އިންތިހާ – 19
“ތޫ ދަރިފުޅާ ކަމަކުތަ؟” ތުގާގެ ބޮލުގައި ފިރުމާލަމުން ލޯތްބާއިއެކު ތޯރިޤު އަހައިލިއިރު، ތުގާގެ މިލައިފައިވާ މޫނު ފެނި ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގެ ރަތް ސިގުނަލް ތޯރިޤަށާއި އުޒާމްއަށް ލިބުނެވެ. “ތެދެއް ތޫ ކަމެއް ވީތަ؟ އިވާންގެ ހަބަރެއް ވީތަ؟” ކަންބޮޑުވުމާއިއެކީ އުޒާމްވެސް އަހައިލިއެވެ.
“ނޯ އަންކަލް….އެކޮޅަށް ދިއަފަހުން އިވާންގެ ހަބަރެއް ކީތްކުރަން އެންމެ ކޯލެއް ވެސް ނާދޭ….ފޯނު އަބަދު އޮންނަނީ ނިއްވާލާފަ ނޫނީ ގުޅޭ ސަރަހައްދުން ބޭރުގަ….އެ ވާހަކަ ދައްކަން އަޅުގަނޑު މިއައީ ވެސް” ކަންބޮޑުވުން އެކުލެވިގެން ވީ ތުގާގެ އަޑު އިވުމާއިއެކީ އުޒާމްއަށާއި ތޯރިޤަށް އެއްފަހަރާ އެކަކު އަނެކަކާއި ދިމާލަށް ބަލައިލެވުނެވެ.
“ދަރިފުޅާ، ވެދާނެނު އިވާން ބިޒީ ވީކަމަށް….ބައްޕައަށް ހާދަ ހީވޭ ހަމައެކަނި އެހެންވެ ނޫންހެން ދަރިފުޅު ކަންބޮޑުވެގެން ތިއުޅެނީ…ނިކަން ސާފުކޮށް ބައްޕައަށް ކިޔާދީބަލަ” ތުގާގެ ކޮނޑުގައި ހިފައި ސޯފާގައި ބައިންދަމުން ތޯރިޤުވެސް ސޯފާގައި އިށީނެވެ.
“އަންކަލް…ޑޭޑް…އިއްޔެ އަޅުގަނޑު އިވާންގެ އޮފީހަށް ދިއައީ އެންޑް…….” ފާއިތުވީ ދުވަސްތަކުގައި ވެދިޔަ ކަންތައް އަކުރުން އަކުރަށް ތުގާ ކިޔައިދިން އިރު، އުޒާމްގެ ތޫނު ސިކުނޑިއަށް އެތައް ކަމެއް ފަހުމްވެގެން ދިއައެވެ.
************
“އައިމަންއަށް ނޭނގޭތަ މަމްދޫހު ވީތަނެއް؟” ހަމަޖެހިލަން މަސައްކަތް ކުރަމުން ވަސީމް އަހައިލީ ހައިރާންވެ ހުރެއެވެ. އަމިއްލަ ބައްޕަ ވީތަނެއް ނޭނގޭހައި އެދެބަފައިންގެ މެދުގައި އޮންނަ ގުޅުން ހީނަރީ ހެއްޔެވެ. “އިނގޭނަމަ މިއަދު މިތާ ބޭބެގެ ކުރިމައްޗަކު އަހަރެން ނުހުންނާނެ! ބައްޕަގެ ޙަބަރެއް ނުވާތާ މިހާރު ސާދަ އަހަރު ވެއްޖެ” އައިމަންގެ އަޑުގައިވީ މާޔޫސްކަން ދެނެގަނެވުނު ނަމަވެސް، ހަޤީގަތް އައިމަންއަށް ކިޔާދިނުމަކީ މިއަދު ވަސީމްއަށް ކުރެވެން އޮތް ކަމެއް ނޫނެވެ. މީގެ އެތައް އަހަރެއް ކުރިން އޭނާ މަމްދޫހްއާއި ކުރި ވަޢުދު އުވާލުމަކީ، ދިރިހުރިހައި ހިނދަކު އޭނާ ނުކުރާނެ ކެމެކެވެ.
