ހަމަ އެހިނދުން ރާއިންގެ ކަންފަތްމަތީ އައިނައިތަނެއް ނޭނގި އައި ފަޒީލާ އަތުގަ ހުރި ބާރެއްލާފަ ޖެހިއެވެ.
” ރާއިން ބުނަން ރަނގަޅު ވާހަކައެއް. ނާފިޒު ގައިގަ އިނގިލި ކުރި ޖައްސާލުމުގެ ކުރިން އެންމެ ފުރަތަމަ އަމިއްލަ އަނބިމީހާގެ ފަތިފުށާ އުޅުން ހުރިގޮތް އޮޅުންފިލުވާ. ނާފިޒު މިގެއަށް އައި ފުރަތަމަ ދުވަހު ވެސް ނާލީގެ ހުރިހާ ވާހަކައެއް އަހަންނަށް ވަނީ ކިޔާދީފަ. މިހުރިހާ ދުވަހެއްވަންދެން އެއްޗެއް ނުބުނެ މަޑުކުރީ އާއިލާގެ ހަމަޖެހުމަށްޓަކާ ” ފަޒީލާ ދައްކަމުންދިޔަ ވާހަކަތައް އެއްގޮތަކަށްވެސް ނާލީ އަކަށް އަދި ރާއިން އަކަށް ނުވިސްނުނެވެ. ނާފިޒު އެވަނީ ފަޒީލާގެ ލޮލުގަ ވަރުގަދަ އަނދުނެއް އަޅުވާފައެވެ.
” ދައްތާ ކީކޭ ތިކިޔަނީ. ދައްތަ ތިދައްކާ ވާހަކައެއް އެއްގޮތަކަށްވެސް ނުވިސްނުނު ” ނާލީ އަށް ރޮވުނީ ފަޒީލާގެ ދުލުން އިވުނު ވާހަކަ ތަކާ ހުރެއެވެ. ހުރިހާ ކަމެއް ވަމުން ދިޔައިރުވެސް ނާފިޒު މާ ރަނގަޅު މީހަކަށްވެގެން މަޑުމަޑުން ހުއްޓެވެ.
ނާފިޒުގެ މަކަރުވެރިކަމުން މުޅިން އޮޅުވާލައިގެން ވަނީ ފަޒީލާ އަށް ހުރިހާ ވާހަކައެއް ކިޔާދީފައެވެ. ނާލީގެ ސަބަބުން ހާނިސާ މެންގެ ގޭގަ ވެސް ނޫޅެވުނު ވާހަކައެވެ. ނާލީ އަކީ މުދަލާ ފައިސާއަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެ ކުއްޖެއްކަމެވެ. ފަޒީލާ ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް އެކަން ރާއިން އަކަށް ގަބޫލެއް ނުކުރެވުނެވެ. ރާއިން އަމިއްލަ ނަފުސަށްވުރެ ބޮޑައް އިތުބާރުކުރާ ނާލީ ރާއިން އަކަށް އެއްވެސް ކަމެއް އޮޅުވައެއް ނުލާނެއެވެ. ރާއިން ނާލީގެ އަތުގަ ހިފާ ބާރުކޮށްލިއެވެ. ނާލީގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ.
” ފަޒީލާ މޮޔަވެގެންތަ ތިއުޅެނީ. ނާލީ އަކީ އެކަހަލަ ކުއްޖެއްނޫންކަން ހަމަ ރަނގަޅަށް ފަޒީލާ އަށް އިނގޭނެ ” އާރިފާ އަށް އަޑުއަހަން ކެތްނުކުރެވިގެން އައިސް އެންމެންގެ ކުރިމަތީ ހުއްޓުނެވެ.
” މަންމަ އަށްވެސް ބަނޑުއަޅާ ވިހޭ ދަރި ދައްކާ ވާހަކައަށް ވުރެ ބޮޑައް ގަބޫލު ކުރެވެނީ މި ވިޔާނުދާ ނާލީ ދައްކާ ވާހަކަތަ؟ ” ފަޒީލާ ހިތްހަމް ނުޖެހި ހުރެ ބުންޏެވެ.
” ފަޒީލާ ތިދައްކަނީ އެހެންމީހެއް ދައްކާފަ ހުރި ދޮގު ވާހަކަތަކެއް. ފަޒީލާ ދައްކާ ވާހަކަ އެއްނަމަ މަންމަ އަށް ގަބޫލު ކުރެވުނީސް ” އާރިފާ ވެސް ދުލެއް ނުކުރެއެވެ.
