އެންމެ ސިކުންތަކަށްވެސް އެ ޖިންނިން ނަޒަރު ދުރު ކޮއްނުލާ ހައްވާދީ ކިޔަވަމުން ދިޔައެވެ. އެހެން އިންދާ ކުއްލިއަކަށް އޭތި ފުންމައިގެން އައިސް ހައްވާދީ އަޅާފައިވާ ބުރުގެ ތެރެއަށް ވަދެގަތެވެ. ހައްވާދީ ވިސްނާލަން އެންމެ ފުރުސަތެއްވެސް ނުދީ އޭތި އައިސް ހިފީ އޭނާގެ ކަރުގައެވެ.

“މޮޔަ އިންސާނާ.. ކަލޭ ހީކުރީތަ އެމީހުންގެ އަޑު އަހަންނަށް އިއްވައިގެން އަހަރެން ކަލޭގެ މުށުތެރެއަށް ލެވިދާނެހެން.. އަހަރެން އަޅުވެތި ކޮށްގެން ގެންގުޅެވޭ ވަރަށް ވުރެ ކަލޭ ތިއީ މާ ބަލިކަށި މީހެއް.. އަހަރެން ބޭނުމިއްޔާ މިހާރުވެސް އަހަންނަށް ކަލޭގެ ދުވަސް ދުއްވާލެވިދާނެ.. އެކަމު އޭރުން އަހަންނަކަށް ކަލޭގެ ފަރާތުން ބަދަލެއް ނުހިފޭނެ.. ކަލޭ އަހަރެންގެ އާއިލާ ދުއްވާލި ދުވަހުން ފެށިގެން އަހަރެން މިއީ ކަލޭގެ އަޅެއް ނޫން.. އަހަރެން މިއީ ކަލޭގެ ހަތުރެއް.. އެއް އިރަކު ކަލޭ އަހަރެންނަށް ބޭނުންހާ ގޮތެއް ހެދިޔަސް މިހާރަކު ނުވާނެ.. ކަލޭ އަހަންނަށް އަހަރެންގެ އާއިލާ އަނބުރާ ގެނެސް ދެންދެން އަހަރެންގެ ކިބަޔަކުން ސަލާމަތެއް ނުވާނެ.. އަހަރެން މިއީ ޒަބޫރިޝްކަން ހަނދާން ނައްތާ ނުލާތި” އޭތީގެ ނަފްރަތުން ފުރިގެންވާ އަޑު ހައްވާދީގެ ކަންފަތް ބުޑުގައި ގުގުމަން ފެށިއެވެ.

ޒަބޫރިޝްގެ ބާރުގަދަ އަތް ހައްވާދީގެ ކަރުގައި ހިފާފާވާލެ ބާރު ކަމުން އޭނާގެ ނޭވާ ހޮޅި ބެދޭހެން ހީވާން ފެށިއެވެ. އެ ޖިންނި އޭނާ މަރާ ނުލާނެކަން އެނގޭއިރުވެސް ދެން މިއަދަކު ސަލާމަތް ނުވާނޭހެން ހައްވާދީއަށް ހީވާން ފެށިއެވެ.

“އަހަރެން ދުވަހަކުވެސް ކަލޭގެ ބޭނުމެއް ފުއްދައެއް ނުދޭނަން.. ކަލޭ އަހަންނަށް ކިތަންމެ ބިރު ދެއްކިއަސް މި ހައްވާދީއެއް ބައްޔެއް ނުވާނެ” ނޭވާ ތާށިވަމުން ދިޔައިރުވެސް ހައްވާދީ ބުނެލިއެވެ.

