ހީވޭ ހިތް ބުނާހެން 12
“މެރީ ކުރަން ވެގެން ދޯ އަޒްމަންއަށް އާނއެކޭ ބުނީ. އަޒްމަން ބޭނުން ދުވަހަކު ކުރަން އަހަންނަށް އޯކޭ، އެކަމަކު އަދި ބޭނުން ދުވަސްކޮޅަކު މަންމަމެން ކައިރީ ގޭގަ ހުރެލަން. އަޒްމަންއަށް މަޑުކޮށްލެވެންޏާ އަދާއަށް އަހަރެން ވަރު ވެލަން ދެން މަޑުކޮށްލަން ބޭނުން” ޒައިނާ ބުންޏެވެ.
“މިހާރުވެސް ބޭނުން ޒައިއާ މެރީ ކުރަން، އެކަމަކު އަހަރެން މަޑު ކުރާނަން. ޒައި ބޭނުން ދުވަހަކު މެރީ ކުރާނީ” އަޒްމަން އެދެނީ ހުރިހާ ކަމެއްވެސް ޒައިނާ ބޭނުން ގޮތަކަށް ކުރުމެވެ.
ޖެހިގެން އައި ހޮނިހިރު ދުވަހެވެ. އިރު އޮއްސިގެން އައި އިރު އެވަރ ގްރީން ގޭގެ ސިޓިންގރޫމް އޮތީ ފުރިފައެވެ. ނަޝީލާއާ ވަސީމްގެ އަށް ކުދިންގެ އިތުރުން ކައިވެނި ކޮށްގެން ތިބި ކުދިންގެ އަނބިންނާ ފިރިން، އަދި އެ ކުދިންގެ ކުދިން އެކި މަސައްކަތުގައި ހަރަކާތްތެރި ވަމުން ދިޔައެވެ. އާއިލާގައި ނުހިމެނޭ މީހަކަށް އޭރު އެ ގޭގައި ހުރީ ދައުހާއެވެ.
އާއިޝްއާ އީޝަލް އާ ނީލަމް ކައިރީގައި އަދާ އުނގަށް ލައިގެން ދައުހާ އިނީ އެ ކުދިންނާއެކު ސްނޭކް އެންޑް ލެޑަރސް ކުޅޭށެވެ. ނަބާހާއާ ޒިދުނާއާ ހޫރިޔާ ބަދިގޭގައި އުޅުނީ ކެއްކުމުގެ އެންމެ ފަހު ކަންތަކުގައެވެ. އެ ވަގުތު އާހިލް ގެއިން ނިކުތީ އޯޑަރ ކުރި ކޭކު ނިމިގެން ގުޅުމުން އެ ބަލާ ދާށެވެ. ނަވާޒްއާ ނިހާންއާ އަޔާޒް އުޅުނީ ގޮނޑި އެތުރުމުގައެވެ. ޒައިނާ އުޅުނީ މޭޒުމަތި ތައްޔާރު ކުރުމުގައެވެ. ރާއިދުއާ ރިޔާން އުޅުނީ ފާރުގައި އަކުރުތަކެއް ހަރު ކުރާށެވެ.
ހަތްގަޑި ބައި ވީ ތަނާ އާހިލް ކޭކު ހިފައިގެން އައި އިރު އާހިލްއާ އެކު ސިދްރާވެސް އައެވެ. އައި ގޮތަށް ސިދްރާ ވަނީ ބަދިގެއަށެވެ.
އަށްގަޑި ބައި ވީ އިރު ހުރިހާ ކަމެއް ތައްޔާރު ކޮށް ނިންމާފައި ހުރިހާ ކުދިންވެސް ތިބީ ތައްޔާރު ވެގެންނެވެ.
“ދޮންބޭ، އަޒްމަންއަށް ގުޅާބަލަ، މިހާރު މާ ލަސް ވެއްޖެއެއްނު؟” ކުއްލިއަކަށް ނަވާޒް ބުންޏެވެ. އެ ވަގުތު ދޮރު ހުޅުވާލާފައި ވަން އަޒްމަން ފެނުމުން ޒައިނާ ހީލީ މިރޭ އެންމެންނަށް ލިބޭނެ ސަޕްރައިޒް ހިތަށް އަރާފައެވެ. އަޒްމަން ވަނުމާ އެކު ނިހާންއާ ނަވާޒް އަޒްމަން ކައިރިއަށް ދިޔައެވެ.
