Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 11

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login
February 20, 2020 7 Mins Read
11 Comments

ދައުހާ ފެނުމުން ސިހިފައި ހުއްޓުނު ނިހާން، ލޮލަށް ފެންނަ މަންޒަރާ މެދު ޝައްކު ވެފައި ހުރެ ލޯ މަރާލާފައި ހުޅުވާލިއެވެ. ދެންވެސް މަންޒަރު ބަދަލު ނުވުމުން ކުރިއަށް ދެތިން ފިޔަވަޅު އަޅާފައި ގޮސް ދައުހާގެ ކުރިމަތީ ހުއްޓުނެވެ.

އެ ވަގުތު ފާހާނާ ދޮރު ހުޅުވާލި އަޑު އިވުމުން ނިހާން އެ ދިމާއަށް ބަލާލިއެވެ. ކުރިމަތިން ފެނުނީ ވަހުމެއް ނޫން ކަން ޔަގީން ވުމާއެކު ނިހާންއަށް ފަހަތަށް ދެ ފިޔަވަޅު އަޅާލެވުނެވެ. ނަމަވެސް ނިހާން ފެނުމުން ހިނިއައިސްފައި އަޑުއަޑު ލައްވަމުން ދިޔަ އަދާއަށް ބަލާލާފައި ކުރިއަށް ޖެހިލާ އެ ކުއްޖާ އުރާލައިގެން ނިހާން ކޮޓަރިން ނިކުތެވެ.

“ދައު…” ޒައިނާ އައިސް ދައުހާ ކައިރީ އިށީނެވެ.

“އައިމް އޯކޭ” ފުން ނޭވައެއް ލަމުން ދައުހާ ބުންޏެވެ.

“ދައު…” ޒައިނާ ދައުހާގެ ނަމުން ގޮވާލަމުން އެއްޗެއް ބުނަން އުޅުނެވެ.

“ޒައި، އަސްލުވެސް އޯކޭ… އައި ކެން ޑޫ ދިސް!” ޒައިނާގެ އަތުގައި ހިފާލަމުން ދައުހާ ހިނިތުންވެލިއެވެ.

ދެ އެކުވެރިން އެކި ވާހަކައިގައި ތިބެފައި ބޭރަށް ނިކުތީ ނުވަ ގަޑި ބައި ވާން އުޅެނިކޮށް ނަބާހާ ކާން ގޮވުމުންނެވެ. އޭރު ނިހާންއާ ވަސީމް ތިބީ ކާށެވެ.

“ބައްޕާ، މިރޭ ހާދަ ލަހުން ކާ ރެއެއް؟ ބޭރަށް ގޮއްސަތަ ބައްޕަ ތި އައީ؟” ވަސީމްއަކީ އާންމުކޮށް އަށެއް ޖަހާ އަށްގަޑި ބައި އެހާ އިރު ކާ މީހަކަށް ވާތީ ޒައިނާއަށް އަހާލެވުނެވެ.

“އާނ، ކުޑަ ކަމަކު ބައްޕަ ބޭރަށް ގޮސްލަން ޖެހުނީ. ނަސީބެއް އެއީ، ބައްޕައަށް އާދެވުނު އިރު ދޮންބެވެސް އަދި ނުކައި ހުރީ، ކިހާ ދުވަހެއް ވެއްޖެ ދޯ ދޮންބެއާ އެކީ ބައްޕަ ކާން ނާރާތާ؟ ދޮންބެއާ އެކީ ކާން އަރާނެ ފުރުސަތެއް ލިބުނީމަ ބައްޕަ މިހިރީ ވަރަށް އުފަލުން. ނިހާން މިހާރު މާ ބުރަކޮށް ވިއްޔަ އުޅެނީ” ޒައިނާއާ ވާހަކަ ދައްކަމުން ވަސީމް ނިހާންއަށް ބުންޏެވެ.

ނިހާން އެއްވެސް އެއްޗެއް ނުބުނެއެވެ. ދެބަފައިން އެކުގައި ކައި ނިމިގެން ތެދުވެ އަތް ދޮވުނު ގޮތަށް ނިހާން އުޅުނީ މައްޗަށް ދާށެވެ. ނަމަވެސް ވަސީމް ގޮވާލުމުން ދާކަށް ނުކެރުނެވެ. ދައުހާއާ ޒައިނާއާ ނަބާހާއާ ނަޝީލާ ކާން ތިބި އިރު ވަސީމްއާ ނިހާންއާ ނަވާޒް ތިބީ ސޯފާގައި ވާހަކަ ދައްކާށެވެ.