“ހަހަ.. މިހާރު ހައްވާދީ ތިއޮތީ އަހަރެންގެ އަތުތެރޭ.. މިރޭ އަހަރެން ކަލެއަށް ކޮންމެ ކަމެއް ކުރިއަސް ކަލެއަކަށް ގަދައެެއް ނުދެއްކޭނެ.. ކަލޭގެ ހަށިގަނޑު ތެރޭގަ އަހަރެންގެ ލޭ ހިނގާ ފުރާނައެއް އުފެދި މިދުނިޔެއަށް އުފަން ވަންދެން ކަލެއަކަށް އަހަރެންގެ ކިބަޔަކުން ސަލާމަތެއް ނުވެވޭނެ..” ޒަބޫރިޝް އެހެން ބުނެފައި ހައްވާދީގެ ކަރަށް ބާރުކޮއްލިއެވެ. އޭތީގެ ބޭނުމަކީ ހައްވާދީގެ ދުވަސް ދުއްވާލާކަށް ނޫނެވެ. އޭނާގެ ބާރު ހައްވާދީއަށް އެނގުމެވެ.

“ކަލޭ އަހަރެން މަރާލިއަސް އަހަންނަށް ހެޔޮ.. އެކަމު ކަލޭގެ ތިއެދުމެއް މަށެއް ނުކޮށްދޭނަން.. ދުވަހަކުވެސް” ހައްވާދީ ހިއްވަރު ކޮށްފައި ވާހަކަ ދެއްކިއެވެ.

ހައްވާދީ އެހެން ބުނުމުން ޒަބޫރިޝް ހައްވާދީގެ ކަރުން ދޫކޮއްލިއެވެ. ތިން ވަރަކަށް ފިޔަަވަޅު ފަހަތައް ޖެހިލާފައި އޭތި ކޮންމެވެސް އެއްޗެކޭ ބުނެ ތުން ތަޅުވާލިއެވެ. އެއާއެކު ނުފެންނަ ބާރަކުން ހައްވާދީ މައްޗަށް ހިއްލުނެވެ. 3 ފޫޓެއްހާ މައްޗަށް ހިއްލިފައި ހައްވާދީ ބިންމައްޗަށް ވެއްޓުނެވެ. ގުޅައަކަށް ބިންމައްޗަށް ޖެހުނު ގޮތުން ހައްވާދީގެ އުނަގަނޑަށް ތޫނު ތަދެއް އެރިއެވެ. ހިރިލާނެ ހިއްވަރެއްވެސް ނެތިފައި ހައްވާދީއަށް އޮވެވުނެވެ.

“ކަލޭގެ ނިކަމެތިކަން ވިސްނިއްޖެ ދޯ” ހައްވާދީ އާ ދިމާއަށް އަންނަމުން މަލާމާތުގެ ރާގަކަށް ޒަބޫރިޝް ބުނެލިއެވެ. ހައްވާދީގެ ގައިމަތީގައި ހަތަރު މޮށްގަނޑު ޖަހައިގެން އޮތް ޒަބޫރިޝް ދެއަތުން ހައްވާދީގެ ކަރުގައި ހިފިއެވެ. ދެން އޭނާ ކޮންމެ ކަމެއް ކުރިއަސް ހައްވާދީއަށް ގުޑާވެސް ނުލެވޭނެކަން އެނގުމުން ހައްވާދީގެ ދެލޮލުން ހޯސްލާފައި ކަރުނަ އަންނަން ފެށިއެވެ.  ބިރުން ގޮސް މީހާ ތުރު ތުރު އަޅަން ފެށިއެވެ.

ދެން ޒަބޫރިޝް އޭނާއަށް ހަދާލާނީ ކިހިނެއް ބާއޭ ހިތަށް އަރަ އަރާ އޮށްވާ ސިހިގެން ދިޔައީ އެކޮޓަރީގެ ދޮރުގައި މީހަކު ޖެހި އަޑަށެވެ.

“މާމާ..؟ މާމާ..؟” ކޮޓަރީ ދޮރުގައި ތަޅަމުން ދިޔަ 5 އަހަރުގެ ކުޑަ އަންހެން ކުއްޖާގެ އަޑަށް ޒަބޫރިޝްވެސް ސިހިފައި ބަލާލިއެވެ. އަދި ބޯ އަރި ކޮއްލާފައި ދޮރާ ދިމާއަށް ބަލާލީރު ނުލަފާ ހިނިތުންވުމެ އެމޫނުމަތީ ފަވާލިއެވެ.