އެރޭ ގޭ ކުދިންގެ އިތުރުން އެ ޕާޓީއަށް އައުމަށް ދައުވަތު ދެވުނީ އަޒްމަންއާ ދައުހާއަށް އެކަންޏެވެ.
“މަންމަ މެންނަށް ގޮވަންވީނު ދެން” ގަޑި ބަލާލާފައި ނަވާޒް ބުންޏެވެ.
ލޯގަނޑު ކުރިމަތީ ހުރެ ބުރުގާއަށް އެންމެ ފަހު ދަތި ޖަހާލާފައި ނަޝީލާ އެނބުރިލިއެވެ. އޭރު ވަސީމް ނަޝީލާއަށް ބަލަން ހުއްޓެވެ.
“ކިހިނެއް ވީ؟” ނަޝީލާ އަހާލިއެވެ.
“ނަޝީއާ އެކީ މި ގޮތަށް ތިރީސް ފަސް އަހަރު ދިޔަ ގޮތް ނުވެސް އެނގޭ. ހާދަ އަވަހޭ ދޯ ދުވަސްތައް ދާ ލެއް؟” ކައިރިއަށް އައިސް ނަޝީލާގެ އަތް ތިލައިގައި ހިފާލަމުން ވަސީމް ބުންޏެވެ.
“އާނ، އަހަރެން އެދެނީ ކުރިއަށްވެސް ހަމަ މި ކަހަލަ ދުވަސްތަކެއް އައުން” ވަސީމްގެ މޭގައި ބޯ ޖައްސާލަމުން ނަޝީލާ ބުންޏެވެ.
“ގައިމުވެސް ދެނެއް ނަޝީއާ ނުލައެއް ނޫޅެވޭނެ” ވަސީމް ހީލިއެވެ.
“އެއްކަލަ ވަސީމް…” ދުރަށް ޖެހިލަމުން ނަޝީލާ ބުންޏެވެ.
“ކީއްވީ؟ އަހަރެން އަދިވެސް ނަޝީ ދެކެ ކުރިން ވީހެން ލޯބި ވެޔޭ” ހިނިގަނޑެއް ޖަހާލަމުން ވަސީމް ބުންޏެވެ.
“މިހާރު ދެން މުސްކުޅި ވެފަ އަހަރުމެން މިތިބީ، މާމަ ކާފަ ވެފަ. ތިހެން އުޅޭ އުމުރެއް ނޫނެއްނު މީކީ” ހިނިއައިސްފައި ހުރެ ނަޝީލާ ބުންޏެވެ.
“ލޯބިން ނޫޅޭހާ މުސްކުޅިއެއް ނުވޭ އަދިއެއް، އަބަދުވެސް އަހަރެން ބުނަމެއްނު ނަޝީ ދެކެ ލޯބި ވާ ވާހަކަ؟ އެކަކަމު ނަޝީ ނުބުނާނެ އެއް ފަހަރުވެސް” ވަސީމް ސަމާސާ ކޮށްލިއެވެ.
“ނުބުންޏަކަސް ލޯބި ވާތީއެއްނު މިހާ ދުވަހު އެކީގަ މި އުޅެވުނީ، ކޮންމެ ރެއަކު ވަސީމްގެ މޭގަ ބޯ އަޅައިގެން ނޫނީ ނުނިދެނީ؟” ނަޝީލާ ރަކިވެފައި ހުރެ ބުންޏެވެ.
އެ ވަގުތު ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ.
“މަންމާ، ބައްޕާ، އަށްގަޑި ބައި ވެއްޖެ. އަހަރުމެން އިންތިޒާރު ކޮށްކޮށް ވަރުބަލި ވަނީ މިހާރު. ދެން ރޮމޭންސް ފަސްކޮށްލާފަ އަހަރުމެންނަށް ފެނިލަން ވީނު؟” އަބަދުވެސް ސަކަރާތް ޖަހަން އުޅޭ ރިޔާން ގޮވާލި އަޑު އިވުނެވެ.
