މަތީނަށް ރަނގަޅަށް އެއީ ކޮން ކުއްޖެއްކަން ޔަޤީންވީ އެ ކުއްޖާ ވާހަކަދެއްކި އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. “ޒާޔާ!” އެ ކުއްޖާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެ މަތީނަށް ވައި އަޑުން އެ ނަން ކިޔައިލެވުނެވެ.

މަތީން އެހެން ބަލަން ހުއްޓައި ޒާޔާމެން ޖެހިގެން އިން ގޯޅިން އަނެއް މަގަށް އަޅައިލަނީއެވެ. މަތީން އިރުކޮޅަކު އެހެން ހުރެފައި ބާރަކަށް ހިނގައިލައިފައި ގޮސް އެ މަގަށް އަޅައިލިއެވެ. އޭރު ޒާޔާ ފެންނާކަށް ނެތެވެ. އެ މަގުގައި ހުރި ފިހާރައެއް ކައިރީ ޒާޔާ ގާތުގައި ހުރި މީހާ ހުއްޓި ހުރިތަން މަތީނަށް ފެނުނެވެ. އެއީ ކާކުތޯ ބަލައިލުމުގެ ގޮތުން މަތީން އެ މީހާ ގާތަށް ދިޔައެވެ.

މަތީން ފަހަތުން އެ މީހާގެ ކޮނޑުގައި އަތް އަޅުވައިލިއެވެ. އަތް އަޅުވައިލުމާއިއެކު އެ މީހާ ފަސް އެނބުރި މަތީނަށް ބަލައިލިއެވެ. އެއާއިއެކު ދެމީހުންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“ލިއަމް؟”

“މަތީން؟”

ދެމީހުނަށްވެސް އެކަކު އަނެކަކަށް ގޮވައިލެވުނީ އެކުއެކީގައެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އެއް ކުލަވަރުތަކެކެވެ. ދެމީހުން ބަލަހައްޓައިގެން ތިބި ގޮތުން ކަލޭ މިތާ ކީއްކުރަނީހޭ އަހާ ފަދައެވެ.

ދެމީހުން އެގޮތަށް ތިއްބައި ޒާޔާ ފިހާރައިން ނުކުމެއްޖެއެވެ. “ލިއަމް.” ލިއަމް ގާތަށް ގޮސް ހުއްޓެމުން ޒާޔާ ލިއަމްއަށް ބަލައިލިއެވެ. ހަމަ އެވަގުތެވެ. ޒާޔާއަށް ލިއަމް ގާތުގައި ހުރި މަތީން ފެނުނެވެ. މަތީން ފެނުމުން ޒާޔާ ކުޑަކޮށް ބިރުގަންނަ ގޮތްވިއެވެ. ނަމަވެސް ގާތުގައި ލިއަމް ހުރުމުން ޒާޔާއަށް ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް އިޙުސާސްކުރެވުނެވެ.

ދެ އަހަރުފަހުން މަތީނަށް ޒާޔާ ފެނުމުން އޭނާއަށް ވީ ގޮތްވެސް ނޭނގުނު ކަހަލައެވެ. މަތީން އަށް ހީކުރެވިފައިވީ ޒާޔާ އުޅޭނީ ވަރަށް ނިކަމެތި ޙާލެއްގައިކަމަށެވެ. އެހެނަސް އޭނާގެ ކުރިމަތީގައި އެހުރީ ހަމަ ކުރީގެ ޒާޔާއެވެ. ޒާޔާގެ ނަޞީބުގަދަކަމާއެވެ.

“ލިއަމް.” ލިއަމްގެ އަތުގައި ވިކައިގަންނަމުން ޒާޔާ ލިއަމްއަށް ގޮވައިލިއެވެ. “ޔެސް. ހިނގާ ދާން ދޯ.” ޒާޔާއަށް ބަލައިލަމުން ލިއަމް ބުންޏެވެ. އޭރުވެސް މަތީން ހުރީ ޒާޔާއަށް ބަލަހައްޓައިގެންނެވެ. ލިއަމް އެހެން ހުރެފައި ޒާޔާގެ އަތުގައި ހިފައިލުމުން މަތީނަށް ލިއަމްއާއި ދިމާލަށް ބަލައިލެވުނެވެ. ލިއަމް މަތީނަަށް ބަލައިލައި ހިނިތުންވެލުމަށްފަހު ޒާޔާ ގޮވައިގެން ހިނގައިގަތެވެ.

ލިއަމްއާއިއެކު ކުޑަތަންކޮޅަކަށް ދެވުނު ވަގުތު ޒާޔާ ފަހަތަށް ބަލައިލިއެވެ. އޭރު މަތީން ހުރީ ސީދާ އޭނާއަށް ބަލަހައްޓައިގެންނެވެ. ކުރިން މަތީންގެ ފަރާތުން ފެންނަ ފަދަ ނުރައްކާތެރިކަމެއް މިފަހަރު ޒާޔާއަށް އެ މޫނުމައްޗަކުން ނުފެނުނެވެ. ލިއަމް ކުޑަކޮށް ޒާޔާގެ އަތަށް ބާރުކޮށްލުމުން ޒާޔާ އަނެއްކާވެސް ލިއަމް އާއިއެކު ހިނގައިގަތެވެ.

ގެއަށް ވަދެވުމާއިއެއްކޮށް ޒާޔާ އެންމެ ފުރަތަމަވެސް ވަނީ ކޮޓަރިއަށެވެ. އޭނާ ގަތް ޗޮކްލެޓް ލިއަމް ގާތުގައި ފޮރުވަން ބުނުމަށްފަހު ކޮޓަރިއަށް އެ އައީ ހަމައަކަށް އެޅިލެވޭތޯއެވެ. ބެލްކަނީގެ ބިއްލޫރި ދޮރު ފޮރުވުމަށްޓަކައި އެޅުވިފައިވި ދަނބު ކުލައިގެ ދޮރުފޮތިގަނޑު ކަހައިލަމުން ޒާޔާ ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި އެއްފަރާތަކަށް ކަހައިލެވޭގޮތަށް އިންނަ ބެލްކަނި ދޮރު ކަހައިލުމަށްފަހު ބެލްކަންޏަށް ނުކުތެވެ.

