” އުމައިރު އަހަރެން ދެން ހަދަންވީ ކިހިނެއްތަތަ؟… އަހަރެންނަށް މުޅި މިދުނިޔެވެސް ލައުނަތް ދޭނެ… އަހަރެންގެ ފާފަތައް ކަނޑުގެ ފޮނުތަކަށްވުރެންވެސް ގިނަ… އަހަރެން ދެން ދުނިޔޭގައި ކަތަންމެ ދުވަހަކު އުޅުނަސް އަހަރެންނަށް ބާއްޖަވެރި ކަމެއް ނުލިބޭނެ…އަހަރެންގެ ފާފަތައް އެކަލާނގެ ފުއްސަވައިދޭނީވެސް ކިހިނެއް؟.. އަހަރެންގެ ސުވަރުގެ ވަނީ އެމަންމަގެ ފައިތިލަ ދަށުގަ…އަހަރެން ކިތަންމެ ވަރަކަށް ދުނިޔޭގައި ހުރެ ހެޔޮކަންތައް ކުރިޔަސް…އަހަރެންނަށް ލިބޭނީ ކޯއްޗެއް؟..” އަހަރެން އަޑުން އަޑުނަގައި ރޮމުން ބުނަމުން ދިޔައީމެވެ. ” އަހަރެން އަމިއްލައަށް މަރުވާން ވީތަ؟.. އަހަރެން ކިހިނެއް މިދުނިޔެއާ ކުރިމަތި ލާނީ… އަމްނާ އަހަރެންގެ މުޅި ދުނިޔެ ނަރަކައަށް ހަދާލައިފައި ހިނގައްޖެ…އަދިވެސް އޭނަގެ ކަންތަކުން އަހަރެންނަކަށް ސަލާމަތެއް ނުވެވޭ…” އަހަރެން ރޮމުން ބުނަމުން ދިޔައީމެވެ.

***************************************************

” ސަމީރު އަމިއްލައަށް މަރުވުމަކީ ފާފަތަކުގެ މައްޗަށް ކުރެވޭ އިތުރު ފާފައެއް.. އޭރުން ނިމުން އެންމެ ހިތިވެގެން އެދިޔައި… ތައުބާވޭ…ދުޢާކުރޭ… މާތްﷲ ލަޢުނަތް ލެއްވި އިބިލީހުގެ ވާހަކަ އަޑުއެއްސެވިއިރު ސަމީރުގެ ވާހަކަ ނާއްސަވަންވީ ކީއްވެ؟.. އަހަރެމެން މީ އެކަލާނގެ މަށިން ހައްދަވާ އެކަލާނގެ ރޫހުފުޅުން ރޫހު އަޅުވައިގެން ހައްދަވާފައިވާ ބައެއް… އަހަރެމެންނަށް އޮތީ ގިނަގިނައިން އެކަލާނގެއަށް ތައުބާވުން….ކޮންމެ ކަމަކަށްވެސް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެންވޭ… ސަމީރުގެ މައިންބަފައިންނަށް ދެވުނު ހިތާމަތަކާ އަދި ސަމީރުއަށް މިހާރު ކުރެވިފައިވާ ފާފަތައް ފުއްސެވުން އެދި ދުޢާ ކުރޭ…އިންޝާﷲ އެކަލާނގެ ސަމީރުގެ ނިމުން ރީތި ކުރައްވާނެ… ސަމީރުއަށް ކޮންމެ ގޮތަކަށް ކަންތައް ވެވިފައިވިޔަސް މިއަދުވެސް މަންމަ ދުނިޔޭގައި ހުރިނަމަ ސަމީރުއަށް މާފް ކުރާނެ ކަން ޔަގީން..” އުމައިރު އަހަރެންނަށް އަނެއްކާވެސް ނަސޭޙަތް ދިނެވެ. އެއީ ކުޑައިރުވެސް އަހަރެމެން އެކަކު އަނެކަކަށް އިސްލާހަތް ގޮވާލުމަށް ނަސޭޙަތް ދެމުން އައި ގޮތަށެވެ. ” އުމައިރު އަހަރެންގެ މަންމައަށް އަހަރެންގެ ފަރާތުން ނުދެވުނު ލޯތްބާ ކުލުނު ސަމީރުގެ ފަރާތުން ދޭން މަސައްކަތް ކުރީތީ އެކަމަށް އަހަރެން ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭގެ..” އަހަރެން ބުނީމެވެ. ” ދެން އެވާހަކަ ބާއްވަމާ.. އެމީހަކަށް ލިބި ހުރެ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ހުރި މީހަކު އެފަދަ އެހީތެރިކަން އަނެކާއަށް ކޮށްދޭނެ…އަހަރެން ކިބައިގައިވެސް މަންމަ ބެލެހެއްޓޭނެ ގާބިލިއްޔަތު ކަމެއް އެދުވަހު ނެތްނަމަ އަހަރެންނަށް ވެސް އޮންނާނީ ނުކުރެވި…ނަމަވެސް މާތްރަސްކަލާނގެ އަހަރެންނަށް އެޝަރަފް ދެއްވީތީ އެކަލާނގެއަށް ހާސްފަށުން ޝުކުރު ކުރަން…މާތް ރަސްކަލާނގެ މޫނިސާއްތަގެ ފުރާނަޔަށް ސުވަރުގެ މިންވަރު ކުރައްވާށި އާމީން…” އުމައިރު ބުންޏެވެ.

