ނަޔާނީ ހަޅޭއް ލަވައިގަތެވެ. އަތް ކައްސާލީގޮތުން މަތަނުވެގެން އޭނަ ޖެހުނީ ބެލްކަނީ ހަރު ތަޅުންގަނޑު މައްޗަށެވެ. ޖެހުނު ގޮތަކުން ތަދުވެސްވިއެވެ. އޭރު ރޫނާ އޭނަޔަށް އެހީވަނިއެވެ. ނަޔާނީގެ ހަޅޭކުގެ އަޑަށް މަތީ ފުލޯ ބަދިގޭގައި މޮޕު ޖަހަން ހުރި ނާހިދާ އާއި ކޮޓަރީގައި އަރާމު ނިދީގައި އޮތް މިޝްކާވެސް ތެޅެމުން ފޮޅުން އެ ކޮޓަރިޔަށް ވަނެވެ.
” ނާޔާ ކިހިނެތްވީ ..”
” ދޮންތަ ވެއްޓުނީ ކޮންތާކުން؟”
” އަނެއްކާ އެރީ ދޯ މައްޗަށް .. ނާރާށޭ ބުންޏަކަސް އަޑެއް ނީވޭ ..”
” ރެއިލިންއަށް ބަލައިގެން އަރާބަލަ ..”
” ފައިހާއްތަ މިތަނަށް އައީ ކިހިނެތް ..”
ނަޔާނީ އަށް އަހަން ޖެހުނީ ހުސް ވެސް މަންމައާއި ކޮއްކޮގެ ސުވާލު މާކުތަކެކެވެ. ހުސް ވެސް ރޫނާ އާއި ހެދި ވާހާ ކަންތައްތަކޭ ނަޔާނީގެ ހިތަށް އެރިއެވެ.
” އެއީ ބެލްކަނީގެ ހުއްޓާ ކުރައްޕެއް ފެނުނީ .. މިހާރު އެއްލައިފިން ..”
ނަޔާނީ އޭނަގެ ދުލަށް އައި ބަހެއް ބޭރުކޮށްލިއެވެ.
” އެހެނޭ ވާނީ .. ނާޔާ ބިރުނުގަންނަ ސޫއްޕެއް މި ދުނިޔޭގަ ނޫޅޭވިއްޔަ ..”
ނާހިދާ ކޮޓަރިން ނުކުތީ މިޝްކާ އާއި އެކީއެވެ. ކުދިކިޔަމުންނެވެ. ނަޔާނީއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
” ކީއްކުރަން ކުރި ކަމެއް އެއީ ..”
ނަޔާނީ ކޮޓަރިޔަށް ވަންނަމުން ސުވާލުކުރިއެވެ.
“ނާޔާ ބިރު ގަތްތޯ ބަލާލީ .. އިންސާނުންނަކީ ހާދަ ފިޑި ބަޔެކޭ ..”
ރޫނާ ހޭންފެށިއެވެ. ނަޔާނީ ތުން އަނބުރާލައި ދަތުރު ދާއިރު ގެންދާ ދަބަސް ނެގިއެވެ.
” ދެން މި ޒުވާބު ބަހައްޓާ އެހެންވިމަ ..”
ނަޔާނީ އަލަމާރި ދޮރު ހުޅުވާލިއެވެ.
” މޫދަށް އެރޭނަންތަ .. ނޫންދޯ .. ފަތަންވެސް ނޭނގޭތީ..”
ނަޔާނީ ދެރަ ނުވާންވެގެން ބުނެލިއެވެ.
” އަސްލު .. ”
ރޫނާ ހައިރާންވިއެވެ. ނަމަވެސް މޫނުމަތިން އެކަމެއް ނުދައްކައެވެ.
” ކިހިނެތް ވީ ..؟ ”
ނަޔާނީ އެއްސެވެ.
” ކަމެއް ނުވޭ ..”
ރޫނާ އެހެން ބުނެފައި ބެލްކަނިން ތިރިޔަށް ފުންމައިލިއެވެ.
