
ދަރިފުޅު-3
“ޓޮއް ޓޮއް.” ކޮޓަރީގައި ޓަކި ދިންތާ ފަސް ވަރަކަށް މިނިޓު ތެރޭ ދޮރުހުޅުވިއެވެ. ޒައިބާގެ ލޯ ވަނީ ރޮއެރޮއެ ރަތް ވެފައެވެ. އަސްމާ ފެނުމުން ރުޅިވެރިކަން އިސްކުރި އެއްކަމަކު، ޒައިބާ ރޮއެފައި ހުރިކަން އަސްމާ އަކައް ސިއްރެއް ނުވިއެވެ. “އަ.. އާދޭ ކ.. ކާން” ޒައިބާގެ ލޯ ރަތްވެފަ ހުރިތަން ފެނިފައި ކުރި އަސަރެއްގެ ބޮޑު ކަމުން އަސްމާގެ އަޑު ނުކުތީ ކެނޑިކެނޑި ގެންނެވެ. “ހުމް..މް.. މިދަނީ..” ބަނޑުހައި ވެފައި ހުރުމުގެ ސަބަބުން ޒައިބާ ވަރަށް ފަސޭހައިން ދާން އެއްބަސްވެއްޖެއެވެ. ކިތަންމެ މަޑުން ބުނި ކަމުގައި ވިޔަސް ޒައިބާގެ އަޑު ކުރެކިފައި ހުރިކަން އަސްމާއަށް ފާހަގަވިއެވެ. ކާން އިންއިރު ދެމީމުން ދެމެދަށް ވެރިވެފައި ވަނީ މަރުފަދަ ހިމޭން ކަމެކެވެ. އެހިމޭންކަން ފޫއަޅުވާލައި ޒައިބާ ވާހަކަ ދައްކަން ފެށިއެވެ.
***********
“މަންމާ.. މީތި ހާދަ ކުޅިގަދަ އޭ” ހަނާކޮށްފައި ހުރި ތަރުކާރީކޮޅައް އިޝާރާތް ކޮއްލަމުން ޒައިބާ ބުންޏެވެ. “މަންމައަށް ރަހަނުބަލަ ތަންކޮޅެއް ގިނައިން މިރުސްލެވުނީ” “ހުމްމް.. އޯކޭ ވާނެ” ޒައިބާ ތަށީގައި ހުރި ތަރުކާރީ ކޮޅު ނަގައި ދީފައި އަސްމާ ޒައިބާއަށް ރީތި ވަޅޯ މަސް ކޮޅެއް ލިޔެދިނެވެ. އިތުރު ބަހެއް ނުކިޔާ ކައިގެން ޒައިބާ ދިޔައެވެެ.
އެދުވަހުގެ ފަހުން ޒައިބާ އަސްމާ އާ ވާހަކަ ދައްކަނީ ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ބުނެލުމަށެވެ. މިކަމާ އަސްމާ ހުންނަނީ ހިތުގައި ޖެހިފައެވެ. އަސްމާ ޒައިބާ އާ ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ. ނަމަވެސް ޒައިބާއަށް މީހަކު ކައިރީ ހުރެގެން އެއްޗެއް ކިޔާހެން ހީނުވާކަހަލައެވެ.
ޒައިބާގެ ކަމަކީ އެކަނިވާ ވަގުތުތަކުގައި އޭނާގެ ބައްޕަ މަތިން ހަނދާން ކޮށްކޮށްފައި ރުއިމެވެ. އަސްމާގެ ކަމަކީ ޒައިބާ އުޅޭގޮތުންނާއި ހީނަރު ވެފައިވާ އެމީހުންގެ ގުޅުމާ މެދު ވިސްނަ ވިސްނާފައި ރުއިމެވެ.
އާދައިގެ މަތިން ދުވަހެކެވެ. އުލްފާ އެގެއަށް ދިޔައީ މިރުހެއް ބަލައެވެ. ނަމަވެސް ގޭތެރޭގައިވާ ހަމަހިމޭންކަން ފެނި އޭނާއަށް ކޮންމެސް ކަމެއް ގޯސް ވެގެން އުޅޭކަމުގެ ހިލަމެއްވިއެވެ. އުލްފާއަށް ނޭނގުނު ކަމަކީ ވެގެން އުޅޭ ގޮތެވެ. އުލްފާ ގޮސް އަސްމާގެ ކޮޓަރީގައި ޓަކި ދޭން އަތް އުފުލާލިއެވެ. އެވަގުތުވީ ކޮޓަރީގެ ދޮރު ހުޅުވާލާފައި އަސްމާ ނުކުތްވަގުތަށެވެ. “އަނހާ އުލްފާ.. ހާދަ ދުވަސް ކޮށްލާފަ؟” އުލްފާ ފެނުމުން ހިނިތުން ވެލަމުން އަސްމާ އަހާލިއެވެ. “އާން މަންމަ ބަލިވެ އުޅޭތި ނާދެވެނީ.. މިރުސް އެބަހުރިތަ؟ މިރުހެއް ބަލައި މި އައީ” އަސްމާ އެގެއައް އައި ބޭނުން ހާމަކޮއްލިއެވެ. “އާން އެބަހުރި.. އުލްފާ ބޭނުން މިރުހެއް ނަގަންވީ ހަމަ.. ދައްތައަށް ކިހިނެތް ވީ ބަލިވީ؟” “މިހާރު ރަށުތެރޭ މިއުޅޭ ރޯގާގަނޑު ލައްވާލީ” އުލްފާ އޭނާގެ މަންމައަށް ވީގޮތް އޮޅުންފިލުވާދިނެވެ. “އެހެން؟” “އާން.. ތި ރޯގާގަނޑެއް ޖެހުން ފަހުން މަންމަ ގައިގަ އެވެސް ވަރަކަށް ވަރެއް ނުހުރޭ” މިރުހެއް ނަގަމުން އުލްފާ ބުންޏެވެ. “މިހާރު މެންދުރަށް ކައްކައިފިންތަ؟” “އާން ކައްކާފަ އެތެރެއަށް ވަދެލާފަ މި ނުކުތީ” އުލްފާ ކުރި ސުވާލައް ޖަވާބުދިންތަނާ ޒައިބާ ނުކުތެވެ.