ސާއި ބޯން އަންނަން ބުނުމަށް ފަހު އުމައިރު އަހަރެމެންގެއިން ނިކުތެވެ. އަހަރެން އަންނައުނު ހިފައިގެން ފެންވަރައިލަން ނިކުތީމެވެ. ނަމަވެސް ގޭގެ ކޮންމެ ތަނަކުންވެސް މަންމައާ ބައްޕަގެ ހަނދާންތައް ވަމުން ދިޔައެވެ. މަންމައާއި ބައްޕަ އަހަރެންނަށް ލޯބިން ގޮވާލައި އަޑު އިވެމުން ދިޔައެވެ. އަހަރެން ފެންވަރައިގެން ނިކުތީމެވެ. ނޭނގި ނަމަވެސް މަންމަ ކައިރީ ސައިހެދިއްޖެ ތޯ އަހާލެވެން އުޅުނެވެ. އަހަރެންގެ ފަރާތުން އެފަދަ ހިތްދަތި ކަމެއް މަންމަމެނަށް ނުލިބުނު ނަމަ އަދިވެސް ދުނިޔޭގައި ހުރީސްކަން ނޭނގެއެވެ. އަހަރެން މީ ދުނިޔޭގައި އުޅުނަސް ހާދަ ބަދު ނަސީބު މީހެކެވެ. ކައިވެންޏަކަށްވެސް ދީންވެރި އަނބިން ހޯދަން އޮންނަނީ މިކަހަލަ ކަންތައްވާތީތާއެވެ. އަމްނާއަކީވެސް އެފަދަ މީހަކަށް ވިނަމަ އަހަރެން މިފަދަ ޙާލެއްގައިވެސް ނުލެއްވީސްތާއެވެ. ނަމަވެސް އެއީ އަހަރެންނަށް ހެޔޮއެދޭ އެންމެން ދެއްކި ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު އަހަރެން އަމިއްލައަށް ވެއްޓިގަތް އަނދަވަޅެއްތާއެވެ.

އަހަރެން ސައިބޯން ދިޔުމުންވެސް އުމައިރު އަހަރެންނަށް ވަރަށް ނަސޭޙަތްތެރިވިއެވެ. އަހަރެންނަކަށް ރަގަޅަކަށް ސައިވެސް ނުބޮވުނެވެ. ގައިގަ ނެތް ހިތްވަރެއްލައިގެން ކުޑަ އެތިކޮޅެއް ދިރުވާލީމެވެ. އުމައިރު އަހަރެންނަށް އަލުން އިސްލާމް ވުމަށް ބުންނެވެ. އަދި އެކަން ކުރާނެ ގޮތާ ތައުބާވާނެ ގޮތްތަކާ އެހެން ގޮސް އަހަރެން ކުރަންޖެހިފައިވާ ވަރަށް ގިނަ ކަންތައްތައް ކިޔައިދިނެވެ. އެވާހަކަތައް އަޑު އިވެމުން ދިޔަވަރަކަށް އެއީ ކުރިން އަހަރެންގެ އަމިއްލަ އަޑުން އަންނަމުން ދިޔަ ވާހަކަތަކެއްހެން އަހަރެންގެ ހަނދާނަށް އަންނަމުން ދިޔައެވެ. އާއެކެވެ. އޭރު ކިތަންމެ ކުޑަނަމަވެސް އަހަރެންނަށް އެފަދަ ވަރަށް ގިނަ ކަންތައްތައް އެނގެއެވެ. އަހަރެން އަލުން އިސްލާމްވީމެވެ. ތައުބާވެ އެތައްފަހަރަކު އަހަރެންގެ މައިންބަފައިންގެ ކިބައިން މާފަށް އެދެމުން ދިޔައީމެވެ. ނަމަވެސް އަހަރެންނަކަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ރަށަށް އައިފަހުން މުޅިގައިގަ އަހަރެން އަޅައިގެން އުޅުނު ސާމާންތައްވެސް ނަގާލީމެވެ. އަހަރެން ކުރާ އެއްވެސް ކަމެއްގަ އަހަރެންނަކަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. އަހަރެންނަށް ހީވަނީ އެކަލާނގެ އަހަރެންގެ ފާފަތައް އަދިވެސް ފުއްސަވާ ނުދެއްވަނީ ހެންނެވެ.

