ތިން ލަފްޒުން (6)
މިސްރާބު ބަދަލު ކޮއްލާފައި ލަމްހާ ވަނީ ބޭކަރީއަށެވެ. ހޫނު ކޮފީއަކާއި ކުކީސް ގަނެގެން އޭނާ ނުކުތެވެ. އަނެއްކާވެސް މަންޒިލާ ހަމައަށް ބާރަށް ހިނގައި ގަތެވެ. އެވަގުތު އެތާ އޮތް ތުނި ގަނޑުފެން ކޮޅަކަށް އެރިފައި ލަމްހާ ކަހާލިއެވެ. ވެއްޓެން ދިޔަ ލަމްހާ ލައިގަތީ ކައިރިން ލާފައި ދިޔަ މީހެއްގެ ގައިގައެވެ. އަތުގައި އޮތް ކޮފީތަށި އެމިހާގެ ގަޔަށް ބަންޑުން ވިއެވެ.
****
ކާރަށް އަރަން ދިޔަ ސުހާން ހިޔާލު ބަދަލުވެގެން ބޭކަރީއާ ދިމާއަށް ދާން މިސްރާބު ބަދަލުކޮއްލި ވަގުތު ޖެހުނީ ލަމްހާގެ ގައިގައެވެ. ހުސިޔާރު ކަމާއެކު އޭނާ ލަމްހާގެ އުނަގަނޑުގައި ހިފެހެއްޓިއެވެ. އެވަގުތު ސުހާންގެ ދެލޯ ލަމްހާގެ ބޮޑުވެފައިވާ ދެލޮލާ ސީދާވިއެވެ. ސުހާން ހުއްޓުން އެރިއެވެ. އެހާ ކަޅު ކުލަ ގަދަ ރީތި ދެލޮލެއް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ކޮނޑަށް ވުރެ ކުޑަ ތަންކޮޅެއް ދިގުކޮއް ހުރި އޭނާގެ ކަޅު ކުލަ ގަދަ ފަން އިސްތަށިގަނޑު ފަހަތަށް ވެއްޓިފައި އޮތުމުން އޭނާގެ އޮމާން ދޮން ކަނދުރާ އޮތީ ހާމައަށެވެ. އެންމެ ބިއްސެއްވެސް ނެތް އޮމާން އެމޫނުގެ ހަންގަނޑު ދޮންވެފައި މަޑެވެ. ލަމްހާގެ ރީތިކަމަށް ބަލަހައްޓައިގެން ސުހާންއަށް ހުރެވުނެވެ. އޭނާގެ ސިކުނޑި ސުމަކަށް ގޮސްފައެވެ. ލަމްހާއަށްވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ. ކަޅި ޖަހާ ނުލާ ސުހާންގެ ގުރާ ފެހިކުލައިގެ ދެލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ. ދެވަނަ ސިކުންތު އޭނާގެ މޫނު ރަތްވެގެން ދިޔައެވެ. އަވަހަށް ސޮރީއޭ ބުނެފައި ތެޅިގަތެވެ.
ލަމްހާގެ ރަތްވަމުން ދިޔަ މޫނަށް ބަލަހައްޓައިގެން ހުރި ސުހާންއަށް ހަމަ ހޭވެރިކަންވީ އެ ކުޑަ ރަތް ތުންފަތް ހަރަކާތް ކޮއްލިތަން ފެނިފައެވެ. އަވަހަށް ލަމްހާ ނަގާ ތެދުކޮއްފައި އޭނާގެ އުނަގަނޑުން އަތް ނައްޓާލިއެވެ.
ސުހާންގެ ހަރާބު ވެފައިވާ ކޯޓު ފެނުމުން ލަމްހާ ހާސްވިއެވެ. ސުހާން އަށްވެސް އެކަން ނަގައި ގަނެވުނީ ދެނެވެ. ވަގުތުން އޭނާގެ މޫނު ހަޑިވިއެވެ. މީޓިންއަށް ދާން މިހާ ލަސްވެފައި އޮތްވާ މިޖެހުނީ އަނެއް ހަކަންތަކާ އެވެ. އެވަގުތު ސުހާންއަށް ރުޅި އާދެވުނީ ލަމްހާ ދެކެއެވެ.
