ދޫކޮށްނުލާނަމޭ ކަލާ – 6
ކިނާން ހީކުރީ ކިނާން ލައާލީއާއި އެއްބައިވިކަން ކަލްޘޫމަށް އެނގުނީ ކަމަށެވެ. އެހެންކަމުން ކިނާންހުރީ ވަރަށް ކަންބޮޑުވެފައެވެ. އަނެއްފަރާތަށް އެނބުރި ދާން އުޅެނިކޮށް ކަލްޘޫމް ދުވެފައި އައިސް ކިނާންގެ ގިރުވާނުގައި ހިފިއެވެ.
“ކަ….ކަލް….. ކި….ކިހިނެތްވީ؟” ކިނާން ހާސްވެފައި ހުރި ވަރުން ވާހަކަ ދެއްކުނީވެސް އަޅައިގަނެގެންނެވެ.
“މަށަށް ދޯ ކަމެއްވެގެން މިއުޅެނީ؟” ކަލްޘޫމް ކިނާންގެ ގިރުވާނުން އަތް ދޫކޮށްލުމަށްފަހު ދެލޯ ހަނިކޮށްލަމުން ބުންޏެވެ.
“ޕިސް ޕިސް…… ތިހެން ނުހުރެ ކިޔައިދިނިއްޔާ ކަލްގެ އަނގައިން ލޭ އަންނަނީތަ؟” ކިނާންއަށް މިފަހަރު ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ.
“ޕިސް..ޕިސް….. މަށަށް ގަނެދެން ބުނެފައި އޮތް ފޯނު ކޮބައިތަ؟ ދޮންބިސް ބުނީ އޭތި ހިފައިގެން ނޫނީ ގެއަކަށް ފިޔަވަޅެއްވެސް ނާޅާނަމޯ! ދޮގުބެ! ހުނ!” ރޭގެ ވާހަކަތައް ހަނދާންކޮށްލަމުން ކަލްޘޫމް ބުންޏެވެ.
“އެންމެ ފުރަތަމަ މަށަކީ ދޮންބިހެއް ނޫން. މަށަކީ މަގޭ ކުރިމަތީގައިހުރި ފޮނިފާތުމަގެ ދޮންބެ. ދެވަނަ ކަމަކަށް މަމިއުޅެނީ ފޯނު ގަންނަން ދާން.” ކިނާން އަތުގެ އިނގިލިތައް ބިންނަމުން ބުންޏެވެ.
“ތިހެން ކީމަވެސް ދެން މަ ކިޔާނީ ދޮންބިސް.” މަޖާ ރާގަކަށް އެހެން ބުނުމަށްފަހު ކައިރީގައި ހުރި ކަލްޘޫމްގެ އެޕާރޓްމެންޓަށް ވަންނަން ކަލްޘޫމް ދުއްވައިގަތެވެ.
“ފޮނި ފާތުމާ!” ކިނާންވެސް ކަލްޘޫމް ފަހަތުން ދުއްވައިގަތެވެ.
1އަހަރު ފަސް…….
