
ބަކުރުބެގެ ނަޞީބު****(3)
އަމާޒް (ޢާޒިފް)
” ހުކުމް ތަންފީޒު ކުރަން ހުރަގެއަށް ގެންދޭ! ” ރަސްގެ ފާނު އަމުރު އިއްވިއެވެ.
” އޭ ނެތްތަ ރަށު ބަންދަށް ބަދަލު ކުރެވޭކަށް.” ބަކުރުބެ ބުނެލިއެވެ.
” ރަށު ބަންދަކަށް ނޫން. ލަންޑަން ހުރަގެއަށް ބަދަލުކޮށްލާނީ މާ ކަންތައް ބޮޑު ކުރަނިއްޔާ.” ހިބަރެއް އައިސް ތުންގަނޑުން ބަކުރުބެގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ.
” އަސްލުވެސްތަ ހަމަ ލަންޑަނަށްތަ އަހަރެން ތި ފޮނުވަނީ؟” ބަކުރުބެއަކީ އަނގަގަދަ މީހެކެވެ.
” ރީތި ކޮށް މިފަހަރު ލަންޑަން ހުރަގެއަށް ފޮނުވާލާނަން. އަހަރެން މޮޔަ ނުވަނީސް މީނާ އަނގަބަންދުކޮށްފަ ދެން މިތަނުން ގެންދޭ!” ރަސްގެފާނުގެ އަތުގައިވާ ރަންކުލައިގެ ދަނޑިގަނޑު ބަކުރު ބެއާއި ދިމާލަށް ހޫރާލަމުން ބުނެލިއެވެ. ބަކުރުބެގެ ހުޝިޔާރުކަމުން އެއިން ބަކުރުބެ ސަލާމަތްވިއެވެ.
ރަސްގެފާނު އެހެން ބުނުމާއެކު ބޮޑު ސްޓާރ ފިޝް އެއް އައިސް ބަކުރުބެގެ އަނގަމަތީގައި ތަތް ކޮށްލިއެވެ. ބަކުރުގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެހެންވެ، އަވަސް އަވަހަށް އެ ނައްޓާލަން ހިފާލިއެވެ. ހިފާލިތަނާއިހެން ދެ ވެން އައިސް ބަކުރުބެގެ އަތުގައި އޮޅާލިއެވެ. އަދި ބަކުރުބެގެ ދެއަތް ފުރަގަހަށްލުމަށް ފަހު ރަނގަޅަށް ހައްޔަރު ކޮށްލިއެވެ. އެހިސާބުން ބޮޑު ދެ މިޔަރު އައިސް ބަކުރުގެ ގައިކައިރިއަށް ހުއްޓުނެވެ. ދެން ބޮޑު ބޯވައެއް އައިސް ބަކުރުބެގެ ފައިގައި އޮޅާލިއެވެ. އަދި ރަސްގެފާނުގެ ދަރުބާރުން ދަމާފައި ބަކުރު ގެންދަން ފެށިއެވެ.
ބަކުރުބެގެ ފަހަތުން ދަރުބާރުގައި ތިބި އެންމެހާ މަސްމަހާ މެހި އަންނަން ފެށިއެވެ. ބަކަ ތަޅަމުން، މަޖާކުރަމުން ލަވަކިޔަމުން މަސްތައް އަންނަމުން ދިޔައިރު، ހީވަނީ އެމީހުންނަށް މުޅި ދުނިޔެ ފަތަޙަވެގެން އުޅޭ ހެންނެވެ. ވަކި ހިސާބަކަށް ދެވުނު ތަނާހެން ބަކުރުބެގެ މޫނު މަތީގައި ތަތްކޮށްލައިގެން ތިބި ސްޓާރފިޝްތައް ބަކުރުބެ ދޫކޮށް ދިޔައެވެ. އަދި އިރުކޮޅެއް ފަހުން ބަކުރުބެގެ ދެއަތް ހައްޔަރުކޮށްގެން ތިބި ވެންތައްވެސް ބަކުރުބެޔާއި ފެޔަށް ޖެހުނެވެ. އަދި ބަކުރުބެގެ ފައިގައި ހިލިހިލާގެން އޮޅާލެވިގެން ތިބި ބޯވާތައްވެސް ބަކުރުބެ ދޫކޮށް ދިޔައެވެ. ބަކުރުބެގެ ގާތުގައި ދެން ތިބީ ހަމަ އެކަނި ބޮޑު ދެ މިޔަރެކެވެ.
” ހިނގާ ދޯ ބަކުރުބެ ކާލާން.” އެތަނުން އެއް މިޔަކު ބުނެލިއެވެ.