ނަޝީލާއާ ވަސީމް ހިނި އައިސްފައި އެކަކު އަނެކަކަށް ބަލާލާފައި ކޮޓަރިން ނިކުތެވެ. އެއާއެކު ހުރިހާ ކުދިން ތަހުނިޔާ ކިޔަން ފެށިއެވެ.
އެންމެން ދުރުވެ ހަމަ ޖެހިލުމުން ޒައިނާ، މަންމައާ ބައްޕަ ކައިރިއަށް ގޮސް ދެ މީހުންގެ ދެ އަތުގައި ހިފާލިއެވެ.
“އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ އެބަ އޮތް” ޒައިނާ ބުންޏެވެ.
“ކޮން ވާހަކައެއް؟” ވަސީމްގެ މޫނަށް ބަލާލާފައި ނަޝީލާ އަހާލިއެވެ.
ޒައިނާ އަޒްމަންއަށް ބަލާލާފައި އިޝާރާތް ކޮށްލުމުން އަޒްމަން އައިސް ޒައިނާ ކައިރީ ހުއްޓިލިއެވެ.
“ޒައި އެއްބަސް ވެއްޖެ އަހަންނާ ކައިވެނި ކުރަން” އަޒްމަން ބުންޏެވެ.
“ތެދެއްތަ ދަރިފުޅު؟” ނަޝީލާ އަހާލީ ގަބޫލު ނުކުރެވިފައި ހުރި މީހަކު ހެންނެވެ.
ޒައިނާ ހިނިތުން ވެލަމުން ބޯ ޖަހާލިއެވެ.
އެއާއެކު އަނެއްކާވެސް އަޑު ގަދަވެގެން ދިޔައީ އެންމެން ޒައިނާއާ އަޒްމަންއަށް މަރުޙަބާ ކިޔަން ފެށުމުންނެވެ. ހިނި އައިސްފައި ތަންކޮޅެއް ދުރުގައި މަންޒަރު ބަލަން ހުރީ ދައުހާ އެކަންޏެވެ. އެންމެން ދުރު ވެލުމުން ދައުހާ އައިސް އަޒްމަންއާ ސަލާން ކޮށްލަމުން މަރުޙަބާ ކިޔެވެ.
“އައިމް ސޯ ހެޕީ ފޮރ ޔޫ!” ޒައިނާގެ އަތުގައި ހިފާލަމުން ދައުހާ ހިތުގެ އަޑިން ބުންޏެވެ. އެއާއެކު ޒައިނާ ދައުހާ ގައިގައި ބައްދާލިއެވެ.
“ކޮން އިރަކުން ދަރިފުޅުމެން ކައިވެނި ކުރަނީ؟” ވަސީމް އަހާލީ އަޒްމަން ކައިރީއެވެ.
“ވީހާވެސް އަވަހަކަށް ކުރަން އަހަރެން ބޭނުމީ، އެކަމަކު ޒައި ބޭނުން ވަނީ އަދި ތަންކޮޅެއް ފަހުން” އަޒްމަން ޖަވާބު ދިނެވެ.
ނަޝީލާ އެ ވަގުތު އެންމެ ކުޑަ ދަރިފުޅު ގައިގައި ބައްދާލިއެވެ.
“މަންމަމެންނަށް ރަނގަޅު ވާނީ އަބަދުވެސް ނަންނަ މި ގޭގަ، މަންމަ ކައިރީގަ ހުރިއްޔާ. އެކަމަކު ދަރިފުޅުމެން ބޭނުން ދުވަހަކުން ހަމަ ކައިވެނި ކުރަންވީ. މަންމަމެންގެ އެއްވެސް މައްސަލައެއް ނެތް، ދޯ ވަސީމް؟” ނަޝީލާ ބުންޏެވެ.
އިރުކޮޅެއް ނުވެ އެންމެން ޒައިނާއާ ދިމާ ކުރަން ފެށީ އަންގާވެސް ނުލާ ސިއްރުން އަޒްމަންއާ ދެ މީހުން ކައިވެނީގެ ވާހަކަ ދެއްކީތީއެވެ.
