ނޯޓް: މިވާހަކަ ތަންކޮޅެއް ލަހުން ކިޔުންތެރިންނަށް ފޯރުކޮށްދެވޭތީވެ ކިޔުންތެރިންގެ ކިބައިން ވަރަށް ބޮޑަށް މަޢާފަށް އެދެން.. އިންޝާﷲ މިއަދުން ފެށިގެން ދެދުވަހުން އެއްދުވަހު ނުވަތަ އެއަށްވުރެވެސް ކުރިން ވާހަކަ ކިޔައިލަން ލިބޭނެ 🙂

 

1ވަނަ ބައި…..

“ޔަލީނާ!” ޔަލީނާ ކޮލެޖުގެ ގޭޓުން އަންނަތަން ފެނިގެން ފަރްޒީން ވަރަށް ބާރަށް ގޮވައިލިއެވެ.

ޔަލީނާއަކީ ފިރިހެންކުދިން ހިތް ކިޔާފަދަ ރީތި ސޫރައެއް ލިބިފައިވާ ކުއްޖެކެވެ. އޭނާގެ ‘ހޭޒަލް’ ބޮޑު ދެލޮލާއި ގަދަ ކަޅުކުލައިގެ ދިގު ރާޅުބާނީ އިސްތަށިގަނޑުން އޭނާގެ ސޫރަ އިތުރަށް ރީތިކަމަށް ދައްކައެވެ. މިއަދު އޭނާ ލައިގެން ހުރީ އަތްދިގު ޓީޝާޓްއަކާއި ކަކުލާއި ހަމައަށް އަރާވަރުގެ ސްކާޓްއެކެވެ. އޭނާގެ ދޮން މޫނުގައި އެއްވެސް މޭކަޕެއް ނެތް ކަމުގައިވިއަސް އެރީތިކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

ޔަލީނާއަށް ފަރްޒީން ފެނުމުން ލަސްކުރުމެއްނެތި ދެފައިގައި ހުރި ބާރެއް ލައިފައި އެދިމާއަށް ދުއްވައިގަތެވެ. ނަމަވެސް އެހެން ލައިފައި ދިޔަ އެހެން ކުއްޖެއްގެ ގައިގައި ޖެހި ޔަލީނާއާއި އެކުއްޖާ އެއްކޮށް ވެއްޓުނެވެ.

“ޕިސް ޕިސް. ބަލައިގެން އުޅެބަލަ.” ޔަލީނާ ތެދުވަމުން ވެއްޓިފައި އޮތް ކުއްޖާއާއި ދިމާއަށް ރުޅިވެރިކަމާއިއެކު ލޯއަޅައިލަމުން ބުންޏެވެ.

“އޭތް! އަޒްލާން؟” ވަރަށް ދުރުން ދުވަމުން އައި މާލިކް ބުންޏެވެ.

އަޒްލާންއަކީ އަންހެން ކުދިންގެ ހިތް ކަތިލާފަދަ ރީތި ސޫރައެއް ލިބިފައިވާ ކުއްޖެކެވެ. އޭނާގެ އެ ފެހިކުލައިގެ ދެލޮލާއި މުށިކުލައިގެ އިސްތަށިގަނޑުގެ އިތުރުން އޭނާގެ ކަޝްރަދީ ހަށިގަނޑުންވެސް އޭނާގެ ފުރިހަމަކަން ދައްކުވައިދެއެވެ. އޭނާ މިއަދު ލައިގެން ހުރީ އައިސް ބްލޫ ޖިންސަކާއި ކަޅުކުލައިގެ ޓީޝާޓްގެ މަތިން ރަތްކުލައިގެ ޖެކެޓެކެވެ.

އަޒްލާން ޔަލީނާއާއި ދިމާއަށް އެއްޗެއް ބުނަން އެބުރެލިތަނާ އޭނާ ހުއްޓުން އެރީ ކުރިމަތީގައި ހުރި ރީތި ސޫރަ ފެނިފައެވެ. އޭނާއަށް ދުވަހަކުވެސް މިކަހަލަ ރީތި ކުއްޖަކު އަދި ފެނިފައެއް ނެތެެވެ. އޭނާއަށް ހިނދުކޮޅަކު ބަލަން ހުރުމަށްފަހު ތެދުވެ ގައި ފޮޅައިލިއެވެ.

