ސުހާންއާ ދިމާއަށް ބަލަން ހުރި ލަމްހާގެ ދެލޯ ބޮޑުވިއެވެ. އެއްފަހަރާ ހިތަށް ކުރި އެތަށް އިހްސާސްތަކަކުން ލަމްހާ ހުއްޓުން އެރިއެވެ.

“ސުހާން… އަހަރެން.. ” ލަމްހާ ސުހާންގެ ޕުރޮޕޯސަލްއަށް އާނއެކޭ ބުނަން ބޭނުންވި ނަމަވެސް އޭނާގެ ހިތް އެކަމަށް ހުރަސް އެޅިއެވެ.

“ލަމް…” ސުހާން މާޔޫސްކަމާއެކު ދެކޮނޑު އެލުވާލިއެވެ.

ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް ނުދެއްކުމަށް ލަމްހާ އިސްޖަހާލިއެވެ. ސުހާން ލަމްހާގެ ދަތްދޮޅި ދަށަށް އިނގިލި ލައްވާލާފައި ލަމްހާގެ މޫނު މައްޗަށް ހިއްލާލިއެވެ. ލަމްހާގެ ލޮލުގައިވާ ކަރުނައިގެ މުތީތަށް ފެނިފައި ސުހާންގެ ހިތް ހުއްޓު ކަހަލައެވެ. ހިތުގެ ކޮންމެވެސް ތަނަކުން ބާރަށް ވިންދު ޖަހާފައި ރިއްސާލިއެވެ.

“ލަމް ނުރޮއެ.. އަހަރެންނަށް އިނގޭ ލަމްހާ ކަންތައް ބޮޑުވަނީ ކީއްވެގެންކަން.. އަހަރެން ލަމްހާ ދެކެ ލޯބިވީ ލަމްހާގެ މާޒީއާ ލަމްހާގެ މުސްތަގުބަލުވެސް ގަބޫލު ކޮއްގެން..” ސުހާން އެހެން ބުނީރު އޭނާގެ ލޮލަށްވެސް ކަރުނަ ޖަމާވެއްޖެއެވެ.

“އަހަރެންގެ މާޒީ ސުހާންއަށް އެނގޭތަ…” ލަމްހާ އަނެއްފަރާތަށް އެނބުރި ލަމުން އަހާލިއެވެ.

“އެނގޭ.. އަހަންނަށް ހުރިހާ ކެއްވެސް އެނގޭ.. ” ސުހާން ބުނެލިއެވެ.

“އެކަން އެނގޭއިރު.. ސުހާން އަހަރެންދެކެ ފޫއްސެއް ނުވޭތަ.. ޑިސްގަސްޓު ފީލްއެއް ނުވޭތަ” ލަމްހާ އަހާލިއެވެ.

“އަހަރެން ލޯބިވަނީ ލަމްހާދެކެ.. ލަމްހާގެ މާޒީ ދެކެއެއް ނޫން.. ލަމްގެ މަޒީ ކިތަންމެ އަނދިރި ނަމަވެސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.. އަހަރެން ބޭނުންވަނީ މާޒީމަތިން ހަނދާން ނައްތާލާފަ ލަމްހާ އާ ދިރިއުޅުމެއް ފަށަން.. އަހަރެންނާ އެކީގަ.. ލޯބި ލޯބި ލީންއާ އެކީގަ” ސުހާން ލަމްހާގެ ކުރިމަތީގައި ހުއްޓިލާފައި އޭނާގެ އަތުތެރޭގައި ލަމްހާގެ މޫނު ހިފަހައްޓާލިއެވެ. އަދި ލާމްހާގެ ކޯތާފަތް މަތީގައިވާ ކަރުނަތަށް ފުހެލަ ދިނެވެ.

“ސުހާން…”  ލަމްހާ ލޮލުން އަނެއްކާވެސް ހޯސްލާފައި ކަރުނަ ހިލުނެވެ. ނަމަވެސް މިފަހަރު އެއީ އުފާވެރިކަމުގެ ކަރުނައެވެ. ލޯބީގެ ކަރުނައެވެ.

“ސޯ.. ވިލް ޔޫ މެރީ މީ؟” ސުހާން އަނެއްކާވެސް ތިރި ވެލާފައި އެ ސުވާލު ކޮއްލިއެވެ.

“އައި ވިލް… ސުހާން.. އައި ވިލް” ލަމްހާ ބޯޖާހާލަމުން ބުނެލިއެވެ. ދެމީހުންގެ ތުންފަތްމަތީ ކުޅެލީ ރީތި ހިނިތުންވުމެކެވެ. ސުހާން ތެދުވެފައި ލަމްހާގެ އަތުގައި ހިފާލިއެވެ. އަދި ލަމްހާގެ ދިގު ރީތި އިނގިލި ތަކުގައި ފިރުމާލާފައި އަނގޮޓި އަޅުވައި ދިނެވެ. ލަމްހާ އެއަނގޮޓީގައި ފިރުމާލިއެވެ.

“މިއީ އަހަރެންގެ އަނގޮޓި” ސުހާން އޭނާގެ އަތް ދައްކާލަމުން ބުނެލިއެވެ. ލަމްހާ ސުހާންގެ އަތުގައި ހިފާ އެ އަނގޮޓި ބޭލުވިއެވެ. އަދި އޭނާ އަމިއްލަ އަތުން ސުހާންގެ އަތުގައި އަނގޮތި އަޅުވައި ދިނެވެ.

ލަމްހާގެ މި ކުޑަ އަމަލުންވެސް ސުހާންގެ ހިތް ގަނޑު ފެންކޮޅެއްހެން ވިރިގެން ދިޔައެވެ. ނަފްސު ކޮންޓުރޯލު ކުރަން ދަތިވެގެން ސުހާން ލަމްހާގެނެސް އޭނާގެ އަތުތެރޭ ބޮނޑި ކޮއްލިއެވެ. ސުހާން ލަމްހާގެ ނިތްކުރިއަށް ބޮސްދިނެވެ. އެއަށް ފަހު ނޭފަތަށްވެސް ދޮނެއް ދިނެވެ. ލަމްހާ އޭނާ ނުހުއްޓުވުމުން ސުހާން ލަމްހާގެ ތުންފަތަށް ބޮސްދޭން ބޭނުންވިއެވެ. ނަމަވެސް ދެތުންފަތް ޖެހޭ ނުޖެހޭ ހިސާބަށް ދިޔަތަނާ ލަމްހާ ސުހާންގެ ތުންފަތުގައި އަތް އެޅިއެވެ އަދި ލުއި ހިނިތުންވުމަކާ އެކު ސުހާންގެ މޭގައި އަޅާ ކޮއްޕާލިއެވެ.