ހިތްވަރު ދެރަ މީހަކަށް ނުވާން ވެގެން ނިހާން ފެންނަ ހިސާބުގައި އިން ނަމަވެސް ދައުހާއަކަށް ނުކެވުނެވެ. ތައްޓަށް އެޅި ކުޑަ ބަތްކޮޅުވެސް ހުސްނުކޮށް، ހާވާލަ ހާވާލާ އިނީ އެހެން މީހުން ނިމެންދެނެވެ. ނަބާހާ ނެްގެ ވާހަކައިގައި ބައިވެރި ވާން މަސައްކަތް ކުރި ނަމަވެސް އިރުއިރުކޮޅާ ބެލެނީ ނިހާން އިން ދިމާލަށެވެ.

ވަސީމްއާ ނަވާޒްގެ ވާހަކައަށް ސަމާލުކަން ދޭން މަސައްކަތް ކުރި ނަމަވެސް ނިހާންއަކަށް ކާމިޔާބެއް ނުވިއެވެ. އިސް އުފުލާ ދައުހާއަށް އެއް ފަހަރުވެސް ބަލާނުލާ އިން ނަމަވެސް ހުރިހާ ހިއްސެއް ސަމާލުވެފައި ވަނީ ދައުހާއަށެވެ.

ވަސީމްގެ ވާހަކައަށް ޖަވާބު ދެމުން ދިޔަ ނަމަވެސް ނަވާޒް ދިޔައީ ނިހާންއާ ދައުހާއަށް ބަލަމުންނެވެ. ނިހާންއަކީ ނަވާޒްގެ ބޭބެ ނަމަވެސް އުމުރުގައި އެންމެ އަހަރެގްގެ ތަފާތު ހުރި އެ ދެބޭން ބޮޑު ވެގެން އައީ އެންމެ ގާތް ދެ އެކުވެރިން ގޮތުގައެވެ. ނިހާންގެ ހިތުގައި ވާ އެއްޗެއް ދެނެގަންނަން ނަވާޒްއަށް އެހާ ފަސޭހައީ އެހެން ވެއެވެ.

ފަހަކަށް އައިސް ނިހާން ކަމަކާ ވަރަށް ވިސްނާ ކަން ނަވާޒްއަށް އެނގެއެވެ. ދެ ފަހަރަކު އަހާލުމުން ނިހާން ޖަވާބެއް ނުދީ ވާހަކަ އޮޅުވާލި ނަމަވެސް ނިހާން ވިސްނަނީ ކޮން ކަމަކާ ކަން ނަވާޒްއަށް ސިއްރެއް ނުވެއެވެ. ދައުހާ އެ ގެއަށް އަންނަ ދުވަސް ދުވަހު ނިހާންއަށް އަންނަ ބަދަލު ނަވާޒްއަށް ފާހަގަ ކުރެވެއެވެ. އަދި ފަހަކަށް އައިސް ދައުހާ ނާންނަނީ ކީއްވެ ކަމާ، ނިހާން އަބަދު އޮފީހުގައި އުޅެނީ ކީއްވެ ކަންވެސް ނަވާޒްއަށް އެނގެއެވެ.

“ދައު، ކީއްވެ ނުކައި ތިއިނީ؟ ތިވަރު އެތިކޮޅެއް ކައިގެން ފަލައެއް ނުވާނެއޭ. ނޫނީ ނުބައީތަ؟” ދައުހާ ނުކައި އިން ކަން ފާހަގަ ކުރެވުމުން ނަޝީލާ ބުންޏެވެ.

އެ އަޑަށް، ދައުހާއަށް ނުބަލަން އިން ނިހާން އިސް އުފުލާ ދައުހާއާ ދިމާއަށް ބަލާލިއެވެ. ނިހާންއާ ދިމާއަށް ދައުހާއަށްވެސް ބަލާލެވުމާއެކު ދެ މީހުންގެ ހަތަރުކަޅި ހަމަ ވިއެވެ. ނިހާން އަވަހަށް އިސް ޖަހާލިއެވެ. ދައުހާއަށް އެ ފަހަރު ކަރުނައެއް ނުހުއްޓުވުނެވެ. އަވަސް އަވަހަށް ލޯ ފޮހެލަމުން އިސް ޖަހާލިއެވެ.

“ދައު، ކީއްވެ ތި ރޮނީ؟ ކަމެއް ވީތަ؟ ބަލީތަ؟” ކަންބޮޑުވެގެން ނަޝީލާ ތެދުވެގެން އައިސް މޭޒުގެ އަނެއް ފަރާތުގައި އިން ދައުހާގެ ބުރަކަށީގައި ފިރުމާލަމުން އަހާލިއެވެ.

“ކަމެއް ނުވޭ ނަޝީއްތާ” ހަމަ ޖެހިލަން މަސައްކަތް ކުރަމުން ދައުހާ ބުނެލި އިރު އެ އަޑުގައި ތުރުތުރުލުމެއް ވިއެވެ.

