އަނެއްކޮޅުން އާރްޔަންގެ ހިތައް ލިބުނު ޒަހަމުވީ އިތުރެވެ. ދެން އިތުރަށް މަލްދާގެ ރީތި މޫނަށް ބަލާނުލެވޭނެ ކަން އިނގުމުން ހިތުގައި ރިއްސާލިއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ މިއީ އާރްޔަންގެ ތަޤުދީރުގައި ހުރި ގޮތެވެ. ކިތައްމެވަރަކަށް ރޮއެ ހިތާމަކުރިނަމަވެސް ތަގުދީރުގައި ނެތް އުފަލެއް ނުލިބޭނެކަން އާރްޔަން ދަނެއެވެ.

ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް ލޯންޗު ބަނދަރަށް ވައްދާލިއެވެ. މަލްދާގެ އެދުމުގެ މަތިން ނަފީސާ އާއި ޚާލިދު މަލްދާ ގޮވައިގެން ރަށަށް އައީއެވެ. މަލްދާ ހިތްހަމަ ނުޖެހުނީ އާރްޔަންމެންގެ އާއިލާ ވެސް މިދަތުރުގައި ބައިވެރިވުމުންނެވެ. އަސްމާ ރަށަށް ނުދާތާ ގިނަދުވަސްވެފައި ހުރުމުންނާ އެކުގައި އާރްޔަން ގޮވައިގެން އައީއެވެ. އާރްޔަންގެ ބައްޕަ މަޑުކުރަން ޖެހުނީ އޮފީހުގެ މާބުރަކޮށް މިދުވަސްކޮޅު މަސައްކަތް ކުރާތީއެވެ. ދަތުރު ކުރި މަގުމަތީ އާރްޔަންގެ ނަޒަރު ސީދާވެފައި ހުރީ ހަމައެކަނި މަލްދާގެ މޫނަށެވެ. ވައިގެ ސަބަބުން މަލްދާގެ އިސްތަށިގަނޑު ވިހުރެމުން ދާ މަންޒަރު ފެނުނީ ނުހަނު ހިތްގައިމުކޮށެވެ. އަނެއްކޮޅުން މަލްދާ މީހަކާ އަނގައިން ނުބުނާތާ ބަލައިވެސްނުލައެވެ. ރަށަށް ދެވެންދެން މަލްދާގެ ނަޒަރު ހުއްޓިފައި ހުރީ މާ ސިންގާ ކަނޑާ ދިމާލަށެވެ.

މާލޭގެ ކޮންކްރީޓް ޖަންގައްޔަށްފަހު އުފަން ރަށަށް އާދެވުމުން މަލްދާގެ ހިތަށް ލުއިކަމެއް ލިބުނެވެ. މަލްދާމެން ލަފާތަނަށް އައިސް ހުރީ ހަލީމަގެ އިތުރުން ސާރާއެވެ. މަލްދާ އަންނަ ކަން އިނގުން ފަހުން ސާރާގެ އުފަލުގެ ކޮޅެއް ނެތެވެ. ހަލީމަ ހެވިދިއްލިފައި އެންމެނާ މުހާތަބު ކުރަމުން ދިޔައިރު ސާރާގެ ނަޒަރު ގޮސް ހުއްޓުނީ އާރްޔަން އާއި ދިމާލަށެވެ. މިވީ ފަސް އަހަރު ތެރޭ އާރްޔަންގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތައް ފެނި ސާރާ އިނީ އާޝޯޚުވެފައެވެ. ކުރިއަށްވުރެ އަދި މާ ހިތްގައިމު ގޮތެއް މިހާރު ހުންނަހެން ހީވެއެވެ. މަގުމަތީ އެންމެން ހިނގާފައި ދިޔައިރު އާރްޔަންގެ ނަޒަރު މަލްދާ އަށް ހުއްޓެމުން ދިޔައިރު، ސާރާގެ ނަޒަރު ހުއްޓެމުން ދިޔައީ އާރްޔަންއަށެވެ. މަލްދާމެން ގެޔާ އަރާހަމަވުމުން އެމީހުން ވަދާއީ ސަލާން ކިޔުމަށްފަހު އާރްޔަން އާއި އަސްމާ ހަލީމަ އާއިއެކީ ހިނގައިގަތީ ހަވީރުން އެންމެން ދިމާވާ އެއްބަސްވުމަށްފަހުއެވެ. އެއްވެސް މީހެއްގެ ބަހަށް ފަރުވާލެއް ނެތި މަލްދާ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ސާރާ އަށް މަގުމަތީ ހުރެވުނީ އާރްޔަން ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ. ފަސް އަހަރު ފަހުން އާރްޔަން ގެ މޫނު ފެނުމުން ސާރާގެ އުފަލުގެ ކޮޅެއް ނެތެވެ. ހިތުގެ ތެޅުން އަވަސްވެފައި ވަނީ އޮބިނޯންނަވަރަށެވެ.

