11
” އަދި މަންމަ ދޮންބެ މަތިން ކޮންމެ ދުވަހަކު ކޮންމެ ވަގުތަކު ހަނދާން ކުރި ވާހަަކަ ބުނެދޭށެވެ. އަދި ދޮންބެގެ ނަންވެސް ނުބުނެވެ ދޯއެވެ. ދޮންބެގެ ނަމަކީ ” ވިކާޝް ” އެވެ. ދަރިފުޅުމެން ދެކުދިން ދެކެ މަންމައާއި ބައްޕަވެސް ވަރަށް ލޯބިވެއެވެ.”
ވިޝާއަށް އޭނާގެ ކެބިންއަށް އާދެވުނީ އާލިކް ނުކުމެގެން ދިޔަފަހުންނެވެ. އާލިކް ނެތްކަން އެނގުމުން މޫނަށް ވައްތަރެއް ޖައްސާލަމުން ވިޝާ އޭނާގެ ގޮނޑީގައި އިށީނދެލީ އާލިކް އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. ހަގީގަތުގައި ރޭގައި ހިނގާދިޔަ ކަންތައްތަކަށްފަހު ވިޝާއަށްވެސް އާލިކްއާއި ގާތުގައި ހުރުމަށް އެދެވެނީ ހައިރާންވާ ފަދަ ދަރަޖައަކަށެވެ. ނޭނގޭ ސަބަބަކާއިހުރެ އާލިކްއާއި ގާތްވެވުނު މަންޒަރު ހިތައް އެރުމުން އެތުންފަތުގައި ޖާދުވީ ހިނިތުންވުމެއް ދުވެލަނީ އިޚްތިޔާރަކާއި ނުލައެވެ. ވިޝާ ލޯ މަރާލިއެވެ. އެވަގުތުވެސް އޭނާއަށް ސިފަވަމުން ދިޔައީ އާލިކްގެ ފިރިހެންވަންތަ މޫނާއި އޭނާގެ ހިނިތުންވުމެވެ. އެ ތޫނު ދެލޮލާއި އޭނާގެ މައުނަވީ ބަލާލުމެވެ. އެއާއިއެކު އޭނާއަށް ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލެވުނެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެލޮލަށް ސިފަވެގެންދިޔަ މަންޒަރެއްގެ ސަބަބުން ވިޝާގެ ހުވަފެނީ ހިނިތުންވުން ފިލާގޮސް މޫނުމަތީގައި ނުތަނަވަސްކަން އުފެދިއްޖެއެވެ.
” އާލިކްގެ ލޯބިވެރިއެއް ހުރޭ..” ލޯ ހުޅުވާލުމަށްފަހު ވިޝާއަށް މަޑުމަޑުން ބުނެލެވުނެވެ. ހަމަ އެއާއިއެކު ދެތުންފަތުގައި ތުރުތުރެއް އުފެދި ބޮޑު ދެލޮލަށް ކަރުނަތައް ޖަމާވެގަތެވެ.
” އެކަމު.. ކީއްވެތަ މިރޮވެނީ.. އަދި ރޯން ވެއްޖެތަ.. އަޅޭ..” ވިޝާ މޫނުމަތީގައި އަތްއެޅުމަށްފަހު ކަރުނަތައް ހިންދާލެވޭތޯ މަސައްކަތް ކުރަން ފެށިއެވެ. އާލިކް އުޅެނީ ކުއްޖަކާއި ރައްޓެހިވެގެންކަން ހިތައް އެރުމާއިއެކު އޭނާގެ ހިތައް ވެގެން ދިޔަ ގޮތް ޚުދު އޭނާއަށްވެސް ނޭނގުނެވެ. ކޮންމެވެސް ސަބަބަކާއި ހުރެ އެކަމާއި ދެރަ ވެވެނީއެވެ. ކިތަންމެ ހިތްވަރު ގަދަކޮށްލައިގެން އުޅުނަސް މިހާރު އާލިކް ފެނިއްޖެނަމަ އޭނާއަށް ލަދުގަނެވެނީއެވެ. އެ ދެލޮލާއި ހަތަރު ކަޅި ހަމަވެއްޖެނަމަ ހިއްސުތަކާއި ކުޅެލަނީއެވެ. ނަމަވެސް ވިޝާ އޭނާގެ އަމިއްލަ ނަފްސަށް އިތުބާރު ކުރެއެވެ. ހަމަ ގައިމުވެސް އޭނާއަކީ ލޯބިން އުޅޭ ދެލޯބިވެރިއެއްގެ ދެމެދަށް ވަންނާނެ މީހެއް ނޫނެވެ.
” އެހެން ނޫނަސް ދޮންބެ ފެނުމުގެ ކުރިން އެކަހަލަ ކަމެއް ކުރާކަށް ނޫޅެން..” ވިޝާ އޭނާގެ ހިތައް ވިސްނައިދެމުން އަމިއްލައަށް ހިތްހަމަޖެހުން ހޯދަން މަސައްކަތް ކުރިނަމަވެސް އާލިކްގެ ޚިޔާލުތަކާއި ދުރުވެވޭ ގޮތެއް ނުވިއެވެ. ކުރެވެމުން އެދާ އިހުސާސްތަކަކީ ކޮން އެއްޗެއްކަން އެނގުނު ނަމަވެސް ވިޝާ ބޭނުންވަނީ އެއީ ނުވާކަމެއްކަމުގައި ހަދާލުމަށެވެ.
” ހޭއި.. ހުރިހާ ކަމެއް އޯކޭތަ؟.. ކީއްވެ ފިލާ ތިއިނީ؟..” ދެއަތްތިލައިން މޫނު ފޮރުވާލައިގެން އިން ވިޝާ ކުއްލިއަކަށް އިސްއުފުލާލީ އާލިކްގެ އަޑު އިވުމުންނެވެ. އޭރު އާލިކް ވިޝާގެ މޭޒުގައި ދެއަތް ވިއްދާލައިގެން ހިނިތުންވެފައި ހުއްޓެވެ.
” ނަ.. ނަތިން.. ދެން ކަމެއް ނެތީމަ..” ކުއްލިއަކަށް އާލިކް ފެނުމުން ވިޝާގެ ކޯތާފަތަށް ޖަންބުކުލަ ވެރިވެ އަޑުގައިވެސް ތުރުތުރެއް އުފެދިފައިވެއެވެ. ވިޝާގެ ލަދުވެތި މޫނު ފެނުމުން އާލިކްގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. އިސް ޖަހާލައިގެން އިން ވިޝާގެ މޫނުން އޭނާގެ ފުން ނަޒަރު ވަކިކޮށްލުމެއްނެތި ގޮސް ވިޝާއާއި ނުހަނު ކައިރީގައި ހުއްޓިލީ އެވަގުތު އޭނާގެ ހިތް އެންމެ ބޭނުންވި ގޮތަށެވެ. އަދި ލަސްލަހުން ވިޝާއާއި ވީ ފަރާތުން މޭޒުގައި އެއް އަތް އަޅުވާލާ ކުޑަކޮށް ގުދުވެލާ ކުރިއަށްވުރެވެސް ފުންކޮށް އެ މައުސޫމް ދޮން ދޮން މޫނަށް ބަލާލިއެވެ. އޭރު އާލިކްގެ ގާތްކަން އިހުސާސްވެގެން ވިޝާގެ ހިތް ނެގިނެގިފައި ޖެހޭއިރު ހީވަނީ އުދުއްސައިގެން ހިނގައިދާނެހެންނެވެ. ކަޅުކަން ގަދަ ބޯ އެސްފިޔަތައް ތިރިކޮށްލާ ލޯ ފޮރުވާލައިގެން އިން ގޮތުންވެސް ލަދުވެތިކަމާއި އަންހެންވަންތަކަން އިތުރުވެގެންދެއެވެ. ޖަންބުކުލަ ގަދަވަމުންދިޔަ އޮމާން ކޯތާފަތާއިއެކު މަޑު ތުރުތުރެއް އުފެދިފައިވާ ގަދަ ފިޔާތޮށި ކުލައިގެ ތުންފަތްވެސް އާލިކްގެ ހިތައް އިތުރަށް ގޯނާ ކުރަމުން ދިޔައެވެ.
” ވިޝޫ އަށް އިނގޭތަ ތިގޮތަށް ލަދުގަތީމަ ވިޝޫގެ ރީތިކަން އިތުރުވާކަން..” އާލިކް މަޑުމަޑު އެހެނަސް ފިރިހެންވަންތަ އަޑަކުން އެހެން ބުނެލީ ވިޝާގެ ކަންފަތްދޮށުގައެވެ. އެއާއިއެކު ވިޝާގެ ހުރިހާ އިސްތައްޓެއް ކޮޅަށް ޖެހިގެންދިޔައީ އެބުނެލި އެއްޗަކާއިއެކު އާލިކްގެ ހޫނު ނޭވާ އޭނާގެ މޫނުގައި ބީހިލުމުންނެވެ.
” މްމ.. ސަރ..” ވިޝާގެ ތުންފަތް ހަރަކާތްކުރިނަމަވެސް އަޑުބޭރުވީ ވަރަށް މަޑުމަޑުންނެވެ. އޭނާ ހިތްވަރުކޮށްލާފައި އިސްއުފުލާލަން އުޅުނު ވަގުތު އަނެއްކާވެސް އެހަށިގަނޑު ފިނިވެގެން ދިޔައީ މޭޒުގައި ހިފަހައްޓާލައިގެން އިން އޭނާގެ އަތް އާލިކްގެ އަތުގެ ތެރެއަށްލުމުންނެވެ.
” ވިޝޫ.” އާލިކް މަޑުމަޑުން ވިޝާގެ އިސްއުފުލާލަދިނެވެ. އެވަގުތު ވިޝާގެ މުށިކުލައިގެ ލޮލާއި އާލިކްގެ ތޫނު ދެލޯ ހަމަވެގެން ދިޔައެވެ. ރީތިކަމާއި ފުރިހަމަކަމުގެ ދެޒުވާނުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބިއިރު މަންޒަރު ފެންނަލެއް ނުހަނު ހިތްގައިމެވެ. މާތް ﷲގެ ކުޅަދުންވަންތަކަމުގެ ފުރިހަމަ ނަމޫނާއެކެވެ.
އާލިކްއަށް ލަސްލަހުން އޭނާގެ އަތުގެ ތެރޭގައި އޮތް ވިޝާގެ ފިނިފިނި އަތްތިލަ ގެންގޮސް ތުންފަތުގައި ޖައްސާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭރުވެސް އޭނާގެ ތޫނުދެލޯ އަމާޒުވެފައި ހުރީ ވިޝާގެ މޫނަށެވެ. އާލިކްގެ އެކުޑަކުޑަ ހަރަކާތާއިއެކު ވިޝާއަށް ތެޅިގަނެވުނެވެ. ބޮޑުބޮޑު ދެލޯ އިތުރަށް ބޮޑުކޮށްލަމުން އަތްދަމައިގެން އިރު އެމޫނުގައިވާ މައުސޫމްކަން ފެނި އާލިކްއަށް ހުރެވުނީ ހައިރާންވެފައެވެ. ހަމަ އެވަގުތު އަވަސް އަވަހަށް ނޭވާ ލަމުން އަވަސް ފިޔަވަޅުތަކެއްގައި ވިޝާ ކެބިންއިން ނުކުމެގެން ދިޔަ މަންޒަރު ބަލަންވެސް އާލިކްއަށް ހުރެވުނީ އެހައިރާން ކަންމަތީގައެވެ.
“ވިޝޫއަށް އެނގޭތަ ތިގޮތަށްލަދުގަތީމަ ވިޝޫގެ ރީތިކަން އިތުރުވާކަން..” ވިޝާ ތިރީގައި ހުރި ވޮޝް ރޫމަކަށްވަދެ ލޯގަނޑު ކުރިމަތީގައި ހުރިއިރުވެސް ކަންފަތުގައި ގުގުމާލާފައި ހުރީ އާލިކްގެ މަޑުމައިތިރި އަޑެވެ. އިހުސާސް ކުރެވެމުންދިޔައީ އޭނާގެ އެގާތްކަމެވެ. ވިޝާ ގަދައަށް ލޯ މަރާލަމުން ބާރުބާރަށް މޭގައި ހިފަހައްޓާލިއެވެ. އާދަޔާ ޚިލާފަށް ތެޅެމުން ދިޔަ އޭނާގެ ގޮތްނޭނގޭ ހިތް ހަމައަކަށް އަޅުވާނެ ގޮތެއްވެސް ވިޝާއަކަށް ނުވިސްނުނެވެ. އާލިކްގެ އެގާތްކަން އޭނާގެ އަންހެންވަންތަ އިހުސާސްތައް ރަނގަލަށްވެސް ހޭލައްވާލައިފިއެވެ.
ކުޑަކޮށް ހަމައަކަށް އެޅުމުން ވޮޝް ރޫމުން ނުކުތުމަށްފަހު ކެބިންއަށް ދިއުމުގެ ބަދަލުގައި ވިޝާ މަޑުކޮށްލީ ރިސެޕްޝަނުގައެވެ. ނަމަވެސް އެތަނުގައި މާގިނަ އިރުތަކެއް ނުވަނީސް އެންމެން ކޮފީއަށް ދާން ކިޔަން ފެށުމުން ވިޝާވެސް އެމީހުންނާއި އެކުގައި ކޮފީ ރޫމަށްމިސްރާބު ޖެހިއެވެ.
” ޝާން ވަޒީފާއިން ވަކިވާން ސިޓީ ލައިފި..” ކޮފީ ރޫމަށް ވަދެވުމާއިއެކު ދީމާ ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ މޫނުމަތީގައި ހުރީ ނުތަނަވަސްކަމުގެ އަސަރުތަކެވެ.
” ހޫމްމް ސިޓީ ލާންވެގެން ކަންނޭނގެ މިއަދު އެއައީވެސް.. 9 ވެސް ނުޖަހަނީސް ހިނގައްޖެ..” ދީމާގެ ވާހަކައިގައި ބައިވެރިވެލަމުން ވިމްލާ ބުނެލިއެވެ. އޭރު އަރީޝްއާއި، މޯޑުއާއި އަދިވެސް އޮފީހުގައި އުޅޭ ހައެއްކަ ކުދިން އެތަނަށް އައިސްފިއެވެ.
” ކޮންމެސް ކަމެއް ގޯސްވެއްޖެ.. ލިމްވެސް ފޯނެއް ނުނަގާ ވިއްޔަ.. ޝާން ބުނީ ބޭރަށް ކިޔަވަން ދާންވެގެންނޯ.. އެކަމު ހަމަ ކުއްލިއަކަށް.. އަނެއްކާ އެހާ ކަޓާފަހުރީވެސް..” ދީމާ ވިސްނުންތެރިކަމާއިއެކު ވާހަކަ ދައްކަމުން ދިޔައީ ވިޝާއާއިއެވެ.
” މިއަދު އޮފީސް ނިންމާފަ ލިމް ކައިރިއަށް ޖައްސާލަންވީނުން..” ވިޝާ ދީމާއަށް ޖަވާބު ދިނުމުގެ ގޮތުން ބުނެލިއެވެ.
” މަށަކަށް ނުދެވޭނެއޭ.. މިއަދު ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ދާންޖެހޭ..” ދީމާ އޭނާގެ ދަބަހުން އޯރިއޯ ބިސްކޯދު ބޮނޑިއެއް ނަގަމުން ބުނެލިއެވެ.
” އޭ އޯރިއޯ ތަ؟.. އެހެންވެގެނނޭ މަ ބުނަނީ ދީމް ވަރެއް ނޯންނާނެއޭ..” ކޮފީ ގިރަން ހުރި އަރީޝް މޯޑުއަށް އެއްލޯ މަރާލަމުން މާހައަުލަށް އުފާވެރިކަން ގެނުވިއެވެ.
” ކޮބާ ކޮފީ ރެޑީވެއްޖެތަ؟..” ހުނުމުގެ އަޑުން ގުގމާލާފައި އޮތް މާހައުލަށް ކުޑަ ހިމޭންކމެއް ގެނުވީ އާލިކް އެތެރެއަށް ވަނުމުންނެވެ. އެއާއިއެކު ދީމާއާއި ވާހަކަ ދައްކަން އިން ވިޝާއަށް ކުއްލިއަކަށް އިސްޖަހާލެވުނީ އާލިކްއާއި ހަތަރު ކަޅި ހަމަވެދާނެތީ ކަންނޭނެގެއެވެ.
” މިހާރު ދެން ރެޑީވީ..” އާލިކްއަށް ޖަވާބުދިނީ ދީމާއެވެ. އެވަގުތު އާލިކްވެސް ހިނިތުންވެފައި ހުރެ ގޮސް އިށީނދެލީ ވިޝާއާއި ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައެވެ. އޭރުވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އިސްޖަހާލައިގެން އިން ވިޝާގެ މޫނަށެވެ. ވިޝާ ލަދުގަނެފައި އިންތަން ފެނުމުން އާލިކް މޫނުމައްޗަށް ވެރިވެގެން ދިޔައީ ލާނެތް ހިނިތުންވުމެކެވެ.
” ޝާން ވަޒީފާއިން ވަކިވާން ސިޓީ ލައިފި..” ދީމާ އާލިކްއަށް ބަލާލަމުން ބުނލެިއެވެ. އެވަގުތު އާލިކްވެސް ވިޝާގެ މޫނުން ނަޒަރު ވަކިކޮށްލުމަށް ދީމާގެ ވާހަކައަށް ސަމާލުވެލިއެވެ.
” އަދި ތިކޮޅަށް ނުގެންދެވިގެން މިއުޅެނީ.. ހަމަ ކުއްލިއަކަށް ވަކިވާން ސިޓީލީ..”އާލިކް ސުވާލު ކުރުމުގެ ކުރިން ދީމާ ބުނެލއިެވެ. އޭރު އާލިކްގެ މޫނުމަތީގައި ވަނީ ސުވާލު މާކްތަކެކެވެ.
” އެހެންތަ؟.. ދެން އެހެންވީމަ ވަކިވިކަމުގެ ލިޔުން ތައްޔާރުކޮށްލާ.. ދެން އެވަޒީފާއަށް އިއުލާން ކުރޭ..” އާލިކް ވާހަކަދެއްކީ މަޑުމައިތިރިކަމާއިއެކުގައެވެ. އޭނާ ދެކޭގޮތުގައި ޝާންފަދަ ރަނގަޅު މުވައްޒަފަކު ވަކިވެގެން ދިއުމަކީ އެކުންފުންޏަށް ލިބިގެންދާ ވަރަށް ބޮޑު އުނިކަމެކެވެ. އާލިކްއާއި ދީމާ ވާހަކަ ދައްކަމުންދިޔައިރުވެސް ވިޝާ އިސް އުފުލާލާ ޚިޔާލެއް ނުކުރިއެވެ. ބަލާ ބެލުމަށް ހީވަނީ އާލިކްގެ ކުރިމަތީގައި ހަރަކާތެއްވެސް ނުކުރަން ވައުދެއް ވެގެން އިންހެންނެވެ. ވިޝާ އެހާބޮޑަށް ނުތަނަވަސްވެފައި އިނުމުން އާލިކްވެސް ކުޑަކޮށް މާޔޫސްވިއެވެ. ވިޝާގެ އަނގައިން ބަހެއް ބުނެލާ އަޑު އަހާހިތުންވެސް އޭނާގެ ހިތްތެޅިފޮޅެނީ އިންތިހާ ދަރަޖައަށް ވިއްޔާއެވެ.
ކޮފީ ބޮއި ނިންމައިގެން އާލިކްއަށްވުރެ ކުރީގައި ކެބިންއަށް ދިޔައީ ވިޝާއެވެ. ނަމަވެސް ހަމަ އޭނާގެ ފަސްފަހަތުން ކަހަލަ ގޮތަކަށް އާލިކްވެސް އައިސްފިއެވެ. އެއަށްފަހު އެދުވަހުގެ ބާކީބައި ވޭތުވެގެން ދިޔައީ އެފަދަ ހަމަހިމޭން ކަމެއްގައެވެ. ވިޝާ އިސްވެ އާލިކްއާއި ވާހަކަ ނުދައްކާ ހާލު އާލިކް ވާހަކައެއް ދައްކަން އުޅުނަސް ކޮންމެވެސް ބަހަނާއެއްގައި ވިޝާ އެކަމުން ސަލާމަތްވެއެވެ. މަސައްކަތްތައް ކުރަމުން ދިޔައިރުވެސް އާލިކްގެ ތޫނު ނަޒަރުން ސަލާމަތްވެވޭ އެންމެ ސުކުންތެއްވެސް ވިޝާއަކަށް ނުލިބެއެވެ. ބައެއް ފަހަރު އުނދަގޫވެގެން ފާހާނާއަށް ވަދެއެވެ. އަނެއްބައި ފަހަރު ތިރިއަށް ހިނގައިދާނެއެވެ. އެހެންނަމަވެސް އެނބުރި އަންނައިރު އަނެއްކާވެސް ބައްދަލުކުރަން ޖެހެނީ އާލިކް މާނައި ފުރިގެންވާ ތޫނު ބެލުންތަކާއެވެ.
“ހަހްހްހްހހ… ވަޓް އަ ޑޭ..” އެހެން ދުވަސްދުވަހާއި ޚިލާފަށް މިއަދު ހަވީރު 4 ޖެހުމާއިއެކު އޮފީހުން އެންމެ ފުރަތަމަ ނުކުތީ ވިޝާއެވެ. އާލިކްގެ ބެލުންތަކުން ސަލާމަތްވާން ހަދާނެ އެހެން ގޮތެއް ނެތުމުން އޭނާ އިނީ 4 ޖަހާތޯ ބަލަބަލައެވެ. އެހެން މީހަކާއި ރައްޓެހިވެގެން ހުރެ އާލިކް އޭނާއަށް ދެމުންގެންދާ އިޝާރާތްތަކުގެ ސަބަބުން ހަގީގަތުގައިވެސް އޭނާއަށް ނުހަނު އުނދަގޫވެއްޖެއެވެ. ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު އިތުރަށް މަޑުކުރުމެއްނެތި ވިޝާ ޓެކްސީއަކަށް އަރައިގެން މިސްރާބު ޖެހީ ލިމްނާމެން ގެއާއި ދިމާއަށެވެ.
އޮފީސް ނިންމާލުމަށްފަހު ގެއަށް އައިސް އިތުރު ކަމެއް ކުރުމުގެ ކުރިން އާލިކް ބޭނުންވީ ކުޑަވަގުތުކޮޅަކު އަރާމުކޮށްލުމަށެވެ. ނަމަވެސް އެނދުގައި ޖައްސާލާފައި މިނެޓެއްވެސް ނުވަނީސް އޭނާގެ ފޯނު ރިންގުވާން ފެށުމުން އާލިކްއަށް މަޖުބޫރުވީ އަނެއްކާވެސް ތެދުވާށެވެ. ކުޑަކޮށް ތެދުވެލުމަށްފަހު ފޯނު ނަގާ ސްކްރީނަށް ބަލާލުމާއިއެކު އާލިކްގެ ވަރުބަލިވެފައިވާ މޫނުމަތި ރަތްވެގެން ދިޔައެވެ. ދެބުމަ ގޮށްޖެހި ދެދަތްޕިލަވެސް ޖައްސާ ބާރުކޮށްލިއެވެ. ޝާޔަންގެ ނަން ފެނުމާއިއެކު އޭނާގެ ސިކުނޑީގައި ހިނގައިގަތީ ރޭގައި އޭނާގެ ބައްޕަ ގުޅައިގެން ދެއްކި ވާހަކަ ތަކެވެ. ހަމަ އެއާއިއެކު ޝާޔަންއަށްޓަކައި ނަފްރަތާއި ރުޅިވެރިކަމުގެ އަލިފާން އޭނާގެ ހިތުގައި ރޯވެގަތީ ބިރުގަންނަ ފަދަ ދަރަޖައަކަށެވެ.
“ހަލޯ..” އާލިކް ފޯނަށް ޖަވާބު ދިނީ ދެދަތްޕިލަ ޖައްސާލައިގެން އިނދެއެވެ. އޭނާ ރުޅި އައިސްފައިވާ މިންވަރު ޝާޔަންއަށް އަންގަން ބޭނުން ނުވަނީ ކަންނޭނގެއެވެ.
” އަޅޭ ލަވް.. ޝާޔާ ވަރަށް އުފާވެފަ މިހުރީ.. އާލްވެސް މެރީކުރަން ރެޑީވެފަ ހުރި ވާހަކަ ބުނީމަ އުފަލުން މޮޔަ ވާވަރުވެއްޖެ.. ލަވް ޔޫ ސޯ މަޗް ހަނީ.. ބާކީ އިނީ އެންމެ މަހެއް ދޯ..” އާލިކްގެ ހާލު ހުރިގޮތާއިމެދު ކުޑަކޮށްވެސް ވިސްނާލުމެއްނެތި ޝާޔަން ތުއި އަޑަކުން ބުނެލިއެވެ. އެވަގުތު އެ ފޮނި ރާގުގައި އޭނާ ބުނެލި ޖުމްލައިން އާލިކްއަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ. އޭނާ އެކައިވެންޏާއި އެއްބަސްވީ ކޮން އިރަކު ހެއްޔެވެ؟ މިހާރު ހުރިހާ ކަމެއް ހަމަޖެހުނީ ހެއްޔެވެ؟ އާލިކްއަށް ގަބޫލުކުރަން ދަތިވިއެވެ. އޭނާގެ ދިރިއުޅުމަކީ އެހާވެސް ބޮޑަށް އޭނާގެ ކޮންޓްރޯލުން ނެއްޓިފައިވާ އެއްޗެއްހެއްޔެވެ؟
” ފަހުން ގުޅާނަން..” ހިތައް އަރަން ފެށި އެއްޗަކުން އާލިކް ފޯނު ކަނޑާލީ ޝާޔަން ބުނާ އެއްޗަކަށް ބެލުމެއް ނެތިއެވެ. އޭރު ރުޅިއާއި ހިތާމައިގެ ކަރުނަތައް އެދެލޮލަށް ގިނަވަމުން ދިޔައެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލައިގެން ހުރިއިރު މޫނުމަތީގައިވާ ނާރުތައް އުފުލިފައި ނިތްކުރިމަތީގައިވެސް ދާތިކިތައް ބަބުޅަމުން ދިޔައެވެ. ހަމަގައިމުވެސް މިވަގުތު ޝާޔަން ފެނިއްޖެނަމަ އޭނާ ނޮޅާލެވޭ ވަރަށްވެސް އާލިކް އެހުރީ ރުޅި ގަދަވެފައެވެ. އެންމެ ފަހުން ގޮށް މުއްކަވާފައި ފާރުގައި ދެތިން އެތިފަހަރު އެޅުމަށްފަހު ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލަމުން އޭނާއަށް އެނދުމަތީގައި އިށީނދެވުނީ ބޯ ފަޅައިގެން ދާވަރު ވުމުންނެވެ. ހިތާމައިން މީހާ ހަލާކުވަނީއެވެ. ރުޅި ގަދަވެގެން ގޮސްވެސް ނާރުތައްވެސް ހީވަނީ ބުރިބުރިވެގެން ހިނގައިދާނެ ހެންނެވެ. ދެން އޭނާ ހަދަންވީ ކިހިނެތް ހެއްޔެވެ؟ ހަމަގައިމުވެސް މިފަހަރު އަމިއްލަ އުފަލަށްވުރެ ކުރިއަށް އެހެން މީހެއްގެ އުފާ އިސްކުރުމަކީ އޭނާއަށް ކުރަން ވަރަށް އުނދަގޫވާނެ ކަމެކެވެ.
ވިޝާ ލިމްނާއާއި ވާހަކަ ދައްކާލަން އިނުމަށްފަހު ގެއަށް އައީ އިރު އޮއްސުނު ފަހުންނެވެ. ގެއަށް އައުމަށްފަހުވެސް އޭނާއަށް ވިސްނެމުން ދިޔައީ ލިމްނާ ދެއްކި ވާހަތަކާއިމެދުގައެވެ. އެއްވެސް މީހަކީ ހުރިހާ އުފާތަކެއް ލިބިގެން އުޅޭ މީހެއް ނޫންކަން ވިޝާއަށް ވިސްނުނީ ލިމްނާގެ ހާލު ފެނުމުންނެވެ. އާއލާ އާއި ހުރިހާ އުފާތަކެއް ލިބިފައިވާ މީހެއް ނަމަ ލޯބިވާ ބައިވެރިއެއްގެ އުފަލުން މަހްރޫމް ވެދާނެއެވެ. ހުރިހާ އުފާތަކެއް މިންވަރުކުރައްވާނީ ވަރަށް މަދުމީހަކަށެވެ. އެގޮތުން މައިންބަފައިންގެ ލޯތްބާއި، ލޯބިވާ އާއިލާއާއިއެކު ފުދޭވަރެއްގެ ތަނަވަސް ދިރިއުޅުމެއް އުޅެމުން އަންނައިރުވެސް ލިމްނާގެ ހިތްހަމަޖެހުންވެސް އެވަނީ ނެތިގެން ގޮސްފައެވެ. ތަގްދީރުގައި އޭނާއާއި ޝާންގެ ގުޅުން ލިޔެވިފައި ނެތުމުން އެކަން ފުރިހަމަ ނުވީއެވެ. ދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާއިރުވެސް ތަގްދީރު އެދެލޯބިވެރިންގެ ހުރަހަކަށް ވީއެވެ. ލިމްނާ ބުނިގޮތުންނަމ، އެދެމީހުން ވަކިވާން ޖެހުނީ ތެލަސީމިއާ ކެރިއަރުންނަށް ވުމުންނެވެ. ކުރިން ލިމްނާއަކީ ކެރިއަރެއްކަން އެނގޭ އިރުވެސް ހިތްހަމަޖައްސާލައިގެން ތިބީ ޝާން ނޯމަލް ވާނެކަމުގައި އުންމީދުކޮށްގެންނެވެ. ނަމަވެސް ނަސީބު ދިމާކުރިގޮތުން އެމީހުންނަށް މަޖުބޫރުވީ އެލޯބީގައި ސިއްކަ ޖަހާށެވެ. ލިމްނާ ބުނިގޮތުން ޝާން ވަޒީފާއިން ވަކިވީ އޭނާއާއި އެއް އޮފީހެއްގައި އުޅެން އުނދަގޫ ވާނެތީއެވެ. ލިމްނާ ރޮވިފައި ވާހަކަ ދެއްކުމުން ވިޝާ އޭނާއަށް ނުހަނު ހިތްވަރުދީ ހިތްހަމަޖައްސައިދިނެވެ.
