ފުން އިހުސާސެކޭ 32

- by - 109- January 28, 2020

އަނާނީ އަނބުރާ މާލެ އައީ މަހެއް ފަހުންނެވެ. އޭރު އޭނާގެ ހުރިހާ ހާސްކަމެއް ފިލައި، އުއްމީދު އާވެފައި ވިއެވެ. ރަށުގައި މި ހޭދަކުރެވުނު އުފާވެރި ދުވަސްތައް މަތިން ކިތައްމެ ހަނދާން ވާނެކަން އެނގުނަސް، އޭނާގެ މުސްތަޤުބަލު ބިނާ ކުރުން އޮތުން މާލެއަށް އައިސްގެނެވެ.

ދިގު ލޯންޗު ދަތުރަށް ފަހު، ޓެކްސީގައި ގެއަށް އައިސް ވަން އިރު ހުރީ ވަރުބަލިވެގެން ހަލާކުވާ ވަރުވެފައެވެ. ނަމަވެސް ދޮރުން އެތެރެއަށް ވަން އިރު ފުރަތަމަ ފެނުނު މޫނާއެކު، ވަރުބަލިކަން މަތިން ހަނދާން ނެތި ހިނިތުންވެލެވުނެވެ. ލޫކަސްވެސް އަނާނީ ފެނުމާއެކު ހިނިތުންވެލެވުނެވެ.

“ކީއްވެ ބަލާ ދާން ނުބުނީ؟” އަނާނީ އެކަނިމާ އެކަނި ފޮށި ހިފައިގެން ވަނުމުން ލޫކަސްއަށް އަހައިލެވުނެވެ.

“ސަޕްރައިޒެއް ދޭން ވެގެން!” އެއްލޯ މަރައިލަމުން އަނާނީ މިހެން ބުނީ ސަމާސާ ކޮށްލުމަށެވެ. އެއާއެކު އަނާނީއާއި ލޫކަސްއަށް އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ތިބެވުނީ ބޭއިހްތިޔާރުގައެވެ. އެކަކު އަނެކެއްގެ ހިތުގައި ވާ އިހުސާސްތައް ކިޔަމުން ދާ ކަހަލައެވެ.

“ލޫކް! ކިހާ އިރަކުތަ ޝޮޕިންގ އަށް…” ލޫކަސްގެ ކޮޓަރިން ނުކުމެގެން އައި ސާރާގެ ފިޔަވަޅަށް ހުއްޓުން އެރީ ދޮރުމަތީގައި ހުރި އަނާނީ ފެނުމުންނެވެ. އެހިނދު ދެބުމަ ކައިރި ކޮށްލާފައި މޫނު އަނެއް ފަރާތަށް އަނބުރައިލިއެވެ. އަދި އިތުރަށް އެންމެ ފިޔަވަޅެއް ވެސް ކުރިއަށް ނާޅައި، އަނބުރައި ގޮސް ކޮޓަރިއަށް ވަނެވެ.

މިފަހަރު އަނާނީ ލޫކަސްގެ މޫނަށް ބަލާލާފައި ދިނީ މާނަ ފުން ހިނިތުންވުމެކެވެ. އަދި ފޮށި ދަމަމުން ގޮސް އޭނާގެ ކޮޓަރީގެ ތަޅު ހުޅުވާފައި އެތެރެއަށް ވަނެވެ. ލޫކަސް އިރުކޮޅެއް ވަންދެން އިނީ އަނާނީ އަލުން ނުކުމޭތޯއެވެ. އެ މޫނު ދެވަނަ ފަހަރަށް ބަލައިލުމަށެވެ. މަސް ދުވަސް ފަހުން ފެނުނަސް ހީވަނީ އަހަރުތަކެއް ވަންދެން ނުފެނި ހުރެފައި ފެނުނު ހެނެވެ. އެހެން އިންދައި ސާރާ ހުއްޓާނުލައި ގޮވަން ފެށުމުން ލޫކަސް ގޮސް ކޮޓަރިއަށް ވަނެވެ.

“ކީއްކުރަންތަ އެކުއްޖާ ގަނޑު އަނެއްކާ އެ އައީ މިތަނަށް؟ ލޫކް ވަރިކުރީމަ ވެސް ނޫޅޭތަ އެއްކޮށް ރަށަށް ދާކަށް! ރަށުގަ އުޅުނީމަ ވީނު ކޮންމެހެން އަހަރެމެންގެ ބޮލަށް އުނދަގޫ ކުރަން ނައިސް! މި ރާއްޖެތެރޭ މީހުން ހީވަނީ މާލެ ފުންމާ ނުލެވިގެން އެހެން ކަމެއް ހެން! ލޫކް ބުނެބަލަ މިގެއިން ދާށޭ!” އެނދުމަތީގައި ދެއަތް ހުރަސް ކޮށްލައިގެން އިން ސާރާ ފަތިވަރަކަށް އަމުނައިލިއެވެ. އޭނާގެ މޫނުމަތީގެ އަލިކަން ގެއްލި ހީވަނީ ފުސް ވިލާ ގަނޑެއް ހެންނެވެ.

ލޫކަސް ދެފަރާތަކަށް ބޯ ހޫރައިލީ ހިތްހަމަނުޖެހިގެންނެވެ. “ސާރާ ބުންޏަސް އޭނައެއް ފޮނުވައެއް ނުލެވޭނެ ދޯ. އެއީ ދޮންބެދައްތަ ގެނެއްސަ ހުރި ކުއްޖެއް. އެހެންނޫނަސް އަހަރެން ބުނެފިން ދޯ ވަރީގެ ކަންތައް އަދި ނުނިމެޔޭ. އެހެންވީމަ އަނާނީ ވާނީ އަދިވެސް އަހަރެންގެ އަންހެނުންނަށް.”

“މަށަށް ވަރިހަމައޭ! ކޯޓުން ވެސް އަދިވެސް ޗިޓު ނުފޮނުވާތަ؟ ތިވެސް އަޖައިބެއް ކަހަލަ ކަމެކޭ! ލޫކް ދާންވީނު މާދަން އެތަނަށް، ވީ ގޮތެއް އޮޅުންފިލުވަން. މަސްދުވަހަށް ވުރެ ގިނަވީ ވިއްޔަ!” ސާރާގެ ރުޅިގަނޑު މައިތިރިއެއް ނުވިއެވެ. “އަހަރެން މިހާރު ލޫކްއާ އިންނަ ވާހަކަ އެންމެން ކައިރީ ބުނެފިން. ލަސްވާ ވަރަކަށް އެމީހުން އަހާނެ ދޯ! އޭރުން އަހަރެން ކިހާ ލަދެއް ގަންނާނެ!”