“ސޮރީ… ” ސުހާންވެސް ހީލަމުން ބުނެލިއެވެ.

“ސުހާން… އަހަރެން އަހަރެންގެ މާޒީ ކިޔައިދޭ އެތަށް ފަހަރަކު މަސައްކަތް ކުރިން… އެކަމު ސުހާން އަހަރެން ދެކެ ފޫހި ވެދާނެ ކަމުގެ ބިރުން  އަހަރެން ޖެހިލުންވީ..” ލަމްހާ ސުހާންގެ ކުރިމައްޗަށް ވާގޮތަށް މޭޒުކައިރީ އިށީންނަމުން ބުނެލިއެވެ.

“ލަމް.. އަހަރެން މިރޭ ބޭނުމެއް ނޫން ލަމް ހިތުގަ ޖެހޭ އެއްވެސް ވާހަކައެއް ދައްކާކަށް.. މިއީ ވަރަށް ހާއްސަ ރެއެއް.. އަހަރެން މިރޭ ބޭނުމީ ލަމްއާ އެކު ވަރަށް އުފާވެރި ވަގުތުކޮޅެއް ހޭދަ ކޮއްލަން” ސުހާން ބުނެލިއެވެ. ސުހާންގެ އެދުމަށް ލަމްހާވެސް އިތުރަކަށް އެވާހަކައެއް ނުދައްކައެވެ.

ސުހާން ފޯނު ނަގާ މީހަކަށް ގުޅާލިއެވެ. ފޯނު ކޯލަށް ފަހު ދެތިން މިނެޓެއް ތެރޭ އެތަނަށް އައީ ދެ ވެއިޓަރުންނެވެ. އެމީހުން ގެނައި ކާއެއްޗެހިތަށް މޭޒުމަތީ އަތުރާލާފައި ތަށިތަކުގައި މަތި ނެގިއެވެ. އެއީ އެ ހޮޓަލުގެ އެންމެ ސްޕެޝިއަލް މެނޫއެވެ.

ހުނުމާ ސަކަރާތުގެ ތެރެއިން އެރޭގެ ކެއުން ނިންމާލާފައި ދެމީހުންވެސް ވަކިވީ ލަމްހާގެ އެޕާޓުމެންޓާ ހިސާބުނެނެވެ.

 

ޖެހިގެން އައި ދުވަހު ރޯޔަލް ޑިނާގައި ދެކެވެނީ ލަމްހާއާއި ސުހާންގެ ސަޕްރައިސް ޕުރޮޕޯސަލްގެ ވާހަކައެވެ. އެ ހޮޓަލުގެ މުވައްޒަފުންގެ ފަރާތުން ރޯޔަލް ޑިނާގެ މުވައްޒަފުންނަށްވެސް އެކަން އެނގިއްޖެއެވެ. ލަމްހާ ޑިއުޓީއަށް ދިޔަތަނާ އެމިލީ ދުވަމުން އައިސް ލަމްހާގެ އަތުގައި ހިފިއެވެ.

“ބަލާބަލަ ހުންނަ ވަގުކަން.. މިހާ ބޮޑުކަމެއް ހިނގަމުން ދާއިރު މަށަށް އަނގާވެސް ނުލާ.. އަޅެ އަހަރެން މިއީ ހަމަ އަސްލުވެސް ލަމްގެ ފުރެންޑެއްތަ” އެމިލީ އެއްނޭވާމަތިން ޝަކުވާތަކެއް ލަމްހާގެ ކަންފަތް ބުޑަށް އޮއްސާލިއެވެ.

“ސޮރީ އެމް.. އަސްލު ހަމައެކަނި އެމް އަކަށް ނުނޭ މިކަން ނޭގެނީ.. އަހަރެން ފެމިލީއަކަށްވެސް އަދި ނޭނގޭ” ލަމްހާ އެމިލީ ހިތްހަމަ ޖެއްސުމަށް ބުނެލިއެވެ.

“ވަޓް އެވާ.. ދެން މައްސަލައެއް ނެތޭ.. ހަމަ އަސްލުވެސް މިތަނުގެ ބޮޑުމީހާއާ ލަމް އުޅެނީ ރައްޓެހިވެގެންތަ.. ހަމަ އަސްލަށްވެސް މެރީ ކުރަންތަ ތިއުޅެނީ” އެމިލީ އަނެއްކާވެސް އަހާލިއެވެ.

ލަމްހާ ބޯޖާހާލުމުން އެމިލި އަތްޖަހަމުން ހަޅޭ ލަވަން ފެށިއެވެ. އެމިލިގެ އަމަލުން ލަމްހާ ގާތަށް ހިނިއައެވެ.

އެމިހުން ތިބި ތަނަށް ވަދެގެން އައި ސިއާ އާއި ބެކާގެ އަނގަޔަށް ހީވަނި ކުނި ބިހެއް ޖަހާލުމުން ހަޑިވެފައި ވާހެނެވެ. ތުން އަނބުރާލާފައި ލަމްހާއަށް ލޯއަޅަމުން ދިޔައިރު ހީވަނި ސިއާގެ މިލްކުގައިވާ މުދާ ގަނޑެއް ޖަހައި ގަތުމުން ބަލާހެނެވެ.

 

“އޭ.. އެ ލަމްހާގެ ހުރޭ ދޯ ދަރިއެއްވެސް” އެމީހުނާ ތަންކޮޅެއް ދުރު ވެލަމުން ބެކާ ބުނެލިއެވެ.

“އާން.. ދުށިން.. ފަސްވަރަކަށް އަހަރު ވެދާނެ ކަންނޭގެ އެކުއްޖާއަށް..” ސިއާ ބުނެލިއެވެ.

“އެހެންވިމަ.. އޭނައަށް 18 އަހަރުވެސް ނުވަނިސް ކަންނޭގެ ދަރިއަކު އެ ލިބުނީ.. ޗީޗީ.. އެކަލަހަ މީހަކާ ތަ ސުހާން ލޯބިވާން އެނގުނީ” ބެކާ އަނގައަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ.