ރޭގަނޑު ކެއުމަށްފަހު ނިދަން އޮށޯވެލިއިރު ވިޝާގެ ޚިޔާލުތަކުގައި ރަސްކަން ކުރަމުން ދިޔައީ އާލިކްގެ ޒުވާން މޫނެވެ. ނަމަވެސް އޭގެ ކުރިން އޭނާ ވިސްނަންވީ ދޮންބެއާއި މެދުގައެވެ. އޭނާގެ ހަގީގަތް ކޮންމެވެސް މީހަކާއި ހިއްސާ ކުރަންވީއެވެ. މިހާރު އެންމެ ގާތް މީހަކަށް ހުރީވެސް އާލިކްއެވެ. ނަމަވެސް އާލިކް ފެންނައިރަށް ވެގެންދާ ގޮތުން ވާހަކައެއް ހިއްސާ ކުރާނީ ކިހިނެތްހެއްޔެވެ. ވިޝާ ލޯ މަރާލިއެވެ. ކޮންމެ ގޮތެއް ވިޔަސް ކޮންމެވެސް މީހެއްގެ އެހީތެރިކަމާއި ނުލާ ވިކާޝް ހޯދުމަކީ އޭނާއަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.
ހެނދުނުގެ ތާޒާ ވަގުތެވެ. “ޑެއިލީ ފައުންޑޭޝަން” އޮފީސް ތެރޭގައި މުވައްޒަފުންތައް މަސައްކަތުގައި އަވަދިނެތި އުޅެމުން ދިޔައީ ހަރަކާތްތެރިކަމާއި އެކުގައެވެ. އެކުވެރިކަމާއި ހީވާގިކަމާއި އެކުގައެވެ. ފޯން ކޯލަކަށްޖަވާބު ދޭން ރިސެޕްޝަނުގައި އިން ލިމްނާގެ ލޮލަށް ކުއްލި ސިހުމެއް ގެނުވީ ދޮރު ހުޅުވާލާފައި ވަދެގެން އައި ޒުވާނާ ފެނުމުންނެވެ. އަނދުނުން ފަވާލެވިފައިވާ ދެލޯ ބޮޑުކޮށްލުމަށްފަހު ފޯނު ބާއްވާލަމުން އޭނާއަށް އެޒުވާނާއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ކަޅި ޖަހާލުމެއްނެތިއެވެ. ފެހިކުލައިގެ ޓީޝާޓަކާއިއެކު އަޅި ކުލައިގެ ސޯޓުބުރިއެއްގައި އެ ޒުވާނާ ފެންނަލެއް ހިތްގައިމުވެފައި ސްޓައިލިޝްއެވެ. ބްރައުން ކުލަ އަރަމުން ދިޔަ އިސްތަށިގަނޑުގައި ޖައްސާލާފައިވާ ސްޕައިކުވެސް އޭނާގެ ފުރިހަމަކން އިތުރުކޮށްދެއެވެ.
” އާލިކް އައިސްފިތަ؟..” އެ ޒުވާނާ ރިސެޕްޝަނުގައި ހުއްޓިލުމަށްފަހު ސުވާލުކޮށްލީ ހިނިތުންވުމަކާއެކުގައެވެ. އެވަގުތު ލިމްނާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެލީވެސް އެސްފިޔަ ޖަހާލުމެއްނެތިއެވެ. އެވަގުތު ލިމްނާއަށް ވެފައި ހުރިގޮތް ފެނުމުން އެ ޒުވާނާއަށް ކުރިއަށްވުރެ ބޮޑަށް ހިނިތުންވެވުމުން އޭނާގެ ފެހިކުލައިގެ ކަޅިއަށް ވިދުމެއް ވެރިވެގެން ދިޔައެވެ. އާލިކްގެ ކެބިންއާއި ދިމާއަށް ހިނގައިގަތުމަށްފަހުގައިވެސް ފަސް އެނބުރި ލިމްނާގެ ހައިރާންވެފައިވާ މައުސޫމް މޫނަށް އޭނާ ދެވެނަ ފަހަރަށް ބަލާލީ ހިތްކަތިލާ ފަދަ ނަޒަރަކުންނެވެ.
” އޯހ މައި ގޯޑް.. އެހެރަ ރީތި ކަމެއް..” ލިމްނާ ގޮނޑީގައި އިށީނދެލުމަށްފަހު ހުވަފެނީ ގޮތަކަށް ބުނެލިއެވެ. ޝާންއާއި ރައްޓެހިވެގެން އެންމެ ލޯބިން އުޅުނު އިރުވެސް ރީތި ފިރިހެން ކުއްޖަކު ފެނިއްޖެއްޔާ އޭނާއަކީ އެވަރުވާ ކުއްޖެކެވެ.
“މިހާރު އަދި މާ ރީތި..” ލިމްނާއާއި ބައިވެރި ވެލަމުން އޭނާގެ ކައިރީގައި އިން ޝަފާވެސް ބުނެލިއެވެ.
އެ ޒުވާނާ ދުވެލާފައި ކަހަލަ ގޮތަކަށް ސިޑިން އަރައިގެން ގޮސް އާލިކްގެ ކެބިން ހުޅުވާލުމާއިއެކު ސިހިގެން ދިޔައީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ.
12
ކޮމްޕިއުޓަރު ދޮށުގައި އެއްޗެއް ޓައިޕް ކުރުމުގައި އަވަދިނެތި އިން ރީތި ރީތި އަންހެންކުއްޖާ ފެނުމާއިއެކު އޭނާގެ ހިތައް ވެގެން ދިޔައީ ބުނެދޭން ނޭނގޭ ފަދަ ގޮތެކެވެ. އެކުއްޖާ ހަމަ ފެނުމާއިއެކު ބޭއިޚްތިޔާރުގައި އޭނާގެ މައިންބަފައިންގެ ޚިޔާލުތައް އެހިތުގައި އުތުރި އަރައިގަތީ ވަކިވަރަކަށް ނޫނެވެ.
ވިޝާގެ ދޮން މޫނަށް ނަޒަރު ހުއްޓާލައިގެން އިން އާލިކްއަށް އެމޫނުން ނަޒަރު ވަކިކޮށްލަން މަޖުބޫރުވީ ކެބިންގެ ދޮރު ހުޅުވުނުކަން އެނގުމުންނެވެ. އެއާއިއެކު ދޮރުމަތީގައި ހުރި ޒުވާނާ ފެނުމާއިއެކު އޭނާއަށް ފުންމައިގެން ތެދުވެވުނުއިރު މޫނުމަތީގައި ފުޅާ ހިނިތުންވުމެއްވެސް އުފެދިއްޖެއެވެ.
އާލިކް ލިޔަން ހަވާލުކުރި ސިޓީއެއް ޓައިޕް ކުރުމުގައި އަވަދިނެތި އިން ވިޝާއަށް ކެބިންގެ ދޮރު ހުޅުވުނު އަޑު އިވުމުންވެސް އެކަމަށް ސަމާލުކަން ނުދިނީ އޮފީހުގެ މުވައްޒަފެއްކަމުގައި ހީކޮށްފައެވެ. އެހެންނަމަވެސް އާލިކް ފުންމައިގެން ގޮނޑިން ތެދުވިކަން އެނގުމާއިއެކު ވިޝާވެސް ދޮރުމަތީގައި ހުރި ޒުވާނާއަށް ނަޒަރު ހުއްޓާލިއެވެ. އެވަގުތު ހިތައް ވީ ގޮތަކަން ވިޝާއަށް ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނީ އެޒުވާނާ ބަލަހައްޓައިގެން ހުއްޓައެވެ.
“ވިކީ.. ވަޓް އަ ސަޕްރައިޒްޒް..” އާލިކް ފުންމައިގެން ގޮސް ވިކާޝްގެ ގައިގައި ބައްދާލީ އޭނާ ފެނުމުން އުފާވިލެއް ބޮޑުކަމުންނެވެ. އެވަގުތު ވިކާޝްވެސް ކުޑަ ހީނލުމަކާއިއެކު އާލިކްގެ ގައިގައި ބައްދާލި ނަމަވެސް އޭނާގެ ނަޒަރު ވިޝާގެ މޫނުން ވަކިކޮށެއް ނުލެވުނެވެ. އެހިތައް އުނދަގޫ ކުރަމުން ދިޔައީ ވިޝާގެ ރީތި ރީތި ދޮން މޫނެއް ނޫނެވެ. ވިޝާ ފެނުމާއިއެކު އެހިތުގައި މުޅިން އެހެން ކަހަލަ ޚިޔާލުތަކެއް އުފެދެން ފެށިއެވެ.
” އާދެބަލަ އެތެރެއަށް..” އާލިކް ވިކާޝްގެ އަތުގައި ހިފައިގެން ގެންގޮސް ގޮނޑިއެއްގައި ބޭނދިއިރުވެސް ވިޝާ އެހުރިގޮތަށް ދެލޯބޮޑުކޮށްލައިގެން ވިކާޝްގެ މޫނަށް ބަލަހައްޓައިގެން ހުރީއެވެ. ވިޝާގެ ހިތައް އުނދަގޫ ކުރަމުން ދިޔައީ ވިކާޝްގެ ފެހިކުލައިގެ ތޫނު ދެލޮލެވެ. އެދެލޯ އޭނާގެ ހިތުން ފޮހެލާނީ ކިހިނެތްހެއްޔެވެ؟އެދެލޮލުން އޭނާގެ ހިތައް އުނދަގޫ ނުވާނީ ކީއްވެ ހެއްޔެވެ؟ އެއީ ހަމަ އޭނާގެ މަންމަގެ ދެލޮލެވެ. އެ ފެހިކުލައެވެ. އެ އާދަޔާ ޚިލާފުކަމެވެ. ވިޝާގެ އެ ހައިރާންވެފައިވާ މައުސޫމް ނަޒަރު ވިކާޝްގެ ހިތައް އިތުރަށް އުނދަގޫ ކުރަމުން ދިޔައެވެ. ސަބަބަކާއި ނުލާ މަންމައާއި ބައްޕަގެ ހަނދާންތައް ތަކުރާރުކޮށް އޭނާގެ ހިތައް ވެރިވަމުން ދިޔައެވެ.
” ވިޝޫ.. ކިހިނެތްވެފަ ތިހުރީ.. ދަންނަންތަ؟..” ވިޝާ ގަބު އަރާފައި ވިކާޝްއާއި ދިމާއަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އާލިކްއަށް އުނދަގޫ ވެގެން ކުޑަކޮށް އަތް ހޫރާލިއެވެ. އެވަގުތު ވިޝާ ސިހިފައި ގޮނޑީގައި އިށީނދެލިއިރުވެސް މޫނުމަތީގައިވަނީ ސުވާލުމާކުތަކެކެވެ.
” ވިކީ.. މިއީ ވިޝޫ.. މްމް..” އާލިކް ވިކާޝްއަށް ވިޝާ ތައާރަފްކޮށްދެމުން ވިޝާއަށް ނޭނގޭނެ ގޮތަށް ވިކާޝްއަށް އެއްލޯވެސް މަރާލިއެވެ. އެވަގުތު ވިކާޝްވެސް އަޑުނީވޭ ގޮތަށް “އޯހހ” އޭ ބުނެލީ އާލިކް ބުނެދެން އުޅުނީ ކީކޭކަން އެނގިގެން ކަހަލަ ގޮތަކަށެވެ.
“އަސްލު ކިޔަނީ ވިޝާ.. މި އޮފީހުގެ އާ މެނޭޖަރ..” އާލިކް އިތުރަށް ވިޝާއާއި ބެހޭ މައުލޫމާތު ދިނެވެ.
“ހެލޯ..” ވިކާޝް ވިޝާއަށް އަތް ހޫރާލަމުން ރަހްމަތްތެރި ގޮތަކަށް ހިނިތުންވެލިއެވެ. އެވަގުތު ވިޝާ ކުޑަކޮށް އިސްއުފުލާލަމުން ވިކާޝްއަށް ހިނިތުންވެލީ އިހްތިރާމާއި އެކުގައެވެ.
” ވިޝޫ.. މިއީ ވިކީ.. މައި ބެސްޓް ފްރެންޑް.. މައި ބިޒްނަސް ޕާޓްނަރ.. މައި ބްރަދަރ.. މައި ޓެޑީ ބެއަރ..” “ހޫމް ހޫމް ދެން ވެއްޖެއޭ.. ހެހެ” އާލިކް ވިކާޝްގެ ކޮނޑުގައި ޖަހަމުން ފައްޗަކަށް އަމުނާލި ވަގުތު ވިކާޝް އާލިކްގެ އަތް ފޮޅާލިއެވެ. އެވަގުތު އެދެމީހުން ސަކަރާތް ޖަހަންފެށި މަންޒަރު ފެނުމުން ވިޝާއަށްވެސް އިނީ ހެވިފައެވެ. އެދެމެދުގައި އޮތް އެކުވެރިކަމުގެ ވަރުގަދަކަން އެ ކުޑަކުޑަ ވަގުތުކޮޅުންވެސް އޭނާއަށް ވަރަށް ރަނގަޅަށް ހާމަވެއްޖެއެވެ.
” ކޮބާ ހިނގާ ކޮފީއަކަށް..” އާލިކް ވިކާޝްގެ ކޮނޑަށް އަތްވައްޓާލަމުން އެހެން ބުނެލުމުން ވިކާޝްވެސް ތެދުވެގެން ހިނގައިގަތެވެ. ނަމަވެސް އެތަނުން ނުކުތުމުގެ ކުރިން އޭނާ ވިޝާއާއި ދިމާއަށް ބަލާލާ ހިނިތުންވެލީ ވިސްނުންތެރި ނަޒަރަކުންނެވެ. ޖަވާބުގައި ވިޝާވެސް އެ ގޮތްނޭނގޭ ޒުވާނާއަށް ހިނިތުންވުމެއް ހަދިޔާކޮށްލީ މަންމަގެ ހަނދާނުގައި އިނދެއެވެ.
” އެއީ.. ވަރަށް ލޯބި ދޯ..” ކެބިންއިން ނުކުތް ގޮތަށް ވިކާޝްގެ ކަންފަތްދޮށުގައި އާލިކް ސިއްރު ސިއްރުން ބުނެލިއެވެ. އޭރު އޭނާގެ މޫނުގައިވަނީ އިޝްގީ ހިނިތުންވުމެކެވެ.
” ހޫމްމް.. އެއްބަސް ހަމަ.. އާދަޔާ ޚިލާފަށް ރީތި..” ވިކާޝް ލާނެތް ގޮތަކަށް އާލިކްގެ ބުރަކަށީގައި ޖަހާލަމުން ޖަވާބުދިނެވެ.
” ހޭއި ދީމާ.. ކިހިނެތްތަ؟..” ދެމީހުން ހެމުން ދޮރާއި ދިމާއަށް ދިޔައިރު ދީމާ ފެނުމުން ވިކާޝް އަތްހޫރާލިއެވެ. އެވަގުތު ދީމާވެސް ހިނިތުންވެލަމުން ވަރަށް ބަރާބަރޭ ބުނެލީ ރަހްމަތްތެރި ރާގަކަށެވެ. އެއާއިއެކު އާލިކްގެ ފަހަތުން ކަހަލަ ގޮތަކަށް ދޮރާއި ދިމާއަށް ދިޔަ ވިކާޝް ހުއްޓިލީ ރިސެޕްޝަނުގައި އިން ލިމްނާ ފެނުމުންނެވެ. އެވަގުތު ލިމްނާއަށް އޭނާ ނުފެނުނީ މަސައްކަތުގައި މަޝްޣޫލުވެފައި އިން ވަރުން ކަންނޭނގެއެވެ. އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ވިކާޝްގެ ލޮލުގައި އަޅައިގަތީ ލިމްނާގެ ކަންފަތްކައިރިން މޫނުމައްޗަށް ވެއްޓިފައި އިން އިސްތަށިކޮޅެވެ. ނަންބަރު އައިނެއް އަޅާލާފައި ކަޅު އިސްތަށިގަނޑު މައްޗަށް އައްސާލާފައި އޮތްއިރު ފެންނަނީ ސާދާކަމެވެ. ވިކާޝް އަމިއްލައަށް ބޮލުގައި ޖަހާލުމަށްފަހު އެއްމިޔަކަނުން ހިނިތުންވެލަމުން ހިނގައިގަތީ ލިމްނާއަށް އޭނާ ފެނުމުގެ ކުރިންނެވެ.
އާލިކްއާއި ވިކާޝް އެކުގައި ނުކުމެގެން ގޮސް ވަނީ އާލިކްގެ އޮފީސް ކުރިމަތީގައި ހުންނަ ކެފޭއަށެވެ. އަދި ދެމީހުން ކޮފީއަކަށް އޯޑަރުކޮށްލުމަށްފަހު ވާހަކަތަކުގައި މަޝްޣޫލު ވެއްޖެއެވެ. ވިކާޝް ގަސްތުކޮށްގެން އިނީ އޭނާގެ އާއިލާއާއި ކޮއްކޮގެ ވާހަކަތައް ހަމަ އެވަގުތު އާލިކްއާއި ހިއްސާ ކުރުމަށެވެ. އެހެން ނަމަވެސް އާލިކް ފެށި ވާހަކައަކުން އޭނާއަށް އެވާހަކަ ދައްކާނެ ފުރުސަތެއް ނުލިބުނެވެ.
” ވިކީ.. މަށަށް މިހުރީ މަންމައަކާ ބައްޕައެއް ލިބިފަ..” އިސްތަށިގަނޑުގެ ތެރެއަށް އަތް ލައްވާލަމުން އާލިކް އެހެން ބުނެލީ މޮޅިވެރި ރާގަކަށެވެ. އެވަގުތު ވިކާޝް ދެބުމަ ކައިރިކޮށްލަމުން އާލިކްއަށް ބަލާލީ އޮޅުން ނުފިލާ ފަދަ ގޮތަކަށެވެ.
” ވިކީ ގާތު މަ ބުނީމެއްނު ޝާޔަންއާ ރައްޓެހިވީ ބައްޕަގެ އެދުމަށޭ.. އަސްލު އިޓްސް ކައިންޑަ.. މްމް.. ފޯސްޑް..” އާލިކް ވިކާޝްގެ މޫނަށް ބަލާލަމުން ބުނެލިއެވެ.
” ވަޓް.. ފޯސްޑް؟.. ތިބުނީ؟..” ވިކާޝް ޝައުގުވެރިކަމާއިއެކު އަހާލިއެވެ. އެވަގުތު އާލިކް އޭނާ ޝާޔަންއާއި ރައްޓެހިވެގެން އެއުޅޭ ހަގީގީ ސަބަބު ވިކާޝްއަށް ކިޔައިދިނެވެ.
” މިހާރު މަ ބޯ ގޮވައިފި.. ވިކީ މަ ލޯބިވަނީ ވިޝާދެކެ.. އެކަމު ޝާޔަންގެ ކިބައިން ސަލާމަތްވާނެ ގޮތެއް ނޭނގެ..” އާލިކް މޫނުގައި އަތް އުނގުޅާލަމުން ފޫހިކަމާއިއެކު ބުނެލިއެވެ.
” ދެން ހަމަ ބުނެބަ ބައްޕަ ކައިރި ވިޝާދެކެއޭ ލޯބިވަނީ.. ޝާޔަން ކައިރިވެސް ބުނެބަލަ..” ވިކާޝް އާލިކްގެ ހާލަތަށް ހަމްދަރުދީވަމުން އޭނާއަށް ހިތްވަރުދޭފަދަ ރާގަކަށް ބުނެލިއެވެ.
” އެއީ ފަސޭހަ ކަމެއް ނޫނޭ.. ޝާޔަންއަކީ ތިހީކުރާ ކަހަލަ އަންހެނެއް ނޫނޭ.. އޭނާއަށް ޝައްކުވީ ކަންނޭނގެ މަ ވިޝޫއާ ލައިކްވާކަން.. ވަރުގަދަ ކުޅިގަނޑެއް ކުޅެފަ އެހުންނަނީ..” ޝާޔަންގެ ވާހަކަ ދައްކަން ފެށުމާއިއެކު އާލިކްގެ މޫނުމަތިންވެސް ނުރުހުންވުން ފާޅުވެއްޖެއެވެ. އަދި ޝާޔަން ބުނެގެން ދެއާއިލާއިން އެމީހުންގެ ކައިވެނި ހަމަޖެއްސި ވާހަކަވެސް ވިކާޝްއަށް ކިޔައިދިނެވެ.
” މަށަކަށް ނޭނގެ ދެން.. ވިސްނާ ވިސްނާ ބޯ ހަލާކުވާ ވަރުވެއްޖެ.. މަށަކީ އެމީހުން ކުޅެން ގެންގުޅޭ ޓޯއީއެއްހެން ހީވަނީ..” އާލިކް އޭނާގެ ހިތުގައިވާ އުދާސްތައް އެންމެ ގާތް ރަހްމަތްތެރިޔާއާއި ހިއްސާކުރަމުން ދިޔައިރު އަޑުގައި ރިހުމެއް އުފެދިފައިވެއެވެ.
“ދެން ދޯ.. ޕޭރެންޓުން ބުނީމަ ނުވާނެ ނޫނެކޭ ބުނާކަށް.. އެކަމު ކޮންމެ ފަހަރަކު.. މިއީ އާލްގެ މުސްތަގުބަލުގެ ސުވާލެއް.. ޝާޔަންއާ އެކީގަ ރަނގަޅަށް ނޫޅެވޭނެކަން އެނގިހުރެ މެރީ ކުރީމަ ދެމީހުން ދިރިއުޅުންވެސް ހަލާކުވާނީ..” އެންމެ ގާތް ރަހްމަތްތެރިޔާއަށް ކުރިމަތިލާން ޖެހިފައިވާ އުނދަގޫ ވަގުތުކޮޅު އަމިއްލައަށް ތަސައްވަރުކޮށްލަމުން ވިކާޝް ބުނެލިއެވެ. އާލިކްގެ ހާލަތު އެނގުމުން އެއީ އޭނާގެ އަމިއްލަ ވާހަކަތައް ހިއްސާކުރަން އެންމެ ރަނގަޅު ދުވަސްވަރެއް ނޫންކަން ވިކާޝްއަށް ވިސްނުނެވެ. ހަމަ ގައިމުވެސް އޭނާގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދީފިނަމަ އާލިކް އެކަމާ ނުވިސްނާ ހުރުމަކީ ދުރުކަމެކެވެ. އަދި އަމިއްލަ ދިރިއުޅުމުގައި އެހާ އުނދަގޫ ދަނޑިވަޅެއްގައި އެހެން މީހެއްގެ ކަންތައްތަކާއިމެދު ވިސްނަން ވެއްޖެއްޔާ އާލިކްގެ ސިކުނޑި ސުމަކަށްވެސް ހިނގައިދާނެއެވެ. ވިކާޝް ވިސްނާލުމަށްފަހު ނިންމީ އިހަށް އެވާހަކަތައް އާލިކްއާއި ހިއްސާ ނުކުރުމަށެވެ. ކަންތައްތައް ހަމައަކަށް އެޅުމުން އެހަގީގަތްތައް ކިޔައިދޭނީއެވެ.
” ތިކަމާއޭ ވިސްނެނީ.. ދެން ހެޔޮ މަމީ އެންމެ ގޯސް މީހާއަށް ވިޔަސް.. މަށަކަށް މިފަހަރު އެއްބަހެއް ނުވެވޭނެ.. ޝާޔަން ގާތުވެސް ރީތިކޮށް ބުނާނީ ލޯތްބެއް ނުވެއޭ.. ދެން ވިޝޫ…..” އާލިކް ވާހަކަ ދައްކަމުންގޮސް ހިތައް އެރި އެއްޗަކުން ހިނިތުންވެވިއްޖެއެވެ. އޭނާގެ ހިތައް ސިފަވީ އޭނާގެ ސަބަބުން ވިޝާ ލަދުގަނެފައި އިންނަ މަންޒަރެވެ. އެ ލަދުރަކި ހިނިތުންވުމެވެ.
” ހޫމްމް.. ވިޝޫއޭ ބުނެފަ ތިވަނީ ކިހިނެތްތަ؟.. ވިޝޫ ކީކޭ..” ވިކާޝް އާލިކްއާއި ދިމާކޮށްލިއެވެ.
” މަށަށް ހީވެޔޭ ވިޝޫވެސް ލޯބިވާހެން..” އާލިކް ފިރިހެންވަންތަ ހީނލުމަކާއިއެކު ވިކާޝްއަށް ބުނެލިއެވެ. އެވަގުތު ވިކާޝްގެ މޫނަށް ވެރިވީ ލާނެތް އެހެނަސް އުފާވެރި ހިނިތުންވުމެކެވެ.
” އެހެންވިއްޔާ ތިއީ އެންމެ ރަނގަޅު ނިންމުން.. ބައްޕަމެންނަށް ވިސްނޭނެ.. ފުރަތަމަ ވިޝޫ އަށް ތި އިޝްގީ ހިތް ހުޅުވާލަންވީ..” ވިކާޝް ބައްޕައަކު ފަދައިން އާލިކްގެ ބޮލުގައި ފިރުމާލީ ޖެއްސުން ކޮށްލުމުގެ ގޮތުންނެވެ. އެވަގުތު އާލިކްވެސް ބާރުބާރަށް ހޭންފެށިއެވެ.
އާލިކްއާއި އެކުގައި ގިނަ ވަގުތުތަކެއް ހޭދަކުރުމަށްފަހު ވިކާޝް ގެއަށް އައީ އިރުއޮއްސުނު ފަހުންނެވެ. ގެއަށް އައިސް އޭނާ އަވަސްވެގަތީ ތާޒާވެލައިގެން މިސްކިތަށް ދިއުމަށެވެ. ނަމާދުކޮށްގެން ގުރްއާން ކިޔަވާލަން އިނުމަށްފަހު އެނބުރި ގެއަށް އައި އިރު އެގޭގައި އުޅޭ އިންޑިއާ ދެމަފިރިން ސިޓިންގ ރޫމުގައި ތިއްބެވެ.
” މިއަދު ކޮންތަނަކު އުޅުނީ.. ދައްތަ ހޯދަނީ..” ވިކާޝް ފެނުމާއިއެކު ފާތިމާ ހިތްހެޔޮކަމާއިއެކު ވާހަކަ ދައްކަންފެށިއެވެ. ދިވެހިން ވާހަކަ ދައްކާއިރު ކުޑަ ކޮށިކަމެއް ހުރިނަމަވެސް މިހާރު ދިވެހި ބަހަށް އޭނާ ނުހަނު ފަރިތައެވެ. ފާތިމާގެ ފިރިމީހާއަކީ މަންމަނެއް ކަމުން އޭނާވެސް އަތުގެ ހަރަކާތުން ވިކާޝްއާއި އެސުވާލު ތަކުރާރުކޮށްލިއެވެ.
