Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީލޯބި

ހިތި ނިމުން 11

kudhoo Level 310 Stories100 Comments
October 30, 2020 4 Mins Read
0 Comments

އަހަރެމެން ދިޔައިރު އަމްނާގެއަކު ނޫޅެއެވެ. ނަފީއްސައްތަ އަވަހަށް އުޅުނީ އަހަރެމެން އުޅޭނެ ތަނެއް ދައްކާށެވެ. އަހަރެންނާ ބައްޕަޔާ އުޅެން އެއް ކޮޓަރި ދިންއިރު އަހަރެން އުޅޭ ގެއަށްވުރެން ބޮޑުކަމަށް ދައްކައެވެ. ތެޅިގަލުން ރާނާފައިވާ ހަތަރުކޮޓަރިއަކާ ބަދިގެއެއް އެކޮށް ރާނާފައި ހުއްޓެވެ.  ނަމަވެސް ފާޚާނާ ކުރަން ދާން ޖެހެނީ އަތިރިމައްޗަށެވެ. ނޫންނަމަ ގިފިލީގައި ވަޅުކޮނެގެންނެވެ. އަހަރެންނަށް އެއީ މާ ބޮޑުކަމަކަށް ނުވެއެވެ. އެއީ އަހަރެންވެސް ރަށުގައި އުޅުނު ގޮތްކަމުންނެވެ.

****************************************************

އަމްނާ ގެއަށް އައިސްވަންއިރު ރޭގަނޑުން ބާރަޖަހާފިއެވެ. އޭރު އަމްނާއަށް އިންތިޒާރު ކުރުމެއްނެތި އެންމެންވެސް އެތެރެއަށް ވަދެއްޖެއެވެ. ބައްޕަވެސް ވަރުބަލިވެފައި ހުރުމުން ޖެހުނު ތަނުން ނިދިއްޖެއެވެ. ނަމަވެސް އަހަރެންނަށް ލޮލުފިޔައެއްވެސް ނުޖެހުމުން ބޭރަށް ނިކުތީމެވެ. އަމްނާއަށް އަހަރެން ފެނުމާއެކު ދުވެލާފައި އައިސް ބައްދާލައިފިއެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ” ގަބޫލެއްވެސް ނުކުރެވޭ… ކޮންއިރަކުތަ އައީ..” އަމްނާ އަހާލިއެވެ. ” ގޭގަ ނުތިބޭ މީހުންނަކަށް ނޭގޭނެއެއް ނޫންތަ.. ދިހައެއް ޖެހިއިރު އާދެވިއްޖެ.. ކޮންތާކުންތަ އަމްނާ ތިއައީ..” އަހަރެން އަހާލީމެވެ. ” ރައްޓެހިންނާއެކު ތާސްގަނޑެއް ޖަހަން ހުރެފަ މިއައީ.. ވަރަށް މޮޅުވާނެ..” އަމްނާ ބުންޏެވެ. ” ހާދަ ދަންވަންދެން..” އަހަރެންނަށް ބުނެލެވުނެވެ. ” އެއީ މައްސަލައެއްތަ؟.. ނިދިއެއް ނާދޭ.. އެހެން ނޫނަސް މީ މިނިވަންކަމުގައި އުދުހެލެވޭނެ ދުވަސްތައް.. ކުރިން މަންމަމެންވެސް ވަރަށް ކިޔާނެ ތިހެން…އަހަރެން އަޅައެއް ނުލަން…އަބަދު ގޭތެރޭގައި އުޅުމަކީ ބޮލުގައި ރިހުމަކަށް ނޫނީ ނުވާނެ.. މަންމަމެން ބުނާނެ ތީ އަންހެން ކުދިން އުޅެންޖެހޭ ގޮތެއް ނޫނޭ.. މަންމަ ބުނާ ގޮތުންނަމަ އަންހެން ކުއްޖަކަށް ވަނީ ފަތިހާ ތެދުވެ މަގުމަތީ ކުނިކަހާލާ، ހެނދުސަޔަށް ސައިހަދާ.. މެންދުރަށް ކައްކާ..ގެވެހިވެގެންނޭ.. އޭރުން މަޖާ ކުރާނީ ކޮންގަޑިއަކު.. މަށަށް އެހެނެއް ނޫޅެވޭނެ..” އަމްނާ ބުންޏެވެ. އަހަރެންވެސް އެކަމަށް ތާއިދު ކުރީމެވެ. ދެމީހުން ބޭރު އުނދޯލިގޭގައި ވާހަކަ ދައްކާލަން ތިބުމަށްފަހު ނިދަންވަންއިރު ދޭއްވެސް ޖަހާފިއެވެ.