“ދަރިފުޅާ.. ނޫން.. މިތަނުން ދޭ” ހައްވާދީ ކިތަންމެ ވަރަކަށް ހަޅޭލަވަން ބޭނުންވި ނަމަވެސް އެއްވެސް އަޑެއް ބޭރެއް ނުވިއެވެ.

“މާމާ ކޮބާތަ؟ ޔީޝް ބިރުގަންނަނީ.. މާމާ ދޮރު ހުޅުވަބަލަ” ދޮރުގައި ތަޅަމުން އެކުއްޖާ ގޮވަން ފެށިއެވެ.

ޒަބޫރިޝް ގުދުވެލާފައި ހައްވާދީގެ ކަންފަތް ބުޑުގައި އެއްޗެއް ބުނެލުމާއެކު އެ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވުމުން ކުއްޖާ މާމާ އޭ ކިޔާ އެތެރެއަށް ވަދެގަތެވެ. ނަމަވެސް ދެވަނ ސިކުންތު ހައްވާދީގެ ގައިމަތީ އޮތް މަހްލޫގު އެކުއްޖާއަށް ފެނުމާއެކު ހަޅޭލަވައި ގަނެވުނެވެ. އަދި ހަބަރު ހުސްވެގެން ބިންމައްޗަށް ވެއްޓުނެވެ. އެހާ ބިރުވެރި ސިފައެއްގައި ހުރި އެ މަހްލޫގު ފެނިފައި އެ ޅަހިތަށް ކެތް ނުވީ ކަންނޭނގެއެވެ.

ހައްވާދީ ހަމަބިމަށް ތިރިވީ ދެވަނަ ފަހަރަށް ޒަބޫރިޝް އޭނާގެ ޖުމްލަ ތަކުރާރު ކޮށްލާފައި އެތަނުން ގެއްލިގެން ދިޔައީމައެވެ. އޯކަށް ދެމި ކެއްސަމުން ހައްވާދީ ބިންމަތިން ތެދުވިއެވެ. ބިންމަތީ އޮތް އޭނާގެ މާމަ ދަރިފުޅު ކައިރިއަށް ދިޔައިރު ހައްވާދީއަށް ރޮވެމުން ދިޔައެވެ.

ކުޑަ ކުޑަ ޔީޝާ އެނދުމަތީ ބާއްވާފައި ހައްވާދީ ގެއިން ނުކުތެވެ. ވެހެމުން ދިޔަ ބޯވާރެއާ ޖެހެމުން ދިޔަ ތޫފާނީ ވަޔަކަށް ފަރުވާލެއް ނެތި ހައްވާދީ މަގުގެ އެއްފަރާތަކުން ހިނގަމުން ދިޔައެވެ. މަގުމަތީގައި ދިއްލާފައި ހުރި ހޮޅިބުރިތަކުގެ ފަނޑު އަލިކަމުގެ ތެރެއިން ހައްވާދީ ދިޔައިރު ބައެއްފަހަރު ދުއްވާވެސް ގަނެއެވެ. މިހާރު ހައްވާދީ އުޅޭ ގޮތް ފެންނަ މީހަކަށް އެއީ ބޯ ހަމަޖެހޭ މީހެއްކަމާމެދު ޝައްކުކުރާނެއެވެ.

ބާރު ހިނގުމުގައި ހައްވާދީ މިސްރާބު ޖެހީ ފުދޭވަރަކަށް ދުރުގައި ހުރި އަލި ކަތީބުގެ ގެޔަށެވެ. މެދުގޯތީގައި ހުރި ބޯގަސްތަކު ތެރެއިން ގޮސް ހައްވާދީ އެތެރެއަށް ވަނެވެ. އަސްކަނީ ދަށުގައި މަޑު ކޮއްލާފައި އަވަހަށް އެގޭ ދޮރުގައި ޓަކި ދޭން ފެށިއެވެ. އިރުކޮޅަކު ޓަކި ދިންފަހުން ގޭގެ ދޮރު ހުޅުވާލީ މުސްކުޅި ފިރިހެނެކެވެ. ބޮލުގައި އެންމެ އިސްތައްޓެއްވެސް ނެތް އިރު އަލިކަތީބުގެ ދިގު ތުންބުޅި ވަނީ ހުދުވެފައެވެ. މޫނުމަތީގައި ރޫގިނަވެފައި ހަށިގަނޑުވެސް ގުދުވެފައި ހުރުމުން އެއީ 70 އަހަރުން މަތީ މީހެއްކަން އެނގެޔެވެ.