” ފްރެންޑް ކައިރިއަށް ދިޔައީ..” ވިކާޝް ސޯފާގައި އިށީނދެލަމުން އެމީހުންނަށް ހިނިތުންވެލިއެވެ. ތެދުތެދަށް ބުނާނަމަ މިހާރު އޭނާގެ އާއިލާއަކީ އެއީއެވެ. އުމުރުން 5 އަހަރުން ފެށިގެން މާމައާއި ކާފަގެ ފުރިހަމަ ލޯތްބާއި އަޅާލުމާއިއެކު ބޮޑުވި ނަމަވެސް އެމީހުންނަށް ވިކާޝްއަށް އުނިވެފައިވާ މަންމައާއި ބައްޕަ އަދި ކޮއްކޮގެ ލޯތްބެއް ހޯދައެއް ނުދެވުނެވެ. އޭނާ 5 އަހަރުގައި އުޅުމަށް ގެންދެވުނު މާހައުލު ވެގެންދިޔައީ އޭނާއާއި ނުހަނު ބީރައްޓެހި މާހައުލަކަށެވެ. މާމައާއި ކާފަގެ ދެވަނަ ދަރިފުޅު ނުވަތަ ވިކާޝްގެ ބޮޑުބޭބެ އަޒުވަރަކީ މަޖާ ނެގުމާއި ކުޅިވަރުތަކުގައި ވަގުތު ހޭދަކުރުމުގެ ބޮޑެކެވެ. އޭނާގެ އަންހެނުންނާއި ލިބިފައިވާ ތިންކުދިންވެސް އެފަދައެވެ. އެ ތިން ކުދިންނަކީވެސް މިހާރުގެ “ހަބޭސް” ޒުވާނުންގެ ތެރޭގައި ހިމެނޭނެ ތިންކުދިންނެވެ. ކޮންމެއަކަސް އެފަދަ މާހައުލެއްގައި އުޅެމުންވެސް ވިކާޝް ބޮޑުވީ މަންމައާއި ބައްޕަގެ ހަނދާންތަކާއި ނަސޭހަތްތަކުގައި ހިފައިގެންނެވެ. ބަސްއަހާ، ބަސް މަދު އަދި އެހާމެ ކިޔަމަންތެރި ކުއްޖެއްގެ ގޮތުގައެވެ. ވިކާޝްގެ ދިރިއުޅުން އިތުރަށް އުނދަގޫވެގެން ދިޔުމުގެ ސަބަބަކަށްވީ އޭނާގެ އެ ކިޔަމަންތެރިކަމެވެ. އެ ކިޔަމަންތެރިކަމުގެ ސަބަބުން މާމައާއި ކާފަގެ ލޯބި އޭނާއަށް އިތުރަށް ލިބި އަޒުވަރުގެ ކުދިންގެ އުޅުމާއިމެދު އެމީހުން އެއްޗެހި ކިޔުން ވެގެން ދިޔައީ ވިކާޝްގެ ބޮޑުބޭބެގެ އާއިލާ އޭނާއަށް ނަފްރަތު ކުރަން ފެށި ކަމަކަށެވެ. އުމުރުން 15 އަހަރުގައި މާމަ ނިޔާވުމުން ދެން އޭނާގެ ކަންތައްތައް ކޮށްދީ ބެލެހެއްޓީ ކާފައެވެ. ކިޔަވާ ނިމުމަށްފަހު އާއިލާގެ ވިޔަފާރިއާއި ހަވާލުވީއިރުވެސް އެގޭގެ އެމާހައުލުގައި އޭނާއަށް ކެތްކުރަން މަޖުބޫރުވީ އެ ކާފައަށްޓަކައެވެ. ނަމަވެސް މީގެ ދެހަރެއްހާ ދުވަސް ކުރިން ކާފަ ނިޔާވުމުން އަތުގައި ހުރި ފައިސާއާއިއެކު ލޯނެއް ނަގައިގެން ގެއެއް ގަތީ މިނިވަންކަމާއި ހިތްހަމަޖެހުމާއިއެކު އުޅުމުގެ މަގްސަދުގައެވެ. ކާފަ ނިޔާވިއިރު އޮތީ ކާފަގެ އާއިލާގެ ވިޔަފާރީގެ %75 ވިކާޝްގެ ނަންމައްޗަށް ރަޖިސްޓްރީކޮށްފައެވެ. އެކަމާއިވެސް ވިކާޝްގެ ބޮޑުބޭބެ އަޒުވަރު ހިތްހަމަ ނުޖެހިގެން މައްސަލަ ޖެއްސުމަށްފަހު އެންމެ ފަހުން އެއްބަސްވުމެއް އެކުލަވާލީ ވިޔަފާރި އެކީގައި ވިކާޝްއަށް ދިނުމަށްފަހު ގެއިން ވިކާޝްއަށްވާ ބައި އަތުލުމަށެވެ. އެމީހުންގެ އެ ނިންމުމާއިމެދު ވިކާޝް އެއްބަސްވީ ހިތުން ރުހުމުންނެވެ. ހަމަ ގައިމުވެސް އޭނާ އެގޭގައި އުޅޭކަށް ޚިޔާލެއް ނުކުރެއެވެ. ދެން ގެ ކުއްޔަށް ދީގެން ލިބޭ ލާރިގަނޑުން އެމީހުން ދިރިއުޅޭނެ ނޫން ހެއްޔެވެ؟
ވިކާޝް އަމިއްލަ މިނިވަން ދިރިއުޅުން އޭނާގެ އާ ގޭގައި ފެށި މީގެ ދެއަހަރެއްހާ ދުވަސް ކުރިންނެވެ. ގޭގައި ގެންގުޅޭނެ މުސްލިމު ދެމަފިރިއަކު ހޯދާ ގެ ގަތުމަށް ނެގި ލޯނުވެސް މީގެ ދެމަހެއްހާ ދުވަސް ކުރިން ދައްކާ ނިންމާލައިފިއެވެ. ވިކާޝް އުންމީދު ކުރަމުން އައި ދުވަހަކީ އެއީއެވެ. އަމިއްލަ ގެއެއްގައި އަމިއްލަ ފައިމއްޗަށް ތެދުވެ، ކަންތައްތައް ހަމައަކަށް އެޅޭނެ ދުވަހެކެވެ. އޭނާ މާލެ ގެނައީއްސުރެ ދެކެމުން އަންނަ ހުވަފެނަކީ އަމިއްލަ ފައިމައްޗަށް ތެދުވުމަށްފަހު މަންމައާއި ކޮއްކޮ ހޯދާ އެމީހުންނާއިއެކުގައި އުފާވެރި އަދި ތަނަވަސް ހަޔާތެއް ވޭތުކުރުމެވެ. މިހާރު އޭނާއަށް އެދުވަސް އެވަނީ ފެނިފައެވެ. އެ ގާބިލްކަން އެވަނީ ލިބިފައެވެ. ދެން އެދެމައިންނާއި ދިމާވާން މާގިނަ ދުވަހެއް ނެތްކަމުގައި އަމިއްލައަށްވެސް ގަބޫލުކުރެވެއެވެ.
އެހެން ރޭތަކާއި ޚިލާފަށް މިރޭ ވިޝާ ދިޔައީ ލިމްނާއާއި އެކުގައި ޝޮޕިންކޮށްލުމަށެވެ. ލިމްނާ ބުރުގާ އަޅަން ބޭނުންވާ ވާހަކަ ބުނުމުން ވިޝާ އެ ޚިޔާލަށް ތައުރީފު ކުރިވަރުން ލިމްނާ ބޭނުންވީ ހަމަ އެރޭ އެކަމަށް ބޭނުންވާ ސާމާނު ގަތުމަށެވެ. ލިމްނާގެ ހާލަތަށް ވިސްނާ ހަމައަކަށް އެޅުވުމަށް ރަނގަޅު ގޮތެއް ކަމުން ވިޝާވެސް ހުރީ ޝޮޕިންއަށް ދިއުމަށް ތައްޔާރަށެވެ. އޭނާއާއިއެކު ގިނވަގުތު ހޭދަކުރުމުގެ ވިޝާ ބޭނުންވީ ރޭގަނޑުގެ ކެއުންވެސް ލިމްނާއާއިއެކު ބޭރުން ކާލުމަށެވެ.
” ލިމް.. ދެން ހާދަ މަޑުންނޭ ތިހުންނަނީ.. ލިމްއަކާ ވައްތަރެއްވެސް ނޫން..” އެކި އެކި ފިހާރަތަކަށް ވަންނަމުން ހިނގަމުންދިޔަ ވިޝާއަށް ލިމްނާގެ ހަމަހިމޭންކަން ކަމަކު ނުދިޔައެވެ.
” ދެންން ލިމްމް.. ހުރިހާ ކަމެއްވެސް އޯކޭ ވާނެއޭ.. ނުވިސްނަބަލަ އެހާ ވަރަށް..” ވިޝާ އަނެއްކާވެސް ލިމްނާގެ އަތުގައި ހިފާލިއެވެ.
” ހޫމްމް.. ވިޝޫ ކަހަލަ ފްރެންޑެއް ހުންނަންޏާ އޯކޭ ވާނެއޭ..”އެންމެ ފަހުން ލިމްނާވެސް ހީނލަމުން ވިޝާގެ އަތުގައި ހިފާލިއެވެ. އެއާއިއެކު އެކި އެކި ވާހަކަތައް ދައްކައިގެން ލިމްނާގެ މޫޑް ކޮންމެވެސް ވަރަކަށް ރަނގަޅު ވުމުން ވިޝާ ހުރީ ހިތްހަމަޖެހިފައެވެ. ފިހާރަތަކަށް ވަދެ ލިމްނާ ހިތްހަމަ ޖެހޭ ވަރަށް އެއްޗެހި ގަނެވުމުން ދެކުދިން އެކުގައި ހިނގައިގަތީ މަޖީދީމަގުގައި ހުންނަ ޑައިންމޯރ އާއި ދިމާއަށެވެ.
” ވިޝޫ ހާދަ ރިޗް ވެގެންނޭ ދޯ.. އޭ.. އެ.. އެއީ އާލިކް ސަރމެން..” ޑައިންމޯރއާއި އަރާ ހަމަވިވަގުތު ވާހަކަ ދައްކަމުންދިޔަ ލިމްނާ ކުއްލިއަކަށް ވިޝާގެ އަތުގައި ހިފާލީ އެދިމާއަށް އައި އާލިކްއާއި ވިކާޝް ފެނުމުންނެވެ. އެވަގުތު ވިޝާއަށްވެސް ދެލޯ ބޮޑުކޮށްލަމުން އެދިމާއަށް ބަލާލެވުނީ ގަބޫލު ނުކުރެވޭ ފަދަ ގޮތަކަށެވެ. ހެމުން ސަކަރާތް ޖަހަމުން އެދިމާއަށް އައި ދެޒުވާނުންނަށްވެސް ލިމްނާއާއި ވިޝާ ފެނުނީ އެވަގުތުއެވެ. އެއާއިއެކު ކުރިއަށްވުރެ ބާރަށް ހިނގާލާފައި އައިސް އެކުދިންގެ ކުރިމަތީގައި ދެމީހުން ހުއްޓިލީ ހިނިތުންވެލަމުންނެވެ.
” ވޯހހ.. ޝޮޕިން ކޮށްލައިގެންތަ؟..” ލިމްނާގެ އަތުގައި ހުރި ކޮތަޅަށް ބަލާލަމުން ފުރަތަމަ ވާހަކަ ދެއްކީ އާލިކްއެވެ. އޭރު ވިޝާ ހުރީ އެދެމީހުންނާއި ކުއްލިއަކަށް ދިމާވުމުން ކުޑަކޮށް ނުތަނަވަސްވެފައެވެ.
“ޔަހހ.. ކުޑަ ޝޮޕިންއެއް ކޮށްލީ..” އާލިކްގެ ސުވާލަށް ޖަވާބުދިނީ ލިމްނާއެވެ. އޭނާގެ އަޑުގައިވެސްވަނީ ލަދުވެތިކަމެކެވެ.
” ހިނގާ ކާން ދާން.. އަހަރުން މިއައީ މިތަނަށޭ..” ކުއްލިއަކަށް ވިކާޝް ލިމްނާއާއި ވިޝާގެ މޫނަށް ބަލާލަމުން ރަހްމަތްތެރި ރާގަކަށް ބުނެލިއެވެ. އެވަގުތު އާލިކްވެސް ވިކާޝްއާއި ބައިވެރިވެ އެމީހުންނަށް ދައުވަތު ދިނެވެ. އެއާއިއެކު އެދެކުދިން ކުރެ އެއްކުއްޖަކަށްވެސް ދެކޮޅު ހަދަން ނުކެރުމުން އެންމެފަހުން އެމީހުންނާއި އެކު އެތަނަށް ވަނެވެ.
” ދެން ހާދަ މަޑުމަޑުންނޭ ދޯ.. އާލިކް އޮފީހުގަ ގެންގުޅެނީ ހާދަ ބަސްއަހާ ކުދިންނޭ..” ވިކާޝް ސަމާސާ ރާގަކަށް އެހެން ބުނެލަމުން އާލިކްގެ ކޮނޑުގައި ޖަހާލިއެވެ. އެއާއިއެކު އިސްޖަހާލައިގެން އިން ވިޝާގެ މޫނަށް ކަޅި ހުއްޓިފައި އިން އާލިކްދިޔައީ ސިއްސައިގެންނެވެ. އެމަންޒަރު ފެނުމުން ވިޝާއާއި ޖެހިގެން އިން ލިމްނާއަށް ހެވިގެން އަނގަމަތީގައި އަތްއަޅާލިއެވެ.
“އަގްގް.. ވިކީ..” ލިމްނާ ހޭންފެށުމުން އާލިކް ވިކާޝްއަށް ލޯއަޅާލަމުން މަޑުމަޑުން ބުނެލިއެވެ. އެވަގުތު ވިކާޝް ލިމްނާއަށް ބުމަ އަރުވާލަމުން އެއްމިޔަކަނުން ހިނިތުންވެލިއެވެ. އެއާއިއެކު ލިމްނާ އިސްޖަހާލީ ވިކާޝްއާއި ދިމާއަށް ބަލަހައްޓައިގެން އިނދެވިދާނެކަމުގެ ބިރު ހީވުމުންނެވެ. އެއާއިއެކު އަޅާލާފައި އިން ނަމްބަރު އައިނުގެ މަތިން ލިމްނާގެ ލޯމައްޗަށް ވެއްޓުނު ފަން އިސްތަށިކޮޅު އަނެއްކާވެސް ވިކާޝްގެ ހިތާއި ކުޅެލައިފިއެވެ.
“ވި.. ވިޝޫ ދޯ.. ހާދަ މަޑުމަޑުން..” ވިކާޝް ވިޝާއަށް ބަލާލަމުން ވާހަކަ ދެއްކީ ލޯތްބާއިއެކުގައެވެ. އެވަގުތު އެއަޑުން އިވިގެންދިޔަ ލޯތްބާއި ކުލުނު އިހްސާސް ވުމުން ވިޝާ އިސްއުފުލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. އެއާއިއެކު ވިކާޝްގެ މޫނުމަތިން ފެނުނު ކުލުނުން ފުރިގެންވާ ހިނިތުންވުން ވިޝާގެ މައުސޫމް ތުންފަތަށްވެސް ހިނިތުންވުމެއް ގެނެސްދިނެވެ.
” ވިކީގެ ތިޔަ ދެލޮލެއް ދޯ.. ބައެއް ފަހަރު ހީވޭ ބޭރުމީހެއްހެންވެސް..” ފަނޑު އަލީގެ ތެރެއިން ވިކާޝްގެ ވިދަމުން ދިޔަ ފެހި ދެލޮލަށް އިޝާރާތް ކޮށްލަމުން އާލިކް މައުލޫ ބަދަލުކޮށްލީ ވެރިވެފައިވާ ނުތަނަވަސްކަމާއި ހަމަހިމޭންކަން ފިލުވާލުމުގެ މަގްސަދުގައެވެ. އާލިކްގެ އެޖުމްލައާއިއެކު ވިޝާއަށްވެސް ޝައުގުވެރިކަމާއިއެކު ވިކާޝްއާއި ދިމާއަށް ބަލާލެވުނީ އޭނާ ބުނާ އެއްޗެއްގެ އިންތިޒާރުގައި އިނދެއެވެ.
” ހެހެ.. ގާރލްސް ވަރަށް ލައިކްވާ ލޮލެކޭ.. އާލް ޖޭވީތަ؟..” ވިކާޝް ލާނެތް ހިނިތުންވުމަކާއިއެކު އާލިކްއަށް އެއްލޯ މަރާލިއެވެ. އެ ފިރިހެންވަންތަ ހަރަކާތުގެ ސަބަބުންވެސް ލިމްނާއަށް އިނދެވުނީ ހައިރާންވެގެން އަންތަރީސްވެފައެވެ.
” އަސްލު ކާކުގެ ލޮލެއް؟.. އައި މީން މަންމަ؟.. ބައްޕަ؟..” މަޑުމަޑުން އިން ވިޝާ ކުއްލިއަކަށް ވިކާޝްއާއި ކޮށްލި ސުވާލުން އެންމެންނަށްވެސް ހައިރާންކަން ލިބުނެވެ. ޚާއްސަކޮށް އާލިކް އާއި ލިމްނާ ތިބީ ހައިރާންވެގެން އަނގަހުޅުވިފައެވެ. އެހާ މޑުމަޑުން އިނދެފައި މިއަދު ބައްދަލުވީ މީހަކާއި އެހާ ގާތްކޮށް ސުވާލުކޮށްލީމަ ހައިރާންވެސް ވާނެތާއެވެ. ވިޝާގެ އާދަޔާ ޚިލާފު ސުވާލުގެ ސަބަބުން ވިކާޝްއަށްވެސް ހައިރާންކަމެއް ލިބިގެންދިޔައެވެ. ނަމަވެސް އެސުވާލުގެ ފަހަތުގައި އެތައް އެތައް ސަބަބުތަކެއް ވާކަމެއް އޭނާގެ ވިސްނުންތެރި ސިކުނޑިއަށްވެސް އެވަގުތަކު ނޭނގުނެވެ.
” މަންމަގެ ލޯ..” ކުޑަ ހީނލުމަކާއިއެކު ވިކާޝް ދިން ޖަވާބުން ވިޝާގެ މުޅި ހަށިގަނޑުގައި ތުރުތުރެއް އުފެދިގެން ދިޔައެވެ. ނޭވާ ހިފަހައްޓާލައިގެން އިނދެ ފުން ނަޒަރަކުން އޭނާ ވިކާޝްއާއި ދިމާއަށް ބަލާލީ އެބުނެލި އެއްޗެއް ޔަގީންކޮށްލުމުގެ ގޮތުންނެވެ.
13
” އޯކޭ.. ދެން އެންމެން ކާންވީނުން..” ވިޝާ އިތުރު ސުވާލެއް ކޮށްލަން އަނގަ ހުޅުވާލިވަގުތު އާލިކް ވާހަކަ ދެއްކުމުން ވިޝާއަށް އެ ފުރުސަތެއް ނުލިބުނެވެ. ލަސްލަހުން ވިކާޝްގެ މޫނަށް ބަލާލުމަށްފަހު ކާން ތައްޔާރުވެލި ވަގުތު ކައިރީގައި އިން ލިމްނާގެ ފޯނު ރިންގުވާން ފެށިއެވެ.
” އަޅޭ.. ވިޝޫ މަ ހަނދާން ނެތިފަ މީނދީ.. ދޮންތަ ޑިއުޓީއަށް ދާން ޖެހޭނެ.. މަންމަ ނޫޅޭތީ ލިމް ޖެހޭނެ ބޭބީ ބަލަހައްޓަން..” ލިމްނާ ފޯނު ބޭއްވުމަށްފަހު ވިޝާގެ އަތުގައި ހިފާލިއެވެ.
” ދެން.. ކައިގެން ދާންވީނުން..” ލިމްނާއަށް ބަލާލަމުން ޖަވާބުގައި ވިޝާ ބުނެލިއެވެ.
” ނޫނެކޭ.. ލަސްވާނެ..” ލިމްނާ ދަބަސް ހިފައިގެން ތެދުވަމުން އަވަސް އަވަހަށް ވާހަކަ ދެއްކި ގޮތުން ވިކާޝްއަށް ހީނލެވުނެވެ.
” ދެން ލިމްގެ ސަބްމެރިން.. އޯކޭ ޕެކްކޮށްލައިގެން ގެންދާނީ ދޯ..” އާލިކް އަވަސް އަވަހަށް އެތަނުގެ ވޭޓަރަކަށް ގޮވާލުމަށްފަހު ޕެކްކޮށްލުމަށް އެންގިއެވެ.
” ކާރުގަ ގެންގޮސްދެންތަ؟..” ލިމްނާ ދާން ހިނގައިގަތުމުން އާލިކް ބުނެލިއެވެ. އެވަގުތު ވިޝާއާއި ވިކާޝްވެސް އޭނާއާއި އެއްބަސްވިއެވެ.
” ނޫނޭ.. ގެ އެހާ ދުރެއް ނުވާނެ..” ލިމްނާ ފަހަތް ބަލާލަމުން އެހެން ބުނެލުމަށްފަހު ހިނިތުންވެފައި އިން ވިކާޝްއަށް ނަޒަރު ހުއްޓާލީ ކަތިގޮތަކަށެވެ.
” ގުޑް ނައިޓް..” ވިކާޝް މަޑުމަޑުން އެހެން ބުނެލި ނަމަވެސް ލިމްނާއަށް އެއަޑު އިވުނެވެ. ޖަވާބުގައި އޭނާވެސް ހިނިތުންވެލަމުން އެތަނުން ނުކުމެގެން ދިއުމުން ވިޝާ އިނީ ނުތަނަވަސްވެފައެވެ. އޭނާގެ ނުތަނަވަސް ކަމުގެ ސިއްރަކީ ދެ ފިރިހެނުންނާއިއެކު ބޭރުގައި އިންނަން ޖެހުމު ން ކަމެއް ނުވަތަ އާލިކްގެ މާނަފުން ބެލުންތައް ނޫން ކަމެއްވެސް ނޭނގެއެވެ.
ކައި ނިންމާލުމަށްފަހު ވިކާޝްއާއި އާލިކްގެ އެދުމުގެ މަތިން ވިޝާވެސް ގެއަށް ދާން ގަސްތުކުރީ އެމީހުންނާއިއެކު ކާރުގައެވެ. ގެއާއި ހަމައަށް ދެވުނުއިރުވެސް ވިކާޝް ކޮށްލާ މަދު ސުވާލަކަށް ޖަވާބު ދިނުން ފިޔަވައި އިތުރު ވާހަކައެއް ވިޝާއެއް ނުދައްކައެވެ. ވިކާޝް ކާރު ދުއްވަން އިންއރު އާލިކްގެ މަސައްކަތަކަށްވީ ލޯގަނޑުން ފަހަތުގައި އިން ވިޝާގެ ރީތި މޫނަށް ބަލަހައްޓައިގެން އިނުމެވެ. މުޅި އުމުރު ދުވަހު ބަލަހައްޓައިގެން އިނަސް ފޫހި ނުވާނެ ފަދަ ރީތިކަމެކެވެ.
” ވިކީ ހިނގާބަ ޝާޔަންމެން ގެއަށް.. ވިކީއަށް އޭނާގެ ގޮތް ރަނގަޅަށް ފެންނާނެ އޭރުން..” ވިޝާ ގެއަށް ވަނުމުން އާލިކް ވިކާޝްއަށް ބުނެލިއެވެ. އެއާއިއެކު ކުޑަ ހިނިތުންވުމަކާއިކު ވިކާޝް ކާރުގެ މިސްރާބު ބަދަލުކޮށްލީ އެގޭދޮށަށެވެ.
” ޝާޔާ.. އާލިކް އައިސްފި..” އާލިކްމެން އެތެރެއަށް ވަނުމުން ޝާޔަންގެ ކޮޓަރީގައި ޓަކި ޖަހާލަމުން އޭނާއަށް ގޮވީ ޝާނީއެވެ. އެއާއިއެކު ދޮރު ހުޅުވާލާފައި ނުކުތް ޝާޔަން ފެނުމުން ވިކާޝްއަށް ސިހިފައި އާލިކްއާއި ދިމާއަށް ބަލާލެވުނީ އޭނާ ލައިގެން ހުރި ހެދުމުގެ ގޮތުންނެވެ. އަތް ކަނޑާފައިން ހުރި ހުދު ޓީޝާޓްކޮޅަކާއިއެކު ރީނދޫ ކުލައިގެ މާޖެހި ކަކުލަށްވުރެ މައްޗަށް ހުރި ސޯޓު ކޮޅާއިއެކު ހުރިއިރު އޭނާގެ ހަށިގަނޑުގެ ބޮޑުބައި އެވަނީ ހާމައަށެވެ.
“ހޭއި ވިކީ އައީތަ؟.. އަންގާވެސް ނުލައޭ.. އާލްވެސް ނުބުނޭ.. ކިހިނެތްތަ؟..” ވިކާޝް ފެނުމާއިއެކު ޝާޔަން ދުވެލާފައި ކަހަލ ގޮތަކަށް ގޮސް ސޯފާގައި އިށީނދެއިން ވިކާޝްގެ ފައިމަތީގައި އިށީނދެލުމަށްފަހު ހީނަލމުން އޭނާގެ ގައިގައި ބައްދާލިއެވެ. އެއާއިއެކު ދެލޯ ބޮޑުކޮށްލަމުން ވިކާޝްއަށް ބަލާލެވުނީ ކައިރީގައި އިން އާލިކްގެ މޫނަށެވެ. އޭރު އާލިކް ދަތްކުނޑި ވިކާލައިގެން އިސްޖެހިފައި އިނެވެ. ދުރުގައި ހުރި ޝާނީވެސް އެ މަންޒަރު ފެނުމުން ބޯ ހޫރާލަމުން ވަނީ ކޮޓަރިއަށެވެ.
” ރަނ.. ރަނގަޅޭ.. ޝާޔާ ކިހިނެތްތަ؟..” ޝާޔަން ގަޔާއި ދުރުކޮށްލަމުން ވިކާޝް ގަދަކަމުން ހިނިތުންވެލިއެވެ. ޝާޔަން އެގޮތަށް ގައިގައި އަތްލާ ހެދުމުން އޭނާއަށް އިނީ ވަރަށް އުނދަގޫވެފައެވެ.
” ޝާޔާ.. ވިކީއަށް ފެންތައްޓެއް ގެނެސްދޭށޯ..” ޝާޔަންގެ ގާތްކަމުގެ ސަބަބުން ވިކާޝްއަށް އުނދަގޫވިކަން އެނގުމުން އާލިކް މަސައްކަތް ކުރީ އޭނާ ދުރުކުރެވޭތޯއެވެ. އެވަގުތު ޝާޔަންވެސް ހީނލަމުން ދުވެލާފައި ބަދިގެތެރެއަށް ދިޔައެވެ.
” އޯހ މައި ގޯޑް..” ޝާޔަން ދިއުމާއިއެކު ވިކާޝް ދެލޯ ބޮޑުކޮށްލަމުން ވައި އަޑުން ބުނެލިއެވެ.
” ދެޓްސް ހާރ..” އާލިކް މޫނު އަނބުރާލަމުން ބުނެލިއެވެ.
” ދެން އެވަރުގެ މީހަކާ އެއްކޮށް އުޅެންތަ އާލްގެ ބައްޕަ ބޭނުންވަނީ..” މޫނުމައްޗަށް ރޫތަކެއް ވެރިކޮށްލަމުން ވައިއަޑުން ވާހަކަ ދެއްކިއިރު ވިކާޝްގެ އަޑުގައިވަނީ ނުރުހުމުގެ އަސަރެވެ.
” ނޭނގެ މަށަކަށް.. އެމީހުން…..” އާލިކް ބުނަން އުޅުނު ޖުމްލަ މެދުކެނޑުނީ ޝާޔަން ފެންތަށި ހިފައިގެން އަންނަތަން ފެނުމުންނެވެ. ޝާޔަން އައުމާއިއެކު ވިކާޝްއަށް އިންނަންޖެހުނީ ދަތްކުނޑި ވިކާލައިގެންނެވެ. ވާނީވެސް އެހެންނެވެ. ޝާޔަން އޭނާގެ ކުރިމަތީގައި ތުއި ދެއްކެމުން ބަނޑި ބަނޑި ލައްވާއިރު ހީވަނީ އެވަރުގެ ރީތިމީހަކު ނެތީހެންނެވެ. އޭނާގެ އެވައްތަރުތައް ފެނުމުން އާލިކްވެސް އިނީ މޫނު އަނބުރާލައިގެންނެވެ. ކިތަންމެ ވަރަކަށް މީހަކު ގަޔާވާ ހިތުން އުޅުނަސް އެ އަންހެންކުއްޖާގެ ކިބައިގައި އެކަހަލަ އެއްވެސް ސިފައެއް ނެތެވެ. ދުވަހުން ދުވަހަށް ފޫހިވުން ނޫންކަމެއް ނުވެއެވެ.
ޝާޔަންމެންގޭގައި މާގިނައިރު ވަންދެން މަޑުކުރުމެއްނެތި އާލިކްއާއި ވިކާޝް އެގެއިން ނުކުތީ ވިކާޝްގެ ރައްޓެއްސަކާއި ބައްދަލުކުރުމުގެ ބަހަނާގައެވެ. އެހެން ނަމަވެސް އެގެއިން ނުކުތް ގޮތަށް އެމީހުންގެ މިސްރާބު ހުރީ އާލިކްގެ އެޕާޓްމެންޓަށެވެ.
” ދެން އާލް ހަމަ އޭނައާ މެރީ ކުރަނީތަ؟..” އާލިކްގެ ގެއަށް ވަނުމަށްފަހު އެނދުގައި ޖައްސާލަމުން ވިކާޝް އަހާލިއެވެ. އެވަގުތު ލައިގެން ހުރި ޓީޝާޓް ބާލަން ތައްޔާރުވެލި އާލިކްއަށް ލިބުނީ ކުއްލި ސިހުމެކެވެ. ވިކާޝް ބުނެލި އެއްޗަކުން އޭނާއަށް ހުރީ ހުއްޓުން އަރާފައެވެ. ތެދެކެވެ. އޭނާ ހަމަ ޝާޔަންއާއި ކައިވެނި ކުރަނީ ހެއްޔެވެ؟ އޭނާގެ ހިތާއި ސިކުނޑިއާއި އަދި މުޅި ހަށިގަނޑުވެސް އެކަމަށް ދެކޮޅު ހަދަމުން ދާއިރުވެސް އެކަން ކުރަނީ ހެއްޔެވެ؟
” އާލް..” އާލިކް އެއްޗެކޭ ނުބުނުމުން ވިކާޝް އޭނާގެ ނަމުން ގޮވާލިއެވެ.
” ކީއްވެ ތިހެން ތިއެހީ.. މަ ކުރިންވެސް ބުނީމެއްނު ޝާޔާއާ މެރީއެއް ނުކުރާނަމޭ.. ވިޝޫ ދެކެއޭ ލޯބިވަނީ..” އާލިކް ވިކާޝްއަށް ފުރަގަސްދެމުން ކޮޓަރީގައި ހުރި ގޮނޑީގެތެރެއަށް ޖެހިގަތެވެ.
