އިރުކޮޅަކު އެހެން ހުރުމަށްފަހު މާއިޝް ކުރިއަށް ފިޔަވިއްސެއް އަޅާލީ، އެ އަންހެންކުއްޖަކީ ހަމަ އޭނާތޯ ބެލުމަށް އޭނާގެ ހިތް އޮބި ނޯންނަ ވަރަށް އެދެމުން ދާދިއުމަށް އިޖާބަ ދިނުމުގެ ގޮތުންނެވެ. އަތުގައި ތުރުތުރު އަޅަމުން ދިޔަ ޙާލު މާއިޝް އެކުއްޖާގެ ކޮނޑުގައި އަތް ބާއްވާލަމުށްފަހު އެއީ އޭނާއަށް ނުވޭތޯ ދުޢާ ކުރަމުން ލޯ މަރާލިއެވެ.
*******************************************************
ސިއްސައިގެން ގޮސް އަލާވްޔާއަށް ލަވަ ނިންމުމަކާއި ހަމައަށް ގެންނަން ޖެހުނީ ފަހަތުން މީހަކު އޭނާގެ ކޮނޑުގައި ހިފުމުންނެވެ. ހުއްޓުމެއްނެތި ވެހެމުން ދިޔަ ބޯ ވާރޭ ތެރޭގައި ގޮތް ނޭނގޭ މީހަކު އައިސް ކޮނޑުގައި އަތްލުމުން އަލާވްޔާ ބިރުގަންނަ ގޮތްވިއެވެ. ކާކުތޯ ބަލާލުމަށް އަލާވްޔާ ފަހަތަށް އެނބުރުނު ވަގުތު ލޯމަރައިގެން ހުރި އެ ޒުވާނާ ފެނިފައި އަލާވްޔާއަށް ގޮތް ގޮތް ވާން ފެށިއެވެ. މަޑު މަޑުން މާއިޝް ލޯ ހުޅުވާލި ހިނދު އޭނާއަށް ވެސް އަލާވްޔާއަށް ވީ ފަދަ ގޮތްތަކެއް ވާން ފެށިއެވެ. މާއިޝްގެ ކުރިމަތީގައި މިހިރީީ ކުޑަ އިރުކޮޅެއް ކުރިން އެމީހަކަށް ނުވޭތޯ އޭނާ ދުޢާ ކުރަމުން ދިޔަ މީހާއެވެ. ގަބު ކައިފައިވާ މީހެއް ފަދައިން މާއިޝްއަށް އަލާވްޔާއަށް ބަލަން ހުއްރެވުނެވެ.
އަލާވްޔާގެ ދޮން ރީތި މޫނާއި، ކަޅުކަން ގަދަ ދެލޮލާއި، ހިތިފަތު ބުމައާއި، މަޑު ފިޔާތޮށި ކުލައަށްދާ ތުންފަތެއް އެކުލެވިގެންވާ އެ މޫނަކީ މާއިޝްއަށް އާ މޫނެއްނޫނެވެ. ނަމަވެސް އެހާ ގިނަ ދުވަސްކޮށްލާފައި އަލާވްޔާ ފެނުމުން މާއިޝް އޭނާއަށް ބަލަން ހުރި ގޮތުން ހީވަނީ އަލަށް ފެނުނު ކުއްޖަކަށް ބަލަން ހުރި ހެންނެވެ. އެއް އަހަރު ފަހުން އަލާވްޔާ ފެެނުނު އިރު ވެސް އެ ރީތި ކަމަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ހަމައެކަނި ބަދަލުވެފައިވާ ކަމަކީ އެހެންޏާ އަބަދު ހެވި ދިލިފައި ހުންނަ އަލާވްޔާގެ މޫނު، މިލާ މޯޅިވެ ލޯ ކައިރި ދުޅަވެފައި ހުރިކަމާއި، އެ ރީތި ތުންފަތުގައި އެއްވެސް ހިނިތުންވުމެއް ނެތްކަމެވެ. އަލާވްޔާ އިން ޙާލު ފެނިފައި ކޮންމެ މީހަކު ވެސް ދެރަވާނެކަން ކަށަވަރެވެ. އަލާވްޔާ ރޮއެފަ ހުރިތަން ފެނުމުން މާއިޝްގެ ހިތަށް ވެސް އަސަރުކޮށްލިއެވެ. މާއިޝްއަށް ވެގެން ވާނަމަ އަލާވްޔާގެ ލޮލުން އެންމެ ކަރުން ތިއްކެއް ވެސް ވެއްޓެން ނުދޭނެއެވެ. އޭނަ ދުނިޔެ އުމުރަށް އަލާވްޔާ އުފަލުގައި ގެންގުޅޭނެއެވެ. ނަމަވެސް ޙަލަތާއި ތަޤުދީރު މި ކަމާއި އެއްބަހެއް ނޫނެވެ. ކިތަންމެ ދެރަވިއެއް ކަމަކު މާއިޝްއަށް ކެތްކުރުން ނޫން ގޮތެއް ނެތެވެ.
އަލާވްޔާގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަ ތިއްކަކަށް ވެސް ޒިންމާވާން ޖެހޭނީ އޭނާއާކަން މާއިޝްއަށް އެނގެއެވެ. ނަމަވެސް އެކަމާ މެދު މާއިޝްއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. މިއަދު އެ ދެމީހުންނަށް އޮތް އެންމެ ރަންގަޅު ގޮތަކީ އެކަކު އަނެކަކާ ވަކިވުން ކަން މާއިޝް ޤަބޫލުކުރެއެވެ. މިއީ މާއިޝް ބޭނުންވެގެން ނިންމީ ނިންމުމެއް ނޫނެވެ. ނަމަވެސް ތަޤުދީރު ނިޔާކުރާ ގޮތަކަށް ކަންތައް ވާނެއޭ ބުނާ އުސޫލުން އޭނާއަށް ވެސް ވަގުތާއި ޙާލަތުގެ ގޮތުން ހިތްމަތީ ގާގަނޑެއް ބާއްވައިގެން އެ ފަދަ ބޮޑު ނިންމުމެއް ނިންމަން ޖެހުނީއެވެ.
“މާއިޝް!” އަލާވްޔާގެ ދުލުން ނިކުތީ ހަމައެކަނި މި ނަމެވެ. އިތުރަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އަލާވްޔާއަށް ރޮވިއްޖެއެވެ. އަލާވްޔާ ރޯންފެށިތަން ފެނިފައި މާއިޝް ވަރަށް ބޮޑަށް ދެރަވިއެވެ. ނަމަވެސް އޭނާގެ ވަރުގަދަ ނިންމުމުގެ މައްޗަށް ހިތުގެ ޖަޒުބާތުތައް ވެރިވެ ގަތުމަށް ފުރުސަތު ދޭން ވެސް މާއިޝް ބޭނުމެއް ނުވެއެވެ. އަލާވްޔާގެ ކުރިމަތީގައި އޭނާގެ ކަރުނަތައް އޭގެ މަޤާމު ދޫކޮށްފައި ފައިބަން އުޅޭހެން ހީވުމުން މާއިޝް އަވަހަށް އަނެއްފަރާތަށް އެނބުރި އެތަނުން ދާން ހިންގައިގަތެވެ.
ނަމަވެސް ތަންކޮޅަކަށް ދެވުނު ތަނާ އަލާވްޔާ އައިސް މާއިޝް ގައިގާ ބައްދައިގަތެވެ. “މާއިޝް، އަހަރެން ދޫކޮށްލާފައި ނުދޭ! އަނެއްކާވެސް އަހަންނަށް ތިހެން ނަހަދާ. އާދޭސްކޮށްފަ މި ބުނީ އަހަރެން ދޫކޮށްފައި ނުދޭ. މާއިޝް އާ ނުލާ ދެނެއް އަހަންނަކަށް ނޫޅެވޭނެ. އަހަރެން ވަރަށް ލޯބިވޭ މާއިޝްދެކެ” ސަލާން ޖަހާ މީހެއް ފަދައިން އަލާވްޔާ އޭނާގެ ލޯތްބަށްޓަކައި ސަލާންޖެހިއެވެ. “މީ ދެން ކޮން ކަމެއް އަލާވްޔާ، ދޫކޮށްލާ މަގޭ ގައިން” ކިތަންމެ ބުނަން ބޭނުން ނުވިއެއް ކަމަކު މާއިޝް ބުނެލިއެވެ. އަލާވްޔާ ގަޔާ ދުރުކޮށްލުމަށް ފަހު މާއިޝް އަނެއްކާވެސް ހިނގައިގަތެވެ.