“އަނެއްކާ އެއީ ސުހާންގެ ދަރިއެއްތަ؟” ސިއާ އެއްޗެކޭ ނުބުނުމުން ބެކާ އަނެއްކާވެސް އަހާލިއެވެ.

“ނޫން.. ސުހާންގެ ދަރިއަކު ހުންނާނެ ނަމަ އަހަންނަށް އެނގޭނެ. ގައިމު އެލްޒިއާ މެޑަމްވެސް ނުބުނޭ އެކަހަލަ ވާހަކައެއް” ސިއާ ބޯހޫރާލިއެވެ.

 

މިއަދުވެސް ސުހާން  އޮފީސް ނިމުނު ވަގުތު ސިއާ ބޭރުގައި މަޑުކޮއްގެން ހުއްޓެވެ.. ސުހާން ނުކުންނަތަން ފެނުމުން ދުރުގައި ހުރި ބެކާއަށް ލޮލުގެ އިޝާރާތުން ސިގުނަލެއް ދިނެވެ. ބެކާ ފޯނު ނަގާ ރެޑީ ވެލިއެވެ.

“ސުހާން ސާރ..” ސިއާ ސުހާންގެ ކުރިމައްޗަށް އަރަމުން ގޮވާލިއެވެ. ފޯނު ސްކުރީނުން ލޯ ނައްޓާލަމުން ސުހާން ރުޅިވެރި ނަޒަރަކުން ސިއާއާ ދިމާއަށް ބަލާލިއެވެ.

“ކިހިނެއްވީ؟” ސުހާން އަހާލިއެވެ.

“ސާރ އާ ލަމްހާއާ ރައްޓެހިވެގެން އުޅޭ ކަމެއް އަހަންނަކަށް ނުވެސް އެނގޭ.. ނުވެސް ބުނަމޭނުން” ސިއާ އޭނާގެ އަތުގައި އޮތް ފިނިފެންމާ ބޮނޑި ދައްކާލަމުން ބުނެލިއެވެ.

“އަހަރެންގެ ޕާސަނަލް ކަންތަށް ޝެއާ ކުރާވަރުގެ ގާތް މިހެއް ނޫން ތިއީކީ.. ކިއްކުރާ މާބޮނޑިއެއް؟” ސުހާން ބުނެލިއެވެ.

“ހަހަ.. މިއީ މިހެންލާފަ ދަނިކޮށް ކުއްޖަކު ދިން އެއްޗެއް.. އަހަރެންނަށް އެހާ ރިތި އެއްޗެއް ނޫން ފިނިފެންމަލަކީ.. އެހެންވެ ދެން އެއްލާ ނުލަން ސާރ އަށް ދެނީމި” ސިއާ ބުނެލިއެވެ.

“އަހަންނަކަށްވެސް އެހާ ކަމުދާ އެއްޗެއް ނޫން ފިނިފެންމަލަކީ.. ކޮންމެވެސް އެހެން މިހަކަށް ދީ” ސުހާން އެހެން ބުނެފައި ދުރަށް ހިނގައި ގަތެވެ. ސުހާން އެ މާބޮނޑީގައި ނުހިފި ނަމަވެސް ސިއާ ދެރައެއް ނުވިއެވެ. ސިއާގެ ބޭނުމަކި އެއީއެއް ނުނެވެ.

ފިރިހެނަކާ އަންހެނަކު ތިބި ތަނެއްގައި އަންހެން ކުއްޖާ އަތުގަ މާ ބޮނޑިއެއް އޮތްނަމަ ފޮޓޯއިން ދޭހަވާނީ އެހެން މާނައެއް ނޫން ހެއްޔެވެ.

ސުހާން ދިއުމުން ސިއާ އަވަހަށް އެ ފޮޓޯ ވިޝާމްއަށް ފޮނުވާލިއެވެ.

ލަމްހާމެން ރާއްޖެދާން ހަމަ ޖެހިފައިވާ ދުވަސް ނައިސް ދެހަފްތާއަށް ވެއްޖެއެވެ. ލަމްހާގެ އާއިލާ މީހުނާ ބައްދަލު ކުރަން ދާއިރު ރަނގަޅު ހަދިޔާއެއް ގެންދަން ސުހާންވެސް ބޭނުންވިއެވެ. ލީން ސްކޫލަށް ލާފައި ސޮޕިންނަށް ދިޔައީ ދެމީހުން އެކީގައެވެ. ސުހާންގެ ލަފަޔާއެކު ލަމްހާ ކޮންމެ މީހަކަށް ހަދިޔާއެއް ނެގިއެވެ.

ދެމީހުން އެކުގައި ހިނގާލަން ދާން ނިންމައިގެން ހުއްޓާ ކޮމްޕެނީއިން ކޯލެއް އައިސްގެން ސުހާން ދާން ޖެހުނެވެ. ލަމްހާ ގެއަށް ލައިފައި ސުހާން ދިއުމުން ލަމްހާ ކުޑަކޮށް ފޫހިވިއެވެ.

ލިން ބަލާދާ ގަޑިވެސް ކުޑަތަންވުމުން ލަމްހާ ގެއަށް ނުވަދެ މަޑު ހިނގުމެއްގައި ސްކޫލާ ދިމާއަށް ހިނގައި ގަތެވެ.

ލަމްހާގެ އިންތިޒާރުގައި ލީން ގޭޓުކައިރީ މަޑު ކޮއްލައިގެން ހުއްޓެވެ. ގޭޓު ކުރިމައްޗަށް ވާގޮތަށް ކަޅުކުލައިގެ  ކާރެއް ހުއްޓުމުން ސުހާން ބަލާ އައީކަމަށް ކާރާ ދިމާއަށް ހިނގައި ގަތެވެ. ނަމަވެސް ކާރުން ފޭބި ވިޝާމް ފެނިފައި ލީން ހުއްޓުނެވެ. އަދި އެނބުރި ގޭޓާ ދިމާއަށް ހިނގައިގަތެވެ.

“ލީން.. ހިނގާ ބޭބެ ގެއަށް ގެންގޮސްދޭނަން” ވިޝާމް ލީން ކައިރިއަށް ގުދުވެލާފައި ބުނެލިއެވެ.