“ދެެން ފަހަރަކުންވެސް ބަލައިގެން އުޅޭތި!” ޔަލީނާ އެހެން ބުނެލި އަޑަށް އަޒްލާން އޭނާއާއި ދިމާއަށް ބަލައިލުމަށްފަހު އެއްބުމަ އަރުވައިލިއެވެ.

“އަހަރެންދޯ ބަލައިގެން އުޅެންވީ؟ އެންމެ ފުރަތަމަ އަމިއްލަ މީހާ އިސްލާހުކޮށްފަ އެހެން މީހުން ކައިރީގައި އެވެނި މިވެނި ކަމެއް އިސްލާހުކުރާށޭ ބުނާނީ…..” އަޒްލާން ހަރަމްބަންނަމުން ބުންޏެވެ.

“ހުނ! ތިބުނީ އަހަރެންނޭތަ ކަންކަން އިސްލާހުކުރަންވީ؟ އަމިއްލަ މީހާއެއްނުން ހަމަ އަހަރެންގެ ގައިގައި ޖެހުނީ؟” ޔަލީނާ ރައްދުދިނެވެ.

“އަހަރެން މަތި ނާޅުވާ…… ތިމާވަރުގެ މީހަކު ނެތްކަމަށް ދެލޯ މަރައިގެން ވިއްޔާ ދުއްވައިގަތީ!” އަޒްލާން ބުންޏެވެ.

ޔަލީނާ އަދި އިތުރަށް ރުޅިގަދަވިއެވެ.

“ޕިސް ޕިސް….. ކަލޭއެއްނުންތަ އަހަރެންގެ ގައިގައި ޖެހުނީ؟ އަހަރެން ވަރަށް ބަލައިގެންނޭ އައީ!” ޔަލީނާހުރީ ގޮތް ދޫކުރާފަދަ ގޮތަކަށް ނޫނެވެ.

ކައިރީގައި މިކުޅިވަރުބަަލަން ހުރި ފަރްޒީންގެ އިތުރުން މާލިކްވެސް ހުރީ ކިރިޔާ ނުހެވިއެވެ. ބެލްޖެހި އަޑު އިވުމުން އަޒްލާންއާއި ދިމާއަށް ރުޅިވެރި ނަޒަރަކުން ބަލައިލުމަށްފަހު ފަރްޒީންގެ އަތުގައި ހިފައިގެން ޔަލީނާ ކްލާސްރޫމް އާއި ދިމާއަށް މިސްރާބު ޖެހިއެވެ. ފަރްޒީން ވަކި ހިސާބަކުން ހަނާ އަޅައިލުމަށް ފަހު އޭނާގެ ކްލާހަށް ވަންނަން ދިޔައެވެ. ޔަލީނާ ކްލާހަށް ވަނުމަށްފަހު އެންމެ ފަހަތުގައި ހުރި ދެޑެސްކުން ކުޑަދޮރާއި ވީ ފަރާތުގައި އިން ޑެސްކުގެ ކައިރީގައި އިށީނެވެ. ޕްރޮފެސަރު ކްލާހަށް ނާންނާތީވެ ދަބަސް ވަތްގަނޑަށް ލުމަށްފަހު އޭނާ ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓުވައިލިއެވެ. އިރުކޮޅަކުން ކޮންމެވެސް މީހަކު އޭނާގެ ކައިރީގައި އިށީންހެން ހީވުމުން އޭނާ އެކުއްޖާއާއި ދިމާއަށް ބޯ އަބުރައިިލިއެވެ. އެ ވަގުތަކީ އެކުއްޖާވެސް ބޯ އަބުރައިލި ވަގުތުކަމުން ދެމީހުންނަށް އެއްފަހަރާ ކޮޅަށް ތެދުވެވުނެވެ.

“ކަލޭތަ؟” ޔަލީނާއާއި އަޒްލާން އެއްފަހަރާ ބުނެވުނެވެ.