ވަސީމްގެ މޫނުމައްޗަށް އަރައި ފައިބަމުން ދިޔަ ކުލަވަރު ފެނި ބިރުވެރިކަމުގެ ރާޅެއް އައިމަންގެ ހިތުގައި ދުވެލިއިރު، ހިތާހިތުން އޭނާގެ ބައްޕަ ހެޔޮހާލުގައި ލެއްވެވުން އެދި މާތްﷲ ގެ ހަސްރަތަށް އޭނާ ދުޢާ ދެންނެވިއެވެ. ބައްޕަގެ ލޯތްބާއި ނުލައި ސާދަ އަހަރު އޭނާ ހޭދަކުރި ގޮތް އެއްވެސް މީހަކަށް ނޭނގޭނެއެވެ. ބައްޕަގެ ލޯތްބަށް ފެންބޮވައިގަނެފައި ވިޔަސް، ބައްޕަ ކޮބައިތޯ އެހުމަކީވެސް އޭނާއަށް މަނާކުރެވިފައިވީ ކަމެކެވެ.
“ވަސީމްބޭ އަޅެ ބުނެދީބަލަ، ކޮބާތަ އަހަރެންގެ ބައްޕަ؟ އަހަރެން ބޭބެ ގާތަށް މިއައީ ވަރަށް އުންމީދާއެކު ހަމަ އެހެން އެއްވެސް ގޮތެއް ނެތީމަ….ޕްލީސް ޓެލް މީ….” ވަސީމްގެ ދެއަތުގައި ހިފަމުން އައިމަން އާދޭސްކުރަމުން ގެންދިއައިރު، އޭނާގެ ދެލޮލުން ކަރުނައިގެ ރޮނގެއް ދެމިގެން ދިއައެވެ. ދިއްލުނު ކުޑަ އުންމީދުގެ ހުޅުކޮޅު ނިވިއްޖެނަމަ، ދެން ކުރިއަށް ދިއުމަށް އަލިމަގެއް ހޯދުމުގެ ހިތްވަރެއް އަދަކު އޭނާގެ ކިބަޔަކު ނެތެވެ.
“އައިމަން، ބޭބެއަށް އިނގޭނަމަ ބޭބެ އައިމަން ގާތު ބުނީމުސް….އެކަމު މަމްދޫހު މިގޭގަ މަސައްކަތްކުރުން ހުއްޓާލިތާ ފަސްވަރަކަށް އަހަރު ވެދާނެ….އޭގެފަހުން އޭނަ ދިޔަތަނެއް ބޭބެއަކަށް ނޭނގެ!” ކޮށްޅަށް ތެދުވެ އައިމަންއަށް ފުރަގަސް ދެމުން ވަސީމް ކިޔައިދިން އިރު، އޭނާގެ މޫނުމަތީގައި ވަނީ މާޔޫސްކަމެވެ. އައިމަންއަށް އޮޅުވާލަން ބޭނުން ނުވިޔަސް މިއަދު އޭނާއަކަށް އިތުރު ގޮތެއް ނެތެވެ. އަދި ދިރިހުރި މީހަކު މިދުނިޔޭގައި ނެތޭ ބުނެ، ދަރިޔަކު ގާތު އޭނާގެ ބައްޕަ މަރުވެއްޖޭ ބުނެ ދޮގު ހެދުމުގެ ހިތްވަރެއް ވެސް ނެތެވެ. ނަމަވެސް މަސްލަހަތައްޓަކައި އައިމަން އަނދިރީގައި ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތްކަން ވަސީމް ދެނެހުއްޓެވެ.