“ތީ ދެން ސާރާގެ އަމިއްލަ މައްސަލައެއްނު. ކީއްކުރަން އަހަރެން އެއްޗެއް ނުބުނަނީސް ގޮސް މީސްމީހުން ކައިރީ ކިޔަން ފެށީ؟ އަދި ނޭނގެ ދޯ އިނދެވޭނެ ކަމެއްވެސް…” ލޫކަސް ހާސްވަނީ އެކަމާއެވެ. ސާރާއާ ކައިވެނި ކުރާހިތެއް އެއްވެސް ވަރަކަށް ނުވެއެވެ. ސާރާ ހިތްހަމަޖައްސައިދޭންށޭ ކިޔާފައި އެވަރުގެ ބޮޑު ކަމެއް އޭނާ ނުވެސް ކުރާނެއެވެ. މިހާރުވެސް އެ ހުންނަނީ ސާރާ އޭނާގެ ހަޔާތުން ނެރެނުލެވިގެންނެވެ. އެދުވަހަކުން ސާރާ ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެކަން ލޫކަސްއަށް އެނގެއެވެ. އޭނާ ޖެހިލުންވަނީ ވެސް އެހެންވެގެންނެވެ.

“ކީކޭ؟” ސާރާގެ އަޑު ގަދަވެގެންދިޔައީ ލޫކަސް ފަހުން ބުނި ޖުމްލައިންނެވެ. “ކީއްވެތަ މާ ފަރުވާކުޑަ ތި ކުރަނީ މިކަންތަކުގަ؟ ލޫކަސް އަނެއްކާ އަހަންނާ..” ސާރާއަށް ފުރަތަމަ ފަހަރަށް ހުއްޓިފައި ވިސްނައިލެވުނެވެ. “އިންނަން ބޭނުންތަ؟”

ލޫކަސް ހުރީ ދޭނެ ޖަވާބެއް ނޭނގިފައެވެ. އާނއެކޭ ބުނެ ދޮގު ހަދައިގެން އަނެއްކާ ސާރާގެ އުއްމީދު އައު ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އަދި ދިމާލަށް ނޫނެކޭ ބުނާކަށް ވެސް ދޫ ހަރަކާތެއް ނުކުރިއެވެ. ލޫކަސް އެއްޗެކޭ ނުބުނެ ބަލަހައްޓައިގެން ހުރުމުން ސާރާގެ ބޮޑުކޮށްލެވިފައިވާ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ބައެއް ފަހަރު ހަނުހުރުމުން ވެސް ޖަވާބަކަށް ފުދެއެވެ. ސާރާއަށް މާނަ ނެގުނީ ވެސް އެހެންނެވެ. އެއާއެކު އޭނާ ބާރު ބާރަށް އެތަނުން ނުކުންނަން ދިޔައެވެ. އަދި ދަމުން ބުނެލިއެވެ. “ދޭނެ ޖަވާބެއް އިނގުނީމަ އަހަންނަށް ގުޅާ. އެ ނޫން ގޮތަކަށް ދެން ލޫކަސްއަކަށް އަހަރެންގެ ހަބަރެއް ނުވާނެ.” ކޮޓަރީގެ ދޮރު ބަންލާފައި ޖެހި އިރު އެ އަޑު މުޅި ގޭތެރޭގައި ގުގުމައިލިއެވެ.

ސާރާ ދިޔުމުން ލޫކަސްއަށް އެނދުމަތީގައި ޖައްސައިލެވުނެވެ. ސާރާ ދެރަވާނެ ވަރު އޭނާއަށް އެނގެއެވެ. އަދި ފަހުން ބަދަލު ހިފަން އުޅެފާނެކަން ވެސް އެނގެއެވެ. ސާރާގެ ގޮތް އޭނާއަށް ވުރެ ބޮޑަށް އެނގޭނެ މީހެއް ހުންނާނެ ހެނެއް ހިއެއްނުވެއެވެ. އަދި ހަމަ އެހެންމެ، އެކަހަލަ މީހަކާއެކީ ދިރިއުޅުމެއް ބިނައެއް ނުކުރެވޭނެކަން ވެސް ލޫކަސްއަށް އެނގެއެވެ. ލޯބި ނުވާ މީހަކާ ކައިވެނި ކުރެވިދާނެއެވެ. ނަމަވެސް ފޫހިވާ މީހަކާ އެކީ ހިތްހަމަޖެހިގެން ދިރިއެއް ނޫޅެވޭނެއެވެ. ހާއްސަކޮށް ސާރާ ކަހަލަ ބޯހަރު، އަމިއްލަ އެދުން ބޮޑު، ދެއްކުންތެރި މީހަކާއެކީ އުޅެވޭނީ ކަނު ލޯތްބެއް ވެވޭ ނަމައެވެ. ގައިމުވެސް ސާރާގެ އުނި ސިފަތައް ނުފެންނަ ކަމަކަށް ލޫކަސްއަކަށް ނުހެދޭނެއެވެ. އޭނާގެ ލޯ ހުޅުވައިދިން މީހަކީ އަނާނީއެވެ. އަނާނީގެ މަޑުމައިތިރި ގެވެހި އުޅުން ފެނިފައި، ސާރާއާ އަޅައިކިޔެން ފެށުމަކީ ލޫކަސްގެ ހިތުން ސާރާގެ ނަން ފޮހެވެން މެދުވެރިވި ސަބަބެވެ.

އަނާނީ ގެއަށް އާދެވުން ވާހަކަ އަލީ ދޮންބެއަށް ގުޅާފައި ބުންޏެވެ. އެއަށްފަހު ގުޅީ ޔަޝްފާއަށެވެ. “ޔަޝް.. ޔަގީންތަ އެހެން ހަދަންވީ ކަން؟ އަހަރެން މި ހުންނަނީ ވަރަށް ހާސްވެފަ. އަދި އެއްކަލަ ސާރާއެކޭ ބުނީމެއްނު؟ އޭނަ ވެސް ހުރި އަހަރެން އައި އިރު މިގޭ ތެރޭ، ލޫކަސްގެ ކޮޓަރި ތެރޭ! އޭނަ ފެނުނީމަ އަހަރެން ވީ ފޫހި. ދެން ހިތަށް އެރީ ޔަޝް ބުނި ގޮތް ހެދީމަ އަހަންނަށް ކަންނޭނގެއޭ ދެރަ ލިބޭނީ..” އަނާނީ ފޯނުން ވާހަކަ ދައްކަމުން ދިޔައިރު ނިޔަފަތިތައް އަނގައިން ކަނޑަމުން ދިޔައީ ހާސްވެފައި ހުރުމުންނެވެ.