“މަންމާ.. އަޅުގަނޑު ވަރަށް ބަނޑުހައި..” ބަނޑުގައި އަތް ޖައްސާލަމުން ޒައިބާ ބުންޏެވެ. އަސްމާދެކެ ޒައިބާ ރުޅިއައެއް ކަމަކު އަސްމާއަށް ގަދަރު ކުޑަވާ ގޮތަކައް ޒައިބާއެއް ވާހަކައެއް ނުދައްކައެވެ. “އާދޭ ކާން” އަސްމާ ޒައިބާ ކައިރީ ކާން އަންނަން ބުންޏެވެ. “އަހަރެން މިދިޔައީ ދެން..” އުލްފާ ނިކުމެގެން ދިއުމުން އަސްމާ ޒައިބާއަށް ކާން ހަދައިދިނެވެ.
“އަސްލު ކިހިނެތްތަވީ؟” އުލްފާ އާއި އަސްމާ ތިބީ އަސްމާމެންގޭ ސިޓިންރޫމުގައެވެ. “ޒައިބާ އަހަން ފެށީ އޭނާގެ ބައްޕައާ ބެހޭގޮތުން.. ވަރަށް ގިނައިން އަހާނެ.. ދެން އަބަދު އަބަދު އަހާތި އަހަރެންނަށް ހަގީގަތް ހާމަކުރެވުނީ.. މިހާރު ހިތަށް އަރާ އަދިވެސް ހަގީގަތް ފޮރުވާފަ ބޭއްވުން ނަމައޭ..” އަސްމާ އިސްޖަހާލަމުން ވީގޮތް ކުރު ގޮތަކަށް ކިޔާލަދިނެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ޒައިބާއަށް ތޭރަ އަހަރު ފުރިއްޖެވެ. މިހާރު ޒައިބާ އަސްމާއާ މެދު ދެކޭ ނަޒަރިއްޔާތު ވަނީ މަޑުމަޑުން ބަދަލުވާން ފަށާފައެވެ. ނަމަވެސް މިކަން އަސްމާއަކަށް ނޭނގެއެވެ.
އާދައިގެ މަތިން ދުވަހެކެވެ. އަސްމާ ޒައިބާ ގޮވައިގެން ފިހާރަޔަކައް ދިޔައީ ޒައިބާއަށް ބޭނުންވާ ބައެއް ތަކެތި ގަނެދިނުމަށެވެ. ބައިގަޑިއިރެއް ހާއިރުގެ ބާޒާރު ކުރުމަށްފަހު އެދެމައިން ގެއައް ދާން މިސްރާބު ޖެހިއެވެ. ޒައިބާ ތަންކޮޅެއް އަވަހަށް ފިހާރައިން ނުކުތެވެ. އެވަގުތު ބާރު ސުޕީޑުގައި ސައިކަލެއް އެ އަންނަނީ ޒައިބާ އާދިމާއަށެވެ. އަސްމާއަށް ފިހާރައިން ނުކުމެވުނީ އެދަނޑި ވަޅުގައެވެ. ފެނުނު މަންޒަރުން އަސްމާގެ ބޮލަށް އުޑު ވެއްޓުން ކަހަލަ އިހުސާސެއް ކުރެވުނެވެ. “ދަރިފުޅާ….!” އަޑުގެ ނެއްތަނައް އަސްމާ ހަޅޭލަވައި ގަތެވެ. އަސްމާގެ އަޑައް ޒައިބާ ފަސް އެނބުރި ބަލާލިއެވެ. އެވަގުތު ބާރު ސުޕީޑުގައި އަންނަމުން ދިޔަ ސައިކަލު ޒައިބާއަށް ފެނުނެވެ. ޒައިބާއަށް ވަގުތުން ހަޅޭލަވައި ގަނެވި ދެލޯ ބޮޑު ކޮއްލެވުނެވެ. އަސްމާ ބަލާކަށް ނުހުރެ ޒައިބާއާ ދިމާއަށް ދުއްވައި ގަތެވެ.
(ނުނިމޭ)
4 Comments!
Comments are closed.
O god v curious hisaabakun thi ninmaaly.. next prt ah v inthixaaru kurevey..
Thank you samra
Varah curious kohlaafa thi ninmaaly…btw varah varah reethi mi part vx….waiting for the nxt part…
Thank you kairaa