އޮފީހަށް ވަންއިރަށް އަހަރެން ގަނޑުވިއެވެ. ދެފައި ތަޅުންގަނޑުގައި ހަރުވިއެވެ. ދެލޯ ބޮޑުވެގެން ދިޔައެވެ. ގައިން ދާ ހިއްލަން ފެށިއެވެ. އެއީ މީގެ ކުރިން އަހަރެން ހޯދަން އަންނާނެކަމަށް އުންމީދު ކުރި މީހެއް ނޫނެވެ. އަހަރެންގެ ކުރި މައްޗަށް އަރާނެ ކަމަށް ހީ ކޮށްގެންވެސް ހުރި މީހެއް ނޫނެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރަން އަހަރެންނަށް ދަތިވިއެވެ.

ކުރިމަތީގައި ހުރި މީހާއަށް ދެވަނަ ފަހަރަށް ނުބަލަން އަހަރެން އަނެއް ފަރާތަށް އެނބުރި ދާން ހިނގައިގަތީމެވެ. ކިތަންމެ ރޯން ބޭނުންނުވި ނަމަވެސް އަހަރެންގެ ދެލޯ ބަހެއް ނޭހިއެވެ. މާސިންގާ ބޮޑު ރާޅެއް މޫނުމައްޗަށް ބިންދާލާފިއެވެ. ކަރުނަތައް އޭގެ އެންމެ ބާރުމިނުގައި އަހަރެންގެ ކޯތާފަތުގައި ފިރުކެމުން ދިޔައެވެ. މޭ ފިތޭ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. އަހަރެންނަށް އަހަރެންވެސް ގެއްލިއްޖެ ފަދައެވެ. އަމިއްލަ ނަފުސުގެ ބާރުވެސް އަތުން ހިނގައްޖެ ކަހަލައެވެ.

”ސަނާ. ތިހެން ނަހަދާ. އަހަރެންގެ ކުށަކީ ކޮބާ؟ އަހަރެން ކީއްކޮށްގެން ސަނާ އަހަރެން ދޫކޮށްލީ؟ ވީނުވީއެއް ނޭނގި ގެއްލުނީ؟ ނޭނގެނީތަ އަހަރެން ސަނާ ދެކެ ލޯބިވާ ވަރު. އަހަރެން ސަނާއަށް ޓަކައި މިވާ ގުރުބާނީ؟” އަހަރެންނަށް ހުއްޓެން މަޖުބޫރުވީ މީހަކު ފަހަތުން އަތުގައި ހިފެހެއްޓުމުންނެވެ. އަހަރެންނަށް އަހަރެންގެ އިހުސާސްތައް ނުހިފެހެއްޓިދާނެ ކަމުގެ ބިރު ހިތުގައި އޮތުމުން އެމީހާގެ އަތް ފޮޅުވާލާ ދުއްވާގަތީމެވެ. ފަޔަށް ލެވުނުހާ ބާރެއް ލާފައެވެ. މަންޒިލެއް ނެތިއެވެ. މަގު އޮޅިފައިވާ މުސާފިރެއް ފަދައިންނެވެ. އެތައް މަގެއް ހުރަސްކުރުމަށްފަހު އަހަރެންނަށް ހުއްޓެން ޖެހުނީ ދެފައި އެކަމަށް ދެކޮޅު ހަދަން ފެށުމުންނެވެ. އޭރު އަހަރެންގެ ހިތް އޭގެ އެންމެ ބާރުމިނުގައި ތެޅެމުން ދިޔައެވެ.

އަތިރިމަތީގެ ހުދު ދޮންވެލިގަނޑު މައްޗަށް އަހަރެންނަށް ޖެހިގަނެވުނެވެ. މޫނުގައި ދެއަތް އަޅައިލެވުނެވެ. ހިތުގައި ހުރި ހުރިހާ އުދާސްތަކެއް ބޭރުކޮށްލަން ބޭނުންވިއެވެ. ނަމަވެސް އަހަރެން މިކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ އާއެކެވެ. އަހަރެންނަކީ ނުކުޅެދުންތެރިއެކެވެ. މަންމަނެކެވެ. ވާހަކަ ނުދެއްކޭ މީހެކެވެ.