” ސާރާ..؟ ނުވަންނަނީތަ..” ސާރާ އިންގޮތަށް އެތާ އިނީމަ ނަފީސާ ގޮވާލިއެވެ. އަވަހަށް ދެފަރާތަށް ބޯހޫރާލުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ. ގިނަ ދުވަސް ވަންދެން ގެއަށް މީހުން ވަދެގެން ނޫޅޭތީ ވަނީ ފުދޭވަރަކަށް ހިރަފުސް އަރާފައެވެ. ސޯފާ އާއި މޭޒުތަކުގައި ފޮތިގަނޑެއް އަޅާފައި އޮތީ ނަސީބޭ ނަފީސާގެ ހިތައް އެރިއެވެ. ގޭތެރެ ހަމައަކަށް އަޅުވާލައިފައި ނަސީމާ ބޭނުންވީ ކުޑަކޮށް އަރާމުކޮއްލާށެވެ. އެހެން ކަމުން ޚާލިދު އާއި ދެމީހުން ވަނީ ކޮޓަރިއަށެވެ. މަލްދާ ކޮޓަރިތެރޭ އޮވެގެން ފަހަރަކު އެއްޗަކާ ދިމާލަށް ނަޒަރު ހިންގަމުން ދިޔައެވެ. އެޔާއެކު ކުރީގެ ހަނދާންތައް އަނެއްކާވެސް އުނދަގޫ ކުރަންފެށިއެވެ. ކުރީގައި އޭނަ އުޅުނީ ކިހާ އުފާވެރި ދިރިއުޅުމެއް ހެއްޔެވެ؟ ބައްޕަ އާއި ސިއްރުން ފިލައިގެން އަޒްހާން މޫނު ދެކިލާހިތުން ސާރާއާއި އެކީ ދިޔަ ހަނދާންވުމުން ކުޑަކޮށް ހެވުނެވެ. ދެވަނަ ސިކުންތުގައި އެހިނިތުންވުން ފިލައިގެން ދިޔައީއެވެ. އަޒްހާން އާއި އެއްކޮއް ހޭދަވެގެން ދިޔަ އުފާވެރި ދުވަސްތައް އަނބުރާ ލިބެން އޭނަ ކިތައްމެހާވެސް ބޭނުމެވެ. އަޒްހާން އަކީ މަސްތުވާތަކެތި ބޭނުން ނުކުރާ މީހަކަށްވިނަމައެވެ. އޭނަ ކިޔަވަން އެހެންތާކަށް ނުދިޔަނަމައެވެ. އޭނައާއި ވަކިނުވިނަމައެވެ. ބައްޕައަށް އެދުވަހު އަޒްހާން މެން ގެއިން ނުފެނުނުނަމައެވެ. އެކްސިޑެންޓްނުވިނަމައެވެ. ނަމަވެސް، މިއަދު މިހުރިހާކަމަކާމެދު ވިސްނިޔަސް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ވީ ކަމެއް ވެގެން ދިޔައީއެވެ. ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެއެވެ.

