
“ބޮނޑި!” ތާސް ނަގާ މޭޒުމައްޗަށް ޖެހުމަށްފަހު އަފްރާ ޖޯޝާއެކު ހަޅޭއްލަވައިގަތެވެ. އަރީންގެ އަތްބައި ބެލުމަށްފަހު އޭނާ އަތްބައި ހަމަކުރަން ހޯދި ދެތިން ތާސް ހިފަހައްޓައިގެން އިނުމުން އަރާޔާ ތުން ދަމާލިތަން ފެނިފައި ވަފާ ހީގަތެވެ.
“ދޮންބެ ކޮބާ؟ އެ ނިކުތް ގޮތަށް އަދިވެސް ނާދޭ” ވަފާ އަރީންގެ ފަހަތުގައި އިން ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލިއެވެ. އެހެން ބުނިތާ ލަހެއްނުވެ ދޮރު ހުޅުވާލާފައި އަދުހަމް ވަނެވެ. އެއްފަރާތަށް ޖެހިލުމަށްފަހު އޭނާ ކޮށްލި އިޝާރާތަށް ތަބާވެ އެތެރެއަށް ވަނީ ޒުވާން އަންހެންކުއްޖެކެވެ.
އަހަރެން އެތެރެއަށް ވަނީމެވެ. އެއާއެކު އެންމެނަށް ވެރިކުރުވި އާޝޯހެއްގެ ސަބަބުން ތެދުވިއެވެ. ކުއްލިއަކަށް ޖެހިލި ބާރު ވައިރޯޅިން އަހަރެންގެ އިސްތަށިތަކަށް ކެތެއް ނުވިއެވެ. ހިތުހުރި ދިމާލަކަށް ވިއްސިގެން ދިޔުމާއެކު އަހަރެންގެ އިސްތަށިގަނޑު މުޅިން ހޭވުނެވެ. ޖެހިލުންވުމާއެކު އަފްރާ ފަހަތަށް ޖެހިލިކަން ރީތިކޮށް އަހަރެންނަށް އެނގުނެވެ. އެ މަންޒަރު އެކަނި ފެނިފައިވެސް އޭނާގެ ހިތުގައި ބިރުވެރިކަމުގެ ވިންދެއް ޖަހާލީތީވެ އެވަގުތުން އެވަގުތަށް އަފްރާގެ ފިނޑިކަމަށް އަހަރެން ހިތާހިތުން މަލާމާތް ކޮށްލީމެވެ.
“މީ ކިއަރާ. ކިއަރާ، މީ ކޮއްކޮމެން” އަދުހަމް އަހަރެން ގެންގޮސް އަރާޔާމެންގެ ގާތުގައި ބެހެއްޓުމަށްފަހު ބުންޏެވެ. އެ އެންމެންވެސް އަހަރެންނަށް ތައާރަފުވެލީ އުފަލާއެކީއެވެ. އަހަރެންނަކީ ކިހިނެތްވެފައިވާ ކާކުކަން އަދުހަމްއަށް އަހަރެން ކިޔައިދިން ގޮތަށް އޭނާވެސް އަރީންމެނަށް ކިޔާލަދިނެވެ. އަދި އަދުހަމް އަހަރެން އެ ގޭގައި ބަހައްޓަދޭން ނިންމި ނިންމުމަށް އެ އެންމެން ތަބާވުމާއެކު އަހަރެންގެ ހިތުތެރޭ ނުލަފާ ހުނުމެއް އުފައްދާލި ކަހަލައެވެ.
ވަފާ އަހަރެންގެ އަތުގައި ހިފާލުމަށްފަހު ހިތްހެޔޮ ކަމާއެކު އޭނާގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިއަށް ވަނެވެ. ހުދުކުލައިގެ ފާރުތަކުގައި އަޅާފައިވާ ކަޅު ފަރުމާތައް ރީތިވެފައި ޗާލެވެ. އެނދުގައި ކަޅު ކުލައިގެ ބެޑްޝީޓެއް އަޅާފައި އޮތްއިރު ބޯ ބްލޭންކެޓްއާއި ބާލީސްތައްވެސް ހުރީ ކަޅު ކުލައިގައެވެ. ބަލާލަން ހިތްގައިމެވެ.