“އެހެންވިއްޔާ މަޑުކޮށްބަ. އަދި ދެތިން ދުވަހަށް ބަލާލަން ވީނު؟ ލޫކަސްގެ ފަރާތުން އަހަރެން ބުނި ކަހަލަ އިޝާރާތެއް ފެނޭތޯ. ފެނިއްޖިއްޔާ ދެން ކަންތައް ކުރަންވީ ގޮތް އިނގޭނު.” ޔަޝްފާ ކިޔައިދެމުން ދިޔައެވެ. އަނާނީ އެކަމަށް އެއްބަސްވެފައި، އަދިވެސް އިރުކޮޅަކު ވާހަކަ ދައްކައިލަން އޮތުމަށްފަހު ފޯނު ބޭއްވިއެވެ.

ފެންވަރައިގެން ނުކުމެ، ވެފައި ހުރި ވަރުބަލިން އެނދުގައި ޖައްސައިލި އަނާނީއަށް ނިދުނެވެ. ހޭލެވުނީ ދެނަމާދު ދޭތެރެއަށް އެޅި ފަހުންނެވެ. އޭރު ބަނޑުހައިވެފައި ހުރުމުން، ނަމާދު ކޮށްލައިގެން އަވަސްވެގަތީ ބަދިގެއަށް އެއްޗެއް ތައްޔާރު ކޮށްލަން ދިޔުމަށެވެ. ބަދިގެއަށް ވަންނަން ދިޔައިރު، ލޫކަސް ބެލްކަނީގައި ހުރެފައި ނުކުންނަނީއެވެ. އަނާނީ ފެނުމުން އޭނާވެސް މިސްރާބުޖެހީ ބަދިގެއަށެވެ.

“މިހުރީ އަހަރެން ދެންމެ ބޭރުން ގެނައި ކާއެއްޗެއް. ކާންވީނު؟” އުނދުން ކައިރީގައި ހުރި ޕާރުސަލަށް އިޝާރާތް ކޮށްފައި ލޫކަސް ބުނެލިއެވެ. އަނާނީ ސިއްސައިގެން ދިޔައީ، ފަހަތުން ލޫކަސް އައިކަން ނޭނގި ހުއްޓައި އަޑު އިވުމުންނެވެ. އަވަސްއަވަހަށް ބަދިގޭގެ ބޮކި ދިއްލައިލިއެވެ.

“ކޯއްޗެއް މިއީ؟” ލޫކަސް އެހާ ކައިރީގައި ހުރުމުން އަނާނީގެ ހަށިގަނޑު ފިނިވެފައި ހުއްޓަސް، އެކަން ނުދައްކައި ވޭތޯ ބަލަމުން އަނާނީ އެ ޕާރުސަލުގެ މަތި ހުޅުވައިލިއެވެ. “ޕާސްތާ. ހްމްމް ކާނަން. ލޫކް ވެސް ކާންވީނު؟” އަނާނީއަށް ލޫކްއޭ ބުނެވުނީ ބޭއިޙްތިޔާރުގައެވެ. ނަމަވެސް އޭނާގެ ސިކުނޑިއަށް އެކަން ރޭކައިނުލިއެވެ. އެތަންކޮޅު އަޅައިގަތީ ލޫކަސްއަށެވެ. އެއާއެކު އޭނާގެ އުފާވެރިކަން މޫނުމައްޗަށް ފާޅުވިއެވެ.

“އަހަރެން ކައިފިން. އަނާނީ ކާލާ. ކިހިނެއް ވަނީ ރަށް؟” ބަދިގެއިން ނުކުންނަން ދަމުން ލޫކަސް އަހައިލިއެވެ. އޭނާ ބޭނުންވީ އަނާނީއާ ތަންކޮޅެއް ގިނައިރު ވާހަކަ ދައްކައިލާށެވެ. އޭރު އަނާނީވެސް ޕާރުސަލު ތެރެއަށް އުލެއް ލައިގެން ނުކުތެވެ. ދެމީހުން އެކުއެކީގައި ހެން ގޮސް ސޯފާތަކުގައި އިށީންއިރު ހީވަނީ ވަރަށް ގާތް ދެމީހުން ހެނެވެ.

“ވަރަށް މަޖާ. އަންނަން ޖެހުނީމަ ވަރަށް ދެރަވެފަ މި ހުންނަނީ. ދެން ދާން ޖެހޭނީ ލަންކާއަކަށްނު. ލިއުދައްތަ އިއްޔެ ގުޅާފަ ބުނި އެކޮޅުން ރަނގަޅު ޔުނިވާސިޓީއެއް ހޯދައިފީމޭ.” އަނާނީ އެއްވެސް ހާސްކަމެއް ނެތި ކިޔައިދެމުން ދިޔައެވެ. އޭރު އެއީ މީގެ ކުރިން އަނގައިން ނުބުނެ އެއް ގެއެއްގައި އުޅުނު ބައެއް ހެން ހީވެސް ނުވެއެވެ.

“ކީއްވެ ލަންކާއަށް؟ އެއަށްވުރެ ރަނގަޅު ތަނަކަށް ނުދަނީ ކީއްވެ؟ ސްކޯލަޝިޕަކަށް ލައިގެން؟” ލޫކަސް ބޭނުންވީ އަނާނީގެ އަނގައިން ހުރިހާ އެއްޗެއް އަހާށެވެ. މީގެ ކުރިން ރީޝާގެ ފަރާތުން އެނގިފައި އޮތް އިރުވެސްމެއެވެ.

“ކާކު އަހަންނަށް ސްކޯލަޝިޕެއް ދޭނީ! ލީން ދެތިން ތަނަކަށް. އެކަމަކު ނުލިބޭނެ ކަން އިނގޭ އެހެންވެ އަޅައެއް ނުލަން. ލަންކާވެސް ދެން އޯކޭއެއްނު!” އަނާނީ ހެވިފައި އިނދެ ބުންޏެވެ.

“ކިހިނެއް އިނގެނީ ނުލިބޭ ކަމެއް ވެސް؟ ބެލިންތަ ޖަވާބެއް އައިތޯ؟” ލޫކަސް އެއްސެވެ.

“ނުބަލަން. ދެން އެއްވެސް އުއްމީދެއް އޮތް ކަމެއް ނޫން ދޯ.” އަނާނީގެ އަޑުގައި ވަނީ ޔަޤީންކަމެވެ.