***********
ހަވީރުގެ ވަގުތެވެ. އުޑުމަތި ބައްދަމުން ދިޔަ އަޅިފުސް ވިލާތައް ވިއްސާރައިގެ އިންޒާރު ދެމުން ދިޔައިރު، އިރު އިރުކޮޅާ އުޑުމަތި ވިދާލާ ގޮތުން މުޅި ފަޒާ އަލިވެގެންދެއެވެ. ހަމަ ދެންމެ ދެންމެ ވާރޭ އޮއްސާލަން ތައްޔާރަށް އޮތް އިރު، ޖެހެމުން ދިޔަ ގަދަ ވައިގެ ސަބަބުން ގަސްތަށް ހީވަނީ މޫގަނޑުން ލުހިގެން އައިސްދާނެ ހެނެވެ. ފަޒާގައި ވީ ފިނިކަމުގެ އަސަރު ދުމުގެ ސިފައިގައި މާހައުލުގައި ހަރުލާފައި ހުރިއިރު، ކޮޓަރީގެ ކުޑަދޮރު ކައިރީ ހުއްޓިހުރި ނޫރްގެ ނަޒަރު ހުއްޓިފައިވަނީ ގޭގެ ގޯތިތެރެއަށެވެ.
ވާރޭގެ ކަނިތަކުން ފަސްގަނޑު ތެތްމާލި އެވަގުތު ކޮޓަރީގެ ތެރެއަށް ވަދެގެން އައި އިވާން އަވަސްއަވަހަށް އޭނާގެ އަތުގައި އޮތް ކޮތަޅު ސޯފާ މަތީގައި ބޭއްވުމަށްފަހު ހަމަޖެހިލިއެވެ. ފެންތިކިތައް އޭނާގެ ފަން އިސްތަށިކޮޅުގައި ހަރުލައިފައި ހުރިއިރު، ލައިގެން ހުރި އަޅިކުލައިގެ ޓީޝާޓުގައިވެސް ފެނުގެ އަސަރު ހުއްޓެވެ.
އިސްތަށިގަނޑުގައި އަތްފުނާ އަޅައިލަމުން ސޯފާ މަތީގައި އޮތް ކޮތަޅާއި ދިމާލަތް އަތް ހިއްލާލި އިވާން ސިއްސައިގެން ދިއައީ ނޫރް އައިސް އޭނާގެ އަތުގައި ހިފުމުންނެވެ. މައުނަވީ ހިނިތުންވުމެއް އެ ރީތި މޫނުމަތީގައި ވީއިރު، ނޫރްގެ އަމަލުން ދެނެގަންނަން ވީ މާނައެއް ނޭނގިފައި ހުރި އިވާން ސިއްސައިގެން ދިއައީ އޭނާގެ އަތުގައި ހިފައިގެން ހުރެ އެކޮޓަރިން ބޭރަށް ދިއުމަށް ނޫރް ހިނގައިގަތުމުންނެވެ.
“ފަތުހިއްޔާ، ކޮން ދިމާލަކު އެންމެ ރީތި މޫދެއް އޮންނާނީ؟” ކޮޓަރިން ނިކުތުމަށްފަހު އިވާންގެ އަތުން ދޫކުރުމެއްނެތި ނޫރް އަހައިލީ، ސިޓިން ރޫމު ސޯފާގައި އިން ފަތުހިއްޔާގެ ގާތުގައެވެ. ފަތުހިއްޔާގެ ޖަވާބު އަޑުއިވުމާއިއެކު ލަސްނުކޮށް އެގެއިން ބޭރަށް ނިކުތުމަށް ނޫރް ހިނގައިގަތްއިރު، ގޯތިތެރެއަށް ނިކުމެވުމާއި އެކު ނޫރްގެ އަތް ފޮޅުވައިލަމުން އިވާން ހުއްޓުނެވެ.