” އޭއި ކީއްތި ކުރީ ..”
ނަޔާނީ ދުވެފައި އައިސް ބެލްކަނިން ތިރިބަލައިލިއެވެ. އޭރު ރޫނާ، ދޫންޏެއްގެ ސިފައިގައި ގޭގެ ބިޔަ އަނބުގަހުގެ ގޮއްޕެއްގައި އިނެވެ.
” ދެނޯ ..”
ނަޔާނީ ބޯ ހޫރައިލިއެވެ. އިންސާނެއްގެ ސިފައިގައި ހުއްޓާ ފުއްމާލިއްޔާ އެވަގުތުކޮޅު އެއީ ކާކުކަން ވެސް ހަނދާނެއް ނުހުންނާނެއް ނޫން ހެއްޔެވެ.
” ބުނީމެއްނު ތިއީ ފިނޑި ބައެކޭ ..”
ރޫނާ ފޮނިކަނޑައިލިއެވެ. ގޭގެ ހޮޅިބުރި އެލުވައިފައިވި ހޮޅިދަނޑީގައި ހިފައި ފުންމައިގެން އައިސް ރޫނާ ބެލްކަނީގެ ދަނގަޑު ގަޑަށް ތިރިކޮއްލިއެވެ. ފިޔަގަނޑެއް ނެތަސް ކުޅަދާނައޭ ނަޔާނީގެ ހިތަށް އެރިއެވެ.
” ވަރިހަމައޭ .. ތިއީ އިންސާނެއްނޫން .. އެކަމަކު އިންސާނެކޭ އެހީތެރިވެދޭން ރޫނާއަށް ޕްލޭން ކިޔައިދިނީވެސް ..”
ނަޔާނީ ބުންޏެވެ.
” ތިކަން އެނގެޔޭ .. ”
ރޫނާ އަނެއްކާ އިންސާނެއްގެ ސިފަޔަށް ބަދަލުވިއެވެ.
~~~~~~~~~~~~~
އެއްގަޑި ބައި
~~~~~~~~~~~~
” އޭތް ނިދަން މިޔަރު އަވަސްކުރޭ ..”
ލިލިޔަން ނަޔާނިގެ ކޮޓަރި ދޮރުގައި ތަޅައިގަތެވެ. ގާތުގައި ރޫނާ ހުއްޓެވެ. މިވޭތުވެދިޔަ ބައި ގަޑިއިރު ތެރޭ ރޫނާވަނީ އޭނަގެ ހަގީގަތާއި ކުރަންޖެހޭ ކަންތައްތަކާއި ނަޔާނީގެ ޕްލޭން ލިލިޔަންއަށް ކިޔައިދީފައެވެ. އެހެންކަމުން ރޫނާއަކީ މިހާރު ނަޔާނީގެ އެކުވެރިޔެއްގެ އިތުރުން ލިލިޔަންގެ ވެސް ގާތް އެކުވެރިޔެކެވެ. އެހުރިހާ ކަމެއް ރޫނާ ކުރިއިރުވެސް ނަޔާނީއަށް އެކަންތައްތައް ވަނީ ފަރުދާވެފައެވެ.
” ކިހާ ދެރަކަމެއްތަ .. މިއޮތީ ނިދާކަށެއް ނޫނޭ .. ނިދަން މިޔަރޭ ކިޔާކަށް .. މީހުންނަށް މިޔަރޭ ކިޔަންޏާ ލިލީ މިޔަރަކަށް ބަދަލުވެދާނެ ކަންނޭގެ .. މި އަވަސްކުރަނީއޭ ދެން އަޅެ ..”
ކޮޓަރިން ނަޔާނީ ހަޅޭއްލަވައިގަތް އަޑު އިވުނެވެ.. އެއަޑު އިވިފައި ރޫނާ ހީނގަތެވެ. ލިލިޔަންއަށް ވެސް ނުހުރެވިގެން ބާރަށް ހުނެވެ.