“ހާދަ ޔަގީންކޮށްލާފަ ތިބުނީ؟ އަޅެ އަހަރެން ބުނީތީ ވެސް ބަލާބަ.” ލޫކަސް ބޭނުންވީ އަނާނީގެ ހިޔާލު ބަދަލުކުރުވާށެވެ. އެކަން ކާމިޔާބުވީ ކަން އެނގުނީ އަނާނީ ފޯނު ނަގާފައި އީމެއިލްއަށް ވަނުމުންނެވެ.

ވަގުތުން އަނާނީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭރު އަނާނީގެ އަނގައަށް ލާން އުޅުނު ސަމްސާވެސް އަތުން ދޫވެގެން ތަށިތެރެއަށް ވެއްޓުނެވެ. “ވަޓް؟؟ މިއީ ލޫކް ކޮށްފަ އޮތް ސަމާސާއެއް ދޯ!” އަނާނީ އަކަށް ޤަބޫލެއް ނުކުރެވުނެވެ. އޮސްޓްރޭލިޔާގެ އެ ޔުނިވާސިޓީއިން އަނާނީއަށް ކޯސް ލިބިފައި އިން ކަމުގެ މެސެޖު އިން އިރު، އެއީ ސައްޙަ އެއްޗެއް ކަން އެނގެން ހުއްޓެވެ. އެހެނަސް އަނާނީ ހުރީ ޤަބޫލު ކުރަން ތައްޔާރަކަށް ނޫނެވެ.

ލޫކަސް ތެދުވެގެން އައިސް އަނާނީއާ ކައިރިވެލާފައި ފޯނަށް ބަލައިލިއެވެ. “ވާއު! ކޮންގްރާ!” އަނާނީގެ މޫނުގެ ކުލަވަރުން އުފާވެފައި ހުރި މިންވަރު ފެންނަން ހުރުމުން ލޫކަސްގެ އުފާވެރިކަން ދެގުނައަށް ވެގެންދިޔައެވެ. އަނާނީ އަތުގައި އިން ތަށި މޭޒުމަތީގައި ބަހައްޓާފައި، އަނެއްކާވެސް މެސެޖު އެއްކޮށް ކިޔައިލިއެވެ. އޭރު އޭނާގެ އަނގަމަތީގައި އަތް އެޅިފައި ވީ، ވީ އުފަލަކުންނާއި، ލިބުނު ހައިރާންކަމަކުންނެވެ.

“އައި ކާންޓް ބިލީވް ދިސް!” އުފަލުން ގޮސް އަނާނީގެ ދެލޮލުން ކަރުނަ އަންނަން ގާތްވެފައި ވިއެވެ. ބޭއިޚްތިޔާރުގައި ލޫކަސްގެ ގައިގައި ބައްދައިލެވުނެވެ. ލޫކަސްއަށް އެކަން ވީ ހައިރާންކަމަކަށެވެ. ނަމަވެސް އިންތިހާއަށް އުފާ ވެސް ވިއެވެ. އަނާނީ އަވަސްއަވަހަށް ލޫކަސްއާ ދުރުވެލަމުން، ފޯނުން ލިއުޝާއަށާއި، ދޮންބެމެންނަށް އެ ޚަބަރުދޭން އަވަސްވެގަތެވެ.

އީމެއިލްގައި އިން ގޮތުން ނަމަ، ވިސާގެ ކަންކަމާއި، އެހެނިހެން ކަންކަން ހަމަޖެއްސުމަށް ލިބެނީ ވަރަށް މަދު ދުވަސްކޮޅެކެވެ. އެހެންކަމުން ލިއުޝާ ބުނީ ވީހާވެސް އަވަހަކަށް އެކަމާ އުޅުމަށެވެ. ލޫކަސް އެކަމުގައި އަނާނީއަށް އެހީތެރިވެދޭނެ ކަމަށް ބުންޏެވެ. އަނާނީގެ ޢަލީ ދޮންބެއާއި ފަހަރި މަލީހާ ބޭނުންވީ އަނާނީ ފުރުމުގެ ކުރިން އަދިވެސް އެއްފަހަރު ދެކިލުމަށް މާލެ އަންނާށެވެ. އެއީ އަނާނީވެސް ބޭނުންވި ގޮތެވެ.

ކަންދިމާކުރި ގޮތުން، ލޫކަސްގެ އެހެން ރައްޓެއްސަކު ވެސް ހަމަ އެ ޔުނިވާސިޓީއަށް ދާން އޮތީ ތައްޔާރުވެފައެވެ. އެހެންކަމުން ލޫކަސް ބުނީ، އަނާނީ އެކަނި ނުވާނެ ކަމަށާއި، އެ އެކުވެރިޔާ ހުރިހާ ކަމެއްގައި އެހީތެރިވެދޭނެ ކަމަށެވެ. އެ ވާހަކައިން އަނާނީއަށް ކުޑަކޮށް ހަމަޖެހުން ލިބުނެވެ. އެހެން ނޫންނަމަ އޭނާ ހުރީ، ދުވަހަކުވެސް ގޮސްފައި ނުވާ ތަނަކަށް އެކަނި ދާން ޖެހޭތީ ކަންބޮޑުވެ ހާސްވެފައެވެ. އަދި އަމިއްލަ ވަޒަނާ ދުރަށް ގޮސް ހަދަންވީ ގޮތެއް ވެސް ނޭނގެއެވެ. ދުވަހަކުވެސް ބޭރު ޤައުމަކަށް ގޮސްފައިނުވާ އަނާނީއަށް އެކަން ވާނީ މުޅިން އައު ތަޖުރިބާއަކަށެވެ.

މި ލިބުނު އުފާވެރި ޚަބަރުން، އަނާނީ ހުރީ އެހެން ހުރިހާ ކަމެއް މަތިން ހަނދާން ނެތިފައެވެ. ލޫކަސް ކޯޓަށް ވަރީގެ ފޯމު ލީތޯ ވެސް އަހާކަށް ހަނދާނެއް ނެތެވެ. ޖެހިގެން އައި ދުވަސްތަކުގައި އޭނާ އަވަދިނެތި ލޫކަސްއާ އެކީ އުޅުނީ ޕާސްޕޯޓާއި ވިސާގެ ކަންކަމުގައެވެ.