އަހަރެންނަށް ހޭލެވުނީ އެގާރަވެސް ޖަހާފައި ހުއްޓައެވެ. އަހަރެން ބޭރަށް ނިކުތްއިރު ނަފީއްސަތަ ކައްކަން ބަދިގޭގައި އުޅެއެވެ. ” ނަފީއްސައްތާ.. ބައްޕަ ކޮބައިތަ؟..” އަހަރެން އަހާލީމެވެ. ” ހަލީލްބެއާ ދެމީހުން ނިކުމެއްޖެ…މާ ގިނައިރެއް ނުވާނެ… ސަމީރު އާދޭ ސައިބޯން…” ނަފީއްސަތަ ބުންޏެވެ. ” މަގޭ ހިތައް އަރާ މިގޭ އަމްނާ މީހަކަށް ވާނީ ކޮންދުވަހަކުން ބާއޭ…މިތާ މަގުމަތީ އުޅޭ މީހުންގެ އުސޫލަށް ރެއާއި ދުވާލު އުޅޭނީ… މިވަރު ކުރާއިރުވެސް ވެއްޓިގެން ގޮސް ސަޖިދައެއްވެސް ޖަހާނުލެވޭ… ލާ އަންނައުނުތައް ހޯދަނީ ކޮންތަނަކުން ކަމެއްވެސް ނޭނގެ.. ހަމަގައިމުވެސް އަހަރެން ދޭ އެއްޗެއްސެއް ނޫން.. ސަމީރު އެގޮތައް ނޫޅެއްޗޭ…މައިންބަފައިން ހާދަ ދެރަވާނެއޭ..” ނަފީސާއްތަ ބަނދިވަރު ކިޔަމުން ގޮސް އަހަރެން ކައިރީ ބުންޏެވެ. އަހަރެންނަށް އެވާހަކަތައް އަޑުއިވުނަސް އަޑުއިވޭ ކަމަކަށްވެސް ނަހަދަމެވެ. އަމްނާ ނިކުތްއިރު އެކެއްވެސް ޖަހާފިއެވެ. އޭރު މެންދުރަށް ގޮސްފައައިސް އެންމެން ކާންތިބީ މޭޒުދޮށުގައެވެ. އިސްތަށިގަނޑުން ބޮލު މައްޗަށް ހުޅިއެއް ޖަހައިގެން އިންއިރު ލައިފައި ހުރީ ކުރު ސޯޓް ކޮޅަކާ މައްޗެކެވެ.