ފިނިފިނި ވައިރޯޅިތައް ޒާޔާގެ ހަށިގަނޑުގައި ބީހިލުމާއިއެކު ދެންމެ އެ ހިތުގައި އުފެދުނު ހައިޖާނުގަނޑު ނެތިދިޔަކަހަލައެވެ. ނަމަވެެސް އަދިވެސް ޒާޔާގެ ހިތްވަނީ ކޮންމެެވެސް ވަރަކަށް ނުތަނަވަސްވެފައެވެ. ޒާޔާއަށް އެއްގޮތަކަށްވެސް މަތީނާއި ދިމާވާނެކަމަށް ހީކުރެވިފައެއް ނެތެވެ. ޒާޔާ އިތުރަށް ހިތް ނުތަނަވަސްވީ މަތީނަށް ޒާޔާ ފެނުނު ވާހަކަ އޭނާގެ ބައްޕަ ގާތުގައި ބުނެފާނެތީއެވެ. އެކަން އެގޮތަށް ވެއްޖެނަމަ ވާނެ ގޮތްވެސް ހިތަށް އަރުވައިލަން ދައްޗެވެ. ޒާޔާ ބޭނުންވަނީ މިހާރު އޭނާގެ ބައްޕައާއި ދުރުގައި ލިއަމް އާއިއެކު އުޅޭށެވެ. ޒާޔާ ޤަބޫލުކުރާގޮތުގައި ދެން ދުވަހަކުވެސް ނިހާން ޒާޔާއާއި އަނގައިންނެއް ނުބުނާނެއެވެ. ނިހާންގެ ހިތުގައި އަބަދުވެސް ޒާޔާއާއި ދޭތެރޭ ނަފްރަތާއި ރުޅިވެރިކަން ވާނެކަމަށް ޒާޔާއަށް ހީކުރެވިފައިވިއެވެ.

ޒާޔާއަށް ނޭނގުނު ކަމަކީ ޒާޔާގެ ހަނދާންތަކުގައި ނިހާން ވަގުތު ހޭދަކުރަމުންދާކަމެވެ. ޒާޔާގެ ހަނދާންތަކުން ނިހާނަށް އުނދަގޫކުރުވާ ކަމެވެ. ބައްޕައަކު ދަރިއަކު ދެކެވާ ލޯބި އަދިވެސް ޒާޔާއަށްޓަކައި އެ ހިތުގައި އޮތް ކަމެވެ.

އެތައް ސުވާލުުތަކެއް ހިތުގައި ބޮނޑިކޮށްގެން ހުރެ މަތީން ގެއަށް ވަނެވެ. ސޯފާގައި އިށީންގޮތަށް ބޮލުގައި އަތް އަޅައިލެވުނީ މިއަދު ފެނުނު މަންޒަރުން ބޮލުގައި އުފެދުނު ރިހުމެއްގެ ސަބަބުންނެވެ. ޒާޔާ ހަމަ ޙަޤީޤަތުގައިވެސް އުޅެނީ ލިއަމް އާއި އެކުގައި ހެއްޔެވެ؟ އަދި މަތީނަށް މިއަދު އެންމެ އުނދަގޫކުރުވީ ލިއަމް ޒާޔާގެ އަތުގައި ހިފައިލި ގޮތުންނެވެ. ލިއަމް އަށް އޮޅިގެން އެ ހުރިހާ ކަމެއް ކުރެވުނުއިރު މިހާރު އެއުޅެނީ ޒާޔާއާއި އެކުގައި ހެއްޔެވެ؟ މިކަހަލަ އެތައް ސުވާލުތަކެއް އެ ހިތުގައި އުފެދުނަސް ޒާޔާ ހެޔޮ ޙާލުގައި ހުރުމުން މަތީނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައިވިއެވެ.

ނިހާން ވަރަށް ފަހުން އެ ގެއަށް ގެނައި ގުރާ ކޮށްޓެއް ކައިރީގައި ނިހާ ކުޅެން އުޅުނެވެ. ކޮށި ދެބަޔަކަށް އިން އިރު އެއް ބައިގައި އަންހެން ގުރައެއް އުޅޭއިރު އަނެއް ބައިގައި ހަތަރު މުނިޔާ އުޅެއެވެ. މުނިޔާތައް ލައްވާ ލޯބި އަޑުތަކުން ކޮންމެ މީހެއްގެ ހިތަށްވެސް ހަމަޖެހުމެއް ލިބޭނެކަން ކަށަވަރެވެ.

“ނިހާ. އާދޭ ކިިޔަވަން.” ގޯތިތެރެއަށް ނުކުންނަމުން ޖަމީލާ ނިހާއަށް ގޮވައިލަމުން ބުނެލިއެވެ. ނިހާ ވަގުތުން އޭނާ އިންތަނުން ތެދުވެ ޖަމީލާ ގާތަށް ދުއްވައިގަތެވެ. “އޯ މަންމިގެ ބަސްއަހާ ރަންދޫނި މިއީ ދޯ. އަވަހަށް ހިނގާ.” ނިހާ އުރައިލައި އެކުއްޖާއާއި ލޯބިކޮށްލަމުން ޖަމީލާ ގެއަށް ވަނެވެ.

ނިހާން އެ ދުވަހު ޑިއުޓީ ނިންމައިލައިފައި ގެއަށް އައީ ވަރަށް ހަމަޖެހިފައިވި ހިތަކާއިގެންނެވެ. އޭނާއަށް ވަރަށް އަވަހަށް އޭނާގެ ދަރިފުޅު ފެންނަން އެބައުޅޭކަމަށް އޭނާގެ ހިތް ދިޔައީ ބުނަމުންނެވެ. އޮފީހުން ނިހާނަށް ލިބުނު އެއްމަހުގެ ޗުއްޓީއާއިއެކު ނިހާން ބޭނުންވީ އަވަހަށް މާލެއަށް ދާށެވެ. އެ ލިބުނު އެއް މަހުގެ ތެރޭގައި ޒާޔާ ހޯދަން ނިހާން ޢަޒުމުކަނޑައެޅިއެވެ.