” އާނ. އަވަހަށް އަހަރެން ކާލާ. މިހާރު ދެން ތިކަމެއް ނޫންތަ ނުވެ އޮތީ.” ބަކުރުބެ އަކީ ބިރުވެސް ގަންނަ މީހެއް ނޫނެވެ.
” ކާލާނީ. ބަކުރުބެ ކާލާނީ. ހާދަ މަސްވީރުވާނެ ހެންނޭ ހީވަނީ ބަކުރުބެގެ.” ބަކުރުބެގެ ފައިތިލައިގައި ދޫޖައްސާލަމުން އެއް މިޔަރު ބުނެލިއެވެ.
” އަސްލު އަހަރުމެންގެ މަސް މުޅި ބަކުރުބެގެ ގައިގަ ތިއޮތީ. އަހަރުމެންގެ ކަނޑުން މަސް ބާނައިގެން އެމަސް ކައިގެން ބޮޑުވި މީހެއްތީ. ވީމާ، އަހަރެމެން ބަކުރުބެ ކާލިޔަސް ފާފަވެރިއެއްނުވާނެ.” އެތަނުން ދެން އިން މިޔަރު ބުނެލިއެވެ.
” ދެން އަނގަނުތަޅާ ކާލަންވީނު.” ބަކުރުބެ ގޮތެއް ދޫނުކުރިއެވެ.
” އަސްލު ހުރަގެއަށް ޙުކުމު ނުކުރިނަމަ، ބަކުރުބެ ކާލާނަން އަހަރެމެން. ދެން ހީވަނީ ހުރައިގެން ނެރޭ ދުވަހު ރަސްގެފާނު ހުކުމު ކުރައްވާނެ ބަކުރުބެ ކާލަން.” މިޔަރު ބުލިއެވެ.
އެހިސާބަށް ބުނެވުނު ތަނާހެން ބަކުރުވެގެ ފައިދަށުން ކުޑަ ދޮރެއް ހުޅުވުނެވެ. އެތަނުން ބަކުރު ބެއަށް ފެންނަން އޮތީ ތިރިއަށް ފައިބަންހަދާފައިވާ ވަށް ސިޑިއެކެވެ.
” ތިރިއަށް ފައިބާ.” ދެމިޔަރު އެއްފަހަރާ ބުނެލިއެވެ.
” ކޮންތާކަށްތަ ތިގެންދަނީ.” ބަކުރުބެ ބުނެލިއެވެ.
” ހުރަގެއަށް. އެކަމަކު އަދި ދެވޭނީ އިރުކޮޅެއް ފަހުން.” މިޔަރު ބުނެލިއެވެ.
ބަކުރުބެ ސިޑިން ތިރިއަށް ފައިބަން ފެށިއެވެ. ފެށުމާއި ބަކުރުބެއަށް އިވުނު ގަދަ ފަޑު އަޑުތަކުން ބަކުރުބެގެ ކަންފަތް ބީރުނުވީ ވެސް ކިރިޔާއެވެ.
” ބަކުރުބެ މަރާލާ. ބަކުރުބެގެ ދަތްތައް ވަކި ވަކިން އުފުރާ. ބަކުރުބެގެ ނިޔަފަތިތައް ވަކިވަކިން އުފުރާ. ބަކުރުބެގެ އިނގިލިތައް ވަކިވަކިން ބުރިކުރޭ.” ބަކުރުބެއަށް އިވެންފެށީ އެހެން ގޮވާ އަޑެވެ. ހީވަނި މުޒާހަރާއެއްގައި ބަޔަކު އަޑުގަދަ ކުރާހެންނެވެ.
” ކޮންތާކުންތަ މިހާރު އެހަޅޭއްލަނީ. ޙުކުމް ކުރީމަވެސް ހަޖަމުނުވާ ބަޔަކުވެސް އުޅޭތަ މިތާ.” ބަކުރުބެ ބުނެލިއެވެ.
” ތިއެއް ފެންނާނެ ކުޑަ އިރުކޮޅަކުން.” ބަކުރުބެގެ ފަހަތުގައި ތިބި ދެމިޔަރު އެއް ފަހަރާހެން ބުނެލިއެވެ.
” ހަނދާންކުރާތި! އަހަރެން މިމައްސަލަ އިސްތިޢުނާފްވެސް ކުރާނަން.” ބަކުރުބެ ހަރު އަޑުން ބުނެލިއެވެ.
” ކޮންތާކުން.” މިޔަރު އަނހާލިއެވެ.
” މިތާގެ ހައިކޯޓުން. އޭ އަނެއްކާ ހައިކޯޓު އޮވޭތަ މިތާ؟” ބަކުރުބެ ބުނެލިއެވެ.
