ކުޅުދުއްފުށީ ފަސްގަނޑުގައި ފައިޖެހުމުން ނިކްހާއަށް ކުރެވުނީ ތަފާތު އިހްސާސް އެކެވެ. އޭނާގެ ވަށައިގެން މީހަކު އުޅޭކަހަލަ އިހްސާސް އެއް ކުރެވުނެވެ. އަވި ނުދީ އޮތް ނަމަވެސް ހޫނުވާން ފެށިއެވެ. ގައި ހިރުވަން ފެށިއެވެ. ބޮލުގައި ރިއްސައިގަތީ ހެޔަށް ގޮތްވާ ވަރަށެވެ. ކައިރީގައި ހުރި ޔަނާލްގެ އަތުގައި ހިފާ ނިކްހާ އަށް ބާރު ކޮށްލެވުނެވެ. “ނިކްހާ…” ނިކްހާ އަށް ވަމުން ދިޔަ ގޮތްފެނި ޔަނާލް ހާސްވިއެވެ. ނިކްހާ އަތް ހިތްލައިލަމުން ބޮލުގައި އަތްޖައްސާލިއެވެ.

“މަންމާ…” ޔަނާލް ހާސްވެފައި ގޮވާލި އަޑަށް ފަރީޝާ އެދިމާއަށް ދުވެފައި އައެވެ. އެވަގުތު ހުރިދިމާއަށް ނިކްހާ ހޭނެތިގެން ވެއްޓުނެވެ.

*** ** ***

“ކޮބާ ހީވޭ ކަމެއްހެން… އަހަރެން އެއިރުވެސް ބުނީމެންނު ނިކާ ކާލެއް މިހައިރު ވަރަށް މަދޭ… ދެން ވެސް މި ހުސްކުރޭ އެހެންނޫނީ އަނެއްކާ ހޭނެތިދާނެ… އަޅެ އަހަރެން އެގަޑީ ހާދަ ބިރެއްގަތޭ ނިކާއަށް ވީގޮތެއް ނޭނގޭތީ…” ޔަނާލްގެ ވާހަކަތަކުން އޭނާ ނިކްހާ އާއި މެދު ކަންބޮޑުވެފައި ވީކަން އެނގެއެވެ. އޭނާ ބޮޑު ނޫޑްލްސް ތަށްޓެއް ހިފައިގެން އިނެވެ. ނަމަވެސް ނިކްހާ ބަނޑުފުރިއްޖޭ ކިޔާ ދެންނުކެވޭނޭ ބުންޏެވެ.

“ހަމަ އަސްލުވެސް ބަނޑު ފުރިއްޖެ… ޔަނާ ކާ ވަރަކަށް އަހަންނަކަށް ނުކެވޭނެ… ދެން ޔަނާ ތިބައި ކާލާ…” ޖޫސްތަށި ބޯލަމުން ނިކްހާ ތެދުވިއެވެ. އެވަގުތު އޭނާގެ ބޮލުގައި މަޑުރިހުމެއް ހުރިމެއް ހުރިހެން ހީވިއެވެ. ނަމަވެސް އެއީ މާބޮޑުކަމަކަށްނުހަދައި އޭނާއަވަސްވެގަތީ ނަމާދުކުރަން ތައްޔާރު ވާށެވެ.

ނަމާދު ކޮށްގެން ދެކުދިން ކުޑަކޮށް ތައްޔާރުވެލީ ޔަމާން އިންނަން އުޅޭ ކުއްޖާގެ ގެއަށް ދާށެވެ. “ޔަނާ ދެންހިނގާ ދާން… އަޅެ އެންމެން ޝިފައްތަމެން ގެއަށް ދިޔައީ އަހަރެންނުލާ…” ނިކްހާ ކުސްތަޅާލިއެވެ. އޭނައަށް މެންދުރު ހޭލެވުނު އިރު ޔަނާލް ފިޔަވައި އެކަކުވެސް ގޭގައި ނޫޅެއެވެ.

“އާނ އެހެންނު ވާނީ މީހަކު ހޭނެތެން ވެއްޖެ ވިއްޔަ…” ޔަނާލް ބުނެލިއެވެ. ދެކުދިން އެކި ވާހަކައިގައި ތިބެ ސަހަރާ ހުރަސް ކުރި ވަގުތު ނިކްހާއަށް ހުރިފިޔަވަޅުމަތީ ހުއްޓެމުން ޔަނާލްގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ. ނިޝާ މަރުވިފަހުން ނިކްހާއަށް ސަހަރާ ފެނުނު މީ ފުރަތަމަ ފަހަރު ކަމަށްވެފައި އެހިތަށް ކުރާނެ އަސަރު އޭނާއަށް އިހްސާސް ކުރެވުނު ފަދައެވެ.