” ދަރިފުޅާ ތި ނޫން ގޮތަކަށް ބޭރަށް ނިކުންނަން ވެއްޖެއެއް ނޫންތަ..” ނަފީސާއްތަ ބުންޏެވެ. ” އެއްކަލަ މަންމަ..މީ ދެން މަންމަގެ ޒަމާނެއް ނޫނެއްނޫން ދޯ؟.. އަހަރެން ކިޔަވާ ނިމުނީމަ ދާނީ ދޮންބެ ކައިރިއަށް.. އަބަދު މަންމަމެން ތި ކިޔާ ލަވައިގެ އަޑުއަހާކަށް ބޭނުމެއްނޫން..” އަމްނާ ބުންޏެވެ. ނަފީސާއްތަގެ މޫނު މިލާ މޯޅިވިއެވެ. ” ދަރިފުޅު މިތާ ހުންނާތީ އުނދަގޫ ވެގެން މަންމަ ނޫޅެމޭ..އެކަމަކު އަހަރެމެން މުސްލިމުން އުޅެން ނުވާ ގޮތަކަށް ދަރިފުޅަށް އުޅެވޭތީއޭ މަންމަ މިހެން މިކިޔަނީ..” ނަފީސާއްތަ ބުންޏެވެ. ” ދެން ހެވޭ…އޭރުން އަހަރެން ކައިރި އަބަދު ތިހެން ކިޔާކަށް ނުޖެހޭނެއެއްނޫ..” އަމްނާ ބުންޏެވެ. ނަފީސާއްތަ ކިޔާ އެއްވެސް އެއްޗަކަށް އަމްނާ ދޫނުދެއެވެ. ބުނާ ކޮންމެ އެއްޗަކަށް ބަސްބުނަމުން ދިޔައެވެ. ކައި ނިމިގެން ނިކުތްތަނުން ބޭރަށް ދާން އަމްނާ ބުންޏެވެ. އަހަރެންވެސް ފަސްޖެހުމެއްނެތި އަމްނާއާ އެކު ހިނގައިގަތީމެވެ. އަމްނާ ކައިނިންމާފަ ތަށިވެސް ނަގާނުލައެވެ. އެވަރުގެ ކަމެއްވެސް ނަފީސާއްތައަށް ކޮށެއް ނުދެއެވެ. ނަމަވެސް އެކަންވެސް އަހަރެންނަކަށް ބޮޑެއް ނުވިއެވެ.

އަމްނާ އަހަރެން ގޮވައިގެން ދިޔައީ އޭނަގެ ރައްޓެހިންކައިރިއަށެވެ. އޭރު އެ އުމުރު ފުރައިގެ ހައެއްކަ ފިރިހެން އަދި އަންހެން ކުދިން އުޅެއެވެ. “މީ އަހަރެންގެ ރައްޓެހިން..ސަމީރުގެ ރައްޓެހިންހާ އޯލްޑް ފެޝަނެއް ނުގެންގުޅޭނެ..ވަރަށް ފްރެއިންޑްވާނެ..” އަމްނާ އެހެން ބުނެ އެމީހުންނަށް އަހަރެން ތަޢާރަފް ކޮށްދިނެވެ. އެތަނުން ދެތިން ފިރިހެންވެރިން އަމްނާގެ ރީތިކަމަށް ތައުރީފްވެސް ކުރިއެވެ. އަހަރެންގެ ހިތުގައި ހަސަދަވެރިކަން އުފެދުނަސް އަހަރެން ވަރަށް އުފާވެސް ވިއެވެ. އަމްނާގެ ރީތި ކަމަކީ އަހަރެންވެސް އެޖާދޫގައި ޖައްސުވާލިކަމެވެ. އެމީހުންނާއެކު މުޅި ރަށުތެރޭގައި މަޖާ ކުރަން އުޅުމަށްފަހު އަހަރެމެން އެނބުރި ގެއަށް އައިސްވަންއިރު އިރުއޮއްސިއްޖެއެވެ. އޭރު ބޭރުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ރޭގަނޑުގެ ކެއުމުގައި އަހަރެމެންވެސް ބައިވެރިވީމެވެ. ” މާދަމާ ނޫން އަނެއް ދުވަހު ފުރާނަން.. ކައިރީގަ މިއޮތް ދެތިންރަށުގެ ކައިރިންވެސް ވަރަށް މަސްތިޔާގިވާ ވާހަކަ އެބަދައްކާ.. މަސްބައިނައިގެން މިކޮޅަށް އައިސްފަ ރަށަށް އެނބުރި ދާނި..” ބައްޕަ ބުންޏެވެ. ” ބައްޕާ! އަހަރެން ޗުއްޓީ ނިމެންދެން ހުންނާނީ މިކޮޅުގަ..” އަހަރެން ބުނެލީމެވެ. ” ދަރިފުޅު ބަހައްޓާފައި ދާކަށް މަންމަ އެއްބަހެއް ނުވާނެ..” ބައްޕަ ބުންޏެވެ. އަމްނާ އަހަރެންގެ ގައިގައި މަޑުމަޑުން ކޮއްޓާލިއެވެ. ” މަންމަ އޯކޭވާނެ..އަމްނާވެސް މިއަންނަ އަހަރު ކިޔަވަން ދާނީ އަހަރެމެންގެ ރަށަށް..އެހެންވީމަ އެއްކޮށްވެސް ދެވިދާނެއެއް ނޫންތަ..” ބައްޕަ ބުނެބުނެ އަހަރެންގެ ކޮޅު ދޫނުކުރީމެވެ. އެންމެ ފަހުން ބައްޕަ ހަތިޔާރު ތިރިކޮށްފިއެވެ.