” މީ އައްޕަ ރިސޯޓްތަ؟ މިތާ އޮންނާނީ ރަސްގެފާނުގެ ދަރުބާރު. ބޮޑުވަޒީރު ހުންނާނީ ނަމަކަށް. އަނެއްކޮޅުން މިތާ އިސްތިޢުނާފް ޤަބޫލެއްނުކުރާނެ. ކަލޭމެން އިންސާނުންހެން އިންސާފް ހޯދަން މިތާ ދުވާކަށް ނުޖެހޭނެ ތިރީސް އަހަރުވަންދެނެއް. ދުވަހުން ދުވަހަށް މިތާ ޝަރީޢަތްކޮށް ޙުކުމް އިއްވާ، އަދި އެޙުކުމް ތަންފީޒްކުރަން ފެށޭނެ. ކިހާ ސަޅިދޯ.” ފަޚުރުވެރިކަމާއެކު މިޔަރު ބުނެލިއެވެ.
” އާނ. ވަރަށް ސަޅި. މައެކަނި. ކަލޭމެން އެންމެން. މަގޭ ދިފާޢީ ވަކީލެއް ނެތް. ކަލޭމެންގެ ރަސްގެފާނު. ކަލޭމެންގެ ބޮޑުވަޒީރު. ކަލޭމެންގެ ފަނޑިޔާރު. ކަލޭމެންގެ ހެކިން #. ކަލޭމެންގެ ފަޑިޔާރުންގެ ބެންޗު. ކަލޭމެން ހުރިހާ މަސްމަހާމެހި. ތިއީ ކޮންކަހަލަ އިންސާފެއް. ކިހާ ބޮޑު އަނިޔާއެއް އަހަންނަށް ތިދެނީ. ތިހެން ހަދަން ހެޔޮވެސް ނުވާނެއްނު. އަޅެ މިނޫން އެހެން ދުވަހެއް އޮތްކަން ވިސްނާފަ. ތިސޮރުން ވީނު އަހަރެން ދޫކޮށްލަން.” ބަކުރުބެ އުޅުނީ ދެ މިޔަރުގެ ބޮލަށް އެރެވޭތޯއެވެ.
” ރިޝްވަތުދޭންތަ ތިއުޅެނީ އަހަރުންނަށް؟ ނުވާނެ ތިކަމެއް.” ދެމިޔަރު އެއްފަހަރާހެން ބުނެލިއެވެ.
” އާނ. މަމީ ބިލްގޭޓްސް ވިއްޔާ ލާރިގިނަވެގެން ލާރިބަހަން. މަމީ ކާކުކަން ކަލޭމެންނަށްދޯ އެންމެ ރަނގަޅަށް އެނގޭނީ. އެހުރީ 09 އަހަރުން ފެށިގެން އަހަރެންގެ މަސްބޭނުމުގެ ރެކޯޑްތައް ކަލޭމެން ބަލަހައްޓާފަ ހުރިހަ ވަރު. އެފް.ބީ.އައިގަވެސް ނުހުންނާނެ މީހެއްގެ ރެކޯޑެއް ތިވަރަށް. އަސްލު ކޮބާތަ ކަލޭމެންގެ މެއިން ރެކޯޑްސް ބަލަހައްޓާ އޮފީސް. އަހަރެން ގެންގޮސްދީފާނަންތަ އެތަނަށް؟ އެއީ ބަކުރުބެ ކިޔާ ވަރަށް ގިނަ މީހުން އަހަރެންގެ ރަށުގަ އުޅޭނެ. ފަހަރުގަ ވެދާނެ އަހަރެންމީ ތިކިޔާ ބަކުރުބެ ނޫން ކަމަށްވެސް. އަދި އަހަންނަށް ވުރެ މާގިނައިން މަސްވެރިކަން ކޮށް މަހަށްދާ ބަކުރުބެއެއްވެސް އުޅޭނެ. އެހެންވީމާ، އަހަންނަށް ވަރަށް ބޮޑަށް ޔަޤީން އަސްލު ނުބައި މީހަކަށް ނުހައްޤުން އަދަބު ދޭން ތިއުޅެނީ.” ބަކުރުބެ އުޅެނީ ވާހަކަ ދައްކައިގެން ސަލާމަތް ވެވޭތޯއެވެ.
