Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަޅު ބުޅާ

Destiny Level 1
January 24, 2015 10 Mins Read
3 Comments

ފެންވަރައި ނިމިގެން ނަހުމާ އައިސް ޑްރެސިންގ ޓޭބަލްގެ ކުރިމައްޗަށް ހުއްޓިލިއެވެ. އޭރު ނަހުމާ އިނީ ނަހުމާ އަތުގައި އޮތް އެންމެ ރީތި ހެދުން ލައިގެނެވެ. ދެން މަޑުމަޑުން ލޯގަނޑުން މޫނު ބަލާލިއެވެ. އެއަށްފަހު އިސްތަށިގަނޑުން ފެން ހިއްކާލިއެވެ. ބޯއޮމާންކޮށްލިއެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ނަހުމާ ހާލާކީއެވެ. މޫނު އޮމާން ކޮށްލިއެވެ. ދެން މަޑުމަޑުން ލޯގަނޑުން މޫނުބަލާލިއެވެ. ނަހުމާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. މޭކަޕްކޮށްލުމުން ނަހުމާގެ ރީތިކަން އިތުރަށް ފުރިހަމަވީމައެވެ. ނަހުމާ އަކީ އަބަދުވެސް ރީތިކަމަށް ލޯބިކުރާ އަންހެން ކުއްޖެކެވެ.

ކޮނޑުގައި އަތްދަބަސް އަޅުވާލައިގެން، އަތުން ފައިލެއް ހިފައިގެން ނަހުމާ ގެއިން ބޭރަށް ނިކުތެވެ. ނަހުމާ ގަޑިއަށް ބަލާލިއެވެ. ނުވަގަޑި ބައިވާން ފަނަރަ މިނިޓަށް ވަނީއެވެ. ދެން ގުޅާލީ ޓެކްސީއަކަށެވެ. ހުރިހާ ސެންޓަރުތަކެއް ބިޒީއެވެ. ނަހުމާ ގާތަށް ކުޑަކޮށް ރުޅިވެސް އައެވެ. ގަޑިޖެހިގެން އިންޓަރވިއުއަށް ދިއުމަކީ ނަހުމާ ހިތްހަމަޖެހޭ ގޮތެއް ނޫނެވެ. ނަހުމާއަށް އިންޓަރވިއުއަށް ފުރުޞަތުވެސް ލިބުނީ ވަރަށް ވަރުންނެވެ. މިޒަމާނުގައި ވަޒީފާއެއް ހޯދަން ކުރަންޖެހޭ ބުރަ މަސައްކަތް ނަހުމާވެސް ހަނދާންހުރެއެވެ. ނަހުމާ ދެވަނަ ފަހަރަށް ޓެކްސީއަކަށް ގުޅާލިއެވެ. ނަޞީބަކުން މިފަހަރު ނަހުމާއަށް ގުޅުނެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭގައި ޓެކްސީ އައިސް ނަހުމާގެ ގޭގެ ކައިރީގައި މަޑުކޮށްލިއެވެ. ނަހުމާ ގޮސް ޓެކްސީއަށް އެރިއެވެ. އެރުމަށްފަހު ދާންވާތަން ބުނެލިއެވެ. ނަހުމާ ގަޑިއަށް ބަލާލިއެވެ. ނުވަގަޑި ބައިވާން ފަސް މިނިޓަށްވަނީއެވެ.

” ތަންކޮޅެއް އަވަހަށް ދެވޭތޯ ބަލައްޗޭ؟” ގަޑިއަށް ބަލާލަމުން ނަހުމާ ބުނެލިއެވެ.

” މީމާލެ. މިތާގައި ދުއްވޭނީ މިތާ ދުއްވޭވަރަށް. ބުރަކިން ފައި ނައްޓާލައިގެން ކާރުދުއްވާލަން ލިބޭނީ އެންމެ ފަސް ސިކުންތު. ބޭނުންހާ އަވަހަކަށް ނުދެވޭނެ!” ޓެކްސީ ޑްރައިވަރ ބުނެލިއެވެ.

ކާރު ގޮސް އައި.ސީ.އެޗް އޮފީސް ކުރިމަތީގައި ޕާރކްކޮށްލިއެވެ. ނަހުމާ ކާރުފައިބައިގެން އެ އޮފީހާއި ދިމާލަށް ހިނގައިގަތެވެ. ނަހުމާގެ ހިތަށް އެރިއެވެ. ކިހިނެއް ވާނެހެއްޔެވެ؟ ނަހުމާގެ ޙަޔާތުގައި މިއަދަކީ ވަރަށް މުޙިންމު ދުވަހެކެވެ. ނަހުމާގެ މުސްތަޤްބަލް ބިނާވެގެން ވަނީ މި އިންޓަރވިއު ނިމޭގޮތެއްގެ މައްޗަށެވެ. ނަހުމާ އަކީ ޓްރެވަލް އެންޑް ޓްރައިރަމްގެ ދާއިރާއިން ކޯހެއް ހަދާފައިވާ އަންހެން ކުއްޖެކެވެ. އެދާއިރާއިން އެންމެ ކުރިއަށް ދިއުމަކީ ނަހުމާ އަބަދުވެސް ކުރާ އުންމީދެކެވެ.

އޮފީހުގެ ދޮރުން އެތެރެއަށް ވަނުމަށްފަހު، ނަހުމާ ބަލާލިއެވެ. ލޮބީގައި އިށީދެގެން ތިބީ މުޅިންވެސް އިންޓަރވިއުއަށް އައިސްތިބި ކުދިންނެވެ. ގާތްގަޑަކަށް ފަންސަވީސް ކުދިން އެތަނުގައި ތިބޭނެއެވެ. ނަހުމާ ގޮސް އެތަނުން ގޮޑިއެއްގައި އިށީނެވެ. ދެން ފަހަރަކު ކުއްޖަކާއި ދިމާލަށް ބަލާލިއެވެ. މޫނު މައްޗަށް ހިނިތުންވުމެއް ގެނެސްގެން ނަހުމާ މަޑުމަޑުން އިނެވެ. ނަހުމާގެ ހިތަށް އެރިއެވެ. މިފަހަރުގެ އިންޓަރވިއުއިން ކިހިނެއް ވާނެހެއްޔެވެ؟ ދެގޮތުން ކުރެ އެއްގޮތެއްވާނެކަން ނަހުމާއަށް އިނގެއެވެ. ކާމިޔާބު ނޫނީ ނާކާމިޔާބެވެ. އެހެން ނަމަވެސް މިފަހަރުގެ އިންޓަރވިއު ކާމިޔާބު ކުރުމަކީ ނަހުމާއަށް ވަރަށް މުޙިންމުކަމެކެވެ.

ކުޑައިރުކޮޅެއްފަހުން ނަހުމާއަށް އިންޓަރވިއު ހޯލަށް ވަނުމަށް އެންގިއެވެ. ނަހުމާ މަޑުމަޑުން ހިނގައިގަތެވެ. ގޮސް ދޮރު ހުޅުވާލިއެވެ. ދެން މަޑުމަޑުން އެތެރެއަށް ވަނެވެ. އޮފީހުގެ ހައިބަތަށް ބަލާއިރު، އިންޓަރވިއު ރޫމްގައި ވަރަށް ގިނަ މީހުން ތިބޭނެކަމަށް ނަހުމާ ހީކުރިއެވެ. އެކަމަކު އެހެނެއް ނުވިއެވެ. އެބޮޑު ރޫމްގެ ދިގު މޭޒުގެ އެއްކޮޅުގައި އިނީ އެންމެ މީހެކެވެ. ނަހުމާ މަޑުމަޑުން ގޮސް ގޮޑީގައި އިށީނެވެ.