އެހެނަސް ނިކްހާ ގަބުއަރާފައި ހުރީކީ ނިޝާ މަތިން ހަނދާންވެ އިތުރަށް ދެރަވާތީކީ ނޫނެވެ. އޭނާގެ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތަކުންނެވެ. މަރުވެގެން އެސަހަރާގައި ވަޅުލާފައި ތިބި މީހުންތަށް އެކޮންމެ މީހެއްގެ ސަންދޯއް މަތީ އިށީނދެގެން ތިއްބެވެ. އެއިން ކޮންމެ މީހެއްގެ އަތުގައި ބޮޑު މަސްގަނޑެއް ކަހަލަ އެއްޗެއް އޮތް އިރު އެނޮޅާ ވީދައި ކަމުން ދިޔައެވެ. ބިރުން ތުރުތުރު އަޅާހާލު ދެލޯބޮޑުކޮށްގެން ހުރި ނިކްހާގެ ލޮލުގައި އަޅައިގަތީ އަތުގައި އޮތް މަސްގަނޑު ނޮޅާ ކަމުން ދިޔަ އަންހެން ކުއްޖާއެވެ. އޭނާގެ އިސްތަށިގަނޑުން އެމޫނުގެ ބޮޑުބައެއް ފޮރުވިފައި ވުމުން ކާކުކަމެއް ނޭނގެއެވެ. ކުއްލިއަކަށް ޖެހިލި ބާރު ވައިރޯޅިއާއެކު އެ އަންހެން ކުއްޖާގެ އިސްތަށިގަނޑު ވިހުރިގަތެވެ. އެއާއެކު އެމޫނު ކަޝްފުވެގެން ދިޔައެވެ. ނިކްހާގެ ހިތް ތެޅިގަތެވެ. އެއީ ހަމަ ނިޝާހެއްޔެވެ.

އޭނާގެ މޫނުގެ ކަނާއަތްފަޅި ހީވަނީ ފިހިމާލާފައި ވާހެންނެވެ. ލޯވެސް ބޭރަށް ނުކުމެ ލޮނދިކޮށް ހުރި އެއްޗެއް ފައިބަމުން ދިޔައެވެ. ކަނާއަތް ފަރައިތުން އަނގަވެސް ވަނީ ކަންފަތާހަމައަށް އިރައިގެން ގޮސްފައެވެ. އޮލަކޮށް ހުރި ކަޅުރަތް ކުލައިގެ އެއްޗެއް އަނގައިންވެސް ފައިބަމުން ދިޔައެވެ. ކަރުވެސް ކަނާއަތް ފަރައިތުން އިރައިގެން ގޮސްފައިވީއިރު އެއްފަރައިތަކަށް ބޯވެސް އޮތީ އެލިފައެވެ. އަތުގައި އޮތް އެތިން އަންނަމުން ދިޔަ ލެއިން އޭނާގެ ދެއަތްވެސް ފޯވެފައި ވިއެވެ. އޭނާގެ ހަރަކާތްތަށް ހުރީ އެތަށް ދުވަހަކަށްފަހު ކާއެއްޗެއް ލިބުމުން އުޅޭގޮތަށެވެ. އަތުގައި އުނގުޅިފައި ހުރި ލޭތަށް ބޯލަމުން އަނެއްކާވެސް އެ ނޮޅަން ފެށިއެވެ. ނިކްހާ ގަތް ފަކުރުން ހޮޑުނުލެވުނީ ކިރިޔާއެވެ.

ކުއްލިއަކަށް އެއަންހެން ކުއްޖާ އިސްއުފުލައިލާ ނިކްހާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ނިކްހާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ބޮލުން ފެށިގެން ފަޔަށް ތުރުތުރެއް އަޅައިގަތެވެ. އެއީހަމަ ނިޝާއެވެ. ކޮންމެ ސިފައެއްގައި ހުރިކަމުގައި ވީނަމަވެސް ނިކްހާއަކަށް ނިޝާއެއް ނޯޅޭނެއެވެ.