” އަޑެއް ބަޑެއް ނީވެންޏާ މީހަކު ހީކުރާނީ ނިދާފައިކަމަށެއްނު .. އެހެންވިޔަސް ފައިހާ ބުންޏޭ އޭނައާއި ހެދި ނުނިދުނީމަ އޭނައާއި ދިމާލަށް
ވަރަށް ބޮޑަށް ހަޅޭއް ލެވިއޯ ..”
ލިލިޔަން ރައްދު ދިނެވެ. ތެދެކެވެ. ރޫނާގެ ސަބަބުން ނިދިކޮޅު ގެއްލުނީތީ ދެމީހުން ދެމީހުންނަށް ކޯޅުނު ވަގުތެއްވެސް އައެވެ.
އިރުކޮޅެއް ފަހުން ކޮޓަރީގެ ދޮރު ހުޅުވުނެވެ. އެތެރެއިން ނަޔާނީ ނުކުތެވެ. ބޮޑު ދަބަހެއް ކޮޑުގައި އަޅުވައިގެންނެވެ. އޭރު ވެސް ހުރީ މޫނު ކުނިކޮށް ލައިގެންނެވެ.
” ދެން ދާން އާދޭ .. އެންމެ ފަހުން ނައިސްގެން އުޅުނު މީހާވެސް އައިސް ފިއެއްނު ..”
މިޝްކާ ހިނިތުންވެލަމުން ބުނެލިއެވެ. ނަޔާނީ ދާތީ މިޝްކާވެސް ދާން ބޭނުންވީއެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން ދެފަރާތުން ފަލިޖަހަމުން ދިޔަ ދޯނީގެ މިސްރާބު ހުރީ ކުރިމަތީގައި އޮތް ފަޅު ރަށާއި ދިމާއަށެވެ. މެލޭމާއި ގާތް ކޮށްލުމުންއެންމެ ފުރަތަމަ ވެސް ދޯނިން ފޭބި މީހަކީ ނަޔާނީ އެވެ. އޭނަގެ ފަހަތުންލިލިޔަންއާއި ރޫނާ ފޭބިއިރު އެމީހުންގެ ފަހަތުގައި ހުރި މިޝްކާގެ ފަހަތުގައި ހުރީ ލީވާންއެވެ. ލީވާންއަކީ ލިލިޔަންގެ ކޮއްކޮއެވެ. އަދި ކިރިޔާ އެވީ އަށް އަހަރެވެ.
ކެޔޮމާއި ބުއިމާއި އުފަލާއި މަޖަލުގައި މީހުން އުޅެމުން ދިޔައެވެ. ނަމަވެސްދެ މީހަކު ފިޔަވައެވެ. މަގޫ ގަހެއްގެ ހިޔާނގަޑުގެ ދަށުގައި ނަޔާނީ އާއި ރޫނާ ތިއްބެވެ. ވާހަކަ ދެކެވެމުން ދިޔަ މައުޟޫ އަކީ އެ ކުރަން އުޅޭ ކަންތަކެވެ.ރޫނާ ނަޔާނީއަށް ކޮއްދިން ހެޔޮ ކަންތައްތަކުގެ ބަދަލު ނަޔާނީވެސް އަދާކޮށް ދޭނީ ހަމަ އެފަދަ އަމާނާތަކުންނެވެ.
ކުއްލިޔަކަށް ރޫނާގެ ކަރުގައި އަޅާފައި އޮތް ފަށް ދިއްލެން ފެށިއެވެ. ވަގުތުޖެހުނީ ކަމުގެ އިންޒާރެކެވެ. ރޫނާ ވެލިގަނޑުން ތެދުވެ ވެލި ފޮޅައިލިއެވެ.އަތް މުށްކަވާލީނުން އުޅަބޮށީގެ ކަށިތަކަށް ބާރުކޮށްލިއެވެ. އޭނަގެ އަމަލުތަކުން އޭނަ އެ ހުރީ ތައްޔާރަށް ކަން ސާބިތުވިއެވެ.