“ނަމާދަށް އަރަންތޯ ތިއުޅެނީ؟” ހުދު ގަމީހާ ތާކިހަލެއް އަޅާއިގެން ހުރި އަލިކަތީބު ފެނި ހައްވާދީ އަހާލިއެވެ.

“ނޫނޭ.. ހަމަ ދެންމެ އިޝާއިން މިފޭބީ.. މިހާރު ބަލިކަމުން މިސްކިތަކަށްވެސް ނުދެވޭ ވިއްޔަ.. ހައްވާދީ މިގަޑީގަ ކީއް މިތާ ތިކުރަނީ؟” ދޮރު ބޮޑަށް ހުޅުވާލާފައި އެތެރެއަށް ވަނުމަށް ދައުވަތު ދެމުން އަލިކަތީބު އަހާލިއެވެ.

“މިއުޅެނީ ވަރަށް ބޮޑު ކަމެއް ލައި ގަނެގެން..” އެތަނުގައި ހުރި އަނދަރާދު ގޮނޑިއެއްގައި އިށީންނަމުން ހައްވާދީ ބުނެލިއެވެ.

ބޮޑު އަށިމަތީ އިށީންނަމުން އަލިކަތީބު ބޯޖަހާލީ ބޮޑުކަމެއް ދިމާވެގެން ނޫނީ ހައްވާދީ މިގަޑީގައި ނާންނާނެކަން އެނގެޔޭ ބުނަމުންނެވެ.

“ތިވާހަކަ ދައްކާނީ މިތާކު ނޫން… ހިނގާ.. އެހެރަ ކޮޓަރިއަށް” ވެގެން އުޅޭގޮތް  ކިޔައި ދޭން ހައްވާދީ އަނގަ ހުޅުވާލިތަނާ އަލިކަތީބު ބުނެލިއެވެ. އަލިކަތީބުގެ ދަރިންނަށް އިވޭވަރަށް އެވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. އަލިކަތީބާއެކު އޭނާގެ ކިޔަވާ ކޮޓަރިއަށް ވަދެ ހައްވާދީ މިރޭ ދިމާވި ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ. ހައްވާދީގެ ވާހަކަ އަޑުއަހަމުން ދިޔައިރު އަލިކަތީބުގެ ނިތް ކުރިމައްޗަށް ރޫތަށް ގިނަވަމުން ދިޔައެވެ.

“އަހަންނަށް ހީވަނީ ދެން އޭތި ދިމާކޮށްްލާނީ އަހަރެންގެ ދަރިފުޅާހެން” ހައްވާދީ މިހެން ބުނިއިރު ދެލޯ ފެންކަޅި ވިއެވެ.

“މިހުރިހާ ކަމެއްވެސް މިދިމާވީ ހައްވާދީގެ މޮޔަކަމުން.. ބަލަ އެންމެ ފުރަތަމަ އަހަރެން ހައްވާދީީއަށް މި މަސައްކަތް ދަސްކޮއްދިން އިރު ނުބުނަންތަ އެ ފަދަ މަހްލޫގުން އަޅުވެތި ކުރެވޭނީ ވަކި މިންގަނޑަަކަށޭ. ހިސާބަށްވުރެ މައްޗަށް ކަންތައް ދަންޏާ އެކަމުން ނުކުންނާނީ ހިތި ނަތީޖާއެކޭ.. އޭތި ހައްވާދީގެ ފަރާތުން އެހިފަނީ ދުސްމަނީ ބަދަލެއް..” އަލިކަތީބު ބުނެލިއެވެ.

“އެއީ އަހަނަށް އެޅުނު ޅަ އެއްޗެއް.. ހަގީގަތުގަ އަހަރެން ޒަބޫރިޝްގެ އާއިލާ އަންދާލީ ގަސްތަކު ނޫން..” ހައްވާދީ އަށް އޭނާއަށް ކުރެވުނު ކުށް އިހްސާސް ކުރެވުނެވެ.