“މަންމާ، އަހަރެންވެސް އެބަ އޮތް ވާހަކައެއް ބުނަން” އެންމެން ހަމަ ޖެހިލުމުން އާހިލް އައިސް ނަޝީލާ ކައިރީ ބުންޏެވެ. އާހިލް ބުނާ އެއްޗަކަށް ނަޝީލާ އާ ވަސީމް ސަމާލު ވުމުން ސިދްރާވެސް އެ މީހުން ކައިރިއަށް އައެވެ.
“އަހަންނާ ސިދޫވެސް ކައިވެނި ކުރަން ވެގެން” އާހިލް ބުންޏެވެ.
“އެހެންތަ؟ މަންމަގެ ހުރިހާ ކުދިން ބޮޑެތި ވަނީ ދޯ؟ ސިދޫ، މަންމަ ވަރަށް އުފާ ވެއްޖެ. ކޮން ދުވަހަކުން ކައިވެނި ކުރަނީ؟” ސިދްރާގެބއަތުގައި ހިފާލަމުން ނަޝީލާ އުފަލުން އެހިއެވެ.
“އާހިލް މަންމަ ބުނާ ދުވަހެއް ރަނގަޅު ވާނެ” ސިދްރާ ބުންޏެވެ.
“މަންމައަކަށް ނޭނގޭނެ، ދަރިފުޅުމެން ބުނާ ދުވަހަކަށް މަންމަމެން ތައްޔާރު ވާނަން” ހީލަމުން ނަޝީލާ ބުންޏެވެ.
“ސިދޫ ބުނީ ޑޭޓެއް ހަމަ ޖައްސާނީ މަންމައާ ބައްޕައޭ. އެހެން ވީމަ މަންމަމެން ބުނި ދުވަހަކުން އެކަން ވާނީ” ހިނި އައިސްފައި ހުރެ އާހިލް ބުންޏެވެ.
“އެހެންތަ؟ އެހެން ވިއްޔާ… އަންނަ މަސް ދޫކޮށްފަ އަނެއް މަހުގެ ފެށޭ ކޮޅުން ދުވަހެއްގަ ކައިވެނި ކުރީމަ ރަނގަޅު ވާނެއެއްނު، ދޯ ވަސީމް؟” ވިސްނާލާފައި ނަޝީލާ ބުންޏެވެ.
“އާހިލްއާ ސިދޫއަށް ރަނގަޅިއްޔާ އެ ވީ” ވަސީމް ބުންޏެވެ.
އާހިލްއަށް ބަލާލާފައި ސިދްރާ ބޯ ޖަހާލިއެވެ.
“ދެން ކާކު މި ކަހަލަ އުފާވެރި ހަބަރެއް ދޭން އޮތީ؟” ހުރިހާ ކުދިންނަށް ބަލާލަމުން ވަސީމް އެހިއެވެ.
“އަހަރެން”
“އަހަރެން”
ވަސީމް އެހެން އަހާލުމާ އެކު ނަވާޒްއާ އަޔާޒް އެއް ފަހަރާ ބުންޏެވެ.
“ތިއްތިބޭ ފަހުން ބުނޭ، އަހަރެން ފުރަތަމަ ބުނާނީ” އެކަކު އަނެކަކަށް ބަލާލާފައި، ހިނި އައިސްފައި އަޔާޒް ބުނެލިއެވެ.
“އަޔާ މަޑު ކުރޭ އިހަށް، އަހަރެންނެއްނު ބޮޑީ، އަހަރެން ފުރަތަމަ ބުނާނީ” ކުރިޔަށް ހިނގައިގަތް އަޔާޒްގެ އަތުގައި ނަވާޒް ހިފާ ހުއްޓުވިއެވެ.
“އަހަރެން ކުޑަ ވީމައޭ އަހަރެން ފުރަތަމަ ބުނަން ވީ” އެކަކު އަނެކަކު ގައިގައި ހިފައިގަނެގެން ތިބެފައި އަޔާޒް ބުންޏެވެ.