އަހަރެން އިސްލާމް ވުމުން އަމްނާގެ އުނދަގޫ ވަކިން ބޮޑުވިއެވެ. އަހަރެންނަށް އެންމެ ވަގުތަކުވެސް ރޭގަޑު ލޮލުފިޔައެއް ނުޖެހެއެވެ. ކިޔުނު ހާ ހެޔޮއެއްޗެއްވެސް އަހަރެން ކިޔަމެވެ. ނަމަވެސް އަމްނާ އަހަރެންނާއި ދުރަށް ދާކަށް ނޫޅެއެވެ. އަމްނާގެ ބަދަލުގަ އެގޮތުގައި އަހަރެންގެ މައިންބަފައިން ތިބޭނެނަމަ ކިހާ ރަގަޅު ހެއްޔެވެ. ނަމަވެސް އަހަރެންގެ ހިޔާލަށް އެމީހުން އަހަރެންނަށް ކޮށްދޭ ކަންތައް އަޔަސް އަހަރެންނަކަށް އެމީހުނެއް ނުފެނެއެވެ. ދުވަސްތައް ފާއިތުވަމުންގޮސް އަހަރެން ވަރަށް ބޮޑަށް ބަލިވާން ފަށައިފިއެވެ. ” ދެންވެސް އަހަރެން ހުރި ތަނަށް އަންނަން އުޅޭ…ކާކު މިތާ ސަމީރު ބަލާނީ… މިހާރު އަހަރެމެން އުޅުނު މިނިވަންކަން ދޫކޮށްލައިފައި މިތަނަށް އައިސް އެކަނިވެރި ކަމާއެކު އުޅުނީމަ ސަމީރުއަށް އަޅާލާނީ ކާކު؟..” އަމްނާ ބުނަމުން ދިޔައެވެ. އަހަރެންނަށް މިފަދަ ކަންތަކަށް މިހާރު އާދަވެވިއްޖެއެވެ. އަމްނާ އަހަރެންނާއި އެގޮތަށް ވާހަކަ ދެއްކިޔަސް އޭނަ މިދުނިޔޭގައި ނެތްކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އަމްނާގެ ރޫޙު އަހަރެންނަށް ތާއަބަދު އުނދަގޫ ކުރަން ޖެހޭ ސަބަބެއް އަހަރެންނަކަށް ނުވިސްނެއެވެ.