ދެވަނަ ސިކުންތުގައި ދެމީހުން އިށީނުމަށްފަހު ރުޅިމޫނު ހަދައިލައިގެން ދެމީހުން ދެފަރާތަށް ބޯ އަބުރައިލިއެވެ. ކްލާހުގެ ހުރިހާ ސީޓެއް ފުލްވެފައި އޮތުމުން ދެމީހުންކުރެ އެކަކަށްވެސް ބަދަލެއް ނުވެވުނެވެ. ސެޝަން ނިމުމުން ޔަލީނާ އަވަހަށް އެކްލާހުން ނިކުންނަން ދިޔައެވެ. ހަމަ ނިކުމެވުނު ތަނާ ކޮންމެވެސް މީހަކު ޔަލީނާގެ އަތުގައި ހިފުމަށްފަހު ކަލާސްރޫމް ކައިރީގައި ހުރި ހަނި ގޯޅިއަށް ވެއްދިއެވެ. ޔަލީނާ އެއީ ކާކުތޯ ބަލައިލަން އެނބުރެލި ގަޑީގައި ހިނިތުންވެލައިގެން ހުރީ އޭނާއަށް މީގެ ކުރިން އިސްކޫލުގައި އުޅުނު އިރު އޭނާއަށް ލޯބި ހުށައެޅި ޒަރޫންއެވެ.

“ޒް….ޒަރޫން؟” ޔަލީނާއަށް ބުނެވުނެވެ.

“ޝްްްޝްޝް…..” ނަމަވެސް އެބަސް ބޭރުވުމުގެ ކުރިން ޒަރޫން ޔަލީނާގެ އަނގައިގައި ޝަހާދަތް އިނގިލި ޖައްސައިލިއެވެ.

ދެން ޒަރޫން ޔަލީނާއާއި ދިމާއަށް އަންނަން ފެށިއެވެ. ޒަރޫން އަޅާ ކޮންމެ ފިޔަވަޅަކަށް ޔަލީނާ ދިޔައީ ފަހަތަށް ޖެހެމުންނެވެ. އެހެން ގޮސް ޔަލީނާ އެގޯޅީގެ ފާރުގައި ލަށްވިއެވެ. ޒަރޫން އައިސް ހުއްޓުނީ ޔަލީނާގެ ނޭވާ އިޙްސާސްވާހާ ގާތުގައެވެ.

“ލީނާ! އަހަރެންގެ މިސުވާލަށް ޖަވާބުދީބަލަ އިނގޭ! ވިލް ޔޫ ބީ މައިން؟!؟” ޒަރޫން ޔަލީނާއާއި ތަންކޮޅެއް ދުރަށް ޖެހިލައިފައި އެއްސެވެ.

އެ ގޯޅީގެ ކައިރީގައި ފިލައިގެން ހުރި ފަރްޒީން ޔަލީނާއަށް ފެނުނެވެ. ފަރްޒީން ވަރަށް އުފަލުންހުރެ އޭނާގެ ބޮލުގެ ޢިޝާރާތުން އާއެކޭ ބުނުމަށް އެންގިއެވެ. ޔަލީނާ ކުޑަކޮށް ވިސްނައިލުމަށްފަހު ބުނެލި ޖަވާބުން ޒަރޫންގެ އިތުރުން ފަރްޒީންގެެވެސް ދެރަވެގެން އިސްޖަހައިލިއެވެ.

 

2ވަނަ ބައި…

“ނޯ ތޭންކްސް….. އައި ކޭންޓް ބީ ޔުއާރޒް.” ޔަލީނާ ބުންޏެވެ.

“އައި ކޭންޓް ބީ ޔުއާރޒް…… ބަޓް އައި ކޭން ބީ ޔޯރ ގާރލްފްރެންޑް.” ޒަރޫން އެގޯޅިން ނިކުންނަން އުޅުނު ގަޑީގައި ޔަލީނާ ވަރަށް މަޑުން ނަމަވެސް ޒަރޫންއަށް އަޑު އިވޭވަރަށް އިސްޖަހައިލައިގެން ހުރެ ބުންޏެވެ.