” މީ އަޝްރަފް. މިއޮފީހުގެ ޖީ.އެމް. ތީ ނަހުމާ ދޯ.” ލުއިހިނިތުން ވުމަކާއި އެކު އަޝްރަފް ނަހުމާއަށް ބުނެލިއެވެ.

” އާދެ.” ނަހުމާ ބުނެލިއެވެ.

” މީ ވަރަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެއް. ބޮޑަށް ސަމާލްކަން މިދެނީ ޓްރެވަލް އެންޑް ޓްއަރިޒަމަށް. މިތަނުގައި މަސައްކަތް ކުރާނީ ވަރަށް ކޮލިޓީ ސްޓާފުން. ޚިދުމަތުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށްޓަކައި ޤާބިލް ސްޓާފުންނަކީ ވަރަށް މުޙިންމު ބައެއް.” އަޝްރަފް ކިޔައިދެމުން ގެންދިޔައެވެ.

” އަޅުގަނޑަށް އިނގޭ ތިކަން. ނޫންނަމަ، މިހާ ވާދަވެރި މާރކެޓެއްގައި ތިބޭފުޅުންނަށް ކާމިޔާބުކަމާއިއެކު މިވީ ފަސްއަހަރު ދުވަހު ވާދައެއް ނުކުރެވޭނެ. މިހިރީ އަޅުގަނޑުގެ ސެޓްފިކެޓްތައް.” ސެޓްފިކެޓްތައް ދިއްކޮށްލަމުން ނަހުމާ ބުނެލިއެވެ.

” ނަހުމާގެ މޫނަށް ބަލާލުމުންވެސް އިނގޭ ނަހުމާ އަކީ ވަރަށް ޤާބިލް ކުއްޖެއްކަން. އަނެއްކޮޅުން މިމަޤާމުގައި މިހާގެ އެޕިއަރެސްވެސް ވަރަށް މުޙިންމު. ނަހުމާ އެހުރިހާ ކަމަކަށް ޝަރުތު ހަމަވޭ.” އަޝްރަފް ބުނެލިއެވެ.

” ވަރަށް އުފާކޮށްފިން. އަޅުގަނޑު ވަރަށް ބޭނުން މިވަޒީފާ.” ނަހުމާ ބޭނުމީ ވަޒީފާއެވެ.

” މިތަނުގައި ގިނައިން މަސައްކަތް ކުރާނީ އަންހެން ކުދިން. މިތަނުގައި މަސައްކަތްކުރާ ކޮންމެ ކުއްޖަކީވެސް ވަރަށް ހިތްހެޔޮ ކުއްޖަކަށް ވާންޖެހޭނެ. ބުނާ ކޮންމެ ކަމެއް، ކުރަންޖެހޭ ކޮންމެ ކަމެއް، ކޮންމެ ވަގުތެއްގައި ވެސް ކުރެވޭ ކަހަލަ ކުއްޖަކަށް ވާންޖެހޭނެ. އެހުރިހާ ކަމެއް ކުރެވެންޏާ އެނިމުނީ.” އަޝްރަފް ވާހަކަ ދައްކަމުން ދިޔައެވެ.

” އަޅުގަނޑު ބަލާނަން ތިހުރިހާ ކަމެއް ކުރެވޭތޯ. އަޅުގަނޑަށް ކުރެވޭކަމުގައި ވާނަމަ، ހުރިހާ ކަމެއްވެސް ވެރިން ބޭނުންގޮތަށް ކުރެވޭތޯ ވަރަށް މަސައްކަތް ކުރާނަން. މިވަޒީފާއަކީ އަޅުގަނޑުގެ ދިރިއުޅުމުގެ ތަޅުދަނޑި. އެތަޅު ދަނޑި ހޯދުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އަޅުގަނޑު މިހިރީ ތައްޔާރަށް.” ނަހުމާ ބޭނުންވަނީ ހަމަ އެކަނި ވަޒީފާއެވެ.

” އެހެންވިއްޔާ އިތުރު ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް. ވަޒީފާ ހަމަ ޖެހިފަ ތިހިރީ. މާދަމާއިން ފެށިގެން އޮފީހަށް ނިކުންނަނީ.” އަޝްރަފް ބުނެލިއެވެ.

” ޝުކުރިއްޔާ!” ސަލާމަށް އަތް ދިއްކޮށްލަމުން ނަހުމާ ބުނެލިއެވެ.

އަޝްރަފް ނަހްމާގެ އަތުގައި ހިފާލިއެވެ. ސަލާމް ކޮށްލަމުން އަޝްރަފް ނަހުމާގެ އަތަށް ފިތާލިއެވެ. ދެން ލާނެތް ހިނިތުންވުމެއް މޫނުމައްޗަށް އަޝްރަފް ގެނައެވެ. ނަހުމާވެސް ލުއި ހިނިތުންވުމެއް މޫނު މައްޗަށް ގެނުވިއެވެ. ނަހުމާ އެކަމާއި އަޅައެއް ނުލައެވެ. ނަޙްމާއަށް އެއީ މާބޮޑުކަމެއް ނޫނެވެ. ނަހުމާފަދަ އަންހެން ކުއްޖަކާއި ސަލާމްކުރާ ފިރިހެނަކު އެހެން ހަދާނެކަން ޚުދު ނަހްމާއަށްވެސް އިނގެއެވެ.

އިންޓަރވިއު ރޫމުން ނިކުތް އިރު ނަހުމާ އިނީ ވަރަށް ހިތްހަމަޖެހިފައެވެ. ނަހުމާ ބޭނުންވާ އެއްކަންތައް ފުރިހަމަވުމުންނެވެ. ބޮޑު އޮފީހެއްގައި މަސައްކަތް ކުރުމަކީ ނަހުމާގެ ހުވަފެނެކެވެ. މިހާރު އެކަން މިއޮތީ ޙަޤީޤަތަކަށް ވެފައެވެ. އެހެންވެ، ކުރަންޖެހޭ ހުރިހާ ކަމެއް ވީ އެންމެ ފުރިހަމައަށް ކުރުމަށް ނަހުމާ ނިންމިއެވެ. އަނެއްކޮޅުން ނަހުމާއަށް ގިނައިން މަސައްކަތްކުރަން ޖެހޭނީވެސް އޮފީހުގެ އިސްވެރިންނާއި އެކުގައެވެ. އޮފީސްއޮފީހުގެ ވެރިންނާއިއެކު މަސައްކަތްކުރުމަކީ ނަހްމާ ވަރަށް ޝައުޤްވެރިވާކަމެކެވެ.