ނިހާންއަށް ކެތްކުރެވުނީ އެ ވަރަށެވެ. ބޮލުގައި ރިއްސަނީއޭ ބުނެފައި ބާރަށް ގޮސް ސިޑިން މައްޗަށް އެރިއެވެ. ނަޝީލާމެންނާ ދިމާއަށް ބަލަން އިނދެފައި ވަސީމް ކޮޓަރިއަށް ވަނެވެ. ނަވާޒްވެސް ތެދުވެގެން ނިހާންގެ ފަހަތުން ދިޔައެވެ.

އެއް އަތުން މޫނު ފޮރުވާލައިގެން އިން ނިހާން އަތް ނަގާ ބަލާލީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ.

“ކިހިނެއްވީ؟” ނިހާންއާ ދިމާއަށް ބަލަން ދޮރުމަތީ ނަވާޒް ހުރުމުން ނިހާން އަހާލިއެވެ.

ނަވާޒް ޖަވާބެއް ނުދީ އައިސް ނިހާން ކައިރީ އިށީނެވެ.

“ދޮންބެއާ ތި ސުވާލު ކުރަންވީ އަހަރެން ކަންނޭނގެ. ދޮންބެ ބުނެބަލަ، ކިހިނެއްތަ ވެގެން ތި އުޅެނީ؟” ނަވާޒް އަހާލިއެވެ.

“ކީކޭ ތި ކިޔަނީ؟” ނަވާޒް ދައްކާ ވާހަކައެއް ނިހާންއަކަށް ނުވިސްނުނެވެ.

“ދޮންބެ ތިހެން އޭނައަށް ހަރޓް ކޮށްގެން ކޮން ކަމެއް ވާނީ؟ ކިހާ ދުވަހެއް ވަންދެން އަމިއްލަ ފީލިންގްސް އިގްނޯ ކުރާނީ؟ އެކަކުވެސް އެއްވެސް އެއްޗެއް ނުބުނާނެ. އަހަރުމެން އެކަކުވެސް ބޭނުމެއް ނޫން ދެވަނަ ފަހަރަށް ދޮންބެއަށް އެކަހަލަ ކަމެއް ވާކަށް. ދޮންބެގެ އުފަލަށް ވުރެ މުހިންމު އެއްވެސް ކަމެއް އަހަރުމެންނަކަށް ނެތް” ނަވާޒް ބުންޏެވެ.

“ކޮން ކަމެއް އެނގިގެންތަ ނަވާ ތި އުޅެނީ؟” ނަވާޒްއާ ދިމާއަށް ބަލާލަމުން ހިތްހަމަ ނުޖެހިފައި ވާ ކަހަލަ ގޮތަކަށް ނިހާން އަހާލިއެވެ.

“ދޮންބެ ނުބުންޏަސް އަހަންނަށް އެނގިއްޖެ. އަމިއްލަ ނަފްސަށް ތި ވަރަށް އަނިޔާ ދޭކަށް ނުވާނެ. ދައު އެ އުޅޭ ގޮތުން ދޮންބެގެ ހިތަށް އިތުރަށް ތަދުވުން ނޫން ކަމެއް ނުވާނެ. ދެން ކީއްވެ ތިހެން ތި ހަދަނީ؟” ނިހާންގެ ކޮނޑުގައި އަތް ޖައްސާލަމުން ނަވާޒް ބުންޏެވެ.

“ކޮން އިރަކު ނަވާއަށް އެނގުނީ؟ ނަންނަ ބުނީތަ؟” ދެކޮޅު ހެދުމެއް ނެތި ނިހާން އަހާލިއެވެ.

“ނަންނައެއް ނުބުނޭ. ދައު އެންމެ ފަހުން މި ގެޔަށް ހުންނަން އައި ދުވަހު އަހަންނަށް އެނގުނީ. އެރޭ ދޮންބެ ކޮޓަރިން އޭނަ ނިކުންނަނިކޮށް އަހަރެން ދެކުނިން. އޭގެ ފަހުން ދޮންބެ ތި އުޅެނީ އޭރު އުޅުނު ހެން. މަންމައަށްވެސް ނޭނގެ ޝައްކު ނުވާ ކަމެއް. އެކަމަކު އަހާވެސް ލެވޭނީ ދޮންބެ ޗާންސެއް ދީގެންނެއްނު؟” ނިހާންއާ މެދު ކަންބޮޑުވެފައިވާ ވަރު ނަވާޒްގެ އަޑުން އެނގެއެވެ.

“ޔޫ ލަވް ހަރ، ދޯ؟” ނަވާޒް އަހާލިއެވެ. ނޭނގޭތީއެއް ނޫނެވެ. ނިހާންގެ އަނގައިން އެ ޖަވާބު ހޯދަން ވެގެންނެވެ.

“ނަވާއަކަށްވެސް ނުވިސްނޭތަ؟” ނިހާން އަހާލިއެވެ.