ރޫނާ ދުއްވައިގަތެވެ. ހަލުވި ފިޔަވަޅުތަކެއް ވެލިގަނޑަށް ދޫކުރަމުން ދިޔަރޫނާގެ މިސްރާބު ހުރީ މޫދަށެވެ. ފުންވަމުންދިޔަ މޫދަށެވެ. ފެންގަނޑުގައިޖެހޭ ވަގުތު ސަލާމަތް ވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނަގެ ހިތުގައި އެބައޮތެވެ.
އޭލިޔަން ރަސްގެފާނުގެ އަމުރަށް އޭލިޔަނުން އުދުހިގަތެވެ. މީހުންނަށްހަމަލާދީ ރޫނާ ހޯދާށެވެ. އެމީހުންނަށް އިންސާފަކީ ކޮބައި ކަމެއް ވަކިނުވެއެވެ. ބައެއް އޭލިޔަނުން ރަށުތެރެޔަށް އެރިއެވެ. އަނެއް ބައިގަނޑު ވަލުތެރެއަށެވެ. ތިން ވަނަ ބައި މީހުން ދިމާކުރީ ކައިރި ރަށްތައް ބެލުމަށެވެ. މިކަމަށް ހުރަސްއަޅާނޭ އެކަކުވެސް ނެތެވެ.
ރޫނާ ފެންމަތީގައި އޮވެވޭތޯ މަސައްކަތްކުރިއެވެ. އަތާއި ފައި ހުޅުވާލައިގެންފުލޯޓު ކުރެވޭތޯ ބެލިއެވެ. ނަމަވެސް ކުރި މަސައްކަތްވީ ނާކާމިޔާބެވެ.އަނެއްކޮޅުން ނަޔާނީ އޭނައާއި ހަވާލުވެފައިވާ މަސައްކަތާއި ގެންކުރިޔަށް ދިޔައެވެ. ސްކޭޓު ބޯޑު ހިފައިގެން ފެންމަތީގައި ސްކޭޓު ކުރުމަށް ތައްޔާރުވިއެވެ.
ނަޔާނީ މޫދަށް ފުންމައިލިއެވެ. ފަތަން ފެށިއެވެ. އައި ބޮޑު ރަޅާއި އެކުއޭނަ ނުގެންދިޔަ ކަމީ ނަސީބެކެވެ. ނަމަވެސް ހިތްވަރު ދޫ ނުކޮށް ފެތިފައި އޮތް ރޫނާއާއި ހަމައަށް ވާސިލުވެވޭތޯ ބެއްޔެވެ. ނަމަވެސް އޭނަގެ ނަސީބު ހަމަ ދެރައީއެވެ. ދެވަނަ ބޮޑު ރަޅާއިއެކު އޭނަގެ ސްކޭޓު ބޯޑު އޭނަގެ ފަޔާއި ވަކިވީއެވެ. އޭނަގެ ޕްލޭން ވެސް ފަނިވީއެވެ.
ރޫނާ ހަޅޭއްލަވަނިއެވެ. ސަލާމަތްކޮށް ދިނުމަށް އެދިއެވެ. ނަޔާނީގެ ހާލަކީވެސް އެއީއެވެ. ބަކަ ތަޅަމުންވެސް ފުންކަނޑުން އެރޭތޯ އުޅުނެވެ.
ދުރުގައި ހުރި ލިލިޔަންއަށް ހުރިހާ ކަމެއް އެނގުނެވެ. ރޫނާ ކިޔައިދީފައިއޮތް ގޮތުގެ މަތިން ރޫނާ އާއި ނަޔާނީ ސަލާމަތް ކުރަން އޭނަ އަވަސްވެގަތެވެ. އޭރު މިޝްކާ ރޮއެ ރޮއެ އަވަދިވަނީއެވެ.