“މަލް.. އަހަރެން މިތާ އިންނަ ތާ ބައިގަޑިއިރު ވަނީ.. އަދިވެސް އަނގައިން ނުބުނެ… ރުޅީތަ؟” ހަމަހިމޭކަން ގެއްލުވާލައިފައި ސާރާ އެހިއެވެ. މިހެން ބުނުމުން މަލްދާ ތެދުވެ ދެފަރާތަށް ބޯހޫރާލިއެވެ. އިރުކޮޅެއް ވަންދެން ސާރާއާއި ވާހަކަ ދައްކާލަން މަޑުކުރިއެވެ. ނަމަވެސް ކުރިން ޖެހިހާ ސަކަރާތެއް ނުޖަހައެވެ. މަލްދާގެ މިޒާޖަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކީއްވެކަން ސާރާއަށް އިނގެއެވެ. އެހެންވެ އެކަމާ ބެހޭގޮތުން އިތުރަށް ސުވާލެއް ނުކުރެއެވެ. ސާރާ އޭނަ ގެއަށް ދިޔައީ ހަވީރުން ދިމާވާން ނިންމައިފައެވެ.

“ކަލޭނޭ.. ކޮންބަޔެއް ވަޑައިގެން މިއުޅެނީ..؟” އޮފީސް ނިންމާފައި ގެއަށް ވަދެގެން އައި އަލީ އަސްމާ ފެނުމާއެކީ ބުންޏެވެ. ” އަސްމައްތަ އަށް އާދެވިއްޖެ ދޯ އެންމެ ފަހުން..” ” އަސްމައްތަ އަށް އާދެވިއްޖޭ.. އަލީ އަށެއްނު އަހަރުމެން ކައިރިއަށް ނާދެވެނީ..” އަލީގެ ކަންފަތުގައި މަޑުމަޑުން ހިފާލަމުން އަސްމާ ބުންޏެވެ. ” ކޮބާ އާރްޔަން..” އަހަން ނާހަން އިނދެފައި އެންމެ ފަހުން އަލީ ސުވާލުކޮއްލިއެވެ. އެކްސިޑެންޓަށްފަހު އަދި އާރްޔަން އާއި އަލީ އެކަކު އަނެކަކާ ވާހަކަ ދެކެވިފަކައެއް ނެތެވެ. އާރްޔަން ހުންނާނީ އަލީދެކެ ރުޅިއައިސްފަ ކަމަށް ހިތާ އިސްވެ އަނގައިން ބުނަން ނުކެރުނީއެވެ. އާރްޔަން ވީ އެތެރޭގައޭ ބުނުމުން އަލީ މަޑުމަޑުން އެދިމާލަށް ދިޔައެވެ. ދޮރު ހުޅުވާލިއިރު އާރްޔަން އެނދުގައި އުއްޑުން އޮށޯވެލައިގެން އޮތެވެ. “ހޭ..” އަލީ މަޑުމަޑުން ގޮވާލިއެވެ. އެއާއެކު އާރްޔަން ދެލޯ ހުޅުވާލައިފައި ބަލާލިއެވެ. އަދި އެއަށްފަހު އެނދުން ތެދުވިއެވެ. އިރުކޮޅެއް ވަންދެން އަލީ އާއި ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު ހިނިތުންވެލިއެވެ. ދެއކުވެރިންގެ ދެމެދުގައިވާ ބީރައްޓެހި ކަމުގެ ފާރު ނަގާ އެއްލާލިއެވެ. އެތައް އިރެއް ވަންދެން ދެމީހުން ވާހަކަ ދައްކަން ތިއްބެވެ. އަލީގެ ހަޔާތުގައި ހިނގަމުން ދާ ކަންތައް ކުރު ގޮތަކަށް ކިޔާލަދިނެވެ. އެއަށްފަހު އާރްޔަންވެސް ހުރިހާ ކަމެއް ހިއްސާ ކުރިއެވެ. މަލްދާ އޭނަދެކެ ނަފްރަތު ކުރާ ވާހަކަވެސްމެއެވެ.