“މަގުގަ ހިނގަން ނޭނގެންޏާ ގޭގަ އޮތްނަމަ..” ރުޅިއައިސް ހުރިލެ ބޮޑުކަމުން ސުހާންއަށް ވާހަކަ ދެއްކުނީ ދިވެހިންނެވެ.
ސުހާން ދިވެހި ބަހުން ވާހަކަ ދެއްކުމުން ލަމްހާ ހައިރާން ވިއެވެ. ލަމްހާ ހީކުރީ ސުހާންއަކީ އެ ގައުމަށް ނިސްބަތްވާ ބޭރުމީހެއް ކަމަށެވެ. ސުހާންގެ މުށިކުލައިގެ އިސްތަށިގަނޑާއި ފެހި ދެލޮލުގެ ސަބަބުން އޭނާ ހީވަނީ ޔޫރަޕް މީހެއް ހެނެވެ. ހަމުގެ ކުލަ ހުދުކަމުން އެއީ ދިވެއްސެއް ހެނެއް ހިއެއް ނުވެއެވެ.
އަނެއްކާ އެ މުށި އިސްތަށިގަނޑާ ފެހި ލޮލަކީ ހަމަ ގުދުރަތީ ކުލަ ބާއޭ ލަމްހާ ހިތަށް އެރިއެވެ.
އެވަގުތު އެދެމީހުންނަ ދިމާއަށް މީހުންތަށް ބަލާތީ ލަމްހާ ހިސާބަކަށް ލަދުގަތެވެ. އަދި ސުހާން ރުޅިއައިސްގެން އެއްޗެހި ކިޔުމުން އޭނާ ފިނިވިއެވެ. އެދެލޯ ފެންކަޅިވެސް ވެއްޖެއެވެ. ލަދުގަތްކަން ފޮރުވަން ލަމްހާ ރުޅިއަންނަ ކަމަށް ހެދުނެވެ.
“ހިނގަން ނޭންގެނީ ހަމައެކަނި އަހަރެންނަށްތަ؟.. އަދިވެސް ދެލޯ ފޯނުގަ ޖައްސައިގެން ހިނގާ.. ކުރިބަލައިގެން ހިނގަން ނޭންގެންޏާ ކަލޭވެސް ގޭގަ އޮތްނަމަ” ލަމްހާ މިހެން ބުނެފައި ހިނގައި ގަތެވެ.
“އޭ.. މަޑުކޮއްބަލަ..” ސުހާންގެ ބަރު އަޑު އިވުމުން ލަމްހާ ހުއްޓުން އެރިއެވެ. ނޭނގޭ ބާރަކުން އޭނާގެ ދެފައި ތަޅުލެވުނު ފަދައެވެ.
ލަމްހާ ބަލަހައްޓައިގެން ހުރުމުން ސުހާން އޭނާގެ ކޯޓު ބޭލިއެވެ. އަދި އެކޯޓު ލަމްހާ އާއި ދިމާއަށް ދިއްކޮއްލިއެވެ.
ލަމްހާ ހިސާބަކަށް ހައިރާންވިއެވެ. އޭނާގެ ކޯޓު ލަމްހާއަށް އެދެނީ ކީއްވެ ކަމެއް އޭނާއަކަށް ނުވިސްނުނެވެ. މިއީ އާންމުކޮށް ފިލްމުތަކުގައި ފެންނަ ކަހަލަ މަންޒަރެކެވެ އަނެއްކާ ލަމްހާ ހީކަރުވައި ގަނެދާނެތީ އޭނާގެ ކޯޓު ލަމްހާއަށް ދެނީބާއެވެ.
“މިއޯ..؟” ލަމްހާއަށް އަހާލެވުނެވެ.
