެވެ. އެހެނަސް އުންމީދު ނުކުރާ ކިތަންމެ ކަމެއް އިމްތިޙާން ތަކެއްގެ ސިފައިގާ މި ދުނިޔޭން އިންސާނާއާ ބައްދަލުކުރެއެވެ.

“އަހަރެން ހީވެސް ނުކުރަން އަލުން ސަމީރާ ގުޅެން މާލިކް ބޭނުން ވާނެ ކަމަށް. އެކަމަކު މި ސިޓީ އަހަންނަށް ތަންކޮޅެއް ކުރިން ލިބުނުނަމަ…. އޭރުން އަހަރެން ހަމަ ގައިމުވެސް ސަމީރު ކައިރިޔަށް ދިޔައިމުސް.. އެކަމަކު.. އެކަމަކު ދެން އަހަންނަކަށް ނުކެރޭނެ އިޝާން ދޫކޮށްލާފަ ދާކަށް. މިހާރު އެ ކައިވެންޏަށް އެއްބަސް ވެވިއްޖެ. ސަމީރުގެ ދަރިންވެސް އެތިބީ ބޮޑެތިވެފަ.. އެހެންވީމަ، ހަމަ ގައިމުވެސް ސަމީރަށްވުރެ މިވަގުތު އަހަރެންގެ އަޅާލުން ދެން ބޭނުންވާނީ އިޝާންއަށް. އިޝާންއަކީ ފައި ބިނދިފަ އިން މީހެއް ނޫންނަމަ އަހަރެން ސަމީރު ކައިރިޔަށް ދިޔައިމުސް.”

އެއީ އަފީފާގެ ހިތް ބުނާގޮތެވެ. އެތައް ޚިޔާލު ތަކަކުން އަފީފާގެ ވިސްނުމާއި ފިކުރު ބޭޤަރާރު ކުރުވިއެވެ. އެހެނަސް އެވާހަކަތައް ދުލުން ބޭރުކުރާކަށް އަފީފާ ބޭނުމެއް ނޫނެވެ. މާލިކް މާފަށް އެދުމުން އަފީފާއަށް އެތައް ގޮތަކުން ހިތްހަމަ ޖެހުން ލިބުނަސް މިވަގުތު ސަމީރުގެ ހަޔާތާ ގުޅެން އަފީފާ ބޭނުން ނުވަނީ ސަބަބަކަށްޓަކައެވެ.

އަފީފާގެ މިޒާޖު އަބަދުވެސް ތަރުހީބު ދެނީ އަޅާލުމާއި އެހީތެރިކަން އެންމެ ބޭނުންވާ ހިތަކަށް އެ ލޯތްބާ އޯގާތެރިކަން ދޭން އިސްނެގުމަށެވެ. ވީއިރު އަފީފާގެ ހިތަކީ ހަމަ އެންމެ ހިތެކެވެ. އެ ހިތް އުފާވާނީ މަދު ފަހަރަކުއެވެ. އެހެނަސް އަފީފާގެ ސަބަބުން އެތައް ބަޔަކާއި އެތައް އާއިލާއެއްގެ ތެރެއިން މިލިޔަން ހިތަކަށް އުފާވެރިކަން ހޯދައިދޭން އަފީފާ ބޭނުމެވެ. ސަމީރަކީ ދެން އެކަނިވެސް އުޅެވުދާނެ މީހެކެވެ. އެކަމަކު އިޝާން އަކީ ނުކުޅެދޭ މީހެކެވެ. އިޝާންއަށް ކުޅެދޭ މީހަކަށް ވެވެން އޮތީ ހިތްވަރު ދޭނޭ ބައިވެރިޔަކާ އެކުވެގެންނެވެ.