ގެއަށް އައިސް ނަހުމާ އެނދުގައި ޖައްސާލިއެވެ. ދެން ވިސްނާލިއެވެ. ކޮންމެ ގޮތެއް ވިޔަސް ނަހުމާ ބޭނުން އެއް ކަންތައް ދިރިއުޅުމުގައި ފުރިހަމަ ވެއްޖެއެވެ. ދެން ނަހުމާ ބޭނުންވަނީ ކުރިއަށް ދިއުމަށެވެ. ދިރިއުޅުމުގައި ކުރި ހޯދުމުގައި ކުރަންޖެހޭ ކޮންމެކަމެއް ކުރުމަށް ނަހުމާ ތައްޔާރެވެ. ޙަޤީޤަތުގައި ނަހުމާ އަކީ މުއްސަނދި ދިރިއުޅުމަށް ލޯބިކުރާ މީހެކެވެ. ނަހުމާގެ ޙަޔާތުގެ ބައިވެރިއަކަށް އާދައިގެ މީހަކު ހުރުމަކީ ނަހުމާ އެއްގޮތަކަށްވެސް ރުހޭކަމެއް ނޫނެވެ. ނަހުމާގެ ފިރިމީހާ ވާންޖެހޭނީ ފޯރާ މީހަކަށެވެ. ނަހުމާ ބޭނުން ހުރިހާ އުފަލެއް ހޯދައިދެވޭފަދަ ފެންވަރެއްގެ މީހަކަށެވެ. މިހާރުވެސް ވަރަށް ގިނަ މީހުން ނަހުމާއަށް ގުޅައެވެ. އެކަމަކު ނަހުމާގެ ޝަރުތު ހަމަނުވުމުން އެހުރިހާ އެންމެންނަށްވެސް ނަހުމާ ވަނީ ނޫނެކޭ ބުނެފައެވެ. ނަހުމާގެ ފޯން ރިންގްވީ އެހިސާބުންނެވެ.

” ކޮންކަމެއް ތި ކޮށްލަނީ؟” ފޯން ނެގުމުން ނަހުމާގެ ކަންފަތުގައި ޖެހުނީ އެޖުމްލައެވެ.

” ތީ ކާކުބާ؟ އަހަރެން ނުދަންނަން.” ކުއްލިއަކަށް ނަހުމާ އަނހާލިއެވެ.

” ނޭނގޭނެކަންވެސް އިނގޭ. މީ އަޝްރަފް. ކުޑަ އިރުކޮޅެއް ކުރިން ދިމާވިއެއްނުދޯ.” އެކޮޅުން ވާހަކަ ދައްކަނީ އަޝްރަފްކަން ނަހުމާއަށް އިނގުނީދެނެވެ.

” އަޝްރަފްތޯ؟ ކީއްކުރަންތޯ ތިގުޅުއްވީ؟” ނަހުމާއަށް ލިބުނީ ޙައިރާންކަމެކެވެ.

” އޮފީހުގެ ހުރިހާ ކުދިންނާއި މެދުވެސް ވަރަށް ގާތްގުޅުމެއް ބޭއްވުމަކީ އަހަރެން އަބަދުވެސް ކުރާކަމެއް. އެހެންވެ މިގުޅާލީ. އަނެއްކާ ފިރިމީހާ ހިތްހަމަ ނުޖެހޭނެތަ؟” އަޝްރަފް އަނހާލިއެވެ.

” ހިތްހަމަ ނުޖެހޭނީ ފިރިއަކުވެސް ހުންނަ ނަމައެއްނު! އަދި މީހަކާއި ނީންނަން. އިނގޭތޯ.” ނަހުމާ ބުނެލިއެވެ.

” މާ ދުރުގޮތަކަށް ވާހަކަ ނުދެއްކިޔަސް މައްސަލައެއް ނެތް. މީދެން މިހާރު ގާތް ބައެއްނު.” އަޝްރަފް ބޭނުންވަނީ ނަހުމާއާއި ގާތް ގުޅުމެއް ބާއްވާށެވެ.

” ތިބުނީ.” ނަހުމާ އަށް ސާފެއް ނުވިއެވެ.

” އަދި ފަހުން އިނގޭނެ. މާދަމާ އޮފީހަށް ނިކުންނާނަންތަ؟” އަޝްރަފް ވާހަކަ ބަދަލުކޮށްލިއެވެ.

” އާނ. އޮފީހަށް ނިކުންނާނަން.” ނަހުމާ ފޯން ބޭއްވީ ދެނެވެ.

ހެނދުނު ހެނދުނާއި ނަހުމާ ތެދުވިއެވެ. ފަރިވެ، ނަލަވެލައިގެން އޮފީހަށް ދިއުމަށް ހިނގައިގަތެވެ. ނަހުމާ ހިތަށް އަރައެވެ. މިއީ އޮފީހުގެ ފުރަތަމަ ދުވަހެވެ. ކިހިނެއް ކަންތައްތައް ވާނެހެއްޔެވެ؟ ނަހުމާއަކީ އަމިއްލަ ނަފްސަށް ވަރަށް އިތުބާރުކުރާ އަންހެން ކުއްޖެކެވެ. މުރާލިވެސް ވާނެއެވެ. އަނެއްކޮޅުން އަޝްރަފްގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހުމުން ނަހުމާ ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭގައި ނަހުމާއައިސް އޮފީހަށް ވަނެވެ. ދެން އެރީ ލިފްޓަށެވެ. ނަހުމާ އާއިއެކު ތިން ފިރިހެން ކުދިންވެސް އެރިއެވެ. ނަހުމާ ލިފްޓްތެރޭގައި މަޑުމަޑުން އިނެވެ. ލިފްޓް ތެރޭގައި ތިބި ތިން ފިރިހެން ކުދިންގެ ތެރެއިން އެކަކު ވަރަށް ފުންކޮށް ނަހުމާއާއި ދިމާލަށް ބަލަމުން ދިޔައެވެ. ނަހުމާއަށް ކުޑަކޮށް އުދަނގޫވެސް ވިއެވެ.

” ހާދަ ސަޅި އަންހެން ކުދިންވެސް މާލޭގައި އުޅެޔޭދޯ.” ރިޝާމް ދެން ތިބި ދެމީހުންނަށް ބުނެލިއެވެ.

” އޭ. ދިމާ ނުކުރައްޗޭ. ބޮސްގެ އާ އެސިސްޓެޓް އެއީ.” ހާނިމް ބުނެލިއެވެ.

” ދެން ކޮންމެ މީހަކަށް ވިޔަސް ރީތިވީމަ ރީއްޗޭ މިބުނީ.” ރިޝާމް ބުނެލިއެވެ.

ލިފްޓް ހުޅުވުމާއި އެކު ނަހުމާ ހިނގައިގަތެވެ. ގޮސް އޮފީހުގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. އޮފީސް ތެރޭގައި ތިބި ގިނަ ފިރިހެނުންގެ ކަޅިތައް ހުރީ ނަހުމާއާއި ދިމާލަށް ހުއްޓިފައެވެ. ނަހުމާ ހިނގަމުން ދިޔައިރު އެމީހުން ކީ އެއްޗެހި ނަހުމާއަށް އަޑުއިވުނެވެ. އެކަމަކު، އަޑުވެސް ނީވޭކަމަށް ހަދާފައި ގޮސް ނަހުމާގެ މޭޒު ކައިރީގައި އިށީނެވެ. އަޝްރަފް އައިސް ނަހުމާގެ ކައިރީގައި އިށީނެވެ. ދެން ކުރަން ހުރި މަސައްކަތްތައް ޙަވާލުކޮށްލިއެވެ.