ހަވީރު ނިދާ ހޭލައިގެން މަލްދާ ކޮޓަރިން ނިކުތީ ސާރާ އާއި ދިމާވާން އެއްބަސްވެވިފައި އޮތީމައެވެ. ވަކި ހިސާބަކަށް ގޮސްފައި ހުއްޓެވުނީ އޭނަގެ މަންމަ ކޮންމެވެސް މީހަކާ ވާހަކަދައްކާ އަޑު އިވިގެންނެވެ. ކޮޓަރި ދޮރު ކުޑަކޮށް ހުޅުވާފައި ހުރިކަން ނަސީބޭ މަލްދާގެ ހިތައްއެރިއެވެ. ނަފީސާ ވާހަކަ ދައްކަމުން ދިޔައީ އަސްމާއާއިއެވެ. ” ނަފީސާ މެނަށްވެސް މިހާރު އިނގޭނެ ކަންނޭނގެ.. އާރްޔަން މަލްދާ ދެކެ ލޯބި ވާވަރު.. އަހަރެން މިވާހަކަ ނުދައްކަން ހުރީ.. އެކަމަކު އާރްޔަން އެކުރާ ހިތާމަ ދެކޭކަށް ދެން އިތުރަކަށް ކެތެއް ނުވާނެ.. އާރްޔަން މަލްދާ އަކަށް ދެރަގޮތެއް ނުހަދާނެ.. އަހަރެން ވަރަށް ބޭނުން ދެމީހުންގެ ކައިވެނި ކުރެވެން..” އަސްމާގެ ވާހަކަތައް އަޑު އަހަމުން ދިޔަ މަލްދާގެ ކަންފަތައް ހީވީ ހޮނުގުގުރިއެއް ޖެހި ހެންނެވެ. އެހެން ވެގެންނެއް ނުވާނެއެވެ. އާރްޔަން އޭނަ ހަޔާތުގެ ބައިވެރި އަކަށް ނުވާނެއެވެ. ދެފަރާތަށް ބޯހޫރަމުން މަލްދާ ގެއިން ނިކުމެގެން ދުއްވައިގައީ އަތިރިއާއި ދިމާލަށެވެ. ގޮނޑުދޮށަށް ފޭބުމާ އެކު ހުރި ތަނަށް ތިރިވެވުނެވެ. އެއާއެކު މަލްދާގެ ބަޑި ފަޅައިގެން ދިޔައީ ހަމަކުއްލިއަކަށެވެ. އަޑުން އަޑު ނަގާ ރޯން ފެށިއެވެ. އެތާ ކައިރި ހިސާބެއްގައިވެސް މީހަކު ނެތީ ހަމަ ނަސީބެކެވެ. ހިނދެއް ހިނދަކަށް މަލްދާގެ ރުއިމުގެ އަޑު ދިޔައީ މަޑުވަމުންނެވެ. އަދި ހިތުގައި އާރްޔަންއަށްޓައި އުފެދެމުން ދިޔަ ނަފްރަތު އިތުރުވަމުންނެވެ. ކަރުންތައް ފުހެލުމަށްފަހު ނޭފަތްދަމާލިއެވެ. ރުއިމުގެ ސަބަބުން ދެލޯ ރަތްވެފައިވީ ނަމަވެސް އެދެލޮލުގައިވީ ރުޅީވެރިކަމެވެ. އެތާ އިރުއޮއްސެންދެން މަލްދާ އިނީ ފުން ހިޔާލަކަށް ގެއްލިފައެވެ. އެނބުރި ގެޔާއި ދިމާލަށް ހިނގައިގަތީ ހަޔާތުގެ ބޮޑު ނިންމުމެއް ނިންމުމަށްފަހުއެވެ.