“ކޯޗެއް؟” ނަވާޒް ބޭނުން ވީ ނިހާން ލައްވާ ވާހަކަ ދައްކާށެވެ.

“އަހަރެން ބޭނުން ވާ ކަމަކަށް މަންމަ ދެކޮޅު ނަހަދަފާނެ، އެކަމަކު ދައުގެ ފެމިލީ؟ އެއީ ނަންނަ ވަރުގެ ކުއްޖެކޭ. ދައުގެ އުމުރުގެ ޑަބަލް ދޮށީ މީހަކާ ދައު ގުޅެން އެމީހުން ގަބޫލެއް ނުވާނެ. ކީއްވެތަ އެކަކަށްވެސް ނުވިސްނެނީ؟” ނިހާން ބުނެލިއެވެ.

“އެއީ ނީލް ނަމަ އަހަރެން ފުރަތަމަ ބަލާނީ ނީލްގެ އުފަލަށް، އެހެން ކަންތައް އަންނާނީ އޭގެ ފަހުން. އެ މީހުންނަށް ދޮންބެ އެނގޭނެ. ކީއްވެ ދެން އެ މީހުން ގަބޫލު ނުވާން ވީ؟” ނަވާޒް ބުންޏެވެ.

“ގަބޫލު ނުވެއްޖެއްޔާ؟ އޯކޭ ވާނެ ކަމަށް ހުއްޓާ އެހެން ވެއްޖެއްޔާ؟ ދެވަނަ ފަހަރަށް އައި ކާންޓް ނަވާ!” ނިހާން ބުނެލިއެވެ.

“ދޮންބޭ! އެނގޭ މީ އުނދަގޫ ކަމެއް ކަން. އެކަމަކު ޓްރައިވެސް ނުކޮށް ދައުއަށް ތިހެން ހަދާކަށް ނުވާނެ. ލޯބި ވަންޏާ ތިހާ ފަސޭހައިން ދޫކޮށެއް ނުލާނެ. ނޫނީ… ދައު ލޯބި ވާ ވަރަށް ދޮންބެ ލޯބި ނުވަނީތަ؟ ނުފެނޭތަ ދެންމެވެސް ދައުއަށް ވީ ގޮތް؟ އޭނަގެ ފެމިލީ އިން ގަބޫލު ނުވާނެ ހެން ހީވާތީ ދޮންބެ ބިރު ގަންނަ ވަރުން އޭނައަށް އެހެން ހަދަނީ އޭނަގެ ކޮން ކުށެއް އޮވެގެން؟ ތިހާ ފިނޑި ވާކަށް ނުވާނެ. ލޯބި ވާ މީހުން ތިހާ ފިނޑިއެއް ނުވާނެ. ނޫނީ ނާޒް ދެކެ ލޯބި ވީ ވަރަށް ދައު ދެކެ ލޯބި ނުވަނީތަ؟ ނާޒްއަށް ޓަކާ އަސަދުއާ ފައިޓް ކުރަންވެސް ދޮންބެ ދިޔަ، އެކަމަކު ދައުއަށް ޓަކާ ދައުގެ ގޭ މީހުން ރުއްސާކަށް ދޮންބެ މަސައްކަތެއްވެސް ނުކުރާނަންތަ؟ ޔަގީނޭ މިއަދުވެސް ނާޒްއަށް ޓަކާ ވިއްޔާ ދޮންބެ ކޮންމެ ކަމެއްވެސް ކުރާނެ ކަން، އެކަމަކު ދައު—”

“ނާޒް ދެކެ ވީ ވަރަކަށް ނޫން، އެއަށް ވުރެ މާ ބޮޑަށް އަހަރެން ލޯބި ވޭ ދައު ދެކެ. އެކަމަކު ކަމަކަށް އުންމީދު ކޮށްފަ ހުވަފެން ދައްކާފަ އެކަންތައް ނުވީމަ ވާ ގޮތް އަހަންނަށް އެނގޭ، ދެ ވަނަ ފަހަރަށް އެހެން ވާން ބޭނުން ނުވާތީ ކަމެއް ނުކޮށް މި ހުންނަނީ، ދައުއަށް އެހެން ވާން ނޭދޭތީ އެއްޗެއް ނުބުނެ މި ހުންނަނީ. ނަވާއަކަށް ނޭނގޭނެ އެއީ ކިހާ ވަރެއްގެ ކަމެއް ކަން، އެނގޭ ނަމަ ނުބުނާނެ ތިހެންނެއް” އެނދުން ތެދު ވެގެން ގޮސް ދުރުގައި ހުއްޓިފައި ނަވާޒް ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑާލާފައި ނިހާން ބުނެލިއެވެ.