އަހަރެން އެނދުގައި ބޭންދުމަށްފަހު ވަފާ އަހަރެންގެ ބީރައްޓެހިކަން ފިލުވަން އުޅެންފެށިއެވެ. އެކިއެކި މަޖާ ވާހަކަތަކާއި ކުޑައިރު އުޅުނު ގޮތަށް ދާންދެން އޭނާ ކިޔެވެ. އަހަރެންވެސް އޭނާގެ ސަކަރާތުގައި ބައިވެރިވެ ހީނ ހެދީމެވެ. އިރުކޮޅެއްފަހުން އަފްރާއާއި އަރާޔާ ވަދެގެން އައެވެ. އެދެމީހުން އަހަރެންނަށް ލާނެ ރީތި އަންނައުނުކޮޅެއް ދިނެވެ. އަހަރެންނާއި ވަފާގެ ސަކަރާތުގައި ބައިވެރިވެ އެދެމީހުންވެސް ދެފައި އޮޅައިލައިގެން އިށީނެވެ.
“އެހެންވީމަ ކިއަރާ އަތުއަޅުވާލަން ދޯ މިގެއަށް ގެނައީ؟” ދިމާކުރާ ރާގަކަށް އަރީން ފުރަގަސް ޖަހައިގެން ހުރި އަދުހަމްއަށް އިއްވާލިއެވެ.
“އަހަންނެއް ނުބުނާނަން ވަކި ތިހެންވެއެކޭ. އަތުއަޅުވާލާކަށް ނޫން. އެކަމުވެސް ކިއަރާ ހާދަ ރީއްޗޭ” އަދުހަމް ހުރީ ރެއިލިންގައި ހިފަހައްޓާލައިގެން އުޑަށް ނަޒަރުދީގެންނެވެ. ކިއަރާއަކީ އެއްވެސް އަދީބަކަށް ސިފަކޮށްދެވޭނެ ވަރުގެ ކުއްޖެއް ނޫނެވެ. އޭނާއަކީ އެއަށްވުރެ މާ ފުރިހަމަ ކުއްޖެކެވެ. ކަކުލާ ހިސާބަށް އިސްކޮޅު ފޯރާ ވަރުގަދަ ފަން އިސްތަށިގަނޑު ވިހުރިލާއިރު ނަލަކަން އަދި އެތައް ހާސް ގުނައެއް އިތުރުކުރުވައެވެ. ލަސްލަހުން ކަޅި ޖަހާލާ އިރުވެސް އެސްފިޔަތައް ހިމޭން ޒާތަކަށް ނަށާ މަންޒަރު ފެންނަ މީހަކު މޮޔަކޮށްލައެވެ. އެންމެ ފުރަތަމަވެސް ކިއަރާއާއި ހަތަރުކަޅި ހަމަވުމުން ވީ ގޮތް ބަޔާންކޮށްދޭން އަމިއްލަ މީހާއަށްވެސް ވެފައިވަނީ އުނދަގޫ ކަމަކަށެވެ. ކިއަރާގެ ހަނދާންތަކުގައި އަދުހަމް ގެނބެމުންދިޔަ ބާރުމިނުގެ ސަބަބުން އަރީން ދައްކަމުން ދިޔަ ވާހަކަ އެއްގޮތަކަށްވެސް އޭނާއަށް އިވޭކަމަކަށް ނުވިއެވެ.
“ބްރޯ!” އަރީން ފަހަތުން އައިސް އަދުހަމްގެ ކޮނޑުގައި ޖަހާލިއެވެ. ކުޑަ ސިހުމަކާއެކު އަދުހަމް އެނބުރުނެވެ. އަރީން އެއްބުމަ އަރުވާލުމުން އަދުހަމް އިސްޖަހާލާ ބޮލުގެ އިސްތަށިތަކާއި ކުޅެލިއެވެ. އޭރުވެސް އޭނާގެ ހިތުގައި ކުރެހެމުން ދިޔަ ކިއަރާގެ ސޫރައިގެ ސަބަބުން އަދުހަމްގެ ތުންފަތުގައި ހިނިތުންވުމެއްވިއެވެ.