މިއީ އަފީފާ އޭނާގެ ހަޔާތުގެ ނިމުމުގައި ސިއްކަ ޖަހަން ބޭނުންވާ ގޮތެވެ. އެހީތެރިކަމަށް ބޭނުން ވެއްޖެނަމަ އަދިވެސް އަފީފާ ހުންނާނީ ސަމީރަށްޓަކާވެސް އެފަދައިންނެވެ. ސަމީރާ އޭނަގެ ދަރިންގެ ހިތުގައި ޖެއްސުމަކީ ދުވަހަކުވެސް އަފީފާ ކުރާނެ ކަމެއް ނޫނެވެ. އެގޮތް އަފީފާއަށް އުފާވެރި ހަޔާތެއް ކަމަށް ފުދެއެވެ.

ސަމީރު މަޑުމަޑުން ދޮރުގައި ޓަކި ޖަހާލުމާއެކު އިރުކޮޅެއްގެ ތެރޭގައި ދޮރު ހުޅުވާލީ ސީމާއެވެ. ސީމާއަށް ލިބުނު ކުއްލި ހައިރާން ކަމާއެކު އުފަލުން ފޮޅުނެވެ. ތުގާގެ ބައްޕަ ސަމީރު މިފަހަރު ކުރި ދަތުރަކީ މާ ޚާއްސަ ދަތުރެއްކަން ސީމާއަށް އެނގުނީ މަހޫއާ މާލިކްވެސް އެ ދަތުރުގާ ބައިވެރި ވުމުންނެވެ.

“އަވަހަށް އާދޭ. އަންގާވެސް ނުލާނު ތި އައީ.. އެކަމަކު ވަރަށް އުފާވެއްޖެ މިހަފްތާއަށް އާދެވުނީމަ. މި ހަފްތާތެރޭ ފާއިދު މީހަކާ އިންނާނެ. ހެހެ.. ދެން ދަބަސް ބަހައްޓާލާފަ ހިނގާ ޖޫސް ބޯންއުޅެމާ.. އާދޭ.. ސަމީރު ދާނީ ކުރިންވެސް ސަމީރު ހުންނަ ކޮޓަރިއަށް. އެކަމު މިހާރު އެތާ އުޅޭނެ އެހެން މީހެއްވެސް އިނގޭ.. ދެން މިކުދިން ގެންދޭ ފާއިދު ކޮޓަރިއަށް. އޭރުން އެ ހަމަ ޖެހުނީނު.”

ސީމާ ވަރަށް ރޭވުނެތެރިކަމާއެކު ބުނެލިއެވެ. އެހެން ބުނުމަށްފަހު ސީމާ އަވަސްވެގަތީ މެހެމާނުންނަށް ފިިނި ބުއިމެއް ތައްޔާރު ކުރުމަށެވެ.

ކަންތައް ކުރަންވީގޮތް ސަމީރަށް ބުނެދިނުމުން މަހޫމެން ފާއިދުގެ ކޮޓަރިއަށް ގެންގޮސްދިނީ ސަމީރެވެ. އެއަށްފަހު ސަމީރު ގޮސް އޭނާއަށް ހަމަޖެހިފައިވާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

އެނދުމަތީ އިން މީހާ ފެނުމާއެކު ސަމީރުގެ މޫނު މަތީގެ ކުލަ ބަދަލުވިއެވެ. ސަމީރުގެ ހިތުގާ އެއްފަހަރާ އެތައް ސުވާލެއް އުފެދެން ފެށިއެވެ. ސަމީރު ފެނުމާއެކު ފަހުދުވެސް ސިއްސައިން ދިޔައެވެ. އަދި ކޮންމެސް އެއްޗެއް ވިސްނާލަން އިނުމަށްފަހު ވަގުތުން އިސްޖަހާލިއެވެ.

( ނުނިމެެ )
——————————

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ނޭދެމޭ ވަކިވުމެއް-43

Next

ހިރާސް 11

Next
February 5, 2021

ހިރާސް 11

Previews
February 4, 2021

ނޭދެމޭ ވަކިވުމެއް-43



All Right Reserved!