ހަވީރުގެ ހިތްގައިމު ވަގުތެވެ. މި ހިތްގައިމު ވަގުތު ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިތައް އައިސް ލަމްހާގެ ގައިގާ ބީހިލިއެވެ. އޭރު އޭނާގެ އަތުގައި ހިފައިގެން އޭނާގެ ލޯބި ލޯބި ދަރިފުޅު ލައްޔިން ހުއްޓެވެ. ފުށްކޮޅެއްހާ މަޑު ދެކޮލާއި، ފަން އިސްތަށިގަނޑަކާއި، މުށި ކުލައިގެ ދެލޯ ފެނި ކޮންމެ މީހެއްގެ ހިތްވެސް އެ ތުއްތު ކުއްޖާއަށް ލެނބިގެންދާނެއެވެ. ލަމްހާ އަކީ އިސްކޮޅުން ދިގު، ހަންގަނޑުން އަލި، އަދި އެހާމެ ރީތި އަންހެންވަންތަ ހަށިގަނޑެއްގެ ވެރިއެކެވެ. ލަމްހާގެ މިސްރާބު ހުރީ ތުނޑި އާއި ދިމާލަށެވެ. އޭރު ތުނޑީގައި އެތައް ކުދިބަޔެއް ކުޅެ މަޖާ ނަގަމުން ދިޔައެވެ. ލަމްހާވެސް ހަވީރު ފިންޏަށް ތުނޑިޔަށް ދިޔައީ، ދަރިފުޅާ އެކީ ހިތްހަމަ ޖައްސާލާ، ވަގުތު ކޮޅެއް ހޭދަކޮށްލުމަށްޓަކައެވެ. ލަމްހާ އަކީ ރަށު އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އެހެންކަމުން ލައްޔިން އާއި އެކު މަޖާކޮށް، ވަގުތު ހޭދަ ކުރުމަށް ލިބެނީ ވަރަށް މަދު ފަހަރަކުއެވެ. ތުނޑި އަށް ދެވުމާއިއެކު ލައްޔިން ދުވެފައި ކަހަލަ ގޮތަކަށް ދިޔައީ ރާޅުޖަހާ ހިސާބަށެވެ. ލައްޔިން އަކީ އަބަދުވެސް މޫދަށް ވަރަށް ލޯބި ކުރާ ކުއްޖެކެވެ. ލައްޔިން ރާޅުޖަހާ ހިސާބުގައި މަޑު ކޮށްލައިގެން ހުއްޓެވެ. އެ ކުދިކުދި ރާޅު ބާނިތަށް އައިސް އެ ތުއްތު ތުއްތު ފަޔަށް ބޮސް ދެމުން ގެންދިޔައެވެ. އެ ރާޅު ބާނިތަށް ލައްޔިން އަށް މަރުޙަބާ ކިޔާ ކަހަލައެވެ. ލަމްހާގެ އަތުގައި ހިފައިގެން ލައްޔިން ރާޅުޖަހާ ހިސާބުގައި ހިނގަން ފެށިއެވެ. ލައްޔިން ގެ މި ޙަރަކާތުން ލަމްހާގެ ހިތަށް ފިނިކަން ވެރިވެގެންދިޔައެވެ. ލައްޔިންގެ ކޮންމެ ބީހުމެއް އެ ހިތުގައި ވަނީ ބިންވަޅު ނެގިފައި ވެއެވެ. ލައިޔިން އަކީ އޭނާގެ ފުރާނަ އެވެ. އެ ދެ ލޮލުގެ ނޫރެވެ. އެ ހިތުގެ ވިންދެވެ. އެ ދަރިފުޅަށް ގޮތެއް ވެއްޖެނަމަ އެ މައި ލަގޮނޑިއަކަށް ކެތެއް ނުވާނެއެވެ. ކުޑަ ހިނދުކޮޅަކަށްފަހު، ލަމްހާގެ އަތުގައި ހިފައިގެން މިސްރާބު ޖެހީ އަނެއްކާވެސް އެއްގަމާއި ދިމާލަށެވެ. ދެވުމާއިއެކު، ލަމްހާގެ ގާތު އުރަން ކިޔެވެ. އެހެންކަމުން ލަމްހާ، ލައްޔިން އުރާލައިގެން ދިޔައީ ތަންކޮޅެއް މީހުންނާއި އެއްކައިރި ހިސާބަކަށެވެ. ލައްޔިން ޖަހަމުން ދިޔަ ސަކަރާތް ލަމްހާ އޭނާގެ ފޯނުގައި ރައްކާ ކުރަމުން ގެންދިޔައެވެ. ލައްޔިން އެގޮތަށް ސަކަރާތް ޖަހަމުން ދަނިކޮށް، އޭނާގެ ބޮލަށް ވެލި އެޅުނެވެ. ލަމްހާ އަށް މި މަންޒަރު ފެނުމުން ލައްޔިން ކައިރި ބުންޏެވވެ. “މަންމި ދޫނީ، އަނެއްކާވެސް މި ޖެހުނީ ގެއަށް ގޮސް ފެންވަރާކަންނު.” ލައްޔިން ހިނިތުން ވެލި އެވެ. އެ ދެމައިން ސަކަރާތް ޖެހުމުގައި ވަގުތުތައް ފައިތުވެގެން ދިޔަ ގޮތްވެސް ނޭނގުނެވެ. ފަސްގަޑި ބައިވުމުގެ ކުރިން ގެއަށް އައުމަށް މަންމަ ލަތީފާ އަބަދުވެސް