” ސަމީރު ކިހިނެއްވެފަ؟..” އަހަރެން ހެނދުނު ސައިބޯން ނުގޮސްގެން އުމައިރު އަހަރެންގެ ގެއަށް އައެވެ. އަހަރެންނަށް އޭރު އޮތީ އެނދުން ނުތެދުވިފައެވެ. ފަތިސްނަމާދަށް ތެދުވަން އުޅެއުޅެ އަހަރެންނަކަށް ނުތެވެވުނެވެ. އަހަރެންނަށް ހީވަނީ އަހަރެންގެ މުޅި ފައި އައްސިވެފައި ހުންނަހެންނެވެ. އަހަރެންނަށް ވަމުން ދިޔަ ގޮތް އުމައިރުއަށް ކިޔާ ދިނީމެވެ. ” އަހަރެންނަށް ހީވަނީ އަމްނާގެ ސިފައިގައި ސަމީރުއަށް ފެންނަމުން ތިދަނީ ޝައިތާނާހެން… އެއީ ސަމީރު އެންމެ ލޯބިވެ ސަމީރު ބޭނުންވި މީހަކީ އަމްނާއަށް ވުމުން އެސިފައިގައި ޝައިތާނާ ސަމީރުއާ ބައްދަލު ކުރަނީ… ޝައިތާނާއަކީ އޭނާގެ ކެހިވެރިކަމުގެ ދަލުގައި އިންސާނުން ޖައްސަން މަސައްކަތް ކުރާނެ އެއްޗެއް.. ސަމީރު ހިނގާ ހޮސްޕިޓަލަށް ދާން..” އުމައިރު ބުންޏެވެ. ” އުމައިރު ކީއްވެ..އަހަރެންނަށް.. ތިހާ ހެޔޮއެދެނީ؟.. އަހަރެން އުމައިރުމެނާ ދޭތެރޭ ވެސް ކަންތައް ކުރީ ކިހާ ގޯސްކޮށް..” އަހަރެން ހަޤީގަތުގައިވެސް ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. ” އަހަރެމެން މީ އިންސާނުން ކުއްވެސް ކުރެވޭނެ… އެކަމަކު މާފަށް އެދި ގިނަގިނައިން ތައުބާވެ..ދުޢާ ކުރުމަކީ އަހަރެމެންނަށް ލިބިގެންވާ ރީތި ސިފައެއް.. ހިނގާ ހޮސްޕިޓަލަށް ދާން..” އުމައިރު އަހަރެން ތެދުކުރުވިއެވެ. އަހަރެންނަށް އިށީދެގެން ހުރެވެއެވެ. ނަމަވެސް ދެފައި މައްޗަށް ކޮޅަކަށް ނުތެދުވެވެއެވެ.

އުމައިރު އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. ނަމަވެސް ޑޮކްޓަރުން ނަކަށް އަހަރެންގެ ބައްޔެއް ނުފެނެއެވެ. އުމައިރު އަހަރެން ކާރީ އެދުނީ ބޭރަށް ދާށެވެ. ނަމަވެސް އަހަރެން އެގޮތެއް ބޭނުމެއް ނުވެއެވެ. ސަބަބަކީ އަހަރެންނަށް ކުރިމަތިވެގެން މިއުޅޭ ކަމުގެ އަސްލު އަހަރެންނަށް އިހުސާސްވާތީއެވެ. އުމައިރު އަހަރެންނަށް އާދޭސް ކުރުމުންވެސް އަހަރެން ދާކަށް އެއްބަހެއް ނުވީމެވެ. ދުވަސްތައް ފާއިތުވަމުން ދިޔައީ މިފަދަ ގޮތަކަށެވެ. އަހަރެންނަށް ލިބެމުން މިދާ ސަޒާ އަހަރެން ގަބޫލުކުރަމެވެ. މީ އަހަރެންނަށް ލިބުން އެކަށީގެންވާ ސަޒާއެކެވެ. އަހަރެން ހުންނަން ޖެހުނީ މަންމަ ނިމި ދިޔައިރުވެސް ހުރި ގޮނޑީގައެވެ. ރަށުތެރޭގައިވެސް އަހަރެންގެ ހާލަތުގެ ވާހަކަ ދެކެވެން ފެށިއެވެ. ތުންތުންމަތިން މުޅި ރަށުތެރޭގައި ދެކެވެން ފެށި ވާހަކަތަކުން އަހަރެން ކަންބޮޑެއް ނުވެއެވެ. ނަމަވެސް އަހަރެން ކަންބޮޑުވަމުން އައީ އަހަރެންގެ ފާފަތަކާމެދުއެވެ. އަހަރެން ތައުބާވީމެވެ. ފާފަ ފުއްސެވުންއެދި ދުޢާ ކުރަމެވެ. ނަމަވެސް އަހަރެންގެ ތައުބާ ގަބޫލުކުރާވަރަށް ވުރެ އަހަރެންގެ ފާފަތައް ގިނަ ކަމުގައި އަހަރެންނަށް އިހުސާސްވެއެވެ.