” އޭ! އަދި ކިރިޔާ ފިރިހެނެއް ވައްތަރު ތިޖެހީ.. ގަދަ އިނގޭ..” އަމްނާ އަހަރެންނަށް ތައުރީފުކޮށް ވާހަކަ ދެއްކުމުން އަހަރެން ވަރަށް އުފާވިއެވެ. ” ހިނގާ މިހާރު އެ ގުރޫޕްގަޑު އޮންނާނެ ކުޅެން ތައްޔާރު ވެގެން..” އަމްނާ ބުންޏެވެ. ކުޅެން ގޮސް ތިބެނީ އެއިން ކުއްޖެއްގެ ގެއެއްގައެވެ. ގޭތެރޭގައި ލަވާ ހަޅޭކުގެ އަޑުން އެގޭގައި ތިބި މުސްކުޅި ދެމީހުނަށް ނުނިދިގެން އެތައް ފަހަރަކު އެހެން ބުންޏެވެ. ” އަހަރެމެން ހިނގާ ބޭރުގައި ކުޅެން ތިބެން..އޭރުން އެމީހުންނަށް ނިދަން ފަސޭހަވާނެއެއްނު..” އެހާ މުސްކުޅި ބަޔަކަށް އުނދަގޫވެގެން އުޅޭތަން ފެނުމުން އަހަރެންގެ ހިތައް ރަހުމް ވަނެވެ. “ދެން އަހަރެމެން ކުރާ މަޖަލެއް ކުރިޔަސް އެމީހުން ނިދަން އެބަތިބީމަ ވީއެއްނު،..” އެތަނުން އެކަކު ބުންޏެވެ. ނަމަވެސް އަހަރެންގެ ހިތައް އެކަން ރަގަޅެއް ނުވިއެވެ. އިރުކޮޅަކު އެތާގައި ހުރުމަށްފަހު އަހަރެން އެތަނުން ނިކުތީމެވެ. އަމްނާވެސް އަހަރެންގެ ފަހަތުން ނިކުތެވެ.

” ކިހިނެއްވީ؟.. ” އަމްނާ އަހާލިއެވެ. ” އަހަރެންނަކަށް ނުކެރޭނެ އެހާ މުސްކުޅި ދެމީހުންނަށް އުނދަގޫ ކުރާކަށް..” އަހަރެން ބުނީމެވެ. ” އަހަރެމެން ކަންބޮޑުވާން ވީ ކޮންކަމަކާ.. ދެންމެ ވާހަކަ ދެއްކީ އެއީ އެމުސްކުޅި ދެމަފިރިންނަށް މާމަ ކިޔާ ކުއްޖެއް.. އޭނަގެ މައިންބަފައި ވަރަށް ކުޑައިރު ޑިވޯޒް ވެއްޖެ.. އަދި އޭނަގެ މަންމަ އޭނަ ވަރަށް ކުޑައިރު ނިޔާވެއްޖެ… ބައްޕަ އޭނަ ދޫކޮށްލާފައި ދިޔައިމަ އެދެމީހުން އޭނަ ބެލީ…ދެން އޭނަ ނުވާ ކަންބޮޑުވުމެއް އަހަރެމެން ވާންވީ ކީއްކުރަން..” އަމްނާ ބުންޏެވެ. ” އޭނަ ކަންބޮޑު ނުވިޔަސް އަހަރެންވޭ…އަހަރެން ބޭނުމެއް ނޫން އެތާގަ ކުޅެން ހުންނާކަށް..” އަހަރެން ބުނީމެވެ. ” އޯކޭ އެހެންވިއްޔާ މާދަމާ އެހެންތަނެއް ހަމަޖައްސައިނީ.. ހިނގާލަން ދަމާ ދޯ؟..” އަމްނާ ބުންޏެވެ. އޭގެ ފަހުދުވަހު އެގޭ ކައިރީއޮތް ފުނަބާލުން ތަންކޮޅެއް ހުސްކޮށްލައިގެން ސާފުކުރީމެވެ. އެންމެންނަށް ހަމަޖެހިލާގެން ކުޅެލެވޭނެވަރު ތަނެއް ސާފުކޮށް ފަންކަޑައިގެން އައިސް ފަންވިޔެ ގެއެއް އެޅީމެވެ. ފުޅި ބައްތި ބޭނުންކުރާތީ އަމްނާ އޭނާގެ ގެއިން ބައްތިއެއް ހޯދައިގެންއައިސް މަތީގައި އެލުވިއެވެ.