އެ މަންޒަރު ބަލަން ހިނި އައިސްފައި އެންމެން ތިއްބާ ނަޝީލާ ގޮސް ނަބާހާއާ ހޫރިޔާގެ ކައިރީ ހުއްޓުނެވެ.
“ދެ ކުދިންވެސް ބަނޑު ބޮޑީތަ؟” ނަޝީލާ އަހާލިއެވެ.
ނަބާހާއާ ހޫރިޔާ އެއް ފަހަރާ ބޯ ޖަހާލިއެވެ.
ނަވާޒްއާ އަޔާޒް ހައިރާން ވެފައި ނަޝީލާއާ ދިމާއަށް ބަލަން ތިއްބެވެ.
“އަސްލުވެސްތަ؟ އަޅޭ… މަންމަ ހާދަ އުފާ ވެއްޖެޔޭ” ނަބާހާއާ ހޫރިޔާ ގައިގައި އެއް ފަހަރާ ބައްދާލަމުން ނަޝީލާ ބުންޏެވެ.
“އަދިވެސް އަޔާޒް އާ ނަވާޒް ކުޑަ ކުދިން ހެން ތަޅާ ފޮޅަން ތިބޭ. ދަރިން ލިބި މުސްކުޅި ވާ އިރުވެސް މި މީހުން އުޅޭނީ މިހެން” ދެ ފިރިހެން ދަރިންގެ ބުރަކަށީގައި ޖަހާލަމުން ހިނި އައިސްފައި ހުރި ވަސީމް ބުންޏެވެ.
ބާރަށް ހީގެންފައި ނަވާޒްއާ އަޔާޒް އެކަކު އަނެކަކަށް މަރުޙަބާ ކިޔަމުން ބައްދާލިއެވެ. ދުރުގައި ހުރި ނިހާންވެސް އައިސް ކޮއްކޮމެން ގައިގައި ބައްދާލިއެވެ. އަނެއްކާވެސް އަޑު ގަދަ ވެގެން ދިޔައީ އެކަކު އަނެކަކަށް މަރުޙަބާ ކިޔަން ފެށުމުންނެވެ.
“މަންމާ، ބައްޕާ، ދެން ހިނގާ ކޭކު ފަޅާލަން” ޒިދުނާ އައިސް ނަޝީލާއާ ވަސީމްގެ އަތުގައި ހިފައިގެން ކޭކު ބައިންދާފައި އިން މޭޒު ކައިރިއަށް ދިޔައެވެ.
ކޭކު ފަޅާފައި ނަޝީލާއާ ވަސީމް ފަހަރަކު ކުއްޖެއްގެ އަނގަޔަށް ލަވަމުން ގޮސް އެންމެ ފަހުން މަޑުކޮށްލީ ނިހާން ކައިރިއަށެވެ.
“ހެޕީ އެނިވަރސަރީ މަންމައާ ބައްޕައަށް” ނަޝީލާ ލެވި ކޭކުކޮޅު ކާލާފައި މަންމައާ ބައްޕަގެ އަނގަޔަށް ކޭކުކޮޅެއް ލަވަމުން ނިހާން ބުންޏެވެ.
“ނިހާން ކޮން ދުވަހަކުންތަ މަންމަމެންނަށް އުފާވެރި ހަބަރެއް ދޭނީ؟” ނަޝީލާ އަހާލިއެވެ.
އެ ސުވާލުގެ އަޑު އިވުމުން އެތާ ތިބި އެންމެންގެ ސަމާލުކަން ނިހާންއަށް ހުއްޓުނެވެ. ޒައިނާއާ ނަވާޒްއާ ދައުހާ ނިހާން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ނެވާ ހިފަހައްޓާލައިގެން ތިއްބެވެ.
ނަޝިލާގެ ސުވާލަށް ޖަވާބެއް ނުދީ ނިހާން އިސްޖަހާލިއެވެ.