އިރުއޮއްސުނުއިރު ގެއަށް ދިޔަ މީހާ ދިޔަގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އެކަކާވެސް ވާހަކަ ދައްކާކަށް އެގަޑީ މަލްދާ ބޭނުމެއް ނުވިއެވެ. ސާރާ ގޮވާ ގޮވާވެސް އަނގައިން ނުބުނުމުން އެންމެ ފަހުން ގެއަށް ދާން ހިނގައިގަތީއެވެ. ގެއަށް ދިޔަ މަގުމަތިން އާރްޔަނން ފެނުމާއެކު ސާރާގެ ހިތް އަވަސްވެލިއެވެ. އަލީ އާއި އެކީ ހިނގަމުން އާރްޔަން އެއަންނަނީ އެދިމާލަށެވެ. ވަގުތުން ދެ އަތްފައި ފިނިވެގެން ދިޔައެވެ. ލަދުން އަވަހަށް އިސްޖަހާލިއެވެ. އިސްޖަހާލައިގެން އިން ސާރާއަށް އިސްއުފުލާލެވުނީ، ސާރާއާއި ދިމާލަށް ބަލައިވެސް ނުލާ ދިޔުމުންނެވެ. އާރްޔަން އަށް އޭނަ ފާހަގަ ކުރަންވެސް ނޭނގުނީ ހެއްޔެވެ؟ ވަގުތުން ސާރާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. މީގެ ކުރިން ފިރެހެން ކުއްޖެއްގެ ސަމާލުކަން ނުލިބުމުން މިހާ ދެރަ ނުވާއިރު މިހާރު ވާންވީ ވަކި ކީއްވެ ހެއްޔެވެ؟ ލޯބިވެވުމުން ކުރިން ނުވާ ކިތައްމެ ކަމެއް އިންސާއަށް ވާކަށް ގައިމެވެ.

” އާރްޔަން އަދިވެސް ގެއަށް ނާންނަނީތަ…” ގަޑި އަށް ބަލާލުމަށްފަހު އަސްމާ އަހާލިއެވެ. އަލީ އާއި ދެމީހުން އެއްތަން ވީމަވެސް ލަސްވާނެކަން އަސްމާއަށް ވިސްނުނެވެ. އެކަމް މިގަޑީ އާރްޔަން އާއި ވަރަށް މުހިއްމު ވާހަކައެއް ދައްކަން އަސްމާ ބޭނުންވެއެވެ. ވިސްނަން ހުރެފައި އަސްމާ އެވާހަކަ ދައްކަން ނިންމީ އަނެއްދުވަހުއެވެ. ހުރިހާ ކަމެއް ހަމައަކަށް އެޅުނީމައެވެ. ” އޭ.. ހާދަ ފާޑަކަށް؟ .. ދެންމެ އެދިޔައީ އަހަރުމެން ކުލާހުގައި އުޅުން ކުއްޖެއްދޯ؟..” އަލީ މޫޑަށް އައިސްފައިވާ ބަދަލާއެކު އާރްޔަން ސުވާލުކުރިއެވެ. ” ސާރާ..” އަލީ މަޑުމަޑުން ބުނެލިއެވެ. ” ޔޫ ލައިކް ހާ؟ … ވެއިޓް.. ޔޫ ޑޫ..” އާރްޔަން ހުރީ ހައިރާންވެފައެވެ. ” ލެޓްސް ސޭ އައި ޑިޑް… އިނގޭތަ.. ކުރިން ސާރާ އާއި ވަރަށް ކްލޯޒް ވާނެ.. ހުރިހާ ކަމެއް ހެން ކިޔައިދެން.. ކުޑައިރުއްސުރެ އެއްކުލާހެއްގައި އުޅެމުން އައި.. އައި ލަވްޑް ހާ.. ބަޓް..” އާރްޔަން އާއި ދިމާލަށް ބަލައިލަމުން އަލީ، އޭނަ ހިތުގައި ފޮރުވާފައިވާ ސިއްރު ހާމަކޮއްލިއެވެ. ” ބަޓް..؟” ” ޝީ ލޮސްޓް މައި ރެސްޕެކްޓް..” ހތި ހިނިތުން ވުމަކާއެކީ އަލީ ބުނެލިއެވެ. އާރްޔަން އިތުރަށް ސުވާލު ކުރުމުންވެސް އަލީ އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން އަޅާނުލާ ދެމީހުންވެސް ގެޔަށް ދާން ހިނގައިގަތެވެ.