“ތި ދޮންނަންވީ.. ކަލޭ ހީކުރީ މަގޭ ހަނދާނަކަށް ބާއްވަން ދިންކަމަށްތަ؟” ސުހާންގެ ޖުމްލައިން ލަމްހާގެ ހިޔާލީ ދުނިޔެ ފުނޑު ފުނޑުވިއެވެ.
ކޯޓުގައި ހިފަން ދިއްކޮއްގެން ހުރި އަތްވެސް ރަކިވެގެން ތިރިކޮއްލެވުނެވެ.
“މީގަ ނުހިފަ ތިހުންނަނީ ކީއްވެތަ.. އަން މި ދޮވެފައި މަށަށް އަނބުރާ ދޭންވާނެ..” ސުހާން މިހެން ބުނެފައި ލަމްހާ އާއި ދިމާއަށް ކޯޓު ހޫރާލިއެވެ. ކޯޓުގައި ހިފަންވެގެން އަތް ހިއްލާލި ވަގުތު ލަމްހާގެ އަތުގައި ފިހިފައި އިން ތަންކޮޅު ސުހާންއަށް ފެނުނެވެ.
ސުހާން ބޯހޫރާލާފައި އެބަ އަންނަމޭ ކިޔާފައި ހިނގައްޖެއެވެ.
ލަމްހާ ރުޅިއައިސް ހުރިލެ ބޮޑުކަމުން މަޑުނުކޮށް ހިނގައި ގަތެވެ. އޭނާ ހީކުރީ ކީކޭ ހެއްޔެވެ. ލަމްހާއާ ދިމާއަށް ދެރަވާ ކަހަލަ އެއްޗެހި ބުނެލާފައި އަދި މަޑުކުރާށޭ ބުނީމާ މަޑުކުރާނެ ކަމަށް ހެއްޔެވެ. ކޫބެކަށް އައި ފަހުން މިހާ ފޮނި މީހަކާ ދިމާވި މިއީ ފުރަތަމަ ފަހަރު ކަންނޭނގެއެވެ. ހިތުން ތިމާ ދެން މާ ރީތިވީމާ އޭނާ ހީކުރީ އެންމެން އޭނާ ޖާހާ ބެރަށް ނަށާނެ ކަމަށް ހެއްޔެވެ.
ކައިރީގައި ހުރި ބޭސް ފިހާރައަކަށް ވަދެ ސުހާން ނުކުތީ ފިހިފައި ހުންނަ ތަންތާ އުނގުޅާ ބޭސްފުޅިއެއް ގަނެގެންނެވެ. އެނބުރި އެމަގަށް އައިސް ލަމްހާ ފެނޭތޯ ހޯދާ ހޯދާވެސް އޭނާއެއް ނުފެނުނެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ބިންމައްޗަށް ވެއްޓިފައި އޮތް ރިހި ފަށެކެވެ.
ލަމްހާގެ ކަރުގައި އޮތީ އެކަހަލަ ފަށެއްކަން ސުހާންއަށް ހަނދާންވިއެވެ. އެފަށް ފަޓުލޫނުގެ ޖީބަށް ލައިފައި އޭނާ ދިޔައީ ކާރާ ދިމާއަށެވެ. ކާރަށް އަރާފައި އޭނާގެ އަތުގައި އޮތް ބޭސް ފުޅިއާ ދިމާއަށް ބަލާލެވުނެވެ. އެހާވަރުން ބޭސް ގަނެގެން އައިރު އެކުއްޖާ ފެންނަންވެސް ނެތެވެ. އަމިއްލަ ނަފްސަށް މަލާމަތް ކޮއްލާފަދަ ގޮތަކަށް ބޯހޫރާލާފައި އޭނާއަށް ހެވުނެވެ.
“ލަމްހާ.. ޔޫ އާ ލޭޓް އަގެއިން” ލަމްހާ ސްޓާފުން ތިބޭ ރޫމްއަށް ވަދެވުމާއެކު އެތަނުން އެކަކު ބުނެލިއެވެ.