އަޒްލާންހުރީ މެލޭޝިޔާގެ އެއަރޕޯރޓްގައެވެ. ނަމަވެސް އޭނާގެ އަޖައިބެއްފަދަ މަޑު ފެހިކުލައިގެ ދެލޮލުގައި ވަނީ ހިތާމަވެރިކަމާއި ހިތްދަތިކަމެވެ. އެއާޕޯޓުގައިހުރި އެތަށް އަންހެން ކުއްޖެއްގެ ލޯ އޭނާއަށް އަމާޒުވެފައިވިއެއްކަމަކު އޭނާ އެކާމާއި އެހާ ބޮޑަކަށް ފަރުވާއެއް ނުބަހައްޓައެވެ. އޭނާގެ ސިނކުޑީގައި ހިނގަމުންދަނީ ވޭތުވެ ދިޔަ އެއްއަހަރު ތެރޭގައި ހިނގައި ދިޔަ ކަންތައްތަކެވެ. ވޭތުވެ ދިޔަ އެއްއަހަރުގެ ތެރޭގައި އެނގުނުގޮތުގައި އޭނާގެ ބައްޕަ ޢާޤިބްގެ އޮފީހަށް ވަނީ ޔަލީނާއެއް ނޫންކަން އެނގުނު ހިސާބުން އޭނާގެ ހިތުގައި ކޮންމެވެސް ވަަރަކަށް ނުތަނަވަސްކަން ވެރިވިއެވެ. އޮފީހަށްވަނީ ޔަލްދާ ކިޔާ ކުއްޖެއްކަން އެނގެއެވެ. ނަމަވެސް އަޒްލާންއަށް ރާއްޖެ ދާން ޖެހުނީ އަޒްލާންގެ މަންމަ ޖަނާގެ މަރާއި ޢާޤިބަށް އެކަނި އެ ވިޔަފާރި ހިންގަން އުނަދަގޫވާތީ އަޒްލާންއަށް އޮފީސް ހަވާލުކުރުމުންނެވެ. ފްލައިޓު އައިސް ޖެއްސުމުން އަޒްލާން ފްލައިޓަށް އެރުމަށްފަހު ސީޓެއްގައި އިށީނުމަށްފަހު ދެލޯ މަރައިލީ ހިތަށް ފިނިކަމެއް ލިބޭތޯއެވެ.
“އައްސަލާމު ޢަލައިކުމް. ޔަލީނާދެއްތޯ؟ އަސްލު އަޅުގަނޑު ޔަލީނާއަށް މިގުޅީ ވަރަށް ބޮޑު ވާހަކައެއް ބުނެލަން.” ޔަލީނާގެ ފޯނު ކަންފަތުގައި ޖަހައިލުމާއިއެކު އިވުނީ ނަސްރުގެ އަޑެެވެ.
“ވަޢަލައިކުމުއް ސަލާމް. އާދެ! ކޮން ވާހަކައެއްތޯ؟” ޔަލީނާ ދޮންނަންހުރި ތަށި ސިންކު ކައިރީގައި ބަހައްޓަމުން ސިންކު ކައިރީގައި ހުރި މޭޒުގައި ލެނގިލުމަށްފަހު ބުންޏެެެވެ.
“މިވީގޮތަކީ އަޅުގަނޑުގެ ފިހާރަ ބަންދުުކުރަން އަޅުގަނޑުގެ ބޭބެ އެދެނީ. އެހެންވެ ދެން ޔަލީނާ ޖެހޭނީ ވަޒީފާއިން ކެނޑޭކަށެއް ނޫންތޯ؟” ނަސްރު ވަަރަށް ހިތާމަވެރި ރާގެއްގައި ބުންޏެވެ. ޔަލީނާ ޙައިރާންވިއެވެ.
“ލައްބަ! އެކަމަކު ދެން ކޮންއިރަކުން ތޯ ފިހާރަ ހުޅުވަނީ؟” ޔަލީނާ އެއްސެވެ.
“ހިއެއްނުވޭ އަަވަހަށް ހުޅުވާނެހެންނެއް. ދެތިން އަހަރު ފަހުން ކަންނޭނގެ ހުޅުވާނީ.” ނަސްރު ބުންޏެވެ.
“އޯކޭ!” ޔަލީނާ ބުންޏެވެެ. “އެހެންވީމާ ކަނޑާލަނީ އިނގޭތޯ؟ ދެން އަޅުގަނޑު މިވަގުތު ވަރަށް މުހިންމު ކަމެއް ކުރަންޖެހޭ އެބަ. ބާއްވަނީ އިނގޭތޯ؟” ނަސްރު ވަަަރަށް އަވަސްއަރުވައިލައިފައި ފޯނު ކަނޑައިލިއެވެ.
