
ނަމަވިޔަސް… (5 ވަނަ ބައި)
ދޮރުން ވަދެގެން އައި ނޫރާވެސް މަޑުޖެހުނީ ކުރިމަތީގައި ހުރި ކަޔާން ފެނިފައެވެ. އޭނާ ވަޒީފާގެ ފުރަތަމަ ޕްރޮޖެކްޓުގެ މަސައްކަތް ކަޔާންއާއެކު ކުރަންޖެހިދާނެ ކަމަކަށް ހިތަކަށްވެސް ނާރައެވެ. ނޫރާ ހަމަޖެހިލަމުންގޮސް ކަޔާން ކައިރީހުރި ގޮނޑީގައި އިށީނެވެ.
ރައޫފު ނޫރާއާއި ކަޔާން އެކަކު އަނެކަކަށް ތަޢާރަފް ކޮށްދިނެވެ. ކެބިންތެރޭ އޭސީގެ ފިނި ކިތައްމެ ގަދަވިޔަސް ނޫރާގެ ނިއްކުރިމަތީގައި ދާތިކިތައް ވިދަން ފެށިއެވެ. ރައޫފް ދައްކާ އެއްވެސް ވާހަކައަކަށް ނޫރާއަކަށް ސަމާލުކަމެއް ނުދެވެއެވެ.
އޮފީސް ނިންމާފައި ގެއަށް ދެވުނު ގޮތަށް ނޫރާ ކާންވެސް ނުނިކުމެ އޮތީ ކޮޓަރީގައެވެ. ވަފިއްޔާ އައިސް ދެތިން ފަހަރަކު ގޮވާާލުމަށްފަހު ދިޔައީއެވެ. ނޫރާއަށް ނިދިފައި އޮތީ ކަމަށް ހީކޮށެވެ. ނޫރާ އޮށޯވެލައިގެން އޮތް އިރު އޭނާގެ ހިތަށް ތަފާތު އެއްޗެހި އަރަމުން ދިޔައެވެ. އަލުން ކަޔާންއާއެކު މަސައްކަތް ކުރާ ވަރުގެ ހިތްވަރެއް މިހާރަކު އޭނާގެ ގަޔަކު ނެތެވެ. ނަމަވެސް ވަޒީފާގެ ގޮތުން ނޫރާއަށް ޖެހޭނީ ކަޔާން އާއެކު މަސައްކަތް ކުރާށެވެ.
އެންމެފަހުން ނޫރާ އަމާނީއަށް ގުޅައިގެން ގެނައެވެ. މިއަދު އޮފީހުގައި ވީކަންތައް އަމާނީއަށް ކިޔައިދިނެވެ. އަމާނީ ނޫރާ އަށް ބަލައިލީ ދެން ހަދާނީ ކިހިނެއްހޭ ބުނާފަދަ ގޮތަކަށެވެ. “އަމީ އަހަރެން ދެން ކިހިނެއް ހަދާނީ އަހަންނަަށް ކަޔާން އާއެކީ މަސަްއްކަތް ކުރާކަށް ފަސޭހައެއްނުވާނެ އެކަމަކު ނުކޮށެއްވެސް ނުވާނެ މިއަކީ އަހަރެންގެ ފުރަތަމަ ޕްރޮޖެކްޓް” “ނޫރާއަށް ޖެހޭނީ ހިތްވަރާއެކު ތިކަމާ ކުރިމަތި ލާން ފިނޑިއަކަށް ވެގެން ކަމަކުނުދޭނެ ކާމިޔާބުވާނީ ހިތްވަރާއެކު ކުރިމަތި ލައިގެން” އަމާނީ އާއި ނޫރާ އެތައް އިރަކު ވާހަކަ ދައްކަން ތިބެފައި ނުކުތީ ބޭރަށް ދާށެވެ.
ދެ ރަހުމަތްތެރިން މިސްރާބުޖެހީ އާޓިފިޝަލް ބީޗާ ދިމާއަށެވެ. ވަކި ހިސާބަކަށް ދެވުނުތަނާ އެމީހުންގެ ފަހަތުން މީހަކު އަންނަހެން ހީވެގެން ނޫރާ ފަހަތަށް ބަލައިލިއެވެ. އަމާނީވެސް ނޫރާ މާވަރަކަށް ފަހަތަށް ބަަލާހެެން ހީވެގެން ނޫރާ ކައިރީ އިޝާރާތުން ވީ ކީއްހޭ އަހާލިއެވެ. “އަމީ އަހަންނަން ހީވަނީ އެމީހާ އެއަންނަނީ އަހަރެމެން ފަހަތުންހެން” އެމީހުންނާ ދިހަވަރަކަށް ފޫޓު ދުރުގައި ހުރި ޒުވާނާއަށް އިޝާރާތް ކޮށްލުމަށްފަހު ނޫރާ ބުނެލިއެވެ.