“ނޫން… ސުހާންބެއާއި މަންމަ ބުނީ ނުދަންނަ މީހުންނާ ވާހަކަ ނުދައްކާށޭ” ލީން ވިޝާމްގެ އެދުމަށް އިންކާރު ކުރަމުން ބުނެލިއެވެ.

“މިއީ މަންމިގެ ފުރެންޑެކޭ.. ވިޝާމްބެއެއް ނުދަންނަންތަ؟ މަންމަ ނުބުނޭތަ؟” ވިޝާމް ކުޑަކޮށް ކަޑަވިއެވެ.

ވިޝާމް ލިންއާ ތަފާތު ވާހަކަ ދެއްކި ނަމަވެސް ލީން އަޅައެއް ނުލައެވެ. ވިޝާމް ވާހަކަ ދައްކާވަރުން ލީން ހުރީ ބޮލަށް އުނދަގޫވެފައެވެ. ލަމްހާ އަންނަތަން ފެނުމުން ލީން އަވަހަށް ވިޝާމްއާ ދުރަށް ދުއްވައި ގަތެވެ.

ލަމްހާގެ ފައިގައި އޮޅުލައިގަތް ލީންގެ ބޮލުގައި ފިރުމާލާފައި ލަމްހާ އޭނާގެ ކޮލަށް ދޮނެއް ދިނެވެ. ލީންގެ އަތުގައި ހިފައިގެން ދާން ހިނގައި ގަތް ވަގުތު ލަމްހާއަށްވެސް ވިޝާމް ފެނުނެވެ. ލަމްހާ އަޅާ ނުލާ ދާން އުޅުމުން ވިޝާމް ލަމްހާގެ ނަމުން ގޮވާލިއެވެ.

“ހިނގާ އަހަރެން ގެއަށް ވައްޓާލަ ދޭނަން” ވިޝާމް ބުނެލިއެވެ. ލަމްހާ އިންކާރު ކުރުމުންވެސް ވިޝާމް ބަލި ގަބޫލެއް ނުކުރިއެވެ. ބޮލަށް އުނދަގޫވާ ވަރަށް އާދޭސް ކުރަން ފެށުމުން ލަމްހާ އެންމެ ފަހުން އެއްބަސްވިއެވެ.

 

“ބައި ލީން.. އަދި ވާނެ ވިޝާމްބެއާއެކު ޕާކަށް ދާން ކޮންމެވެސް ދުވަހަކުން” ވިޝާމް ލީންގެ ކޮލުގައި ފިރުމާލަމުން ބުނެލިއެވެ. ނަމަވެސް ލިން އަތުން ކޯ ފުހެލާފައި ލަމްހާގެ ފަހަތަށް ވަނެވެ.

“ތެންކްސް.. އަހަރެމެން ދެން އެތެރެއަށް ވަންނަނީ” ލަމްހާ ބުނެލިއެވެ.

“ލަމް.. އަހަންނަށް ވަރަށް ނަފްރަތު ކުރަންތަ؟” ވިޝާމް ލަމްހާގެ އަތުގައި ހިފަމުން ބުނެލިއެވެ.

“ކޮންކަމަކާ؟” ލަމްހާ އޭނާގެ އަތް ފޮޅުވާލަމުން ބުނެލިއެވެ.

“މީގެ ހަތަރު އަހަރު ކުރިން އަހަރެން ކަންތަށް ކުރިގޮތުން.. އަސްލު އަހަރެން މިހުންނަނީ އެކަމާ ވަރަށް ދެރަވެފަ.. އެދުވަހު އަހަރެން މަންމަމެންގެ ބަސް ގަބޫލު ނުކޮށް ލަމްއާ ކައިވެނި ކުރިނަމަ މިއަދު މިހެނެއް ނުވީސް.. ލަމްއާއި ލީން ރާއްޖެ ދޫކޮއްފަ ނުވެސް ދަންނަ ބައެއްގެ ތެރޭ އުޅޭކަށް ނުޖެހުނީސް” ވިޝާމް އިސްޖަހާލަމުން ބުނެލިއެވެ.

“ވިޝާމް.. ދިރިއުޅުމުގަ ނަމަ ނަމަ ކިއުމުގެ ބޭނުމެއް ނެތް.. އެދުވަހު ވިޝާމް އަހަރެންނާ ނީނުމަކުން އަހަރެން އެކަމަކާ ރުޅިއެއް ނާންނަން.. އެއީ އަހަރެމެންގެ ތަގުދީރުގަ އޮތް ގޮތް..ދިރިއުޅުމުގަ ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަކަށް. ހަތަރު އަހަރު ކުރިން ދިމާވި ހާދިސާތަށް ނުހިނގި ނަމަ އަހަންނަކަށް މިފަސްގަނޑަކަށް ނާދެވުނީސް ކަންނޭގެ..” ލަމްހާ އެހެން ބުނުމުން ވިޝާމް ހިތުގައި ޖެހުނެވެ.

ނޫސީދާކޮށް ލަމްހާ އެބުނަނީ އެދުވަހު ވިޝާމުއާއި ލަމްހާ ކައިވެނި ނުކުރެވުނީ ނަސީބުންނެވެ. އެހެންނޫންނަމަ ލަމްހާއަކަށް ސުހާންއަކާ ބައްދަލެއް ނުވީހެވެ.. މިހެނެވެ.

ލަމް.. ލަމް މިފަސްގަނޑަށް އައިނަމަވެސް ސުހާންއާ ބައްދަލު ނުވާނަމަ އަހަންނަށް ފުރުސަތެއް ދިނީމުސްތަށް؟.. އަހަރެން ހަނާއާ ކައިވެނި ނުކުރާނަމަ އަހަންނަށް ލަމް ލިބުނީސްތަ؟” ވިޝާމް އަނެއްކާވެސް އަހާލިއެވެ.

ލަމްހާ ކުޑަކޮށް ވިސްނާލިއެވެ. ސުހާން އޭނާގެ ދިރިއުޅުމަށް ނައި ނަމަ ލަމްހާއަށް ވިޝާމްދެކެ ލޯބި ވެވުނީސް ބާވައެވެ. ސުހާންގެ ބަދަލުގައި ލީންއަށާ ލަމްހާއަށް އަޅާލާ މީހަކަށް ވިޝާމް ހުރިނަމަ ވިޝާމްއަށް ފުރުސަތެއް ދިނީސްބާވައެވެ. މިއީ ލަމްހާ ވިސްނަން ބޭނުންވާ ކަންކަމެއް ނުނެވެ. ނަމަ ނަމަ ކިޔަސް ވެފައިވާ ކަންތަކެއް ބަދަލެއް ނުވާނެއެވެ.