“ޖަމީލާ. އަހަރެން ވަރަށް އަވަހަށް މާލެ ދާން މިއުޅެނީ.” ކޮޓަރިއަށްވަދެ ކަރުގައި އަޅައިފައި އިން ޓައިއަށް ދުލެއް ދެމުން ނިހާން ބުންޏެވެ. “އެ ކީއްކުރަން؟” ނިހާގެ ކިޔަވާ ފޮތުގައި އެއްޗެއް ލިޔެދެމުން ޖަމީލާ އަހައިލިއެވެ. “ޒާޔާ ހޯދަން.” ނިހާން ކުއްލިއަކަށް ބުނެލި ޖުމުލައިން ޖަމީލާގެ އަތުގައި އޮތް ގަލަން އޭނާގެ އަތުން ދޫވެގެން ވެއްޓުނެވެ. ކުއްލިއަކަށް ނިހާން ޒާޔާ ހޯދަން ބޭނުންވެގެން މިއުޅެނީ ކިހިނެތްވެގެންބާވައެވެ؟

“ކީއްވީ ކުއްލިއަކަށް ޒާޔާ ހޯދަން ތިއުޅެނީ؟ ނިހާން އަމިއްލައަކަށް ނޫންތަ އޭނަ ގެއިން ބޭރަށް އެއްލާލީ. ގެއިން ބޭރަށްލާފަ ދެން އޭނަ ހޯދުމުގެ ބޭނުމެއް ކޮބާ؟” ޖަމީލާގެ ރާގު ބަދަލުވެގެން ދިޔައެވެ. އޭނާ އެއްގޮތަކަށްވެސް ނިހާން އެކަން ކުރާކަށް ބޭނުމެއްނުވެއެވެ. އެމީހުން ނުލާހިކު ހަމަޖެހިލައިގެން މި ދެއަހަރުތެރޭ އުޅުނުއިރު އަނެއްކާވެސް އެ ‘މުޞީބާތް’ ގެއަށް ފާޅުވާކަށް ޖަމީލާއެއް ނޭދެއެވެ.

“ޖަމީލާ ރުހުނަސް ނުރުހުނަސް އަހަރެން ޒާޔާ ހޯދާނަން. އެއީ އަހަރެންގެ ދަރިއެއް. އަހަރެންގެ މި ހިތަކަށް ހަމަޖެހުމެއް ނުލިބޭ އަހަރެންގެ ދަރިފުޅު ނެތީމަ. ނިހާ ފެންނަ ކޮންމެ ވަގުތަކު ޒާޔާ މަތިން ހަނދާންވޭ. އެދުވަހު ޒާޔާ އެވަރަށް ރޮއެ ރޮއެ ހުއްޓަވެސް އަހަންނަށް ޒާޔާ ގެއިން ބޭރުކޮށްލެވުނީމަ އަހަރެން މިއަދު ވަރަށް ދެރަވޭ…. އަހަރެން ތިން ދުވަސްފަހުން މާލެ ދާނަން. އަހަރެން އަންނަންދެން ޖަމީލާ ނިހާއަށް ރަނގަޅަށް ބަލާތި. އަހަރެން އިރާދަކުރެއްވިއްޔާ އެނބުރި ރަށަށް އަންނާނީ އަހަރެންގެ ދަރިފުޅު ގޮވައިިގެން.” ސާބިތު އަޑަކުން އެހެން ބުނެލުމަށްފަހު ނިހާން ކޮޓަރިން ނުކުތެވެ.

ޖަމީލާއަށް އޭނާގެ އަތް މުއްކަވައިލެވުނެވެ. އަދި އެނދުމަތީގައި ޖަހައިލެވުނީ އައިއްސައި ހުރި ގަދަ ރުޅިގަނޑެއްގެ ސަބަބުންނެވެ. ޖަމީލާގެ އެ ޙަރަކާތްތަކަށް ބަލަން ދެލޯ ބޮޑުކޮށްލައިގެން ނިހާ އިނެވެ. ޖަމީލާ އެވަގުތުން އެވަގުތަށް ރޭވުމެއް ރާވަން ފެށިއެވެ. އިރުކޮޅެއް ވަންދެން ވިސްނައިލަން އިނުމަށްފަހު ޖަމީލާއަށް މޮޅު ޚިޔާލެއް ލިބިގެން ނިހާ އަށް ބަލައި ހިނިތުންވެލިއެވެ. “ނިހާ ލުކް. ނިހާގެ މަންމި ކިހާ ބްރޭވް ދޯ. ނިހާ ބަލަން ހުންނައްޗޭ. މިގެއާ މި ހުރިހާ މުދަލެއް ވާނީ ނިހާގެ އެއްޗިއްސަށް. ޒާޔާއަށް އެންމެ އެއްޗެއްވެސް ލިބުނަކަ ނުދޭނަން އިނގެ މަންމިގެ ލޯބި ދަރިފުޅު.” ޖަމީލާ ކިޔާ އެއްޗެއް ދޭހަ ނުވާ ޙާލުގައިވެސް ނިހާ ހިނިތުންވެލިއެވެ. ނިހާއަށް ހުރިހާ މޮޅެއް ދޭން އުޅެގެން މުސްތަޤުބަލުގައި ނިހާ ވާނީ ހަލާކުކަމެއް ޖަމީލާއަކަށް ރޭކައެއް ނުލައެވެ. ޖަމީލާ އެގޮތަށް ކަންތައް ކުރުމުން ނިހާގެ ހިތުގައި ޒާޔާއާއިމެދު ޙަސަދަވެރިކަން އުފެދި ދުވަހަކުވެސް ހަމަޖެހުމެއް ނުވާނެކަމެއް ޖަމީލާއަކަށް ނޭނގެއެވެ. ނިހާންގެ ހުރިހާ އެއްޗަކާ ހެދި މޮޔަވެފައި ހުރި ޖަމީލާގެ މޮޔަކަމުން އޭނާއަށް އެއިން އެއްވެސް ކަމެއް ވިސްނޭކަމަކަށް ނުވެއެވެ.

މެންދުރުގެ ވަގުތެވެ. ލިއަމް އާއި ޒާޔާ އާއި ދެމީހުންވެގެން މެންދުރުގެ ކެއުން ތައްޔާރުކުރިއެވެ. މުޅި ބަދިގެތެރޭގައިވެސް ހަރުލައިފައިވަނީ ޗީޒް ޕާސްތާގެ ވަހެވެ. މޭޒުމަތި ތައްޔާރުކުރުމަށްފަހު ދެމީހުންވެސް ކާން އިށީނެވެ. “ވެއިޓް.” ޒާޔާ ޕާސްތާ އަޅަންވެގެން އުޅުނު ޒާޔާއަށް ކުއްލިއަކަށް އޭނާގެ އަތް އެ ތަށިން ދޫކޮށްލެވުނެވެ. ލިއަމް ކުއްލިއަކަށް އެހެން ބުނުމުން ޒާޔާ ކުޑަކޮށް ސިހުނީއެވެ. “އިންސްޓާއަށް ލާން ވާނެއްނު މިހާ ފުރިހަމަ ކެއުމެއް ތައްޔާރުކޮށްފަ.” ކާމޭޒުމަތީ ހުރި ތަށިތަކުގެ ފޮޓޯތައް ނަގަމުން ލިއަމް ބުންޏެވެ.