” މާ ބިޒީކޮށް މަސައްކަތް ނުކުރިޔަސް މައްސަލައެއްނެތް. ތިހާ ރީތި ކުދިން ނުވާނެ މާ ބުރަކޮށް އުޅޭކަށް.” އަޝްރަފް ހާދަހާ ރަނގަޅޭ ނަހުމާގެ ހިތަށް އެރިއެވެ.

ނަހުމާ ދިޔައީ އޮފީހުގައި މަސައްކަތް ކުރަމުންނެވެ. ކުއްލިއަކަށް އޮފީހުގެ ފޯން ރިންގްވާން ފެށިއެވެ.

” ހަލޯ.” ފޯން ނަގަމުން ނަހުމާ ބުނެލިއެވެ.

” މީ ރިޝާމް. ލިފްޓް ތެރޭން ދިމާވިއެއްނުދޯ. އެންމެ އެއްޗެއް ބުނަންވެގެން މިގުޅާލީ. އަހަންނަށް ވަރަށް ރީތި ނަހުމާ. މީޓްކުރެވިދާނެތަ ތަންކޮޅެއް ފަހުން ނަމަވެސް؟” ރިޝާމް ބުނެލިއެވެ.

” ތީ ކާކުކަންވެސް ނޭނގޭއިރު ކިހިނެއް މީޓްކުރާނީ.” ނަހުމާ ބުނެލިއެވެ.

” ނަހުމާގެ ކުރިމަތީ ކެބިންގައި މިއިނީ. ބަލާލަބަލަ.” ރިޝާމް އެހެން ބުނުމުން ނަހުމާ ބަލާލިއެވެ. ނަހުމާ ބަލާލުމާއިއެކު، ރިޝާމް އަތުން ހައި ޖަހާލިއެވެ. ނަހުމާގެ ގާތަށް ކުއްލިއަށް އައީ ރުޅިއެވެ. ރިޝާމް ހުރި ގޮތުންނެވެ. ނަހުމާ އަވަހަށް ފޯން ބޭއްވިއެވެ. ރިޝާމްއަކީ ނަހުމާ ދެކޭ ގޮތުގައި ނަހުމާއާއި ވާހަކަ ދައްކަންވެސް ކުފޫ ހަމަވާ މީހެއް ނޫނެވެ. ނަހުމާ ހިތްހަމަޖެހޭ ސިފައެއް ރިޝާމްގެ ނެތެވެ.

ރިޝާމް ދެވަނަ ފަހަރަށް ވެސް ގުޅިއެވެ. އެކަމަކު ނަހުމާ ފޯނެއް ނުނަގައެވެ. ރިޝާމްގެ ހިތަށް އެރިއެވެ. ހާދަހާވާ ހިތް މޮޅު އަންހެން ކުއްޖެކެވެ. ރީތިކަމެއް ލިބުނަސް އަދި އެވަރު ވާކަށް ނުޖެހޭ ނޫންހެއްޔެވެ؟ ރިޝާމް އެދުނީ އެންމެ ކުޑަކުޑަ ކަމަކަށެވެ. އެވެސް ނަހުމާ އާއި ބައްދަލުކޮށްލުމަށެވެ. އެކަން ނަހުމާ ކޮށްދޭން އެއްބަސް ނުވުމުން ރިޝާމް ވަރަށް ހިތްހަމަ ނުޖެހުނެވެ. އެއް އޮފީހެއްގައި އުޅޭ ދެމީހުން އެކުވެރިކަމުގައި ބައްދަލުކުރުމަކީ މައްސަލައެއް ކަމަކަށް ރިޝާމް އަކަށް ނުފެނެއެވެ. އެކަމަކު ނަހުމާގެ ޚިޔާލުގައި އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ނަހުމާ އޮފީހަށް އައީ މިއަދުގައެވެ. މިހާރު އޮފީސް ފިރިހެން ކުދިންގެ ފޯން އަންނަން ފެށީއެވެ. އަދި އެފޯންކޯލްތައް އައުން އަވަސްކަން ނޭނގެއެވެ. އަނެއްކޮޅުން ނަހުމާ ދިރިއުޅުމުގެ ހުވަފެނީ ފިރިމީހާ އަކީ އާދައިގެ މީހަކަށް ހަދާކަށް ނަހުމާ ބޭނުމެއް ނޫނެވެ.

އޮފީސް ނިމިގެން ގެއަށް ދިއުމަށްޓަކައި ނަހުމާ އިނީ ބޭރުގައި މަޑުކޮށްލައިގެނެވެ.

” ހިނގާފަތަ ގެއަށް ދަނީ؟” އަޝްރަފް ކާރުގައި އައިސް ލޯގަނޑު ތިރިކޮށްލަމުން އަނހާލިއެވެ.

” އަދި އަރާނެ ކާރެއްނެތް. އެހެން ވީމާ ދާންޖެހޭނީ ހިނގާފައެއްނު.” ނަހުމާ ނުސީދާކޮށް ބުނެލިއެވެ.

” އަރާ ކާރަށް ގެއަށް ގެންގޮސްދީފާނަން.” އަޝްރަފްގެ ބޭނުމަކީ ކޮބައިކަމެއް ނަހުމާއަކަށް ނޭނގެއެވެ.

            ” މައްސަލައެއް ނެތޭ. އަރާ ކުރީ ގޮޑިއަށް.” ނަހުމާ ފަހަތު ގޮނޑިއަށް އަރަން ދިމާކުރުމުން އަޝްރަފް ބުނެލިއެވެ.

            ނަހުމާ ކާރަށް އެރިއެވެ. ހަމަޖެހިގެން ކުރީ ގޮޑީގައި އިށީދެލިއެވެ. ދެން މަޑުމަޑުން ކާރުގެ ތެރެއަށް ބަލާލިއެވެ. ނަހުމާ އެންމެ ހިތްހަމަ ޖެހެނީ ކާރު ތެރެއަށް ޖަހާފައިވާ ސެންޓްގެ މީރު ވަހުންނެވެ. “ހޫގޯ ޑާރކްބްލޫ” ގެވަހުން މުޅި ކާރު ތެރެވަނީ އެއްވަސް ވެފައެވެ. ނަހުމާ މަޑުމަޑުން އެތެރެއަށް ފުން ނޭވާއެއް ލިއެވެ. ދެން ދެލޯ މަރާލިއެވެ.

            ” ނިދި އަންނަނީތަ؟” އަޝްރަފް އަނހާލިއެވެ.

            ” ކުޑަކޮށް.” ނަހުމާ ބުނެލިއެވެ.

            ” ހިނގާ ރިސޯޓަށް ޖައްސާލަންދާން.” އަޝްރަފް ނަހުމާއަށް ދަޢުވަތު ދިނެވެ.

            ” އަޝްރަފް ބޭނުމިއްޔާ ދެވިދާނެ.” ނަހުމާ ވެސް ބޭނުމީ ދާށެވެ.