އެކަމާ ވިސްނުމުގެ ބޭނުމެއް ނެތް ނޫންހެއްޔެވެ. ލަމްހާ ހަމައެކަނި ލޯބިވަނީ ސުހާން ދެކެއެވެ. އޭނާގެ ދިރިއުޅުމުގައި ސުހާންގެ ބަދަލުގައި އެހެން މީހަކު ހުންނާކަށް އޭނާ ބޭނުމެއް ނޫނެވެ.

“ނޫން ވިޝާމް.. އަހަރެން ކުރިންވެސް ބުނީމެއްނު އަހަރެން ވިޝާމްދެކެ ލޯތްބެއް ނުވަމޭ..” ވިޝާމްއަށް ލަމްހާ ލިބިދާނެ ކަމުގެ އެއްވެސް އުންމޫދެއް ދެކަށް އޭނާ ޞޭޏުމެއް ނޫނެވެ.

“ސުހާން ލަމްހާ ދޫކޮއްލާފި ނަމަވެސް އަހަންނަކަށް ފުރުސަތެއް ނެތްތަ؟” ވިޝާމް އަހާލިއެވެ.

ލަމްހާ އެ ސުވާލަށް އެއްވެސް ޖަވާބެއް ނުދެއެވެ. ދޭކަށް ބޭނުމެއްވެސް ނޫނެވެ. ވިޝާމްގެ އަޑު ނީވޭ ކަމަށް ހަދާފައި ލީން ގޮވައިގެން އެތެރެއަށް ވަންނަން ލަމްހާ ހިނގައި ގަތެވެ.

 

ލީން ފެންވަރުވާ ރީތި ކުރިއިރުވެސް ލަމްހާ އިނީ ހިޔާލެއްގެ ތެރޭގައެވެ. ވިޝާމް މިއަދު ބުނި އެއްޗަކުން ލަމްހާގެ ހިތް ނުތަނަވަސް ވެއްޖެއެވެ. އެކަމާ ވިސްނަން ބޭނުން ނުވިނަމަވެސް އޭނާގެ ސިކުނޑި އެކަމަށް އެއްބާރުލުމެއް ނުދެއެވެ.

ދެވިސްނުމެއްގައި ހުރެފައި ލަމްހާ ސުހާންއަށް ގުޅާލިއެވެ. ނަމަވެސް ދެފަހަރަކު ރިންގު ވިތަނާ ސުހާން ފޯނު ކަނޑާލީއެވެ. ލަމްހާ ކުޑަކޮށް ދެރަވިއެވެ. ނަމަވެސް އޭނާގެ ކުލަ ވެއްޓިފައި ވާ މޫނަށް ކުޑަވެސް ހިނިތުންވުމެއް އައީ މީޓިންއެއްގައި ކަމަށް ބުނެ ސުހާން ފޮނުވި މެސެޖުންނެވެ.

ސުހާންގެ މެސެޖަށް ޖަވާބެއް ދީފައި ލަމްހާ ޔުސްރާއަށް ވީޑިއޯ ކޯލެއް ކުރިއެވެ. ދުވަސްކޮޅެއް ކޮއްލާފައި ގުޅާލެވުމުން ދެމީހުންވެސް ތިބީ ވަރަށް އުފަލުންނެވެ.

“ލަމް އަބަދުވެސް ބުނާނެ އަހަރެން ނުގުޅާ ވާހަކަ. އެކަމު މިހާރު ބިޓެއް ލިބުނީމަ ލަމްވެސް އަހަރެން މަތިން ހަނދާން ނެތުނިހެން ހީވަނީ” ޔުސްރާ ބުނެލިއެވެ.

“ސޮރީ އޭ.. ދެން ކިހިނެއްތަ މިހާރު..” ލަމްހާ ބުނެލިއެވެ.

“ބަރާބަރު.. ލަމް އަންނާންތަ ވިހަންވާއިރަށް؟” ޔުސްރާ އަހާލިއެވެ.

“ހުމްމް.. ވަރަށް އަވަހަށް ދާނަން. ވަރަށް ހެޕީ ނިއުސް އެއް ދެންތަ؟ މިއުޅެނީ ވަރަށް އަވަހަށް މެރީ ކުރަން..” ލަމްހާ ބުނެލިއެވެ.

“އަސްލުވެސްތަ.. މިކޮޅުގަތަ؟ ޅިޔަންބެ ގޮވައިގެންތަ މިކޮޅަށް އަންނަނީ؟” ޔުސްރާ ބުނެލިއެވެ.

“ކޮން ޅިޔަންބެއެއް؟.. މެރީ ކުރީމަ ދޯ ޅިޔަންބެއަށް ވާނި” ލަމްހާ ހޭންފެށިއެވެ.

“ދެން ވާން އުޅޭ ޅިޔަންބެ އޭނުން.. އަދި ނުވެސް ދެކެން އޭނައެއް.. ވަރަށް ރީތިތަ އޭނަ؟” ޔުސްރާ އަހާލިއެވެ.

ލަމްހާ ކުޑަކޮށް ލަދުގަތެވެ. އަމިއްލަ އަނގައިން ސުހާން ރިއްޗޭ ބުނަން އޭނާ ލަދުގަތެވެ. ނަމަވެސް މޫނު މަތީ އަތް އަޅާފައި ލަމްހާ ބޯޖަހާލިއެވެ.

“ހަމަ އަސްލުވެސް އަހަރެން ރީތިތަ” ލަމްހާ ސިއްސައިގެން ދިޔައީ ސުހާންގެ އަޑު ކަންފަތް ބުޑުގައި އިވުމުންނެވެ. ޔުސްރާއާ އަނގަތަޅަން ހުރީރު ސުހާން އައި ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ.

“ކިހިނެއް އެތެރެއަށް ވަނީ؟.. ގައިމު ދެންމެ މެސެޖު ކޮއްފަ ބުނީ މީޓިންއެއްގައޭ. ” ލަމްހާ ބުނެލިއެވެ.