” ފަޒީ ދެން ހުއްޓާލާ. މަންމަ ކުރިމަތީ ތިގޮތަށް ޒުވާބު ކުރުމަކީ ރަނގަޅު ކަމެއްނޫން. އެހެންނޫނަސް ދެން ނާލީ ގެ ފަރާތުން އެކަހަލަ ކަމެއް ނުފެންނާނެ ކަމަށް ބަލާފަ ފަޒީ އޭނައަށް މާފުކުރޭ. އަހަރުމެން މީ އެއް އާއިލާ އެއްނު ” ނާފިޒު އަކީ ފިރިހެނަކަށްވިޔަސް ލޮލުން ކަރުނަ ފާއްދާލާފައި ވެއެވެ. އަޑުގައި އެކުލެވިފައިވަނީ މަޑުމައިތިރި ކަމެވެ.
” ރާއިން.. މަންމާ އަހަރެން ދޮގެއް ނަހަދަން ” ނާލީ އަށް ގިސްލެވެން ފެށިއެވެ.
” ހުރިހާ ކަމެއް ފަޅާއެރީމަ ދެން ތީ ކޮންކަމެއް. ދެންވެސް ކުރި ކުށައް އެއްބަސްވެފަ ތިކަން ހުއްޓަން އުޅެބަލަ ” ފަޒީލާ ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. އާރިފާ އަކަށް މަޑަކުން ނުހުރެވުނެވެ. ފަޒީލާގެ ކަންފަތްމަތީ ހުރި ބާރަކަށް ޖެހިއެވެ.
” ފަޒީލާ ތިހިރީ ހަމަ ރަނގަޅަށްވެސް މޮޔަވެފަ. އެހެންނޫންނަމަ ނާފިޒު ކަހަލަ މީހަކާ ހެދި ތިވަރެއް ނުވާނެ ” މަންމަ އަށް ޖަވާބުދާރީ ވުމުގެ ގޮތުން ފަޒީލާ އަނގަހުޅުވާލުމުގެ ކުރިން ގެއަށް ވަދެގެން އައި ހާނިސާ އާ ދިމާލަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ.
ހަގީގަތުގަ ހާނިސާ މިގެއަށް އައީ މިކަހަލަ ވަގުތެއްކަން އެނގިގެނެއް ނޫނެވެ. އިއްތިފާގުން މިކަހަލަ ކަމަކާ ދިމާވީ އެވެ. ހާނިސާ ފެނުމާއެކު ނާފިޒުގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ފަޒީލާ އަށް ވެސް ވީ ހަމަ އެވަރެވެ. ހާނިސާ ފެނުމުން ނާލީ އަވަސް އަވަހަށް ގޮސް ހާނިސާ ގާތަށް ހުއްޓި އާދޭސް ކުރަން ފެށިއެވެ. އާރިފާ އަށް އަދި ރާއިން އަށްވެސް ހާނިސާ އަކީ ކާކުކަމެއް ނޭނގެއެވެ. އެކަމަކު ނާލީ ގޮސް ވާހަކަ ދައްކަން ފެށުމުން އެހިސާބުން އެއީ ކާކުކަން އެމީހުންނަށް އޮޅުން ފިލައިފިއެވެ.
” ދައްތާ. އަހަންނަށް ދުވަހަކުވެސް ކަމެއް ކޮށްދެންޔާ ފަޒީ ދައްތައަށް ނާފިޒު އަހަންނާ ދޭތެރޭ ކަންތައް ކުރިގޮތް އޮޅުންފިލުވައިދީބަލަ. ހެޔޮނުވާނެ ” ނާލީ ހާނިސާގެ ދެއަތުގަ ހިފާ އާދޭސް ކުރިއެވެ.
ހާނިސާ ގެ ހިތް ފުރިގެން ބަންޑުންވި ކަހަލައެވެ. އެނިކަމެތި އަންހެންކުއްޖާ އާ މެދު ހާނިސާ އަށް ކަންތައް ކުރެވިފައިވަނީ ވަރަށް އިހާނެތި ކޮށެވެ. އެހުރިހާ ކަމަކަށް ހާނިސާ ނާލީގެ ކިބައިން މައާފަށް އެދެން ބޭނުމެވެ. އެކަން ހާނިސާ މިއަދު ކުރާނެއެވެ. ނާލީ އެއްފަރާތަކަށް ޖައްސާލުމަށްފަހު ހާނިސާ ކުރިއަށްޖެހި ފަޒީލާގެ ކުރިމަތީ ހުއްޓުނެވެ.