” އެކަން އެނގެއޭ.. އެކަމު ދެން ތިކަން އާލްގެ ބައްޕަމެންނަށްވެސް އަވަހަށް އަންގަން ޖެހޭނެ.. ނޫނީ މާ ލަސްވީމަ ކަމަކު ނުދާނެ..ހޫމްމް ތިއެއް ނޫނޭ.. މަ މިއުޅެނީ ރާއްޖެތެރެއަށް ޖައްސާލަން ކަމަށް..” އާލިކްގެ ހަރަކާތްތައް ހުރިގޮތުން އޭނާގެ ބޮލަށް އުނދަގޫވެފައިވާ މިންވަރު ވިކާޝްއަށް އިހުސާސް ކުރެވުނެވެ. އެހެންކަމުން އިތުރަށް އެވާހަކަ ދެއްކުމުގެ ބަދަލުގައި ވިކާޝް މަސައްކަތްކުރީ އެހެން ވާހަކައެއް ދައްކައިގެން އާލިކްގެ ހިތައް ހަމަޖެހުމެއް ހޯދައިދިނުމަށެވެ.
ޖެހިގެން އައީ ހުކުރު ދުވަސް ކަމުން ހެނދުނު ހޭލި ގޮތަށް ވިޝާގެ މަސައްކަތަކަށްވީ ކޮޓަރި ސާފުކޮށްލާ ތަންތަން ރީތިކޮށްލުމެވެ. ފާރުތަކުން މަކުނުވާ ފޮޅާ، ފަންކާ ފޮހެ ކޮޓަރިތެރެ ކުނިކަހާ މޮޕްލުމަށްފަހު އެނދުގައި އޮތް ބެޑްޝީޓާއި ދޮރުފޮއްޗަށް ދަންދެން ބަދަލުކޮށްލުމަށްފަހު ހިންދެމިލިއިރު ގަޑިން 11 ޖަހައިފިއެވެ. ކުރިން ރާވާފައި އޮތްގޮތަށް އޭނާ ބޭނުންވީ މެންދުރުގެ ކެއުމަށް ރަނގަޅު އެއްޗެއް ހަދާލުމަށްފަހު ހަފްތާ ބަންދު އެގޭގައި ހޭދަކޮށްލުމަށް ލިމްނާއަށް ދަޢުވަތު ދޭށެވެ. އެހެންކަމުން މީރުކޮށް ސްޕެގެޓީއާއި ފްރައިޑް ރައިސް ގަނޑެއް ތައްޔާރުކޮށްލުމަށްފަހު ފެންވަރާ ނަމާދުކޮށް ހަދައިގެން އޭނާ ލިމްނާއަށް ގުޅާ އެގެއަށް އައުމަށް ދަޢުވަތު ދިނެވެ.
ލިމްނާ އައުމުން އޭނާއާއިއެކު އެދުވަސް ހޭދަވެގެން ދިޔައީ މަޖަލާއި ހިތްހަމަޖެހުމާއިއެކުއެވެ. ތެދެކެވެ. ވިޝާގެ އެކަނިވެރި ދިރިއުޅުމުގައި ކަންތައްތައް ހިއްސާކޮށްލެވޭ ފަދަ އިތުބާރު ކުރެވޭ ރަހްމަތްތެރިއެއްކަމުގައި ލިމްނާ ވެއްޖެއެވެ. ލިމްނާއާއި އެކުގައި ވަގުތުތައް ހޭދަކޮށްލުމުން ވިޝާގެ އެކަނިވެރި ހިތައް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައިވެއެވެ. އެހެންކަމުން ވިޝާ އުފާވެލާފައި ހުރިތަން ފެނުމުން ލިމްނާވެސް އެއްވެސް ދެބަސްވުމެއް ނެތި ހޮނިހިރު ދުވަސްވެސް ހޭދަކޮށްލީ އެގޭގައެވެ. އާދިއްތަ ދުވަހު ދެމީހުން އެކުގައި އޮފީހަށްވެސް ދެވޭގޮތަށެވެ.
ވިޝާއާއި އެކުގައި އެއްގޭތެރޭގައި އުޅެލުމުން ކޮންމެވެސް ވަރަކަށް ވިޝާގެ ދިރިއުޅުމާއިމެދު ލިމްނާއަށް ޝައުގުވެރި ވެވުނީކަންނޭނގެއެވެ. އެރޭ ނިދަން އޮތްއިރު ވިޝާއަށް ލިމްނާގެ އެސުވާލުތަކާއި ކުރިމަތިލާންޖެހުނެވެ.
” ވިޝޫ.. ދެން ވިޝޫގެ އެއްވެސް މީހަކު ނެތީތަ؟..” ލިމްނާ އޮށޯވެގެން އޮތުމަށްފަހު ތެދުވެ ދެފައި ވަށްކޮށްލަމުން ވިޝާއާއި ސުވާލުކޮށްލީ ޝައުގުން ފުރިފައިވާ ގޮތަކަށެވެ. ދެކުދިން ނިދަންތިބީ މުށިތައްމަތީގައި ބެޑްޝީޓެއް އަޅައިގެންކަމުން ވިޝާވެސް އޮތީ ލިމްނާއާއި ޖެހިގެން ކަހަލަ ގޮތަކަށެވެ. އެވަގުތު ވިޝާ ލިމްނާގެ މޫނަށް ބަލާލުމަށްފަހު ތެދުވީ ހިނިތުންވެލަމުންނެވެ.
” ހޫމްމް.. ބުނީމެއްނު ކުރިންވެސް..” ވިޝާ ތެދުވެގެން ކުޑަދޮރު ކައިރިއަށް ހުއްޓިލިއެވެ. އޭނާގެ ހަރާކާތްތައް ހުރިގޮތުން ވަރަށް ގިނަ ވާހަކަތަކެއް ދައްކަން ބޭނުންވެފައި ހުރިކަން ވަރަށް ފަސޭހައިން ލިމްނާއަށް ދެނެގަނެވުނެވެ.
” ވިޝޫ.. ހީކޮށްބަލަ މީ ވިޝޫގެ ސިސް އެކޭ.. ކިޔައިދީބަލަ.. ކޮބާތަ ވިޝޫގެ ފެމިލީ.. މަންމަ.. ބައްޕަ..” ލިމްނާ ވިޝާގެ ކައިރީގައި ހުއްޓިލުމަށްފަހު އޭނާގެ ކޮނޑުގައި އަތްބާއްވާލަމުން ހިތްހެޔޮކަމާއިއެކު ބުނެލިއެވެ. އެވަގުތު ވިޝާގެ ލޮލުން ވެއްޓުނު ކަރުނަތިކި ނުފެނުނު ކަމުގައިވިޔަސް އޭނާ ހުރީ އިންތިހާއަށް ދެރަވެފައިކަން ލިމްނާ ޔަގީން ކުރިއެވެ.
” ލިމް.. ހަގީގަތަށް ބުނާނަމަ އަހަރެންމީ ވަރަށް ނަސީބުދެރަ މީހަކީން……” ވިޝާ އޭނާގެ ހަޔާތުގެ ހަގީގަތްތަށް ލިމްނާއަށް ކިޔައިދޭންފެށީ އިތުރު ފަރާތެއްގެ އެހީތެރިކަމަށް އޭނާ ބޭނުންވެފައިވާތީއެވެ. އެންމެ ކުޑައިރުއްސުރެ ބައްޕައަކާއި ނުލައި ބީރައްޓެހި ރަށެއްގައި މަންމަ އޭނާ ބަލާބޮޑުކުރިގޮތާއި، އެންމެފަހުން އެމަންމަ ވަކިވެގެން ދިޔަގޮތް ވިޝާގެ ދުލުން ކިޔައިދެމުން ދިޔައިރު އެވާހަކަތައް އަޑުއަހަން އިން ލިމްނާގެ ލޮލުން ކަރުނަ ހިލުވާލިއެވެ. އެކުއްޖާގެ އެހިތްވަރުގަދަކަމާއި ކެތްތެރިކަން ހުރިވަރު އެނގުމުން ލިމްނާ އިނީ ހައިރާންވެގެން އަންތަރީސްވެފައެވެ. އެއްވެސް ޝަކުވާއެއްނެތި ޝުކުރުވެރކަމާއިއެކު ވިޝާ އުޅެމުންއެދާ އޮމާން ދިރިއުޅުމަކީ ހަމަގައިމުވެސް އެތައް ބަޔަކަށްވާ ލާމަސީލު މިސާލެކެވެ. ތެދެކެވެ. ލިމްނާމެން މަންމައާއި ބައްޕައާއި އާއިލާގެ ލޯތްބާއި އަޅާލުމާއިއެކު އުޅެމުންދާއިރުވެސް ކިރިޔާ ކަމެއް އުނިވިޔަސް ޝަކުވާ ކުރެވެއެވެ. އެކަމަކު އެފަދަ ލޯބިވެތިކަމަކާއި ނުލައި އުޅޭ ވިޝާ ފަދަ ކިތައް ކުދިން ދުނިޔޭގައި އުޅޭނެ ހެއްޔެވެ؟ ލިމްނާ ލޮލުން ވެއްޓުނ ކަރުނަތިކި ފޮހެލިއެވެ.
” އަދި ލިމްއަށް އެނގޭތަ؟.. އަހަރެންނަށް މަންމަ ނިޔާވި ފަހުން މަންމަގެ ސިޓީއެއް ފެނުނީ.. އޭގެން އަދި ކުރިން ނޭނގޭ އެތައް ހަގީގަތްތަކެއް އެނގުނު..” ވިޝާގެ އަޑުގައި ތުރުތުރެއް އުފެދިފައިވީނަމަވެސް އޭނާ މަސައްކަތް ކުރަމުންދިޔައީ ނުރޮއި ވޭތޯއެވެ. އެއީ ހަގީގަތުގައިވެސް ހިތްވަރުގަދަކަމާއި ކެތްތެރިކަމުގެ މިސާލެކެވެ.
” ދެން.. ދެން.. ކޮން ކަމެއް އެނގުނީ..” ލިމްނާ ޝައުގުވެރިކަމާއި އޯގާތެރިކަމާއިއެކު ވިޝާގެ އަތުގައި ހިފާލަމުން ސުވާލުކޮށްލިއެވެ. އެވަގުތު ވިޝާ ލަސްލަހުން ގޮސް މޭޒުމަތީގައި ހުރި އޭނާގެ އޮފީސް ދަބަސް ހުޅުވާލުމަށްފަހު ސިޓީއެއް ނަގާ ލިމްނާއަށް ދައްކާލިއެވެ.
“މީ އެސިޓީއަކީ.. މިހާރު އަހަރެންގެ އަތުގަ މަންމަގެ ހަމައެކަނި ހަނދާން.. އެމަންމަގެ ލޯބި ލޯބި ބަސްކޮޅު..” ވިޝާ އެސިޓީއަށް ބަލަން ހުރެ ބުނަމުން ދިޔައެވެ.
” މި ސިޓީ ކިޔާލީމަ އެނގުނު އަހަރެން އަދި އެކަނިވެރި ނުވާކަން.. މުސްތަގުބަލުގައި އުފާވެރި ދުވަސްތަކެއް އޮތްކަން.. ލިމްއަށް އެނގޭތަ؟.. މި ސިޓީގަ މަންމަ ބުނެފައި އޮތް އަހަރަންގެ ބޭބެއެއް ހުންނާނެއޭ..” ވިޝާ ލަސްލަހުން ލިމްނާގެ މޫނަށް ބަލާލިއެވެ. އެވަގުތު ލިމްނާގެ މޫނަށް ވެރިވީ ހައިރާންކަމެވެ.
” އެކަމު.. ވިޝޫއަކަށް ކުރިއަކުން ނޭނގޭތަ؟..” ” ހމމ.. މަންމަ ވަސިއްޔަތް ކޮށްފައި އޮތީ ދޮންބެ ހޯދަން.. ދެކުދިން އެކީގައި އުޅެން.. ލިމްމް.. އަހަރެން މާލެއަށް އައީވެސް އެހެންވެ.. އެކި ގޮތްގޮތުން ބަލައިފިން ދޮންބެ ހޯދޭތޯ.. އެކަމު އަދި އެއްވެސް ކަހަލަ ކުރިމަގެއް ނުފެނެ.. އެކަމު މިހާރު އަހަރެންނަށް ހީވަނީ ވަރަށް ގާތުގައި ދޮންބެ ހުރިހެން… ނޭނގެ ކީއްވެ ކަމެއް.. ހުވަފެންތަކުގަވެސް ފެންނަނީ މަންމަގެ އުފާވެފައިވާ މޫނު.. ލިމްމް.. އަހަރެންނަށް ހީވަނީ ދޮންބެ ފެންނަން އުޅޭހެން.. ލިމް ހެލްޕް ވާނަން ދޯ..” ވިޝާ ލަސްލަހުން ދައްކަން ފެށި ވާހަކަ ނިމުނު އިރު އަވަސްވެގެން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. އެދެލޮލުން ފެންނަނީ އިންތިޒާރާއި އުންމީދުގެ ކުލަވަރެވެ.
” ވިޝޫ.. ޔަގީން ދޮންބެ ފެންނާނެކަން.. ﷲ އިރާދަކުރެއްވިއްޔާ ދެން މާ ގިނަ ދުވަހެއް ނުވާނެ.. އަހަރެން ވިޝޫއަށް އެހީވާނަން..” ވިޝާގެ އަތުގައި ހިފާ އޭނާގެ އުންމީދު އިތުރަށް ވަރުގަދަކޮށްދިނުމުގެ ގޮތުން ލިމްނާ ލޯތްބާއިއެކު ބުނެލިއެވެ. އެވަގުތު އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހިތްހެޔޮކަމާއި އޯގާތެރިކަމެވެ.
” ތެންކިޔޫ ލިމްމް..” ވިޝާ ކަރުނައިގެ ތެރެއިން ހިނިތުންވެލަމުން ލިމްނާގެ ކޮނޑުގައި ބޯ އަޅާލީ ﷲ އަށް ހަމްދުކުރަމުންނެވެ.
” ދެން ދީބަލަ ތި ސިޓީ ކިޔާލަން.. ދޮންބެ ހޯދާނީ ކިހިނެތްކަން ބުނެދީފަ އޮތްތަ..” ލިމްނާ ބޭނުންވީ ވަގުތުން ވަގުތަށް ވިޝާގެ ބޭބެ ހޯދުމުގެ މަސައްކަތް ފަށާށެވެ.
” ނޫން.. ނަން އެކަނި ބުނެފަ އޮތީ.. ލިމް ކިޔާލަބަ..” ވިޝާ ބޯ ހިއްލާލުމެއްނެތި ލިމްނާއަށް ސިޓީދިއްކޮށްލިއެވެ. ލިމްނާ އެސިޓީ ކިޔަން ފެށީ ވިޝާ އޭނާގެ ކޮނޑުގައި ބޯ އަޅައިގެން އޮއްވައެވެ.
“ވިކާޝް..” ސިޓީ ނިންމާލުމަށްފަހު ލިމްނާއަށް މަޑުމަޑުން އެހެން ބުނެލެވުނުއިރު މޫނުމަތީގައި ސުވާލުމާކުތަކެއް އުފެދިފައިވެއެވެ. ހަމަ އެ ސުކުންތުގައި އޭނާގެ ހިތައް ވެރިވެގެން ދިޔައީ ވިކާޝްގެ ސޫރައެވެ. އަނެއްކާ ވާން މިއުޅެނީ ކިހިނެއްބާއޭ އޭނާގެ ހިތައް އަރަމުން ދިޔައެވެ. ހަމަ އެވަގުތު އޭނާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތް ވިޝާއާއި އެސުވާލު ކުރަން ލިމްނާގެ ހިތައް އެރިއެވެ. ނަމަވެސް ވިޝާއަށް ނިދިފައި އޮތުމުން ލިމްނާ ގަސްދުކުރީ އެވާހަކަ ހެނދުނުން ދެއްކުމަށެވެ.
ހެނދުނު ހޭލައިގެން ސައި ބުއިމެއްނެތި ވިކާޝް މިސްރާބުޖެހީ އާލިކްމެންގެއަށް ދިއުމަށެވެ. އޭނާ ބޭނުންވީ އާލިކް އޮފީހަށް ދިއުމުގެ ކުރިން އޭނާއާއި އެކުގައި ހެނދުނުގެ ސައި ބުއިމަށެވެ. އެހާ ކުރިން ދިޔައިރުވެސް އާލިކް އުޅެނީ ހޭލައިގެންނެވެ.
” އައްދެ.. މަ ހީކުރީ އަދި ނުހޭލާނެ..” ވިކާޝް ދިޔަގޮތަށް އާލިކްގެ ބޮލުގައި ޖަހާލަމުން ބުނެލިއެވެ.
” އަދި 8 ވިއްޔަ ޖެހީ.. ތީ 10 ޖަހާއިރު އޮފީހަށް ވަޑައިގަންނަވާ ބޭފުޅެއްނު..” ވިކާޝް އެނދުގައި އިށީނދެލަމުން އިތުރަށް ބުނެލިއެވެ. އޭރު އާލިކް ހުރީ އެއްމިޔަކަނުން ހިނިތުންވެލައިގެންނެވެ. އޭނާ ހޭލާ ހުރުމުން ވިކާޝް ހައިރާންވާނެކަން ކުރިންވެސް އޭނާއަށް އެނގެއެވެ.
” ދެން މަ ވިއްޔާ ނުހޭލާނެ ދޯ..” އާލިކް އެއްބުމަ އަރުވާލަމުން ވާހަކަދެއްކިއިރު ހުރީ ކޮފީއެއް ހަދާށެވެ.
” ޔަގީނެއްނު.. ކޮންތާކަށް ދާން ތިއުޅެނީ؟..” ވިކާޝް ހީނލަމުން އަހާލިއެވެ.
” ހެހެ.. މީ އެއަރޕޯޓަށް ދާންޖެހޭތީ މިހާ ކުރިން ހޭލީ.. ބައްޕަ އެކޮޅުން މެހްމާނެއް ފޮނުވާތީ.. ރިސީވްކުރަން މަށޯ ހަމަ ދާންވީ..” ކޮފީތަށި ހިފައިގެން އިށީންނަމުން އާލިކް ވާހަކަ ދެއްކީ ފަރުވާކުޑަ ގޮތަކަށެވެ.
” އެހެންދޯ.. މަ ނުވަގަޑި ބައިގަ ފުރާތީ ދިމާނުވެދާނެތީ ބްރޭކްފާސްޓް ނަގަން ދާން މިއައީ.. ނުގުޅާ މިއައީ ނުހޭލާނެ ކަމަށް.. ދެން މިވީގޮތުން އެކަންވެސް ނުވީއެއްނު..” ވިކާޝް ބޯ ކަހާލަމުން ބުނެލިއެވެ.
“ސޮރީ ޑޫޑް.. ދެން ކޮފީއެއް ބޯލާ..” ކޮފީ ބޮއި ނިމިގެން ތުވާލި ހިފައިގެން ފާހާނާއަށް ވަންނަމުން އާލިކް ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ. އެވަގުތު ވިކާޝްގެ ޖަވާބަކަށްވީ ފިރިހެންވަންތަ ހީނލުމެކެވެ.އާލިކް ތައްޔާރުވެގެން ނުކުމެގެން ދިޔައިރުވެސް ވިކާޝް އެނދުގައި އެއޮތްގޮތަށް އޮތީއެވެ. އާލިކް އޭނާއާއި އެކުގައި ދާން ބުނުމުންވެސް ވިކާޝް ދެކޮޅު ހެދުމުން ދެން އެހެންވީއިރު އޮންނާށޭ ބުނެ އާލިކް ދިޔައީއެވެ. ވިކާޝް އާލިކްގެ އެނދުގައި ނިތުގައި އަތްބާއްވާލައިގެން އޮތީ ވިސްނުމަކަށް ގެއްލިފައެވެ. އޭނާގެ ފިރިހެންވަންތަ ވަރުގަދަ ދެބުމަ ކައިރިވެފައިވާއިރު މޫނުމަތީގައި ހުރީ ސީރިއަސް ކަމެވެ. ޝައްކެތް ނެތެވެ. އޭނާގެ ހިތާއި ސިކުނޑިއަށް އުނދަގޫ ކުރަމުން އެދަނީ އޭނާގެ ލޯބިވާ އާއިލާގެ ހަނދާންތަކެވެ. އޭނާގެ ފޯނު ރިންގުވާންފެށީ އެވަގުތުއެވެ.
” ހަލޯ.. އެހެންތަ އާނ އޯކޭ..” ފޯނަށް ޖަވާބު ދިނުމަށްފަހު ވިކާޝް ފޯނު އެނދުމަތީގައި ބޭއްވީ އާދައިގެ ވަރަށްވުރެ ބާރަށެވެ. ވާނީވެސް އެހެންނެވެ. ފުރުން މެންދުރަށް ލަސްވާނެކަން އެނގޭނަމަ އޭނާ އާލިކްއާއި އެކީގައި ދިޔައީހެވެ. އޭނާގެ އޮފީހަށްވެސް އެއީ ޗުއްޓީއެއް ދީގެން އުޅޭ ދުވަހެއް ކަމުން އޮފީހުގައިވެސް ކަމެއް ނޯންނާނެއެވެ. ދެން އަނެއްކާ ފޫހިވުން ނޫންކަމެއް ނުވާނެއެވެ. އެންމެފަހުން ޚިޔާލުތައް ގިނަވެ ބޮލަށް ބަރުވާ ގޮތްވާން ފެށުމުން ވިކާޝް ތެދުވެ ކޮޓަރިތެރެއަށް ނަޒަރު ހިންގާލީ ކުރާނެ އިތުރު ކަމެއް ފެނޭތޯއެވެ. ވިސްނަން އިނުމަށްފަހު މޮޅު ޚިޔާލެއް އައިސްގެން ވިކާޝް ހިނިތުންވެލަމުން ތެދުވީ އާލިކް އަންނަންވާއިރަށް އެ ކޮޓަރިތެރެ ރީތިކޮށްލުމަށެވެ. އޭނާ ބޭނުންވީ އޭނާ އެކަން ކުރުމުން އާލިކް ބުނާނެ އެއްޗަކާއި، ހަރަކާތްތައް ހުންނަގޮތެއް ބަލާލުމަށެވެ. ތެދެކެވެ. އެދެވެރިންގެ ދެމެދުގައި ކޮންމެ ކަމެއް ވިޔަސް ވާނީ ސަކަރާތަކަށެވެ.
އެންމެ ފުރަތަމަ މޭޒުމަތީގައި ހުރި ލިޔެ ކިޔުމުގެ ސާމާނުތައް ތަރުތީބުކޮށްލުމަށްފަހު ދެން ވިކާޝް އުޅުނީ ހެދުން ހަރުގައި ހުރި އެއްޗެހިތައްވެސް ރީތިކޮށް ތަރުތީބުކޮށްލާ ހަމައަކަށް އަޅުވާލުމަށެވެ. އެހެން ނަމަވެސް އޭނާގެ ސަމާލުކަން އަނބުރާލީ އެންމެ ފުރަތަމަ ނެގި އާލިކްގެ އޮފީހަށްދާ ފަޓްލޫނުގެ ޖީބުން ވެއްޓުނު ކަރުދާސްގަނޑެވެ. މަޑުމަޑުން ފަޓްލޫނު ބެހެއްޓުމަށްފަހު ވިކާޝް އެކަރުދާސް ގަނޑުނަގާ ހުލުވާލީ އެއީ އޮފީހުގެ ކޮންމެވެސް އެއްޗެއް ކަމުގައި ހީކޮށްފައެވެ. ނަމަވެސް އެ ހުޅުވާލުމާއިއެލު ލިޔެފައިވާ ދިގު ސިޓީ ފެނުމުން ވިކާޝްގެ ހުރިހާ ޝައުގުވެރިކަމެއް އެއަށް ހުއްޓި އެނދުގައި އިށީނދެލެވުނީ ބޭއިޚްތޔާރުގައެވެ.
” މަންމަގެ ލޯބިވާ ދަރިފުޅު…. ވިޝޫ؟..” ސިޓީގެ ފުރަތަމަ ޖުމްލަ ކިޔާލުމާއިއެކު ވިކާޝްގެ މޫނަށް ހައިރާންކަމުގެ ކުލަވަރުތައް ރޫތަކެއްގެ ސިފައިގައި ބަރިބަރިއަށް ވެރިވެގެންދިޔައެވެ. ހަމަ އެއާއިއެކު އެސިޓީ ކިޔުމުގެ ޝައުގުވެރިކަންވެސް ދެގުނައަށް އިތުރުވެގެން ދިޔައެވެ.
ސިޓީ ކިޔާ ނިންމާލެވުނު އިރު ވިކާޝްއަށް އިނދެވުނު ތަންވެސް ނޭނގުނެވެ. އޭނާ ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. ދެން ހަދަންވީ ކިހިނެތްކަމެއް ނުވަތަ ދެން ދާންވީ ކޮންތާކަށް ކަމެއްވެސް ނޭނގުނެވެ. ވިކާޝްއަށް ކުރެވުނުހާވެސް ކަމަކީ ކަރުނުން ފުރިގެންވީ ދެލޮލާއިއެކު އެސިޓީއަށް ބަލަހައްޓައިގެން އިނުމެވެ.ތުރު ތުރު ލަމުން ދިޔަ އަތުން އެސިޓީ މޭގައި ޖައްސާލުމެވެ. އޭނާއަށް އެނގޭހާވެސް އެއްޗަކީ އެއީ އޭނާގެ މަންމަގެ ވާހަކަތައްކަމެވެ. އެމަންމަ މިހާރު ދުނިޔޭގައި ނުވާކަމެވެ. އޭގައި ބުނެފައިވާ ވިކާޝްއަކީ އޭނާކަމެވެ. އެސިޓީގެ ވެރިފަރާތަކީ އޭނާގެ ކޮއްކޮ ކަމެވެ. ކޮންފަދަ ބޮޑު އިއްތިފާގެއް ހެއްޔެވެ؟
” މަންމަ…” ވިކާޝްގެ ދުލުން މަޑު މަޑު އާހަކާއިއެކު އެ ލަފްޒު ނުކުތްއިރު އޭނާއަށް ރަނގަޅަށް ރޮވިއްޖެއެވެ. އެ ފިރިހެންވަންތަ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހޮރިގަތެވެ. ދެއަތުން މޫނު ފޮރުވާލަމުން ބާރުބާރަށް ރޯން ފެށިއެވެ. އިސްތަށިގަނޑުގައި ބާރަށް ހިފަހައްޓާލުމަށްފަހު ކައިރީގައި ހުރި މޭޒުގައި ބޯ ޖަހާލިއެވެ.
” ވިޝޫ….” އިރުކޮޅެއްގައި އެހެން އޮތުމަށްފަހު ވިކާޝް ބޯ ހިއްލާލީ ކުއްލިއަކަށެވެ. އޭނާގެ ކޮއްކޮއަކީ ވިޝާ ހެއްޔެވެ؟ ވިޝާ ފެނުމުން އާދަޔާ ޚިލާފް އިހުސާސްތަކެއް ކުރެވުނީ އެހެންވެގެން ހެއްޔެވެ؟ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ހިތް ދެވުނު އަންހެން ކުއްޖަކީ އޭނާގެ ލޯބިވާ ކުޑަ ކުޑަ ކޮއްކޮ ހެއްޔެވެ؟ ވިކާޝްއަށް ހީނލެވުނެވެ. ހަމަ އެއާއިއެކު އަނެއްކާވެސް ރޮވުނެވެ. ހަމަ އެ ސުކުންތުގައި ކަރުނަތައް ފޮހެލުމަށްފަހު ދެވަނަ ފަހަރަށް ސިޓީވެސް ކިޔައިފިއެވެ. ތެދެކެވެ. މީހަކު އުންމީދުނުކޮށް ހުއްޓާ ކުއްލިއަކަށް އެފަދަ ބޮޑު ހަގީގަތެއް ހާމަވެއްޖެނަމަ ވާނުވާނެސް އޮޅިދާނެއެވެ. ވިކާޝްއަށްވެސް ވެފައިހުރީ އެފަދަ ގޮތެކެވެ. އެންމެފަހުން ދެތިން ހަތަރު ފަހަރު ސިޓީ ކިޔުމަށްފަހު އާލިކްގެ ގެއިން ނުކުމެގެން ބޭރަށް ހިނގައިގަތީ އެސިޓީވެސް ހިފައިގެންނެވެ. ގެއަށް ދެވުނުއިރު މީހާ ކޮންމެވެސް ވަރަކަށް ހަމަޖެހި ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަންފަށައިފިއެވެ. ވިކާޝް އޭނާއާއި އޭނާގެ ކޮއްކޮގެ ކުޑައިރުގެ ތަސްވީރު އަތަށްލައިގެން އިނދެ ވިސްނަމުން ދިޔައީ އާލިކް އޭނާގެ ގާތުގައި އެވާހަކަ ނުބުނި ސަބަބާއި މެދުގައެވެ. އެސިޓީގައި އޭނާގެ ނަން އިނުމުންވެސް ބުނެލި ނަމައެއް ނޫން ހެއްޔެވެ؟ ޔަގީނެވެ. އާލިކް އެއުޅުނީ ވިޝާއަށާއި އޭނާއަށްވެސް ސަޕްރައިޒެއް ދޭށެވެ. ވިކާޝް ފަނޑުގޮތަކަށް ހިނިތުންވެލިއެވެ. ދެން އާލިކްއަށް ސަޕްރައިޒް ދޭނީ އޭނާއެވެ. އެކަމަކު މިވަގުތު ދެން އޭނާއަކަށް އޭނާގެ ކޮއްކޮއާއި ދުރުގައި އެންމެ ސުކުންތެއްވެސް މަޑެއް ނުކުރެވޭނެއެވެ. އަވަސް އަވަހަށް އާލިކްގެ އޮފީހާއި ދިމާއަށް ދިއުމަށް ހިނގައިގަތް ވަގުތު ހުއްޓެން މަޖުބޫރުވީ ގޭތެރެއިން އިވުނު ބާރު އަޑުފައްގަނޑެއްގެ ސަބަބުންނެވެ.