އަނެއްކޮޅުން މަލްދާ ރޭގަނޑު ކާންވެސް ނުނިކުތެވެ. ޖެހި ބުދެއްހެން ކޮޓަރިތެރޭ އިންގޮތަށް އިނީއެވެ. އިރުކޮޅެއްފަހުން ދޮރުގައި ޓަކި ޖަހާލި އަޑު އިވިގެން މަލްދާ މަޑުމަޑުން އެދިމާލަށް ބަލައިލިއެވެ. އޭރު ނަފީސާ ކޮޓަރިއަށް ވަންނަނީއެވެ. ” ދަރިފުޅާ.. މަންމަ އެބެއް ވާހަކައެއް ދައްކާލަންވެފަ..” ނަފީސާ އައިސް މަލްދާ ކައިރީ އިށީންނަމުން ބުންޏެވެ. ” ކަންތައްތައް ވެފަ އޮތްގޮތުން ދަރިފު ފަހަރެއްގަ މަންމަ މިދައްކާ ވާހަކަ ގަބޫލުވެސް ނުކޮއްފާނެ.. އެކަމް ދަރިފުޅަށް ވެސް އިނގޭނެ އަޒްހާން އަށް އެލިބުނީ ކޮންފަދަ ނުބައި ނިމުމެއްކަން.. މަސްތުގެ ހާލުގައި ދުނިޔެ ދޫކުރާ މީހާއަށް އޮތީ ކޮންތަނެއްކަން.. ދަރިފުޅު އަޒްހާން ދެކެ ވީ ލޯބީގެ ސަބަބުން ވިސްނުނީ އަޒްހާން އެކަމާ ދުރުވާނޭ.. އެކަމް އެހެނެއް ނޫނެއްނު ވީ.. އެއްފަހަރު އޭގެ އަވައިގަ ޖެހިއްޖެ މީހަކަށް އެކަމުން ދުރުވާން ވަރަށް އުނދަގޫވެދާނެ.. މަންމަ ބޭނުން ދަރިފުޅު ރަނގަޅު މީހަކާ ގުޅެން.. އަޒްހާން އެހެން ވިޔަސް އެންމެންނަކީ އެކަހަލަ ބައެއް ނޫން… ދަރިފުޅާ…. އާރްޔަން އަކީ…” ” އަހަރެން އާރްޔަން އާ އިންނަން ގަބޫލު..” ނަފީސާގެ ވާހަކަ މެދުކަނޑާލުމާއެކު،ލޮލުން ފައިބަމުން ދިޔަ ކަރުން އަތުގެ ނުފުށުން ފުހެލަމުން މަލްދާ ބުންޏެވެ.

ނުނިމޭ

 

28

4 Comments

 1. Nuzu

  October 27, 2020 at 11:49 am

  Masha Allah varah 💞 reethi mi part ves 😍💞💞 waiting for next part 💞

  • Minhaaa

   October 27, 2020 at 11:54 am

   Thankyou so much dear.. next part In Sha Allah varah avahah genesdheynan 💕💕

 2. Aaryan

  October 27, 2020 at 3:28 pm

  Subbuna… kon fadha badhaleh miothy esfiya ah aissa..
  Minnu sis sorry ingey kurinn dhiya part thakah comment eh koh nulevunyma 😔😔
  Alhey mal hama ehbas v tha… yageen malge bodu plane eh abaoiyy ekm ves aaryan ge loabinn konmes dhuvahakun malge hiy badhalu kohlaanan… 😁😁😁❤❤❤
  Kobaatha azhaan ge roohu

 3. NERF

  October 27, 2020 at 9:02 pm

  Varah Reethi mibaives mashaallah, mI vaahakaige hurihaa episode eh ves keen, comment mikohky adhi alhah, Mistory varah reethi, waiting for next part

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!