އަޝްރަފް ކާރުގެ މިސްރާބް އެއް ނަމްބަރ ފާލަމާއި ދިމާލަށް ބަދަލުކޮށްލިއެވެ. ދެން ހުރިހާ ކަމެއް ފޯނުން ނިންމާލިއެވެ. ފަސްމިނިޓް ފަހުން ނަހުމާއާއި އަޝްރަފް ތިބީ އަޝްރަފްގެ “ޕްރިޓީ ލޭޑީ” ލޯންޗްގައެވެ. ފަންސަވީސް މިނިޓްފަހުން ލޯންޗް ކައިރިކޮށްލީ އަޝްރަފްގެ “ފަން ލައިފް” ރިސޯޓަށެވެ. އަޝްރަފް އާއި ނަހުމާ ލޯންޗުން ފޭބިއެވެ. އޭރު އަޝްރަފްގެ އިސްތިޤްބާލުގައި ރިސޯޓްގެ އިސް ސްޓާފުން ތިބީ ފާލަން މަތީގައެވެ. އެމީހުންނަށް އަޝްރަފް ނަހުމާ ތަޢާރަފްކޮށްދިނެވެ. އެ ހުރިހާ މީހުންގެ ކުރިމަތީގައި ނަހުމާގެ ޤަދަރާއި މަޤާމް އަޝްރަފް ވަރަށް މަތިކުރިއެވެ.

” ކީއްވެތަ އަޝްރަފް އަހަންނަށް ތިހާ ރަނގަޅީ؟” ރޭގަނޑުގެ ކެއުމުގެ ތެރެއިން ނަހުމާ ސުވާލުކޮށްލިއެވެ. އޭރު އެމީހުން ތިބީ ރެސްޓޯރަންޓްގައެވެ.

” ހަމަ ނޭނގިގެންތަ ތި ސުވާލު ތިކުރީ؟ ނަހޫ ފަދަ ރީތި ފުރިހަމަ ކުއްޖަކަށް އެހީ ނުވެ އަހަންނަކަށް ނުހުރެވޭނެ.” އަޝްރަފް ބުނެލިއެވެ.

” ތިބުނީ އަޝްރަފް އަހަރެންދެކެ ލޯބިވޭތަ؟” ނަހުމާ ބޭނުމީ އެކަން ޔަޤީން ކުރާށެވެ.

” އާނ. ވަރަށް. އިނގޭތަ އިންޓަރ ވިއު ރޫމުން ދިމާވި ދުވަހުން ފެށިގެން އަހަރެން ހިތުގައި ތިނޫން ނަމެއް ނެތް. އެހާ އަވަހަށް ވަޒީފާވެސް ހަމަޖައްސައިދިނީ އެހެންވެ. މިހާރު ބޭނުންވަނީ އަބަދަށް އަހަރެންގެ މީހަކަށް ހަދަން. ކީކޭތަ މިކަމާއި ނަހޫ ބުނަނީ؟” އަޝްރަފްގެ ވާހަކައިން ނަހުމާ ދަނީ ހިތްހަމަޖެހެމުންނެވެ.

” އަޝްރަފް ބޭނުން ގޮތެއް. މާދަމާ ކުރިއަސް މައްސަލައެއްނެތް. ކޮބާތަ އަޝްރަފްގެ އަންހެނުން؟” ނަހުމާ ބޭނުންވަނީ އަޝްރަފް ފަދަ މުއްސަނދި ފިރިއެކެވެ.

” އަންހެނުންވެސް ހުންނާނެ. އެކަމާއި ހާސްނުވޭ. ނަހުމާ އާއި އިނދެފަ އަހަރެން އަންހެނުން ވަރިކުރާނަށް. މައްސަލައެއްނެތެއްނު ދޯ.” އަޝްރަފް ނަހުމާއަށް ޔަޤީންކަން ދިނެވެ.

ކައި ނިމިގެން ނަހުމާ ގޮވައިގެން ރޫމަށް ދިއުމަށްޓަކައި އަޝްރަފް ކާރަށް އެރިއެވެ. އަޝްރަފަށް ޚާއްޞަކޮށް ހަދާފައިވާ ރޫމް ހުންނަނީ ރިސޯރޓްގެ ތަންކޮޅެއް ދުރުގައެވެ. އަޝްރަފް ނަހުމާގެ އަތުގައި ހިފައިގެން ގޮސް ރޫމަށް ވަނެވެ. ދެން ދެމީހުން ގޮސް އެނދުގައި ޖައްސާލިއެވެ. ދެން އަޝްރަފް ރޫމްގެ ބޮކީގެ އަލި ފަނޑުކޮށްލިއެވެ. އެ ފަނޑު އަލިކަމުގެ ތެރޭގައި އަޝްރަފް ނަހުމާއާއި ގާތްވެލިއެވެ. ނަހުމާވެސް އަޝްރަފްއާއި ދުރުވާކަށް ބޭނުމެއް ނުވިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއްވެ ނިމިއްޖެއެވެ. ނަހުމާގެ ހިތް އުފަލުން ފުރުނެވެ. އަޝްރަފްވެސް ބޭނުންވި ކަންތައް ވީއެވެ. ނަހުމާ ހިތުން އަޝްރަފް ނަހުމާ ދެކެ ޙަޤީޤީ ލޯބިވެއެވެ. އަޝްރަފް ނަހުމާއާއި ކައިވެނިވެސް ކުރާނެއެވެ. ހުރިހާ އުފަލުން ނަހުމާގެ ހިތް ފުރައިދޭނެއެވެ. އެކަމަކު މަންޒަރު ބަދަލުވާއިރު ވާނީ ކިހިނެއްކަމެއް ނަހުމާއަކަށް ނޭނގެއެވެ. އަޝްރަފްގެ ނިޔަތަކީ ކޮބައިކަން އިނގޭނަމަ ނަހުމާ އެ ދަޢުވަތު ޤަބޫލެއް ނުކުރާނެއެވެ.

ނަހުމާ އޮފީހަށް އައި ދުވަހެކެވެ. ތަންކޮޅެއް ލަހުން ހޭލެވެމުން އޮފީހަށް ނަހުމާ އައީ ހެނދުނުގެ ނާސްތާވެސް ނުކޮށެވެ. އެހެންވެ، އޮފީހުގެ އެހެން އަންހެން ކުއްޖަކާއިއެކު ސައިބޮއިމަށްޓަކައި ނަހުމާ އޮފީސް ކެންޓީނަށް ވަނެވެ. ރިޝާމް ވެސް ކެންޓީނަށް ވަނީ އެވަގުތުގައެވެ. ކާއެއްޗެހި ނަގައިގެންގޮސް ރިޝާމް ގޮސް ނަހުމާމެންގެ ކައިރީގައި ޖައްސާލިއެވެ.

” ނަހުމާ. ކޮން އިރަކުން ބައްދަލުކޮށްލާނީ. އަހަންނަށް ވަރަށް ރީތި ނަހުމާ. ނަހުމާ ހިތްހަމަ ނުޖެހުނަސް މިހެން ބުނެވޭނެ. ކުރުކޮށް ބުނާނަމަ، ނަހުމާ އޮފީހަށް އައި ފުރަތަމަ ދުވަހުން ފެށިގެން އަހަންނަށް ކެތް ކުރެވެނީކީއެއް ނޫން. އަހަންނަކަށް ނޭނގޭ މިވާގޮތެއްވެސް. ހަމަކުއްލިއަކަށް ނަހުމާ ދެކެ ލޯބިވެވުނީ. ބޭނުން ނަހުމާއާއި ބައްދަލުކޮށް ވަރަށް ސީރިއަސްކޮށް މިވާހަކަ ދައްކާލަން.” ރިޝާމްގެ ހިތުގެ އުދާސްތައް ނަހުމާގެ ކުރިމަތީގައި ބޭރުކުރަންފެށިއެވެ.