ހެނދުނު ހޭލައިގެން އޮފީހަށް ދާން ތައްޔާރުވީއިރުވެސް ލިމްނާގެ ހިތުގައި ހިނގަމުންދިޔައީ ރޭގައި އޭނާ ކީ ސިޓީގެ ފޮޅުވަތްތަކެވެ. އެ ސިޓީގެ ނިންމުމުގައި ބުނެފައި އިން “ވިކާޝް” އެނަމެވެ. ވިޝާގެ ބޭބެގެ ނަމަކީ ވިކާޝް ކަން އެނގުމުން ލިމްނާއަށް ކުރެވެމުންދިޔައީ މުޅިން އެހެން ކަހަލަ އިހުސާސްތަކެކެވެ. އެއީ އަނެއްކާ އާލިކްގެ ރަހްމަތްތެރި ވިކާޝް ނޫންބާވައެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ ކުރީ ރޭގައި ވިޝާ ވިކާޝްގެ ލޮލުގެ ކުލައާއިމެދު ސުވާލު ކުރިގޮތެވެ. އެކަމުގެ ސިއްރަކީ ކޮބައިބާވައެވެ. ފަތިހުއްސުރެ ހޭލައިގެން އުޅުނުއިރުވެސް އޭނާ އެވާހަކަ ވިޝާ ގާތުގައި ނުބުނެވިގެން އެއުޅެނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ލިބިފައިވުމުންނެވެ. ނަމަވެސް ވިޝާއަށް އެހީތެރިވާން ބޭނުންނަމަ އޭނާ ޖެހޭނީ އެކަންވެސް ކުރާށެވެ.
“ލިމްމް.. ކިހިނެތްވެފަތަ މިއަދު ހޭލިއްސުރެ.. އަދި ރަނަގަޅަށް އަނގައިން ނުބުނެ..” އޮފީހަށް ދާން ތައްޔާރުވެލައިގެން ކޮޓަރިތެރެއިން ނުކުތް ވިޝާ ބޭރުގައި އިން ލިމްނާގެ ކޮނޑުގައި ކޮއްޓާލިއެވެ.
” އެނނ.. ހޫމްމް.. މިވިސްނަނީ ވިޝޫގެ މަންމަގެ ސިޓީއާމެދު..” ލިމްނާ ވިޝާއަށް ބަލާލަމުން އެއްވެސް ފޮރުވުމެއްނެތި އޭނާގެ ހިތުގައި އޮތް އެއްޗެއް ބުނެލިއެވެ. އެވަގުތު ހިނިތުންވެފައި ހުރި ވިޝާގެ ހިނިތުންވުނެ ފަނޑުވެ މޫނުމައްޗަށް މާޔޫސްކަން ވެރިވެގެންދިޔައެވެ.
” ލިމް.. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ކަމަކާމެދު ލިމް ތިގޮތަށް ފިކުރު ކުރާކަށް.. އެހެން ނޫނަސް އޭމް ހެޕީ ވިތް ވަޓް އައި ހޭވް.. ދެންން.. ހިނގާ އޮފީހަށް ދާން..” ވިޝާ މަސައްކަތްކުރީ އެވާހަކަ އެހިސާބުން ނިންމާލުމަށެވެ. ހަގީގަތުގައިވެސް އެކަމާއިމެދު އެހެން މީހުން އެހާވަރަށް ވިސްނުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ.
” ވިޝޫ.. އަދި އެބަހުރި ވިއްސަކަށް މިނެޓް.. އިހަށް އިށީނދެބަލަ.. އެހެން ނޫނަސް އެހަރެން ނޫޅެމޭ އެކަމާ ވިސްނާ ބޯގޮއްވާކަށް.. ވިޝޫ ބުނީމެއްނު ހެލްޕް ވެދޭށޭ.. އެހެންވެގެން ހެލްޕް ވެދެން މިއުޅެނީ..” ލިމްނާ ވިޝާގެ އަތުގައި ހިފުމަށްފަހު ގޮނޑީގައި ބައިންދަމުން ލޯތްބާއިއެކު ބުނެލިއެވެ. އެވަގުތު ވިޝާގެ ބޮޑު ބޮޑު ލޮލުން ލިމްނާގެ މޫނަށް ބަލާލީ މައުސޫމް ގޮތަކަށެވެ.
” ވިޝޫ.. ވިޝޫގެ ދޮންބެގެ ނަން ނޫން އެހެން މައުލޫމާތެއް ނޭނގޭތަ؟..” ލިމްނާ މޫނުމައްޗަށް ވެއްޓިފައި އިން އިސްތަށިކޮޅު ކަންފަތްދޮށަށް ލައްވާލަމުން ސުވާލުކޮށްލިއެވެ. އެވަގުތު ވިޝާ މަޑުމަޑުން ހޫމް އަޅުވާލަމުން ބޯ ޖަހާލިއެވެ.
” ދެން.. ވިޝޫއަށް އެނަން ކިޔާ މީހަކާއި ބައްދަލުވެއްޖެތަ؟..” ލިމްނާ ވިސްނުންތެރިކަމާއިއެކު އަނެއްކާވެސް ސުވާލުކޮށްލީ ވިޝާއަށް ވިކާޝްގެ ނަން އެނގިފައި އޮތްތޯ ބެލުމުގެ ބޭނުމުގައެވެ. އެސުވާލަށްވެސް ވިޝާ ނޫނެކޭ ބުނެލީ ބޮލުގެ ހަރަކާތުންނެވެ. އެއާއިއެކު ލިމްނާ ލޯބޮޑުކޮށްލަމުން މާނޭވާއެއް ބޭރުކޮށްލީ ވިޝާއަށް ނޭނގޭ ގޮތަށެވެ. އަނެއްކާ އޭނާގެ ޝައްކަކީ ހަގީގަތެއް ހެއްޔެވެ؟
” ވިޝޫ ކުރީ ރޭ ވިކީ ސަރގެ ލޮލުގެ ކުލައާއި ބެހޭގޮތުން ސުވާލުކުރީ ކީއްވެ؟..” ލިމްނާ މިފަހަރުވެސް ސުވާލުކޮށްލީ ވިސްނުންތެރި ކަމާއިއެކުގައެވެ. ނަމަވެސް މިފަހަރުގެ ސުވާލާއިއެކު މަޑުމަޑުން އިން ވިޝާގެ ހަރަކާތްތަކަށް ހުއްޓުމެއް ވެރިވިއެވެ. ލަސްލަހުން އެނބުރިލާ އޭނާ ލިމްނާގެ މޫނަށް ބަލާލީ ސުވާލުން ފުރިގެންވާފަދަ ގޮތަކަށެވެ.
” އެ.. އެއީ.. މަންމަ ލޮލުގަވެސް ހުންނަނީ ގްރީން… އެހެންވެ..” ވިޝާއަށް ޖަވާބުދެވުނީ ލަސްލަހުންނެވެ. ލިމްނާ ބުނަން އެއުޅެނީ ކޮން އެއްޗެއްކަން އޭނާއަށްވެސް ކޮންމެވެސް ވަރަކަށް ވިސްނެންފެށީ ކަންނޭނގެއެވެ. އެޖަވާބާއިއެކު ލިމްނާއަށް އިތުރަށް ލޯބޮޑުކޮށްލެވުނެވެ. އަވަސް އަވަހަށް ވިޝާގެ އަތުގައި ބާރަށް ހިފަހައްޓާލަމުން ފަނޑު އެހެނަސް އުންމީދީ ގޮތަކަށް ހިނިތުންވެލިއެވެ.
“ވިޝޫ.. އަށް.. އެނގޭތަ.. ވިކީ ސަރގެ އަސްލު.. ނަން..” ލިމްނާއަށްވެސް މިފަހަރު ވާހަކަ ދެއްކުނީ ލަސްލަހުންނެވެ. އޭނާ ވާހަކަ ދެއްކިއިރު ވިޝާވެސް ދެލޯ ބޮޑުކޮށްލައިގެން ލިމްނާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައި އޭނާގެ މޫނަށް ބަލަހައްޓައިގެން އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެހެންކަމުން ލިމްނާގެ އެސުވާލުން ވިޝާއަށް ހިންދިރުވާލެވުނެވެ. އިތުރަށް ނޭވާ ހިފަހައްޓާލަމުން އޭނާ ބޮލުގެ ހަރަކާތުން ނޫނެކޭ ބުނެލީ ވާން އެއުޅެނީ ކިހިނެއްކަން އިހުސާސްކުރެވޭ ހާލުގައެވެ.
“ވި.. ވިކ.. ވިކާޝް..” ލިމްނާ ލަސްލަހުން ބުނެލިއެވެ. އެއާއިއެކު ވިޝާއަށް އަނގަމަތީގައި އަތްއެޅުނެވެ. ފެންކަޅިވަމުން ދިޔަ ދެލޯ ބޮޑުކޮށްލެވިއްޖެއެވެ. ހިނދުކޮޅަކަށް އޭނާގެ ހަށިގަނޑަށް ފިނިކަން އިހުސާސްވީކަހަލައެވެ. އަނެއްކާ ވިކީ އަކީ އޭނާގެ…. ވިޝާއަށް ކޮޅަށް ތެދުވެވުނެވެ. އެ ޒުވާނާ ފެނުމުން އޭނާގެ މަންމަ މަތިން ހަނދާންވީ އެހެންވެގެން ހެއްޔެވެ؟ އޭނާގެ ބަލަދުވެރިޔާއަކީ އެޒުވާނާ ހެއްޔެވެ؟ އޭނާގެ ދޮންބެއަކީ އެއީ ހެއްޔެވެ؟ މަންމަގެ ވިކާޝްއަކީ އެއީ ހެއްޔެވެ؟ ވިޝާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.
” ވިޝޫ.. އިޓްސް ޕޮސިބަލް.. ވެދާނެނު އެއީ ކަމަށް.. ލޮލުގެ ކުލަވެސް.. ނޫންތަ؟..” ވިޝާއަށް ވީގޮތް ބަލަން ހުރެފައި ލިމްނާ މަޑުމަޑުން ބުނެލިއެވެ. އެވަގުތު ކުއްލިއަކަށް ވިޝާ އޭނާގެ އަތުގައި ހިފާލިއެވެ.
“ލިމް.. ލިމް ހިނގާ އޮފީހަށް.. އެންމެ އަވަހަށް ދިމާވާނީ އޮފީހުން.. އހަ.. އަހަރެން އަހާނަން.. މިއަދު.. މިއަދު އަހާނަން.. އެނގޭނެ.. އެނގޭނެއެއްނު.. ދޯ..” ވިޝާގެ ހަރަކާތްތައް ހުރީ އަވސްވެފައެވެ. އެހެންކަމުން ލިމްނާވެސް އިތުރު ވާހަކައެއް ދެއްކުމެއްނެތި އަވަސްވެގަތީ ވިޝާއާއި އެކުގައި އޮފީހަށް ދެވޭތޯއެވެ.
ވިކާޝްއަށް އޭޑީކޭ ހޮސްޕިޓަލްއިން ނުކުމެވުނު އިރު 10 ޖަހަނީއެވެ. އޭރުވެސް އޭނާގެ ހަރަކާތްތައް އަވަހެވެ. މޫނުމަތީގައިވާ ކުލަވަރު ތަފާތެވެ. އަވަސް އަރުވާލާފައި ވިޝާއާއި ބައްދަލުކުރަން ދާން އުޅުން ވަގުތު ގޭގައި އުޅޭ ފާތިމާ ސިޑިން ވެއްޓުމުން ވިކާޝްގެ ފުރަތަމަ ޒިންމާއަކަށްވީ އޭނާ ހޮސްޕިޓަލަށް ގެނެސްދިނުމެވެ. ތެދެކެވެ. އަމިއްލަ ކަމަކަށް ކިތަންމެ ބޮޑަކަށް ބޭނުންވެފައި ހުއްޓަސް އެހެން މީހުން އެހީތެރިކަމށް އެދޭ ވަގުތުގައި އޭނާ އެމީހަކަށް ފުރަގަހެއް ނުދޭނެއެވެ. ކޮންމެއަކަސް ހޮސްޕިޓަލްއިން ނުކުތްގޮތަށް ވިކާޝް ސައިކަލުގައި ނައްޓާލީ 22 އަހަރު ދުވަހު ކުރި އިންތިޒާރުގެ ނިމުން އަތުވެއްޖެކަމުގެ އިހުސާސް ކުރެވެމުންދާތީއެވެ. ލަހެއް ފަހެއް ނެތި އޭނާ އެދަނީ އޭނާގެ ކޮއްކޮ ގާތަށެވެ.
އޮފީހަށް އައުމަށްފަހު ގަޑިއެއްހާއިރު ހޭދަވީއިރުވެސް ވިޝާއަށް އެއްވެސް މަސައްކަތެއް ނުކުރެވުނެވެ. ކެބިން ތެރޭގައި ދެކޮޅަށް ހިނގާލާ ހިނގާލާ ހުރެފައި އިރުކޮޅަކުން އާލިކްގެ މޭޒު ވަތްގަނޑުން “ޕާޓްނަރޝިޕް ބިޒްނަސް” ޖަހާފައި އޮތް ފައިލްވެސް ނަގައިފިއެވެ. އަވަސް ނޭވާތަކެއް ލަމުން ވިޝާ އެއިން ޗެކް ކުރީ ވިކާޝްގެ ފުރިހަމަ ނަމާއި އެޑްރެހެވެ. އަދި ގުޅޭނެ ފޯނު ނަމްބަރާއި އިތުރު ބައެއް މައުލޫމަތެވެ.
” އަހްމަދު ވިކާޝް..” ވިޝާ ވިކާޝްގެ ނަމްބަރު ފޯނުގައި ޖަހާލަމުން މަޑުމަޑުން ބުނެލިއެވެ. ބާރުބާރަށް ތެޅެމުން ދިޔަ ހިތަކާއިއެކު އޭނާ ހުރީ ހަދާނެގޮތެއް ނޭނގިފައެވެ. ވިކާޝް އަންނަންދެން މަޑުކުރަންވީ ހެއްޔެވެ؟ ނުވަތަ ގުޅައިގެން ގެންނަންވީ ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް ދެން އޭނާއާއި އެސުވާލުތައް ނުކޮށް ހުރުމަކީ ވިޝާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތް އެދެމުން ދިޔައީ އޭނާގެ ދޮންބެއާއި ބައްދަލުވުމަށެވެ.
އޮފީހުގެ ރިސެޕްޝަނުގައި އަވަދިނެތި މަސައްކަތުގައި އިން ލިމްނާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ ބާރުބާރަށް އޮފީހުގެ ދޮރު ހުޅުވާލާފައި ވަދެގެން އައި ވިކާޝް ފެނުމުންނެވެ. މީހަކަށް ބަލާލުމެއްނެތި ބާރުބާރަށް ގޮސް ސިޑިއަށް އަރައިގެންދިޔަ ވިކާޝްއާއި ދިމާއަށް ބަލަހައްޓައިގެން ލިމްނާ އަށް ހުރެވުނީ އަވަސްވެފައިވާ ހިތަކައިގެންނެވެ. ހިތާއިހިތުން ވިޝާއަށް ދެރަގޮތެއް މެދުވެރި ނުކުރައްވާތޯ އޭނާއަށް ދުއާކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.
ހިތްއަވަސް ވެފައިވާ ހާލު ވިކާޝް ދުވެފައިގޮސް އާލިކްގެ ކެބިން ހުޅުވާލީ ފުންނޭވާއެއް ބޭރުކޮށްލަމުންނެވެ. އެވަގުތު ކެބިންގެ ތެރޭގައި ހުރި ވިޝާއަށްވެސް ލިބިގެންދިޔަ ސިހުމާއިއެކު ދޮރުމަތީގައި ހުރި ވިކާޝް ފެނުމުން ހަރަކާތްތައް މަޑުޖެހިލިއެވެ. ފުންނޭވާތަކެއް ލަމުންދިޔަ ވިކާޝްގެ ހޭވިފައިވާ އިސްތަށިގަނޑާއި މޫނުމަތީގެ ކުލަވަރުތަކުން ވިޝާއަށް އެއްޗެއް ބުނެދޭން އުޅޭފަދައެވެ. ވަގުތުން އެބޮޑު ބޮޑު ދެލޮލަށް ކަރުން ގިނަވެ މޫނުމަތީގެ މައުސޫމްކަން އިތުރުވެގެންދިޔައެވެ. އެ ލޯބި ލޯބި މައުސޫމް މޫނާއި ކަރުނުން ފުރިގެންވާ ބޮޑު ދެލޯ ފެނުނު ހިނދު ވިކާޝްގެ ދެލޯވެސް ފެންކަޅިވިއެވެ. އެހިތުގައިވާ އެއްބަނޑު އެއްބަފާވަންތަކަމުގެ ލޯބި އުތުރި އަރައިގެން ދިޔަފަދައެވެ. ލަސްލަހުން ތުންފަތުގައި ދަތްއަޅާލަމުން ވިޝާއާއި ދިމާއަށް ދެއަތް ފުޅާކޮށްލީ އަންނާށޭ ބުނާފަދަ ގޮތަކަށެވެ. އެވަގުތު ބެލެނިވެރިއެއްގެ ލޯތްބާއި ހިމާޔަތަށް ފެންބޮވައިގަނެފައި ހުރި ވިޝާއަށް ދުވެފައިގޮސް ވިކާޝްގެ އަތުތެރެއަށް ވަދެވުނީ އިތުރު ވިސްނުމަކާއިނުލައެވެ.
14
“ވިޝޫ..” އެދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލީ ވިކާޝްގެ ކުލުނުން ފުރިގެންވާ މަޑުމައިތިރި އަޑުންނެވެ. އެވަގުތު ވިޝާ ސިހިފައި ކުއްލިއަކަށް ވިކާޝްގެ ގައިން ދޫކޮށްލުމަށްފަހު ދުރަށްޖެހިލިއެވެ. އަނެއްކާ އޭނާއަށް ކުށްހީއެއް ހީކުރެވުނީ ހެއްޔެވެ؟ އަނެއްކާ އެއީ އޭނާގެ ދޮންބެއެއް ނޫން ހެއްޔެވެ؟ އެހެން ހިތައް އެރުމާއިއެކު ވިޝާގެ ލޮލުގައި އަނެއްކާވެސް ތާޒާ ކަރުނަތައް ބޮނޑިވެގަތެވެ. ދެތުންފަތް ތުރުތުރު އަޅާ ހާލު އިނގިލީގައި ދަތް އަޅާލަމުން އިސްޖަހާލިއެވެ. ވިޝާގެ އެ މައުސޫމް ހަރަކާތްތަކުން ކުރިމަތީގައިހުރި ވިކާޝްގެ ހިތް ލޯބިން ބަންޑުން ވީ ކަހަލައެވެ. އަދިވެސް ހަމަ އެމައުސޫމްކަމެވެ. ވިކާޝްއަށް ހިނިތުންވެލެވުނެވެ.
” ތީ ހަމަ ދޮންބެގެ ކޮއްކޮ ދޯ..” އިސް ޖަހާލައިގެން ހުރި ވިޝާއަށް ވިކާޝްގެ އެޖުމްލަ އަޑު އިވުނީ ހުވަފެނެއްގެ ތެރެއިން އިވޭ ފަދަ ގޮތަކަށެވެ. އަވަސް އަވަހަށް އިސް އުފުލާލުމަށްފަހު ދެލޯ ބޮޑުކޮށްލާ ވިކާޝްގެ މޫނަށްބަލާލީ ޔަގީން ނުވާފަދަ ގޮތަކަށެވެ.
” ބަރތް ޑޭ.. 18 ނޮވެމްބަރ.. މަންމަ އަކީ ވާލިދާ.. އިޓަލީ ރައްޔިތެއް..” ވިކާޝް ވިޝާއާއި ގާތަށް ޖެހިލަމުން ކަރުނުން ފުރިފައި އެހެނަސް ހިނިތުންވެފައި ހުރެ ބުނަމުން ދިޔައެވެ. އެއާއިއެކު ވިޝާއަށް ލަސްލަހުން ގިސް ލެވެންފެށުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ.
“މަންމަގެ ލޮލުގެ ކުލަ ފެހި.. އިސްތަށިގަނޑު ބުޅި..” މިފަހަރު ވިކާޝްއަށް ބަލާލަމުން ވާހަކަ ދެއްކީ ވިޝާއެވެ.
” ދ.. ދޮންބޭ..” ވިޝާ މަޑުމަޑުން ވިކާޝްގެ އަތުގެ ތެރެއަށް ވަނީ ދަރިއަކު ބައްޕައެއްގެ އަތުގެ ތެރެއަށް ވަންނަ ފަދައިންނެވެ. މިހުރިހާ ދުވަހު ލޮލުގައި ޖަމާކޮށްފައިވާ ކަރުނަތައް އޭނާގެ ދޮންބެގެ ޓީޝާޓް ތެންމަމުން ދިޔައިރު އޭނާގެ ބޮލުގައި ފިރުމާލަ ފިރުމާލާ ހުރި ވިކާޝްގެ ލޮލުންވެސް ހުއްޓުމެއްނެތި ކަރުނައިގެ މުތީތައް އޮހެމުން ދިޔައެވެ.
އެއަރޕޯޓަށް ގޮސް ކުރަން ޖެހޭ ކަންތައްތައް ނިންމާލުމަށްފަހު އާލިކްގެ މިސްރާބު ހުރީ އޮފީހާއި ދިމާއަށެވެ. ވިކާޝް ފުރާ ވާހަކަ ބުނެފައި އޮތުމުން އޭނާ ފުރީތޯ ބަލާލަންވެސް އާލިކް ބޭނުންވީ ރަނގަޅަށް ހަމަޖެހިލުމަށްފަހުގައެވެ. ހިނިތުންވެފައި ރަނގަޅު މޫޑެއްގައި ހުރެ އޮފީހުގެ ތެރެއަށް ވަދެވުމާއިއެކުއިއެކު ލޯމަތީގައިވާ އަވިއައިނު ނަގާ އަތުން ހިފާލައިފިއެވެ. އަދި އެހިސާބުން ފެންނަން ތިބި އޭނާގެ މުވައްޒަފުންނަށް ރަހްމަތްތެރި ހިނިތުންވުމެއް ދެމުން އޭނާގެ ކެބިންއާއި ދިމާއަށް ހިނގައިގަތީ ހަމަޖެހިލާފައި ހުރެގެންނެވެ. ސިޑިން އަރަމުން ދިޔައިރު އޭނާގެ ހިތުވިންދު ބާރުވެލަމުން ދިޔައީ ދެދުވަސް ފަހުން އޭނާގެ ހިތުގެ މަލިކާ ފެންނާނެކަން ހިތައް އެރުމުންނެވެ. އެއާއިއެކު އެމޫނުމައްޗަށް ވެރިވެގެންދިޔައީ ފިރިހެންވަންތަ ސިއްރުވެރި ހިނިތުންވުމެކެވެ. ތެދެކެވެ. މިހާރު އޭނާ އެވަނީ ގޮތެއް ނިންމާފައެވެ. މިހާރު އާލިކްބޭނުންވަނީ ވިޝާގެ ހިތުގައި އޭނާއަށްޓަކައި ޖާގައެއް ވޭތޯ ބެލުމަށެވެ. އެހެން ވެއްޖެނަމަ ލަސްކުރުމެއްނެތި އޭނާގެ ހިތުގެ ހާލަތު ވިޝާއަށް ހުޅުވާލުމަށެވެ.
ހިނިތުންވެލައިގެން ހުރެ ލަސްލަހުން ކެބިންގެ ދޮރު ހުޅުވާލުމާއިއެކު އާލިކްގެ މޫނުމައްޗަށް ދިލަގަދަ އެތިފަހަރެއް އެރިފަދައެވެ. ވަގުތުން އެމޫނުމަތީގައިވާ އުޖާލާ ހިނިތުންވުން ފިލާގޮސް ހިތާމައިގެ ތަސްވީރެއް ފަދައިން އެ ފިރިހެންވަންތަ މޫނުމަތި ބަނަވެގެން ދިޔައެވެ. ކުރިމަތިން ފެންނަމުން ދިޔައީ ހަގީގަތެއްބާއޭ ހިތައް އަރާ ހާލު ދޮރުމަތީ އޭނާއަށް ހުރެވުނީ ހަރަކާތް ހުއްޓިފައިވާ ބުދެއް ފަދައިންނެވެ. ތެދެކެވެ. އޭނާގެ ކުރިމަތީގައި އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާގެ މޭގައި ބޯ އަޅާލައިގެން އެހުރީ އޭނާގެ ހިތުގެ ރާނީއެވެ. އެހިތުގެ ހުރިހާ ހަގީގަތެއް އެނގިހުރެވެސް ވިކާޝް އެގޮތަށް ކަންތައް ކުރީ ހެއްޔެވެ؟ އާލިކްއަށް ގަބޫލެއް ނުކުރެވުނެވެ. ހިތައް ކުރި އަސަރާއިއެކު ހިތާމައާއި މޮޅިއާއި ރުޅިވެރިކަމުން އޭނާގެ ހިތާއި ސިކުނޑި ފުރެމުންދިޔައެވެ. ކޮންފަދަ ކެހިވެރި ކަމެއްހެއްޔެވެ. އަތުގެ އިނގިލިތައް ބިންދައިގެން ދާވަރަށް ގޮށްމުއްކަވާލެވުނުއިރު އޭނާގެ ވަރުގަދަ ދެބުމަވެސް ވަނީ ގޮށްޖެހިފައެވެ. މާނޭވާލެވި ރުޅިވެރިކަމުގެ ކަރުނުން އެދެލޯ ފުރިގެން ދިޔައެވެ.
” ހިނގާ ގެއަށް.. ދެން އެންމެ މިނެޓަކުވެސް ވިޝޫ އެކަނި އުޅޭނެ ކަމެއް ނެތް.. ހިނގާ ދާން..” ވިކާޝް ވިޝާ ތެދުކުރުމަށްފަހު އޭނާގެ ކަރުނަތައް ފޮހެލަދެމުން ބުނެލިއެވެ. އެވަގުތު ވިޝާވެސް ނޭފަތް ދަމާލުމަށްފަހު ހިނިތުންވެލަމުން ބޯ ޖަހާލީ ވިކާޝްއަށް އާއެކޭ ބުނުމުގެ ގޮތުންނެވެ. އޭރު އެމަންޒަރު ބަލަންހުރި އާލިކްއަށް ހުރެވުނީ ރުޅިއާއިއެކު ހައިރާންވެގެންވެސް ވާނެވަރެއް ވެފައެވެ. މިހާރު ގެއަށްވެސް ގެންދާ ހިސާބަށް ކަންތައް ދިޔައީ ހެއްޔެވެ؟ ހިތައް ވީތަދުން އާލިކް ލޯ މަރާ ބާރުކޮށްލި ވަގުތު ވެގެން ދިޔައީ ވިކާޝްއާއި ވިޝާވެސް އެދިމާއަށް އެނބުރުނު ވަގުތަށެވެ. އެވަގުތު ހަރުވެ ހިލައަށް ވެފައިހުރި އާލިކް ފެނުމުންވެސް އެދެބެންނަށް މާބޮޑު ކަމަކަށް ނުވިއެވެ. އެއަށްވުރެ ބޮޑަށް އެދެކުދިން ތިބީ ވާހަކަ ދައްކާލަން ބޭނުންވެފައެވެ. އެކަހެރި ވެލަން ބޭނުންވެފައެވެ.
” އާލް.. މަ ވިޝޫ އެބަ ގެންދަން..” ވިޝާގެ އަތުގައި ހިފައިގެން ދަމުން އަވަަސް ރާގަކަށް ވިކާޝް އެހެން ބުނެލާފައި ދިޔަ މަންޒަރު ބަލަން އާލިކްއަށް ހުރެވުނީ ގަބުވެފައެވެ. ވިކާޝްގެ ހިތައް ހަމަ އެކައްޗެކޭވެސް ނާރަނީ ހެއްޔެވެ؟ އޭނާއަށް އެމަންޒަރު ފެނުމުންވެސް ބޮޑުކަމަކަށް ނުވީ ހެއްޔެވެ؟ އާލިކްއަށް ގޮނޑީގައި އިށީނދެލެވުނެވެ. ވިޝާ ބީވުމަށްވުރެ ބޮޑަށް އޭނާގެ ހިތައް ތަދު ކުރަމުން ދިޔައީ ވިކާޝްގެ ކެހިވެރިކަމެވެ. ވިޝާއަށްޓަކައި އެހިތުގައިވާ ލޯބި އެންމެ ރަނގަޅަށް އެނގޭނެ މީހަކީ އެއީއެވެ. އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާއެވެ. މިއޮއް ހުރިހާ ދުވަހު ހެޔޮ އެދޭ ކަމަށް ހީކޮށްގެން އުޅުނު ރަހްމަތްތެރިޔާއެވެ. އާލިކްއަށް ދަތްކުނޑި ވިކާލެވުނެވެ. މި ހުރިހާ ދުވަހު އެ ރަހްމަތްތެރިޔާއަށްޓަކައި ހިތުގައި އޮތް ލޯބީގެ ދެގުނައަށް އޭނާއަށްޓަކައި އެހިތުގައި ހަސަދައާއި ނަފްރަތު އުފެދިއްޖެއެވެ. އޭނާ ކަރުނަ ފޮހެލުމަށްފަހު ލޯ ހުޅުވާލީ މާނޭވާ ލަމުންނެވެ. ވިކާޝްއާއި ވިޝާއަށް އެކުގައި އުޅެވޭނަމަ އޭނާއަށްވެސް އުޅެވޭނެއެވެ. އެމީހުންނަށްވުރެ މާ މޮޅަށްވެސް އުޅެވޭނެއެވެ. ތެދެކެވެ. އާލިކް ގޮތެއް ނިންމައިފިއެވެ. ހިތާމައަކީ ރުޅި އަންނަ ވަގުތު ކަމުގެ ދެކޮޅު ނުބަލާ ނިންމާ ނިންމުމުގެ ނަތީޖާ ހިތިވާނެވަރު އެވަގުތު އޭނާއަށް ނުވިސްނުނު ކަމެވެ.