“ދޮރު ތަޅު ނުލާ ހުރީމަ ވަދެވޭނުން.. ލަމްހާ ގުޅީ އަހަރެން ލިފްޓަށް އަރަނިކޮށް.. ދެން ސަޕްރައިސް އެއް ދޭން ނުބުނެ މިއައީ” ސުހާން ލަމްހާގެ ނޭފަތުގައި ލޯބިން ހިފާލަމުން ބުނެލިއެވެ.

“މިއީތަ ސުހާންއަކީ؟” ޔުސްރާ ވާހަކަ ދެއްކި އަޑަށް ދެމީހުން ސިހުނެވެ.

“ހައި.. ތިއީ ޔުސްރާ ދޯ” ސުހާން ހީލަމުން ފޯނާ މޫނު ކައިރި ކޮއްލިއެވެ.

“ސުހާންއަށް ކިހިނެއް ޔުސް އިނގެނީ؟” ލަމްހާ އަހާލިއެވެ.

“ދެން ލަމް އަބަދު ޔުސް އޭ ޔުސްއޭ ކިޔަންޏާ އެނގޭނެ ދޯ.. އެކުވެރިއެއްގެ ވާހަކަ ދައްކަންޏާ ލަމް އަބަދުވެސް ދައްކަނީ ޔުސްރާގެ ވާހަކަ ވިއްޔަ” ސުހާން ބުނެލިއެވެ.

“ތިދެމީހުން އަހަރެންގެ ވާހަކަ ވަރަށް ދައްކަން ދޯ.. މިއެނގުނީ އަހަރެން ބޮލުގަ އަބަދު ރިއްސާކަމެއް..” ޔުސްރާ ހެމުން ބުނެލިއެވެ.

ސުހާން އައުމުން ދެއެކުވެރިން އެދުވަހަށް ވާހަކަ ކުރު ކޮއްލިއެވެ. ސުހާން ބަނޑުހައި ވާހަކަ ބުނުމުން ލަމްހާ ސުހާންއަށް ކާއެއްޗެއް ތައްޔާރު ކުރަން ދިޔައެވެ. ލަމްހާ ބަދިގޭގައި އުޅުނު އިރު ސުހާން ގޮނޑިއެއްގައި ލަމްހާގެ ހަރަކާތްތަށް ބަލަން އިނެވެ. އެމީހުން އަމިއްލަ ސަކަރާތުގައި ތިއްބާ ދެމީހުންވެސް ސިހުނީ ސޯފާގައި އޮތް ލަމްހާގެ ފޯނު ރިންގު ވުމުންނެވެ. ސުހާން ގޮނޑިން ތެދުވެގެން އައިސް ފޯނު ނެގިއެވެ. އެއީ ލަޔާންގެ ކޯލެކެވެ. ލަމްހާ އަތަށް ފޯނު ދީފައި ސުހާން ލަމްހާ ކައިރީ ހުއްޓުނެވެ.

“ހަލޯ ދޮންބޭ” ލަމްހާ ފޯނަށް ޖަވާބުދިނެވެ.

“ކީކޭ؟؟” އެކޮޅުން ލަޔާން ބުނި އެއްޗަކުން ލަމްހާއަށް ބުނެލެވުނެވެ. ލަމްހާގެ އަޑުގައި ހުރި ހާސްކަން ފެނިފައި ސުހާންވެސް ކަންބޮޑުވިއެވެ.

“އޯކޭ.. ދާނަން.. ބައްޕަ ކޮބާ؟” ލަމްހާ އަހާލިއެވެ. އެކޮޅުން ޖަވާބެއް އައުމުން ލަމްހާ އޯކޭއޭ ބުނެ ފޯނު ބޭއްވިއެވެ.

ފޯނު ކަންފަތުން ނައްޓާލުމާއެކީ ލަމްހާގެ ފައިން ވަރުދެރަވެގެން ވެއްޓެން ދިޔައެވެ. ނަމަވެސް ސަމާލުވެގެން ހުރި ސުހާން ލަމްހާގެ ކޮނޑުގައި ހިފެހެއްޓިއެވެ. އަދި ލަމްހާ ގެނެސް ސޯފާގައި ބޭންދިއެވެ.

“ސުހާން… މަންމަ.. މަންމަ” ލަމްހާ ސުހާންގެ ކޮނޑުގައި ބޯއަޅާލިއެވެ. ލަމްހާ ތުންފިއްތާލާފައި ނުރޯން މަސައްކަތް ކުރި ނަމަވެސް ލަމްހާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ.

“މަންމައަށް ކިހިނެއްވީ؟ ލަމް ނުރޮއޭ” ސުހާން ހާސްވެފައި ލަމްހާ ގައިގައި ބައްދާލިއެވެ.

“މަންމަ ސްޓުރޯކެއް ޖެހިގެން އައިސީޔޫ ގަ..” ލަމްހާ ގިސްލުމުގެ ތެރެއިން ބުނެލިއެވެ.

“އިރާދަ ކުރެއްވިއްޔާ ލަމްގެ މަންމައަކަށް އެއްވެސް ދެރަ ގޮތެއް ނުވާނެ.. އަހަރެން ލަމް ރާއްޖެ ދާން ޓިކެޓެއް ނަގައި ދޭނަން.. ދަބަހަށް އެއްޗެހި އަޅާ އަވަހަށް” ސުހާން ބުނެލިއެވެ.

“ސުހާން ނުދާނަންތަ އަހަރެންނާ އެކީ؟” ލަމްހާ ބުނެލިއެވެ.

“ސޮރީ ލަމް.. މިވަގުތު އަހަރެން ވަރަށް ބިޒީ.. އަހަރެން އޮފީހުގެ ކަންތައް ނިންމާލާފަ ވީ އެންމެ އަވަހަކަށް ލަމް ކައިރިއަށް ދާނަން އޯކޭ..؟” ސުހާން ބުނެލިއެވެ.