އެގޮތުގައި އިންދާ އަހަރެންގެ ޑައިރީގެ ސަފުހާތައް މީގެ ފަސްއަހަރު ކުރިއަށް އުކެން ފެށިއެވެ. އަހަރެން ބޭނުންވެގެންނެއް ނޫނެވެ. ނަމަވެސް ކުރެވެމުން ދިޔަ އިހުސާސްތަކެއްގެ ސަބަބުން އަހަރެންގެ ލޯ ކުރިމައްޗަށް ސިފަވަމުން ދިޔައީއެވެ. އަހަރެންނާއި އޭނާ ދިމާވީ ހއ.ތުރާކުނު ބައްތި ކައިރިންނެވެ. ފުރަތަމަ ނަޒަރުންވެސް އޭނާގެ ސޫރަ އަހަރެންގެ ހިތުގައި ކުރަހާލެވުނެވެ. އެ ސޫރަ އަބަދާއި އަބަދު ދުށުމަށް ދެލޯ އެދެން ފެށިއެވެ. އެ ފިރިހެންވަންތަ ހަރުދަނާ އަޑު އަހައިލުމަށް އަހަރެންގެ ދެ ކަންފަތް ކެތްމަދުވިއެވެ. އެގޮތުގައި އޭނާގެ ހިޔާލުތަކުގައި އޮއްވާ އަހަރެންގެ ފޯނަށް އޭނާ މެސެޖު ކުރިއެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކުން އަހަރެން މެސެޖު ހުޅުވައި ކިޔައިލީމެވެ. އަހަރެންނަށް މުޅި ދުނިޔެވެސް ރަންވި ފަދައެވެ. އޭނާ އަހަރެންނަށް ލޯބި ހުށަހެޅީއެވެ. އޭނާއަށް ވެސް ފުރަތަމަ ނަޒަރުން އަހަރެންދެކެ ލޯބިވެވުނީއެވެ. ނަމަވެސް..

ދެވަނަ ސިކުންތުގައި އަހަރެންގެ ހިނިތުންވުން މިލާމޯޅިވެގެން ދިޔައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އަހަރެންނަކީ ކޮން ކަހަލަ މީހެއްކަން އެނގުމުން އޭނާ އަހަރެން މަތިން ފޫހިވެދާނެތީއެވެ. އެހެންކަމުން އޭނާއަށް މެސެޖެއް ފޮނުވައިލީމެވެ. ”އަހަރެން މިއީ ކޮން ކަހަލަ މީހެއްކަން އެނގޭތަ؟” އަހަރެންގެ ހިތް އެންމެ ބާރަށް ތެޅެން ފެށިއެވެ.

”އާން. ސަނާ ތިއީ ކޮންކަހަލަ ކާކުކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ. ތިއީ ވާހަކަ ނުދެއްކޭ ކުއްޖެއްކަން އެނގި އަހަރެންނަށް ލޯބިވެވުނީ. ސަނާ ދެކެ އަހަރެން ވަރަށް ބޮޑަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ.” އޭނާގެ މެސެޖު ކިޔައިލާފައި އަހަރެންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފައިބަން ފެށިއެވެ. އުފަލުން ގޮސް ހީވީ މުޅި ދުނިޔެވެސް އަހަރެންނާއިއެކު އުފާ ކުރާ ހެންނެވެ. ”ޔެސް.” ލިޔެލައި އަހަރެން އޭނާއަށް މެސެޖު ފޮނުވައިލީމެވެ.