އިންސްޓަރގްރާމްއަށް ފޮޓޯތައް ޕޯސްޓް ކޮށް ނިމުމުން ދެމީހުންވެސް ތައްޓަށް ޕާސްތާ އަޅައިގެން ކާން ފެށިއެވެ. “އްމްމްމް ހާދަ މީރޭ.” ޕާސްތާކޮޅެއް އަނގައަށްލަމުން ލިއަމް ބުންޏެވެ. “ޔާހް. ޔަމީ. އަސްލު ދެމީހުންވެގެން ޕާސްތާ ހެދީމަ މާ މީރު.” ލިއަމް ބޯ ޖަހައިލަމުން އާނ ދޯ އޭ ބުނެލިއެވެ. އެކިއެކި ވާހަކަދައްކަމުން ދެމީހުން ކެއުމައިގެން ކުރިއަށް ދިޔައެވެ.

ނިހާން މާލެ ދާން އުޅޭ ޚަބަރު މަލައިކާގެ ކަންފަތާއި ހަމައަށް ފޯރުމާއިއެކު މަލައިކާގެ ތުންފަތަށް ޙަޤީޤީ އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވިއެވެ. ޒާޔާ ހޯދުމަށްޓަކައި ނިހާންގެެ ބައްޕައަށް އެހީވާންވެސް މަލައިކާ ބޭނުންވިއެވެ. ނަމަވެސް އިންސާނެއްގެ ސިފަ ޖެހިގެންވެސް މަލައިކާއަށް އެ ރަށުން ބޭރަށް ދިޔުން ވަނީ ވަރަށް އުނދަގޫކަމަކަށެވެ. އެހެންކަމުން މަލައިކާ ނިންމީ ނިހާން ޒާޔާ ގޮވައިގެން އަންނަންދެން މަޑުކުރާށެވެ. ނިހާން ޒާޔާ ހޯދުމަށްޓަކައި ކުރާ މަސައްކަތުގައި ބަރަކާތް ލެއްވުން އެދި ދުޢާކުރަމުން މަލައިކާ އެދުވަހުގެ ޢަޞްރު ނަމާދު ކުރަން ތައްޔާރުވެލިއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ފަވާޝަތާއި ހަސްނައިން ތިބީ ރަށުގެ ތުނޑީކޮޅުގައެވެ. ބާރަށް ވައިޖެހެމުން ދިޔައިރު މޫދުގެ ލޮނުގަނޑުން ނަގާ ރާޅުތައް ބޮޑެތިވެފައި އޮއެ ގަދައެވެ. މިދުވަސްކޮޅު މޫސުމް ގޯސްވުމުގެ ސަބަބުން ވަނީ ކަނޑުގަދަވެ ރަށުން ކުރަން ޖެހޭ ބައެއް ދަތުރުތައްވެސް ކެންސަލް ކޮށްލައިފައެވެ.

“ފަވާ ހާދަ މަޑުން ތި އިންނަނީ.” ފަވާޝަތުގެ ފަރާތުން ފެންނަމުން ދިޔަ ހަމަހިމޭންކަން ހަސްނައިންއަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. އެހެންޏާ ފަވާޝަތަކީ އަބަދުވެސް ވާހަކަ ދައްކާ މީހެކެވެ. އެއްވާހަކަ ނިމުނިއްޔާ އަނެއް ވާހަކައެއް ފަށާނެއެވެ. ފަވާޝަތެކޭ ބޮލިރަވައެކޭ އެއްވަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

“ޒާޔާ މަތިން ހަނދާނެއް ނުވޭތަ ހަސްނައިން؟” އެއްދިމާލަކަށް ބަލަހައްޓައިގެން އިނދެ ފަވާޝަތު އަހައިލިއެވެ. “ނޫން. ވަރަށް ހަނދާންވޭ. އެ މަޖާ ދުވަސްތައް މަތިން ވަރަށް ހަނދާންވޭ. ޒާޔާ ނެތީމަ ހީވަނީ އަބަދުވެސް އެއްޗެއް މަދުވެފަ ހުންނަހެން.” ހަސްނައިން އޭނާގެ އިޙުސާސްތައް ފަވާޝަތާއި ޚިއްޞާ ކުރިއެވެ. “އަސްލު އަހަރެންވެސް ވަރަށް ހަނދާންވޭ ޒާޔާ މަތިން. އެކަމަކު އޭނަ ކުރި ކަންތަކުން ވަރަށް ފޫހިވެފަ މި ހުންނަނީ އޭނަ ދެކެ. ލަދުގަނޭ އޭނައާއެކީ އުޅެންވެސް. މީހުން ވަރަށް ފާޑުފާޑުގެ އެއްޗެހި އެވަރަށް ކިޔާ.” ފަވާޝަތު އެއިންގޮތަށް އިނދެ ބުންޏެވެ. ހަސްނައިން ދުރު ބަަލައިލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި ފަވާޝަތަށް ވިސްނައިދޭނެ ގޮތަކާއި ދޭތެރޭ ވިސްނައިލިއެވެ.