ލަމްހާ ބޯޖަހާލަމުން އެކަމަށް އެއްބަސްވިއެވެ. އާޒިމްގެ އެހީއާ އެކު ޖެހިގެން އައި ދުވަހު ހަވީރު ފުލައިޓުން ޓިކެޓު ހަމަ ޖެހުނެވެ. އެރޭ ދަން ވަންދެންވެސް ސުހާން އިނީ ލަމްހާގެ ކައިރީގައެވެ. ލުވޭޒާއަށް ދިމާވި ކަމަކުން ލަމްހާ އިނީ ކަންބޮޑުވެފައެވެ. ނުރޯން ހުރިނަމަވެސް ލަމްހާއަށް އިރު އިރުކޮޅާ ރޮވެއެވެ. ވޭތުވި ހަތަރު އަހަރު ތެރޭ މަންމަ ކައިރިއަށް ނުދެވުމުން ލަމްހާ އޭނާގެ އަމިއްލަ ނަފްސު ކުއްވެރި ކުރިއެވެ. މަންމަގެ އެންމެ ފަހު ވަގުތު ކޮޅުގައިވެސް ލަމްހާއަށް އޭނާގެ މަންމަ ނުފެނިދާނެ ކަމުގައި ހިތް ބިރުގަންނަން ފެށިއެވެ.

ހެނދުނު މީޓިންއެއް އޮތުމުން ސުހާން ގެޔަށް ދިޔައެވެ. އެއާޕޯޓަށް ދާންވާއިރަށް ބަލާ އަންނާނެ ކަމަށް ބުނެފައި ދިއުމުން ލަމްހާ އަވަހަށް ދަބަހަށް އެއްޗެހި އެޅިއެވެ. ލަމްހާ ކަމަކާ ހާސްވެފައި ހުރިކަން އެނގުމުން ލީންވެސް މިއަދު ވަރަށް ބަސްއަހައެވެ.

ލީން އަށް ކާންދޭން އން އިރުވެސް ލަމްހާއަށް އިރު އިރު ކޮޅާ ގަޑިއަށް ބެލެއެވެ. ކޮންމެ މިނެޓެއްވެސް ދުވަހެއްހެން ހީވަނީ ކީއްވެކަމެއް ލަމްހާއަކަށް ނޭނގުނެވެ. ވަގުތު ދާލެ ވަރަށްވެސް ލަހެވެ. ލީންއަށް ކާންދީ ނިމިގެން ތަށިތައް ދޮންނަން ދާން ތެދުވިތަނާ ކޮންމެވެސް މިހަކު ގޭގެ ބެލް އެޅިއެވެ. ލީން ދުވެލާފައި ގޮސް ދޮރު ހުޅުވިއެވެ.

“ސުހާންބެ އައީތަ؟” ލަމްހާ އެހެން ބުނެފައި ދޮރު ކައިރިއަށް އައެވެ. ނަމަވެސް ދޮރުމަތީ ހުރި ވިޝާމް ފެނުމުން އޭނާ ބުނަން އުޅުނު އެއްޗެއް ކަރުތެރޭ ތާށިވިއެވެ.

“ލަމް.. ކޮންއިރަކު ފުލައިޓު އޮތީ” ސޯފާ ކައިރީ ހުރި ދަބަހާ ފޮށި ފެނުމުން ވިޝާމް އަހާލިއެވެ.

“ހަވީރުން.. ކަމަކުތަ ތިއައީ؟” ލަމްހާ އަހާލިއެވެ.

“ލަމްގެ މަންމަ ބަލި ހަބަރު ލިބިގެން އަހަރެންވެސް މިއައީ.. ލަމް ކިހިނެއްތަ؟”  ވިޝާމް އެތެރެއަށް ވަންނަމުން ބުނެލިއެވެ.

“މިހާރު އޯކޭ..” ލަމްހާ ބުނެލިއެވެ.

“އަހަރެން ލަމް އެއާޕޯޓަށް ގެންގޮސް ދެންތަ..” ވިޝާމް ބުނެލިއެވެ.

“ނޫން. އޯކޭވާނެ.. ސުހާން އަންނާނެ އަހަރެމެން ބަލާ” ލަމްހާ ބުނެލިއެވެ.

“ސުހާންއޭ ބުނިމަ މިހަނދާންވީ.. އަހަރެން މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން.. ކޮބާތަ އޭނަ” ވިޝާމް ބުނެލިއެވެ.

“މީޓިންއެއްގަ.. ދައްކަބަލަ ތި ދައްކަން އައި ވާހަކައެއް” ލަމްހާ ބުނެލިއެވެ.

“ލަމްއަށް ޔަގީންތަ ސުހާންވީ މީޓިންއެއްގަ ކަން..” ވިޝާމް ސީދާ ލަމްހާގެ ލޮލަށް ބަލާލަމުން ބުނެލިއެވެ.

“ކިހިނެއްވީ؟ އަހަންނަކަށް ނުވިސްނޭ ވިޝާމް ތި ދައްކަން އުޅޭ ވާހަކައެއް” ލަމްހާ ނުރުހުންވެފައި ބުނެލިއެވެ.

“ލަމް ކިހާވަރަކަށް ސުހާންއަށް އިތުބާރު ކުރަން” ވިޝާމް އަނެއްކާވެސް އަހާލިއެވެ. ލަމްހާ ވަކި އެއްޗެކޭ ނުބުނުމުން ވިޝާމް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“އަހަންނަށް އެނގޭ ތިދެމީހުންގެ ދެމެދަށް ވަނުމުގެ އެއްވެސް ހައްގެއް އަހަރެންގެ ނެތްކަން.. އެކަމު އަހަންނަށް އެނގިހުރެ ލަމްހާ އަނދިރީގަ ބަހައްޓަކަށް އަހަރެން ބޭނުމެއް ނޫން..” ވިޝާމް އެހެން ބުނުމުން ލަމްހާ ސުވާލުގެ ނަޒަރަކުން ބަލާލިއެވެ.

“ކިކޭ ތިކިޔަކީ؟” ލަމްހާ އަށް އަހާލެވުނެވެ.

“ލަމް.. ލަމް ތިހާ ކަންބޮޑުވެފައި ހުއްޓާ މިވާހަކަ ދައްކާކަށެވެސް ބޭނުމެއްނޫން.. އެކަމު ލަމް ބޭނުމިއްޔާ އަހަރެން ބުނާނަން” ވިޝާމް ބުނެލިއެވެ.

“ބުނޭ..” ލަމްހާ ބުނެލިއެވެ. ވިޝާމް އޭނާގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. އަދި އެންމެ ފަހުން ސިއާ ފޮނުވާފައި ހުރި ފޮޓޯތަށް ހުރި އަލްބަމަށް ލާފައި ލަމްހާ އަތަށް ފޯނު ދިނެވެ.