” އަހަރުމެންގެ ރެކޯޑްސްގަ ނުހުންނާނެ މައްސަލައެއް. ސީ.އައި.އޭގަވެސް ނުހުންނާނެ އަހަރުމެންގެ މިގެންގުޅޭހާ މޮޅު ވަޞީލަތްތަކެއް. އަނެއްކޮޅުން ބަކުރުބެ ތިއީ ހަމަ އަދަބަ ލިބެންޖެހޭ މީހެއް.” މިޔަރު ބުނެލިއެވެ.
އެހިސާބަށް ބުނެވުނުއިރު ބަކުރުމެން ތިބީ ސިޑީގެ އެންމެ ފަހު ހަރު ފަތުގައެވެ. ބަކުރުބެ އެންމެ ފަހު ހަރުފަތުން ފޭބުމާއިއެކު މުޅިތަން ކުއްލިއަކަށް އަނދިރިވިއެވެ. ލޮލަށް އިނގިލި ކޮށްޕާލިއަސް ނޭނގޭވަރަށެވެ. ބަކުރުބެ ހިތަށް އެރިއެވެ. ދެން ދުއްވައިގަންނަންވީއެވެ. އޭރަށް މިކަމުން ސަލާމަތް ވީއެވެ. އެހެންވެ ބަކުރުބެ ދުއްވައިގަތީ ކުއްލިއަކަށެވެ. ދުއްވައިގަތް ތަނާއިހެން މުޅިތަން ކުއްލިއަކަށް ދިއްލާލިއެވެ. ހީވަނީ މުޅި ތަނުގައި ކުއްލިއަކަށް އެންމެ އަލިގަދަ މާކަރީ ލައިޓްތަކެއް އެއްފަހަރާ ދިއްލާލިހެންނެވެ. އަލިގަދަކަމުން ބަކުރުބެގެ ލޮލަށްވެސް އުދަނގޫވާން ފެށިއެވެ. އެހެންވެ ބަކުރުބެ ހުރިތަނަށް ހުއްޓުން އެރިއެވެ.
” ކަލޭ ފިލަންދޯ ތިއުޅޭނީ. މީދަ މުސްކުޅިޔާ ފިޔަން ޚިޔާލަށްވެސް ނުގެންނާތި!” ބަކުރުބެގެ ކައިރިއަށްޖެހިލަމުން މަލާމާތުގެ ރާގަކަށް މިޔަރު ބުނެލިއެވެ.
” މަނޫޅެއް ފިލާކަށް. މީ ކޮންތަނެއްތަ؟ ތަންކޮޅެއް އަލި މަޑުކޮށްބަލަ.” ބަކުރުބެ ހަޅޭއްލަވައިގަތެވެ.
” ޝަޓަޕް.” މިޔަރު ބުނެލިއެވެ.
” އޭނ. ކީކޭ؟” މިޔަރު އިނގިރީސި ބަހުން ލަފްޒެއް ބުނެލުމުން ބަކުރުބެ ދިޔައީ ސިއްސައިގެންނެވެ.
” އެއްޗެކޭ ނޫން. އިރުކޮޅަކުން މިއައްޔަށް ބަކުރުބެ ހޭނޭނެ. މިހާރު އަދި މިއާދެވުނީ ތަނަކަށް. މިއީ އަހަރެމެންގެ ހޮސްޕިޓަލް. މިތަނުން ބަކުރު ބެއަށް ފެންނާނެ ބަކުރުބެ އެންމެ ކުޑައިރުއްސުރެ އަނިޔާ ކުރި މަސްތަކާއި އޭގެ މިހާރުގެ ޙާލަތު. މަރުވި އެއްޗެއްވިއްޔާ އޮންނާނީ ވަޅުލާފަ. ބަކުރުބެ ހުރަގެއަށް ދިއުމުގެ ކުރިން މިތަންތަން ދައްކާފަ ގެންދަން އަންގާފަ އޮތީ މަތިން.” މިޔަރު ބުނެލިއެވެ.
” ހަމަ އަސްލުވެސްތަ؟ އޭ ރަސްގެފާނުގެ ތިބޭތަ ރީތި އަންހެން ކުދިން. ކޯއްޗެއްތަ އެމީހުންނަށް ކިޔަނީ. އާނ. މާމެޑުން. އަހަރެން ދަރިފުޅު ބުނި އެއީ ވަރަށް ރީތި ބަޔެކޭ. އަހަރެން ހުރަގެއަށް ލުމުގެ ކުރިން އެއިން ކުއްޖަކުވެސް ދައްކާލާކަށް ރަސްގެފާނު ނުބުނޭތަ؟” ބަކުރުބެ އެހެން ބުނުމުން ދެމިޔަރުގެ ހިނގަނޑު އެއްފަހަރާހެން ފަޅައިގެން ދިޔައެވެ.
=ނުނިމޭ=