” ރިޝޭމެންނަކަށް މިކަމެއް ދެން ނުވާނެ. މީ މިހާރު ބޮސްކުރާކަމެކޭ.” ރީމާ ބުނެލިއެވެ.

” ރީތި ކުއްޖެއްވިއްޔާ ބޮސް އަތުއަޅުވާލާނެ. އެކަމަކު ފަހުން ނަހުމާވެސް ރޯނެ. އަހަންނަށް އިނގޭ ބޮސްގެ އުޅުން. އެންމެ ފަހުން ރައްޓެހިވި ކުއްޖާއަށްވެސް ދިނީ ކޮޅުކެހި. ފޮނިބޯލާފަ މާ އެއްލާލީ. ނަހުމާއަށް އެހެން ވާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ނަހުމާއަށް ވަރަށް ހެޔޮއެދެން. ވަރަށް ލޯބިވެސްވޭ. ދުވަސްކޮޅެއް ވެއްޖެ މިވާހަކަ ދައްކަން އުޅޭތާ. އެކަމަކު ހަމަ އަހަރެން ގުޅާލާއިރަށް ފޯން ބިޒީކޮށްލާނެ. ނޫނީ ކޮންމެވެސް ހާސަރެއް ދަމާނެ.” ރިޝާމްގެ ރާގުގައި ވަނީ އާދޭހެވެ. ރިޝާމް އެގޮތަށް ވާހަކަ ދައްކަމުން ދާތީ ނަހުމާ ގާތަށް ކުޑަކޮށް ރުޅިވެސް އައެވެ.

” ނަހުމާ ދެން ކޮންމެވެސް އެއްޗެއް ބުނެބަލަ. ހާދަ ވާހަކަ އެކޭ ރިޝޭ އެދައްކަނީ. ނަހޫ ހިތްހަމަ ޖެހުނަސް ނުޖެހުނަސް ބުނީމައެއްނު ރިޝޭއަށް އެހެން ކޮޅެއް ހޯދަންވެސް އިނގޭނީ.” ނަހުމާ އެއްޗެކޭ ނުބުނެ އިނުމުން ރީމާ ބުނެލިއެވެ.

” އައްޗި. ތީކާކު؟ ތިކަހަލަ ކިތައް ފިރިހެނުންތަ އަހަރެން ނުލިބިގެން މިއުޅެނީ؟ ކަޅު ބުޅަލަކާ އިންނަން ޖެހުނަސް ކަލެއަކާ ނުއިންނާނަން. މިހާރުވެސް މަށަށް މަށަށް ކިޔަމުން ކިތައް ފިރިހެނުންތަ އަހަރެން ފަހަތުން އެދުވަނީ؟ ރިޝާމްއަކަށް ނުފެނޭތަ؟ ރިޝާމްއަށް އެމީހުން ކައިރީ ފިޔަވަޅެއްވެސް ނޭޅޭނެ. އެހެންވެ އަދިވެސް މިބުނަނީ ކަޅު ބުޅަލަކާއި އިންނަންޖެހުނަސް ރިޝާމްއަކާއި ނުއިންނާނަމޭ. މިހާރު ސާފްވެއްޖެކަމަށް ހީކުރަން.” ނަހުމާ ފަޚްރުވެރިކަމާއިއެކު ބުނެލިއެވެ.

            ” އަހަރެން ޤަބޫލުކުރަން އަހަންނަކީ ނިކަމެއްޗެއްކަން. އަހަރެންގެ ވިޔަފާރިއެއް ފައިސާތަކެއް ނެތް. އެހެނަސް ނަހުމާދެކެ އަހަރެން ވަރަށް ލޯބިވޭ. ރީތިކަމެއް ލިބުނަސް ބޮޑާ ނުވައްޗޭ ނަހުމާ. ވާހަކަ ދައްކާއިރު މާދަމާ ވެދާނެގޮތަކަށްވެސް ވިސްނާލައްޗޭ. ހިތަށް އަރާ ކޮންމެ އެއްޗެއް ދުލަށް ގެންނާކަށް ނުވާނެ.” ނަހުމާގެ ބޮޑާކަން ފެނިފައި ރިޝާމް ހުރީ ހިތްމަ ނުޖެހިފައެވެ. އެހެން ބުނުމަށްފަހު ރިޝާމް ދިޔައީއެވެ.

ދުވަސްތައް ވޭތުވަމުން ދިޔައެވެ. އަޝްރަފްގެ އުނގުތެރޭގައި ނަހުމާ އުފާކުރަމުން ދިޔައެވެ. ނަހުމާއަށް ދުނިޔޭގައި އޮތީ ހުސް އުފާވެރިކަމޭ ހިތަށް އަރައެވެ. ދުރުން މަންޒަރު ބަލަމުން ރިޝާމް ގެންދިޔައެވެ. ކަންތައްވެ، ނިމޭއިރު ނަހުމާ ބާކީ ވާނެކަން ރިޝާމްއަށް އިނގެއެވެ. އެދުވަހަކުން ނަހުމާގެ ހިތުގައި ޖެހި، ވޭން ލިބޭނެކަން ރިޝާމްއަށް އިނގެއެވެ. ބައެއް ފަހަރު ރިޝާމްގެ ހިތަށް އަރައެވެ. މިއުޅޭ ރީތި ގިނަ، އަންހެން ކުދިންގެ ހުންނަނީ ބޮލެއް ނޫނެވެ. ވިސްނުމެއް ނޫނެވެ. ކޮންމެވެސް އެހެން އެއްޗެކެވެ. ފައިސާގެ ދަޅައާއި ދުނިޔޭގެ އަރާމާއި މަސްތުގައި ހަލާކުވެދަނީ ކިހާ ރީތި މަޢުސޫމް އަންހެން ކުދިންހެއްޔެވެ؟