ހަމަޖެހިލުމުގެ ނޭވާއެއް ލެވުނީ އިރު އޮއްސުނު ފަހުންނެވެ. ގެއަށް ފެންވަރާލަން ދިޔައިރުވެސް އަހަރެން ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ނިދަން ޖައްސައިލަންވެސް ބޭނުންވިއެވެ. ނަމަވެސް އަމްނާ ފެންވަރައިގެން ނިކުއްތަނުން ނަފީސާއްތަ ކާން އައުމަށް ގޮވާލިއެވެ. ދެމީހުން ކާގެން އަނެއްކާވެސް ނިކުތީ ބޭރަށެވެ.  ނޭނގިނަމަވެސް އަހަރެންގެ ބަހަށް އަނެއްކާވެސް ހެދުނީ އިތުރު ފާފަ ކުރާތަނެކެވެ. އަންހެނުންނާއި ފިރިހެނުން އެކީމަޖާކޮށްލުމަށް ހެދުނު ހޮހަޅައެކެވެ. އަމްނާ އެއްވެސް ފަސްޖެހުމެއްނެތި އެހެންމީހުންނާ އެއްކޮށް އުޅެމުން އައި މަންޒަރުވެސް އަހަރެންގެ ލޮލުކުރިމަތީ ދުށީމެވެ. ނަމަވެސް އަހަރެން އެކަން ދެކުނީ މިނިވަންކަމާ އުފަލެއްގެ ގޮތުގައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ ގޮތެއްވެސް ނޭނގެއެވެ. އަހަރެންނަށް މަޖާނެގުނުގޮތެއްވެސް ނޭގެއެވެ. މުޅި ރޭގަނޑު އުފާ ކުރުމުގައި ވަގުތުތައް ގުނީމެވެ. އިރުއަރަން ކައިރިވުމުން ގޮސް އޮށޯންނަނީއެވެ. ދުވާލު ހޭލާއިރު މެންދުރުވެދާނެއެވެ. އެކިމަޖަލާ ސަކަރާތުގައި ހޭދަކުރަމުން އަހަރެންގެ ޗުއްޓީ ކުރުކުރީމެވެ. އަހަރެން ރަށުގައި ނެތީސް މަންމަ އުޅުނީ ކިހިނެއްތޯވެސް އެންމެ ފަހަރަކުވެސް އަހަރެންގެ ހިތަކަށް ނާރައެވެ. މަންމަގެ ހާލު ބައްޕަ އެނބުރިއައުމުންވެސް އަހާނުލަމެވެ. އަހަރެން މަންމަ މަތިން ހަނދާންވީވެސް ފުރަންއައިސް ދޯނީގައި ހުއްޓާއެވެ. އެކަމާ ދެރަވެސްވިއެވެ. ނަމަވެސް އަހަރެންނާއެކު އަމްނާ އެނބުރިދާތީ އަހަރެން ހުރީ ވަރަށް އުފަލުންނެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ތިން ލަފްޒުން (8)

Next

ހާދަހާ ލޯބިވޭ

Next
October 30, 2020

ހާދަހާ ލޯބިވޭ

Previews
October 30, 2020

ތިން ލަފްޒުން (8)



All Right Reserved!