ލޯންޗު ދުއްވައިލެވުނީ ކިރިޔާއެވެ. ހުންގާނު އަނބުރަމުން ދާން އޭނައަށް ވަރަށް އުނދަގޫވިއެވެ. އޭނަ ހެދިގޮތަކީ ކަނޑުގައި ނަނގިލި އެޅީއެވެ. އަދި ވާފަށެއް އައްސާފައި އޮތް ރިންގަކާއި އެކު ކަޑަށް ފުންމައިލިއެވެ. ފުރަތަމަ ސަލާމަތް ކުރެވުނީ ނަޔާނީއެވެ. ދޯނީގައި ބާއްވައި، ހަލުގައި އަޅާފައި އޮތް ނަނގިއްޔަށް ނުބަލާ ކަނޑަށް ފުންމައިލީ ރޫނާ ސަލާމަތް ކުރާށެވެ. ނަމަވެސް ވާކަމެއް ވީ އޭނަ އުންމީދުވެސް ނުކޮށް ހުއްޓައެވެ.
ނަނގިލި އަޅާފައި އޮތް ގާ ފުޑުފުޑުވީއެވެ. އެއާއި އެކު ނަގިލި މިނިވަންވެ ބޭނުން ގޮތަކަށް ލާ ހޫރެންފެށިއެވެ. ދޯނި ބެހިގެން ދިޔައީ ހޭނެތިފައިއޮތް ނަޔާނީއާއި އެކުގައެވެ. ރޫނާ ސަލާމަތް ކޮށް ދޯންޏަށް އަރުވަން އުޅުނުލިލިޔަން ވެސް ލޮނު ބޮވި ފެތިގެން ދިޔައެވެ.
މި ހުރިހާ ކަމެއް އޭލިޔަން ރަސްގެފާނަށް އެނގުނެވެ. އަތުގައި އޮތް ބިއްލޫރިބޯޅަ އިން ހުރިހާ އެއްޗެއް ހަމައަށް ބަލަމުން އޭތި ގެންދިޔައެވެ. އޭތީގެ ވަޒީރަށްގޮވާ ގެނައެވެ. އަދި އޭލިޔަން ދޫނިތަކުގެ ރަސްގެފާނަށް އެނގުމަށް އަމުރުކުރިއެވެ.
ރޫނާގެ ހޭ އަދި އެބަ ހުއްޓެވެ. ވަރުބަލިވެ ލޯ މެރުނު ވަގުތު އޭނަ، އޭނަގެ ފަށް މުށުގެ ތެރެއަށްލައި ފިއްތައިލިއެވެ. ސިއްރުން އެއްޗެކޭ ބުނީ ގާތުގައި އޮންނަ މީހަކަށްވެސް އަޑު ނީވޭނޭ ވަރަށެވެ.
” މަންމާ .. މަންމާ .. ބަލާބަލަ .. ކޮއްކޮ .. ފެތެނީ ..”
ރިއާނާ އަށް ގޮވަމުން އައި ރަޔާން ބުނެލިއެވެ. ހާސްވެފައި ހުރެ އަތުގައިއޮތް ބޯޅަ ރިޔާނާގެ މުށުތެރއަށް ލައިދިނެވެ.
” ރޫނާ . އޭއި ރޫނާ .. ..”
” ބައްޕާ .. ކޮއްކޮ ސަލާމަތްކުރޭ ..”
ރަޔާން ހާސްވެފައި ބުންޏެވެ. ރާއިދަށް އެ ބޯޅަ ދައްކައިލިއެވެ. އެއާއި އެކު ރާއިދުގެ މެއަށް ހޫނު ފެންތައްޓެއް އޮއްސައިލިހެން ހީވިއެވެ. ކުއްލިޔަކަށް މީހަކު ވައިއަޑަކުން އެއްޗެކޭ ބުނެލި އަޑު އިވުނެވެ. އެއީ ދެވަނައެހެން އަޑެއް ނޫނެވެ. ރޫނާގެ އަޑެވެ. ރާއިދު އެ އަޑަށް ސަމާލުކަން ދިނެވެ.
” މިއީ އެންމެ ފަހު ވަގުތުކޮޅު ..”
ރޫނާ ބުނެލިއެވެ.