ޒަރޫން އުފަލުގެ ކޮޅެއްނެތެވެ. އަލުންގޮސް ޔަލީނާގެ ގައިގައި ވަރަށް ބާރަށް ބައްދައިގަތެވެ. ފިލައިގެންހުރެ މިމަންޒަރުތައް ބަލަމުންދިޔަ ފަރްޒީންވެސް ހުރީ އުފަލުންގޮސް ރޮވޭވަރުވެފައެވެ. ވާނީވެސް އެހެންތާއެވެ! ޒާރޫނައަކީ ފަރްޒީންގެ ތިމާގެ މީހެކެެވެ. ޔަލީނާ ފަރްޒީންގެ ދައްތައަކަށްވުމަކީ ފަރްޒީންގެ އިތުރުން ޔަލީނާ އަބަދުވެސް ދެކޭ ހުވަފެނެކެވެ. އެހުވަފެނުގައި ކުލަޖެހޭނީކަމަށް ހިތައި ފަރްޒީންހުރީ ވަރަށް އުފަލުންނެވެ.

“ރް…ރޫން!!! ން…..ނޭވައެއް ން….ނުލެވޭ!” ޔަލީނާ ވަރަށް އުނދަގުލުން ބުންޏެވެ.

“އޯހް….ހެހެހެ….. ސޮރީ.” ޒަރޫން ޔަލީނާ ދުރުކޮށްލުމަށްފަހު ބޯކަހައިލަމުން ބުންޏެވެ.

“ހެލޯ ލަވްބާރޑްސް!” ފަހަތުން ފަރްޒީން އެހެން ބުނެލި އަޑަށް ސިހިފައި ކަހަލަ ގޮތަކަށް ޔަލީނާއަށާއި ޒަރޫންއަށް އެއްފަހަރާ އެދިމާއަށް ބަލައިލެވުނެވެ.

ފަރްޒީންހުރީ 7 އައިސް ކޮފީ ކޮތަޅަކަށް އަޅައިގެން އައިހެވެ.

“ތިއީ ކޮންހާ އެއްޗެއްސެއް؟” ޔަލީނާ ވަރަށް ނޫންކަމަށް ހަދައިފައި ސުވާލުކޮށްލިއެވެ.

“އޭތް! ތިއެއް ނޫނޭ. މާލްމެން އެބަ ތިބި ލަސްވެފަ.” ފަރްޒީން އެހެން ބުނުމުން އެތިން ކުދިން އަޒްލާންމެން ކައިރިއަށް ދިޔައެވެ.

“އޭތް މިތިބީ ޓޫ ލަވްބާރޑްސް އައިސް.” ފަރްޒީން ޔަލީނާއަށާއި ޒަރޫންއަށް ބަލައިލުމަށްފަހު މަޖާ ފާޑަކަށް ބުންޏެވެ.

ފަރްޒީން އެހެން ބުނުމުން އަޒްލާންއަށް ގޮތެއްވިއެވެ. އަޒްލާންއަށް އުނދަގޫވީ ނަމަވެސް އެކުދިންނާއިއެކު ވާހަކަ ދައްކަމުން ދިޔައެވެ. ހުރިހާ ކުދިންނަށް އައިސް ކޮފީ ބެހުމާއިއެކު ޔަލީނާ ފިޔަވައި އެންމެން ކޮފީ ބޯން ފެށިއެވެ.

“ލީނާ؟ ކޮފީ ނުބޯނަންތަ؟” ޒަރޫން ކޮފީ ކޯވަރެއް ދަމައިލުމަށްފަހު އެއްސެވެ.

“ބޯންވީތަ؟” ޔަލީނާ އައިސް ކޮފީއަށް ބަލައިލަމުން ބުންޏެވެ.

“ހޫނ! ގެއަށްގޮސް ޝިމްތައަށް ދޭން ޖެހިދާނެ. އެންޑް މިދެ ކޮފީ އެންމެ ފުރަތަމަ ހުސްކުރާ ކުއްޖަކަށް.” ފަރްޒީން އެއްނޭވާއިން ބުނަންބޭނުންވާ އެއްޗެހި ބުންޏެވެ.

“ހަހަހަ…. އޯކޭ!” ޔަލީނާ ހީލަމުން ބުންޏެވެ.

ޔަލީނާ ކޮފީ ބޯން އުޅެނިކޮށް އަރިކުރެވުނު ގޮތަކުން އޭނާގެ ހެދުމަށް ވެރުނެވެ. އިރުކޮޅަކުން އަންނާނަމޭ ބުނުމަށްފަހު ފާޚާނައާއި ދިމާއަށް މިސްރާބު ޖެހިއެވެ. ފާޚާނައަށް ވަދެވުމާއިއެކު ފެނުނީ ޔަލީނާގެ ދައްދައެއްގެ އެކުވެރިއެއްކަމަށްވާ ވަސްނާއެވެ.