ނަމަވެސް އަލާވްޔާ ވެސް ހުރީ ގޮތް ދޫ ކުރާ ކަހަލަ ގޮތަކަށް ނޫނެވެ. ދުވެފައި ގޮސް މާއިޝްގެ އަތުގައި ހިފެހެއްޓިއެވެ. “މިފަހަރު މާއިޝްއަކަށް ނުދެވޭނެ އަހަރެންގެ ސުވާލުތަކަށް ޖަވާބު ނުދީ!. މިއޮތް ހުރިހާ ދުވަހު އަހަރެން މި ހުންނަނީ ހިތު ތެރޭގައި އެތައް ބައިވަރު ސުވާލުތަކަކާއި ޝަކުވާތަކެއް ހިފަހައްޓައިގެން. މިއަދު މާއިޝްއަށް މި ތަނުން ދެވޭނީ އަހަންނަށް ޖަވާބު ދީފަ! އެއް އަހަރު ކުރިން މާއިޝް އަހަރެން އެއްވެސް ސަބަބަކާއި ނުލާ ދޫކޮށްލާފަ ދިޔައިރު އަހަރެންގެ ކުށަކީ ކޮބާތަ، އެންމެ ފަހަރަކު ވެސް މާއިޝް އަހަންނާ މެދު ވިސްނާލިންތަ، އެއްވެސް ޙައްޤުން ކަމަކާއި ނުލައި އައިސް ބުރޭކްއަޕް ވާން ހިނގާށޭ ކިޔާފަ އަހަރެން ރޮއެރޮއެ ހުއްޓަ، އެކަމަށް ބީރު ކަންފަތެއް ދީފައި ދިޔައިރު، އަޅެ އެންމެ ފަހަރަކު ވެސް އަހަރެން ވާނެ ދެރައާއި މެދު ވިސްނާލިންތަ. ލޯބިވެޔޭ ބުނެ، ވީ ވަޢުދާ ހުވާތައް އެހާ އަވަހަށް ހަނދާން ނެތުނީތަ!” ހުއްޓުމެއް ނެތި ރޯވުމުން ދިޔަ ޙާލު އަލާވްޔާ މިހުރިހާ ދުވަހު އޭނާގެ ހިތު ތެރޭގައިވި ސުވާލުތަކާއި ޝަކުވާ ތައް އެއްފަހަރާ މާއިޝްގެ ކުރިމަތީގައި ބަނޑުން ކޮށްލިއެވެ.
އަލާވްޔާ މި ހުރިހާ އެއްޗެއް ކިޔާ ނިންމުނު އިރުވެސް ވެސް މާއިޝް ހުރީ މަންމަނެއްހެން ބަހެއް ނުކިޔައެވެ. “ކީއްވެތަ ބަހެއް ނުކިޔާ ތިހުންނަނީ. އަހަރެން މި ކުރާ ސުވާލުތަކަށް ޖަވާބު ދީބަލަ! އަހަރެން މި އަހާނީ ކޮބާ ހޭ އަހަރެންގެ ކުށަ……” “އަލާވްޔާއަށް އަލާވްޔާގެ ކުށް ކިޔައިދޭން ވީތަ! އަހަރެން އަލާވްޔާ ދޫކޮށްލި ސަބަބު ބުނެދޭން ވީތަ! އަޑު އެހުމުގެ ހިތްވަރެއް ހުރިހާ އަޑު އަހާ! އަހަރެން އަލާވްޔާ ދޫކޮށްލީ ލޯބި ނުވާތީ. އަލާވްޔާއާ އެއްކޮށް އުޅެން ބޭނުން ނުވާތީ. އަޑު އިވިއްޖެތަ! އަހަރެން އަލާވްޔާ ދެކެ އެއްވެސް ވަރަކަށް ލޯބި ނުވޭ. އެހެންނޫނަސް އަލާވްޔާ ތިއީ އަހަރެންގެ ޓައިޕެއް ވެސް ނޫން. ތި ކަހަލަ މިޑްލް ކުލާސް އާއިލާއަކަށް ނިސްބަތްވާާ ކުއްޖެއް ދެކެ އަހަރެން ކަހަލަ މުއްސަނޖަކު ލޯބިވާނެ ކަމަށް ހީކުރުމަކީ ވެސް މޮޔަ ކަމެއް” ވަރަށް ހިތްވަރުކޮށްފައި މާއިޝް އަލާވްޔާާާއާ ދިމާލަށް ހަޅޭއްލަވައިގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.

Vrh reethi waiting for the next part❤️❤️??❤️❤️??
Thanks❤️ means a lot??
Oh my gosh this part made me cry so badly.. Please make Alaavya and Maishan’s life happily ever after in the end ingey. Curious to know what was the reason behind their breakup. Dying to read next part
Ooh srry.. It’s actually **Maaish
Awwwwn thank you kimsamuel❤️❤️ aslu vhk eh kiyamun readersge emotionsga touch kohlevuneema eii writer ah libeyne vrh bodu kuri erumeh?.. Dhn let’s see what happens with them dhw?
Vv asarugadha?
Next avahah genesdhecchey??
Thank you?? yes inshallah vrh avahah genes dheynan