
ނަމަވިޔަސް… (4 ވަނަ ބައި)
ނޫރާ ތައްޔާރު ވަމުން ދިޔައީ އޭނާގެ ތިމާގެ ކުއްޖެއްކަމުގައިވާ އަޒްލިފާގެ ކައިވެނި ޕާޓީއަށް ދިއުމަށެވެ.”ދަރިފުޅާ ނޫރާ” ވަފިއްޔާ ނޫރާއަށް ގޮވާލުމަށްފަހު ދޮރުގައި ޓަކި ޖަހާލިއެވެ. ނޫރާ ގޮސް ދޮރު ހުޅުވީ ވަފިއްޔާ ދެތިން ފަހަރަކަށް ގޮވާލިފަހުންނެވެ.”ދަރިފުޅާ އަދިވެސް ނުނިމޭތަ މަންމަމެން މިތިބީ ތައްޔާރުވެގެން އަވަސްކޮށްލައިގެން އާދޭ” ވަފިއްޔާ ނޫރާ ކައިރީ އަވަސް ކޮށްލުމަށް ބުނުމަށްފަހު ދިޔައެވެ.
ނޫރާމެންނަށް ދެވުނު އިރު ގިނަ އަދަދެއްގެ މީހުން ޕާޓީއަށްގޮސް ތިއްބެވެ. ދެމަފިރިންނަށް ހާއްސަ ކުރެވިފައިވާ ތަނުގައި އަޒުލިފާއާއި އޭނާގެ ފިރިމީހާ ހުއްޓިލައިގެން ތިއްބެވެ. މުޅިތަންވަނީ ފެހި ކުލައާއި ހުދުކުލައިން ޒީނަތްތެރި ކޮށްލާފައެވެ. ޖަހާލާފައި ހުރި މިއުޒިކުން ތަނަށް އިތުރުު ހިތްގައިމު ކަމެއް ގެނެސްދީފައިވެއެވެ. މެހެމާނުންގެ ހިދުމަތުގައި އުޅޭ މީހުން އެކިކޮޅުކޮޅު މައްޗަށް ހަރަކާތްތެރި ވާތަން ފެނެއެވެ.
ނޫރާ މަންމަމެނާއެކު އެތެރެއަށް ނުވަދެ މަޑުކޮށްލީ އަމާނީ އަންނަންދެނެވެ. އަމާނީ އައުމުން ދެމީހުން އެއްކޮށް ވަދެގެންގޮސް އަލަތު ދެމަފިރިންނާ މަރުހަބާ ކިޔައި ސަލާމް ކޮށްލުމަށްފަހު ގެނައި ހަދިޔާ ދިނެވެ. އަޒްލިފާ އެމީހުންނާއެކު ފޮޓޯނަގަން ބުނުމުން ނޫރާ އާއި އަމާނީ އެމީހުންކައިރީ މަޑުކޮށްލައިގެން ތިއްބެވެ.
ކުއްލިއަކަށް ނޫރާ މޫނުމަތީގައިވި ހިނިތުންވުން ގެއްލުނީ ލިޝާންއާއެކު ވަދެގެން އައި ކަޔާންފެނިފައެވެ. އަމާނީއަށް ވަގުތުން ނޫރާއަށް ވީގޮތް ނަގައިގަނެވުނެވެ. ނަމަވެސް އޭނާއަށް ނޫރާ ގޮވައިގެން ދުރަށް ދާކަށް ނުކެރުނެވެ. އަޒްލިފާ ހިތަށް އަރާފާނެ އެއްޗަކާމެދު ވިސްނާލުމަށްފަހު އޭނާ ހަމައެހުރި ގޮތަށް ހުރީއެވެ.
ކަޔާންމެން ވަދެގެން އައިސް ދެމަފިރިން ކައިރިއަށް އައެވެ. އެމީހުންގެ ވާހަކަތަކުން ކަޔާން އަކީ އަޒްލިފާގެ ފިރިމީހާ އަކުމަލްގެ ރައްޓެއްސެއްކަން އެނގުނެވެ.
ނޫރާމެން އެމީހުންނާއެކު ފޮޓޯނެގިއިރު ކަޔާންމެންވެސް އެތާގައި ތިއްބެވެ. ކަޔާންގެ ނަޒަރު އެންމެެ ހިނދުކޮޅަކަށްވެސް ނޫރާ ނޫން އެހެން ދިމާއަކަށް ނުހުއްޓެއެވެ. ހުދުކުލައިން ޒީނަތްތެރި ކުރެވިފައިވާ ފެހި ކުލައިގެ ދިގު މެކްސީ ނޫރާއާއި ނުހަނު ގުޅެއެވެ. މެކްސީ އާއި ގުޅޭގޮތަށް އަޅާފައިވާ ޝޯލްގެ ތެރެއިން ނޫރާގެ މޫނު ފެންނަށް ހުރިއިރު ކޮށްފައިވާ ލުއި މޭކަޕުގެ ސަބަބުން މޫނަށް އިތުރު ފުރިހަމަ ކަމެއް ގެންސްދީފައިވެއެވެ.