ދުވަސްތައް މަސްތަކަކަށް ބަދަލުވަމުންގޮސް އަހަރެންގެ ހާލު އިތުރަށް ބޮޑުވިއެވެ. އަހަރެންގެ ނިމިދިޔުން އޮތީ އަހަރެން އެމައިންބަފައިންނަށް ޖެއްސި ހާލުންނެވެ. އަހަރެންގެ ހާލު އިތުރަށް ގޯސްވެ އެއްގޮތަކަށްވެސް ކޮޅަކަށް ނުހުރެވެއެވެ. ގައިގައި ނުރިއްސައި އެންމެ ކަށްޓެއްވެސް ނެތެވެ. އަޅަމުންދާ ވޭނަށް ކެތްތެރިވާން އެތައް މަސައްކަތެއް ކުރަމުން ދިޔައީމެވެ. ނަމަވެސް އިންސާނަކަށް އެމީހެއްގެ ގައިގައި އަޅާ ވޭނަށް ކެއްތެރިވެވޭނީ ވަކިވަރަކަށް ތާއެވެ. ތަންމަތީގައި އަހަރެން އޮތްނަމަވެސް އަހަރެންގެ މައިންބަފައިން ބަލައި ދިންފަދައިން އުމައިރު އަހަރެންނަށް ހުރިހާ ވަގުތަކުވެސް އެހީތެރިވަމުން ދިޔައެވެ. ހުރިހާ ވަގުތެއްގައި އަހަރެންނަށް ނަޞޭޙަތްތެރިވެ ހިތްވަރުދެއެވެ. އަހަރެން ތަންމަތީގައި އޮތްނަން ޖެހުނަސް..، ގައިގައި ކިތަންމެ ވޭނެއް އެޅިނަމަވެސް ފަސްވަގުތު ކުރާ ނަމާދަށް ރައްކާތެރިވީމެވެ. އަހަރެންގެ މައިންބަފައިންނަށް ސުވަރުގެ ދެއްވުން އެދި ދުޢާކުރަމެވެ. އަދި އަހަރެން މަރުވިޔަސް މައިންބަފައިންނާއި އެކީ ވުމަށްވެސް ދުޢާ ކުރެވެއެވެ.

އަހަރެންގެ މައިންބަފައިންނާއި ދޭތެރޭ އަހަރެންނަށް ކުރެވުނު ކަންތައް ހަނދާންވަނީ އަހަރެންގެ ހިތްފަޅައިގެން ދާ މިންވަރަށެވެ. އަހަރެންނަށް އުމައިރުގެ އެހީތެރިކަންވެސް ލިބެނީ އެކަލާނގެ އަހަރެންނަށް އެކަން މިންވަރު ކޮށްދެއްވުން އެދި އަހަރެންގެ މައިންބަފައިން ކޮށްފައިވާ ދުޢާގެ ސަބަބުކަންވެސް އަހަރެންނަށް އެނގެއެވެ. ގައިގައި އެތައް ވޭނެއް އަޅަމުންދާތާ އަހަރެއް ވެފައި ހުއްޓާ އަހަރެންނަށް ކުރަމުންދިޔަ ކަންތައްތަކަށް އިތުރަށް ކެތްނުވެ އަހަރެންގެ ފަހުނޭވާ ދޫކުރަން ޖެހުނެވެ.

*************************

މައިންބަފައިންނާއި ދޭތެރޭ އިހާނެތިކޮށް ހިތުމީ ހާދަ ނުބައި ކަމެކެވެ. ދެދުނިޔޭގައިވެސް އެމީހެއްގެ ހަޔާތް ބަރުބާދުވެގެންދާފަދަ ހިތްދަތިކަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ނުރުހުމާ ދެހަޔާތުގައިވެސް ބައްދަލުކުރަން ޖެހޭ ކަމެކެވެ. އަހަރެމެންގެ މައިންބަފައިން އަހަރެމެން ބަލާ ބޮޑުކުރަނީ އެތައް މަސައްކަތަކުންނެވެ. އަހަރެމެނަށް އެމީހުން އަހަރެމެނަށްޓަކައި ކުރަމުންދާ މަސައްކަތްތައް އެންމެ ބޮޑަށް އިޙުސާސް ކުރެވޭނީ އަހަރެމެންނަށް ވެސް އެފަދަ ދުވަހެއް އައުމުންނެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތާ އެމީހުންނަށް އޯގާތެރިވެ އަޅާލާބައެއްކަމުގައި އަޅަމެން ވަމާތޯއެވެ. އެމީހުންގެ މަރުދުވަހާ ހަމައަށްވެސް ހިތުގައި ނުޖައްސައި ގެންގުޅެމާތޯއެވެ. އަހަރެމެން ފިރިހެންދަރިންގެ ސުވަރުގެ ވަނީ އެ މައިމީހާގެ ފައިތިލަ ދަށުގައެވެ.

( ނިމުނީ )

29

1 Comment

  1. thiththaa

    December 15, 2020 at 11:07 am

    Masha allah kudhu …varaha reethi mi vaahaka 💔♥️♥️

Comments are closed.