ޖަހާފައި ހުރި ބުދެއްހެން ނިކްހާ ހުރިއިރު އޭނާ ޔަނާލްގެ އަތުގައި ހިފާފައި ހުރިލެއް ބާރުކަމުން އޭނާގެ އަތަށް ތަދުވެސް ވިއެވެ. އިތުރަށް އެތާ މަޑުކޮށްފިނަމަ ނިކްހާއަށް ނިޝާގެ ހަނދާންތަށް އާވުން ނޫންކަމެއް ނުވާނެކަން ޔަނާލް އަށް ވިސްނުނެވެ. އިރުއޮއްސެން ކައިރިވެފައިވީ އެވަގުތު އެފަދަ މާހައުލެއްގައި ތިބެވުމުން ޔަނާލްގެ ހިތުގައިވެސް ނުތަނަވަސް ކަމެއް ވިއެވެ. އެސަރާސަރު ބޮޑުބިމުގައި ތަރުތީބު ކަމާއިއެކު އަތުރާލެވިފައިވާ އެކިވަރުގެ މަހަނަގާތަކަށް ޔަނާލް ނަޒަރު ހިންގާލިއެވެ. ކުދިކުދި ވިނަގަސްތަށް ވެސް ޖާގަ ހޯދަމުން މުޅި ބިންގަނޑު ފެހިކުރަމުން ދިޔައެވެ. އެތަނުގެ ފަސްގަނޑުދަށަށް ލޯބިވާ މީހަކު ދޫކޮށްލާފައި ދިއުމަކީ ކިހާ ހިތްދަތި ކަމެއްކަން އެކަން ތަޖުރިބާ ކޮށްފައިވާ މީހަކަށް ނޫނީ ނޭނގޭނެއެވެ. ޔަނާލް އަށްވެސް ނިޝާގެ ހަނދައިން ތަކުން އެހާ އުނދަގޫ ކުރާއިރު ނިކްހާއަށް އަދި ކިހާވަރެއް ވާނެ ބާވައެވެ.

ނިޝާގެ ލޮލުން ފެންނަމުން ދިޔަ ނުރައްކާތެރި ވިދުވަރުން ނިކްހާގެ ހިތުގެ ތެޅުން އަވަސްވަމުން އައެވެ. “ދެންހިނގާދާން…” ނިކްހާގެ އަތުގައި ހިފައި ދަމާލަމުން ޔަނާލް ބުނެލިއެވެ. އެއަޑު ނިކްހާއަށް އިވުނީ ފުދެވަރަކަށް ބާރަށެވެ. ހަމަހޭވެރިކަންވީ މީހަކު ފަދައިން ނިކްހާ ތެޅިފޮޅިގަތެވެ. ނިކްހާ ދެލޯ ބޮޑުކޮށްގެން ހުރެ ޔަނާލްގެ މޫނަށް ބަލައިލިއެވެ.

“ދޮންތަ…” ތުރުއަޅަމުން ދިޔަ އަޑަކުން އޭނާއަށް ބުނެވުނެވުނީ އެހާވަރަށެވެ.