ވިކާޝްގެ އަތުގައި ހިފާލައިގެން ދުވެފައި ކަހަލަ ގޮތަކަށް އޮފީހުގެ ތެރެއިން ނުކުންނަން ދިޔަ ވިޝާ ބޮލުގެ އިޝާރާތުން ލިމްނާއަށް އާއެކޭ ބުނެލާ ހިނިތުންވެލިއެވެ. އެވަގުތު އެމީހުން ނުކުމެގެން ދިޔަ މަންޒަރު ބަލަން ހުރި ލިމްނާ ލޯ މަރާލަމުން ހިތާއި ހިތުން މާތް ﷲ އަށް ހަމްދުކޮށްލީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. އޭރު އޮފީހުގެ އެހެން މުވައްޒަފުންވެސް ވިކާޝްއާއި ވިޝާ ދިޔަ މަންޒަރު ފެނި ސުވާލުތަކުން ބަރާވެފައި ތިއްބެވެ. އެހެން ނަމަވެސް އެއްވެސް މީހެއްގެ ހިތަކަށް އެމީހުންގެ ހަގީގީ ގުޅުމުގެ އަސްލެއް ޚިޔާލަށްވެސް ނާދެއެވެ. އެމީހުން ނުކުމެގެން ދިޔަތާ މާ ގިނަ އިރުތަކެއް ނުވެ ދެން ފެނުނީ ހަލުވި ފިޔަވަޅުތަކެއްގައި އާލިކްވެސް އެތަނުން ނުކުމެގެން ދިޔަ މަންޒަރެވެ. އޭނާގެ ރަތްވެފައިވާ މޫނާއި ލައްޕާ ބާރުކޮށްފައިވާ އަތްތިލަ ފެނުމުން ލިމްނާ ހުރީ ދެލޯ ބޮޑުވެފައެވެ. ހަމަ ގައިމުވެސް ކޮންމެވެސް ކަމެއް ވަރަށް ގޯސްކޮށް ހިނގައިފިއެވެ.
ވިކާޝް ވިޝާ ގޮވައިގެން އޭނާގެ ގެއަށްގޮސް އެކި އެކި ވާހަކަތައް ދެއްކުމުގައި އެތައް އިރަކު ތިއްބެވެ. ދެކުދިން އެކަކު އަނެކަކުގެ ހަޔާތް ވޭތުވެގެން ދިޔަގޮތް ކިޔައިދެމުން ދިޔައިރު ބައެއްފަހަރު ހެވިފައި ތިބޭއިރު އަނެއްބައި ފަހަރު ލޮލުން ކަރުނަވެސް އާދެއެވެ. ކޮންމެއަކަސް ހަޔާތުގައި ވެގެންދިޔަ ހުރިހާކަމެއް އަކުރުން އަކުރަށް ކިޔައި ނުދިންކަމުގައިވިޔަސް ދެކުދިންވެސް ދިރިއުޅުމުގެ މުހިންމު ވާހަކަތައް އެކަކު އަނެކަކާއި ހިއްސާ ކުރިއެވެ. މަންމައާއި ބައްދަލު ނުވެވުމުން އިންތިހާއަށް ދެރަވީ ނަމަވެސް މަންމަގެ ލޮބުވެތި ތަރުބިއްޔަތުން ބޮޑުކޮށްފައި ހުރި ލޯބިވާ ކޮއްކޮގެ ހަރުދަނާކަމާއި ކެތްތެރިކަން ފެނުމުން ވިކާޝްގެ ހިތްވަނީ އުފަލުން ފޮޅިފައެވެ. ހަމަ އެގޮތަށް ވިޝާވެސް ދޮންބެ އޭނާދެކެ ލޯބިވާވަރު އިހުސާސް ކުރެވުމުން އިނީ ދުވަހަކުވެސް އުފާ ނުވާ މިންވަރަށް އުފާވެފައެވެ. އެލެއްވި ރަޙްމަތަށްޓަކައި އޭނާ މާތް ﷲއަށް ހަމްދުކުރި މިންވަރެއްވެސް ނޭނގެއެވެ. ތެދެކެވެ. އޭނާގެ ދުޢާ އިޖާބަކުރައްވައިފިއެވެ. އޭނާގެ މަންމަގެ އެދުން ފުރިހަމަކޮށްދެވުނީއެވެ. މަންމަ އުންމީދުކުރި ފަދަ ދަރިއެއްގެ ގޮތުގައި އޭނާގެ ދޮންބެވެސް އެބަހުއްޓެވެ. އެއަށްވުރެ ބޮޑު އުފާވެރިކަމެއް ކޮބާ ހެއްޔެވެ؟
“ވިޝޫއަށް އެނގޭތަ ދޮންބެއަށް އެނގުނީ ކިހިނެއްކަން؟..” އެތައް އެތައް ވާހަކަތަކެއް ދެއްކުމަށްފަހު ވިކާޝް ވިޝާއަށް އޭނާއަށް އެކަން އެނގުނުގޮތްވެސް ކިޔައިދިނެވެ. އެވަގުތު ވިޝާ އިނީ ހައިރާންވީ ވަރުން ބުނާނެ ހަމަ އެކައްޗެއްވެސް ނޭނގިފައެވެ. އާލިކްއަށް އެސިޓީ ލިބުނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ އޭގައި ހުރި ވާހަކަތައް ކިޔާފައިވެސް ދަންނަ ކަމަށްވެސް ހަދާނުލާ ހުރީ ހެއްޔެވެ؟
” އެކަމު ސަރ ނުބުނެ ވިޝޫ ގާތުވެސް..” ” ޔަގީން ދެމީހުންނަށް ސަޕްރައިޒް ދޭން އެއުޅުނީ..” ވިކާޝް ކުޑަކޮށް ހީނލަމުން ވިޝާއަށް ބުނެލިއެވެ. އެވަގުތު ވިޝާވެސް ދެލޯ ބޮޑުކޮށްލަމުން ހިނިތުންވެލިއެވެ.
“ހުރެބަލަ.. ދެން އަހަރުން އޭނައަށް ސަޕްރައިޒް ދޭނީ ދޯ..” ވިކާޝް ލޯތްބާއިއެކު ވިޝާގެ ބޮލުގައި ފިރުމާލަމުން ވާހަކަދެއްކިއެވެ. އެވަގުތު ވިޝާވެސް ހިނިތުންވެލާފައި އޭނާގެ ދޮންބެއަށް ބޯ ޖަހާލީ އުފަލާއިއެކުގައެވެ.
” ހިނގާބަލަ ހޮސްޕިޓަލަށް.. ފާތިމާމެންނާއި މީޓްކުރަންވާނެއެއްނު..” ވިކާޝް ލިބިފައި ހުރި އުފަލުގައި އެދެމަފިރީންގެ މަތިން ހަނދާނެއް ނުނެތެއެވެ. އޭނާ ބޭނުންވީ އެދެމީހުންވެސް އެއުފަލުގައި ބައިވެރި ކުރާށެވެ.
އޮފީހުން ނުކުތްގޮތަށް އާލިކްގެ މިސްރާބު ހުރީ ޝާޔަންމެން ގެއާއި ދިމާއަށެވެ. އައިސްފައިވާ ގަދަ ރުޅީގެ ސަބަބުން ކާރުގެ ދުވެލިވެސް ހުރީ ފުދޭވަރަކަށް ބާރަށެވެ. ހިތައް ތަދުވީ ވަރުން ހަމަ ވަގުތުން ވަގުތަށް އޭނާ ބޭނުންވި ގޮތަށް ކަންތައްކުރުމަށް އަވަސްވެގަތީއެވެ. ފަހުން ވާނެ ގޮތަކާއި، ކަމުގެ ހަގީގަތް ތަފާތު ވެދާނެކަމުގައި ވިސްނާކަށް ކުޑަކޮށްވެސް އޭނާ ބޭނުން ނުވާފަދައެވެ.
“އާލް؟..” ޝާޔަން ދޮރު ހުޅުވާލުމާއިއެކު ކުރިމަތީގައި އޮފީސް ހެދުމުގައި ހުރި އާލިކް ފެނުމުން ހައިރާންވެއްޖެއެވެ. ނަމަވެސް އާލިކް އޭނާގެ އެހައިރާންކަމަށް ބެލުމެއްނެތި އެތެރެއަށް ވަދެގެން ދިޔައީ ހިނިތުންވުމަކާއިވެސް ނުލައެވެ. ކަމެއް ގޯސްވެއްޖެ ކަމުގައި ޝާޔަންއަށް ހީވި ނަމަވެސް އޭނާ މާބޮޑު ހާސްވުމަކާއި ނުލާ ދޮރު ލައްޕާލިއެވެ.
“ޝާޔާ.. މަ ބޭނުން ކައިވެނި އަވަސް ކުރަން.. ވީހާވެސް އަވަހަކަށް..” ގޭތެރެއަށް ވަދެ ސޯފާގައި އިށީނދެލުމަށްފަހު އާލިކް ޝާޔަންގެ މޫނަށް ބަލާލީ އެއްވެސް އަސަރެއް ނުވާ ފަދައަކުންނެވެ. އޭރުވެސް އޭނާގެ ހިތުގައި ވިކާޝްއާއި ވިޝާގެ ކެހިވެރިކަމުގެ ޚިޔާލުތައް ރޯވެ އަނދަމުން ދަނީއެވެ. އާލިކް އެބުނެލި ޖުމްލައިން ޝާޔަން ފުރަތަމަ ހީކުރީ އޭނާއަށް އުޅެވުނީ ހުވަފެނެއްގައި ކަމަށެވެ. ވީ އުފަލެއްގެ ބޮޑުކަމުން ހުރިތަނުން ގުޑިލަންވެސް އޭނާއަށް ނޭނގުނެވެ.
” އަ.. އާލް.. ސީރިއަސް؟..” ޝާޔަންއަށް ގަބޫލެއް ނުކުރެވެއެވެ. އުފަލުންގޮސް އަނގަމަތީގައި އަތްއަޅާލަމުން އާލިކްގެ އުނގުތެރެއަށް ވެއްޓިގަތް އިރު އޭނާގެ އިންތިހާ ދަރަޖައިގެ އުފާވެރި ހީނލުމުގެ އަޑު ގޭތެރޭގައި ގުގުމާލާފައި ހުއްޓެވެ.
” އޭމް ސީރިއަސް..” އާލިކް އޭނާގެ އުނގުތެރޭގައި އިން ޝާޔަންގެ އުނަގަނޑުގައި ބާރަށް ހިފަހައްޓާލަމުން ބުނެލިއެވެ. ނަމަވެސް އޭނާގެ މޫނުމަތިން އެއްވެސް ވަރަކަށް އުފާވެރިކަމެއް ނުފެނެއެވެ. ފެންނަމުންދިޔައީ ނަފްރަތާއި، ބަދަލު ހިފުމުގެ ރޫހެވެ. ނަމަވެސް އާލިކް އެހެން ބުނެލުމުން ޝާޔަން ހީވީ ފިނިފެންމަލެއް ފޮޅިލީހެންނެވެ. އުފަލުންގޮސް ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލާ އާލިކްގެ ގައިގައި ބާރަށް ބައްދާލިއެވެ. ދެމީހުން އެގޮތުގައި ކުޑަވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އެމީހުންގެ ބެލެނިވެރިންނާއިވެސް ގުޅީ ހަމަ އެވަގުތުއެވެ. އާލިކް އޭނާގެ ބައްޕައާއި ގުޅައގެން އެވާހަކަ ދެއްކިއިރު ޝާޔަން އޭނާގެ ބައްޕައާއި ގުޅައިގެން ހުއްޓެވެ. ކޮންމެއަކަސް އެކި ގޮތްގޮތަށް ވާހަކަ ދެއްކުމަށްފަހު ކުޑަ ހަފްލާއަކާއި އެކުގައިނަމަވެސް އާލިކް ބޭނުންވީ ވީ އެންމެ އަވަހަކަށް ކައިވެނި ކުރާށެވެ. ޝާޔަންވެސް ކައިވެނި ކުރަން ބޭނުންވެފައި ހުރިވަރުން މާބޮޑުކޮށް ޕާޓީ ނުބޭއްވިޔަސް އެންމެ ރަނގަޅުކަމުގައި ބުނެ ކަންތައްތައް ހަމަޖައްސާލިއެވެ. އަދި އެދެމީހުންގެ ބެލެނިވެރިންވެސް ވާހަކަދައްކައިގެން ހަމަ ޖެހުނީ ޖެހިގެން އޮތް ދުވަހު ފޯމު ނަގާ ވީ އެންމެ އަވަހަކަށް ކައިވެނީގެ ކަންތައް ނިންމާލުމަށެވެ. ފަޔާޒްއާއި، ޝާހީން އަދި އިހުސާނާވެސް ވީ އެންމެ އަވަހަކަށް މާލެ އަންނާނެ ކަމުގައިވެސް ބުންޏެވެ. އާލިކް އެނބުރި ގެއަށް ދިޔައީ ބޭނުންވި ގޮތަށް ކަންތައް ވީނަމަވެސް މާޔޫސީ ހިތަކައިގެންނެވެ. އައި ރުޅިގަނޑުގައި އެގޮތަށް ކަންތައް ކުރިޔަސް ވިޝާ ދެކެ ވާ ލޯބި އެހިތުން ނެރެ އެއްލާލުމަމީ ފަސޭހަ ކަމަކަށް ނުވާނެކަން އޭނާއަށް ރަނގަޅަށް އެނގެއެވެ.
ވިކާޝްއާއި ވިޝާ ހޮސްޕިޓަލަށްގޮސް ފާތިމާމެންގެ ދެމަފިރިންނާއި ބައްދަލުކުރުމަށްފަހު އެދެބެންގެ ވާޙަކަތައް ކިޔައިދިނުމުން އެދެމަފިރިންވެސް އެއުފަލުގައި ބައިވެރިވެ އެކުދިންނަށް މަރުހަބާކިޔެވެ. ކޮންމެއަކަސް ދެކުދިންނަށް ލިބިފައިވާ އުފަލުގައި ހެޔޮއެދޭ ހުރިހާ ފަރާތްތައް ބައިވެރި ކުރުމުގެ ބޭނުމުގައި ވިޝާ ގެއަށް އައިސް ޒާހިރާއަށް ގުޅައިގެންވެސް އެވާހަކަތައް ހިއްސާ ކުރިއެވެ. އޭނާގެ މަންމަގެ އެދުމަކީ އެއީ ކަމާއި، ހުރިހާ ކަމެއް ބަދަލުވެގެން ހިނގައްޖެ ކަމުގައި އުފަލާއިއެކު ވިޝާ އޭނާއަށް ކިޔައިދިނެވެ. އެވާހަކަތައް އަޑުއިވުމުން އިންތިހާއަށް ހައިރާންވީ ނަމަވެސް ޒާހިރާވެސް އެދެބެންގެ އެއުފަލުގައި ބައިވެރިވީ ހެޔޮ ހިތަކައިގެންނެވެ.
“ދެން ޒާއްތަމެން މިކޮޅަށް އާދެބަލަ.. ވަރަށް ހަނދާންވޭ.. ވަރަށް ދެކެލާހިތްވެއޭ.. މިހާރު އަހަރެންގެ ގޭގަ ހުންނާނެ ޖާގަވެސް އެބައޮތް..” ވިޝާ އުފާވެރިކަމާއިއެކު ޒާހިރާއާއި ވާހަކަ ދެއްކިއެވެ. އޭގެ ޖަވާބުގައި ޒާހިރާ ހަމައެކަނި ހީނލުމަކުން ފުއްދާލީއެވެ.
“ދެން ހަމަ އަސްލަށޭ ޒާއްތާ.. ކޮންމެ ކަމެއް ޖެހުނަސް ބުނާތި.. މިހާރު އަހަރެންނަށް އިރާދަކުރެއްވިއްޔާ ޒާއްތަމެންނަށް އެހީތެރި ވެވޭނެ.. ދެން މާލެއަށް އާދެބަލަ ކުޑަ ދުވަސްކޮޅަކަށް..” ވިޝާ ކުޑަ ކުއްޖަކު ފަދައިން ޒާހިރާއާއި ވާހަކަދެއްކިއިރު ކައިރީގައި ވިކާޝްވެސް ހިނިތުންވެފައި އިނެވެ.
” ހޫމްމް.. ވިޝޫ ފަށައިފިއްޔާ ނުހުއްޓާނެކަން އެނގޭ.. ދެން ޒާއްތަވެސް ވަރަށް ދެކެލާ ހިތްވޭ ވިޝޫގެ ދޮންބެވެސް.. އެކަމަކު ކިހިނެތް……. އާނނ.. މީ ރަނގަޅު ދުވަސްކޮޅެއް..ޒައިދު….” ޒާހިރާ ވިޝާއާއި ވާހަކަ ދައްކަން ހުރެފައި ތަންކޮޅެއް ބާރަށް ޒައިދުގެ ނަމުން ގޮވާލުމުން ވިޝާއަށް ކުޑަ ސިހުމެއްވެސް ލިބިގެންދިޔައެވެ. ދެންވެސް އޭނާ ހުރީ ޒާހިރާ ދައްކާ ވާހަކަ އަޑުއަހާށެވެ.
“ޒައިދު ކޮންއިރަކު މާލެ ދާވާހަކަ ބުނީ..” ޒާހިރާ ބުނެލި އަޑު އިވުނެވެ. އެވަގުތު ވިޝާއަށް ހުރީ ވާނުވާ ނޭނގުމާއިއެކު ޒައިދުގެ ވާހަކަ އަޑު ނީވޭތީ ކުޑަކޮށް ނުތަނަވަސްވެފައެވެ.
“އާނ ވިޝޫ.. މިދުވަސްކޮޅު ހަސަންބެވެސް ވީ އަތޮޅު އެހެން ރަށަކަށް ގޮސް.. ދެދުވަސް ފަހުން ޒައިދު ޖެހެޔޯ އޮފީސް ކަމަކު މާލެ ދާން.. އެހެންވީމަ……” “ދެން ޒާއްތަ ޒައިދު އެކީގަ އަންނަންވީނުން… ޕްލީޒް ޒާއްތާ… ޕްލީޒްޒް..” ޒާހިރާގެ ވާހަކަ މުޅިން ނުނިމެނީސް ވިޝާ ކޮޅަށް ތެދުވެފައި އަވަސް އަވަހަށް ބުނެލިއެވެ. އެވަގުތު އޭނާގެ ހަރަކާތް ހުރިގޮތުން ވިކާޝްއަށްވެސް ހެވުނެވެ.
“އެހެންނޭ ބުނަން މިއުޅެނީ.. ޒައިދު އެކީގަ ޒާއްތަވެސް ގޮސްލަންވީއޭ..” ޒާހިރާ ހީނލަމުން ބުނެލިއެވެ. އެވަގުތު ވިޝާ އުފާވެރިކަމާއިއެކު “ޔޭ” އޭ ކިޔާލާފައި ވިކާޝްއަށް ބަލާލީ ހިނިތުންވެލަމުންނެވެ. އަދި އިތުރަށް ޒާހިރާއާއި ޒައިދުވެސް ތިބެންވާނީ އެގޭގައި ކަމުގައި ބުނެ ވާހަކަ ދެއްކުމަށްފަހު ކުޑަ ވަގުތުކޮޅަކަށް ވިކާޝްއަށްވެސް ފޯނު ދިނީ އޭނާ ބޭނުންވެގެންނެވެ. ވިކާޝްވެސް މަންމަގެ ރަހްމަތްތެރިޔާއާއި ވަރަށް ބައްދަލުކޮށްލާ ހިތްވާ ކަމަށާއި އަބަދުވެސް އޭނާގެ ކޮއްކޮއަށް ވެދިން އެހީތެރިކަން ހަނދާން ބަހައްޓާނެ ކަމުގައި ބުނެ ޒާހިރާއަށް ޝުކުރުވެރިވިއެވެ. އެފޯން ކޯލް ނިމުނު އިރު ވިޝާ ހުރީ އުފަލުން ފޮޅިފައެވެ. ފޯން ބޭއްވިގޮތަކަށް ޒާހިރާމެން އަންނަންވާއިރަށް ކޮޓަރިއެއް ތައްޔާރުކުރުމާއި ބެހޭގޮތުން ވިކާޝްއާއި މަޝްވަރާކުރިއެވެ.
ޖެހިގެން އައި ދެދުވަހުވެސް ވިޝާ އާއި ވިކާޝްވެސް އޮފީހަށް ނުގޮސް އުޅުނީ ގޭގައެވެ. ދެބެން ފޯރީގައި ތައްޔާރުވަމުންދިޔައީ އާލިކްއަށާއި އެދެމީހުންގެ ރަހްމަތްތެރިންނަށް ސަޕްރައިޒް ޕާޓީއެއް ދިނުމަށްޓަކައެވެ. އަދި ހަމައެގޮތަށް އަނެއް ދުވަހު ޒާހިރާމެން އަންނާތީ އެމީހުންނަށްވެސް އިރުއިރުކޮޅާ ވިޝާ ގުޅާލައެވެ. ވިޝާ އުޅެމުންދިޔަ އެޕާޓްމެންޓްއިން އޭނާގެ ދޮންބެގެ ގެއަށް ބަދަލުވެ ޕާޓީގެ ތައްޔާރީތައް ވަމުން ދިޔައިރު އެކަމުގެ ޚަބަރު ލިބިފައިވާ ހަމައެކަނި ފަރާތަކީ ލިމްނާއެވެ. ނަމަވެސް ލިމްނާވެސް ހުރީ އެމީހުންގެ އެދުމުގެ މަތިން އެސިއްރު ސިއްރެއްގެ ގޮތުގައި ބާއްވައިގެންނެވެ. އެމީހުންނަށް ނޭނގޭ އެހެނަސް ހިތާމަވެރި ހަގީގަތަކީ އެދެދުވަހަކީ އާލިކްގެ ހަޔާތަށް އައި އެންމެ ހިތާމަވެރި އަދި އެހިތައް އެންމެ ފުން އަސަރުތަކެއް ކުރުވި ދެދުވަސްކަމެވެ. ކައިވެންޏަށް ކަންތައްތައް ހަމަޖައްސަމުން ދިޔައިރު އެދެދުވަހު ވިޝާ އޮފީހަށް ސަލާމް ބުނެ އަދި ވިކާޝްގެވެސް އެއްވެސް ޚަބަރެއް ނުވުމުން އެހިތުގައިވާ ނަފްރަތާއި ރުޅި ދެގުނައަށް އިތުރުވެގެން ދިޔައެވެ. ކޮންފަދަ ކެހިވެރި ދުނިޔެއެއް ހެއްޔެވެ؟ ހިތާމައަކީ އެހުރިހާ ރުޅިއާއި ނަފްރަތަކީ ހަމައެކަނި އޭނާގެ ކުށްހީއަކަށް ކުރެވެމުންދިޔަ އިހްސާސްތަކެއް ކަން އޭނާއަށް ނޭނގޭ ކަމެވެ.
“ހަލޯ..” އާލިކްއަށް ވިކާޝްގެ ފޯނެއް އައީ ދެދުވަސް ފަހުންނެވެ. އޭނާ ފޯނު ނެގުމަށްފަހު ޖަވާބު ދިނީ އާދައިގެ ގޮތަކަށެވެ.
” ހަލޯ ޔޯ.. ބަލަ ދެދުވަސް ވަންދެން ޚަބަރެއް ނުވީމަވެސް ވީގޮތް ބަލާ ނުލާ..” ވިކާޝްގެ އަޑުގައި ހުރީ އަބަދުވެސް ހުންނަ ގާތްކަމާއި ސަމާސާ ރާގެވެ. މިއަދު އެއަޑު އިވުމުންވެސް އާލިކްއަށް ލިބިގެންދިޔައީ ފާޑެއްގެ ފޫހިކަމެކެވެ. އަދިވެސް ދެއްކުންތެރި ކަމުގެ ބައި ކުޑަ ނުވަނީހެއްޔެވެ؟
“ކީއްވެ އެއްޗެއް ނުބުނީ.. މާ ބިޒީ ތަ؟..” އާލިކްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އަނެއްކާވެސް ވާހަކަދެއްކީ ވިކާޝްއެވެ.
“ހޫމްމް.. ކިހިނެތްވީ ތިގުޅީ؟..” އެންމެފަހުން އާލިކް ވާހަކަ ދެއްކިއިރުވެސް އެއަޑުގައި ވަނީ ފޫހިކަމާއި ފަރުވާ ކުޑަކަމެވެ. ހަގީގަތުގައިވެސް އޭނާ އެހުރީ ވިކާޝްދެކެ އިންތިހާއަށް ފޫހިވެފައެވެ.
” އޯކޭ.. އަސްލު މިރޭ މިގޭގަ އޮންނަ ޕާޓީއަށް އިންވައިޓް ކުރަން.. ވަރަށް ޚާއްސަ.. ދަ މޮސްޓް ސްޕެޝަލް ޕާސަން އިންޓްރޮޑިއުސް ކޮށްދޭ ޕާޓީއަށް.. 8.30 އަށް އިނގޭ.. ބީ އޮން ޓައިމް.. ވަރަށް މުހިންމު..” ވިކާޝް އަވަސް އަރުވާލާފައި ފޯނު ބޭއްވިއިރު އާލިކްއަށް ހުރީ އަނގަ ހުޅުވާލި ގޮތަށް ލައްޕަންވެސް ނޭނގިފައެވެ. ވިކާޝް ތައާރަފްކޮށްދެން އެއުޅެނީ އޭނާގެ ލޯބިވެރިޔާ ވިޝާ ހެއްޔެވެ؟ އާލިކް އަތަށް ލެވުނުހާ ބާރެއް ލާފައި އަތްލައްޕާލިއރު ދެދަތްޕިލަވެސް ހުރީ ޖައްސާ ބާރުކޮށްލައިގެންނެވެ. ހަމައެއާއިއެކު މޫނުމައްޗަށް ވެރިވެގެންދިޔަ ރަތްކުލައާއިއެކު ރުޅިވެރިކަމުގެ ކަރުނަވެސް އެފިރިހެންވަންތަ ލޮލަށް ޖަމާވެއްޖެއެވެ. ވިކާޝް ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ؟ އޭނާ އެއުޅެނީ ޖެއްސުމަށް ހެއްޔެވެ؟ އާލިކް ވަގުތުން އަތުގައި އޮތް ފޯނުން ޝާޔަންގެ ނަމްބަރަށް ޑައިލްކޮށްލީ ހިތއް އެރި އެއްޗެއްގެ ސަބަބުންނެވެ.
” ހަލޯ ޝާޔާ.. މިރޭ 8.30 އަށް ރެޑީ ވައްޗޭ.. ވިކީގެ ޕާޓީއަކަށް..” އާލިކް ޝާޔަން ދެއްކި ވާހައެއް އެހުމެއްނެތި ބުނަން ބޭނުންވި ވާހަކަ ބުނެފައި ފޯނު ބޭއްވީއެވެ. އަދި އިތުރު އެންމެ މިނެޓަކުވެސް މަޑުކުރުމެއްނެތި ބާރުބާރަށް އޮފީހުގެ ތެރެއިން ނުކުމެގެން ދިޔައީ އެޕާޓީއަށް ދިއުމުގެ ކުރިން ކޮށްލަން ބޭނުންވި އިތުރުކަމެއް ނިންމާލުމުގެ މަގްސަދުގައެވެ. އޭނާކޮންމެހެން ވިކާޝް ކުޅޭހާ ކުޅިވަރެއް ބަލާކަށް ހުންނާކަށް ބޭނުމެއް ނޫނެވެ. އެ ކެހިވެރިކަމުގައި ޖެހި ހިތާމަކުރާކަށް އަދި އެކަން ދައްކާކަށްވެސް ބޭނުމެއް ނޫނެވެ. އެމީހުންނަށް ހީވާ ގޮތްތާއެވެ. ވިކާޝްއާއި ވިޝާ ދެކެ އައިސްފައިވާ ރުޅީގައި އަމިއްލަ އަތުން ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލެވޭއިރުވެސް އާލިކްއަށް ވިސްނާލާކަށް ނޭނގުނެވެ.