ވެހެމުން ދިޔަ ބޯ ވާރެއަށް އޭރުވެސް އެއްވެސް ބަދަލެއް ނާންނަ އިރު، ޖެހެމުން ދިޔަ ފިނި ވައިރޯޅިއާއިއެކު، ހަށިގަނޑު ތުރުތުރު ލާހައިވެއެވެ. ބޯ ވާރޭގެ ތިކިތަކުގެ ޝިކާރައަކަށްވެ ދެމީހުން ތެމިފޯވިއިރު، އިވާންގެ މޫނުމަތިން ފައުޅުވާން ހުރީ ނުރުހުމެވެ.
“މަންޒިލަށް ނުދެވެނީސް މަޑުކުރުމަކީ ބޭކާރުކަމެއް ކަން އިވާންއަކަށް ނޭނގޭތަ؟” އިވާންއާއި ހަތަރުކަޅި ހަމަކޮށްލަމުން ނޫރް އަހައިލިއެވެ. އޭނާ އިވާން ބޭރަށް ގެނައީ އިވާން ގެނައި ކޮތަޅުގެ ތެރޭގައި އޮތް މޯބައިލް ފޯނުގެ ފޮށި އޭނާއަށް ފެނުމުންނެވެ. މާލޭގައި ތިބި އެއްވެސް މީހަކަށް ޙަބަރެއް ވުމުގެ ފުރުސަތު އިވާންއަށް ލިބުމެއް އޭނާ ނޭދެއެވެ.
“މިއޮއް ބޯ ވާރޭ ތެރޭގަ ކޮން މަންޒިލެއް ހޯދަންތަ ނޫރް ތިއުޅެނީ! އަނެއްކާ ބަލި ވާނީ….ހިނގާ އެތެރެއަށް!” ހިތްހަމަނުޖެހުން އިވާންގެ އަޑުގައި އެކުލެވިފައިވީ ނަމަވެސް، އޭނާ ހުރީ ހިޤީގަތުގައިވެސް ނޫރްއާއި މެދު ކަންބޮޑުވެފައެވެ. ވާރޭ ތެމިއްޖެނަމަ އަނެއްކާ ނޫރް ބަލިވެދާނެ ތީއެވެ.
“ވާރޭ ވެހޭ ދުވަސް ދުވަހު މޫދަށް އެރުމަކީ ވަރަށް މަޖާ ކަމެކޭ! އިވާން ޓްރައި އެއް ނުކުރަންތަ؟” ދެން ނޫރް ބުނެލި ޖުމްލަތަކާއި އެކު އިވާންއަށް ނޫރްއާއި ދިމާލަށް ބަލައިލެވުނީ ހައިރާންކަން އެކުލެވިގެންވީ ނަޒަރަކުންނެވެ. އެބަސްތަކާއި އެ ޖުމްލަތަކަކީ މީގެ ފަނަރަ އަހަރު ކުރިންވެސް އޭނާއަށް އަޑުއިވިފައިވާ ޖުމްލަތަކެކެވެ. އެވެސް ހަމަ މިފަދަ ހާލަތެއްގައެވެ. ތަފާތަކީ އެ ބަސްތައް އޭނާއަށް ރައްދުކުރާ ފަރާތެވެ.
“ލެޓްސް ނޮޓް ވޭސްޓް ޓައިމް” ހިނިތުންވެލަމުން ގަބު އަރާފައި ހުރި އިވާންގެ އަތުގައި ހިފައިގެން ގޭގެ ދޮރައަށިން ބޭރަށް ނޫރް ނިކުތް އިރު، އޭނާގެ މޫނުމަތީގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ދެކޮޅުހެދުމެއް ނެތި ނޫރްއާއި އެކު އަތިރިއަށް އިވާން ދިއައިރު، ގަނެގެން އައި ފޯނުގެ މަތިން ކުޑަކޮށްވެސް އޭނާ ހަނދާނެއް ނެތެވެ.