“އޭތް! ޔަލީނާ! އިނގޭތަ؟ އާލީ އެބަ އުޅޭ މިހާރު އަޒޭއާއި ރައްޓެހިވެގެން…” ވަސްނާ ޔަލީނާ ކައިރީގައި ވަރަށް ފޮނިވެލައިފައި ބުންޏެވެ.

ޔަލީނާ ވަކި އެއްޗެކޭ ނުބުނެ ޔަލީނާގެ ގަޔަށް ވެރުނު ކޮފީފޮދު ރަނގަޅަށް ސާފުކޮށްލުމަށްފަހު ފާޚާނައިން ނިކުމެ މިސްރާބުޖެހީ ފަރްޒީންމެންގެ ގާތަށް ދިއުމަށެެވެ. ދެވުމާއިއެކު ފެނުނު މަންޒަރުން އެއްވެސް އިޚްތިޔާރަކާއިނުލައި ޔަލީނާގެ ބޮޑު ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. އޭނާގެ ކުރިމަތީގައިހުރީ ދުވަހަކުވެސް ފެނިދާނެކަމަށް އުންމީދު ސޫރައެއްނޫނެވެ. ޔަލީނާގެ ބޮޑުދައިތަގެ ދަރިއެއް ކަމަށްވާ ލައާލީއެވެ. އޭނާހުރީ އަޒްލާން ކައިރީގައި އޭނާގެ އަތުގެ މުއްލައްދަނޑީގައި ހިފަހައްޓައިގެން ވާހަކަ ދައްކާށެވެ. ވަސްނާ ބުނީ ތެދެކެވެ. ލައާލީ އަޒްލާންއާއި ރައްޓެހިވީއެވެ. ލައާލީއާއި އަޒްލާންއާއި ދާދި ގާތުގައި ދެން ތިބި ކުދިން އޮލަ ވާހަކައިގައި ތިއްބެވެ. އެކުދިންނަށް މީހެއްގެ ހިލަމެއްވުމުން އެންމެން އެކުއެކީ ޔަލީނާއާއި ދިމާއަށް ބަލައިލިއެވެ. ކަރުނައިން ތެމިފައި އެވާ ދެލޮލުން ބަލަމުން ގެންދިޔަ ތަނަށް ހުރިހާ ކުދިން ބަލައިލިއެވެ. ފެނުނު މަންޒަރުން މާލިކް ފިޔަވައި ހުރިހާ ކުދިންގެ އަތްތަށް މުއްކެވުނެވެ. އަޒްލާން އާއި މާލިކްއަށް މިވަނީ ކިހިނެތްކަމެއްވެސް ހަމަ އެއްގޮތަކަށް ނޭނގުނެވެ. ކުއްލިއަކަށް ޔަލީނާ ކޮލެޖުން ބޭރަށް ދުއްވައިގަތެވެ. މިތަން ފެނުމުން އަޒްލާން އާއި ލައާލީ ފިޔަވައި އެންމެން ޔަލީނާގެ ފަހަތުން ދުއްވައިގަތެވެ.

“އާލީ! ކިހިނެތް އެވީ؟” ލައާލީއާއި ދިމާއަށް ބަލައިލުމަށްފަހު އަޒްލާން އެއްސެވެ.

“އަޒޭއަށް އިނގޭތަ؟ އެ ލީނާއަަކީ އަހަރެންގެ މަންމަގެ ކޮއްކޮގެ ކުއްޖެއް.” ލައާލީ ކުޑަކޮށް ގިސްލަމުން ކުށްވެރިއަކު ފަދައިން އިސްޖަހައިލައިގެންހުރެ ބުންޏެވެ.

“އަދި…އަދި ލީނާއަކީ އަހަރެންގެ ހުރިހާ އުފަލެއް ފޭރިގަތް މީހާ. އެންމެ ފުރަތަމަ އަހަރެންގެ މަންމަގެ ލޯބި. ދެން އަހަރެންގެ ކުރީގެ ބީއެފް ޒަރޫން ފޭރިގަތީ އަހަރެންނަކީ ވަރަށް ނުބައި މީހެކޭ ކިޔައިގެން. ދެންއަހަންނަށް ހީވަނީ މިހާރު އޭނާ އެފޭރިގަންނަން އުޅެނީ އަޒޭގެ ހިތްހެން އަހަރެންގެ ނުބައި ވާހަކަ ދައްކައިގެން.” ލައާލީ ރޮމުން ބުންޏެވެ.