ނިހާންއާ ދިމާއަށް ބަލަން ހުރި ނަވާޒްއަށް ހިތާ ހިތުން އަމިއްލަ ނަފްސަށް އެއްޗެހި ކިޔުނީ، ޝަނާޒްއާ ވަކި ވާން ޖެހުމުން ނިހާން އުޅުނު ގޮތް ހަނދާން ވެފައެވެ. އަދި މިއަދު ނިހާން ދައުހާ ދެކެ ވާ ލޯބި އިހުސާސް ކުރެވުމާ އެކު، އަމިއްލަ ނަފްސާ ނިހާން އެ ކުރަނީ ކިހާ ވަރުގަދަ ހަނގުރާމައެއް ކަން ހިތަށް އަރާފައެވެ.

“ސޮރީ… ދޮންބޭ…” ނަވާޒް މާފަށް އެދުނެވެ.

“އަހަރެން ދައު ދެކެ ވަރަށް ލޯބިވޭ… އެނގޭ، ފެނޭ ދައު އުޅޭ ގޮތް… އެކަމަކު އަހަންނަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. މިހާރު އަޑު އަހަން އައި އެއްޗެއް އަޑު އިވިއްޖެއެއްނު. ނައު ގެޓް އައުޓް!” ނިހާން ބުނެލިއެވެ.

ނަވާޒް ގޮސް ރުޅިއައިސްފައި ހުރި ނިހާން ގައިގައި ބައްދާލިއެވެ.

“އަހަރެން ބަލާނަން ދޮންބެއަށް ކެތް ވަނީ ކިހާ ދުވަހެއް ވަންދެން ތޯ، ކޮންމެސް ދުވަހަކުން ތި ލޯބި ހޯދުމުގަ ދައު ކާމިޔާބު ކުރާނެ. އެ ދުވަހުގެ އިންތިޒާރުގަ މި ހުރީ” ނަވާޒް ބުނެލިއެވެ.

ނިހާން އެއްޗެއް ނުބުނެ ނަވާޒް ދުރަށް ކޮއްޕާލާފައި ނަވާޒްގެ މޭގައި ޖަހާލިއެވެ. އެއާއެކު ދެ ބޭންގެ މެދުގައި ޖަހާ ސަކަރާތުގައި ބުނާ ފަދަ ބަހެއް އިނގިރޭސި ބަހުން ނަވާޒް ބުނެލިއެވެ. ނަވާޒް އެ ކޮޓަރިން ނިކުތް އިރު ނިހާން ހުރީ ހިނިއައިސްފައެވެ.

“ދައު، ބުނެބަލަ، ކީއްވެ ތި ރޮވުނީ؟ ކަމެއް ވިޔަސް އެހީއެއްވެސް ވެދޭން އެނގޭނީ ވީ ގޮތެއް އެނގުނީމައެއްނު؟” ނިހާން ދިޔުމުން އިތުރަށް ރޮވުނު ދައުހާ ލޯ ފޮހެލުމުން ނަޝީލާ އަހާލިއެވެ.

“ނަޝީއްތާ، އެހާ ބޮޑު ކަމެއް ނޫނޭ. ދެން ކުޑަ ކަމެއް… މި ކަންތަކާ ނަޝީއްތަ މެންވެސް މި އޭޖްގަ ދިމާ ވެފައެއްނު ހުންނާނީ؟ ދެން އެކަހަލަ ކަމެއް…” އަނެއްކާވެސް ލޯ ފޮހެލަމުން ދައުހާ ބުންޏެވެ.

“އެހެން ދޯ!” ނަޝީލާއަށް ދައުހާ ބުނަން އުޅޭ އެއްޗެއް ވިސްނުނެވެ.

“އެ ކަހަލަ ކަންތައް ދިމާ ވާނެ، އެކަމަކު ދެން ދައު ރޮއެގެން ނުވާނެ. ދައުހާ ކަހަލަ ކުއްޖަކު ދެރަ ކޮށްލާފަ ދިޔަ މީހަކަށް ޓަކާ އެންމެ ކަރުނަ ތިއްކެއްވެސް ބޭކާރު ކޮށްގެން ނުވާނެ” ނަބާހާ އެ ވަގުތު ބުންޏެވެ.

“އާނ، މަގޭ ދައު ދެރަ ކޮށް ރޮއްވާފަ ތި މީހަކަށްވެސް ވަކި އުފަލުގައެއް ނޫޅެވޭނެ، ދައު ރޯ ވަރަށް އޭނަވެސް—” ދައުހާއަށް ދެރައެއް ދިނީތީ އެ މީހަކު ދެކެ ހިތްހަމަ ނުޖެހުނު ވަރުން ނަޝީލާގެ އަނގައިން ބުނެވުނު ބަސް ހުއްޓުވީ ދައުހާއެވެ.