ލަމްހާ ސޮރީއޭ ބުނެފައި އޭނާގެ ލޮކަރު ކައިރިއަށް ދިޔައެވެ. އަދި ލައިގެން ހުރި ކަކުލާ ހަމައަށް އަންނަ “ޓުރެންޗް” ކޯޓު ބަލާފައި ކޮނޑުގައި އަޅުވާލިއެވެ. އަދި އޭނާގެ ޔުނިފޯމު ހިފައިގެން އެ ކޮޓަރި ތެރޭ ހުންނަ ފާހަނައަށް ވަނެވެ. އޭރު އެތާ ތިބި އެހެން ކުދިންވެސް ނުކުމެގެން ހިނގައްޖެއެވެ. ލައިގެން ހުރި ހެދުން ބަދަލު ކޮއްލާފައި އޭނާ ނުކުތެވެ.
އެންމެން ނުކުއިއްފަހުން އެތަނަށް ވަތް މީހާއެއް ލޮކަރު ކައިރީ ހުރި ލަމްހާއަކަށް ނުފެނެއެވެ.
އެތަނުން ނުކުންނަން ހިނގައި ގަތް ވަގުތު އެމީހާ ލަމްހާގެ ކުރި މައްޗަށް އެރިއެވެ.
“ބޮސް.. މިތާ ކީއްކުރަނީ؟” ކުރިމަތީ ހުރި އޭނާގެ މެނޭޖަރު ފެނުމުން ލަމްހާ ކުޑަކޮށް ބިރުގަތެވެ. އެމީހާ ލަމްހާ އާއި ދިމާއަށް ބަލަހައްޓައިގެން ހުރީ ވަހުޝީ ގޮތަކަށެވެ.
އެ ރެސްޓޯރެންޓުގެ މެނޭޖަރު ބްރެޑް ހުންނަނީ ފާޑަކަށް ލަމްހާއާއި އަޅައިގަނެފައެވެ. އެތައް ފަހަރަކު ގަޔާވާ ވާހަކަ ހާމަ ކުރުމުންވެސް ލަމްހާ އަޅައެއް ނުލައެވެ. ލަމްހާ އާ އަޅާ ބަލާއިރު ބްރެޑް އަކީ ވަރަށް ދޮށީމީހެކެވެ. އެހެން ނޫނަސް ބްރެޑް ބޭނުން ވަނީ ވަގުތީ އުފާކަން ލަމްހާއަށް އެނގެއެވެ. އެފަދަ މީހަކާ ވާހަކަ ދައްކާކަށްވެސް ލަމްހާ ބޭނުމެއް ނޫނެވެ.
ލަމްހާ އެތަނުން ދާން އުޅުމުން ބްރެޑް ހިފީ ލަމްހާގެ1މުލައްދަނޑީގައެވެ.
“ދޫކޮއްލާ އަހަރެން އަތުން” ލަމްހާ އޭނާގެ އަތް ފޮޅާލިއެވެ.
“ލަމް ތިގޮތަށް ކަންތަށް ކުރީމަ އަހަރެން ދެރަވާ ވަރު އެނގޭތަ.. އަހަރެން ލަމް ވަރަށް ބޭނުން..ހަމަ އެންމެ ފަހަރަކު. އެއީކީ މައްސަލަ އެއް ނޫނެއްނުން” ލަމްހާ ފާރާ ލައި ފިއްތާލަމުން ބްރެޑް ބުނެލިއެވެ. ބްރެޑް ލަމްހާގެ އަތުގައި ހިފާ ތަދުކޮއްލަމުން އޭނާގެ ކަނދުރާއާ ހަމައަށް އޭނާގެ މޫނު ގެންދިޔައެވެ. ބްރެޑްގެ ހޫނު ނޭވާ ލަމްހާގެ ކަނދުރާއަށް އެޅުމުން ލަމްހާ ހުއްޓުން އެރިއެވެ. ލަމްހާގެ ހަނދާނަށް އައީ މީގެ ހަތަރު އަހަރުކުރިން ދިމާވި ހާދިސާއެވެ. ވަގުތުން ރުޅިގަދަ ވިއެވެ. ބްރެޑްގެ ބަރު ހަށިގަނޑު ދުރު ކޮއްލެވުނީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ. ބްރެޑްގެ އަތުން ރެކިގަނެގެން ލަމްހާ އެތަނުން ނުކުތެވެ.