ރޭގަނޑުގެ ވަގުތެކެވެ. ކުއްލިއަކަށް ގެއަށް އަންނަންވެގެން ނަހުމާ އަށް އޮފީހުން އާދެވުނީ، އޮފީހުގައި ހޭންޑްބޭގް ބާއްވާފައެވެ. އެހެންވެ ނަހުމާ ދެވަނަ ފަހަރަށް އޮފީހަށް ދާން ޖެހުނެވެ. ނަހުމާ ގޮސް އޮފީހަށް ވަނެވެ. މަޑު ހިނގުމެއްގައި ނަހުމާ ގޮސް މޭޒުކައިރީގައި ޖައްސާލިއެވެ. ދެން ހޭންޑްބޭގް ނަގައިގެން ހިނގައިގަތެވެ. އެވަގުތު ނަހުމާގެ ކަންފަތުގައި ޖެހުނީ އަޝްރަފްއާއި އަންހެން ކުއްޖެއްގެ ސަކަރާތުގެ ހުނުމުގެ އަޑެވެ. މަޑުމަޑުން ނަހުމާ ހިނގައިގަތެވެ. އަޝްރަފްގެ ކެބިން ކައިރީގައި މަޑުކޮށްލިއެވެ. ނަޞީބަކުން އަޝްރަފްގެ ކެބިންގެ ދޮރު އެވަގުތު ހުރީ ކުޑަކޮށް ހުޅުވިފައެވެ. ނަހުމާ މަޑުމަޑުން އެތެރެއަށް ބަލާލިއެވެ. ނަހުމާއަށް ފެނުނީ ބަލަން ބޭނުންވި މަންޒަރެއް ނޫނެވެ. އަޝްރަފްގެ އުނގުގައި އިނީ ރީމާއެވެ. އެ ދެމީހުން ހީވަނީ އެކެއް ހެންނެވެ. ދެން އިވެން ފެށީ ނަހުމާ ބޭނުންވި އަޑެއް ނޫނެވެ. ނަހުމާއަށް ހުރިހާ ކަމެއް ފެނުނީއެވެ. އަޝްރަފްގެ ޙަޤީޤަތް ހާމަ ވީއެވެ. ހުރި ތަނަށް ގާވެފައި ކަހަލަ ގޮތަކަށް ނަހުމާ ހުއްޓެވެ. ފެން ކަޅިވެފައެވެ. އެހެން ހުރެވުނީ ކިހާ އިރަކު ކަންވެސް ނަހުމާއަކަށް ނޭނގެއެވެ. ނަހުމާ ވަރަށް ދެރަވިއެވެ. ރޯންވެސް ނޭގިފައި ކަހަލަގޮތަކަށް، އެތަނަށް ޖަހާފައި ހުރި ބުދެއްހެން ނަހުމާ ހުއްޓެވެ.

” ވަގު ހިފުނީދޯ. މަބުނީމެއްނު ކުރިންވެސް އަޝްރަފަކީ އެކަހަލަ މީހެކޭ. އެއީ އިއްޔަރެއަކު، މިރެއަކު ވާކަމެއް ނޫން. ކިތަންމެ ރޭއް އެކަންތައް ވަމުންދާތާ. ކުރިން އަހަރެން އެ ތަން ނުދެއްކީ. ނަހުމާ ޤަބޫލުނުކުރާނެތީ.” ނަހުމާއަށް ހޭވެރިކަންވީ ރިޝާމްއައިސް ކޮނޑުގައި ކޮށްޓާލުމުންނެވެ.

ނަހުމާއަށް އެއްޗެކޭ ނުބުނެވުނެވެ. ފެން ކަޅިވެފައި ހުރެވުނީއެވެ. މަޑުމަޑުން ނަހުމާ ރިޝާމްއާއި ކައިރިއަށް ޖެހިލިއެވެ. ރިޝާމްއަށް ވަމުން ދާގޮތް އިނގެއެވެ. ވަގުތުގެ ފައިދާ ރިޝާމް ނެގިއެވެ. ނަހުމާ ރިޝާމްގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތެވެ. އެގޮތަށް އޮވެވުނީ ކިހާ އިރަކުކަންވެސް ނަހުމާ އަކަށް ނޭނގެއެވެ.

” ދެން ނުރޮއި. އަހަރެންވެސް މިހުރީ އެއްނު. ނަހުމާ ބޭނުމިއްޔާ މާދަމާވެސް އިންނަންވީ.” ފުރުޞަތުގެ ބޭނުން ހިފަން ރިޝާމް ބޭނުމެވެ.

” ޙަޤީޤަތުގައިވެސް މިއަދު އަހަރެން ޤަބޫލުކުރަން ރިޝާމްތީ ރަނގަޅު މީހެއްކަން.” ނަހުމާ އަކަށް މިވަމުންދާގޮތެއް ނޭނގެއެވެ.

            ނަހުމާއަށް ފަހުން އަޝްރަފް ގުޅަން ފެށިއެވެ. ނަހުމާ އެއްވެސް ޖަވާބެއް ނުދެއެވެ. އަޝްރަފްވެސް އެހެންވެ ފަހުން ނުގުޅައެވެ. އެކަމަކު އެސް.އެމް.އެސް ކޮށްފައި ނަހުމާގެ ހިތްހެޔޮކަމަށް ޝުކުރު އަދާކުރިއެވެ. ދިން ފުރުޞަތުގެ މަތިން ދުވަހަކުވެސް ހަނދާންނުނެތޭނެކަން ބަޔާން ކުރިއެވެ. ނަހުމާގެ ގާތަށް ވަރަށް ރުޅިއައެވެ. އެކަމަކު އެސް.އެމް.އެސްއަށް ނަހުމާ ޖަވާބެއް ނުފޮނުވައެވެ. މިދުވަސްކޮޅުގެ ތެރޭގައި ރިޝާމްގެ ހިތްހެޔޮކަން ނަހުމާއަށް އިނގުނެވެ. ނަހުމާ ހިތްނުތަނަވަސްވާ ކޮންމެ ވަގުތެއްގައި ރިޝާމްއަށް ގުޅާލައެވެ. ރިޝާމްގެ ވާހަކަތަކުން ނަހުމާގެ ހިތުގައި ދިރިއުޅުމުގެ އުންމީދު އާލާވިއެވެ. ނަހުމާގެ ހިތް ރިޝާމްއަށް ދީލާލަމުންދާކަން ރިޝާމަށް ފާހަގަ ކުރެވުނެވެ. އެންމެ ފަހުން ރިޝާމް ބޭނުންގޮތަށް ހުރިހާ ކަމެއް ވިއެވެ. ނަހުމާ ރިޝާމްގެ ބާރުގެ ދަށަށް ގެނައެވެ. ނަހުމާގެ އާދޭހުގެ މަތިން ރިޝާމް ނަހުމާއާއި ކައިވެނި ކުރިއެވެ. ރިޝާމްގެ އެންމެ ފަހުގެ އެދުން ޙާޞިލްވީއެވެ.

            ދަންވަރުގެ ވަގުތެކެވެ. ރިޝާމަށް ހޭލެވުނީ ކުއްލިއަކަށެވެ. އޭރު ނަހުމާ އޮތީ މީހަކާއި ވާހަކަ ދައްކާށެވެ. ވަގުތާއި ޙާލަތުގެ ގޮތުން ނަހުމާ ދައްކަމުން ދިޔައީ ރިޝާމް ހިތްހަމަޖެހޭ ވާހަކައެއްނޫނެވެ. ނަހުމާގެ ވާހަކައިން އެކޮޅުން ވާހަކަ ދައްކަނީ އަޝްރަފް ކަންވެސް އިނގުނެވެ.

            ” ނަހުމާ. އަދިވެސް އަޝްރަފްގެ ފަރާތުން ލިބުނު ލަނޑު ކުޑައީދޯ ތިވާހަކަ ދައްކަނީ. ހަމަ މިހާރު ފޯން ބާއްވާ!” ރިޝާމް ބުނިގޮތުން ނަހުމާ ދިޔައީ ހަތަރެސްފައި ކޮޅަށް ޖެހިގެނެވެ.