ނާފިޒު ގެ ރުޅިވެރިކަމުން ފުރިފާވި ދެލޮލުން ހާނިސާ އާ ދިމާލަށް ބަލަމުން ދިޔައެވެ.
” ފަޒީލާ . އަހަންނަށް އިނގޭ އަހަރެން ދެކެ ފަޒީލާ މިވަގުތު ވަރަށް ރުޅިއަންނާނެކަން. އެކަމަކު ބުނަން. މިހާރު އަހަރެންނަކީ ނާފިޒު އާ އެއްވެސް ގުޅުމެއް ހުރި މީހެއްނޫން. ނާފިޒު އަހަރެން ވަރިކޮށް އަހަރެންގެ ގެ ވެސް އަހަރެންގެ ނަން މައްޗަށް ބަދަލުކޮށްދީފި ” ފަޒީލާ އަށް ބަލާލެވުނީ ނާފިޒު އާ ދިމާލަށެވެ. ހައިރާންކަމާ އެކުއެވެ.
އަނެއްކާވެސް ހާނިސާ ވާހަކަ ދެއްކިއެވެ.
” ފަޒީލާ ނާހާނަންތަ އަހަރެން ވަރިކޮށް އަހަރެންގެ ގެ އަހަންނަށް ދިނީ ކީއްވެގެންކަން ” ފަޒީލާ އެއްވެސް އެއްޗެކޭ ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ ހާނިސާ އެވެ.
” އަހަންނަށް މިވީހާ ދުވަހު ނާފިޒު ދިން އަނިޔާގެ ބަދަލުގަ އަހަރެން އުޅުނީ ފަޒީލާ އަށް ގުޅާ ނާފިޒު ނާލީ އާ ދޭތެރޭ ކަންތައް ކުރި ހުރިހާ ގޮތެއްގެ ވާހަކަ ކިޔާދޭން. އެކަމަކު ކިޔާ ދިނުމުގެ ކުރިން ނާފިޒު އަހަރެން ގާތުން އެދުނީ އެއިން އެއްވެސް ކަމެއް ކިޔާ ނުދީފިނަމަ ނާފިޒު އަހަރެން ވަރިކޮށް އަހަރެންގެ ގެވެސް އަހަންނަށް ދޭން. ނާފިޒު އެގޮތަށް ކަންތައް ކުރިވެސް މެ. އެކަމަކުވެސް މިއަދު އަހަރެން މިގެއަށް މިއައީ ހަމައެކަނި ނާލީ ގާތުން މައާފަށް އެދެން ” ހާނިސާ ފުން ނޭވާއެއްލުމަށްފަހު ފެށުނީއްސުރެ ހާނިސާ އަށް އެނގިފަވާ ހިސާބަށް ނާފިޒު ނާލީ އާ ދޭތެރޭ ކަންތައް ކުރި ހުރިހާ ގޮތެއް ކިޔާދިނެވެ. އެންމެންނަށް ވެސް ބަލާލެވުނީ ނާފިޒު އާ ދިމާލަށެވެ um diese jungs herumblättern.
ފަޒީލާގެ ލޮލުން ކަރުނަ އަންނަންފެށީ އެހިސާބުން ފެށިގެންނެވެ. ހިނދުކޮޅެއް ކުރިން ނާލީ އާ ދިމާލަށް ކިޔުނު އެއްޗިސް ހިތަށް އެރުމާއެކު ފަޒީލާ އަދި މާބޮޑައް ދެރަވިއެވެ.
ޕޮލިހުންގެ ޓީމް ގެއަށް އައިސް ވަންތަން ފެނުމުން އެންމެންވެސް ހައިރާންވިއެވެ.