ލަމްހާގެ ފަހަތުން ބްރެޑް ނުކުއް މަންޒަރު ފެނިގެން ބައެއްކުދިން ޝައްކުގެ ނަޒަރަކުން ބަލަން ފެށިއެވެ.
ތަރުކާރީތަށް ކޮށަން ހުރި ލަމްހާއަށް ފަހަތުގައި ތިބެގެން ދެކުއްޖަކު ދައްކަމުން ދިޔަ ވާހަކަތަށް ވަރަށް ރިތިކޮށް އިވެމުން ދިޔައެވެ. ހަގީގަތާ މުޅިން ހިލާފަށް ދައްކަމުން ދިޔަ ވާހަކަ އަޑު އިވިފައި ލަމްހާ ރުޅި ގަދަވިއެވެ.
ވަޅި މޭޒުމައްޗަށް ހޫރާލާފައި ބަދިގެ ބައިން ނުކުމެ ދިޔައީ ޗޭންޖިންގް ރޫމްއަށެވެ. ޔުނިފޯމު ބަދަލު ކޮއްލާފައި ލޮކަރުގައި ހުރި އޭނާގެ ސާމާނު ކޮތަޅަކަށް އަޅައިގެން އޭނާ ނުކުތެވެ. އަދި މެނޭޖަރުގެ ކެބިންނަށް ވަދެ މީގެ ފަހުން ދެން ވަޒީފާއަކަށް ނާންނާނެ ކަމަށް ބުނެ ލަމްހާ އެތަނުން ނުކުތެވެ.
ހަވީރުގެ ވަގުތެކެވެ. ސިޓިން ރޫމު ތިރި މޭޒެއް ކައިރީގައި ލެޕްޓޮޕު ހިފައިގެން ލަމްހާ ބަލަމުން ދިޔައީ ވަޒިފާ ހޯދާ ވެބްސައިޓެކެވެ. އެތަށް އިރަކު ބެލިފަހުންވެސް އޭނާއަށް ކަމުދާ ތަނެއް ނުފެނުނެވެ. އެއްބައި ތަންތަނުގައި މުސާރަ ކުޑައީއެވެ. ދެން ހުރި ތަންތަން މާ ދުރީއެވެ. ފޫހިވެގެން ލެޕް ނިއްވާލާފައި ލަމްހާ ތެދުވިއެވެ.
ރާވާ ކުޅޭ ސެޓެއް ހިފައިގެން ބިންމަތީގައި ކުޅެން އިން ލީންއާ ދިމާއަށް ބަލާލުމުން ފޫހިކަން ފިލައިފިއެވެ. ފަހަކަށް އައިސް ލީންއަށް ވަގުތު ނުދެވޭކަން ލަމްހާއަށް އިހްސާސްވިއެވެ. އެހެންކަމުން މި ދުވަސްކޮޅު އިހަށް ވަޒީފާއެއް ނުހޯދަންވީއޭ އޭނާ ހިތަށް އެރިއެވެ. ލަޔާން ފޮނުވާ ރުފިޔާ ކޮޅުން ގޭގެ ކުލި ދައްކާލެވެއެވެ. އެމީހުންގެ އިތުރު ހަރަދުތަށް ކުރުމަށް ރުފިޔާ ދޭށޭ ލަޔާން ގާތު ބުނާކަށް ލަމްހާ ބޭނުމެއް ނޫނެވެ. ލީން ގާތު ހުންނަން ބޭނުންވި ނަމަވެސް ވަޒީފާއަށް ދަނީ މިސަބަބާ ހުރެއެވެ.