“އެހެންވީމަ ފަވާ ބަލަނީ މީހުން ކިޔާ އެއްޗިއްސަށް ދޯ! އެއްފަހަރުވެސް ވިސްނާލިންތަ ޒާޔާއާ ދޭތެރޭގަ؟ މިހާރު އަހަންނަކަށް ނޭނގެ އޭނަ ދުނިޔޭގަ ހުރިކަމެއް ނުވަތަ ނެތްކަމެއްވެސް. އޭނައަށް ގުޅޭނެ ގޮތެއްވެސް ނެތް މިހާރަކު… އަސްލު މަށަށް ވަރަށް ހީނުވޭ ޒާޔާ އެކަހަލަ ކަމެއް ކޮށްފާނެހެނެއް. ކޮންމެވެސް ބަޔަކު ރާވައިގެން ކުރިކަމަކަށް ތިވާނީ. މިޒަމާނުގަ މީހަކު ބަދުނާމުކޮށްލުމަކީ މާ އުނދަގޫކަމެއް ނޫން. ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ހަމަ… ޒާޔާ ނުކުރާނެ އެކަހަލަ ކަމެއް. އޭނަ އެކަން ކުރިނަމަކަ އެގޮތަށް ގޮތް ހުސްވެގެން ގޮސް އެދުވަހު ކަނޑަށް ފުންމައެއް ނުލާނެ. ނަޞީބެއް އެދުވަހު އަހަންނަށް އޭނަ ސަލާމަތްކުރެވުނުކަން. ހަމަ ނަޞީބު.” ހަސްނައިން ދެއްކި ވާހަކަތަކުން ފަވާޝަތު އިނީ ޒާތަކަށް އުނދަގުލެއްވެފައެވެ. ހަސްނައިން ދެއްކި އެއްވެސް ވާހަކައެއް އޭނާއަށް ޤަބޫލުކުރަން ދަތިވަނީއެވެ. ހުރިހާ އެއްޗެއް ލޮލަށް ފެނުނީމައިވެސް ހަސްނައިން އެ ބުނަނީ ޒާޔާ އެކަހަލަ ކަމެއް ނުކުރާނެ ކަމަށެވެ. “މަށަށް ވަރަށް ރަނގަޅަށް އިނގޭ ތީ ކާކުކަން. ބުނާ ބަހުގަ ހިފަހައްޓާނެ ވަރަށް މޮޅަށް. އަދި މީހަކު ކިތަންމެ ގޯސްކަމެއް ކުރިޔަސް ހަސްނައިންއަކަށް ނުފެންނާނެ އެކަމެއް.” ހިތްހަމަނުޖެހިފައިވި ރާގެއްގައި ހަސްނައިންއާއި ދިމާލަށް އެހެން ބުނެލުމަށްފަހު ފަވާޝަތު އެތަނުން ތެދުވެގެން ދާން ހިނގައިގަތެވެ. “ފަވާ މަޑުކޮށްބަލަ. އަހަރެން އަދި ފަވާ ރުޅިއަންނަވަރުގެ އެއްޗެއް ނުބުނަމެއްނު.” ހަސްނައިން އިންތަނުން ތެދުވެ ފަވާޝަތުގެ ފަހަތުން ހިނގައިގަންނަމުން ބުނެލިއެވެ. ފަވާޝަތު ފަސްއެނބުރި ހަސްނައިންއަށް ބަލައިލައިފައި ލުއި ގޮތަކަށް ހިނިތުންވެލިއެވެ. “ދެން އެވާހަކަ ބާއްވާފަ ހިނގާ ދޯ ފިނި އެއްޗެއް ބޯލަން ދާން.” ފަވާޝަތުގެ މޫޑު އިތުރަށް ޚަރާބުކުރަން ބޭނުންނުވުމުން ހަސްނައިން މަޢުޟޫއު ބަދަލުކޮށްލިއެވެ. ފަވާޝަތު ހިނިތުންވެލަމުން ހަސްނައިންއާއިއެކު ގޮސް ސައިކަލަށް އެރިއެވެ.

މިއަދަށް ކުރަން ހުރި މަސައްކަތްތައް ނިންމައިލައިފައި އުސްމާނާއި ނޫމާން ގެއަށް ދިޔައެވެ. ނޫމާން ކޮޓަރިއަށް ފެންވަރަށް ވަތް އިރު އުސްމާން ސިޓިންގް ރޫމުގައި މަޑުކޮށްލީ ލިއަމްއަށް ގުޅައިލުމުގެ ބޭނުމުގައެވެ. ނަމްބަރުތަކަށް ފިތައިލަމުން އުސްމާން އޭނާގެ ފޯނު ކަންފަތުގައި ޖައްސައިލިއެވެ.

ސިޓިންގް ރޫމުގައި ޓީވީ ބަލަން އިން ޒާޔާގެ ކަންފަތުގައި ލިއަމްގެ ފޯނު ރިންގްވާ އަޑު އިވެން ފެށުމުން ޓީވީ ރެކް ކައިރިއަށް ދިޔައެވެ. ލިއަމް ގޭގައި ނެތްވަގުތަކަށް ވުމުގެ ސަބަބުން ޒާޔާ ބޭނުންވީ ފޯނު ނުނަގައި އެއޮތްގޮތަށް ބާއްވާށެވެ. އެހެންކަމުން ފޯނު ސައިލެންޓަށް ލައިފައި އަނެއްކާވެސް ޒާޔާ ސޯފާގައި އިށީނެވެ. އިރުކޮޅެއްނުވެ އަނެއްކާވެސް ފޯނު ރިންގްވާން ފެށިއެވެ. ޒާޔާ ރުޅި މޫނު ހަދައިލައިގެން ގޮސް ފޯނު ނެގިއެވެ.

“ހަލޯ.” އެތައް ދުވަހަކަށްފަހު ޒާޔާގެ އަޑު ކަންފަތުގައި ޖެހުމުން އުސްމާނަށް ވީގޮތްވެސް ނޭނގުނެވެ. ޒާޔާ ދަރިފުޅާއޭ ކިޔައިފައި އުސްމާނަށް ގޮވައިލެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ.

“ކާކު؟” ހަމައެކަނި ޒާޔާއަށް އަޑުއިވޭނެވަރަށް ޒާޔާ އެ ސުވާލުކޮށްލިއެވެ. ނަމަވެސް ކޯލުގައި ހުރި އުސްމާނަށް އެ އަޑު ވަރަށް ސާފުކޮށް އިވުނެވެ. “މީ އުސްމާންބެއޭ. ޒާޔާ ކިހިނެތްތަ ޙާލު؟” ޒާޔާއަށް މި ވާހަކަދެކެވެނީ އުސްމާނާއިކަން އެނގުމުން ޒާޔާ އަވަހަށް ފޯނު އޭނާގެ ކަންފަތުން ދުރުކޮށްލިއެވެ. އަދި ފޯނު ބިޒީކޮށްނުލައި އެ އޮތްގޮތަށް ރެކްމަތީ ބާއްވައިފައި އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

“ހަލޯ؟ ހަލޯ؟ ޒާޔާ؟” އެކޮޅުން އެއްވެސް އަޑެއް ނީވުމުން އުސްމާން ތަންކޮޅެއް ބާރަށް ޒާޔާއަށް ގޮވައިލިއެވެ. އުސްމާން ޒާޔާއަށް ގޮވައިލި އަޑު އެވަގުތު ކޮޓަރިން ނުކުތް ނޫމާންގެ ކަންފަތުގައި ޖެހުނެވެ.

“ޒާޔާއޭ؟” އުސްމާން ގާތަށް ދަމުން ނޫމާން ސުވާލުކޮށްލިއެވެ. “އާނ ދަރިފުޅާ. ޒާޔާ.” ފުޅާ ހިނިތުންވުމަކާއިއެކު އުސްމާން ބުންޏެވެ. ނޫމާން އުސްމާންގެ އަތުން ފޯނު އަތުލަމުން ފޯނު ސްޕީކަރަށް ލައިފައި ނޫމާން ޒާޔާއަށް ގޮވައިލިއެވެ. އެެހެނަސް އެއްވެސް ޖަވާބެއް ނުލިބެއެވެ. ދިހަވަރަކަށް ފަހަރު ފޮވުމުންވެސް އެއްވެސް އަޑެއްބަޑެއް ނީވުނެވެ. ނޫމާން ފޯނު ކަނޑައިލައިފައި އުސްމާންގެ އަތަށް ދިނެވެ.