“މިރޭވެސް ހައްވާދީ ތިހެދީ ވަރަށްބޮޑު ގޯހެއް.. އެހެން މީހުން އުޅޭ ތަންތާ އެފަދަ ބޮޑުކަމެއް ކޮށްގެން ނުވާނެއްނު.. މިކަހަލަ ކަންތަށް ކުރަންޖެހޭނީ ވަރަށް އެކަހެރި ވެގެން.. ހައްވާދީ ތިކުރި ކަމަކުން ހުރިހާ ގެއްލުމެއް އެލިބުނީ އެމަންޖެއަށް.. ޒަބޫރިޝްެގެ ކަންތައް ހުންނަގޮތުން މިއީ އެހާ ފަސޭހަ ކަމަކަށް ނުވާނެ..” އަލިކަތީބު ނިއްކުރިމަތީ ފިރުމާލަމުން ބުނެލިއެވެ.

“އަހަރެން ދެން ކިހިނެއް ހަދަންވީ..” އަލިކަތީބު ހާސްވި ވަރަކަށް ހައްވާދީވެސް މާޔޫސް ވަމުން ދިޔައެވެ.

“މިވަގުތު އަހަރެމެންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް.. ޒަބޫރިޝް ހައްވާދީ ކައިރީ ބުނިހެން އޭނަ އެމަންޖެއާ ދިމާކޮއްލާނީ އެމަންޖެ ބޮޑުވީމަ.. މިވަގުތު އެމަންޖެގެ ފަރާތުން އޭނާގެ އެ ބޭނުމެއް ނުފުއްދޭނެ.. ޖިންނީންނަކީވެސް އެމީހުންގެ ބުނާ ބަހުގަ ހިފަހައްޓާ ބައެއް. އެމަންޖެ  ޒުވާން ފުރައަށް އެޅުމުން ނޫނީ އޭނަ ދެނެއް ނާންނާނެ.. ޒަބޫރިޝް ފިލައިގެން އުޅޭ ހާ ހިނދަކު އަހަރެމެނަކަށް އޭނަ ނައްތައެއް ނުލެވޭނެ..” އަލިކަތީބު ބުނެލިއެވެ.

“ދެން އެކުއްޖާގެ ދުވަސް ދުއްވާލަންދެން އަހަރެމެން ބަލަން ތިބެންވީތަ..” ހައްވާދީ ރުޅިގަދަވިއެވެ.

“އަހަރެން ދޭނަން ތަވީދެއް.. އޭތި އެމަންޖެގެ އުނަގަނޑުގަ އައްސާ.. އެކަމު މިއިން އެއްވެސް ވާހަކައެއް އެއްވެސް މީހަކު ގާތު ނުދައްކާތި.. މިކަން އެނގި އެމަންޖެ ބިރުގަނެއްޖެ ނަމަ އެ ޖިންނީގެ އުނދަގޫ ބޮޑުވެސް ވެދާނެ.. މިއީ އަހަރެމެން ދެމެދު އޮތް ސިއްރެއްގެ ގޮތުގަ ބާއްވާ” އަލިކަތީބު ކޮށްލީ އަމުރެކެވެ.

އަލިކަތީބުގެ ގެއިން ހައްވާދީ ނުކުތް އިރު ވަނީ ގޮތް ހުސްވެފައެވެ. އަމިއްލައަށް ކުރެވުނު މޮޔަކަމަކުން އެ ކުޑަ ދަރިފުޅުގެ ދިރިއުޅުމަށް ބަދުނަސީބުގެ ހިޔަނި އެޅިއްޖެކަން އެނގުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.

 

 

7

2 Comments

 1. Naa

  January 13, 2021 at 6:30 am

  Alhey dheem&eekku vaahaka Ige first paragraph noon ehn evves ehcheh N ufeney
  Alun upload kohdhey vee ennu
  Please

  • Dheem&Eekku

   January 13, 2021 at 8:23 pm

   Sorry v bodah..
   v avahah mi part alun up kolla dheynan.

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!