ލީންއަށް ޖެއްސުން ކޮއްލާނަމޭ ހިތާ ލަމްހާ ލީންގެ ގިލި ގިލި ކޮއްޓަން ފެށިއެވެ. ތޫލި އަޑަކުން މަންމީއޭ ކިޔާ ލީން ހެމުން ދިޔައެވެ. ލަމްހާއަށް އެކަން މަޖާ ވެގެން އިތުރަށް ޖެއްސުން ކުރަން ފެށިއެވެ. ލަމްހާ ހިތް ހަމަޖެހުނު އިރު ދެމީހުންވެސް ތިބީ މައި ނޭވާ ލެވި ލެވިއެވެ. އެންމެ ފަހުން ލީން އުރާލައިގެންގޮސް ސޯފާ ގޮނޑީގައި އިށީނެވެ.
“ދަރިފުޅު ދާނަންތަ މަންމަ އާއެކު ޝޮޕިންނަށް.. އެބަހުރި ބައިވަރު އެއްޗެހި ގަންނަން ވެފަ.. މިއަދު މާރިއާ ދައްތައެއްވެސް ނާންނާނެ” ލަމްހާ ލީން އުނގުގައި ބައިންދަމުން ބުނެލިއެވެ.
ލީން އުފަލުން ބޯޖަހާލިއެވެ. ލަމްހާއާއެކު ބޭރަށް ދިއުމަކީ ލީން އެންމެ އުފާވާ އެއްކަމެވެ.
“ހިނގާ އަވަހަށް ތައްޔާރުވާން ދާން.. ކޮން ތިއްތިއެއްތަ މިއަދު ލީން ލާނީ” ލަމްހާ ލީންގެ ކުޑަ އަލަމާރި ހުޅުވާލާފައި ބުނެލިއެވެ.
“އަމްމްމް.. މީތި.. ދެން މަންމި އަށް މިހެދުން” ލީން ނެގީ ފިޔާތޮށި ކުލައިގެ މަތިކޮޅަކާ ހުދު ކުލައިގެ ޖިންސެކެވެ. ލަމްހާއަށް ނަގައިދިނީ އެވައްތަރުގެ ކަޅުކުލައިގެ މަތި ކޮޅަކާ ޖިންސެކެވެ.
ލީން ރީތި ކޮއްލާފައި ލަމްހާވެސް އަމިއްލައަށް ރީތިވާން ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ. އޭނާގެ ކޮނޑާހަމައަށް އަންނަ ފަން އިސްތަށިގަނޑުގައި ފުނާ ހާކާލާފައި ބޮލަ ކަޅު ކުލައިގެ ކޯރިއެއް މަހާލިއެވެ. ތުންފަތުގައި ރަތް ކުލައިގެ ލިޕް ގުލޯސް ހާކާލާފައި ދެތުންފަތް ކާއްތާލިއެވެ. ލަމްހާ އޭނާގެ އަމިއްލަ ސޫރައަށް ބަލާލީ ހިތްހަމަ ޖެހިގެން ހުރެއެވެ.
ލީން ވިހެއުމަށް ފަހުވެސް ލަމްހާގެ ރީތިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ކުރިއަށް ވުރެ ދޮންވެފައި ހަންގަނޑުވެސް އޮމާނެވެ. މޫނުމަތިންވެސް ހީވަނި އަދި ފުރާވަރުގެ ކުއްޖެއް ހެނެވެ. ލަމްހާ ހުންނަނީ މީހުން ގަޔާވާ ކަހަލަ މައުސޫމު ގޮތެކެވެ.
ލަމްހާގެ ރީތިކަން ލީންއަށްވެސް ލިބިފައިވެއެވެ. ބޮޑު ދެލޮލާ ކުޑަ ކުޑަ ތުނަފަތަކީ ލަމްހާގެ ކާބަން ކޮޕީއެއް ފަދައެވެ.