ފުރާ ދުވަސް ކައިރިވާހެން އަނާނީގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ޕާސްޕޯޓު އަތަށް ލިބި. ވިސާ ހަމަޖެހުން އިރުވެސް އަނާނީ ހުރީ މިއީ ޙަޤީޤަތެއް ކަން ޤަބޫލުކުރަން ދަތިވެފައެވެ. އެހެނީ މި ސްކޯލަޝިޕް ހަމަޖެހިގެން މިދިޔައީ އެއްވެސް ވަރަކަށް އުއްމީދު ނުކޮށް ހުއްޓައެވެ. އެއީ އޭނާގެ ނަސީބުގަަދަކަން ކަމަށް ސިކުނޑިއަށް ވިސްނައިދޭން އުޅުނަސް، އޭގެ ފަހަތުގައި އަޑި ނޭނގޭ ކަންތައްތަކެއް ވާކަމަށް ހީވަމުން ދިޔައެވެ. މިއީ ލޫކަސް މަގުފަހި ކޮށްދިން ކަމެެއް ކަމަށް ވެސް ޝައްކުވިއެވެ. އޭނާއަށް ނޭނގޭ ކަމަކީ އެ ޝައްކުގެ ތެދުކަމެވެ. ޙަޤީޤަތުގައި، އޮސްޓްރޭލިޔާގައި ކިޔަވަން އުޅޭ ރަހުމަތްތެރިއެއްގެ އެހީއާއެކު، އެ ޔުނިވާސިޓީއާ ގުޅައިގެން ހުރިހާ ކަމެއް ހަމަޖައްސައިދިން މީހަކީ ލޫކަސްއެވެ. ރީޝާގެ ފަރާތުން ލިބުނު މަޢުލޫމާތުގެ އެހީއާއެކުއެވެ. އަދި ހަމަ އެހެންމެ، އެ ކޯހަށް ދާ ހުރިހާ ޚަރަދެއް ލޫކަސް ކޮށްދިނީ އަމިއްލަ ޖީބުންނެވެ. ނަމަވެސް އެކަން އިތުރު މީހަކަށް އަންގާކަށް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ އަނާނީއާ ވަކިވުމުގެ ކުރިން، އޭނާގެ ފަރާތުން އަނާނީއަށް ހެޔޮކަމެއް ކޮށްދޭށެވެ. އަދި އެ ކޯހަކީ އަނާނީގެ މުސްތަޤުބަލު ބިނާކުރުމަށް ވެވޭ ވަރަށް ބޮޑު އެހީއެކެވެ. އޭނާ ބޭނުންވަނީ އަނާނީ އޭނާގެ މިލްކެއްގެ ގޮތުގައި ނެތް ދުވަހަކުން ވެސް އަނާނީއަށް އަމިއްލަ ފައިމައްޗަށް ތެދުވެވި، އުފަލުގައި ދިރިއުޅެވޭނެ ގޮތެއް ވުމެވެ.

އަނާނީ ރާއްޖެ ދޫކޮށް ދާއިރު އެދެވެނީ ކިތައްމެ މަދު ނަމަވެސް، އޭނާއަށް ހެޔޮއެދޭ ބަޔަކު ދޫކޮށްފައެވެ. އަދި ހަމައެހެންމެ، އޭނާގެ ފުރަތަމަ ލޯބިވެސް ދޫކޮށްފައެވެ. ޔާނިއުއާ ދެން ދިމާވާނެ ކަމުގެ އުއްމީދެއް ނެތަސް، ޔާނިއުގެ ނަން ހިތުން ފޮހެލަން ދައްޗެވެ. ކުރިން އޮތް ކަހަލަ އިހުސާސެއް މިއަދު ނެތަސް، އެއީ އަނާނީގެ ފޮނި މާޒީއެވެ. އެ މާޒީ ފަހުން ހިތި ވެގެން ދިޔަސް، އެއީ ހަނދާން ނައްތައިލެވޭނެ ދުވަސްތަކެއް ނޫނެވެ. އަނާނީ ބޭނުންވީ ޔާނިއު އިތުރަށް އަނދިރީގައި ނުބަހައްޓައި، ހުރިހާ އެއްޗެއް ތެދުތެދަށް ކިޔައިދޭށެވެ. ނޫން ނަމަ ޔާނިއު ހީކުރާނީ އޭނާގެ އިންތިޒާރުގައި އަދިވެސް އަނާނީ ހުރިކަމަށެވެ. އަނާނީ ހިތުގައި އަދިވެސް ލޯބި އޮތްކަމަށެވެ. އެފަދަ އޮޅުވާލުމެއްގައި މީހަކު ބަހައްޓާކަށް އަނާނީގެ ޟަމީރު އެއްބަހެއް ނުވިއެވެ.

ޔާނިއުއަށް އަނާނީ ލިޔުނީ ސިޓީއެކެވެ:

“ޔާންއެވެ. އަހަންނަށް ޔާން ފުރަތަމަ ފެނުން ދުވަހަކީ އަހަރެންގެ ހަށިގަނޑުގައި ފުރަތަމަ ފަހަރަށް ތަފާތު އިޙުސާސްތަކެއް އުފެދުނު ދުވަހެކެވެ. އެގޮތަށް ޔާންއަކީ އަހަރެންގެ ފުރަތަމަ އެތައް އެތައް ކަމެކެވެ. ނުބުންޏަސް އެކަން ޔާންއަށް އެނގޭނެއެވެ. އަހަރެންގެ ހިތުގައި ޔާންއާމެދު ލޯބި އުފެދުނު ގޮތް ކިޔައިދޭކަށް ނޭނގެއެވެ. އެކަން ވީ ނޭނގި ހުއްޓައެވެ. ނަމަވެސް އަހަރެން ޔާންއަށް ނުހަނު ބޭނުންވި ދުވަހު ޔާން އަހަރެންގެ ލޯމަތިން ގެއްލުނީއެވެ. އޭރު އެކަމުގެ ޙަޤީޤަތް ނޭނގުނަސް މިއަދު ހުރިހާ އެއްޗެއް ސާފުވެއްޖެއެވެ. ނަމަވެސް، ޔާން އެގޮތަށް ވީނުވީއެއް ނޭނގި ގެއްލުނު ހިސާބުން އަހަރެންގެ ހިތުން ޔާން ފޮހެވެމުން ދިޔައެވެ. އަދި އެ ފުން އިޙުސާސްތައް ފަނޑުވަމުން ގޮސް އަހަރެންގެ ޝައުގުވެރިކަން ދަމައިގަތީ މުޅިން އެހެން މީހެކެވެ. އެއީ އަހަރެން އެންމެ ހާލުގައި ޖެހުނު ދުވަހު އަހަންނަށް އިހުސާންތެރިވި މީހާއެވެ. އެ މީހަކީ ލޫކަސްއެވެ. ޔާންގެ ފަރާތުން ބޭނުންވި އަޅައިލުން އަހަންނަށް ދިނީ ލޫކަސްއެވެ. އެއީ ކުރިން އަހަރެން ނަފްރަތު ކުރި މީހެއްކަން އެނގެއެވެ. ނަމަވެސް އެކަމުގެ ބަދަލު އޭނާ އަދާކޮށްދިނީ ވަރަށް ފުރިހަމައަށެވެ. އަހަރެން ކަމަކު ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ލޫކަސް ހުރެއެވެ. އޭގެ ބަދަލުގައި ޔާންއާ ފަހުން ދިމާވި އިރު ޔާން ވީ އަހަރެން ހީކުރި ކަހަލަ މީހަކަށް ނޫނެވެ. ޔާން އަހަރެން ދެކެ ލޯބި ވިޔަސް، އަހަންނަކީ އަދި ޔާންގެ މިލްކެއް ނޫންކަން ހަނދާން ނެތުނީ ހެއްޔެވެ. އަހަރެންގެ މިނިވަންކަމަށް ހުރަސްއަޅަމުން ގޮސް، އަހަރެންގެ ނުރުހުމުގައި އެތައް ކަމެއް ކުރަން މަޖުބޫރުކުރުވިއެވެ. އެއީ އަހަރެން ވަރަށް ފޫހިވާ ސިފަތަކެކެވެ. އަދި ޔާން ރުޅިއަންނަ ކޮންމެ ފަހަރަކު ހަޅޭއްލަވައި، ހިތުހުރި އެއްޗެއް އަހަންނަށް ކިޔަމުން ދިޔައިރު، އަހަރެން ވާނެ ފޫހި ނޭނގުނީ ހެއްޔެވެ. އެހެނަސް އަހަރެން ހިތްވަރު ކޮށްލައިގެން ހުރީ، ޔާންދެކެ ކުރިން ވީ ލޯބި މަތިން ހަނދާން ކޮށްލައިގެނެވެ. އެ ފުން އިޙުސާސް އަނބުރާ އިޔާދަވާނެ ކަމަށް ހީކޮށްގެނެވެ. އަހަންނަށް މާފު ކުރާށެވެ. އެކަމެއް އަހަންނަކަށް ނުވިއެވެ. ކިތައްމެ މަސައްކަތެއް ކުރިޔަސް، އެ ލޯބި އަނބުރާ ނުވެވޭނެކަން އެނޖިއްޖެއެވެ. އަހަރެން ލޯބިވަނީ ލޫކަސް ދެކެއެވެ. ޔާން އަހަންނަށް މާފު ކުރާނެ ކަމަށް ހީކުރަމެވެ. އަދި އަހަރެން އެދެނީ ޔާންގެ ހަޔާތަށް ވެސް އުފާވެރިކަން ވެރިވުމެވެ. ތިކަމުން ސަލާމަތް ވެވުމުން، އަމިއްލަ ދިރިއުޅުން ހެޔޮގޮތުގައި ބައްޓަން ކުރަން މަސައްކަތް ކުރާނެ ކަމަށް ހީކުރަމެވެ. އެހެނަސް އެދުވަހަކުން އަހަންނެއް ޔާންގެ ހަޔާތަކު ނުހުންނާނެއެވެ. އެހެންކަމުން ރަނގަޅު ވާނީ އަހަރެން މަތިން މިއަދުން ފެށިގެން ހަނދާން ނައްތައިލުމެވެ.”

ސިޓީ ލިޔެ ނިންމައިލި އިރު އަނާނީގެ ލޮލުން ކަރުނަ ނިރާލިއެވެ. ނަމަވެސް އަތުގެ ނުފުށުން ލޯ ފޮހެލާފައި، ސިޓީ ފަތްޖަހައިލިއެވެ. އަދި ސިޓީ އުރައަކަށް ލާފައި މޭޒުމަތީގައި ބޭއްވިއެވެ. އޭނާ ފުރުމުގެ ކުރިން އޭތި އީވާއަށް ހަވާލު ކުރާނެއެވެ. ޔާނިއުއަށް އޭތި ފޯރުކޮށްދެވޭނެ މީހަކަށް އަނާނީއަށް އެނގެނީ އީވާއެވެ.

އަނާނީ ފުރަން ދެތިން ދުވަހަށް ވެފައި އޮއްވައި ޢަލީމެން މާލެ އައެވެ. އެމީހުން އައީ ރަށުން އެކި ހަދިޔާ ހިފައިގެނެވެ. އޭގެތެރޭގައި ޔަޝްފާއާއި އެހެން އެކުވެރިން ދީފައި ހުރި ތަކެތި ހުއްޓެވެ. އަނާނީ އެ ހުރިހާ އެއްޗެއް ފޮށްޓަށް އަޅައި ބަންދުކުރިއެވެ. ދެން އޮތީ އެންމެ މުހިންމު ކަންތަކެވެ. ލޫކަސްއާ ކުރިމަތިލުމެވެ. ފުރަތަމަ ކަމަކީ ވަރީގެ ވާހަކަ އެހުމެވެ. އޭގެ ޖަވާބު ލިބުމުން، އޭނާގެ ހިތުގައިވާ އިހުސާސް ހާމަކުރާނީއެވެ.

ބަދިގޭގައި އުޅެފައި ނުކުތް އިރު އަނާނީއަށް ލޫކަސް ފެންނާކަށް ނެތެވެ. އެހެންކަމުން އޭނާ ދެން މިސްރާބު ޖެހީ އަމިއްލަ ކޮޓަރިއަށް ވަނުމަށެވެ. ކޮޓަރީގެ ދޮރު ހުޅުވުނީ ވަކި ހިސާބަކަށެވެ. އެތެރެއިން ފެނުނު މަންޒަރުން އަނާނީ ހުއްޓުން އެރިއެވެ. އެއާއެކު ލޫކަސް ސިހިގެން ގޮސް އަތުގައި އޮތް ކަރުދާސް ގަނޑު ދޫވިއެވެ. އެއީ އަނާނީ ޔާނިއުއަށް ލިޔުނު ސިޓީއެވެ. އޭތި ބާއްވާފައި އޮންނާނީ ވަންނަ ކޮންމެ މީހަކަށް ވެސް ފެންނާނެ ގޮތަކަށެވެ. ލޫކަސް އޭތި ކިޔައިފިކަން އެނގުނީ އޭނާގެ ހަރަކާތްތަކުންނެވެ. އަނާނީގެ މޫނަށް ބަލައިވެސް ނުލައި އަވަސްއަވަހަށް ނުކުމެގެން ދިޔައިރު އަނާނީ ހުރީ ގަނޑުވެފައެވެ.