            ” ނުޖެހޭނެ ބާއްވާކަށް. އަޅެ ނިކަން ގޮތެއް ހަދާބަލަ! ހަމަ ގައިމުވެސް ނުކެރޭނެ ވަރިކުރާކަށް. އަހަރެންކަހަލަ އަންހެނަކު ދުވަހަކުވެސް ރިޝާމަށް ނުލިބޭނެވިއްޔަ.” ނަހުމާވެސް ދެކޮޅު ހެދިއެވެ.

            ” ނަހުމާއަށް ހީވަނީތަ ނަހުމާ ނޫން ރީތި އަންހެނަކު މިދުނިޔޭގައި ނެތޭ؟ ބުނަންތަ؟ ތިއިނީ ވަރިކޮށްފައި! ހަމަ މިހާރު ދޭ މިގެއިން ނިކުމެގެން. އިޙްޞާންތެރިކަމުގެ ބަދަލު ދޭން ނޭގޭ މީހަކު ދުވަހަކުވެސް ރަނގަޅެއް ނުވާނެ. އެއްފަހަރު ކަށިޖެހި ހަރަކަށް އަތްކޮށްޕަން ތިވިސްނަނީ ކޮން މޮޅެއްވާނެކަމަށް! އަދިވެސް ފިރިހެނުން ދަހެއްނުވޭދޯ!” ރިޝާމް އެހެން ބުނުމުން ނަހުމާއަށް ލިބުނީ ޙައިރާން ކަމެކެވެ.

            ” ރިޝާމް ތިހެން ނުހަދާ. އަހަރެން މީނީ ރިޝާމްގެ ކުއްޖަކަށް ބަލިވެޔޭ؟” ނަހުމާ އާދޭސްކުރަން ފެށިއެވެ.

            ” މައްސަލައެއް ނެތޭ. ކަލޭ ތިއިނީ ކަޅު ބުޅަލަކާއި. ކަލެއަށް ލިބޭނީވެސް ކަޅު ބުޅަލެއް. ދެން އަހަރެން ތި ނަހުމާއެއް ބޭނުމެއްނޫން. އެދުވަހު ކެންޓީން ތެރޭގައި ބޮޑާވެލާފައި ނަހުމާ ބުނި ބަސްތައް އަދިވެސް އަހަރެން ހަނދާން އެބަހުއްޓޭ. އަހަރެން ހާދަ ހިތުގައި ޖެހުނޭ އެދުވަހު. އަހަންނާއި ކައިވެނި ކުރި އިރު ނަހުމާ އެކަންތައް ހަނދާންނެތީތީ އަހަރެން ވަރަށް ދެރަވެއްޖެ. ހަނދާން ކުރާތީ! ކިތަންމެ ރީތި އަންހެނަކަސް ހުރިހާ ފިރިހެނުން ހައްދަމުން ނުދެވޭނެ.” ރިޝާމްގެ ބޭނުމަކީ ބަދަލު ހިފުމެވެ.

            ” އަޅެ ހެޔޮނުވާނެ ތިހެން ނުހަދާ. އަހަރެން ބޭނުން އަދިވެސް ރިޝާމްއާއި ގުޅިގެން އުޅެން.” ނަހުމާގެ ރޮއިފައި އާދޭސްކުރިއެވެ.

            ” ނަހުމާއަކަށް ނޭނގޭ މީހުންނާއި ގުޅިގެން އުޅޭކަށް. ދެން އަހަރެންގެ ޙަޔާތުގައި ނަހުމާއަށް ޖާގައެއްނެތް. ވީ އެންމެ އަވަހަކަށް ނަހުމާ ޖެހޭނެ މިގެއިން ނިކުމެގެން ދާން. ހެޔޮ ކޮންމެ ތަނަކަށް ދިޔަސް. ފަހަތުން ހޯދާކަށް އަހަންނެއް ނުދާނަން. މިހާރު ސާފްވެއްޖެކަމަށް ހީކުރަން.” ރިޝާމް ވާހަކަ ދައްކަމުން ދިޔައެވެ.

            ނަހުމާ، ކޮނޑުގައި ދަބަސް އަޅުވާލައިގެން މަޑުމަޑުން ކޮޓަރިން ނިކުމެގެން ދިޔައެވެ. ރިޝާމް ބަހެއްވެސް ނުބުނެ ބަލަހައްޓައިގެން ހުއްޓެވެ. މިއަދު ރިޝާމް ނަހުމާއެއް ނުހުއްޓުވާނެއެވެ. އެކަމަކު ނަހުމާ ރިޝާމް އިންތިހާޔަށް ބޭނުމެވެ. އެކަން އެގޮތަށް ނުވާނެކަންވެސް ނަހުމާއަށް އިނގެއެވެ. ތަންކޮޅެއް ކުރިން ބުނެވުނު ބަދު ބަހެއްގެ ސަޒާ މިއަދު ނަހުމާއަށް ލިބެނީއެވެ. އެކަމަށްޓަކައި ނަހުމާ މިއަދު ހިތާމަކުރަން ޖެހުނީއެވެ. ކޮންމެ ގޮތެއް ވިޔަސް ނަހުމާ ރިޝާމްގެ ދަރިފުޅު ވިހާނެއެވެ. ކަޅު ބުޅަލަކަށްވިޔަސް، ދޮން ބުޅަލަކަށް ވިޔަސް ނަހުމާ އަށް ދެވުނު ހުރިހާ ލޯތްބެއް ދީގެން އެދަރިފުޅު ބޮޑުކުރާނެއެވެ. ރިޝާމްގެ އެއްވެސް އެހީތެރިކަމެއް ނުލިބުނަސްވެހެވެ.

= ނިމުނީ =

Share Article

Follow Me Written By

Destiny

Level 1

Nothing to write about me? Just ask... If possible will provide you some information

Other Articles

Previous

ޝާޢިރާ

Next

އެރޭ

Next
January 24, 2015

އެރޭ

Previews
January 24, 2015

ޝާޢިރާ

3 Comments!

  1. athoo. says:
    January 24, 2015 at 8:30 pm

    mi vaahaka ehaa hama eh nujehey. kobaatha mi vaahakaige moral? insaanun ves bulhaa vihaatha? jinni kudhin viheyas bulhaa vihaaneytha?
    ragalhu kohlan feney..

  2. hama buneli says:
    January 25, 2015 at 6:38 pm

    nahumaa fenvaraifi.
    nahumaa hedhun laifi.
    nahumaa reethi vejje.
    nahumaa interview ah dhaan thahyaaru vejje.
    nahumaa rulhi athuvejje.
    dhen haadha nahumaa A dhw…

  3. vaahaka kiyaa kujja says:
    January 27, 2015 at 11:56 am

    Athoo, insaanun nakah jinni kudhinneh ves nuviheyne.. meehun jinni kudhin vihayey bunyas e ee dhogu vaahaka eh. sababaky insaanun naa jinnin hahdhavaafai vany mulhin 2 ehchakun. biologically ves saabithu vaane 2 genetics gulhigen dhari aku nulibeyne kan. eheneh nun, jinnin ge fushun insaanun nah jinsee goanaa libidhaane.. v gina dhivehinnah heevaa ehcheh insaanunah jinni dharin libeyey.. egothun athoo ah ves araafa oiy olhumeh saafu kolla dhiny.. 🙂

Comments are closed.



All Right Reserved!