” ހާސްނުވޭ. އަހަރުމެން މިއައީ ނުޝޫ މަރާލުމުގަ އެންމެ އިސްކޮށް ހަރަކާތްތެރިވި އަހުމަދު ނާފިޒު ބަލާ ” ނާލީ އާ ރާއިން ފިޔަވާ ދެންތިބި އެންމެންނަށްވެސް އެކަކު އަނެކަކަށް ބަލާލެވުނީ އަޑުއިވުނު ގޮތް ކަމަށް ހީކޮށެވެ. އެކަމަކު ކަންތައް ވީ މުޅިން ހިލާފަށެވެ. އެކަމުގަ ބައިވެރިވި އެންމެންވަނީ ޕޮލިހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އެމީހުންގެ ފަރާތުން ލިބުނު މައުލޫމާތުން ނާފިޒުގެ ހަގީގަތް ފަޅާ އެރީއެވެ. ފަޒީލާ ގިސްލާ ރޮމުން ދިޔައެވެ. އާރިފާ ފަޒީލާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެކަމަކު އެހާ ލޯބިވާ މީހަކު އެގޮތަށް ކަންތައް ކުރުމުން ފަޒީލާ އަށް ލިބިފައިވަނީ ބަރުދާސްތު ކުރަން ދަތި ވޭނެކެވެ.
ނާފިޒުގެ ކަންތައްތައް ފަޅާ އެރުމަށްފަހު ފަޒީލާގެ ދިރިއުޅުމަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ފަހަރެއްގަވެސް ނާފިޒު އާ މެދު ވިސްނާ ވަގުތު ބޭކާރެއް ނުކުރެއެވެ. ގޭތެރޭގަވެސް އުޅެމުންދަނީ އެންމެންނާ ގުޅިގެން އެކީގައެވެ. ދެން ފަޒީލާ ފަހަރެއްގަވެސް ނާފިޒު ކަހަލަ މީހަކާ އެކު ނޫޅޭނޭއެވެ.
ރާއިން ކޮޓަރި ތެރެ ހާވަމުން ދިޔައީ މުހިއްމު އެއްޗެއް ހޯދުމަށެވެ. ކުއްލިއަކަށް ކަބަޑުގެ އެންމެ ތިރީބައިގަ ހުރި ފޮތްތައް ނެގިވަގުތު އެތަނުން ފޮތެއް ތެރެއިން އެއްޗެއް ވެއްޓުނެވެ. ރާއިން ފޮތްތައް އެއްފަރާތެއްގަ ބެހެއްޓުމަށްފަހު ވެއްޓިފަ އޮތް މާ ނަގާ އެއަށް ބަލާލިއެވެ. އަދި އެމާވެއްޓުނު ފޮތް ރަނގަޅަށް ބަލާލިއިރު އެއީ ނާލީގެ ފޮތެކެވެ. ފޮތުގަ މާގިނަ އެއްޗެއް ލިޔެފައެއް ނެތެވެ. އެކަމަކު ވަކިވަކިން ގަނޑުތައް އުކާލިވަގުތު ލޮލުގަ އަޅައިގަތީ ފޮތުގެ މެދެއްހާ ހިސާބުގަ ތަތްކޮށްލާފަ އިން ކާޑެވެ.
އާއެނކެވެ. އެއީ ރާއިން އެންމެ ފުރަތަމަ ހަދިޔާއަކަށް ނާލީއަށް ދިން ރަތް ފިނިފެންމަލެވެ. އެމާ އެވަނީ މިހާރު ހިކިފައެވެ. ރާއިން މާ ހިފައިގެން ހުއްޓަ ނާލީ އައިސް ރާއިންގެ ގައިގަ ފަހަތުން ބައްދާލިއެވެ.
” ކިހާ ދެރަ .. ވެއްޓި މިމާ މިހަލާކުވީ. ދެން ކިހިނެތްހަދާނީ ” މަލުގެ ފިޔަތައްވަނީ ކޮންމެވެސް ވަރަކަށް ހިކިފަ އޮތުމުގެ ސަބަބުން ނެއްޓިފައެވެ.
” ތިމާ ހަލާކުވިޔަސް މިމާ ހަލާކުނުވަންޔާ އެނިމުނީނު ” ނާލީ ލަދުވެތިކަމާއެކު ބުނެލިއެވެ. ތެދެކެވެ. އެރަތް ފިނިފެންމާ ހަލާކުވިޔަސް ނާލީ ގަދަވެ ސަލާމަތުން ހުރިއްޔާ ރާއިން އަށް އެނިމުނީއެވެ. ނާލީ އަކީ ރާއިންގެ ހުރިހާ އުއްމީދެވެ. ރާއިންގެ އަތުތެރޭ ބޮނޑިވެލައިގެން ހުރި ނާލީ އަބަދުގެ އަބަދަށް ރާއިންގެ ލޯތްބާއެކު ދިރިއުޅުން ދެއްވާތޯ ﷲގެ ހަޒުރަތަށް ދުއާ ކުރިއެވެ.
( ނިމުނީ )