އަމާނީއަށް އެމީހާ ފެނުމާއެކު ހީވީ އޭނާގެ ދެފައިގައި މީހަކު ހިފެހެއްޓިހެންނެވެ. ވަގުތުން އޭނާ އެހުރި ތަނުގައި ހުއްޓުނެވެ. ނޫރާ ވީގޮތެއް ނޭނގިފައި ހުއްޓާ އަމާނީ މަޑުމަޑުން ސާހިލްއޭ ބުނެލިއެވެ. “ނޫރާ އެއީ ސާހިލް އޭ އަހަރެން ބުނީމެއްނު.. ނޫރާ ރާއްޖޭން ބޭރުގައި ހުރިއިރު އަހަރެން ފްރެންޑްވި އެއީ އޭ ސާހިލްއަކީ” އަމާނީ ހުރީ ހިތް އަވަސް ވެފައިކަން އޭނާ ވާހަކަ ދެއްކިގޮތުން އެނގެއެވެ.
ނޫރާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ސާހިލް އައިސް އެމީހުންނާ އަރާ ހަމަކުރިއެވެ. “ނޫރާ ދޯ ތިއީ އަމީ ވަރަށް ގިނައިން ދައްކާނެ ނޫރާގެ ވާހަކަ” ސާހިލްގެ ވާހަކަ އިވިފައި ނޫރާ ހިނިތުންވެލިއެވެ “އަނެއްކާ އޯކޭތަ ތި މީހުންނާއެކު ދިޔަޔަސް” ސާހިލް އެމީހުންނާއެކު ހިނގައިގަތީ އެމީހުންގެ ހުއްދަ ހޯދުމަށްފަހުގައެވެ.
ތިންމީހުންގޮސް ހުހަށްހުރި ހިލަގޮނޑިއެއްގައި އިށީނެވެ. އޭރު އުދަރެހުން އިރުއޮއްސެން އުޅޭ ކަމުގެ ނިޝާންތައް ފެންނަށް ފަށައިފިއެވެ. އެކި އެކި ވާހަކާގައި ތިބެ ތިން މީހުން ގެއަށްދާން ހިނއިގަތީ އިޝާއަށް ގޮވަންވާއިރަށް ގެއަށް ދެވޭތޯއެވެ. ސާހިލްގެ ސަބަބުން ނޫރާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ސާހިލްގެ މަޖާ މިޒާޖަކީ ކޮންމެ މީހަކުވެސް އެންމެ ގަޔާވާ ސިފައެވެ.
ގެއަށް އައިސް ނަމާދު ކޮށްލައިގެން ނޫރާ ނުކުތީ މެންދުރުވެސް ނުކައި ހުރުމުން ބަނޑުހައިކަން އިހުސާސް ކުރެވިގެންނެވެ. ކައި ނިމުނުގޮތަށް ނޫރާ ކޮޓަރިއަށް ނައިސް މަޑުކޮށްލީ ބައްޕަ މަހުލޫފްވެސް ގޭގައި އުޅޭތީއެވެ. އެގެއަކީ މާގިނަ މީހުންތަކެއް އުޅޭ ގެއަކަށްނުވެފައި މަހުލޫފްވެސް ގޭގައި ހުރެވެނީ މަދުރެއެއްގައި ކަމުުން އެންމެން އެއްތަންވާނީ މަދު ފަހަރަކުއެވެ. ވަފިއްޔާ އާއި މަހުލޫފަށް ލިބިފައިވާ ދެކުދިންގެ ތެރެއިން ހަގަށް ހުންނަނީ ނޫރާއެވެ. ދެން ހުންނަނީ ނޫރާގެ ދޮންތަ ނާއިރާއެވެ. ނާއިރާ މިހާރު އުޅެނީ މީހަކަ އިނދެގެންގޮސް ފިރިމީހާގެ ގޭގައެވެ.
ނޫރާ ކޮޓަރިއަށް ވަތްއިރު ނުދަންނަ ނަމްބަރަކުން ދެތިން ފަހަރަކު ގުޅާފައި އޮތެވެ. ކާކުކަމެއް ނޭނގޭތީ ނޫރާވެސް އެކަމާ މާބޮޑު ސަމާލުކަމެއް ނުދީ ނިދީ ހެނދުނު އޮފީހަށްވެސް ދާންޖެހޭތީއެވެ.
ނޫރާ އޮފީހަށް ވަދެގެން އައިއިރު ފުރަތަމަ އޮފީހަށް އައިދުވަހަށްވުރެ ހާސްވެ ކަންބޮޑުވިއެވެ. ކަޔާންއާއެކު މަސައްކުރަންޖެހޭ ފުރަތަމަ ދުވަސްކަމުން އޭނާހުރީ ހިތްއަވަސްވެފައެވެ. ނޫރާ އައިތާ މާގިނަ އިރެއްނުވެ ކަޔާންވެެސް އަތުވެއްޖެއެވެ. ނޫރާ ކުރެހުންތައް ހަދަމުންދިޔައިރު ކަޔާން ނޫރާއާ ދިމާއަށް ބަލަމުން ދިޔައެވެ. އޮފީސް ހެދުމުގައި ނޫރާ ހުރިއިރު ފެންނަނި ވަރަށް ޕްރޮފެޝަނަލް ކޮށެވެ.
