ރަނާ (ތިންވަނަ ބައި)
ރޭގަނޑުގެ ވަގުތެވެ. ރަނާއިނީ ސިޓިންރޫމްގައި ޓީވީ ބަލާށެވެ.
އިރުކޮޅަކުން ޒިއާން އައިސް ގޮވާލިއެވެ. ރަނާގޮސް ޒިއާންއަށް ވާހަކަދައްކަން ބޭރުޖޯލީގައި މަޑުކޮށްލިއެވެ. ރަނާ ކޮންމެވެސް ވާހަކައެއް އަހާލަންވެގެން ޒިއާންއަށް ގޮވާލިއެވެ. ނަމަވެސް ވާހަކަ އެހުމުގެ ކުރިން ޒިއާން ވާހަކަދައްކަން ފެށިއެވެ.
” ކީއްވެ ޒިއާންބެ ތިކިޔަނީ”
“ކިހިނެއްވީ، އަހަރެން އަބަދުވެސް ކިޔަނީ އެހެންނޫންތަ” ޒިއާންގެ ސުވާލަށް ހައިރާންވެފައި ރަނާ ޖަވާބުދިނެވެ.
” އާނ… އެކަމަކު ދެން އެހެން ނުކިޔައްޗެ” ޒިއާން ބުންޏެވެ.
ރަނާވެސް ބަސްއަހާ ކުޑަކުއްޖެއް ފަދައިންރަކިވެފައި އިނދެ “ހޫމް” ބުނެލިއެވެ. ސަބަބު އޮޅުން ފިލުވާކަށްވެސް ނުކެރުނެވެ.
“ޒިއާންބެ” ނަމުން ޒިއާން އަށް ބަދަލުކުރަން ރަނާއަށް ދުވަސްކޮޅެއް ނެގިއެވެ. އެކަމަކުވެސް އެއީ މިހާރު ޒިއާންބެ އެއް ނޫނެވެ. ރަނާ މިހާރު އެހެނެއް ނުކިޔައެވެ.
ދުވަހަކީ ހުކުރު ދުވަހެވެ. މިއަދު ރަނާއަށް ވަރަށް އަވަހަށް ޒިއާން ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތެވެ. ރަނާ ހުރީ ކުނިކަހާށެވެ. ކޮޓަރިތެރެ ފޮޅަން އުޅެނިކޮށް ޒިއާންއައިސް ވަނެވެ. ރަނާ އަޅާ ކޮންމެ ފިޔަވަޅަކަށް ފިޔަވަޅެއް އަޅަމުން އެކިވާހަކަ ދައްކަމުން ދިޔައެވެ.
“ބުނަންތަ ވާހަކައެއް.. ވަރަށް ގިނަ ފިރިހެންކުދިން ކުރާކަމެއް. އަންހެން ކުދިންނާ ތިގޮތަށް ރައްޓެހިކޮށް އުޅެއުޅެފަ ދެން އަހާނީ ރައްޓެހިވާން.. ދޯ؟؟؟ އަނެއްކާ ޒިއާން އެހެން ނުހަދައްޗެ” ޒިއާން ބުނާ އެއްޗެއް ބަލާލުމުގެ މަޤްސަދުގައި ރަނާ ބުނެލިއެވެ. ޒިއާން ފާޑަކަށް ބަލަހައްޓައިގެން ހުރީއެވެ. އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީ ކުޑައިރުކޮޅެއްފަހުންނެވެ.
ދުވަސްތައް ފާއިތުވެގެންދަނީ މިފަދަ ގޮތަކަށެވެ. މިހާރު ޒިއާންއާ ވާހަކަ ނުދައްކާ ހުންނަން ޖެހުނަސް ނޫނީ ރަނާއަށް ޒިއާން ނުފެންނަ ދުވަހަކުވެސް ރަނާ ހިތްހަމައެއް ނުޖެހެއެވެ. މިގޮތަށް ކަންތައްވަމުން މިދަނީ ކީއްވެބާއެވެ؟ އަނެއްކާ ރަނާ އަށް ޒިއާންދެކެ ލޯބިވެވުނީ ނޫންބާއެވެ. އެކަމަކު ހުސެން އަށްފަހު އެއްވެސް މީހަކާމެދު އެފަދަ ގޮތަކަށް ދެކެވޭނޭ ރަނާގެ ހިތެއް ނުބުނެއެވެ. ހުސެން ނޫން އެހެން މީހަކާއެކު ރަނާއަށް އުޅެވޭނެ ކަމަކަށް ރަނާއަށް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް އޭލެވެލް ކިޔަވަން ބަދަލުވުންވީ ރަނާގެ ހަޔާތްވެސް ބަދަލުވެގެން ދިޔަ ކަމަކަށެވެ. މިވަނީ ކީއްބާވައެވެ.
ޒިއާން ރަނާއާމެދު ކަންތައް ކުރަމުންދާ ގޮތުން އޭނައަށް ޚާއްސަ ގަދަރެއް ދެވުނީބާއެވެ؟ ނޫނީ ރަނާއަށް ހުސެންދެކެ ފޫހިވެވުނީބާއެވެ. މިހާވަރަށް ޒިއާންއާ ދޭތެރޭ މިވިސްނެނީ ކީއްވެބާއެވެ؟ ޒިއާންވެސް ރަނާއާމެދު އެހާބޮޑު ގާތްކަމެއް އެބާއްވަނީ އަޅެ ކީއްވެބާއެވެ؟ ޒިއާން ރަނާދެކެ ލޯބިވާތީބާއެވެ؟ ޒިއާންގެ އަމަލުތައް ހުންނަގޮތުން ބައެއް ފަހަރު ރަނާއަށް އެހެން ހީކުރެވެއެވެ. ނަމަވެސް އެއީ ސަމާސާއެއް ކަމަށް ދެކިގެން ރަނާ ހުންނަނީއެވެ.