**********
“ހަލޯ؟” ސައިޑު ކަބަޑުގެ މަތީގައި އޮވ ރިންގުވަމުން ދިޔަ އޭނާގެ ފޯނުނަގައި ކަންފަތުގައި ޖަހައިލަމުން ހަލޯ އޭ ބުނެލި އައިމަންގެ އަޑުގައިވަނީ ނިދީގެ އަސަރެވެ. އެ ހިތްގައިމު އަޑު ނިދުމުގެ ސަބަބުން އިތުރަށް ބަރު ވެފައި ވީއިރު، އެއަޑު އިވިއްޖެ މީހެއްގެ ގައިން ހީބިހި ނަގާނެކަން ގައިމެވެ.
“ހަލޯ؟” ދެވަނަ ފަހަރަށް އައިމަން ހަލޯއޭ ބުނެލިއިރުވެސް ލައިބާ އިނީ އެ ފިރިހެންވަންތަ އަޑުގެ ޖާދޫގައި ޖެހިފައެވެ. އެތައް ދުވަހެއް ފަހުން އެ އަޑު އިވުނުއިރު، އައިމަންގެ އަޑުގައިވީ ތަފާތުކަން ލައިބާއަށް ނަގައިގަނެވުނެވެ. “އައި އޭމް ބެކްކްކް!” ހަމަޖެހިލަން މަސައްކަތް ކުރަމުން ޖޯޝާއި އެކު ލައިބާ ވާހަކަދެއްކިއިރު، ލައިބާގެ އަޑު ޖެހުމާއިއެކީ ރަޖާގަނޑުގެ ދަށުގައި ނިދި ނިދި އޮތް އައިމަން ފޫކޮޅަށް ކައްޓެއް ހެރުނު މީހެއް ފަދައިން ތެދުވެ އެނދުމަތީގައި އިށީނދެލިއެވެ.
“އައްޑޫ ކުދިންނަށް ހަބަރެއް ވެވޭ ވަރު ވެއްޖެ ދޯ!” ޖެއްސުމުގެ ރާގަކަށް އައިމަން ބުނެލިއިރު، އޭނާގެ މޫނުމައްޗަށް ވެރިވެފައިވީ އުފާވެރިކަމުގެ ހިނިތުންވުމެވެ. ލައިބާ އަނބުރައި އައިކަން އެނގުމުން އޭނާގެ ހިތަށް ގޮތްނޭނގޭ ހަމަޖެހުމެއް ލިބިގެން ދިއައެވެ.
“ހޫން ފޮނި ސޮރާ….މިހިރީ އާދެވިފަ ދެން ތި ތެދުވެ ދަތް އުނގުޅައިގެން މިލަތައް ފިލުވައިގެން ލައި ބަލާ އާދޭ!” ހަމަ އެ ސަކަ ރާގުގައި ލައިބާ ބުނެލިއިރު، ލަދުރަކި ހިނިތުންވުން އޭނާގެ މޫނު އުޖާލާ ކޮށްދިނެވެ.
“ބީބާގެ ފޮނި ސޮރު މި ވަޑައިގަންނަނީ….ކުޑަ އިންތިޒާރެއް!” ފޯނު ބާއްވަމުން އައިމަން އަވަސްވެގަތީ ފެންވަރައި ތާޒާ ވެލުމަށެވެ.
އޭގެ ވިހި މިނެޓުފަހުން އައިމަންގެ ރަތް ކުލައިގެ ލެމްބޮގިނީ ކާރު ޕާރކު ކޮށްލާފައި އޮތީ ލައިބާ ދިރިއުޅޭ އިމާރާތުގެ ކުރިމަތީގައެވެ. އެހެންޏާ އަބަދުމެ ތިރިކޮށްފައި ހުންނަ ކާރުގެ ރޫފް މަތި ކޮށްފައި ހުރިއިރު، ސީޓުގެ ހެޑްބޯރޑުގައި ލެގިލައިގެން އައިމަން އޮތީ ލައިބާގެ އިންތިޒާރުގައެވެ.