ވަފާމެން ނިދަން ދަނީކަމަށް ބުނެ ރޭގަނޑުގެ ސަލާން ކުރުމަށްފަހު ނިކުތުމުން އަހަރެން ގޮސް ދޮރު ތަޅުލީމެވެ. އަރާޔާ ހަދިޔާކުރި ހެދުންތަކުގެ ތެރެއިން ރަތްކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ގަޔަށް މަހާލީމެވެ. ޑްރެސިން ޓޭބަލް ކުރިމަތީ އިން ގޮނޑީގައި އިށީނުމަށްފަހު އަހަރެން އަމިއްލަ ނަފްސަށް ބަލާލީމެވެ. ހަބީބް އެފަދަ ކަމެއް ކުރީތީވެ އޭނާގެ ދަރިންނަށް ސަޒާދިނުން ހައްގުބާއެވެ؟ އަފްރާމެން ހާދަ ރަނގަޅެވެ. އެކަމަކު އަހަރެންގެ ފުރާނަ ފަދަ ބައްޕައެވެ. ބައްޕަދެކެ އަހަރެން ނުހަނު ލޯބިވެއެވެ. ހަމަހިލާ ބައްޕަގެ ހައްގު ނުހޯދަދީ އަހަންނަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ހިޔާލުތަކުގައި އިނދެ އަހަރެންގެ ބޯ ހާސްވާގޮތްވިއެވެ. ބޮލުގައި އަތްއަޅާލައިގެން އިރުކޮޅަކު އިނީމެވެ. ހަބީބް ހޯދަންވީއެވެ. އޭނާގެ ވަސްވެސް ފިލުވާލަންވީއެވެ. އެކަމަކު އެގޮތަށް ކަންތައްކުރުމުން އަރާޔާމެންނަށް ހިތާމައަކާ ކުރިމަތިލާން ޖެހިއްޖިއްޔާ ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ ކުށެއް ނެތް ބަޔަކަށް ގެއްލުމެއް ދިނުމީ އަހަރެންގެ ޠަބިއްޔަތުގައިވާ ކަމެއް ނޫނެވެ. އެއަށްވުރެ އަހަރެންގެ ހިތް ބަލިކަމަށް ޚުދު އަހަރެންވެސް ގަބޫލުކުރަމެވެ.
ބޮލަށް ކުޅަދާނަނުވާ ވަރަށް ފިކުރުތައް އައިސް އަހަރެންގެ ސިކުނޑި ވަށާލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މޭޒުމަތީ އޮތް ފުނާ ނެގުމަށްފަހު ބޮލުގައި އަޅަން ފެށީމެވެ. ވޫލުކޮޅަކުން އެއްފަރާތަށް އިސްތަށިގަނޑު ހަރުކޮށްލުމަށްފަހު ބޮލުތެރޭ އެނބުރެމުން ދިޔަ ވަސްވާސްތައް ފައްސާލުމަށްޓަކައި އަހަރެން އެނދަށް އަރާ ނިދޭތޯ ބެލީމެވެ.