ޓެސްޓް ނިންމާފައި އައިގޮތަށް ރަނާ ތައްޔާރުވަމުން ދިޔައީ ފޮއްޓަށް އެއްޗިހި އަޅާށެވެ. ޗުއްޓީއަށް ރަށަށް ދިއުމަށްޓަކައެވެ. ގްރޭޑް 11 ނިމުމުން ލިބޭ ބޮޑު ޗުއްޓީ ލިބުނީއެވެ.
” ވަރަށް އުފާވެފަދޯ ތިހުންނަނީ” ރަނާ ތައްޔާރުވަމުންދިޔަ މަންޒަރުބަލަން ދެރަވެފައި ހުރެގެން ޒިއާން އަހާލިއެވެ.
ރަނާ އާއެކޭ ބުނީ ހެވިފައި ހުރެގެންނެވެ. އެކަމަކު ޒިއާން ދެރަވާންވީ ކީއްވެ ހެއްޔެވެ؟ ރަނާއަކީ ޒިއާންގެ ލޯބިވެރިއެއްވެސް ނޫނެވެ. ލޯބިވާ ވާހަކަ އެއްވެސް ނުބުނެއެވެ. ދެން ކީއްވެ ހެއްޔެވެ؟ ޒިއާންއަށް ވީގޮތް ނޭންގުނަސް ރަނާއަށް ހަމަގައިމުވެސް ގޮތެއް ވެއްޖެކަން ރަނާއަށް އިހުސާސްވީ ރަށަށް ދިއުމުންނެވެ. ޒިއާން ނުފެންނަ ހިސާބުގައި ހުންނަން އުނދަގުވާން ފެށުމުންނެވެ. ޒިއާންގެ ކޯލަކަށް ނަމަވެސް މެސެޖަކަށް ނަމަވެސް އިންތިޒާރުކުރެވޭތީއެވެ. ކީއްވެ ހެއްޔެވެ؟ މިއީ ލޯބި ހެއްޔެވެ؟ އެކަމަކު ހުސެން ނޫން އެހެން މީހަކު ދެކެ ރަނާއަށް ލޯބި ވެވުނީ ހެއްޔެވެ؟ މިސުވާލު އަބަދުވެސް ރަނާގެ ހިތުގައި އޮވެއެވެ. ޖަވާބެއް ނޭންގެއެވެ. އެނގޭހާވެސް ކަމަކީ ޒިއާންއާ ދުރުގަ ހުންނަން އުނދަގޫކަމެވެ.
ނަމަވެސް ޒިއާންދެކެ ލޯބިވާން ބޭނުންނުވާކަމެވެ. އެއްވެސް މީހަކު ދެކެ ލޯބިވާން ރަނާ ބިރުގަނެއެވެ. ލޯބި ގަބޫލު ކުރާކަށްވެސް މިހާރު ރަނާ ބޭނުމެއް ނޫނެވެ. ދެވަނަ ފަހަރަށް ލޯބީގައި ނާކާމިޔާބު ތަހައްމަލް ކުރާނެހާ ހިތްވަރެއް ރަނާގެ ނެތެވެ. ޒިއާންވެސް ވާނީ ހުސެން ކަހަލަ މީހަކަށް ކަންނޭންގެއެވެ. އެކަމަކު އެގޮތަށް ނުވިސްނުމަށް ޒިއާން ރަނާއަށް ނަސޭހަތްތެރިވެއެވެ. އެންމެން އެއްގޮތެއް ނުވާނޭ އަބަދުވެސް ޒިއާން ބުނާނެއެވެ.
ޗުއްޓީއަށް ރަށަށް އައި ފުރަތަމަ ދުވަހު މުޅިންވެސް ރަނާއަށް ހުރެވުނީ ފޯނަށް ބަލަބަލައެވެ. އިންތިޒާރުގައެވެ. ރޭގަނޑުގެ ވަގުތެވެ. ރަނާ އަދިވެސް އެއޮތީ ޒިއާން ގުޅާނެ ކަމުގެ އިންތިޒާރުގައެވެ. މާގިނައިރު އިންތިޒާރުކުރާކަށް ނުޖެހުނެވެ. ޒިއާން ގުޅައިފިއެވެ.
” ވަރަށް ހަނދާންވޭ.. އަވަހަށް އަންނައްޗެ” ޒިއާން ބުންޏެވެ.
5 Comments!
Comments are closed.
ލަސްވި ކަމަށްޓަކައި ވަރަށް ބޮޑަށް ސޮރީ….. ކުޑަކަމެއް ދިމާވެގެން އަޕްލޯޑް ނުކުރެވުނީ.. ހީކުރަން މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެކަމަށް. ތިޔަ ދެެއްވާ ސަޕޯޓަށް ޝުކުރިއްޔާ
rimsha mi bai varah reethi igey maashaa allah.
Vaahaka up kurevey dhuvas angaalaba
KONIRAKU UP KURANY AVAS KOHBA
varah mixtakex ebahuri..foohi…..