ދުވަހަކަށް ފަހު ދުވަހެއް އަހަރެމެން ދެމީހުންގެ ލޯބީގެ އޮފީގައި ކުރިލައި އޭގެ އެންމެ ވަރުގަދައަށް ހެދެމުން ދިޔައެވެ. ކުޑަވެސް މައްސަލައެއް ނުޖެހިއެވެ. އެންމެ އުފަލުގައެވެ. މުޅި ދުނިޔޭގެ ލޯބިވެރިންގެ ލިސްޓުގެ އެންމެ ކުރިއަށް އަހަރެމެން ދެމީހުންގެ ނަން އަރުވަމުންނެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި އޭނާ އަހަރެންނަށް ދިން އަޅާލުމާއި ލޯބީން އަހަރެންގެ ހިތްވެސް ފުރި ބާރުވާން ފޭށިއެވެ. އެހައިވެސް އޭނާ އަހަރެންނަށް ލޯބި ދެއެވެ.

އެކި ދުވަސްދުވަހު އަހަރެން އޭނާއާ އެކު އަދި އެކަނި ވެސް އޭނާގެ ގެޔަށް ގޮސް ހަދަމެވެ. އެގޮތުން ދުވަހެކެވެ. ތުންފަތުގައިވާ ހިނިތުންވުން ކަންފަތާ ހަމައަށް ދަމައިލައިގެން އަހަރެން އެގެއަށް ގޮސް ވަނީ ދެން އޮތް މިނެޓުގައި އަހަރެންނަށް ރޯން ޖެހިދާނެ ކަމަށް އުންމީދުކޮށްގެންނެއް ނޫނެވެ. ނަމަވެސް ތަގުދީރު މިނިކަމެތި އަހަރެންނާ މެދު ލިޔެވިފައިވަނީ ކިހިނެއްކަން އެނގޭ ހެއްޔެވެ؟

”ސަނާ އާ ތިއޮތް ގުޅުން ކަނޑާލާ. ނޫނީ މަންމަމެންނާ އޮތް ގުޅުން ކަނޑާލާ. އިގުބާލަށް އޮތީ އެންމެ ދެގޮތް. މަންމަމެން ނޫނީ އެ ވާހަކަ ނުދެއްކޭ ސަނާ. މަންމަނު ކުއްޖަކާ ކައިވެނި ކުރާކަށް އަހަރެމެންގެ ރުހުމެއް ދުވަހަކުވެސް ނުލިބޭނެ.” އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. ހިތުގައި ހީވީ ވަޅިއަޅައި ކޮށާލި ހެންނެވެ. މުޅި ދުނިޔެވެސް އަހަރެންނަށް މަލާމާތް ކުރަމުން ދިޔަ އިހުސާސެއް ކުރެވެމުން ދިޔައެވެ. އަހަރެންގެ މުޅި ދިރިއުޅުން ފުނޑުފުނޑުވީއެވެ. ދެކުނު ހުވަފެންތައް ބިލާހަކަށްވީއެވެ. ލިބެމުން އައި ލޯބީގައި ސިއްކަ ޖެހުނީއެވެ.

ރާސްލާފައި ދުއްވާގަތީމެވެ. އަތުގައި ހުރި ތަކެތިވެސް އެތަނަށް އުކާލާފައެވެ. ހިތަށް ވަމުން ދިޔަ ތަދެއްގެ ސަބަބުނެވެ. އަޅަމުން ދިޔަ ދިލަ ވޭނެއްގެ ސަބަބުންނެވެ. އޭނާގެ މައިންބަފައިން ހިތްހަމަ ނުޖެހޭ ކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެންކަމުން އަހަރެން ނިންމީ އޭނާއަށް ނޭނގި ފުރައިގެން ދާށެވެ. އޭނާގެ މަތިން ހަނދާން ނައްތާލާށެވެ. އޭނާއަށްވެސް އެންމެ ރަނގަޅުވާނީ މިގޮތް ކަމުގައި ވާނެތީއެވެ.

އަހަރެންނަށް އަހަރެންގެ ޑައިރީ ލައްޕާލަން ޖެހުނީ މީހަކު އަހަރެންގެ ކޮނޑުގައި އަތްލި ކަމުގެ އިހުސާސެއް ކުރެވުނީތީއެވެ. އެއީ އޭނާއެވެ. އަހަރެންގެ މުޅި ދުނިޔެއެވެ. ދިރިއުޅުމެވެ. ހިތުގައި ރަސްކަންކުރަމުންދާ ރަސްގެފާނެވެ. ބޭއިހުތިޔާރުގައި ފަހަތަށް ޖެހިލެވުނެވެ.