ކިއަރާ ގުދުވެލާ އަދުހަމްއާއި ގާތްވެލިއެވެ. ކިއަރާގެ އަތުން އަދުހަމްގެ މޫނުގައި ބީހިލީމާވެސް އޭނާއަށްވީ ބުނަންނޭނގޭފަދަ އަރާމެކެވެ. ކިއަރާ އަދުހަމްގެ މޫނުގައި ހިފަހައްޓާލުމަށްފަހު ހީލިއެވެ. ހިތް ދިޔައީ ފޮޅިގެންނެވެ. ކިއަރާގެ ނަލަ ހަރަކާތްތަކަށް ގެއްލިފައި އަދުހަމް އޮތެވެ. އެގޮތުގައި އެތައް އިރެއް ހޭދަވެގެން ދިޔަ އިރުވެސް އަދުހަމްގެ ފަރާތުން ފޫހިކަމެއް ނުފެނެއެވެ. އޭނާ ކިތަންމެ އިރަކު އެހެން އޮންނަން ޖެހުނަސް އޮންނާނެކަމުގެ ޔަގީންކަން ދީގެން އޮތް ކަހަލައެވެ. ކުއްލިއަކަށް ކިއަރާ އަދުހަމްގެ ކަންފަތްމައްޗަށް ހޫނު އެތިފަހަރެއް ވީއްލާލިއެވެ. އަދުހަމް ކަންފަތުގައި އަތް އަޅާލަމުން ސުވާލު އުފެދިފައިވާ ގޮތަކަށް ހުރެ ކިއަރާއާއި ދިމާލަށް ބަލާލިއެވެ. ސިކުންތު ކަށި އެނބުރެމުން ދިޔަ ވަރަކަށް ކިއަރާގެ ސިފަ ބަދަލުވަމުންދިޔައީ އަރީންއަށެވެ.
“ކޮން ހުވަފެނެއް ފެނުނީ؟ ދެން ފަހަރަކު މިއަށްވުރެ ވަރުގަދަ އެތިފަހަރެއް ވީއްލާނީ. ހިނގާ ދާން ސައިބޯން. ކިހާ އިރެއް ވެއްޖެ ގޮވާތާ” އަރީން ހިތްހަމަނުޖެހުމުގެ ރާގަކަށް އަދުހަމްއާއި މުހާތަބު ކުރުމަށްފަހު ނިކުމެގެން ދިޔައެވެ. އަމިއްލައަށް ބޮލުގައި ޓައްކެއް ޖެހުމަށްފަހު އަމިއްލަ ނަފްސަށް މަލާމާތް ކުރަމުން އަދުހަމް ބޯ ހޫރާލިއެވެ.
އަދުހަމް ފާހާނާއަށް ވަދެ މާގަނޑު ދޫކޮށްލުމާއެކު ފެންތިކިތައް އޮހިގަތެވެ. އޭނާގެ ގައިގައި ފެންތިކިތައް ފިރުކިފައި މުށްޓާއި ދިމާލަށް މިސްރާބުޖަހަމުން ދިޔައިރު ކުރެވެމުންދިޔައީ ފިނި އިހުސާސެކެވެ. އެވަގުތުވެސް އޭނާގެ ހަނދާނަށް އައީ ކިއަރާއެވެ. ފެނުނު އެންމެ ފުރަތަމަ ދުވަހުވެސް އޭނާގެ ސަމާލުކަން ކިއަރާ ދަމައިގަތީ ހުށިޔާރުކަމާއެކުއެވެ. އަދުހަމް މުށި ޖަހާފައި ހުރި ފާރުގައި ބޯ ޖައްސާލިއެވެ. މަޑުމަޑުން ދެލޯ މަރާލާ ކިއަރާގެ ސޫރަ ހިތަށް ގެންނަން އެތަކެއް އިރެއް ވަންދެން ހުއްޓެވެ.
“ކިއަރާ، ދޮންބެއަށް ގޮވާލަދީފާނަންތަ؟ ހާދަ ލަސްވެއްޖޭ” އަފްރާ ތަށިތައް ގެނެސް ސުފުރާމަތި ތައްޔާރުކުރަމުން ކިއަރާ ގާތު ބުންޏެވެ. މަޑުމަޑުން ބޯ ޖަހާލުމަށްފަހު ކިއަރާ އަދުހަމްގެ ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ.