“ނޫން، ނަޝީއްތާ، ތިހެން ބުނާކަށް ނުވާނެ. އަހަރެން ދެރަ ވިޔަސް ދުވަހަކުވެސް އޭނަ ދެރަ ވާކަށް އަހަރެން ނޭދެން. އަދި އަމްދުން ނަޝީއްތަގެ ދުލުން ތި ކަހަލަ ބަހެއް އޭނައަށް ރައްދު ވާކަށް ބޭނުމެއް ނޫން” ނަޝީލާގެ އަތުގައި ހިފާލަމުން ދައުހާ ބުންޏެވެ.

“ދައު ނޭދެންޏާ އެއްވެސް އެއްޗެއް ނުބުނާނަން. އެންމެ ރަނގަޅުތަ؟ އެކަމަކު ދެން ރޮއެގެން ނުވާނެ” ނަޝީލާ ހީލަމުން ދައުހާގެ ބޮލުގައި ފިރުމާލިއެވެ.

“ދެން ނުރޯނަން. އެކަމަކު ނަޝީއްތަ ހިތުންވެސް އެއްވެސް ދެރަ ބަހެއް ނުބުނައްޗޭ ޕްލީޒް” އަދިވެސް ދައުހާ އެދުނެވެ.

ދައުހާއަށް އެހާ ހިތާމަ ދިން މީހަކާ މެދު ދައުހާ އެ ވަރަށް ވިސްނާތީ ހައިރާން ވެފައި ހުރެ ނަޝީލާ ބޯ ޖަހާލިއެވެ.

ދިހަގަޑި ބައި ވާން އުޅެނިކޮށް އެރޭ ދައުހާ ގެޔަށް ދިޔައީ ނަވާޒްއާ އެކީއެވެ. މަދު ވެގެން ހަފްތާއަކު އެއް ފަހަރު އެ ގެޔަށް އަންނާނެ ކަމުގައި ނަޝީލާ ގާތު ވަޢުދު ވެފައެވެ.

އެރޭ ޑިޔުޓީ ނިންމާލާފައި އަޒްމަންއަށް ގެޔަށް އާދެވުނި އިރު އެކެއް ޖަހަނީއެވެ. އެހާ ލަސް ވުމުން ޒައިނާ އޮންނާނީ ނިދާފައޭ ހިތަށް އަރާފައި ބާއްޖަވެރި ރެއަކަށް އެދިފައި އަޒްމަން ޒައިނާއަށް މެސެޖް ކޮށްލީ ފެން ވަރައިގެން ނިކުމެ ނިދަން އޮށޯވެފައެވެ.

ވަގުތުން ޒައިނާގެ ޖަވާބު އައުމުން އަޒްމަން ގުޅާލީ ޒައިނާ ނުނިދާ އޮތް ކަން އެނގުމުންނެވެ.

“ނިދާފާނެ ކަމަށް ހީކޮށް މެސެޖް ކޮށްލީ” ޒައިނާ ފޯން ނެގުމުން އަޒްމަން ބުންޏެވެ.

“މިރޭ ނިދި ނައިސްގެން މި އުޅެނީ” ޒައިނާ ބުންޏެވެ.

“ކިހިނެއް ވީ؟” އަޒްމަން އަހާލިއެވެ.

“ދެން އެކި އެކި ކަންތަކާ ވިސްނެނީ. ލައިފްގަ އެހާ މުހިންމު ކަމެއް ވީމަ އެކަމާވެސް ވިސްނޭނެއެއްނު؟ ދެން އަނެއްކާ…” ޒައިނާ ބުނަން އުޅެފައި ހުއްޓާލިއެވެ.

“ދެން އަނެއްކާ؟” އަޒްމަން އަހާލިއެވެ.

“އެއީ… ދައުގެ ވާހަކަ” ޒައިނާ ބުންޏެވެ.

“ދައު ކިހިނެއްވީ؟” އަޒްމަން އޮޅުން ފިލުވަން ބޭނުން ވިއެވެ.

“އޭނައަށް ދިމާ ވެގެން އުޅޭ ކަންތައް… ހެލްޕް ވާނެ ގޮތެއް ނުވިސްނިގެން މި އުޅެނީ. އަޒްމަން ހެލްޕް ވެދޭންވީނު؟” ޒައިނާ އަޒްމަންގެ ޚިޔާލެއް ހޯދާލަން ބޭނުން ވިއެވެ.

“ވީ ގޮތެއް ބުނީމައެއްނު ހެލްޕް ވާން އެނގޭނީ” އަޒްމަން ހުރީ ޒައިނާގެ ކޮންމެ ކަމެއްގައި އެހީ ވެދޭން ތައްޔާރަށެވެ.

ޒައިނާ ހުރިހާ އެއްޗެއް އަޒްމަންއަށް ކިޔާދިނެވެ.