”ސަނާ. އަހަރެންނާ އިންނާނަންތަ؟” އަހަރެންގެ ދެފައިގައި ތަޅުއެޅުވުނު ފަދައެވެ. އެއީ މީގެ ފަސް އަހަރު ކުރިން އަހަރެން އެސުވާލަކަށް އިންތިޒާރު ކުރި ސުވާލެވެ. އޭނާގެ އަޑުން އަޑުއަހައިލަން އެންމެ ބޭނުންވި ސުވާލެވެ.

”އާދޭސް ކޮށްފައި ބުނަން. އަހަރެންގެ ހަޔާތުން ދުރަށްދޭ. އަހަރެން ބޭނުމެއް ނޫން އިގުބާލުގެ މައިންބަފައިން ނުރުހޭ ކަމެއް ކުރާކަށް. އަހަރެން އިގުބާލް މަތިން ހަނދާން ނައްތާލައިފިން. އަހަރެންގެ ފަހަތުން ނާދޭ. އަހަރެންގެ ކުރި މައްޗަށް ނާރާ. އަހަރެން މަތިން ހަނދާން ނައްތާލާ.” އަތުގެ އިޝާރާތުން އޭނާގެ ކުރިމައްޗަށް އަހަރެން ހުރިހާ އެއްޗެއް ބަންޑުން ކޮށްލީ ހިތުގައި ހިލަގަނޑެއް ބައްވާގެން ހުރެއެވެ. އޭނާއަށް ނޭނގޭނެ ކަމަށް ހީކޮށެވެ. އެހެނަސް…

”އަހަރެންގެ މައިންބަފައިން މިކަމަށް ރުހި ގަބޫލު. ދެން ބޭނުމީ ސަނާގެ ބަހެއް. އަހަރެން މިއަދު ސަނާގެ ކުރިމައްޗަށް މިއައީ އެތައް މަސައްކަތެއް ކޮށްގެން. ސަނާ. އަހަރެންނަށް ދެން އިތުރަކަށް ސަނާ އާ ނުލައި ނޫޅެވޭނެ. ސަނާ ތިއީ އަހަރެންގެ ދިރިއުޅުމުގެ އެއްބައި. އަހަރެން ކިހިނެއް ސަނާ މަތިން ހަނދާން ނައްތާލާނީ؟ ސަނާ ތިއީ އަހަރެންގެ ފުރަނާ ފަދައިން ލޯބިވާ މީހަކަށްވި އިރު ސަނާ އާ ދުރަށް އަހަރެން ދާނީ ކިހިނެއް؟ ސަނާ. އަހަރެން ސައިން ލެންގުއޭޖް ވެސް ދަސްކޮށްފިން. ސަނާއަށް ޓަކައި. ސަނާދެކެ އަހަރެން މިވާ ލޯތްބަށް ޓަކައި. އަދިވެސް އެއްފަހަރު. އަހަރެންނަށް އިތުރަކަށް ދެން ސަނާ އާ ވަކިން ނޫޅެވޭނެ. އަހަރެންގެ ހިތްދެން ނުތަޅުވާ. އަހަރެން ސަނާ ދެކެ ހާދަހާ ލޯބިވޭ. އަހަރެންނާ އިންނާނަންތަ؟” އަތުގެ އިޝާރާތުން އޭނާވެސް ހުރިހާ އެއްޗެއް ކިޔައިދެމުން ދިޔައެވެ. އަހަރެންނަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. ދުވެފައި ގޮސް އޭނާގެ ގައިގައި ބައްދާލެވުނީ ބޯ ތަޅުވަމުން އިހުތިޔާރަކާ ނުލައެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ.

”ހާދަހާ ލޯބިވޭ.. ހާދަހާ ލޯބިވޭ..” އޭނާ އަހަރެންގެ ގައިގައި ދެއަތް ވަށައިލަމުން ކިޔައިލިއެވެ.

~ ނިމުނީ ~

67