ބްރޭކް ވަގުތު ޖެހުމުން މަސައްކަތް ހުއްޓާލާފައި ކެންޓީނަށް ދާން އުޅެނިކޮން ކަޔާން ނޫރާއަށް ގޮވާލިއެވެ. ކަޔާން އޭނާއަށް ގޮވާލަފާނެ ކަމަކަށް އޭނާގެ ހިތަށްވެސް ނާރައެވެ. “އަހަންނާއެކު ބޭރަށް ލަންޗަން ދާންވީނުން” ކަޔާން އެހެން ބުނި އަޑު އިވިފައި ނޫރާއަށް ބަލައިލެވުނީ ކީކޭހޭ ބުނާ ފަދައަކުންނެވެ. ނުރާއަށް ބޯޖަހާލެވުނީ އަމިއްލަ އިޙްތިޔާރަކު ނޫނެވެ.
ދެމީހުންގޮސްވަނީ އެތަނާ ވަރަށް ކައިރީގައިހުރި ރެސްޓޯރެންޓަކަށެވެ. ނޫރާ އިނީ ދައްކާނެ ވާހަކައެއް ނޭނގިފައި އިސްޖަހާލައިގެންނެވެ. ދެމީހުންގެ ދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫދުއްވާލީ ކަޔާންއެވެ.”ނޫރާ އަހަރެން ނޫރާ ކިބައިން މާފަށް އެދެން ބޭނުން.. އަހަރެން ކުރީ މާފު ހައްހު ވާވަރުގެ ކުށެއް ނޫންކަންވެސް އަހަންނަށްް އެނގޭ އެކަމަަކުވެސް އަހަރެން ބޭނުންވަނީ ނޫރާގެ މާފް” ކަޔާން ބުނި އެއްޗެއް ގަބޫލު ނުކުރެވިގެން ނޫރާ ކަޔާންއަށް ބަލައިލިއެވެ. ކަޔާންއަށް ޖަވާބެއް ނުދީ އިންނާކަށް ނޫރާ ބޭނުމެއް ނުވިއެވެ. ” ކަޔާން މާފަކީ ބުނެލާހާ ފަސޭހައިން ލިބޭ އެއްޗެއްނޫން … އޭރުވީ އެއްވެސް އެއްވެސް ކަމަކަށް އަހަރެން ކަޔާން ކުށްވެރިއެއް ނުކުރާނަން ކުށް ކުރެވުނީ އަހަންނަށް އެކަމުގެ ސަޒާ އަހަންނަށް ލިބުނު.. އެދުވަހު އަހަރެންގެ ހިތުގައިލި ޒަހަމްތައް އަދިވެސް ހުރީ ތާޒާކޮން” ނޫރާ ނެތް ހިތްވަރުކުރަމުން ވާހަކަދެއްކިއެެވެ.
ކަޔާންއަށް ނޫރާއަށް ގޮވާލެވުނީ ވައި އަޑަކުންނެވެ. ކަޔާންއަށް އިތުރު އެއްޗެއް ނުބުނެވި އުޅެެނިކޮން ނޫރާ ވާހަކަދެއްކިއެވެ. “ނޫން ކަޔާން.. އެދުވަސް ތަކަކީ އަނބުރާ ގެނެވޭނޭ އެއްޗެއް ނޫން އެހެންވިޔަސް އަހަރެން ކަޔާންއަށް މާފްކޮށްފިން” ކައިނިމުނު އިރުވެސް އިތުރަށް އެކަކުވެސް އެއްޗެއް ނުބުނެއެވެ.
ރިސޯޓުގެ މަސައްކަތް ނިމުނު އިރު ކަޔާންއާ ނޫރާއާ ދެމެދު ވި ދުރުމިންވެސް ވަނީ ކައިރިވެފައެވެ. ދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކައެވެ. އެހެންނަމަވެސް ކަޔާން އަށް ނޫރާގެ ހަޔާތާ ބެހޭގޮތުން އެއްޗެއް އަހާލާކަށް ނުކެރެއެވެ.ކަޔާންއަށް ހީވެެފައިއޮތީ އެދުވަހު ފެނުނު ކުޑަ އަންހެން ކުއްޖާއަކީ ނޫރާގެ ދަރިފުޅުކަމަށެވެ.
ނޫރާއަށް ނޭނގޭ ނަމްބަރަކުން ގުޅާތީ އެންމެފަހުން ނޫރާ ފޯނު ނެގިއެވެ. އޭނައަށް ގުޅަނީ ސާހިލްކަން އެނގުމުން ނޫރާއަށް ހައިރާންކަމެއް ލިބުނެވެ. ނޫރާ ސާހިލް ދަންނަނީ އަމާނީގެ ފަރާތުންނެވެ. އަމާނީ ސާހިލްދެކެ ލޯބިވެއެވެ.