“އަހަރެން ހީކުރީ ނިހާންއަކީ ވަރަށް ވިސްނޭ މީހެއް ކަމަށް. ތި ކަހަލަ ވިސްނުން ގެންގުޅޭ މީހެއް ވައްތަރެއް ނުޖަހާ. އިންޑައިރެކްޓްކޮށް އަހަންނަށް ވަރަށް ހެލްޕް ވި ނިހާން. އެކަމަކު… ނިހާން އަކީ ލޯބި ވަންނާ އޭޖް ޑިފަރެންސްއޭ ކިޔާފަ ފަސް ޖެހޭނެ މީހެއް ކަމަކަށް ހިއެއް ނުކުރަން”

އަޒްމަން ޒައިނާއާ ގަޔާ ވާކަން ކިރިޔާވެސް ޝައްކު ވީ ދުވަހުން ފެށިގެން ނިހާން ދިޔައީ ނުސީދާކޮށް އެތައް ގޮތަކުން އަޒްމަންއަށް ހިތްވަރު ދެމުންނެވެ. އެ ހުރިހާ ދުވަހު ޒައިނާ ދެކޮޅު ހަދަމުން ދިޔަ އިރުވެސް ނިހާންގެ ފަރާތުން އަބަދުވެސް އަޒްމަންއަށް އެއްބާރުލުން ލިބުނެވެ.

ވީ އިރު އަމިއްލަ ހަޔާތުގައި ލޯތްބަށް އިންކާރު ކުރުމަށް ނިހާން މަސައްކަތް ކުރަނީ ކީއްވެ ހެއްޔެވެ؟ އެ ފަދަ ކުޑަ ކަމެއް އެއީ ސަބަބެއް ކަމުގައި ދައްކައިގެން އަންހެން ކުއްޖެއްގެ ހިތަށް އަނިޔާ ދިނުމަކީ ނިހާން ފަދަ މީހަކު ކޮށްފާނެ ކަމެއް ކަމަށް ގަބޫލު ކުރަން އަޒްމަންއަށް ދަތިވިއެވެ.

“އަސްލު ދޮންބެއަށް އެހާ ބޮޑު ކަމަކަށް ވަނީ އަހަންނާ ދައު އެއް އޭޖްއެއް ވީމަ. ދޮންބެއަށް ހީވަނީ ދައުގެ ފެމިލީ އިން ގަބޫލު ނުވެދާނެޔޭ. ކުރިންވެސް ދޮންބެއަށް ކަންތައް ވީ ގޮތުން ހެން ހީވަނީ އަސްލު އެހާ ފަސް ޖެހެނީ. ދެ މީހުންވެސް އެހާ ބޭނުން ވާ އިރު ދޮންބެ ގޮތް ދޫ ނުކުރަން ވެގެން، ދައުއަށް އިތުރަށް ކުރާނެ ކަމެއް ނުވިސްނިގެން އެންމެ ފަހުން އޭނަ ހުއްޓާލީ، އެކަމަކު އެހާ ފަސޭހައެއް ނުވާނެ ދޯ ހަނދާން ނައްތާލާކަށް؟” ޒައިނާ ބުންޏެވެ.

“ކޮންމެސް ގޮތަކުން ނިހާންއަށް ވިސްނައިދޭން ވީ އޭނަގެ ލައިފްގަ ދައު އަކީ ކިހާ އިމްޕޯޓެންޓް މީހެއް ކަން. ނިހާން އަމިއްލައަށް ގޮތް ދޫކޮށްގެން ކަމެއް ވާނީ” އަޒްމަން ބުންޏެވެ.

“ދައު ދެރަ ވެފަ ހުންނާތީ ބައެއް ފަހަރު ދޮންބެ ދެކެ ވަރަށް ރުޅިވެސް އާދެވޭ. އެކަމަކު އެނގޭ ދޮންބެވެސް އެހެން ހަދަނީ ދައު ދެރަ ކުރާކަށް ނޫން ކަން. ދޮންބެވެސް ހުންނަނީ ފާޑަކަށް. އަހަންނަށް އެނގުނު ފަހުން ހީވަނީ އަހަންނަށްވެސް ފިލައިގެން އުޅޭ ހެން. އަދާ އޮންނާތީ އަހަރެން ފެންނަ ހިސާބަށްވެސް ދޮންބެ އަންނަނީ. ދެން ނޭނގެ ހަދާނެ ގޮތެއް…” ޒައިނާ ދެރަވަނީ ދައުހާއަށް ޓަކާވެސް އަދި ނިހާންއަށް ޓަކާވެސް ކޮށްދެވޭނެ ކަމެއް ނުވިސްނޭތީއެވެ.

“ދެރަ ނުވޭ ޒައި، އިރާދަ ކުރެއްވިއްޔާ އަދި ނިހާން ގޮތް ދޫ ކުރާނެ” އަޒްމަން ބުންޏެވެ.