ކާރުގެ ދޮރު ހުޅުވުނު އަޑަށް ދެލޯ ހުޅުވައިލަމުން ދޮރާއި ދިމާލަށް އައިމަން ބަލައިލި އިރު ލައިބާ އަރައި އިށީންނަނީއެވެ. ނަމަވެސް އައިމަންއަށް ލިބުނީ ހައިރާންކަމެކެވެ. އެހެންޏާ އަބަދު ގަތާލާފައި އޮންނަ ލައިބާގެ ފަން އިސްތަށިކޮޅު މިއަދު އޮތީ މިނިވަންކަމާއިއެކު ފަހަތަށް ދޫކޮށްލާފައެވެ. އަބަދު ދޫ ހެދުމުގައި ހުންނަ ލައިބާ ލައިގެން ހުރީ ރަތް ކުލައިގެ ޕެޕްލަމް ޓޮޕްކޮޅަކާއި ކަޅު ޖީންސް އެކެވެ. ލައިބާގެ ރީތިކަން އެއްވެސް ހުރަހެއް ނެތި ހާމަވަމުން ދިއައިރު، އެ ދޮން އޮމާން މޫނާއި، ބޮޑު ދެލޯ ލައިބާގެ ރީތިކަން އިތުރު ކުރުވައެވެ. އެއްވެސް މޭކް އަޕަކާއި ނުލައިވެސް އެހައި ފުރިހަމައެވެ.
އައިމަންގެ ނަޒަރު ލައިބާއަށް ހުއްޓިފައި ހުރިއިރު، ރަތްވެފައިވާ އައިމަންގެ ތޫނު ދެލޮލާއި، ލޮލުގައި ކައިރިއަށް އެޅިފައިވީ ކަޅު ހިޔަނި ފެނުމާއިއެކު ލައިބާގެ މޫނުމަތިން ހައިރާންކަމާއި ކަންބޮޑުވުން ފެނިލިއެވެ. އައިމަންގެ ނަޒަރު އޭނާއަށް ސީދާ ވެފައި ވީކަން ލައިބާގެ ލޮލުގައި އަޅައިނުގަތީ އެހެންވެއެވެ.
މަހިނޫރެއްހާ ލޯބިކަމޭ
ކޮހިނޫރެއްހާ ޗާލުކަމޭ
އިހި ކަނދުރާގެ ރީތިކަމޭ
ލޮލުގާވާ ތި ތޫނުކަމޭ
ތީމަގެ ދުނިޔެހެން ހީވެޔޭ
ތީމަގެ ހިތުގެ ދިރުމޭ އިނގޭ
ކުރަން ސިފަ ޤަަލަމަކަށް ނޭނގޭ
ތީ ފަރި ލޯބިވާ މަގޭ
ތީމަގެ ދުނިޔެހެން ހީވެޔޭ
ތީމަގެ ހިތުގެ ދިރުމޭ އިނގޭ
ކުރަން ސިފަ މިދުލަކަށް ނޭނގޭ
ތީ ފަރި ލޯބިވާ މަގޭ
މަލްމަލްގެ ނަލަކަން ފެންނަނީ
ސުންދުސްގެ ފޭރާން ޖާދުވީ
މާތައް ލަދުން ގޮސް މޯޅިވީ
ގާތަށް އުދުހިދާން ބޭނުމީ
ތީ މަގެ ރޫޙުހެން ހީވެޔޭ
ތީމަގެ ހިތުގެ ދިރުމޭ އިނގޭ
ކުރަން ސިފަ ޤަަލަމަކަށް ނޭނގޭ
ތީ ފަރި ލޯބިވާ މަގޭ
“އައިމަންންން….އައިމަންން!” ދެތިން ފަހަރު ލައިބާ ގޮވާލުމުން އައިމަންއަށް ހަމަ ބިމަށް އާދެވުނު އިރު، ސިއްސައިގެން ގޮސް އޭނާ ލައިބާއާއި ދިމާލަށް ބަލައިލިއެވެ. “ކިހިނެއްވީ؟؟؟” ކަންބޮޑުވެ ހުރެ ލައިބާ އަހައިލިއިރު، ބުނާނެ އެއްޗެއް ނޭނގުުމުން ކަމެއް ނުވާކަމަށް ބުނެ އަވަހަށް އައިމަން ކާރު ސްޓާރޓު ކޮށްލިއެވެ.