“ޕިސް ޕިސް. މިޖެހުނީ އަނެއްހާ ކަންތައް. އޮފީހަކަށް ސިޓީލާންވީ ކަންނޭނގެ.” ޔަލީނާ އަމިއްލަ އަމިއްލައަށް ވާހަކަ ދެއްކިއެވެ.
ހަތަރު ގަޑީރާއި ނަވާވީސް މިނެޓު ތެރޭގައި ހުޅުލެއަށް ފްލައިޓު ޖެއްސިއެވެ. ޕެސެންޖަރުންގެ ތެރެއިން އަޒްލާން މަޑު އެހެނަސް ފިރިހެންވަންތަ ހިނގުމެއްގައި ފެރީ ޓާރމިނަލްއަށްދެއެވެ. އޭނާގެ ކަންފަތަށް ހެޑްސެޓަކުން ‘އޯ މައި ގޯޑް’ ނަމަކަށް ކިޔާ ލަވައެއް ޖަހައިގެން މަޑުމަޑުން އެލަވަ ކިޔަމުން އޭނާ ކުރިއަށް ދަމުން ދިޔައެވެ. އަދި އޭނާ ލައިގެންހުރި އައިސް ބްލޫ ޖިންސްގެ ދެޖީބަށް އަތްޖަހައިގެން ހުރެ ހިނގަމުން ދިޔައެވެ. އެއިރުވެސް އަޒްލާންއަށް ކިތަންމެ އަންހެން ކުދިންނެއް ތުއި ދައްކަމުން ދިޔަކަމުގައިވިއަސް އެކަމާއި އެއްވެސް ފަރުވާއެއް ނުބަހައްޓައި ފެރީއަށް އަރައި ހަމަޖެހިލިއެވެ. އަދި ލައިގެންހުރި ކަޅުކަންގަދަ ހުޑީ ބޮލަށް ހެޔޮވަރުކޮށްލުމަށްފަހު ދެލޯ މަރައިލިއެވެ. މާލެއަށް ދެވުމާއިއެކު ފެރީއިން ފޭބުމަށްފަހު އަޒްލާން ދެފަރާތް ބަލަން ފެށީ މީހަކު ހޯދާހެންނެވެ.
“ބްރޯ ކާކުތަ ތި ހޯދަނީ؟” ފަހަތުން އިވުނު ފިރިހެންވަންތަ އަޑުން އަޒްލާން ފަހަތަށް ބަލައިލިއިރު ހުރީ އޭނާގެ ޒަމާންވީ އެކުވެރިއެއް ކަމަށްވާ އީހަންއެވެ.
“ކަލޭނުން ދެން މަ ހޯދާނީ.” އަޒްލާން ހީލަމުން ބުންޏެވެ.
“އާނ! ދެން……. އެހެން މީހަކުވެސް ހޯދައިފާންނުން؟” އީހަން ބުންޏެވެ.
“ކާކުދެން މަ ހޯދާނީ؟” އަޒްލާން ފަރުވާކުޑަގޮތަކަށް ބުންޏެވެ.
“ކަލޭ ރައްޓެހިވެގެން އުޅޭ ކުއްޖާވެސް ހޯދައިފާންނުން؟ މަށަށް ކިހިނެތް އިނގޭނީ؟ ރާއްޖެއަށް އަންނަ އިރު ގާލްފްރެންޑެއް ނުގެންނާނެ ކަމެއް.” އީހަން ޖެއްސުން ކޮއްލިއެވެ. ޖެއްސުން ކުރުމަކީ އަބަދުވެސް އީހަންގެ އާދައެކެވެ.
“މަގޭ ކާރު ގެނައިންތަ؟” އަޒްލާން އެއްސެވެ.
“އާނ! ޕާކްކޮށްފަ އޮންނާނެ.” އީހަން އެހެން ބުނުމަށްފަހު ކާރު ޕާކްކޮށްފައި ހުރި ތަނަށްގޮސް ކާރު ދައްކައިލިއެވެ.