“މަންމައަށް އެނގޭ އެ ކަހަލަ ކަންތައް އެހާ ފަސޭހައިން ހަނދާނެއް ނުނެތޭނެ ކަން. އެކަމަކު މިހާރު އޭގެ ފަހުން ހަ އަހަރު ވީ. ނިހާންގެ ދިރި އުޅުން އަދި އޮތީ ކުރިއަށް. ކޮންމެސް ރަނގަޅު ކުއްޖެއްގެ އެހީގަ އެ ހުރިހާ ކަމެއް މާޒީއަށް ދޫކޮށްލާފަ ނިހާންއަށް އާ ދިރިއުޅުމެއް ފެށިދާނެ. ދަރިފުޅު މަސައްކަތް ކޮށްބަލަ!” ނަޝީލާ އެދެނީ އެހެން ކުދިން ފަދައިން ނިހާންގެ ހަޔާތަށްވެސް ކުއްޖަކު އައުމެވެ. ނިހާންވެސް ދިރިއުޅުމެއް ފެށުމެވެ.
ނަޝީލާ އެ ވާހަކަ ދައްކަން ފެށުމުން ގަސްތަކާ ނުލާ ދައުހާއާ ދިމާއަށް ނިހާންއަށް ބަލާލެވުނެވެ. އެކަން ނަވާޒްއަށް ފާހަގަ ކުރެވުނެވެ.
ދައުހާއާ ނިހާން ހަތަރުކަޅި ހަމަ ވި ވަގުތު އެ ދެމެދުގައި އެތައް ވާހަކައެއް ދެކެވުނު ފަދައެވެ. ނިހާންއާ ދިމާއަށް ބަލަން ހުންނަން އުނދަގޫ ވެގެން ދައުހާ އިސް ޖަހާލިއެވެ. ނަމަވެސް އެ ލޯ ފެންކަޅި ވެގެން ދިޔަތަން ނިހާންއަށް ފެނުނެވެ. ޒައިނާ ފިޔަވާ، ނިހާންގެ ޖަވާބަކަށް ބަލަބަލާ އެތާ ތިބި އެކަކަށްވެސް އެކަމެއް ފާހަގައެއް ނުކުރެވެއެވެ.
ދައުހާގެ އަތްތިލައިގައި ހިފާލަމުން ޒައިނާ މަޑުމަޑުން ފިތާލިއެވެ. އެކުވެރިޔާއާ އެކުގައި ހުރީމޭ ޒައިނާ ބުނި ފަދައެވެ.
ދައުހާ އިސް ޖަހާލުމުން ނިހާންގެ މެއަށް ގޮތެއް ވެގެން ދިޔައީ ދައުހާއަށް ވީ ގޮތް ފެނުމުންނެވެ. އެ ލޮލުން އެ ހިތުގެ ހާލު ފެނުނީތީއެވެ. އެ ނަޒަރުން އެ ހިތުގެ އެދުން ހާމަ ކުރީތީއެވެ. އެ ހިތުގެ އާދޭސް، ދުލުން ބުނެލި ބަހެއް ފަދައިން ނިހާންގެ ހިތާ ހަމައަށް ފޯރީތީއެވެ.
އިޚްތިޔާރަކާ ނުލާ ނިހާންއަށް މޭގައި އަތް ޖައްސާލެވުނެވެ.
“ތީ ވާން އޮތް ކަމެއް ވިއްޔާ ކޮންމެސް ދުވަހަކުން ވާނެ މަންމާ… އެހެން ނޫނިއްޔާ މިއޮތީއެއްނު އަހަރެންގެ އާއިލާ؟ ކީއްކުރާ އިތުރު މީހެއް؟” ހަމަ ޖެހިލަން މަސައްކަތް ކުރަމުން، ހިތާ ހަމައަށް ނުފޯރާ ހިނިތުންވުމަކާ އެކު ނިހާން ބުންޏެވެ. ނަޝީލާ ދެއްކި ވާހަކައާ އެއްބަސްވެސް ނުވެ، އަދި ދެކޮޅަށްވެސް އެއްޗެއް ބުނުމެއް ނެތިއެވެ.