15

10 Comments

 1. ނަޒާ

  April 22, 2013 at 3:45 pm

  ވވވވވވވވވވވވވވވވވވވވވވވވވވވވ ސަޅި

 2. Rose

  April 22, 2013 at 4:00 pm

  ވާވް.. ހާދަ ރީއްޗޭ މިވާހަކަ…. އުނމީދު ކުރަން މިކަހަލަ ރީތި ވާހަކަ އެއް ވ އަވަހަށް ފެންނާނެ ކަމަށް..

 3. ނާލީ

  April 22, 2013 at 6:31 pm

  ވަރަށް ވަރަށް ހަބޭސް… މިކަހަލަ ރީތި އެހެން ވާހަކައެއް ފެންނާނެ ކަމަށް ހީކުރަން……

 4. fathimath Asim

  April 22, 2013 at 11:59 pm

  ކަޑަ.މާ ކުރު

 5. ޝިފާ

  May 5, 2013 at 6:27 pm

  ވ.ސަޅި

 6. testing carried

  May 3, 2015 at 9:07 pm

  hageegathakeee mi ah vure reethi vaahaka eh nukiyan adhi

 7. ♥lilly white♥

  November 15, 2015 at 3:26 pm

  Mi vaahaka v v v v v the reethi.♡ ninmun vx v v reethi. Keep it up. .♡♥

 8. Khadheeja

  January 29, 2017 at 8:39 pm

  Vv salhi???

 9. hhhh

  May 23, 2017 at 9:59 am

  Huh
  Finally hurihaa kameh rangalhuvy
  ?????

 10. ❤️shyn❤️

  August 7, 2019 at 8:57 am

  Hama aslu ves rovun ???

Comments are closed.