ދެއެކުވެރިން ކާރަށް އެރުމަށްފަހު ވާހަކަ ދައްކަމުން އެޕާރޓްމެންޓެއްގެ ކައިރީގައި ހުއްޓުނެވެ. އަދި އެޕާރޓްމެންޓަށް ވަދުމުން ޢާޤިބްގެ ފޯނެެއްއައެވެ. އަނެއްކާވެސް އެހެން ކުއްޖަކު އޮފީހަށް ވަދުނު ވާހަކަ ބުނުމުން އަޒްލާންއަށް އުފާވެރިކަމެއް އިޙްސާސްކުރެވުނެެވެ. އަދި އެކުއްޖާ އިންނާނީ އަޒްލާންގެ ކެބިންގައޭ ބުނުމުން ވަރަށް ބޮޑު ހިތަހަމަޖެހުމެއް ލިބުނެވެ. އެއީ ކީތްވެކަމެއް ޚުދު އަޒްލާންއަކަށްވެސް ނޭނގުނެވެ. އަޒްލާންގެ ރޫމަށް ވަދުމުން އީހަން ދަނީއޭ ބުނެ ދިޔައެވެ. އަޒްލާން ފެންވަރައިލައިގެން އޮށޯތީ ވަރުބަލިކަން ފިލުވައިލުމުގެ ބޭނުމުގައެވެ. ހަވީރުވުމުން އީހަންގެ އެދުމަށް އަޒްލާން އޭނާގެ ބައިން ނިކުތީ ހޮޓަލަކަށްދާށެވެ. ނަމަވެސް އަޅައިލެވުނީ ދެތިން ފިޔަވަޅެވެ. އެވަގުތު ކުނި ކޮތަޅުު ތިރިއަށް ލައިފައި އައި ޔަލީނާއަށް އަޒްލާން ފެނުމުން ބޭއިޚްތިޔާރުގައި އޭނާގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ވޭތުވެ ދިޔަ އަހަރުގައި ވިކަންތައްތައް ހަަނދާންވުމުން ޔަލީނާ ހިތްދަތިވިއެވެ. އަޒްލާން ޖެހި ބުދެއްހެން އެތާ ގަނޑުވެފައި ހުރީއެވެ. ޔަލީނާ ދުވެފައިގޮސް އަޒްލާންގެ ބައިގެ ކުރިމަތީގައިހުރި ބަޔަށް ވަދެ ދޮރު ލެއްޕުމަށްފަހު ދޮރުގައި ލެނގުލުމުން އޭނާގެ ކޯތާފަތް މައްޗަށް ހޫނު ކަރުނަތައް އޮހޮރެން ފެށިއެެވެ. އަޒްލާންއަށް ވީގޮތް އެނގުނެވެ. އޭނާގެ ހިތަށް އެރި އެއްޗަކުން އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެވެ. އަޒްލާން އޮފީހަށް ދާން ތައްޔާރުވާން ހުއްޓެވެ. އޭނާ މަޑު ފެހިކުލައިގެ ގަމީހެއް ލުމަށްފަހު އެގަމީހާއި ގުޅޭ ގަދަ ފެހި ކުލައިގެ ޓައިއެއް އެޅިއެވެ. އަދި އޭނާގެ ކުރު ފަން އިސްތަށިކޮޅު ރީތިކޮށް ޖެލް ލައިގެން ސްޓައިލްކޮށްލިއެެވެ. އަޒްލާންއަށް އޮފީހަށް ދެވުމުން ފުންނޭވާއެއްލައި ސިޑިން ދުވެލުމަށްފަހު ކެބިންގެ ދޮރު ހުޅުވައިލުމުން އޭނާއަށް ހުއްޓިލެވުނީ ގޮނޑީގައި އިށީދެއިން ހޫރު ޕަރީއެއްފަދަ ރީތި ކުއްޖާ ފެނިފައެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