ވިކާޝްއާއި ވިޝާ ޕާޓީގެ ހުރިހާ ކަމެއް ތައްޔާރުކޮށް ނިންމާލިއިރު ގަޑިން ހަވީރު 4 ޖަހަނީއެވެ. އަވަސް އަވަސްކޮށްލައިގެން ދެމީހުން ދެން މިސްރާބުޖެހީ ޒާހިރާމެންނަށް މާލެ އާދެވުނު ވާހަކަ ބުނުމުން އެމީހުން ބަލާ ދިއުމަށްޓަކައެވެ.
“ޒާއްތާ..” ވިޝާމެންނަށް ބަނދަރަށް ދެވުނުއިރު ޒާހިރާމެން ލޯންޗުން ފައިބައިފިއެވެ. ވިޝާއަށް އޭނާ ފެނުމާއިއެކު ދުވެލާފައިގޮސް ޒާހިރާގެ ގައިގައި ބައްދާލީ އުފާވެރިކަމާއިއެކުގައެވެ.
“ވިޝޫ ކިހިނެއްތަ މަގޭ ދަރިފުޅާ..” ޒާހިރާގެ ވިޝާގެ ބޮލުގައި ފިރުމާލިއިރު އަޑުގައިވަނީ މައިވަންތަމަުގެ ކުލުނެވެ. އެމަންޒަރު ފެނުމުން ވިޝާގެ ގާތުގައި ހުރި ވިކާޝްއަށްވެސް ހިނިތުންވެލެވުނެވެ.
” ރަނގަޅޭ.. ޒާއްތާ މިހުރީއޭ ދޮންބެ.. ދޮންބޭ މީ ޒާއްތަ..” ވިޝާ އަވަސް އަވަހަށް ޒާހިރާއާއި ވިކާޝް ދެމީހުން ދެމީހުންނަށް ތަޢާރަފްކޮށްދިނެވެ. އެވަގުތު ވިކާޝް ހިނިތުންވެލަމުން ޒާހިރާއާއި ސަލާމްކޮށްލީ ގާތްގޮތަކަށެވެ. އޭރު ޒާހިރާ އާޝޯޚްވެފައި ވިކާޝްއަށް ބަލަހައްޓައިގެން ހުރީ އޭނާގެ ޒުވާންކަމާއި ރީތިކަމަކުން ނޫނެވެ. އޭނާގެލޮލުގައިވާ ފެހިކުލަ ފެނުމުންނެވެ.
” ހަމަ ތިކުދިންގެ މަންމަގެ ލޯ..” ޒާހިރާ އާޝޯޚް ކަންމަތީ އެހެން ބުނެލުމުން ވިޝާއާއި ވިކާޝްވެސް ހީނލީ އުފާވެރި ގޮތަކަށެވެ.
” ކޮބާ ދެން ޒައިދު؟..” ޒާހިރާގެ ގާތުގައި ޒައިދު ނެތުމުން އެސުވާލު ކުރީ ވިކާޝްއެވެ. އެވަގުތު ވިޝާވެސް ނުތަނަވަސް ހިތަކާއިއެކު ޒާހިރާގެ މޫނަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ މާލެއަށް އައި ދުވަހު ޒައިދުގެ ހަރަކާތްތައް ހުރިގޮތެވެ.
“އެއްޗެހި ބާލަން ލޯންޗައް އެރީ.. އެހެރަ އަންނަނީނުން..” ޒާހިރާ ފަހަތަށް ބަލާލަމުން ޒައިދު އަންނަ މަންޒަރު ފެނިގެން ބުނެލިއެވެ. އޭރު ކޮނޑުގައި އޮތް ދަބަހާއިއެކު އަތުންވެސް އިތުރު ދަބަހެއް ހިފައިގެން ޒައިދު އެދިމާއަށް އާދެއެވެ. އަޅި ކުލައިގެ ޓީޝާޓަކާއި، ކަޅު ޖިންސެއްގައި އޭނާ ފެންނަލެއް ހިތްގައިމެވެ. ކުލަ އަލި ނޫނަސް އަޅާލާފައިވާ އަވި އައިނާއިއެކު ކުރިއަށްވުރެ ދިގުވެފައިވާ އިސްތަށިގަނޑުވެސް އޭނާގެ ޒުވާންކަމާއި ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ދިގު އިސްކޮޅާއިއެކު ހަށިގަނޑުވެސް ކުރިއަށްވުރެ ރަނގަޅުކަމަށް ދައްކައެވެ. އޭނާ ފެނުމުން ވިޝާ ހިނިތުންވެލި ނަމަވެސް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އެހިތުގައި ހުއްޓެވެ.
“ކޮބާ ދާންވީނުން..” ޒައިދު އައިސް ހުއްޓުމާއިއެކު ވިކާޝް އޭނާއާއި ސަލާމްކޮށްލާ ކުޑަކޮށް ތަޢާރަފްވެލިއެވެ. އެއާއިއެކު ވަރުބަލިވެފައި ހުރިނަމަވެސް ޒައިދުވެސް ހިތްގައިމު ހިނިތުންވުމަކާއިއެކު ވިކާޝްއާއި މުޚާތަބު ކުރީ ގާތްގޮތަކަށެވެ. ވިކާޝްގެ ކައިރީގައި އޭނާއާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރި ވިޝާއަށް ޒައިދު ބަލާލީ އޭގެ ފަހުގައެވެ. އެ ހިނދު ކުރިއެކޭ އެއްގޮތަށް އެހިތުގެ ތެޅުން ބާރުވެލިއެވެ. ވިޝާގެ އޮމާން، ދޮންމޫނާއި ބޮޑު ބޮޑު ދެލޯ އަދިވެސް އޭނާގެ ހިތާއި ކުޅެލުމުގައި ކާމިޔާބު ހޯދައިފިއެވެ. ތެދެކެވެ. ވިޝާއާއި ދުރުގައި އުޅުނު ދުވަސްތަކުގައި އެހިތުން ވިޝާގެ ހަނދާންތައް ފޮހެލަން އޭނާ ނުކުރާ އެއްވެސް ކަމެއް ނެތެވެ. އެހެން ކުއްޖަކާއި ރައްޓެހިވެގެންވެސް އެކަން ވޭތޯ ބެލިއެވެ. ނަމަވެސް އެއްގޮތަކަށްވެސް އެލޯބި އެހިތުން ފޮހެލެވޭނެ ގޮތެއް ނުވިއެވެ. އޭނާއަށް ވިޝާދެކެ ވެވިފައިވަނީ ހަގީގީ ތެދުވެރި ލޯތްބެވެ. ޒައިދު އަވި އައިނު ނެގުމަށްފަހު ވިޝާގެ މޫނަށް އޭނާގެ ތޫނު ނަޒަރު ހުއްޓާލީ މާނަވީ ގޮތަކަށެވެ. އެވަގުތު އެބެލުމުގައިވީ ސިއްރުވެރި ވާހަކަތައް ވިޝާގެ ހިތައް އުނދަގޫކޮށްލިއެވެ. އަދިވެސް ޒައިދުގެ ހިތުގައި އެކަން އޮތީހެއްޔޭ ހިތާއި ހިތާ ކިޔާލެވުނު އިރު އޭނާއަށް އިސްޖެހިއްޖެއެވެ. އޭރުވެސް ވިޝާގެ ރީތި މޫނަށް ބަލަހައްޓައިގެން ޒައިދު ހުރީ ވާހަކަ ދައްކަންވެސް ނޭނގިފައެވެ. އެދެކުދިންގެ އެކުޑަ ކުޑަ މުއާމަލާތް ކައިރީގައި ހުރި ޒާހިރާއަށް ވަރަށް ރަނގަޅަށް ފެނުނެވެ. އަދި އެހާމެ ރަނގަޅަށް އޭނާގެ ދަރިފުޅުގެ މޫނުގައިވާ ކުލަވަރުތައްވެސް ފެނުނެވެ. އެއާއިއެކު އޭނާ ހިނިތުންވެލީ ހިތައް އެރި އެއްޗެއްގެ ސަބަބުންނެވެ.
ޒާހިރާމެން ގެއަށް ގެނެސް އަރާމުކޮށްލަން ވަގުތު ދިނުމަށްފަހު ވިކާޝްއާއި ވިޝާ ދިޔައީ އެރޭގެ ޕާޓީގެ ވާހަކަވެސް ބުނެފައެވެ.
“ދަރިފުޅާ ޒައިދު..” ވިޝާމެން ދިއުމާއިއެކު ޒާހިރާ އޭނާގެ ދަރިފުޅަށް ގޮވާލީ ތަފާތު ރާގަކަށެވެ. އެވަގުތު ޒައިދުގެ ހަރަކާތްތަކަށް ހުއްޓުމެއް އެރީ މަންމަގެ އަޑުގައިވާ ތަފާތު ކަމުގެ ސަބަބުންނެވެ. ކޮންމެވެސް ބޮޑު ކަމެއް ވެއްޖެއެވެ.
“ދަރިފުޅަށް ވިޝޫ ފެނުނީމަ ކިހިނެއްވީ؟..” ޒާހިރާ މާ ދުރުދުރުން ވާހަކަ ދައްކާކަށް ގަސްތެއް ނުކުރެއެވެ. އެވަގުތު މަންމަގެ ސީދާ ސުވާލުގެ ސަބަބުން ޒައިދުގެ ދެލޯ ބޮޑުވީއެވެ. އޭނާގެ މަންމައަށް ނުދައްކާ ވާހަކަވެސް އަޑުއިވެން ފެށީހެއްޔެވެ؟
“ކި.. ކިހިނެއްވީ.. މަށަށް ގޮތެއްވީތަ..” ޒައިދު ފާޑަކަށް ޒާހިރާގެ މޫނަށް ބަލާލަމުން އޭނާގެ ކައިރީގައި އިށީނެވެ. އެވަގުތު ޒާހިރާ ހިނިތުންވެލަމުން ފަރުވާތެރިކަމާއިއެކު ޒައިދުގެ މޫނަށް ބަލާލިއެވެ.
” ނޫނޭ..ދެން މަންމަ ބުނެލަން އޮތީ ހިތުގައި ނުބާއްވާ އަވަހަށް އެކަން އަންގާށޭ.. ރަށުގައިވެސް އެދުވަސްކޮޅު އެނދުބަލި ޖެހުނުގޮތް އެނގިއްޖެ މަންމައަށް.. މަންމަ އެއަށްވުރެ ހިތްހަމަޖެހޭނެ ކަމެއް ނެތް..” ޒާހިރާ ހީނލަމުން ފާހާނާގެ ތެރެއަށް ވަތްއިރު ޒައިދު އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދެލޯ މަރާ ބާރުކޮށްގެން ލާނެތް ގޮތަކަށް ހީފައި އިންއިރު މަންމަގެ ޖުމްލަތައް އެކަންފަތުގައި ހަރުލާފައި ހުއްޓެވެ.
” ޝީ އިޒް އަ މައިންޑް ރީޑަރ..” ކޮޅަށް ތެދުވެލަމުން ޒައިދު މަޑުމަޑުން އެހެން ބުނެލިއިރު އެތުންފަތުގައިވަނީ މާނަވީ ހިނިތުންވުމެކެވެ. އޭނާގެ ވަގުތު ޖެހިއްޖެއެވެ. އިތުރަށް ލަސްކުރާނެ ކަމެއް ނެތެވެ. އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން އޭނާ ދިޔައީ ވިޝާއާއި ބައްދަލުކުރުމުގެ ބޭނުމުގައެވެ.
ޒައިދު ކޮޓަރިން ނުކުމެ ބޯދިއްކޮށްލިއިރު ވިޝާ ފެންނާކަށް ނެތެވެ. އަވަސް އަވަހަށް އޭނާ ސިޑިއާއި ދިމާއަށް މިސްރާބު ޖެހީ ވިޝާ ތިރީބައިގައި އުޅޭތޯ ބެލުމުގެ ބޭނުމުގައެވެ. އަވަސް ފިޔަވަޅުތަކެއްގައި ތިރިއަށްދިޔައިރު ޓީވީ އަޅުވާލައިގެން ކޮފީއެއް ބޯލަން ވިޝާ އިނީ އެކަނި މާ އެކަންޏެވެ.
“ހޭއި ވިޝޫ..” ޒައިދު ދިޔަގޮތަށް ގޮސް ސޯފާގައި ޖައްސާލީ ހަމަޖެހިލާފައި ހުރެގެންނެވެ. އޭނާގެ މަންމަގެ ވާހަކަތަކުން އޭނާއަށް ހީވަނީ އިތުރު ހިތްވަރެއް ލިބިފައި ހުރިހެންނެވެ. ޒައިދު އެގޮތަށް އައިސް އިށީނުމުން ވިޝާއަށް ކުޑަ ސިހުމެއްވެސް ވެރިވިއެވެ. ނަމަވެސް އޭނާގެ މޫނުން ފެންނަން ހުރި ގާތް ހިނިތުންވުމުގެ ސަބަބުން ވިޝާއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ.
“ކިހިނެއްވީ؟.. އެއްޗެއް ބޭނުންވީތަ؟..” ވިޝާ ހިނިތުންވެލަމުން އާދައިގެ ގޮތަކަށް އަހާލިއެވެ.
” އައި ވޯންޓް ޔޫ..” ޒައިދު މާނަފުން ގޮތަކަށް ބަލާލިއިރު އޭނާގެ ހިތް ބުނެލިއެވެ. އެއާއިއެކު ފުޅާ ހިނިތުންވުމަކާއިއެކު އޭނާގެ ނަޒަރު ހުއްޓާލީ ޓީވީއަށެވެ.
“އިއްޔެ ޒުމް ރަށަށް އައި.. ވިޝޫ އަށް ވަރަށް ގިނައިން ސަލާމް ބުނި..” ޒައިދު އެއިން ގޮތަށް އިނދެ ވާހަކަ ދެއްކިއެވެ. އޭރުވެސް ވިޝާއިނީ ޒައިދުގެ ހަރަކާތްތަކަށް ވިސްނައިގެންނެވެ. އެދުވަހު ފުރަތަމަ ޒައިދުގެ ފަރާތުން ފެނުނު ކަންތައްތައް ތަކުރާރުވޭތޯ ފާރަލައިގެން އިންފަދައެވެ.
“ޔަހ.. ޒުމް އިއްޔެ ގުޅިއޭ..” ވިޝާވެސް ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު ބުނެލިއެވެ. އެވަގުތު ޒައިދު އަނެއްކާވެސް ވިޝާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އަދި އާދަޔާ ޚިލާފު ގޮތަކަށް އެރީތި މޫނަށް ބަލަން އިނދެ ހިނިތުންވެލީ ވިޝާއަށް އުނދަގޫ ވާފަދަ ގޮތަކަށެވެ. އެވަގުތު އާދައިގެ މަތިން ވިޝާ ބޭނުންވީ އެއީ ނުވާކަމެއް ކަމުގައި ހަދާލާ އެތަނުން ދިއުމަށެވެ. ނަމަވެސް އޭނާއަށް މިފަހަރު ޒައިދުގެ ފަރާތުން ސަލާމަތްވުމުގައި ކާމިޔާބެއް ނުލިބުނެވެ. ވިޝާ ކޮޅަށް ތެދުވުމާއިއެކު ޒައިދު އޭނާގެ ކުރިމައްޗަށް އެރީ ކެރިހުރެއެވެ. އެވަގުތު ވިޝާގެ ހިތް ބާރުބާރަށް ތެޅިގަތީ ކުރީގެ ހަނދާނެއް އާވުމުންނެވެ.
“އެނގޭ ދޯ ބުނަން މިއުޅޭ އެއްޗެއް.. ދޯ.. އެހެންވެއެއްނު ދާން ތިއުޅެނީ..” ޒައިދު ވިޝާގެ ކުރިމަތީގައި ހުރެ ވާހަކަ ދެއްކިއިރު އެއަޑުގައިވަނީ މަޑުމައިތިރި އެހެނަސް އުފާވެރި ރާގެކެވެ. އެވަގުތު ވިޝާ ޒައިދުއާއި ހަތަރުކަޅި ހަމަކޮށްލީ ނޭނގެއޭ ބުނާފަދަ ގޮތަކަށެވެ. އެއާއިއެކު ޒައިދުގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުކެވެ. ވިޝާ އަދިވެސް ނޭނގޭ ކަމަށް ހަދަން އުޅޭ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ހަމަ އުމުރުގެ ގޮތުން ހަގު ވީމަ ހެއްޔެވެ؟
“އޮފް ކޯޒް އޭމް ޔަންގް.. އެކަމު ހަމަ ބޮޑު ފިރިހެނެއް.. ވިދް ފީލިންގްސް..” ޒައިދު ވާހަކަދެއްކީ ހިނިތުންވެފައި ހުރެއެވެ. ވިޝާއަށް އޭނާގެ ހިތުގެ ހާލަތު އެނގޭކަން ވިޝާގެ ހަރަކާތްތަކުން މާބޮޑަށްވެސް އޭނާއަށް ދެނެގަނެވިއްޖެއެވެ. އޭރު ވިޝާ ހުރީ ހަދާނެ ގޮތް ބޮޑުވެފައެވެ. ނޭނގޭ ކަމަށް ހަދަން އުޅުނަސް އޭނާއަށް ޒައިދު އޭނާދެކެ ލޯބިވާ ކަން ވަރަށް ރަނގަޅަށް އެނގެއެވެ.
“ޖަވާބެއް ބޭނުން ވިޝޫ..” ޒައިދު ވިޝާގެ ކޮލުގައި މަޑުމަޑުން ބީހިލުމަށްފަހު އެތަނުން ދިޔައީ ހިނިތުންވެލާފައި ހުރެގެންނެވެ. އޭނާއަށް އެހާ ފަސޭހައިން އެހިތްވަރު ލިބުނު ގޮތަކާއިމެދު ޚުދު އޭނާވެސް ހައިރާންވެއްޖެއެވެ. ޒައިދު ދިޔައިރު ވިޝާ ހުއްޓުން އަރާފައި ހުރިއިރު ހިލައިގެ ބުދެއްފަދައެވެ. ޒައިދު ހަމަ ރަނގަޅަށްވެސް އެކަން ކުރީ ހެއްޔެވެ؟ އޭނާއަކީ އުމުރުގެ ގޮތުން ހަގު ކުއްޖެއްކަންވެސް ނުވިސްނެނީ ހެއްޔެވެ؟ ވިޝާ ފުންނޭވާއެއް ދޫކޮށްލިއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ހަމަ ގައިމުވެސް އޭނާގެ ހިތުގައި ޒައިދުއާއި މެދު އެފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަނެއްކޮޅުން ޒައިދުގެ އެވާހަކަތަކާއިއެކު އޭނާގެ ހިތައް ވެރިވެގެން ދިޔައީ އާލިކްގެ ޚިޔާލުތަކެވެ.
“އެހެމމމ.. ކޮން ޖަވާބެއްތަ؟..” ވިޝާ ސިއްސައިގެން ދިޔައީ ދޮރުމަތިން ވިކާޝްގެ އަޑު އިވުމުންނެވެ. އެއާއިއެކު ދެލޯ ބޮޑުވެ މޫނަށް ރަތްކުލަ ވެރިވެގެން ދިޔައީ ވިކާޝްގެ މޫނުމަތީގައިވާ ހިނިތުންވުން ފެނުމުންނެވެ.
” އެއީ.. އެއީ..” ވިޝާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ހަމަ ރަނގަޅަށްވެސް ލަދުގަންފިއެވެ. ވިޝާއަށް ވީގޮތް ފެނުމުން ވިކާޝް ހުރީ ހިނިގަނޑު ހިފަހައްޓާލައިގެންނެވެ. އަދި ވިޝާއާއި ޒައިދު ދެއްކި ހުރިހާ ވާހަކަތައް އަޑު އިވުނުކަން އެނގިއްޖެއްޔާ ކިހާވަރެއް ވާނެބާއެވެ.
“ސޯ.. ވިޝޫ ގަޔާވޭތަ އޭނައާ؟..”ވިކާޝް ސޯފާގައި ޖައްސާލަމުން ފަރުވާތެރިކަމާއިއެކު އަހާލިއެވެ. ހަމައެއާއިއެކު ވިޗާ ދެލޯ ބޮޑުކޮށްލަމުން ނޫނެކޭ ބުނެލީ އަވަސް ކަމާއިއެކުއެވެ. ވިކާޝް އިނީ ވިޝާގެ ހަރަކާތްތައް ހުރިގޮތުން މަޖާވެފައެވެ.
” އެއީ ކީއްވެ؟.. ޒައިދު ކަމު ނުދަނީތަ؟..” ވިކާޝްގެ އަޑުގައި ވަނީ ރަހްމަތްތެރި ގޮތެކެވެ. އޭނާ ބޭނުންވަނީ އެފަދަ ހުރިހާ ވާޙަކަތަކެއް ހިއްސާ ކުރެވޭ ފަދަ ބޭބެއެއްގެ ގޮތުގައި ހުރުމަށެވެ. އެ ރަހްމަތްތެރިކަން ފާހަގަވުމުން ވިޝާއަށްވެސް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. އަދި ދޮންބެއަކީ އޭނާގެ ހުރިހާ ވާޙަކަތަކެއް ހިއްސާ ކުރާނެ ރަހްމަމްތެރިޔާއަށް ހެދުމަށް ވަގުތުން ބޭނުންވިއެވެ.
“ނޫނެކޭ ދޮންބޭ.. އަސްލު އެއީ ވިޝޫގެ ފްރެންޑެއްނު.. އެހެން ނޫނަސް…” ވިޝާގެ ޖުމްލަ ކުއްލިއަކަށް ހުއްޓާލީ އޭނާއަށް ބުނެވެން އުޅުނީ ކީކޭކަން ހިތައް އެރުމުންނެވެ. އެވަގުތު ވިކާޝް ވިސްނުންތެރި ކަމާއިއެކު ހިނިތުންވެލީ ވިޝާ ބުނަން އުޅުނު އެއްޗެއް އެނގިގެން ފަދަ ގޮތަކަށެވެ.
“އެހެންނޫނަސް ލޯބި ވަނީ އާލިކް ދެކެ.. ރައިޓް؟..” ވިކާޝް ހިނިތުންވެފައި އިނދެ ބުނެލިއެވެ. އެއާއިއެކު ވިޝާ އަނެއްކާވެސް ދެލޯ ބޮޑުކޮށްލީ ވިކާޝް ބުނެލި އެއްޗަކުން ހައިރާންވެ އިނދެއެވެ. ދޮންބެއަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ؟
15
“ބުނެބަލަ.. މީ ވިޝޫގެ ދޮންބެއެއްނު.. ޝެއަރ ވިދް މީ.. އާލް ދެކެ ލޯބިވޭތަ؟..” ވިކާޝް ތަކުރާރުކޮށްލިއެވެ. އާލިކްގެ ފަރާތުން އެނގިފައި އޮތްގޮތުން ވިޝާވެސް އާލިކް ދެ ލޯބިވެއެވެ. މިހާރު އޭނާ ބޭނުންވަނީ ވިޝާގެ ފަރާތުން އެކަން އޮޅުން ފިލުވުމަށެވެ. އެއާއިއެކު ވިޝާ އިސްޖަހާލަމުން އާއެކޭ ބުނެލީ ލަދުވެތި ހިނިތުންވުމަކާއިއެކުގައެވެ. ނަމަވެސް ދެވަނަ ސުކުންތުގައި އެހިނިތުންވުން ފިލާ އަނެއްކާވެސް ވިކާޝްގެ ހިނިތުންވެފައިވާ މޫނަށް ދެލޯ ބޮޑުކޮށްލަމުން ބަލާލީ އެހެން އެއްޗެއް ހަނދާން ވުމުންނެވެ.
“ބަޓް.. ނުބުނާތި އާލް ކައިރީ.. އެއީ.. އެއީ… ދޮންބޭ އަހަރެން ބޭނުމެއް ނޫން އެދެމެދަށް ވަންނާކަށް..” ވިޝާ އަނެއް ފަރާތަށް އެނބުރިލީ އެމޫނުމައްޗަށް ވެރިވި ހިތާމަވެރިކަން އޭނާގެ ދޮންބެއަށް ސިއްރު ކުރުމުގެ ބޭނުމުގައެވެ. ނަމަވެސް ވިކާޝް އިނީ ހިނިތުންވެލައިގެންނެވެ. އާލިކްގެ ހިތުގައި ވިޝާއަށް ވާ ލޯބި އެނގުމުން އޭނާގެ ކޮއްކޮ ހާދަހާ އުފާވާނެއޭ ހިތައް އަރާ ހާލުގައެވެ. ވިޝާއަށްޓަކައި އާލިކް ޝާޔަންއާއި ދުރުވާން އުޅޭކަން ހަނދާންވުމުންނެވެ. ނަމަވެސް އޭނާ އެވާހަކަ ބުނާކަށް ބޭނުމެއް ނޫނެވެ. އެދެކުދިންގެ ލޯބި އަމިއްލައަށް ފާޅު ކުރުމުން އެ ލޯބީގެ މަންޒަރު މާ ރީތިވާނެތާއެވެ.
“ޔަގީން ނުބުނާނަން.. އެކަމު އާލް އަދި މީހެއްގެ ފިރިއަކަށް ނުވޭ.. ސޯ.. ހަމަ ޕޮސިބްލް..” ވިކާޝް ނޫންގޮތަކަށް އެހެން ބުނެލާފަ އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތީ ލާނެތް ގޮތަކަށް ހީނލާފައި ހުރެގެންނެވެ. އޭރު އޭނާގެ އެ މާނަފުން ޖުމްލަ އަޑުއިވިފައި ވިޝާއަށް ހުރެވުނީ ސުވާލު އުފެދިފައެވެ. ތެދެކެވެ. އެ ހިތުގައި ކުޑަ ކުޑަ އުންމީދެއް އުފެދުނުކަހަލައެވެ. ވިޝާއަށް ލުއި ގޮތަކަށް ހިނިތުންވެލެވުނެވެ.
ރޭގަނޑު 8.30 ވީއިރު ވިކާޝް ތައްޔާރު ވެލައިގެން ގޯތިތެރެއަށް ނުކުމެއްޖެއެވެ. އޭނާ ލައިގެން ހުރި މެރޫން ކުލައިގެ އަތްދިގު ގަމީހާއި، ކަޅު ޖީންސާއި އެކު އަރާފައި ހުރި ކަޅުކުލައިގެ ކެޝުއަލް ބޫޓު ނުހަނު ގުޅެއެވެ. އާދައިގެމަތިން ބޮލުގެ ބްރައުން އިސްތަށިކޮޅަށް ގެނެސްފައިވާ ސްޕައިކީ ސްޓައިލާއިއެކު އެ ކުލައަލި މޫނާއި ގުޅޭ އާދަޔާ ޚިލާފު ފެހިކަންގަދަ ލޮލުގައިވާ އުފާވެރިކަން އޭނާގެ ރީތިކަން އިތުރުކޮށްދެއެވެ. ޕާޓީއަށްޓަކައި ގޯތިތެރޭގައި ފާޑުފާޑުގެ މާގަސްތައް ޕޮޓް ޕޮޓްގައި ބަހައްޓާލާފައި ލުއި ގޮތަކަށް ތައްޔާރުކޮށްލާފައި އޮތްއިރު ކެއުމުގެ ބައި ތައްޔާރުކޮށްފައި އޮތީ ސިޓިންގ ރޫމު ތެރޭގައެވެ. ސިޓިންގ ރޫމާއި ގޯތިތެރެރޭގައި ހުދުކުލައިގެ ހެދުމުގައި ތިބި ވޭޓަރުން ކޮޅުކޮޅުމައްޗަށް ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. ކުޑަ ވަގުކޮޅެއް ފަހުން ޖޯޑު ޖޯޑާއި ކުދި ގްރޫޕް ގްރޫޕަށް ޕާޓީއަށް މެހްމާނުން އަންނަން ފެށުމުން ވިކާޝް އެމީހުންނަށް މަރުހަބާ ކިޔަމުންދިޔައިރު ޒުވާން ބައެއް އަންހެންކުދިން އެރީތިކަމުގެ ޖާދޫގައި ޖެހިފައި ތިއްބެވެ. ކުޑަ ވަގުތުކޮޅެއް ފަހުން ޒާހިރާއާއި ޒައިދުވެސް ތިރިއަށް ފައިބައިގެން ގޯތިތެރެއަށް އައިސްފިއެވެ. ޒައިދު ލައިގެން ހުރީ ގަދަ ނޫކުލައިގެ އެންމެ މިހާރުގެ ކެޝުއަލް ގަމީހަކާއި ކަޅު ޖީންސެކެވެ. ދިގު އިސްކޮޅާއިއެކު މޫނުމަތީގައިވާ ހިނިތުންވުން ފެނުމުން ބައެއް އަންހެން ކުދިންގެ ނަޒަރުތައް އޭނާއަށް ހުއްޓޭކަށްވެސް ގިނައިރެއް ނުނެގިއެވެ. އަންހެންކުދިންތައް ބަލަން ފެށުމުން ކުރިއަށްވުރެ ހިނިތުންވުން ފުޅާކޮށްލުމަށްފަހު ސްޓައިލިޝް ގޮތަކަށް ހިނގާލާފައި ގޮސް ވިކާޝްގެ ގާތަށް ހުއްޓުނުއިރު ގޭގެ ގޭޓުން ވަދެގެން ވިޝާގެ އެކުވެރި ލިމްނާ އާދެއެވެ. މެރޫން ކުލައަކަށްދާ ލޭސް ފޮތީގެ މެކްސީއާއި، އަރާފައި ހުރި ކަޅު އުސް ފައިވާނާއިއެކު އެ ސާދާ ހަށިގަނދަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވަނީ އިތުރަށް އެމޫނުގެ ވަށައިގެން އަޅާލާފައި ކަޅު ޝޯލްއެވެ. ލުއި ލުއި މޭކަޕަކާއިއެކު، އަދި ގުދުރަތީ ރީތި ހިނިތުންވުމެއް ގެނުވައިގެން ހުރެ ފަރި ހިނގުމެއްގައި ވިކާޝްއާއި ދިމާއަށް އައި އިރު ވިކާޝް ބަލަހައްޓައިގެން ހުރީ އާދަޔާ ޚިލާފު ނަޒަރަކުންނެވެ. ހަމަ ގައިމުވެސް އިތުރަށް އަޅާލާފައި އެވާ ބުރުގާގެ ސަބަބުން ލިމްނާގެ އަންހެންވަންތަކަން އިތުުރުވެއްޖެއެވެ.