އޭގެފަހުން އަނާނީ ފުރާ ދުވަހާ ޖެހެންދެން ލޫކަސް އުޅުނީ އަނާނީއާ ވީހާވެސް ދުރުންނެވެ. އަނާނީއަށް އޭގެން ނެގުނީ އެންމެ ނުބައި މާނައެވެ. އޭނާގެ ހިތުގައި ލޫކަސްއަށް ވާ ލޯބި ހާމަކޮށްފައި އޮތްތަން އެ ސިޓީއިން ފެނިގެން، ލޫކަސް ރުޅިއައީއެވެ. އެއީ ލޫކަސްގެ ހިތުގައި އަނާނީއާމެދު އެކަހަލަ އެއްވެސް އެއްޗެއް ނެތުމުން ކަމަށް އަނާނީއަށް ޤަބޫލުކުރެވުނެވެ. އޭނާ އެކަމާ ލަދުގަނެ، ދެރަވެސް ވިއެވެ. އެހެނަސް އޭނާ އެ ސިޓީ ލިޔުނީކީ ކޮންމެހެން ލޫކަސްއަށް ދައްކާކަށް ނޫނެވެ. ލޫކަސް އޭނާގެ ކޮޓަރިއަށް ވަދެ އޭތި ނަގައިގެން ކިޔަން ޖެހޭ ހެއްޔެވެ. އަނާނީ ލަސްނުކޮށް އެ ސިޓީ އީވާއާ ހަވާލު ކުރިއެވެ. އަދި ކޮންމެހެނެއް ހަދާފައި ވެސް ޔާނިއުއަށް ދިނުމަށް އެދުނެވެ. އީވާ އެކަން ކޮށްދޭނެ ކަމަށް ވަޢުދުވިއެވެ. އަދި އަނާނީ ކިޔަވަން ފުރަން އުޅޭކަން އެނގުމުން ހެޔޮ ތަހުނިޔާ ކިޔެވެ.

އަނެއްކޮޅުން ލޫކަސްއާ ރުޅިވި ފަހުން ސާރާގެ އުޅުން އެއްކޮށް ބަދަލުވިއެވެ. އޭނާ ދެކުނު ހުރިހާ ހުވަފެނެއް ވެއްޔާ މޮޑެވިގެން ދިޔުމުން، އަމިއްލަ ދިރިއުޅުން މަތިން ފޫހިވެގެން ސާރާ އުޅެން ފެށީ ކުރިން ނޫޅޭ ފަދަ ގޮތަކަށެވެ. ގިނަ ފިރިހެނުންނާ ގުޅުން ބާއްވަމުން ގޮސް، އެންމެ ވިޔާނުދާ މީހުންނާ އެކީ އުޅެން ފެށިއެވެ. އޭނާއަށް ލޫކަސް ދެން ނުލިބޭނެކަން ޔަޤީންވެގެން ދިޔައީ، އޭނާ ކުރި އެއްވެސް ކަމެއް މަސައްކަތް ނުކުރުމުންވެ. ސިހުރު ހަދަން އުޅެގެން އެކަން ވެސް ކާމިޔާބެއް ނުވިއެވެ. ލޫކަސް ބީވުމުން، އެކަމުގެ ހަސަދަ އަދިވެސް އަނާނީއަށް އޮވެއެވެ. ނަމަވެސް ބަދަލު ހިފައިގެން އޭނާއަށް ވާނެ މޮޅެއް ދެން ނެތެވެ. ލޫކަސް އޭނާދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެވެ. އެއީ ގަދަކަމުން ވެސް ހޯދޭނެ އެއްޗެއް ނޫންކަން އެނގުމުން ސާރާ އެކަން މަތިން މުޅިން ފޫހިވީއެވެ. މިހާރު އޭނާ އުޅެނީ ވަގުތީ އުފަލަށެވެ. އޭނާއަށް  ކުޑަކޮށް ވެސް ކަމުދާ ކަހަލަ ފިރިހެނެއް ފެނިއްޖިއްޔާ ވަރަށް އަވަހަށް އެމީހެއް ކައިރި ކުރެއެވެ. ދެދުވަސް ނުވެ އަނެއްކާ އައު މީހެއް ފެނިދާނެއެވެ.

އަނާނީ ފުރަން އޮތް ދުވަހު ލޫކަސްއާއި ޢަލީ އަދި މަލީހާ އެކުގައި ފުރުވަން ދިޔައެވެ. އަދި ވަކި ހިސާބަކުން ރީޝާވެސް އައެވެ. ރީޝާ އައުމުން އަނާނީ ވަރަށް އުފާވިއެވެ. ނަމަވެސް އެއާޕޯޓާ ހަމައަށް ދެވުން އިރުވެސް، ލޫކަސްއާ އަނގައިން ބުނާނެ ހިތްވަރެއް އަނާނީއަކަށް ނުލިބުނެވެ. އޭނާ ހުރީ އެއަށްވުރެ ބޮޑަށް ލަދުގަނެފައެވެ. އެގޮތަށް ބޭޒާރުވުމުން ކޮންމެ މީހަކަށް ވެސް ވާނީ އެހެންނެވެ. ބޮޑަށް ރަކިވީ ލޫކަސްގެ ފަރާތުން ޖަވާބެއް ވަރު ވެސް ނުލިބުމުންނެވެ. އެންމެ ކުޑަމިނުން އެ ސިޓީ ފެނުނު ދުވަހުން ފެށިގެން އަނާނީއާ އަނގައިން ބުނީކީ ނޫނެވެ. އެކަމާ އަނާނީ ހުރީ ހިތުގައި ޖެހިފައެވެ. އަދި ފުރަން އައުމުގެ ކުރިން ޔަޝްފާއަށް ގުޅާފައި ވަރަށް ޝަކުވާ ކުރިއެވެ. ޔަޝްފާ ދިނީ މުޅިން ގޯސް ނަސޭހަތެއް ކަމަށް ބުނެއެވެ.