ދެންމެ އޭނާއަށް އެވީ ކިހިނެއް ހެއްޔެވެ. އެތައް ފަހަރަކު އޭނާއަށް ލައިބާ ފެނިފައިވީ ނަމަވެސް، ދެންމެ ވީފަދަ ގޮތެއް ވިމީ ފުރަތަމަ ފަހަރެވެ. ބޯ ހޫރުވާލަމުން ބޭކާރު ހިޔާލުތަކުން އެއްކިބާވުމަށް މަސައްކަތް އައިމަން ކުރި ނަމަވެސް، އިރު އިރު ކޮޅާ އޭނާގެ ނަޒަރު ލައިބާއަށް ހުއްޓެމުންދިއައެވެ.
*********
އިވާންގެ އަތުގައި ހިފައި ގެންގޮސް ގަދަކަމުން މޫދަށް އިވާން އެރުވައި ނޫރް އިވާން ލޮނުން ތެތްމައިލި އިރު، ފުރިހަމަ ހިނިތުންވުމެއްވީ ނޫރްގެ ރީތި މޫނު ފެނި އާޝޯހުވެފައި ހުރުން ނޫންކަމެއް އިވާންއަކަށް ނުކުރެވުނެވެ. އެތައް އިރަކު މޫދުގައި ސަކަރާތް ޖެހުމަށްފަހު ދެޒުވާނުން އަނބުރައި ގެއަށް ދިއައިރު އިރުއޮއްސެން ވެސް ގާތްވެއްޖެއެވެ.
އޮރެންޖު، ރަތް، އަދި މަޑު ދަނބުކުލަ ފަޒާގައި ހިފާލާފައި ވީއިރު، މުޅި މާހައުލަށް ވެރިވެފައިވީ ފަނޑު އަލި ނުހަނު ހިތްގައިމެވެ. އަލިފާން ކުލަ އުޑުމަތީގައި ހިސޯރު ކޮށްލިއިރު، ޤުދުރަތުގެ ފުރިހަމަ އެމަންޒަރު ދުލުން ސިފަ ނުކުރެވޭ ހައި ފުރިހަމައެވެ.
ގެއަށް ދެވުމާއިއެކު، ގޯތިތެރެއަށް ވައިން އިވާން އާއި ނޫރް ހައިރާންވީ ގޭތެރޭގައި އެއްވެސް އަލިކަމެއް ނެތުމުންނެވެ. ވާރޭ ހުއްޓާލާފައި ވީނަމަވެސް، ފިނިކަމެއް ފަޒާގައި ހަރުލާފައި ހުރިއިރު، ގޭތެރެ ފެންނަނީ ކަޅު އަނދިރި ކޮށްނެވެ.
“އަހާ ތިއައީ ދޯ؟ މިހިސާބުގަނޑުގަ ނެތޭ ކަރަންޓެއް! އާންމުކޮށް ވާރޭ ބޯކޮށް ވެހިލައިފިއްޔާ ވާގޮތެއް ކީތްކުރާނީ ދޯ! އަހަރެން އަންނާނަން ފިހާރަ ބަންދުކުރުމުގެ ކުރިން އުއްބައްތި ކޮޅެއް ލިބޭތޯ ބަލާލާފަ” ގެއިން ނިކުމެގެން އައި ފަތުހިއްޔާ ވެގެން އުޅޭ ގޮތް ކިޔައިދިނުމަށް ފަހު ފިހާރައަށް ދާންދިއައިރު، ކައިރީގައި ހުރި އިވާންގެ އަތުގެ މުލައްދަނޑީގައި ނޫރްއަށް ހިފަހައްޓައިލެވުނީ ގޭތެރެ އަނދިރިކަމުން ޖެހިލުން ވުމުންނެވެ.