ލީންވެސް އައިސް ލަމްހާގާތު ހުއްޓި އަމިއްލަ ސޫރަ ބަލާލިއެވެ.
ފިޔާތޮށި ކުލައިގެ ޖެކެޓަކާ ހުދު ޖިންސުގައި ލީން ވަރަށް ލޮއެއްބެވެ. ބޮލުގައި ހުދު ކުލައިގެ ކޯރިއެއް އަޅުވާފައި ހުރުމުން ހީވަނީ ބޭރު ކުއްޖެއް ހެނެވެ.
ލަމްހާ ލީން އުރާލައިގެން ގޮސް ގޮނޑިއެއްގައި ބޭންދިއެވެ. އަދި ބޫޓު ހަރުން ގަންބޫޓެއް ނަގާ އަރުވައި ދިނެވެ. ސޯފާ މަތީ އޮތް ދިގު “ވެސްޓު ކޯޓު” ގަޔަށް މަހާލުމަށްފަހު ދެމައިން ނުކުތީ ބޭރަށެވެ.
މަގުގައި ހިނގާފައި ދިޔައިރު އެތަށް ބައެއްގެ ލޯތަށް ވަނީ އެދެމީހުނަށް ހުއްޓިފައެވެ. އެހާ ސްޓައިލިސްކޮށް ހުރުމުން އެއީ ފެޝަން މަޖައްލާއެއްގެ ބޭރުގަނޑުން ފެންނަ ކަހަލަ ދެމޮޑެލްއެއް ފަދައެވެ. ބަލާބެލުމަށް އެއީ މަންމަ އަކާ ދަރިއެއްހެނެއް ހިއެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް ވައްތަރީ އެއްބަނޑު އެއްބަފާ ދެކުދީންނާއެވެ.
އެކި ފިހާރަތަކަށް ވަދެފައި ހިތްފުރޭވަރަށް ދެމިހުން ޝޮޕިން ކޮއްލިއެވެ. ކެފޭއަކަށް ވަދެ ސައިބޮއެލައިގެން ނުކުއްތަނާ ލީން ބޭނުންވީ ސްނޯ ކުޅެން ތިބި ކުދިބަޔަކާއެކު ކުޅެން ދާށެވެ.
ލީން އެކުދީން ކައިރިއަށް ކުޅެން ފޮނުވާލާފައި ލަމްހާ އިށީނީ އެތަނުން ބެންޗެއްގައެވެ.
“ޑޮކްޓަރ.. އަޅުގަނޑުގެ މަންމަ ކިހިނެއް؟” ސުހާންގެ މަންމަގެ ހިތުގެ ޑަކްޓަރާ ސުހާން ވާހަކަ ދެއްކިއެވެ.
“ވަރަށް މަސައްކަތުން މިވަގުތަށް ކޮންޓުރޯލް ކުރެވިއްޖެ.. އެކަމް ދެން އެހާ ދުވަހެއް ނެތް… މިހާރު ހަށިގަނޑުގައި މަސައްކަތް ކުރަނީ އެންމެ 25 ޕަސަންޓް..” ޑަކްޓަރު ދިނީ އުންމީދު ކުޑަ ހަބަރެކެވެ.
“ތެންކިއު..” ޑަކްޓަރު ދިއުމުން ސުހާން ވަނީ އޭނާގެ މަންމަ ބާއްވާފައި އޮތް ޕުރައިވެޓު ރޫމަށެވެ. އަދި އެނދު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ.
އެ އަންހެންމީހާގެ މުށިކުލައިގެ އިސްތަށިގަނޑުގައި ސުހާން ފިރުމާލިއެވެ. އެއަތުގައި މަޑު ތުރު ތުރެއް ހުއްޓެވެ.
ސުހާން އައިކަމުގެ އިހްސާސް ކުރެވިގެން އެލީޒާ ލޯ ހުޅުވާލިއެވެ.