ކަޔާން އޭނާއާ ދިމާއަށް ބަލާކަން އިހުސާސްވެ ނޫރާއަށް ހިންދިރުވާލެވުނެވެ. ނޫރާ އަވަސް އަވަހަށް އަމާނީގެ އަތުގައި ހިފައިން އެތަނުން ދުރަށް ދިޔައެވެ. ނޫރާއާއި އަމާނީ ތައްޓަށް ކާއެއްޗެހި އަޅައިގެން އެއްފަރާތެއްގައި ހުރި މޭޒެއްގައި އިށީނެވެ. އަމާނީ ނޫރާއަށް ގޮވާލީ ނޫރާގެ ހާލަތު ހުންނާނޭ ގޮތް ވިސްނޭތީއެވެ. “އަމީ އަހަރެން ކިތަންމެ ބޭނުންވިޔަސް އަހަންނަކަށް ކަޔާންގެ މަތިން ހަނދާން ނައްތައެއް ނުލެވުނު.. ހައަހަރު ފާއިތުވެގެން ދިޔައިރު އަހަރެން ކަޔާންގެ މަތިން ހަނދާން ނައްތާލެވޭތޯ ވަރަށް މަސައްކަތް ކުރިން އެކަމަކު އަހަންނަކަށް އެކަމެއްނުވި ކަޔާންއަކީ ބޭވަފާތެރިއަކަށް ވިޔަސް އަހަރެން ކަޔާންދެކެވީ ހަގީގީ ލޯބި..” ނޫރާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަޑު ތުރުތުރު ލަމުން ދިޔައެވެ.
އަމާނީ އޭނާގެ ރަހުމަތްތެރިޔާއަށް ހިތްވަރު ދިނެވެ. ނޫރާ އަބަދުވެސް އޭނާއަށް އަމާނީ ކަހަލަ ރަނގަޅު އެކުވެރިއަކު ލިބުނީތީ އުފާކުރެއެވެ. އަމާނީގެ ބަސްތަކުން އަބަދުވެސް އޭނާއަށް ހިތްވަރު ލިބެއެވެ. ނޫރާ އަވަސްކޮށްލައިގެން ގެއަށްދާން ނުކުތީ އަމާނީ އާއެކުގައެވެ. ވަފިއްޔާމެން ގެއަށްދާނީ ލަސްކޮށްލާފައިކަމަށް ބުނުމުން އަމާނީ ނޫރާއާއެކު އެގޭގައި މަޑުކުރިއެވެ.
އުޑުމަތި ބައްދާލާލާފައިވަނީ ކަޅު ވިލާތަކުންނެވެ. ހީވަނީ ދެންމެ ދެންމެ ވާރޭ ވެހިގެންފާނޭހެންނެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުންދިޔައީ ވާރޭ ވެެހެން ފެށުމުގެ ކުރިން ދާން ބޭނުންވާ މަންޒިލަށް ފޯރާތޯއެވެ.ކަޔާންވެސް ބާރު ސްޕީޑުގައި ދުއްވާފައި ދިޔައީ އޭނާގެ މީޓިންގ އޮންނަ ތަނަށް ދެވޭތޯއެވެ. ކަޔާން މަސައްކަތް ކުރާ ކުންފުނީގެ ފަރާތުން ހަދަމުންދާ ރިސޯޓުގެ އިންޓީރިއާ ޑިޒައިން ހަވާލުކުރެވިފައިވާ ލިލީ އެންޓަޕްރައިޒަސް ދިމާއަށެވެ. ކަޔާންއަށް އެތަނަށް ނުވަދެވެނީހެން ހިމަފޮދު ވާރޭ ވެހެން ފަށައިފިއެވެ.
ކަޔާން އެތެރެއަށް ވެދެގެންގޮސް ރިސެޕްޝަނުގައި އިން ކުއްޖާ ކައިރީ އޭނާގެ ނަން ބުނުމުން އެތާގެ މެނޭޖަރުގެ ކެބިން ދެއްކިއެވެ. ކަޔާން އަމިއްލައަށް ތަޢާރަފް ވެލުމަށްފަހު ސަލާމް ކޮށްލިއެވެ. ރައޫފް ކަޔާން ކައިރީގައި ރިސޯޓުގެ މަސައްކަތުގައި ކަޔާންއާއިއެކު މަސައްކުރާނެ ކުއްޖާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަންނާނެ ކަމަށް ބުންޏެވެ.
މަސައްކަތުގެ ވާހަކައިގައި ތިބި ރައޫފްއާއި ކަޔާން އެކުއެކީގައިހެން ބަލައިލީ ދޮރުގައި ޖަހާލުމުންނެވެ. ރައޫފް ވަނުމަށް ހުއްދަ ދިނުމުން އެތެރެއަށް ވަތް ޒުވާނާ ފެނި ކަޔާންއަށް ކޮޅަށް ތެދުވެވުނެވެ.
One Comment
Comments are closed.
Nice