“މި… މިއީ ކޮން ފޮޓޯ ތަކެއް..” ފޮޓޯތަށް ފެނުމުން ލަމްހާގެ ދެލޯ ބޮޑުވިއެވެ. ފަހަރަކު ފޮޓޯއަކަށް ލައިފައި ބަލާލެވުނި ލޮލު ކުރިމަތީ ހުރި މަންޒަރުތަށް ގަބޫލު ނުކުރެވިގެންނެވެ.

ސުހާންއާއި ސިއާގެ މިފޮޓޯތަކުން ލަމްހާއަށް ނެގުނީ އެހެން މާނައެކެވެ. ސުހާންގެ ކާރަށް ސިއާ އަރާ މަންޒަރާ އެދެމިހުން ބައްދައިގެން ތިބި މަންޒަރު ފެނުމުން ލަމްހާގެ ހިތަށް ތަދުވިއެވެ. ރޯޔަލް ގާޑެންގެ ކުރިމަތީ ނަގާފައި ހުރި ފޮޓޯތަކުގައި ސިއާ ފިނިފެންމާ ބޮނޑިއެއް ހިފައިގެން ހުރުމުން ލަމްހާއަށް ހީވީ ސުހާން ސިއާއަށް ޕުރޮޕޯސް ކުރީއެވެ.

“ލަމް.. އަހަރެން ބުނީމެއްނު ސުހާންއަކީ އެހާ ރަނގަޅު މީހެއް ނުނޭ.. އޭނަ ލަމްއާ ރައްޓެހިވީ ވަގުތީ ހިތްހަމަ ޖެހުމަށް.. ލަމްއާ ރައްޓެހިވުމުގެ ކުރިންވެސް ސިއާއާއި ސުހާން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން” ވިޝާމް ބުނެލިއެވެ.

” ވިޝާމްއަށް ކިހިނެއް މިފޮޓޯތަށް ލިބުނީ” ވިޝާމްގެ އަތަށް ފޯނު އަނބުރަ ދެމުން ލަމްހާ އަހާލިއެވެ.

“އަ… އަހަރެން މީހަކު ލައްވާ ސުހާންއަށް ފާރަލީ.. އަހަރެންނަށް ކުރިންވެސް އެއީ ގޯސް މީހެއްކަން އެނގޭތީ. ލަމް.. އެއީ ސުހާން ކުޑައިރުގެވެސް ގޮތް.  ” ވިޝާމް ބުނެލިއެވެ.

“ކުޑަ އިރުންސުރެވެސް ވިޝާމް އޭނަ ދަންނަންތަ؟” ލަމްހާ އަހާލިއެވެ.

“އާން.. ސުހާން އަކީ އަހަރެންގެ ބައްޕަގެ ދަރިއެއް.. ސުހާން ނުބުނޭތަ އެހެނެއް؟” ވިޝާމް އަހާލިއެވެ. ލަމްހާ ހައިރާންވެފައި ބޯހޫރާލިއެވެ.

“ސުހާންގެ މަންމަ އެއީ ބައްޕަގެ ދަރިއެއްކަމަށް ބުނެ އާދޭސް ކުރަން ފެށީމަ ބައްޕަ އޭނަ ރަށަށް ގެނައި. އެކަމު އޭނަ އަހަރެންގެ މުޅި އާއިލާ ފަސާދަ ކޮއްލި.. މަންމައާއި ބައްޕަގެ ދެމެދުވެސް މައްސަލަ ޖެއްސީ.. ގެންގުޅެން އުނދަގޫވެގެން ފޮނުވާލަން ޖެހުނީ.. ދެން އެނބުރި އޭނާގެ މަންމަ ކައިރިއަށް އައިސް އުޅުނު ގޮތެއް ހިތަށް އަރުވަންވެސް ނުވާނެ ކަން ނޭނގެ. އޭނާގެ ދިރިއުޅުމުގެ މިހާ ކުޑަ ކަމެއް ލަމްހާއަށް ސިއްރު ކޮއްފައި ވާއިރު އަދި މިނޫން ކިތަށް ކަމެއް ސިއްރު ކޮއްފަ ހުންނާނެ” ވިޝާމް ދެއްކި ހަގީގަތެއް ނެތް ވާހަކަތަށް ލަމްހާގެ ސިކުނޑި އެފުށް މިފުށަށް ޖަހާލިއެވެ.

ސުހާން އޭނާގެ ކުޑައިރުގެ ވާހަކަ ދައްކަން ބޭނުން ނުވާ ސަބަބަކީ މިއީ ހެއްޔެވެ.

“ވިޝާމް.. އަހަރެން ބޭނުންވަނީ އެކަނި ވެލަން” ލަމްހާ ބުނެލިއެވެ.

“ލަމް.. މިވަގުތު ސުހާންގެ ކަންތަކުގަ ވިސްނުމަށް ވުރެ މުހިންމީ މަންމަ ކައިރިއަށް ދިއުން.. ލަސްކުރެވޭ އެންމެ މިނެޓަކީވެސް ވަރަށް ބޮޑު އެއްޗެއް.. ލަމްގެ މަންމަ ހާލު އެހާ ސީރިއަސްއިރު ސުހާންކަހަލަ މީހަކަށް ވަގުތު ބޭކާރު ކުރުމުގެ ބޭނުމަކީ ކޮބާ.. ލަމް.. މެންދުރު ފުލައިޓުން ދާންވިނުން..” ވިޝާމް އެހެން ބުނެފައި ލަމްހާގެ މޫނަށް ބަލާލިއެވެ. ލަމްހާ އިސްޖެހިގޮތަށް އިރުކޮޅަކު ހުއްޓެވެ. ވިޝާމް އަނެއްކާވެސް ތަކުރާރު ކޮއްލުމުން ލަމްހާ ފުންނޭވާއެއް ލިއެވެ.

“އޯކޭ.. ވިޝާމް އަހަރެން ބަލާ އަންނާނަން ދޯ” އިސް އުފުލާލާފައި ލަމްހާ ބުނެލިއެވެ.

9

2 Comments

  1. Aishath Inaa Inaa

    November 21, 2020 at 8:03 am

    Visham kuri libeythee vaahaka hadi.komme faharaku eynayah molhu libeni

  2. Luhoo

    November 21, 2020 at 10:53 am

    V foohi vey vishaam bas gabool kuryma

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!