ރާއިދު މަޑެއް ނުކުރެއެވެ. އުދުހިގަތެވެ. ރަޔާން ވެސް ފަހަތުން އުދުހިގަތެވެ.ދޫންޏެއްގެ ސިފައިގައި ހުރެއެވެ. ފަސޭހަ ވާނީ އެހެން ކަމަށް ވާތީއެވެ. ދިޔައިރު ގެބެމުންދިޔަ ރޫނާ ފެނުނެވެ. ގާތުގައި އެހެން އަންހެން ކުއްޖަކު ރޫނާ ސަލާމަތްކުރަން މަސައްކަތް ކުރަމުން ދިޔަ ތަން ވެސް ފެނުނެވެ. އެމަންޒަރު ވީ މުޅި އެއާއިލާ ހައިރާންކުރުވަނިވި މަންޒަރަކަށެވެ. ދުވަހަކުވެސް އިންސާނެއްގެ ރަނގަޅުސިފައެއް އޭލިޔަނަކަށް ފެނިފައެއް ނުވެއެވެ. ނަމަވެސް މިއަދު ފެނުނީއެވެ.
ލަސްކުރަން ނަހަދާ ރަޔާން ރޫނާގެ އަތުގައި ހިފާ މަޑު ފަސްގަނޑަށް ވައްޓައިލިއެވެ. ކެއްސަމުން ކޮށިއަރަމުން ރޫނާ ވާހަކަ ދެއްކޭތޯ އުޅުނެވެ. ނަމަވެސް އެނަސީބު އޭނައަށް ނުލިބި އޭނަގެ ނޭވާ ކޮޅުންލިއެވެ.ރާއިދު ލިލިޔަން އާއި ދިމާލަށް ބަލައިގެން ހުއްޓެވެ. އިންސާނަކު ސަލާމަތް ކުރުމަކީ އޭނަ ކުރި ކަމެއް ނޫނެވެ. އޭރު ދުރުން އޮޔާ، ވަޔާ ބެހެމުން ދިޔަ ދޯނިއޭނައަށް ފެނެއެވެ. ވިސްނަ ވިސްނައިފައި ރަނގަޅު ގޮތް ކަމަށް ބެލެވޭ ގޮތަށްކަންތައްކުރިއެވެ. ލިލިޔަންގެ އަތުގައި ހިފާ މަޑު ފަސްގަނޑަށް ވައްޓައިލަމުންރޫނާ ގެ މޫނާ އައްޔެއް އަޅިއެވެ. އެއާއި އެކު ރޫނާގެ ނޭވާ ރަނގަޅުވެ ބަޑަށްގޮސްފައިވާ ފެންތައް އަނގައިން ބޭރުވިއެވެ.
” ދޮންބޭ .. ބައްޕާ ..”
ރޫނާ ގޮވައިލުމާއި އެކު ރާއިދު އުފަލުން ބަލައިލިއެވެ. ރަޔާންވެސް އުފަލުގެ ކޮޅެއްނެތެވެ. ނަމަވެސް އެމީހުން ހީކުރި ގޮތާއި ހިލާފަށް ރޫނާ ލިލިޔަންގެ ގާތަށް ދާން ދުއްވައިގަތެވެ. ދަތުރު ގޮސްއުޅުނު އެންމެންހެން އެތަނަށް ތޮއްޖެހިފައި ވިއެވެ. އެމީހުންގެ އަތްތަކުގެ ތެރެއިން ލޫދިގެން ރޫނާ ލިލިޔަންގެ ގާތުގައި އިށީނެވެ. ކަރުގައި އަޅާފައިއޮތް ފަށުގައި އަތް އަޅައި އޭތި ނެގިއެވެ. އަދި އެފަށް ލިލިޔަންގެ މުށުތެރެޔަށްލަމުން ކޮންމެވެސް އެއްޗެއް ކިޔެވެ.
އިސާހިތަކު ލިލިޔަން ތެދުވެއްޖެއެވެ. އުފާވެރިކަމާއިއެކު އެންމެންގެ މޫނަށް ލިލިޔަން ބަލަމުން ދިޔައެވެ. އެއީ ރޫނާގެ އާއިލާކަން ފާހަގަ ކުރަން ލިލިޔަން އަކަށް އުނދަގޫނުވިއެވެ.