“ލިއަމް ސަރ އަށް ގުޅައިގެން ދޯ ޒާޔާ އަތުއަޅުވައިލެވޭނީ. ހެހެހެ.” ސަމާސާ ރާގެއްގައި ނޫމާން ބުންޏެވެ. “އާން. އެކަމަކު މީގެ ކުރިން ލިއަމްއަށް ގުޅައިގެން ޒާޔާއަކާ ދިމައެއްނުވޭ. ލިއަމް ވަރަށް އުޅޭނެ ފޯނު ދޭން ޒާޔާއަށް. އެކަމަކު އެ ކުއްޖާ މިހާރު އަހަރުންދެކޭ ގަންނަ ބިރަކުން އެހުންނަނީ ވާހަކަ ނުދައްކަން.” މާޔޫސީ ރާގަކަށް އުސްމާން ބުނެލިއެވެ. “ބައްޕާ ދެން ކީއްކުރާނީ؟ ޒާޔާގެ އެންމެ ގާތް މީހާ އެހުރީ ޒާޔާއަށް ހަދައިލި ގޮތް. އެހެންމަ އެ މީހާއާ ގުޅުން ހުރި ކޮންމެމީހަކާ ކުރިމަތިލާން މިއަދު ޒާޔާ ޖެހިލުންވާނެ.” ނޫމާން ވެސް މާޔޫސީ ރާގަކަށް އެހެން ބުުނެލިއެވެ. “ބައްޕަ މި ނުކުންނަނީ ފެންވަރައިލައިގެން. ދަރިފުޅު ދޭ މިސްކިތަށް. ބައްޕަ ދާނަން.” ފުން ނޭވައެއް ދޫކޮށްލައި ހަމައަކަށް އެޅިލަމުން އުސްމާން ބުންޏެވެ. ނޫމާން ބޯ ޖަހައިލައިފައި ގެއިން ނުކުމެގެން ހިނގައްޖެއެވެ. އުސްމާން ގޭ ދޮރު ލައްޕައިލައިފައި ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

އަފްލާހް އާލިޔާ ޑޮކްޓަރަށް ދައްކައިފައި އައިސް ގެއަށް ވަދެ އެންމެ ފުރަތަމަވެސް އާލިޔާގެ އެދުމުގެ މަތިން ފަވާޝަތަށް ގުޅައިލިއެވެ. “ފަވާ.” ބަލި އަޑަކުން އާލިޔާ ފަވާޝަތަށް ގޮވައިލިއެވެ. “އޯއި ބޮޑުދައިތާ. ރަނގަޅުތަ؟”

“ރަނގަޅު އިރާދަކުރެއްވިއްޔާ. ފަވާ ދެން އަވަހަށް އަންނަންވީނު މިކޮޅަށް ދޯ. އަފްލާހް ގިނަ ވަގުތު ވަޒީފާއާ ކިޔެވުމުގެ ކަންތަކުގަ އުޅޭތީ ބޮޑުދައިތަ މި އުޅެން ޖެހެނީ އެކަނި. ބޮޑުދައިތަ ބަލަން ބިދޭސީ މީހެއް ގެނެއްސަ ހުރީ. އޭނަ ވަރަށް ރަނގަޅު ބޮޑުދައިތައަށް. އެކަމަކު ފަވާ ހުރިއްޔާމުން ބޮޑުދައިތަގެ ހިތަށް މާ ފަސޭހަވެފަ ހަމަޖެހުން ލިބޭނެ.” އާލިޔާ އޭނާ ބޭނުންވާގޮތް ފަވާޝަތަށް ހާމަކޮށްދިނެވެ.

“ބޮޑުދައިތާ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދާނަން އިނގޭ. ފަވާއަށްވެސް އަސްލު އުނދަގު ބޮޑުދައިތައާ އަފްލާހުބެއާ ވަކިން އުޅެން.”

“އެހެންވީއިރު އަންނަންވީއެއްނު ދޯ… މަޑުކުރައްޗޭ އަފްލާހް އަތަށް ފޯނު ދޭން ބުނެފި.”

“ހަލޯ ފަވާ.” ފޯނު ކަންފަތުގައި ޖައްސައިލަމުން އަފްލާހް ބުންޏެވެ.

“ޔެސް އަފްލާހްބެ.”

“ތިރަށުން ދެން ފުރަން އޮތް ލޯންޗުން ފަވާ މާލެ އަންނަންވީއެއްނު ދޯ. ތިން ދުވަސްފަހުން އެ ލޯންޗު ފުރާކަމަށްވަނީ.” އަތުގައި އޮތް ކަރުދާސްގަނޑަށް ބަލަހައްޓައިގެން އިނދެ އަފްލާހް ބުންޏެވެ.

“ތިން ދުވަސް ފަހުން ދޯ… އޯކޭ. ހައު އެބައުޓް ދަ ޓިކެޓް؟”

“ޑޯންޓް ވޮރީ އެބައުޓް ދެޓް. އައި ވިލް ހޭންޑްލް ދެޓް. ޓޭކް ކެއަރ ސިސް.” އެކޮޅުން ފަވާޝަތުވެސް ޔޫ ޓޫ އޭ ބުނެލުމުން އަފްލާހް ފޯނު ކަނޑައިލިއެވެ.

ރޭގަނޑުގެ ވަގުތެވެ. ޖަމީލާ ނިހާ ނިންދަވައިފައި ކޮޓަރިން ނުކުތެވެ. ނިހާން އަންނަންވާއިރަށް ކާން ތައްޔާރުކުރުމަށްޓަކައި ޖަމީލާ ބަދިގެއަށްވަނެވެ.

ނިހާން ގެއަށް އައުމުން ޖަމީލާ ނިހާން އަށް ކާން ހަދައިދީފައި ނިހާން ގާތުގައި އިށީނެވެ. އަދި ފުން ނޭވައެއް ދޫކޮށްލަމުން ޖަމީލާ ނިހާންގެ އަތުގައި ހިފައިލިއެވެ.