“އަންނަ ވީކްގަ މަންމައާ ބައްޕަގެ ކައިވެންޏަށް ތިރީސް ފަސް އަހަރު ވާނެ. އެ ދުވަހުން މަންމަމެން ސަޕްރައިޒް ކޮށްލަން އަހަރުމެންގެ ވާހަކަ ބުނަން ހިތަށް އަރާ އެބަ، އަޒްމަންއަށް އޯކޭތަ؟” ޒައިނާ ބުންނެވެ.

“އަހަންނަށް އޯކޭ މިހާރު މި ވަގުތު ބުންޏަސް، ވީހާވެސް އަވަހަކަށް އެންމެންނަށް އަންގަން އަހަރެން ބޭނުމީ، މުޅި ދުނިޔެއަށް އަންގަން ބޭނުން ޒައި ތީ މިހާރު އަހަރެންގެ މީހެއް ކަން” އަޒްމަން ބުންޏެވެ.

ޒައިނާ ކައިރިއަށް ހިނި އައީ އަޒްމަން ބުނި ގޮތުންނެވެ.

“ދެން އެހެން ވިއްޔާ އަވަހަށް ބުނޭ، އަޒްމަންގެ ފެމިލީ ކައިރީވެސް ބުނޭ” ޒައިނާ ބުންޏެވެ.

“ޒައި، މެރީ ކުރުމާ ދޭތެރޭ ކީކޭ ބުނަނީ؟” އަޒްމަން އަހާލިއެވެ.

“މެރީ ކުރަން ވެގެން ދޯ އަޒްމަންއަށް އާނއެކޭ ބުނީ. އަޒްމަން ބޭނުން ދުވަހަކު ކުރަން އަހަންނަށް އޯކޭ، އެކަމަކު އަދި ބޭނުން ދުވަސްކޮޅަކު މަންމަމެން ކައިރީ ގޭގަ ހުރެލަން. އަޒްމަންއަށް މަޑުކޮށްލެވެންޏާ އަދާއަށް އަހަރެން ވަރު ވެލަން ދެން މަޑުކޮށްލަން ބޭނުން” ޒައިނާ ބުންޏެވެ.

“މިހާރުވެސް ބޭނުން ޒައިއާ މެރީ ކުރަން، އެކަމަކު އަހަރެން މަޑު ކުރާނަން. ޒައި ބޭނުން ދުވަހަކު މެރީ ކުރާނީ” އަޒްމަން އެދެނީ ހުރިހާ ކަމެއްވެސް ޒައިނާ ބޭނުން ގޮތަކަށް ކުރުމެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ކަޅު ހިޔަނި 2

Next

ހިތުގެ ކޮންމެ ވިންދެއްގައި – 4 –

Next
February 20, 2020

ހިތުގެ ކޮންމެ ވިންދެއްގައި – 4 –

Previews
February 20, 2020

ކަޅު ހިޔަނި 2

11 Comments!

  1. Mar Sha Marsha says:
    February 20, 2020 at 9:55 am

    Salaam, here’s part 11, part 12 on Sunday. Have a great weekend! ❤️❤️??

  2. Haiiiii says:
    February 20, 2020 at 12:18 pm

    This part is also amazing maasha allah. Keep it up dear writer???❤❤❤ insha allah on waiting?❤❤❤

    1. Mar Sha Marsha says:
      February 21, 2020 at 4:32 pm

      Thank u Haiiiii

  3. Kairaa says:
    February 20, 2020 at 12:33 pm

    Wowww….varah varah reethi mi part vx…v furihama…waiting for the nxt part…..

    1. Mar Sha Marsha says:
      February 21, 2020 at 4:33 pm

      Thank u Kairaa

  4. Yanaa says:
    February 20, 2020 at 4:21 pm

    Varah varah reethi??????maa sha Allah ❤❤❤❤❤❤❤
    waiting for the next part ?????????????

    1. Mar Sha Marsha says:
      February 21, 2020 at 4:33 pm

      Thank u Yanaa

  5. Ainth says:
    February 20, 2020 at 9:55 pm

    Hama nehtha avaha genes dheveykah… Vaahaka v reeth

    1. Mar Sha Marsha says:
      February 21, 2020 at 4:34 pm

      Thank u Ainth. Sunday ah wait kollaa plz dear

  6. Maayu says:
    February 22, 2020 at 10:36 pm

    Masha Allah dear.. Vvvv reethi mivaahaka.. Marsha ge hurihaa vaahaka eh henn huhnnaane kanneyge kiyaafa.. Kithame ginain kiyas foohi nuvaahaa reethi hurihaa vaahka eh ves.. And I would say that you be an amazing writer.. One of my favv hama yageenun ves.. And obvious one of my biggest inspiration writers thakuge therein.. May Allah bless your work and much love from me…

    1. Mar Sha Marsha says:
      February 23, 2020 at 8:22 am

      Oh.. Thank so much dear ❤️❤️

Comments are closed.


All Right Reserved!