“އާލީ! ދެން ނުރޯ! އަހަރެން އެ ޔަލީނާއަކާއި ހެދިގެންނެއް ނޫޅެން. އަހަރެން އޭނާ ދައްކާ ވާހަކަވެސް އަޑެއް ނާހާނަން. އޭނާއަށް ހަމައެކަނި ޙައްޤު ވާން ޖެހޭނީ މީހުންގެ މަލާމާތާއި ފުރައްސާރަ. އޭނާއަކީ ބޮޑު މަކަރުވެރިއެއް! ބޮޑު މަކަރުވެރިއެއް!” އަޒްލާން ރުޅިވެރިކަމާއިއެކު އޭނާގެ އެންމެ ފަހު ނިންމުން ނިންމިއެވެ.

3ވަނަ ބައި…

 

އަޒްލާންގެ ނިންމުން އަޑުއިވުމުން ލައާލީގެ ތުންފަތުގައި މަކަރުވެރި ހިނިތުންވުމެއް ދުވެލިއެވެ.

“ޔަލީނާ! ކަލޭ ހަނދާންކުރާތި. އެހާ ފަސޭހައަކުން އަހަރެންގެ އަތްދަށަކުން ސަލާމަތެއް ނުވެވޭނެ. އަދި ކަލެއަކަށް ދުވަހަކުވެސް އުފަލަކު ނޫޅެވޭނެ.” ލައާލީ ހިތާއި ހިތުން ބުންޏެވެ.

ޔަލީނާ އެކޮލެޖުގެ ކައިރީގައިހުރި ބެންޗެއްގައި އިށީނެވެ.

“ލީނާ! އާރ ޔޫ އޯކޭ؟” ޒަރޫން ދުވެފައި އައިސް ޔަލީނާގެ ކައިރީގައި އިށީނުމަށްފަހު އެއްސެވެ. ޔަލީނާ ބޯ ޖަހައިލިއެވެ.

“އޭތް! މިވަނީ ކިހިނެތްކަމެއް މަށަކަށް އެއްގޮތަކަށްވެސް ނުވިސްނުނު.” މާލިކް ބުނަން ނުބުނަންހުރެފައި ބުންޏެވެ. ފަރްޒީން މާލިކް އާއި ދިމާއަށް ބަލައިލިއެވެ.

“މަށަށް ތިކަމުގެ ފުރިހަމަ ތަފްޞީލު އެނގޭ.” ބެންޗު ކައިރީގައި ހުރި ދަނޑިބުރިއެއްގައި ލެނގިލައިގެން ހުރި ކަލްޘޫމް ރުޅިވެރި ރާގެއްގައި ބުންޏެވެ. ޔަލީނާ ސިހިގެން ފަހަތް ބަލައިލިއިރު ހުރީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ.

“ކަލް!” އާންމުކޮށް އެކުވެރިޔަކު ފެނުމުން މީހުން ވާނީ އުފަލެވެ. ނަމަވެސް ޔަލީނާއަށް ރޮވުނީއެވެ.

“މަށަށް ދެންމެ ވީ ހުރިހާ ކަމެއް ފެނިއްޖެ. އަދި އަޑުވެސް އިވިއްޖެ. އަހަރެންނާއި ރޫން ފިޔަވައި އެހެން އެއްވެސް މީހަކަށް އަސްލު ލީނާއަށް އެވީ ކިހިނެތްކަމެއް ނޭނގޭނެ. އަދި ފަރްޒީންއަކަށްވެސް.” ކަލްޘޫމްގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ރޫން….. އަހަރެން ބޭނުން މިދެމީހުންނަށް މިކަމުގެ އަސްލު އޮޅުން ފިލުވައިލަދޭން. އެހެންވީމާ ރޫން ލީނާ ކައިރީގައި އިނދޭ. އަހަރެންނާއިއެކު މާލިކްއާއި ފަރްޒީން ނޫން އެހެން މީހަކު ނާންނާތި.” ކަލްޘޫމް ހިނގައިގަތުމުން މާލިކްއާއި ފަރްޒީން އޭނާގެ ފަހަތުން ދިޔައެވެ.