“ހޭއި ވިކީ.. ކޮބާ ވިޝޫ..” ލިމްނާ އައި ގޮތަށް ވިކާޝްގެ ކުރިމަތީގައި ހުއްޓިލީ ޒައިދުއަށްވެސް ހިނިތުންވުމެއް ހަދިޔާކޮށްލަމުންނެވެ. އެވަގުތު ވިކާޝް ބަލަހައްޓައިގެން ހުރި އާދަޔާ ޚިލާފު ނަޒަރު ލިމްނާގެ ހިތައް އުނދަގޫކޮށްލިއެވެ.
“ބުރުގާ އެޅީމަ ވަރަށް ވަރަށް ރީތި..” ލިމްނާގެ ސުވާލަށް ޖަވާބުދިނުމެއްނެތި ވިކާޝްގެ ފިރިހެންވަންތަ އަޑުން އިވިގެންދިޔަ ތަޢުރީފުގެ ބަސްކޮޅު ލިމްނާގެ ހިތުގެ ތެޅުމަށް ލޮޅުމެއް ގެނުވިއެވެ. ލަދުރަކި ކަމާއިއެކު އިސްޖަހާލާ އެސްފިޔަތަށް ތަޅުވާލިގޮތުން އޭނާ ލަދުގަންފި ކަން ވިކާޝްއަށް އެނގުނެވެ. އެވަގުތު ވިކާޝްގެ މޫނަށް ވެރިވީ ހިނިތުންވުމާއިއެކު ލާނެތް ގޮތަކަށް ކައިރީގައި ހުރި ޒައިދުއަށްވެސް އެއްލޯ މަރާލީ ލިމްނާއަށް ނޭނގޭ ގޮތަށެވެ.
“ހޫމްމް.. ވިޝޫ ވެއްޖެ ރޫމްގަ.. މައްޗަށް ދާއިރު ކަނާތް ފަރާތަށް ހުންނަ ރޫމް.. ދެން މިހުރީ ޒައިދު.. އެންޑް ޒައިދުގެ މަމް..” ލިމްނާ އިތުރަށް ލަދު ގެންނެވުމުގެ ބަދަލުގައި ވިކާޝް ކުޑަގޮތަކަށް ޒައިދުމެން ތަޢާރަފް ކޮށްދިނުމަށްފަހު ލިމްނާ ދިއުމަށް ތަން ދައްކާލިއެވެ. އެއާއިއެކު ލަދުން މޯޅިވެފައި ހުރި ލިމްނާ އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ދިޔައިރުވެސް ވިކާޝްގެ ނަޒަރު އެފަރި ހިނގުމުން ވަކިވެގެން ނުދެއެވެ.
ލިމްނާ ދިޔަތާ މާ ގިނައިރެއް ނުވެ ދެން އެގޭގެ ތެރެއަށް ވަދެގެން އައިތަން ފެނުނީ ވިކާޝް އެންމެ އިންތިޒާރު ކުރަމުންދިޔަ ފަރާތެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ އާލިކްއެވެ. އަޑިން ހުދު ޓީޝާޓެއް ލާފައި އޭގެ މަތިން ކަޅުކުލައިގެ ކެޝުއަލް ސޫޓެއް ލައިގެން ހުރިއިރު ބޮޑަށް ވައްތަރުވަނީ ބޭރު މީހަކާއިއެވެ. ހައިލައިޓް ކޮށްފައިވާ އިސްތަށިގަނޑުގައި ކުރިއަށްވުރެވެސް ބޮޑަށް ސްޕައިކް ޖައްސާލައިގެން ހުރިއިރު ފެޝަން ކަމުގެ އިންތިހާއެވެ. ދޮރުމަތީގައި ކުޑަކޮށް މަޑުކޮށްލުމަށްފަހު އާލިކް އެތެރެއަށް ވަދެގެން އައިސް ހުއްޓިލީ ވިކާޝްގެ ގާތުގައެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތީގައިވާ އާދަޔާ ޚިލާފު ދުރުގޮތްގަނޑު ނަގައިގަންނާކަށް ވިކާޝްއަށް އުނދަގުލެއް ނުވިއެވެ.
“ހާދަ ފާޑަކަށް ތިހުރީ.. އާރ ޔޫ އޯކޭ..” ވިކާޝް އާލިކްގެ ކޮނޑުގައި ޖަހާލަމުން ކުޑަގޮަތަކަށް ހީނލިއެވެ. އެވަގުތު އާލިކްވެސް އޯކޭއޭ ބުނެލަމުން ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލި ނަމަވެސް އޭނާ މޫޑު މުޅިން ރަނގަޅު ނޫންކަން ވިކާޝްއަށް އެނގުނެވެ. އެހެންނަމަވެސް އޭނާ ކައިރީގައި ތިބި ޒައިދުމެންނަށް އާލިކް ތަޢާރަފްކޮށްދީ އޭނާއަކީ ކާކުކަން ބުނެދިނެވެ. އިތުރަށް އާލިކްގެ ފަރާތުން އެއްވެސް އެއްޗެއް ނީވުމުން ވިކާޝްވެސް މާބޮޑު ސަމާލުކަމެއް ނުދީ ދިޔައީ އިތުރަށް އަންނަ މެހްމާނުންނަށް މަރުހަބާ ކިޔުމަށެވެ.
އާލިކް ބީރައްޓެހި ގޮތަކަށް އެތާ ހުއްޓިލައިގެން ހުރިއިރު އިރު އިރުކޮޅާ އަތުގައި އޮތް ގަޑިއަށް ބަލާލާ ފޯނު ކަންފަތުގައި ޖަހާލަމުންދިޔަ މަންޒަރު އެތަނުގައި ތިބި ގިނަ ބައެއްގެ ސަމާލުކަން އަތުލަމުން ދިޔައެވެ. އެކަމަކީ މާބޮޑު ކަމަކަށް ނުހަދާ އާލިކް އެތެރެއަށް ވަދެގެން ދިޔައީ ކުޑަ ވަގުތުކޮޅަކަށް އިށީނދެލުމުގެ ބޭނުމުގައެވެ. ނަމަވެސް އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު އޭނާގެ ފައި ބިމުގައި ތަތްލީ ސިޑިން ފައިބަމުން ދިޔަ އޭނާގެ ހިތުގެ ރާނީ ފެނުމުންނެވެ. ބޮޑެތި ރަތް މާތަކެއް ޖަހާފައި ހުރި ކަޅުކުލައިގެ މެކްސީއާއިއެކު، ރަތް ޝޯލްގެ ތެރެއިން އެ ސާދާ ލޯބި މޫނު ފެންނަމުން ދިޔައީ ސާދަ ވިލޭރޭގެ ހަނދު ފަދައިންނެވެ. ލުއި ލުއި މޭކަޕާއިއެކު، ރަތްކުލައިގެ ތުންފަތުގައިވާ ލުއި ހިނިތުންވުން އާލިކްގެ ހިތުގައި ވިކާލި ފަދައެވެ. އެބޮޑު ލޮލުން ތަންތަން ހޯދާލާ އެސްފިޔަ ޖަހާލާގޮތް މައުސޫމްކަމުން އޭނާގެ ހިތް ލޯބިން ފުރިގެން ދިޔަފަދައެވެ. ބޭއިޚްތިޔާރުގައި އެ ފިރިހެންވަންތަ ތުންފަތުގައި ހިނިތުންވުމެއް ދުވެލީ ވިޝާވެސް އޭނާއާއި ދިމާއަށް ބަލާލިވަގުތުއެވެ. އެވަގުތު ވިޝާއަށް އާލިކް ފެނުމުން އޭނާގެ ތުނި ތުންފަތުގައިވެސް ދުވެލީ އުފާވެރި ހިނިތުންވުމެކެވެ. ލޯބިވެތި ކަމާއިއެކު ލޯބޮޑު ކޮށްލަމުން އޭނާ އާލިކްއާއި ދިމާއަށް އަންނަންފެށީ ލަސް ފިޔަވަޅުތަކެއްގައެވެ. ނަމަވެސް އާލިކްއަށް ހުވަފެނީ ދުނިޔެއިން ނުކުމެވި އެ މޫނުމަތީގައިވާ ހިނިތުންވުން ފިލާ ދިޔައީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. އަވަސް އަވަހަށް ވިޝާއަށް ފުރަގަސް ދީ ގޯތިތެރެއަށް ނުކުމެ ގޭގެ ގޭޓާއި ދިމާއަށް ހިނގައިގަތީ ވިޝާގެ މޫނުމައްޗަށްވެސް ހައިރާންކަން ގެނުވަމުންނެވެ.
ވިޝާ ދުވެލާފައި ކަހަލަ ގޮތަކަށް އާލިކްގެ ފަހަތުން ބޭރަށް ނުކުތްއިރު ވިކާޝްވެސް އާލިކް ގޭޓުކައިރީ ކުރާކަމެއް ނޭނގިފައި ބަލަހައްޓައިގެން ހުއްޓެވެ. އެއާއިއެކު ދެން ފެނުނީ އާލިކް އަތް ދަމާލާފައި ބޭރުން އައި ކުއްޖެއްގެ އަތުގައި ހިފާލައިގެން އެތެރެއަށް ވަން މަންޒަރެވެ. އެއާއިއެކު ފެނުނު މަންޒަރުން ވިކާޝްއަށް ބަލާލެވުނީ ކައިރީގައި ހުރި އޭނާގެ ކޮއްކޮގެ މޫނަށެވެ. އެވަގުތު ވިޝާ އިސް ޖަހާލަމުން އެނބުރި ގޭތެރެއަށް ވަދެގެން ދިޔައީ އިތުރަށް އެތާ ހުންނަން ބޭނުންނުވެގެންނެވެ. ތެދެކެވެ. އޭނާގެ ކުރިމަތީގައި އާލިކް ޝާޔަންގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރެ އައި މަންޒަރު ފެނުމުން އެހިތައް ކެތްނުވީއެވެ. ވިޝާ އެކަންޏެއް ނޫނެވެ. ކަކުލާއި ހަމައަށް އަންނަ ކަޅުކުލައިގެ ހެދުމެއްގައި ފަރިވެ ފޮޅިގެން ތުއިވަމުން އާލިކް އާއި އެކީގައި އައި ޝާޔަން ފެނުމުން ވިކާޝްއަށްވެސް ހުރީ ގަބޫލުކުރަން ދަތިވެފައެވެ. އާލިކް އޭނާދެކެ އެހާ ފޫހިވާއިރު ދައުވަތު ނުދެނީސް ޝާޔަން ގެނައީ ކޮން ބޭނުމަކު ހެއްޔެވެ؟ ވިޝާ ހިތްދަތި ވާނެކަން ނޭނގެނީ ހެއްޔެވެ؟ ވިކާޝް ކުޑަކޮށް ހިތްހަމަ ނުޖެހުނަސް ޝާޔަންއަށް ހިނިތުންވެލާފައި މަރުހަބާ ކިޔާލީ ފަހުން އާލިކް ގާތުން ވީގޮތް އޮޅުންފިލުވާލަން ގަސްތުކޮށްގެންނެވެ.
ޕާޓީގެ ދެން ޖެހިގެން އައި ބައި ގަޑިއެއް ހާއިރު ހޭދަވީ ހިތްތަކުގެ ސިއްރު މުޢާމަލާތާއި ގޮތްނޭނގޭ ބެލުންތައް އެކަކު އަނެކަކާއި ބަދަލު ކުރުމުގައެވެ. ކެއުމުގެ ތެރޭގައާއި އެކި އެކި ކަންތަކުގެ ތެރޭގައެވެ. ވިކާޝްގެ ނަޒަރު ލިމްނާއަށް ހުއްޓެމުންދިޔައިރު ލިމްނާއަށްވެސް ޚާއްސަވެފައިވީ ވިކާޝްގެ އާދަޔާ ޚިލާފު ބެލުންތަކެވެ. އެއާއިއެކު ވިޝާގެ އުންމީދެއްނުވާ މާޔޫސީ ނަޒަރު އާލިކްއަށް ހުއްޓެމުންދާއިރު އޭނާއަށް އުނދަގޫ ވަމުން ދިޔައީ އާލިކްގެ އަތުގައި ހިފާލައިގެން ހުންނަ ޝާޔަން ފެންނާތީއެވެ. އިތުރަށް ނުބަލަން އެތައް ފަހަރަކު މޫނު އަނބުރާލިޔަސް އޭނާގެ ހިތް އެކަމަށް އެއްބަސް ނުވެގެން އެތައް އެތައް ފަހަރަކު ބަލާލަން ޖެހެއެވެ. އެކަން އެންމެ ރަނގަޅަށް އެނގުނު އެކަކީ އާލިކްއެވެ. ވިޝާ ބޭނުންވަނީ އެވިހަގަދަ ނަޒަރުން އޭނާއަށް އުނދަގޫ ކުރަން ހެއްޔެވެ؟ ވިކާޝް ހުއްޓާ އޭނާއަށް ބެލުންތައް ބަލަންވީ ކީއްވެ ހެއްޔެވެ؟ ހަމަ އެއާއިއެކު ތަންކޮޅެއް ދުރުގައި ހުރި ޒައިދުގެ ތޫނު ނަޒަރު ހުއްޓިފައިވަނީ ހޫރު ޕަރީއެއްފަދަ ވިޝާގެ ދޮން މޫނަށެވެ. އެމަންޒަރު ބަލަން އޭނާގެ ގާތުގައި އޭނާގެ މަންމަ ހުރިކަންވެސް ޒައިދު ހަނދާނެއް ނެތެވެ.
ކުޑަ ވަގުތުކޮޅަކަށްފަހު ވިކާޝް ގޯތިތެރެއަށް ނުކުމެ ހަދާލާފައިވާ ކުޑަ ސްޓޭޖަށް އަރާ މައިކް ނެގުމަށްފަހު ހުރިހާ މެހްމާނުންގެ ސަމާލު ކަމަށް ބުނެލިއެވެ.
“އެއްވެސް ބޭފުޅަކަށް ނޭނގޭނެ ކަންނޭނގެ އަދި މި ޕާޓީއަކީ ކީކުރަން ބާއްވާ ޕާޓީއެއްކަމެއް.. އަސްލު އަޅުގަނޑުގެ ލައިފްގެ ވަރަށް މުހިންމު ފަރާތެއް ތަޢާރަފްކޮށްދީ އޭނާއާއި ބައްދަލުކޮށްދެން ބާއްވާ ޕާޓީއެއްމީ.. އަޅުގަނޑު….” ވިކާޝް ވާހަކަ ދައްކަން ހުރުމަށްފަހު ކުއްލިއަކަށް ހުއްޓުނީ އާލިކް އެ ސްޓޭޖަށް އެރުމުންނެވެ. އެއާއިއެކު އާލިކް ވިކާޝްގެ ގާތުން މައިކަށް އެދމުން އޭނާ ހައިރާންކަމާއިއެކު މައިކް ދިނީ ވާނުވާ ނޭނގޭ ހާލުގައެވެ.
“އަޅުގަނޑު މީ ވިކީގެ އެންމެ ކްލޯސް ފްރެންޑް.. އެހެންވީމަ އަޅުގަނޑު ފުރަތަމަ ވިކީއަށްވެސް ސަޕްރައިޒެއް ދޭން ބޭނުން.. ޕްލީޒް.. މޭ އައި؟..” އާލިކް މާނަފުން ރާގެއްގައި ވިކާޝްއަށް އެހެން ބުނެލުމުން އޭނާ ފުޅާ ހިނިތުންވުމަކާއިއެކު އޮފް ކޯޒް އޭ ބުނެލާ އެތަނުން ފޭބުމަށްފަހު ތިރީގައި ހުއްޓިލިއެވެ. ވިކާޝް ހުރީ އޭނާގެ ކުރިން ވިޝާއާއި ވިކާޝްގެ ގުޅުން އާލިކްއަށް އެނގޭ ވާހަކަ އެންމެންނާ ހިއްސާކޮށްލަން އުޅެނީ ކަމުގައި ހީކޮށް ވަރަށް ބޮޑަށް ހިނިތުންވެފައެވެ.
” މިއަދު.. އެންމެ ކްލޯޒް ފްރެންޑްގެ މި އުފާވެރި ވަގުތުކޮޅު.. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ދިރިއުޅުމުގެ ވަރަށް މުހިންމު ފިޔަވަޅެއް ކުރިއަށް އަޅަން..” އާލިކް ވާހަކަ ދައްކަމުން ޖީބަށް އަތްލާފައި މުށުތެރެއަށް ލީ އަނގޮޓި ފެނުމުން ތިރީގައި ހުރި ޝާޔަންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވީއިރު ވިކާޝްއާއި ވިޝާ ތިބީ ވާނުވާ ނޭނގޭ ހާލު ކަންތައް ބޮޑުވެފައެވެ.
” ޝާޔާ..” އާލިކް ޝާޔަންއަށް އަތްދިއްކޮށްލުމުން އޭނާ ފަރިގޮތަކަށް އާލިކްގެ އަތުގައި ހިފާ އެތަނަށް އެރީ ހިނިތުންވެލަމުންނެވެ. އޭރު ވިޝާ ހުރީ ލޮލަށް ވެރިވަމުން ދިޔަ ކަރުނަތަކާއި ހަނގުރާމަކޮށްކޮށް ވަރުބަލިވެފައެވެ. އެވަގުތު ދެން ފެނުނީ އާލިކް ކަކޫ މައްޗައް ތިރިވެލާފައި ޝާޔަންގެ އަތުގައި ހިފާލުމަށްފަހު އަނގޮޓި އަޅުވާލި މަންޒަރެވެ.
“ވިލް ޔޫ މެރީ މީ؟..” ޝާޔަންގެ ރީތި މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެ ފިރިހެންވަންތަ އަޑުން އެބުނެލި ޖުމްލަ އަޑު އިވުމުން ވިޝާގެ ހިތް ހީވީ ބުރިބުރި ވެގެން ދިޔަހެންނެވެ. އޭނާއަށް ކުރެވުނު ކުޑަ ކުޑަ އުންމީދުވެސް ފެނަށް ވެގެން ދިޔައީއެވެ. ވަގުތުން އެރީތި ބޮޑު ދެލޮލަށް މިއޮއް ހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް ޖަމާވެގަތީ ހަލުވިކަންމަތީގައެވެ. އެ މަންޒަރު އެންމެ ގާތުގައި ހުރި ވިކާޝްއަށް ފެނުމާއިއެކު އޭނާ ވިޝާގެ ކޮނޑުގައި ހިފަހައްޓާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ނަމަވެސް އޭނާގެ ހިތުގައިވެސް އޭރު ޖަވާބު ނޭނގޭ އެތައް ސުވާލުތަކެއް އުފެދިއްޖެއެވެ. އާލިކް އެގޮތަށް ކަންތައް އެކުރީ ކީއްވެ ހެއްޔެވެ؟ އޭނާ ވިޝާދެކެ ލޯބިވެއޭ ކިޔައިގެން އެކޮށްލީ ސަމާސާއެއް ހެއްޔެވެ؟ ނޫނީ ޝާޔަންއާއި ކައިވެނި ކުރުން ނޫންގޮތެއް ނެތީ ހެއްޔެވެ؟ އެކަމު ދެން ވިޝާގެ ކުރިމަތީގައި އެގޮތަށް ކަންތައް ކުރީ ކީއްވެގެން ހެއްޔެވެ؟ ކިތަންމެ ބޭނުން ނުވިޔަސް ވިކާޝް އާލިކް ކަންތައް ކުރިގޮތުން ހިތްހަމަ ނުޖެހުނެވެ. އޭނާ ވިޝާގެ މޫނަށް ބަލާލިއެވެ. ކަރުނަތައް ހިންދާލުމަށްފަހު ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރަމުންދިޔައިރު ވިޝާގެ މޫނުމައްޗަށް ރަތްކަމެއް ވެރިވެފައި ހުއްޓެވެ.
“ޔެސް.. ޔެސް.. ޔެސް އާލް..” ވިކާޝް ސިއްސައިގެން ދިޔައީ އަޑުގެ ކޮޅަށް ޝާޔަން ހަޅެއްލަވައިގަތް އަޑަށެވެ. އިސް އުފުލާ ބަލާލިއިރު ޝާޔަން އާލިކްގެ ގައިގައި ބާރަށް ބައްދާލަނީއެވެ. އޭނާ ވަގުތުން މޫނު އަނބުރާލީ ހިތްހަމަ ނުޖެހުނުލެއް ބޮޑުކަމުންނެވެ.
“ވިކީ ޔުއަރ ޓާން..” އާލިކް ޝާޔަންގެ ލޫޅާފަތި ހަށިގަނޑުގައި ހިފަހައްޓާލައިގެން ހުރެ މަލާމާތުގެ ހިނިތުންވުމަކާއިއެކު ވިކާޝްއަށް މައިކް ދިއްކޮށްލަމުން ތިރިއަށް ފޭބިއެވެ. އެވަގުތު ވިކާޝް ހަމަޖެހިލަމުން ސްޓޭޖަށް އެރީ މޫނުމައްޗަށް އުފާވެރިކަން ވެރި ކުރުވަމުންނެވެ.
“އެންމެ ފުރަތަމަ.. ކޮންގްރެޖުލޭޝަން ޓު ދަ ބިއުޓިފުލް ކަޕްލް..” ވިކާޝް ހިނިތުންވެލަމުން އަތްޖަހާލީ އެންމެންނަށްވެސް އަތްޖަހާލަން އެދެމުންނެވެ. އެވަގުތު އާލިކް ވާދަވެރި ގޮތަކަށް ވިކާޝްގެ މޫނަށް ބަލަހައްޓައިގެން ހުރީ އޭނާ ކަންތައް ކުރާގޮތް ބަލަން ކެތްމަދުވެ ހުރެއެވެ.
“އެންމެ ރަނގަޅު.. އެންމެ ފުރަތަމަ ތި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ކިޔާލަދޭން ބޭނުންވަނީ ވާހަކައެއް.. އަޅުގަނޑުގެ ލައިފް.. އަޅުގަނޑުގެ ޗައިލްޑް ހޫޑް..” ވިކާޝް މަޑުމައިތިރި އަޑަކުން ވާހަކަ ދައްކަން ފެށިއެވެ. އަދި ސްޓޭޖުގައި ހުރެ އޭނާގެ ދިރިއުޅުމުގެ ވާޙަކަތައް އެ އެންމެންނާއި ހިއްސާ ކުރަމުން ދިޔައެވެ. މަންމައާއި ބައްޕައާއިއެކު އުޅުނު ގޮތާއި އޭނާއަށް ކޮއްކޮއެއް ލިބުނު ވާހަކައެވެ. އެދުވަހު އުފާ ވީވަރެެވެ. ކޮއްކޮގެ އުމުރުން ދެދުވަހުގައި ބައްޕަ ނިޔާވީ ވާހަކައެވެ. ކޮއްކޮގެ އުމުރުން ހަތަރު ދުވަހުގައި އެކޮއްކޮއާއި ވަކިވާން ޖެހުނު ވާހަކައެވެ. އޭގެ ފަހުން އޭނާއަށް މަންމައާއި ކޮއްކޮގެ ޚަބަރެއް ނުވާ ވާހަކައެވެ. ވިކާޝް ވާހަކަ ދައްކަމުން ދިޔައިރު އާލިކް ހުރީ ކޮންމެވެސް ވަރަކަށް ސުވާލު އުފެދިފައެވެ. ދުވަހަކަވެސް ވިކާޝް އޭނާގާތުގައި ދައްކާފައި ނުވާ ވާހަކަތަކެއް ނަމަވެސް ކޮންމެވެސް ވަރަކަށް އޭނާއަށް އެވާހަކަތައް އެނގޭ ކަހަލައެވެ. ނަމަވެސް އެއްގޮތަކަށް ވާން އެއުޅެނީ ކިހިނެއް ކަމެއް އެއްގޮތަކަށްވެސް އޭނާއަކަށް ނޭނގުނެވެ. ވިކާޝްގެ ވާހަކަތައް އަޑު އަހަން ހުރި ވިޝާއަށް ހިނިތުންވެލައިގެން ހުރެވުނީ ކަރުނައާއި އެކުގައެވެ.
“އަޅުގަނޑަށް މިއަދު މަންމަ އާއި ކޮއްކޮގެވެސް ހަބަރު އެނގިއްޖެ.. މިއަދު މަންމަ މިދުނިޔޭގަ ނެތް…..” ވިކާޝްގެ އަޑު ބެދުނެވެ. އެލޮލަށް ކަރުނަ ޖަމާވީ މަންޒަރު ފެނި އާލިކް މޫނު އަނބުރާލީ ވިކާޝްއަށް ހަމްދަރުދީ ވާން ބޭނުންނުވާތީއެވެ. ވިކާޝްގެ އެ ހިތާމަވެރި ސޫރަ ފެނުމުން އެތާ ތިބި ކޮންމެ މީހެއްގެ ލޮލުންވެސް ކަރުނަ ހިލުވާލިއެވެ.
“އެކަމަކު މަންމަ އަޅުގަނޑަށް ވަރަށް އަގުހުރި ހަދިޔާއެއް ދޫކޮށްފަ ދިޔައީ.. މިއަދު އަޅުގަނޑުގެ ކޮއްކޮ ފެނިއްޖެ.. ކޮއްކޮއާއި ބައްދަލުވެއްޖެ.. އިއްތިފާގުން ނަމަވެސް އަޅުގަނޑުމެން ދެބެންނަށް އުޅެވުނީ ދުރުގައެއް ނޫން.. މިރޭގެ މި ޕާޓީއަކީ ތިހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ލޯބިވާ ކޮއްކޮ ތަޢާރަފްކޮށްދޭން ބޭއްވި ޕާޓީއެއް..” ވިކާޝް މަޑުމައިތިރިކަމާއިއެކު ބުނަމުން ދިޔަ ކޮންމެ ޖުމްލައެއް އާލިކްގެ ހިތުގެ ތެޅުން އަވަސް ކުރަމުން ދިޔައެވެ. އެއިން ކޮންމެ ޖުމްލައެއް އޭނާއަށް ގޯހެއް ހެދިއްޖެ ކަމުގެ ސިގްނަލް ދޭން ފަށައިފިއެވެ. ލަސްލަހުން ޝާޔަންގެ އުނަގަނޑުން ދޫކޮށްލެވުނު އިރު އާލިކްގެ ތެޅި ތެޅިއޮތް ހިތް އިންތިޒާރު ކުރަމުންދިޔައީ ވިކާޝް ދެން ބުނާނެ އެއްޗަކަށެވެ.
ދެން ފެނުނީ ވިކާޝް މަޑުމަޑުން ވިޝާގެ އަތުގައި ހިފާފައި ސްޓޭޖަށް އެރުވި މަންޒަރެވެ. އޭރު ވިޝާ އިސް ޖަހާލައިގެން ހުރިއިރު މަންޒަރު ބަލަން ތިބި ހުރިހާ އެންމެންވެސް ހިނިތުންވެލައިގެން ތިބީ ވިކާޝްގެ ވާހަކައަށްފަހު ވިޝާއަކީ ކާކުކަން އެނގިގެންފަދަ ގޮތަކަށެވެ. ނަމަވެސް އާލިކްގެ އަވަސްވެފައިވާ ނޭވާއާއި ތެޅި ތެޅި އޮތް ހިތް އޭނާއަށް އިންޒާރު ދެމުން ދިޔައީ އޭނާއަށް ވަރަށް ބޮޑު ގޯހެއް ހެދިއްޖެ ކަމުގެ އިންޒާރެވެ.
“އެވްރިވަން.. މީޓް މައި ބިލަވްޑް ސިސްޓަރ.. ވިޝާ..” ވިކާޝް އުފާވެރި އަޑަކުން ބުނެލި ޖުމްލައާއިއެކު އެންމެންގެ އަތްތިލަބަޑީގެ ގަދައަޑު މާހައުލުގައި ގުގުމާލާފައި ވާއިރު އާލިކްގެ ދުނިޔެ ހީވީ އެނބުރިގަތް ހެންނެވެ. ހިތައް ވީގޮތުން އެސްފިޔަ ޖަހާލަން ނޭނގިފައި އެދެބެންނާއި ދިމާލަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ހަށިގަނޑުގެ ކޮންމެ ގުނަވަނެއް އޭނާއަށް މަލާމާތް ކުރަމުން ދާފަދައެވެ. ދުނިޔެއަކީ ކޮންފަދަ ކުލަތަކެއް ދައްކާ ތަނެއް ހެއްޔެވެ؟ އާލިކްގެ ލޮލުން ހިތާމައާއި ލަދުވެތި ކަމުގެ ކަރުނަ ނީރާލިއެވެ.
ނުނިމޭ
37