” މަންމަ ކިހިނެއް މިހާރު..” ސުހާންގެ ސުވާލަށް ޖަވާބެއް ނުދީ އެލީޒާ އޮތީ އޭނާގެ ގުރާ ފެހި ކުލައިގެ ލޮލުން ސުހާން އަށް ބަލާށެވެ.
“ޑަކްޓަރު ބުނި މަންމަ ވަރަށް އަވަހަށް ރަނގަޅު ވާނޭ.. ނަރުސް ކުދިން ބުނާ ބަސް އަހައިގެން ބަރާބަރަށް ކާތި އިނގޭ” ސުހާން އޭނާގެ މަންމަ އަށް ނަސޭހަތް ދިނީ ކުޑަކުއްޖަކަށް ނަސޭހަތްދޭ ފަދައިންނެވެ.
އެލިޒާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އޭނާއަށް ވާހަކަ ދެއްކެނީ ވަރަށް އުނދަގުލުންނެވެ.
“ސު.. ސުހާން.. މަންމަ ބުނި ވާހަކަ ހަނދާން ކުރައްޗޭ… މަންމަ ނެތް ދުވަހަކުން ދަރިފުޅު އުޅެން ވާނީ ބައްޕަ ގާތު” އެލީޒާ ވަރަށް ބަލި އަޑަކުން ވާހަކަ ދެއްކިއެވެ.
ސުހާންގެ މޫޑު މުޅިން ހަރާބު ވިއެވެ. މަންމަ ވާހަކަ ދައްކާ މަދު ފަހަރަކުވެސް ދައްކާނީ ބައްޕަގެ ވާހަކައެވެ.
ނަމަވެސް އެލީޒާ ދެރަވެދާނެތީ އެއްޗެކޭ ބުނާކަށް ނުކެރެއެވެ. އެލީޒާ ހިތްހަމަ ޖައްސައި ދިނުމަށް އޭނާ އާއެނކޭ ބުނެލިއެވެ.
އެލީޒާ ތާހިރު ކުރުމަށް ނަރުސް ދެކުއްޖަކު އައުމުން ސުހާން ނުކުތީ ބޭރަށެވެ.
ހޮސްޕިޓާ މައި ގޭޓުން ނުކުމެގެން އޭނާ ދިޔައީ ތަންކޮޅެއް ދުރުގައި ހުރި ބެންޗު ތަކެއް ކައިރިއަށެވެ. އަދިއެތަނުން ބެންޗެއްގައި އިށީންދެފައި ޖީބުން ސިނގިރޭޓަކާއި ލައިޓަރެއް ނެގިއެވެ. ދެތުންފަތް ދޭތެރެއަށް ސިނގިރޭޓު ލައިފައި ރޯކޮއްލިއެވެ.
އެލީޒާގެ ހާލު އިތުރަށް ރަނގަޅު ނުވާނެ ކަމަށް ޑަކްޓަރު ބުނުމުން ސުހަން ހުރީ މާޔޫސް ވެފައެވެ. އެލީޒާ ނެތް ދުވަހަކުން މިދުނިޔެ މަތީ ސުހާންގެ އެކަކުވެސް ނުހުންނާނެއެވެ. އެލީޒާ ދުނިޔޭގައި އޮތުމަށް ވުރެ ދިޔުން ރަނގަޅު ނަމަވެސް ސުހާން އޭނާގެ މަންމައަށް އަލްވަދާއު ކިޔާކަށް ތައްޔާރެއް ނޫނެވެ.
ފުން ވިސްނުމެއްގެ ތެރޭގައި ވަނިކޮށް ސުހާން ސިހުނީ ވަރަށް ބާރު ދުވެއްޔެއްގައި އައި ސްނޯ ބޯޅައެއް އޭނާގެ ބޮލުގައި ޖެހުމުންނެވެ. ނުވިސްނަ އިންދާ ޖެހުމުން އޭނާ ނުވެއްޓުނީ ކިރިޔާއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




Varah reethi Maasha Allah ??
When is the next part??