“ނިހާން. އަހަންނަށް އިނގޭ ނިހާން ޒާޔާ މަތިން ވަރަށް ހަނދާންވާކަން. އަހަރެންވެސް އެ ކުއްޖާ މަތިން ވަރަށް ހަނދާންވޭ. އެކަމަކު އޭނާ ކުރި ކަންތައް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ…. ނިހާން.. އަހަރެންވެސް ބުނާނީ ޒާޔާ މިކޮޅަށް ގެންނާށޭ. އަހަރުމެންގެ ގާތަށް.” ޖަމީލާ ނިހާންގެ ކުރިމަތީގައި އޭނާގެ މޮޅު އެކްޓިންގް ދައްކަމުން ދިޔައެވެ. އެއީ ޖަމީލާ ހަމަ ޙަޤީޤަތުގައިވެސް ބޭނުންވެގެން ދެއްކި ވާހަކަތަކެއް ކަމަށް ބަލައިގެން ނިހާނަށް ވަރަށް ފަސޭހައިން ޖަމީލާ ދެއްކި ވާހަކަތައް ޤަބޫލުކުރެވުނެވެ. “އަހަރެން ވަރަށް އުފާވެއްޖެ.” ނިހާން ވީ އުފަލުން ޖަމީލާގެ ނިތަށް ބޮސްދިނެވެ. އެއާއިއެކު ޖަމީލާގެ ތުންފަތަށް ކާމިޔާބީގެ ހިނިތުންވުމެއް ވެރިވިއެވެ.

ދުވަސްތައް މާޒީއާއި އެކުވަމުންގޮސް ތިން ދުވަސް ފާއިތުވެއްޖެއެވެ. ނިހާން އާއި ފަވާޝަތު ތައްޔާރުވަމުން ދިޔައީ މާލެ ދިއުމަށެވެ. އިއްތިފާގުން ދެމީހުންނަށްވެސް ދެވެން މިއުޅެނީ އެއް ލޯންޗެއްގައެވެ.

“ދަރިފުޅާ. ބައްޕަ މި ދަނީ ދަރިފުޅު ބަލައި. ބައްޕައަށް ކުރެވުނު ކަންތަކަށް ދަރިފުޅު މާފުކުރާނެކަމަށް ބައްޕަ ހީކުރަން. ބައްޕައަށް ހަމަ ކެތްނުވަނީ ދަރިފުޅާ ނުލައި އުޅެން.” ފޮށިތައް ބަންދުކޮށް ނިންމައިފައި ޒާޔާގެ ފޮޓޯގަނޑެއް ހިފައިގެން އައިސް އެނދުގައި އިށީނދެ އިނދެ ފޮޓޯގައިވި ޒާޔާގެ ތަސްވީރާއި ވާހަކަދައްކަމުން ދިޔައެވެ. ގަޑިޖެހޭތީ ނިހާން ފޮޓޯގަނޑު ބާއްވައިފައި ފޮށި ހިފައިގެން އަވަހަށް ކޮޓަރިން ނުކުތެވެ.

ދިއުމުގެ ކުރިން ދަރިފުޅު އުރައިލަން ބޭނުންވުމުން ނިހާން ބަދިގޭގައި ކޮށި ދުއްވަން އިން ނިހާ ކޮށިން ނަގައި އުރައިލައި އެ ކުއްޖާއާއި ލޯބިކޮށްލިއެވެ. އަދި ޖަމީލާ އައުމުން ޖަމީލާގެ ނިތަށް ބޮސްދީފައި ނިހާ ޖަމީލާގެ އަތަށް ދިނެވެ. ދެމައިންނަށް ހަނާ އަޅައިލުމަށްފަހު ނިހާން ގެއިން ނުކުންނަން ހިނގައިގަތެވެ.

ނިހާން ދިއުމުން ޖަމީލާ ނިހާ ގޮވައިގެން ކޮޓަރިއަށް ވަނެވެ. އެނދުމަތީގައި ނިހާ ކުޅެން ބައިންދައިފައި ތެދުވަން އުޅުނުތަނާ ޖަމީލާއަށް ފެނުނީ އެނދުމަތީގައި އޮތް ޒާޔާގެ ފޮޓޯގަނޑެކެވެ. ޖަމީލާ އެ ފޮޓޯގަނޑު ނަގައި އެއަށް ރަނގަޅަށް ބަލައިލިއެވެ. އެ ފޮޓޯގަނޑުގައި ޒާޔާ ހިނިތުންވެލައިގެން އިން އިރު ޖަމީލާއަށް ހީވީ ނޭނގޭ މީހަކު އައިސް އޭނާގެ މޫނުމަތީގައާއި ބޮލުގައި އެއްޗަކުން ޖަހާހެންނެވެ. ބަލާކަށް ނުހުރެ ޖަމީލާ އެ ފޮޓޯގަނޑު ވީދައި ކުދިކުދި ކޮށްލިއެވެ. އަދި ކޮޓަރީގެ ކުޑަދޮރުން ބޭރަށް ކުދިކުދިވެފައިވި ކަރުދާސްތައް އުކައިލިއެވެ. “ޒާޔާ. ކަލޭ އަނބުރައި ރަށަށް އައީމަ…. ހަމަ މިގޮތަށް ހަދާލާނީ.” ނުރައްކާތެރި ބެލުމަކުން ބިންމަތީގައިވި ކަރުދާސްކޮޅުތަަކަށް ބަލަހައްޓައިގެން ހުރެ ޖަމީލާ ބުންޏެވެ.

(ނުނިމޭ)

69

23 Comments

  1. Saaa

    September 16, 2020 at 6:12 am

    Varah reeti

  2. Saaa

    September 16, 2020 at 6:48 am

    Varah reeti vahaka eh

    • Dhonthy

      September 16, 2020 at 4:47 pm

      Saaa 🙂 🙂 🙂 Thank you so much dear <3

  3. єℓєνєη αηυαнѕ

    September 16, 2020 at 7:33 am

    нєу ԃнσηтну…ℓσνє тнιѕ ραят αℓѕσ…єкαм żαуα ηυƒσηυναнċнєу ηιнαη αα єкυ…єуηα вαнρρα єн кαмαкυ ηιнαη ααα єнкσн ԃнιуααмα єυℓнєу วαмєєℓα ηєуηցє żαуα αн нαԃнαααℓααηє ցσтнєн νєѕ…żαуα αн мαα ѕαƒє νααηє ℓιαм кααяι нυηηαη…мιнααяυ ԃнη ηιнααη żαуα мαтнιη кση нαηԃнααηєн νααкαн…єƒαкєєяυ ηυкυяαα кαмєнցα ցєιη ηєяιℓαα ԃнυηιує αн ցιηα кσнℓααƒα..ι нαтє ηιнααη żαуαα αн єнη нєԃнєємα.. вαнρρα αкυ ԃнαяι αн єнη нαԃнααƒααηє кαмαн нєєνєѕ ηυкυяαη…αԃнι мιυℓнєу วαмєєℓα νєѕ вσηԃι єн вσαηє ԃнσηтну ցє αтнυη😂😁.яαηցαℓнυ нαηԃнααηυη ηυιƒιℓαα ναяυցє вσηԃι єн วαмєєℓαα αн ԃнєутнι ιηցєу ԃнσηтну…αηԃ żαуα αн ԃнєяα ցσтнєн ηαнαԃнαнċнєу😥😌…тнιѕ σηє σƒ му ƒανσυяιтє ѕтσяу💯♥️кєєρ ιт υρ ԃнσηтну…αηԃ υρ ѕσση ηєχт ραят…ι αм ωαιтιηց ƒσя тнє ηєχт ραят😉😉🥰..αηԃ втω ԃнσηтну ցє αցє αкєє кσвαα…วυѕт αѕкιη..😁ℓσνє уσυ ԃнσηтну♥️🥰💯ѕтαу ѕαƒє ѕтαу нσмє🏠.тċ.