ކަލްޘޫމްގޮސް ހުއްޓުނީ ރެސްޓޯރެންޓެއްގެ ކުރިމަތީގައެވެ. އަދި ކައިރީގައި ތިބި ދެކުދިންގެ ކައިރީގައި ވަންނަން ޢިޝާރާތްކޮށްލުމަށްފަހު އެތެރެއަށްވަނެވެ. ކަލްޘޫމް ގޮސް އެތާ ހުރި ހުސް މޭޒެއްގައި އިށީނެވެ. ވަގުތުގެ ގޮތުން މީހުން މަދުކަމުގައިވިއަސް ފުދޭވަރަކަށް މީހުން އުޅެއެވެ. ވެއިޓަރ އައިސް އޯޑަރ ނެގުމުން ކަލްޘޫމް ވާހަކަ ފެށިއެވެ.

“އަހަރެންނަކީ ލީނާގެ އަސްލު އެކުވެރިޔާ ، ކަލްޘޫމް. ގުރޭޑު އެކަކުން ފެށިގެންވެސް ދެމީހުން ތަޢުލީމު ޙާޞިލުކުރީ އެއްކޮށް. ލައާލީއަކީ ކާކުކަން އަދި ފަރްޒީންއަަކަށް ރަނގަޅަކަށް ނޭނގޭނެ. އެނގޭނެހާވެސް އެއްޗަކީ އެ ލައާލީ ޒަރޫންއާއި ޗީޓްކުރިކަން. އެސަބަބަށްޓަކައެއް ނޫން ލީނާ ލައާލީދެކެ ރުޅިއަންނަނީ. އަސްލު…. ލައާލީ އަކީ ލީނާގެ ދައްތައެއް. ނަމަވެސް ލައާލީ ހަސަދަވަނީ ލީނާ ރީތިކަމުން. ލީނާގެ މަންމަ ޔުމްނާ އަދި
ލީނާގެ ބައްޕަ ޒުލައިމް ނިޔާވީ ލީނާއަށް އެންމެ 5 އަހަރު. އެވީގޮތަކީ ލައާލީމެންގެއަށް ކާރެއްގައި ލީނާ ބަލައި އަންނަނިކޮށް އެކްސިޑެންޓްވީ. އަސްލު ބޮލަށް ލިބުނު އަނިޔާ ބޮޑުކަމުން ދެމީހުންވެސް ކޯމާއެއްގައި އޮއްވަ ނިޔާވީ. ވިސްނައިލަބަލަ އެވަރުގެ ކުއްޖަކަށް މަންމައާއި ބައްޕަ ނިޔާވުމުން ހިތަށް ކުރާނެ ފުން އަސަރު. ކިހާ ހިތުގަ ޖެހޭނެ. އެދުވަހު ލީނާ ވަރަށް ރުއި. އޭގެ ފަހުން ލީނާ އުޅެނީ އޭނާގެ ބޮޑުދައިތަ ނުވަތަ ލައާލީގަ މަންމަ ލައިލްމެންގެ ގޭގައި. އަހަރެން ކިޔަނީ ލައިއްތަ. ލައިއްތަ އެއްވެސް ކުއްޖަކު އެއްވެސް ގޮތަކަށް ތަފާތެއް ނުކުރޭ. އެކަމާއިހުރެ ލީނާގެ މަންމަ ނޫނީ ބައްޕަނެތުމުގެ އިޙްސާސްކުރާކަށް ނުޖެހޭ. ނަމަވެސް އެދެކުދިންނަށް 12އަހަރުގައި ލައިއްތަ ވަޒީފާއަށް ނިކުންނަން ފަށައިފި. އެއިރު އެގޭގައި އުޅެނީ ހަމައެކަނި އެދެކުދިން. ލައާލީގެ ބައްޕަ އަންނާނީ މަދު ފަހަރަކު. ދެން ލައާލީ ހަދާ އެއްޗަކީ ލައިއްތަ ދިއުމުން ލީނާލައްވާ ގޭތެރެ އެއްކޮޅުން އަނެއްކޮޅަށް ސާފުކުރަން ޖައްސާނީ. އަނެއްކޮޅުން ބޮޑުވަމުން އައި ވަރަކަށް ލައާލީ ލީނާ ބްލެކްމެއިލްވެސް ކުރަން ފަށައިިފި. އެންމެ ފަހުން އެގޭގައި އުޅެން ކެތްނުވެގެން ލައިއްތަ ކައިރީގައި ކޮންމެވެސް ބަހަނާއެއް ޖައްސައިގެން ކުއްޔަށް ކޮޓަރިއެއް ހިފީ އެޕާރޓްމެންޓަކުން. ލައިއްތަ އެތަނުގެ ކުލި ދައްކަނީ. އެއިރު ލީނާއަށް 15އަހަރު. އަހަރެންނަށް 16 އަހަރު ފުރުނުތާ މާގިނަ ދުވަހެއްނުވެ، އަހަރެންގެ ދޮންބެ ބަލިވީ. އެހެންވެ ބޭސްކުރަންވެގެން އިންޑިޔާއަށް ފުރީ. އޭގެ ފަހުން އަހަރެންނަށް ލީނާއަށް ކޮނަޓެކްޓެއް ނުކުރެވުނު. އަހަރެން ރާއްޖެ އައީ ކުރިންދުވަހު. އަހަރެން ލީނާއަށް ސަޕްރައިޒްއެއް ދޭން އުޅުނީ. އެކަމަކު ތިމީހުން ކުރާ ކަމެއް ބަލައިލަން މަޑުކުރީ. އެހެންވެ އަހަރެންނަށް ހުރިހާކަމެއް އެނގުނީ.” ފަހުން އަހަން އެއްވެސް ސުވާލެއް ބޭއްވުމެއްނެތި ކަލްޘޫމް ތެދުތެދަށް ހުރިހާކަމެއް ކިޔައިދިނެވެ.