ދޮރުގައި ޓަކިޖަހާ އަޑު އިވުމާއެކު އަދުހަމް ވަންނާށޭ ގޮވާލިއެވެ. ތަޅު އަނބުރާލި އަޑާއެކު ދޮރު ހުޅުވުމަށްފަހު އެތެރެއަށް ކިއަރާ ވަންތަން ފެނުމުން އަދުހަމްގެ މޫނުމައްޗަށް އުޖާލާކަން ވެރިވިއެވެ. ދިގު އިސްތަށިގަނޑު ހުޅިއެއް ޖަހާ ހަރުކޮށްލާފައި އިން އިރު ދެތިން އިސްތަށިކޮޅު ދޮން މޫނުގައި ބީހެމުން ދިޔަ މަންޒަރު އަދުހަމްއަށް ކަމުދިޔައެވެ. ރަތްކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްގައި ކިއަރާ ފެންނަލެއް ހިތްގައިމުވެފައި ޗާލެވެ. ހިތާހިތުން އަދުހަމް ކިއަރާއަށް ތައުރީފުކުރަމުން ދިޔައެވެ.
އަދުހަމް އަހަރެންނާއި ދިމާލަށް ހިނިތުންވެހުރެ ބަލަމުން ދިޔައެވެ. އަހަރެންވެސް ރައްދުގައި ހިނިތުންވުމެއް ހަދިޔާ ކުރީމެވެ. އަފްރާ ބުނެގެން އަދުހަމް ލަސްވާތީ ބަލާލަން އައީކަމަށްބުނެ އަވަސްކުރައްޗޭ ބުނެފައި އަހަރެން ބޭރަށް ނުކުތުމަށް އެނބުރުނީމެވެ.
“ކިއަރާ. މަޑުކޮށްލަންވީނު އަހަރެން ތައްޔާރުވެ ނިމެންދެން؟” އަދުހަމްގެ މަޤްސަދަކީ އަހަރެން ގިނަ ވަގުތު އޭނާއާއި އެކު ހޭދަކުރުންހެން ހީވާކަހަލައެވެ. އަހަރެން ބޯ ޖަހާލުމަށްފަހު އެތެރެއަށް ވަދެ ދޮރު ޖެހީމެވެ. ހޭދަވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ.
“ވާހަކައެއް އަހަންތަ؟” އަދުހަމް ހިމޭންކަން ނަގާލުމަށްފަހު ކިއަރާއާއި މުހާތަބުކުރިއެވެ. ވަކިއެއްޗެކޭ ނުބުނެ ކިއަރާ މަޑުމަޑުން ބޯ ޖަހާލި މަންޒަރު ފެނިފައި އަދުހަމް ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ކިއަރާ ކުއްޖަކާ ރައްޓެހިވެގެންތަ އުޅެނީ؟” އަދުހަމް ކިއަރާއާއި ހަތަރުކަޅި ހަމަ ކޮށްގެން ހުރުމަށްފަހު ދުރު ބަލާލަމުން އަހާލިއެވެ.
އަދުހަމް ކުރި ސުވާލުން އަހަރެން ކުޑަކޮށް ހައިރާންވެސްވިއެވެ. އެކަމަކު އަހަރެންގެ ބޮލުގައި އެޅިފައި އޮތް ‘ޒިންމާ’ މަތިން އަނެއްކާވެސް ހަނދާންކޮށްލީމެވެ. އަދުހަމް އަހަރެންނަށް ކުރާ ތައުރީފުތައް ވަފާމެން ހީހީފައި އަހަރެންގެ ގާތުގައި ދައްކައެވެ. އަދުހަމް އަހަރެންނާއި ހެދި މޮޔަވެފައި ހުރުމީ ރަނގަޅު ފާލެއް ކަމުގައި އަހަރެންނަށް ދެކެވުނެވެ. ފަހަރުގައި އަދުހަމްގެ ބޯ ކާލާ ހަބީބްގެ މައުލޫމާތުވެސް އެއްކުރެވުން ގާތެވެ. އަނެއްކޮޅުން ހަބީބް ނިކަމެތިކޮށްލަން އަދުހަމްގެ ބޭނުންވެސް ކުރަން ޖެހިދާނެކަމަށް އަހަރެންނަށް ވިސްނުނެވެ. ވަރިހަމަ ކަމަށް ނިންމީމެވެ.