” ރޫނާ ..” ރޫނާގެ އާއިލާއަށް ލިބުނީ ބޮޑު ޝޮކެކެވެ. ރޫނާގެ އަސްލުނަން ލިލި ޔަންއަށް އެނގުމުންނެވެ. ރޫނާ ވެސް އާއެކޭ ބުނެލިއެވެ.
” ނާޔާ ..” ލިލިޔަންގެ އަނގައިން ބޭރުވިއެވެ. ދުވެފައި ގޮސް ފައިތިލަތާ ފެންޖެހޭ ނުޖެހޭ ހިސާބުގައި މަޑުކޮށްލާ ބެހެމުން ދިޔަ އޮޑިއާއި ދިމާލަށް ބަލައިލިއެވެ. އޭރު ބައެއް މީހުން އޭލިޔަން ދޫނިތައް ފެނުމުން ބިރުން އުޅެއެވެ. މި މީހުން އުޅޭގޮތް ފެނުމުން ރާއިދާއި ރަޔާންގެ ގަތަށް އައީ ހިންޏެވެ. މި އިންސާނުންނަކީބިޔަކޮށް ވަރުގަދަ ކޮށް ތިއްބަސް ހަމަ ބޮޑު ފިޑިންތާއެވެ.
” ލިލީ .. އަރާ އަހަރެންގެ ބުރަކަށި މައްޗަށް ..” ރޫނާ ސިފަ ބަދަލުވެލާފައިލިލިޔަންއަށް އިޝާރާތް ކުރިއެވެ. ލިލިޔަން އެރުމާއިއެކު ރޫނާ އުދުހެވޭތޯ ބެލިއެވެ. ވިރިފައި އޮތް ފިޔަގަނޑާއި އެކު އުދުހެވޭނީވެސް ވަކި ކިހިނެތް ހެއްޔެވެ. ރާއިދު އޭނާގެ އަތުން އަލިތަށް ނެރުނެވެ. އެއާއިއެކު ރޫނާގެ ފިޔަގަނޑު ކުރީގެހާލަތަށް ރުޖޫޢަވެ އުދުހެވޭ ގޮތްވިއެވެ.
” ޝުކުރިއްޔާ …”
ލިލިޔަން ބުނެލިއެވެ. އަދި ރޫނާގެ ފިޔަގަނޑުގައި ކޮށްޓާލިއެވެ.އެއާއިއެކު ސިކުންތެއްވެސް ބޭކާރު ނުކޮށް ރޫނާ ފިޔަގަނޑުން ވައި ކަފާލިއެވެ.އަޑެއް ލައްވާލުމަށްފަހު އުދުހިގަތެވެ. ހަމަ އެދިޔަ ބާރުމިނުގައި ދިޔަ ރޫނާ ފެނުނީއެ ދޯނީގެ މަތީ އިށީދެގެން އޮތްވައެވެ. ލިލިޔަން ނަޔާނީ ހޭ އަރުވަނީއެވެ. ނަޔާނީ ނަސީބަކުން ލޯ ހުޅުވާލިއެވެ. އޮށޯވެގެން އޮވެފައި އޮވެވުނު ތަންރެއަކާލުމުން ފުންމައިގެން ތެދުވިއެވެ. ގާތުގައި ހެވިފައި ތިބިދެ މީހުން ފެނުނީ ދެނެވެ.
” ލިލި .. ރުނާ ..”
ނަޔާނީ އުފާވިއެވެ. އަވަހަށް ހަނާ އަޅައިލިއެވެ. ރޫނާ ބަޑުޖަހައިލުމުން ދެ ކުދިން އެކީ އެރިއެވެ. ރޫނާ އުދުހިގަތުމުން ނަޔާނީ ހައިރާންވެ އަންތަރިސް ވިއެވެ.
” ރުނާ …. ކިހިނެތް ..”