މިހުރިހާ ވާހަކައެއް ކިޔައިދިންއިރު ފަރްޒީންހުރީ ފެންކަޅިވެފައެވެ. އަދި މާލިކްވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ވީދެރައާއި އެއްވަރަށް މާލިކްގެ ހިތުގައި ލައާލީދެކެ ރުޅިވެސްއައެވެ. ހީވަނީ ހަމަ ދެންމެ ދެންމެ މީހަކު ގައިގައި ޖަހައިފާނެ ހެންނެވެ. ނަމަވެސް ރުޅި ކޮންޓްރޯލް ކުރީ ކައިރީގައި އިން ފަރްޒީންގެ ކަރުނަތަށް ފެނުމުންނެވެ. މާލިކް އެއްވެސް އިޚްތިޔާރަކާއިނުލަައި އޭނާގެ ދެއަތުން ފަރްޒީންގެ ކަރުނަތަށް ފޮހެދިނެވެ. ވެއިޓަރ 3 ވެނީލާ މިލްކްޝޭކް ތަށި ގެނައުމުން އެއެއްޗެހި ބޯލުމަށްފަހު ކައުންޓަރ ކައިިރިއަށްގޮސް ބިލު ދެއްކިއެވެ. ދެން އެތިން ކުދިން މިސްރާބުޖެހީ ޔަލީނާމެން ތިބި ބެންޗާއި ދިމާއަށެވެ. އެހިސާބަށް ދިޔައިރު ޔަލީނާއޮތީ ޒަރޫންގެ ކޮނޑުގައި ބޯއަޅައިލައިގެން ވަރަށް ލޯބިކޮށް ނިދައިލައިފައެވެ. ނަމަވެސް މީހުންތަކެއްގެ ފިޔަވަޅުގެ އަޑު އިވުމުން ޔަލީނާ ސިއްސައގެން ގޮސް ކުއްލިއަކަށް ހޭލެވުނެވެ.

“ހައު އާރ ޔޫ ފީލިން؟” ކަލްޘޫމް ޔަލީނާގެ އަނެއްކޮޅުގައި އިށީނދެ ވަރަށް ލޯބިން އެއްސެވެ.

“ޝީ އިޒް ފީލިން ވެރީ އެންގްރީ ދޯ؟” އެހުރިހާ އެންމެންގެ ފަހަތުން އިވުނު ރުޅިވެރި ފިރިހެން އަޑުން އެންމެން ސިހިފައި އެދިމާ ބަލައިލިއެވެ.

– ނުނިމޭ –

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!