“ނިހާން، މަސައްކަތް ނުކުރަންޏާ އެއްވެސް ކަމެއް ނުވާނެ. ނިހާން އަމިއްލައަށް ނޫޅެންޏާ މަންމަ ކުއްޖަކު ހޯދަފާނަން. އޭރުން މަންމަ ހޯދާ ކުއްޖަކާ ނިހާން އިންނާނަންތަ؟” ނަޝީލާ ބޭނުން ވީ، ނިހާން އަމިއްލައަށް މަސައްކަތް ނުކުރާ ނަމަ ނަޝީލާ މަސައްކަތް ކޮށްގެން ނަމަވެސް ނިހާން ދިރިއުޅުމެއް ފަށާށެވެ. ކައިވެންޏެއް ކުރާށެވެ.
ނިހާން ޖަވާބެއް ނުދީ ހުރީއެވެ.
“މަންމައަށް އެނގޭ ނިހާން އަމިއްލައަށް މަސައްކަތެއް ނުކުރާނެ ކަން. އެކަމަކުވެސް ނިހާން ދެން ޖެހޭނީ ގޮތް ދޫކޮށްފަ މަންމަ ބުނާ ކުއްޖަކާ އިންނަން. ނިހާން ތިހެން މުޅި އުމުރުގަ ހުންނާކަށް މަންމަ ބޭނުމެއް ނޫން” ނަޝީލާގެ އަޑުގައި ހުރީ ގޮތްދޫނުކުރުމެވެ.
އެ ވަގުތުވެސް ނިހާންއަށް ބަލާލެވުނީ ދައުހާއަށެވެ. ޒައިނާގެ އަތުގައި ހިފާލައިގެން ނިހާންގެ މޫނަށް ބަލަން ދައުހާ ހުރީ ނިހާން ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ދެ ވަނަ ފަހަރަށް އެކަކު އަނެކަކާ ލޮލާ ލޯ ދިމާ ވި ވަގުތު ނިހާންގެ މޭގައި ހުރި ރިހުން ގަދަވެގެން ދިޔައީ، ދައުހާއަށް ނުހިފެހެއްޓިގެން އެ ލޮލުން ކަރުނަ ތިއްކެއް ކޯ މައްޗަށް ފައިބައިގެން ދިޔުމުންނެވެ. ދެ ލޯ މަރާ ބާރުކޮށްލަމުން ދައުހާ އަނެއްކާވެސް އިސް ޖަހާލީއެވެ.
“މަންމާ… ޕްލީޒް…” ނިހާން ނަޝީލާއަށް ބަލާލިއެވެ. “އަހަރެން ކިތަންމެ ބޭނުން ވިޔަސް އަހަރެން ހިތްއެދޭ ގޮތަކަށް ނުވާނެ، އެކަން އަހަންނަށް އެނގޭ… އެހެން ވިޔަސް އަހަންނަށް އެހެން މީހަކާ އިންނާކަށްވެސް ގަބޫލެއް ނުވެވޭނެ… އަހަރެން އެއްގޮތަކަށްވެސް މަންމަ ދެރަ ކުރާކަށް ބޭނުމެއް ނޫން… މަންމަގެ އެދުމަކަށް ދެކޮޅު ހަދާކަށްވެސް ބޭނުމެއް ނުވޭ… އެކަމަކުވެސް މަންމަ ތި އެދޭ ކަމެއް އަހަންނަކަށް ނުވާނެ…” ކިތަންމެ މަޑުން ނިހާން ވާހަކަ ދެއްކި ނަމަވެސް އެ އަޑު އެތާ ތިބި އެންމެންނަށް ސާފުކޮށް އިވުނެވެ.
“ނިހާން…” ނަޝީލާ ދެންވެސް އެއްޗެއް ބުނަން އުޅުނެވެ.
“ނަޝީ، ދެން އަޅާނުލާ” ނަޝީލާ ބުނަން އުޅުނު އެއްޗެއް ހުއްޓުވީ ނިހާންގެ ކޮނޑުގައި ހިފާ ގައިގައި ޖައްސާލި ވަސީމްއެވެ.
އެ ވަގުތު ދައުހާގެ އަތުގައި ހިފާލައިގެން ހުރި ޒައިނާ ދައުހާގެ އަތުން ދޫކޮށްލާފައި ނިހާންއާ ދިމާއަށް ދާން އުޅުނެވެ.