އެންމެންނާ ސަލާންގަލާން ކޮށްފައި އަނާނީ ފްލައިޓަށް އަރަން ދާން ޑިޕާޗާ ހޯލާ ދިމާއަށް ހިނގައިގަތީ ލޫކަސްގެ އެކުވެރިޔާއާ އެކީއެވެ. ނަމަވެސް ވަކި ތަންކޮޅަކަށް ހިނގައިގަނެވުން ތަނާހެން ލޫކަސް ފަހަތުން އައިސް އަނާނީގެ އަތުގައި ހިފެހެއްޓިއެވެ. އަނާނީ ސިިހިފައި ބަލައިލި އިރު ލޫކަސް އަނާނީ ގެނެސް މޭގައި ޖައްސައިލިއެވެ. އެއާއެކު އަނާނީގެ ހައިރާންވެފައި އެއްޗެއް ބުނަން އަނގަ ހުޅުވައިލިތަނާ ލޫކަސް ފަސްއެނބުރި ހިނގައިގަތީ މާ ބާރަށެވެ. އަނާނީގެ މެޔާއި އަތްފައި ފިނިވެފައި ހުރި އިރު، އެ މަދު ސިކުންތުކޮޅުގައި ހިނގައިދިޔަ ކަންތައް ބޮލަށް ނަގައިގަނެވޭތޯ އުޅެގަތެވެ. ނަމަވެސް އެވަގުތު ސިކުނޑި މަސައްކަތެއް ނުކުރިއެވެ.

އަނާނީގެ ކައިރީގައި ހުރި ލޫކަސްގެ އެކުވެރިޔާ ލަސްވަނީ ކަމުގައި ބުނުމުން އަނާނީ އަވަހަށް ކުރިއަށް ހިނގައިގަތެވެ. ފްލައިޓަށް އަރައި ހަމަޖެހިލެވުމުން ވެސް އަނާނީ ހުރީ މީގެ އިރުކޮޅެއް ކުރިން ހިނގި ކަންތަކާ މެދު ވިސްނާށެވެ. ލޫކަސް އެކަން ކުރީ ކީއްވެހެއްޔެވެ. އެހެން އިންދާ ފޯނަށް މެސެޖެއް އައިސްގެން ބަލައިލިއެވެ. އޭރު އަދި ފްލައިޓަށް ފަސިންޖަރުން ހަމައެއް ނުވެއެވެ.

އެއީ ލޫކަސްގެ މެސެޖެކެވެ. އޭގައި ވަނީ އަނާނީ ހީވެސް ނުކުރާ ބަސްތަކެކެވެ. “ނާނި. ތިއީ މަގޭ ޙަޔާތުގަ ދިމާވި އެންމެ ސްޕެޝަލް ކުއްޖާ. ކުރިން ދުވަހު އެ ސިޓީ ފެނިފަ އަހަރެން އުފާވި ވަރު އެކަކަށް ވެސް ނޭނގޭނެ. ނާނި ފުރުމުގެ ކުރިން ތި ކޮޓަރިއަށް ވަދެ އޭތި ފެނުންކަން އެއީ ނަސީބެއް. މިވީ ތިން ދުވަހު އައި ގޮޓް ޓު ސީ ލަވް އިން ޔޯ އައީޒް. ޔޫ ނޯ ވަޓް؟ އައި ލަވް ޔޫ މޯ. އެންޑް ޔޫ ވިލް އޯލްވޭޒް ބީ މައި ވައިފް. އިނގޭތަ، އެ ފޯމު ލާކަށް އަހަންނަކަށް ނުކެރުން. ވަރަށް ޓްރައި ކުރިން ނާނި ރަށަށް ދިޔަ ފަހުން ވެސް. ބަޓް އައި ޖަސްޓް ކުޑުންޓް. އެއީ ވެސް ނަސީބެއްދޯ! ދެންމެ ހަގް ކޮށްލެވުނީމަ ވަރަށް އުފާވެއްޖެ. ނުކެރިފަ ހުރެ އެކަން ވެސް ކުރީ ބިކޯޒް އައި ކުޑުންޓް ލެޓް ޔޫ ގޯ ޖަސްޓް ލައިކް ދެޓް. ނައު ޕްލީޒް ސްޓަޑީ ވެލް އެންޑް މޭކް މީ ޕްރައުޑް. އައި ވިލް ބީ ވެއިޓިންގ ފޯ ޔޫ ބޭބީ. ހޭވް އަ ސޭފް ފްލައިޓް އެންޑް އެކޮޅަށް ދެވުންހާ އަވަހަށް ހަބަރު ވާތި” މެސެޖު އެއްކޮށް ކިޔައިލެވުމުން އަނާނީއަށް އުފަލުން ރޮވުނެވެ. ތަކުރާރުކޮށް އެ މެސެޖު ކިޔަން އިނދެވުނީ ޤަބޫލު ކުރަން ދަތިވެގެންނެވެ. އެހެނަސް ޙަޤީޤަތް މިއޮތީ ލޯ ކުރިމަތިން ފެންނާކަށް ނޫންހެވެ. އެއާއެކު އަނާނީ ލަސްނުކޮށް ރައްދު މެސެޖެއް ލިޔެލިއެވެ. ކުރުކޮށް ފޮނިކޮށް ލިޔަން ޖެހުނީ ބޯޓު ފުރަން ކައިރިވެފައި ވީތީއެވެ. “އައި ލަވް ޔޫ.” އޭ ލިޔެފައި ފޮނުވައިލި އިރު އަނާނީގެ ހިތުގައި ވަނީ އެތައް ޝުޢޫރެކެވެ.

(ނިމުނީ)

 

 

109

You may also like...

12 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Lucas nd anaany gulhuneema reethi. But e kaiveni sah’ha eh nuwaanehnu, anaany preg vefa hutta marry kureema.. e 2 meehun divorce vefa alun marry kuran jeheynee.. aslu heekuree egothah kamah genesdheynee ves.. overall koh story hama habbu 😉

  2. އައިޝާޝާގެ ވާހަކައިގެ މިބަޔާއި ކުރީ ދެބައެއް “ކަލާ”އަށް ކިއިފައިވާތީ އައިޝާގެ ލިޔުމުގެ އިސްޓައިލާ ވަރަށް ގަޔާވެވިއްޖެ. މިއީ ކުށްމަދު ކިޔައިލަން ފަސޭހަ އިބާރާތްކުރުމެއް. ތަހުނިޔާ! ވާހަކަ އެކަށް ކިޔައިލާނަމޭ ހިތައި މިސައިޓު ކޮޅަމުން ކޮޅަމުން ގޮސް އެންމެ ދުރަށް ވެސް ދެވުނީ 25 ނޮމެވްބަރު 2019 ގައި ޝާޢިއުކޮށްފައި އޮތް 20 ވަނަ ބަޔާ ހަމަޔަށް.އޭގެ އެކޮޅު
    ބައިތައް މިސައިޓުން ނެގީބާ؟

    1. ނޫނޭ ލިއުންތެރިޔާ ސެލެކްޓް ކޮށްލީމާ އެބަފެނޭ މިވާހަކަ އެއްކޮން

Leave a Reply

Your email address will not be published.