ލަމްހާއަށް ހަނދާން ކޮށްދެއެވެ. ލަމްހާ ގަޑި ބަލައިލި އިރު، އޭރު ސީދާ ފަސްގަޑި ބައެވެ. އުޑުމަތިން އިރު އޮއްސެން އުޅޭ ކަމުގެ ނިޝާންތަށް ފެންނަމުން ދިޔައެވެ. އެހެންކަމުން އޭނާ އަވަސް އަރުވާލުމަށްފަހު، ލައްޔިން އުރުގައި ޖަހައިގެން ގެއަށް ދިޔުމަށް އަވަސްވެގަތެވެ. އޭރު ގިނަ ކުދިބަޔަކު ގެއަށް ދިޔުމަށް ތައްޔާރުވވުމުގައި އަވަދިނެތި އުޅެއެވެ. ލަމްހާ އަވަސް ހިނގުމެއްގައި ގޮސް މަގަށް ނިކުތެވެ. މަގުމަތިން މީހެއްގެ ހިލަމެއް ނުވަތާނގަ ކާޅެއް ގޮވާލާ އަޑުވެސް ނީވެއެވެ. ބަލާބެލުމަށް އެސޮރުމެންވެސް ގޮސް އޭގެ ހާއްޔަށް ވަދުނީއެވެ. ރަށްރަށު ގައި ދިރިއުޅޭ މމީހުންނަކީ ޢާންމު ގޮތެއްގައިވެސް ފަސްގަޑި ބައިވުމުގެ ކުރިން ގެއަށް ވަދެ އުޅޭ ބައެކެވެ. ލަމްހާ ގޮސް އޭނާގެ ގެއަށް ވަތްއިރު، އޭރު ލަތީފާ ގޭ ޖޯލިފަތީގައި އެ ދެމައިންގެ އިންތިޒާރުގައި އިނެވެ. “ލަމްހާ ހާދަ ލަސްވީ، މަންމަ މިހާރު ކޮންއިރެއް ނައިސް ގެން އިންނަ ތާ.” ގަޑި ބަލައިލަމުން، ލަތީފާ ހިތްހަމަ ނުޖެހިފައިވާ ރާގަކަށް ބުނެލިއެވެ. “ލައްޔިން އާއި ދެމީހުން ސަކަރާތް ޖަހަން ތިބެވުނީ ގަޑި ބަލައިނުލާ.” ލާމްހާ ޖަވާބުގައި ބުންޏެވެ. “މާމަ ދޫނީ، ބީޗަށް ގޮއްސަ ވަރަށް މަޖާތަ؟” ލަތީފާ އޭނާގެ މާމަ ދަރިފުޅުގެ ބޮލުގައި ވަރަށް ލޯބިން ފިރުމާލުމަށްފަހު އެއްސެވެ. ލައްޔިން ޖަވާބުގައިދިނީ ފުޅާ ހިނިތުން ވުމެކެވެ. އެ ހިނިތުންވުން ފެނި ކޮންމެ މީހެއްގެ ހިތްވެސް ލޯބިން ފުރި ބަންޑުންވެގެން ދާނެއެވެ. ލައްޔިން ގެ ހުނުމުގެ އަޑަށް ލަމްހާގެ ބައްޕަ މުހައްމަދު ގެއިން ނިކުމެގެން އައެވެ. “އަހަނ، ކާފަ ދަރިފުޅު އައީ ދޯ ތުނޑި އަށް ގޮއްސަ.” “ކާކު ބުނީ އެއީ ކާފަ ދަރިއެކޭ؟ ލައްޔިން އަކީ މާމަ ކުއްޖެކޭ ދޯ” ލަތީފާ ބުންޏެވެ. ” އަޅެ މިހާރުވެސް އަހާބަލަ ލައްޔިން ކައިރި އެއީ ކާކު ކުއްޖެއްތޯ.” މުހައްމަދު ބުންޏެވެ. ބައްޕަގެ އެދުމުގެ މަތިން ލަމްހާ ލައްޔިން ކައިރި އެއްސެވެ. “ލައްޔިން ދަރިފުޅު، ތީ ކާކު ކުއްޖެއްތަ؟” ލައްޔިން ޖަވާބުގައި ބުންޏެވެ. “މަންމި.” ލައްޔިންގެ މި ޖަވާބުން ލަމްހާގެ ހިތަށް ފިނިކަންވެރިވެގެން ދިޔައެވެ. ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ސަބަބަކީ ލަމްހާ ގިނަ ވަގުތު އޮފީހުގައި ހޭދަކުރަންޖެހޭތީ ލައްޔިން އަށް ދޭންވާ ވަރަށް ވަގުތު ނުދެވިފައި، ލައްޔިންގެ ފަރާތުން އެފަދަ ޖަވާބެއް ލިބުމުންނެވެ. “އައްދެ، މިހާރު މަންމި ކުއްޖަކަށް ވީ ދޯ!” ލަތީފާ އަދި މުހައްމަދު އެއްފަހަރާ ބުންޏެވެ. ލައްޔިން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ލައްޔިން ގެ މި ޖަވާބުން އޭނާގެ މަންމަ ދެކެ ލޯބިވާ ވަރު ފަހުމް ވެގެން ދިޔައެވެ. މަޣްރިބު ނަމާދުގެ ބަންގީގެ އަޑަށް އެންމެންވެސް ގޭތެރެއަށް ވަދުނެވެ.

=ނުނިމޭ=

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!