“ޒައި…” ޒައިނާގެ ހިތުގައި އެ ވަގުތު ވީ އެއްޗެއް ދައުހާއަށް ވިސްނުނެވެ. ޒައިނާގެ އަތުގައި ހިފާ ހުއްޓުވަން ދައުހާ މަސައްކަތް ކުރީ އެހެން ވެއެވެ.
“އައި ހެވް ޓު ޓްރައި ދައު…” ޒައިނާ މަޑުމަޑުން ބުނެފައި ހިނގައިގަތެވެ.
ޒައިނާ ގޮސް ނިހާންގެ އަތުގައި ހިފާލިއެވެ. ޒައިނާއަށް ބަލާލުމާ އެކު ޒައިނާގެ ހިތުގައި އެ ވގުތު ވީ އެއްޗެއް ނިހާންއަށްވެސް ވިސްނި ބަލާލެވުނީ ދައުހާއާ ދިމާއަށެވެ.
ޒައިނާ ބުނެފާނެ އެއްޗަކާ މެދު ކަންބޮޑު ވީ ވަރުން ތުންފަތުގައި ދަތް އަޅައިގެން ހުރި ދައުހާ، ނިހާން ބަލާލުމުން އާދޭހުގެ ބެލުމަކާއެކު ޒައިނާއަށް އިޝާރާތް ކޮށްލާފައި ދެ ފަރާތަށް ބޯ ހަލުވާލީ ޒައިނާ ހުއްޓުވުމަށް އެދިއެވެ.
ޒައިނާ އެއްޗެއް ބުނަން އަނގަ ހުޅުވާލުމާއެކު ނިހާން ޒައިނާގެ އަތްތިލައިގައި ހިފާ ބާރު ކޮށްލަމުން އަވަސްއަވަހަށް ދެ ފަރާތަށް ބޯ ހަލުވާލިއެވެ.
“ޕްލީޒް ދޮންބޭ…” ދައްކަން އައި އެއްވެސް ވާހަކައެއް ދެއްކުމެއް ނެތި ޒައިނާ ބުނެލީ ހަމައެކަނި އެހެންނެވެ.
“އައިމް ސޮރީ…” ޒައިނާގެ ބޮލުގައި ފިރުމާލަމުން އެހެން ބުނެފައި އިތުރު މީހަކާ ދިމާއަށް ބަލާވެސް ނުލާ ނިހާން ބާރަށް ގޮސް ސިޑިން މައްޗަށް އެރިއެވެ.
އެކަކުވެސް އެއްޗެއް ނުބުނެ ތިއްބެވެ. އެ ތަނުން ދާން ބޭނުން ވި ނަމަވެސް ދާން ނުކެރިފައި ހުރި ދައުހާއަށް، އެ ވަގުތު ފޯން ރިންގ ވުމުން އެ ފުރުސަތު ލިބުމުން އަވަހަށް ޒައިނާގެ ކޮޓަރިއަށް ވަދެ ފޯން ބިޒީ ކޮށްލާފައި ވަނީ ފާހާނާއަށެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް އޮހިގަތުމާއެކު ބާރަށް ރޮވުމުން ދައުހާ އަތްތިލަ އަނގަމަތީ އަޅާ ބާރުކޮށްލިއެވެ.
ނުނިމޭ
11 Comments!
Comments are closed.
Salaam all, miothy part 12. Kamudhaane kamah hykuran. 13 on Tuesday ??❤️❤️
varah reethi neyvaa hifahattaalaigen indhaa enimunee?
Thank u Noor
varah nice…
Thank u aya
Varah reethi mi part vx…..waiting for the nxt part…
Thank u Kairaa
Varah varah reethi ??????
maa sha Allah ❤❤❤❤❤❤
waiting for the next part ???
Thank u Yanaa
މިޒާތުގެ ލޯބީގެ ވާހަކަ ލިޔަން މާޝާ ވަރަށް ކުޅަދާނަ ކަމަށް ފެނޭ. ފަންނީ ހުނަރުވެރިކަން ވެސް ދުވަހަކަށް ވުރެ ދުވަހެއް ކުރިއަރަމުން ދާހެން އެބަ ހީވޭ. ތިގޮތުގައި ކުރިޔަށް
Thank u kalaa