    • Dhonthy

      September 16, 2020 at 4:36 pm

      Wow! What a unique comment 😀 😀 😀 😀 😀 Thank you so much dear. It really means a lot for me 🙂 <3 <3 <3 Jameelaa au varugadha lan'deiy libeyneyey ehn ulhefa inge 😉 😉 😛 😛 😛 And yes dear! Keep waiting for the next episode. Love you too and stay safe <3 <3 <3 <3 Take care <3 <3

  4. ❤️shyn❤️

    September 16, 2020 at 8:20 am

    Wooow.. V. Reethi mi part ves… Curiously waiting for the nxt part… LYSM ❤️❤️❤️
    TC💖💖💖

    • Dhonthy

      September 16, 2020 at 4:37 pm

      shyn 🙂 🙂 🙂 Thank you so much dear. And yes! Keep waiting curiously for the next episode 😀 😀 Love you too and take good care <3 <3 <3 <3

  5. R¥N

    September 16, 2020 at 8:28 am

    Maasha Allah 🖤🖤varah reethi 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤dhonthy.. Zaaya sad kohnulahchey.. curiously waiting for the next part 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤Lysm 🖤🖤🖤🖤Tc dhonthy

    • Dhonthy

      September 16, 2020 at 4:40 pm

      RYN 🙂 🙂 🙂 Thank you so much dear 😀 😀 😀 Zaayaa dherakounulaa weythw balaanan inge 🙂 🙂 😛 And yes! Keep waiting curiously for the next episode 😛 😛 😀 😀 😀 Love you too and take care <3 <3 <3 <3 <3

  6. ZukkO-Sh

    September 16, 2020 at 9:32 am

    MA SHA ALLAH.. varah varah reethi curiously waiting for the next part.. avahah upload kohlachey.. luv everibit of this story <3

    • Dhonthy

      September 16, 2020 at 4:42 pm

      ZukkO-Sh 🙂 🙂 🙂 Thank you so much. And yes! Keep waiting for the next episode 😀 😀 Liyevunuhaa avahakau ebai upload kolladheynan inge 🙂 🙂 🙂 vvv ufaawejje mi comment kiyaalewifa 😀 😀 😀 😀

  7. Maash

    September 16, 2020 at 11:10 am

    Wow Varah reethi Maasha Allah 😍❤️❤️ mi jameela ah bodi eh baalabala alhay😩😐 i hate that jameela so much😠😠 vaahaka kiyaahithun indha nimuny😉dhonthy avahah next part up kohdhehchy🙂Lyssm ❤️😉

    • Dhonthy

      September 16, 2020 at 4:44 pm

      Maash 🙂 🙂 🙂 Thank you so much dear 😀 😀 Iraadhakurevviyyaa liyevunuhaa avahakau dhen in bai upload kolladheynan inge. 🙂 🙂 Love you too <3 <3 <3 <3 <3

  8. Aminath Ameena

    September 16, 2020 at 4:24 pm

    ދޮންމަންމަ ނުބައިކަން ދޯ

    • Dhonthy

      September 16, 2020 at 4:45 pm

      🙂 🙂 🙂 Aminath Ameena

  9. Ram

    September 17, 2020 at 7:13 am

    Maasha allah vvvv reethi mibai ves dhonthy vaahaka nimeneetha ehaa avahah nuninhmah chy engy.

    • Dhonthy

      September 17, 2020 at 8:49 am

      Ram 🙂 🙂 🙂 Thank you so much dear. Waahaka nimeykau nuwe adhi dear 🙂 🙂 🙂 <3 <3 <3

  10. maasha

    September 17, 2020 at 9:52 pm

    Vvvvv nice aslu ves mibunee …………….. Waiting for next part

    • Dhonthy

      September 18, 2020 at 8:56 pm

      maasha 🙂 🙂 🙂 Thank you so much. And yes! Keep waiting for the next episode <3 <3

  11. Kairaa

    September 17, 2020 at 9:53 pm

    hey dhonthy……
    varah varah reethi mi bai vx….
    e jameelaa vrh reyvun thah ravaa dhw eba😡😣….
    curiously waiting for the nxt part…
    LYSMMM💕💕💕
    STAY SAFE DHONTHY😊☺️💓
    MISSS U BODUKOH😁😁

    • Dhonthy

      September 18, 2020 at 8:58 pm

      Kairaa 😀 😀 😀 Thank you so much dear 🙂 It really means a lot <3 <3 <3 And yes! Keep waiting curiously for the next episode 😀 😀 😛 😉 Stay safe and stay home dear. Love you too <3 <3 <3 <3 Miss ya my friend <3 <3 🙂 🙂 🙂

  12. ⛦Xoya⛤

    September 18, 2020 at 7:35 am

    Really sorry dhonthy. Thankolheh lahun mi kiyaalevuny mi part. Mi part ves varah furihama. 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯amazing story 🤓🤓🤓🤓🤓🤓🤓😙😙😙😙😙😙😙😙🤗🤗🤗🤗😇😇😇😇❤❤❤❤❤❤💖💖💖💖💞💞💞💗💗💗💟💟💟💕💕💕💕💜💜💜💝💝💝💖💖💖💗💗💗💙💙💙💚💚💚💛💛💛💜💜💜 curiously waiting for the next part. Have a good day. Stay home Stay safe 🙂🙂🙂🙂🙂🙂🙂🙂

    • Dhonthy

      September 18, 2020 at 9:00 pm

      Xoya 🙂 🙂 🙂 No need to say sorry and thank you so much dear 🙂 🙂 🙂 And yes! Keep waiting for the next episode 🙂 Stay home and stay safe <3 <3 <3 <3

Comments are closed.