ނަޔާނީގެ ހިތުގައި އޮތް ސުވާލު އެނގުމުން ލިލޔަން ބޯ ހޫރައިލިއެވެ އަދި ވީކަންތައްތަކުގެ ތަފްސީލު ވަރަށް ފުރިހަމައަށް ކިޔައިދިނެވެ.
” ހޫނ! މިއީ ދޯ އަހަރެން ރީތިވާން ހުއްޓާ ކުރި ކަންތައް ..”
ނަޔާނީއަށް ހެވުނެވެ.
އަތިރިމަތީގެ މަޑު ފަސްގަނޑުގައި ފައިޖައްސާ ލެވުނުއިރު ހަވީރު ފަހެކެވެ. އަތިރިމަތިން އެކުދިންނަށް މަރުހަބާކީ ދަތުރުވެރީންނެވެ. މިޝްކާ ހުރީ ވަރަށް އުފާވެފައެވެ.ދޮންތަ އަނބުރާ އައުމުންނެވެ.
~~~~~~~~~~~~~~~~
ދުވަސްކޮޅެއް ފަސް
~~~~~~~~~~~~~~~~
ގޭގެ ރީތިވާ މޭޒު ކައިރީ ހުރެ ނަޔާނީ ތައްޔާރު ވަމުން ދިޔައެވެ. ފުނާ އެޅުމަށްފަހު ކުޑަދޮރު ކައިރިޔަށް ޖެހިލީ މީހެއްގެ އިންތިޒާރުގައި ހުރެއެވެ. ކާކުކަމެއް ނޭގެއެވެ. ނަމަވެސް އޭނަގެ ހިތުގެ އަޑިން ގަބޫލުކުރާ ގޮތުގައި އެއީ ރޫނާއެވެ. އޭނަގެ ‘ރުނާ’ އެވެ.ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުނެވެ. ނަޔާނީ ލަސްލަހުން ފަހަތަށް އެނބުރުނެވެ. އެއާއިއެކު އޭނަޔަށް އިހުސާސް ކުރެވުނީ ދެއީދު އެއްފަހަރާ ލައިގަނެގެން އައިހެންނެވެ.
” ރުނާ !!!!!!!!!!!!!! ..”
ނަޔާނީ ހަޅޭއްލަވައިގަތެވެ. އުފަލުންނެވެ. މިވޭތުވެ ދިޔަ ދުވަސްތަކުގައި ކަން ހިނގިގޮތް ރޫނާއަށް ކިޔައިދޭން އޭނަ ހުރީ ވަރަށް ބޭނުންވެފައެވެ.
” ނާޔާ ..”
ރޫނާ ވެސް އުފަލުން ހަޅޭއް ލަވައިގަތެވެ. އެއާއި އެކު ކޮޓަރި ތެރޭރައި ގުގުމައިގަތީ ދެއެކުވެރިންގެ ލުއި ހުނުމުގެ އަޑެވެ.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ނިމުނީ
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
( މިވާހަކަ ނިމެންދެން ފޫހިކަމެއް ނެތި ކިޔައިލެއްވި ހުރިހާ ކިޔުންތެރިންނަށްވެސް އަޅުގަނޑު ފަށްފަށުން ޝުކުރު އަދާކުރަމެވެ. މިއީ މި ސިލްސިލާގެ ފުރަތަމަ ވާހަކައެވެ. މި ސިލްސިލާގައި ފަސްވާހަކަ އޮންނާނެއެވެ. މީގެ ދެވަނަ ވާހަކަ އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު އަޅުގަނޑު ގެނެސްދޭނަމެވެ. އެހެންނަމަވެސް މާ ލަސްތަކެއްނުވެ އަޅުގަނޑުގެ އެހެން ބިރުވެރި ވާހަކައެއް ކިޔައިލައްވަން ލިބިލައްވާނެއެވެ.)
ވަރަށް ބޮޑަށް ޝުކުރިއްޔާ !!!!
61 Comment
Leave a Reply
You must be logged in to post a comment.
ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!
shark_shaya
December 18, 2020 at 10:35 pmWow this story is really nice