**********
“އައްސަލާމު އަލައިކުމް….ހިތަދޫ ކައުންސިލަރު ތޯ” ފޯނު ނެގުމަށްފަހު އުޒާމް އަހައިލީ އަވަސްއަވަހަށެވެ. “އާދެ ކައުންސިލަރު ދާނިމް ވާހަކަ ދައްކަނީ” އެކޮޅުން ޖަވާބު ލިބުމާއިއެކު އުޒާމްގެ މޫނު މައްޗަށް ކާމިޔާބީގެ ހިނިތުންވުމެއް ވެރިވިއެވެ.
“އާދެ އަޅުގަނޑަކީ ހަސަން އުޒާމް….އިވާންގެ ފޯނަށް ނުގުޅޭތީ އިވާން މިވަގުތު ހުރީ ހިތަދޫގަ ތޯ އަހާލަންވެގެން” ފަރިތަކަމާއި އެކު އޭނާ ބޭނުންވާ ސުވާލު އުޒާމް ކޮށްލިއެވެ.
“ނޫނޭ….މިހާރު އިވާންގެ ދެމަފިރިން ވީ ފޭދޫގަ، މިއަދު އެމީހުން އެކޮޅަށް ދިއައީ” “ދެމަފިރިންނޭ؟؟؟؟” އިވުނު ވާހަކަ ޔަޤީން ކުރުމަށްޓަކައި އުޒާމް އަހައިލި ނަމަވެސް އޭނާގެ ނިތައް ރޫ ޖަމާވެގެން ދިއައިރު، މޫނުމަތިން އިންތިހާ ދަރަޖައިގެ ހައިރާންކަން ފައުޅުވެގެން ދިއައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



Habeys sisoooo?
Ivaan aa noor mihaaru moodhuga dho mi maafolhuvaneeee salhi ingey!???????? anehka mi aiman soru laiba ah balaa vareh dho egoyya ladhun viri dhaane??? yageeney hiyy keee kan! EY MAMDHOOBE NOT DEAD THA AMOOOOO???? varah interesting vey eba avahah next part up kohla dhehchey sisooo anehka mioh uzaatte ah bust v ahahahhaha dhen kihineh baaa vaaaneee????
hahaha! evaanu keehkuraaniy? alhey kalo ma ladhun dhon miruhakah vehjje!aiman soru hiy thun dhoo viyyey! ey mamdhooh be maru vehjje ey! noor e video hoadhiy mamdhoohbe ge laptopun ney! kalu evaanu kaley bappa annaane akm hifaigen noor ah hamalaadhen! ehenyya e garudhiya gandu nuhunnaane madakun..
Will try ingey friday ah up kohdheweytho? these days school ga busy kamun liyan time nuwaathy las wany! Sorry readers❤️? and thankyou ivaan hingaa balamaa dhw waagotheh♥️
Vrh Sali mi part vess
Masha Allah sisoo
Dhn oi bayah waitting ingeyyy
Stay safe and take care
Love you bodukoh
Thankyou rilooo♥️?
Eyy ivaan brw kuree part gaa brw I ah kuri cmnt ah replie deny ingeyy migen e cmnt pub eh nuvey thooche
Ril hama baraabaru ivaan kihineh tha
Liyanu veethaneh neygge I mean aarif hehhe
Login nuveveythee naananee kaneyge dhw
Vrh miss’s veyy enmen mathi vsss
ey aslu lai ves exsm dhuvas kamunn… kihineh emenn?
sis alheyyy enme fahun lai aa aiman dhww mi gulheniy.. woowwww… aslyu dhe sis eh geyakah thiyaims v.majaa vaane