“ކުއްޖަކާ ރައްޓެހިވެގެން އުޅޭނަމަ މަގުމަތިވެފަ ނީންނާނެއެއްނު؟ ދެން އަދުހަމް ދައްކާ ވާހަކަ” ރަކި ހުނުމަކާއެކު އަހަރެން އަދުހަމްއަށް ބަލަން އިނދެ ބުނީމެވެ.
“އަހަރެންނަށް އިނގޭ މިހާ އަވަހަށް މިވާހަކަ ބުނީމަ ކިއަރާއަށް ގަބޫލުކުރަން ދަތިވާނެކަން” އަދުހަމް ފުނާ އަޅާލަމުން ކިއަރާއަށް ލޯގަނޑުން ބަލާލިއެވެ.
“ބުނީމައެއްނު އިނގޭނީވެސް؟” ކިއަރާ ރަކިކޮށް އަދުހަމްއާއި ދިމާލަށް ބަލަން އިނެވެ.
“ކިއަރާއަށް އަދުހަމް ކަމުދޭތަ؟ އަހަރެން ބޭނުންވޭ ކިއަރާ އަހަރެންގެ މީހަކަށް ހަދަން. ހީވެދާނެ ހާދަ އަވަހަށޭވެސް. އެކަމަކު އަހަރެން ބޭނުމެއްނޫން ކިއަރާ ގެއްލޭކަށް” އަދުހަމް ޑްރެސިން ޓޭބަލްގައި އަތް އަޅުވާލާ ގުދުވެލުމަށްފަހު ކިއަރާއަށް ބަލަމުން އިނދެ އަމުނާލިއެވެ.
ހީކުރި ވަރަށްވުރެ އަވަހަށް އަހަރެން ޖެހި ދަލުގައި އަދުހަމް ޖެހުނީތީވެ ހައިރާންވެވުނެވެ. އެކަމުވެސް އަދުހަމް އަހަރެން ގާތު އެވާހަކަ އެހުމުން އަހަރެން ނިންމީ ރުހޭށެވެ. އެއީ އަހަރެންގެ ހިތުގައި އޭނާއަށްޓަކައި ހަހަރުވެތި އިހުސާސްތަކެއް ވާތީއެއް ނޫނެވެ. ހަބީބްއާއި ފަސޭހައިން ބައްދަލުވެ ކުޅޭ ކުޅިގަނޑު ކުޅެން ފަހިވާނެތީއެވެ.
“ގެއްލެން ބޭނުން ނޫނޭ ތިބުނީ، އަހަރެން ރުހޭށޭތަ؟” މައުސޫމުކަމާއެކު ރަކިވެލަމުން އަހަރެން އަދުހަމްގެ ދެލޮލަށް ބަލާލަމުން ވާހަކަދެއްކީމެވެ.
“ކިއަރާ ބޭނުން ގޮތެއް. އަދުހަމް މަޖުބޫރެއް ނުކުރާނަން” ކިއަރާ ކާމިޔާބު ވަނީކަމަށް އަދުހަމްގެ ހިއްސުތައް އޭނާއަށް ސިގުނަލް ދޭން ފަށައިފިއެވެ. ވަތްގަނޑު ދަމާލުމަށްފަހު އަދުހަމް ރަން އަނގޮޓިއެއް ނަގާ މުށުތެރެއަށް ލާ ތައްޔާރުވެލިއެވެ. ކިއަރާގެ މޫނަށް ބަލަން ހުރިއިރު އޭނާ ކެތްތެރިކަމެއް ނެތި ކިއަރާގެ އޮމާން އަޑުން އާނއެކޭ ބުނާ އަޑު އިވޭތޯ އިންތިޒާރުކުރަމުން ދިޔައެވެ.
8 Comments!
Comments are closed.
Mi baives v reethi. Keep it up?. Waiting 4 part 3
Thankyou.. IA varah avahah 3 up kuraanan❤️
Vrh rythi.. keep t up ♥️
♥️♥️
Vrh salhi story❤
Thankyou❤️
Mi baives vrh reethi waiting for nxt prt
Thankyou