“ނިކާ… އަހަރެމެން ކޮންމެ މީހަކީ ވެސް މަރުވާނެ މީހެއް…. އަހަރެމެން ޖެހޭނެ އެކަންގަބޫލުކޮށް ކެތްތެރިވާން… އެހެންނޫނަސް މިއަދު އަހަރުމެންގެ ފަރައިތުން ދޮންތައަށް ލިބެން އޮތްއެއްޗަކީ އަހަރެމެންގެ ހެޔޮދުއާތައް…” ނިކްހާ ޔަނާލްއަށް ނަޒަރު ހުސް ކޮށްލައިގެން ހުރީ ގަބޫލުކުރަން ދަތި ނަޒަރަކުންނެވެ. ބިރުވެރި ފިލްމެއްގެ މަންޒަރެއް ފެނިލިއަސް ބިރުންއުޅޭޔަނާލްގެ މޫނުމަތިން އެފަދަ ކުލަވަރެއް ނުފެނުމުން ނިކްހާގެ ހިތުގައި ސުވާލުއުފެދުނެވެ. ބިރުވެރި ފިލްމެއްގެ މަންޒަކަށްވުރެވެސް ބިރުވެރި އެމަންޒަރުން ނިކްހާގެ މުޅި ހަށިގަނޑު ރޫރޫއަޅައެވެ. އަދިވެސް ނިޝާގެ އެ ނުރައްކާތެރި ނަޒަރު އޭނާއަށް އަމާޒުވެފައި ހުރެދާނެތީ ނިކްހާ ހުރީ ހަރަކައިތެއްވެސް ގެންނަން ނުކެރިފައެވެ. ޔަނާލް ދެންވެސް ހިގާށޭ ކިޔާ ހިނގައިގަތުމުން ނިކްހާއަށް ބޭއިހްތިޔާރުގައި ސަހަރާއަށް ބަލައިލެވުނެވެ. އެހިނދު އޭނާގެ ހިނގުން ހުއްޓާލެވުނު އިރު ދެލޯބޮޑުވިއެވެ. އެތާކު ކުރިން ފެނުނު އެއްވެސް ކަމެއް ފެންނާކަށް މިހައިރަކު ނެތެވެ. އެހެންނެކޭވެސް އެއްފަދައިން ތަރުތީބު ކަމާއެކު އެތުރިފައިވާ ގާތަކާއި ވިނަގަސްތަކެވެ. ވަކިތަފަތު ކަމެއް ފެނަނަން ނެތް އެ މާހަލުން ނިކްހާގެ ނަޒަރުވަކިކޮށްލަމުން ކުރިޔަށް ހިނގައިގަތެވެ. ޔަނާލް އެހާ ހަމަޖެހިފައި އެހުރީ އޭނާއަށް އެމަންޒަރު ނުފެންނާތީތާއެވެ. އެކަމަކު ޔަނާލް އަށް ނުފެނި އޭނާއަށް އެފަދަ މަންޒަރެއް ފެނުމުގެ ބޭނުމަކީ ކޮބައިބާވައެވެ. އެއީ އޭނާއަށް ހީވި ހިވުމެއްކަން ހިތަށް ވިސްނައިދޭން ނިކްހާ މަސައްކަތް ކުރިއެވެ. އާއިލާތެރޭ އޮތް އުފާވެރިކަން ނައްތާލަން ބޭނުން ނުވާތީ ނިކްހާ މިކަން ސިއްރު ކުރިއިރު މިއީ އޭނާއަށް ހެދުނު ގޯހެއްކަން ރޭކާވެސް ނުލިއެވެ. ދޭތެރެ ދޭތެރެއިން އޭނާއަށް އިވިލާ ތަފާތު އަޑުއަޑާ އަބަދު އޭނާވަށައިގެން މީހަކު އުޅޭހެން ހީވުމަކީވެސް އޭނާއަށް ހީވާ ގޮތެއްކަން ނިންމުނީ އެއީ ކިހާވަރެއްގެ ކަމެއްކަން ނޭނގި ހުރެއެވެ.

*** ** ***

ޔަމާންގެ ކައިވެނި އޮތްދުވަހު އެންމެންތަށްވެސް ހޭބޯނާރާ އުޅުނީ މަސައްކަތުގައެވެ. އެރަށަށް އައިފަހުން ޔަނާލް އަބަދު ނިކްހާ ކައިރީ އުޅޭތީ ނިޝާގެ ޑައިރީ ހޯދަން ނިކްހާއަށް އެއްވެސް ކަމެއް ނުކުރެވެއެވެ. ނަމަވެސް އެދުހު ޔަނާލް ވެސް އެކި ކަންކަމުގައި އުޅެ އެގޭ ކުއްޖަކާއިއެކު ފިހާރައަކަށް ދިޔަވަގުތު ބަލާފައި ނިކްހާ އަވަހަށް މަގުމަށްޗަށް ނުކުތެވެ. ނިކްހާ ހިނގަމުން ދިޔައިރު ނިޝާގެ ހަނދާންތައް އެހިތުގައި އާވަމުންދިޔައެވެ. ގެހުންނަ މަގަށް އެޅުމާއި އެކު އޭނާއަށް ހިނގުން މަޑުޖައްސާލެވުނެވެ. މީގެ ދުވަސްތަކެއް ކުރިން ނިކްހާ ޔަނާލްއާއި އެކު ހަމަ އެމަގުން ދިޔައީ އުފާވެރި މޫނަކައި އެކުއެވެ. އޭނާގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަހު އެއުފާވެރިކަން ދޮންތައާއި ހިއްސާކުރަން ދިޔައީ ހަމަ އެމަގުންނެވެ. އެހެނަސް ހާލަތު ބަދަލުވާން ނެގީ ނަދު ސިކުންތުކޮޅުން އޭނާގެ ހަޔާތަށް އައީ ވަރުގަދަ ކޮޅިގަނޑެކެވެ. ގެއާއި ކައިރިއަށް ދެވުމުން ނިކްހާ ވަށައިގެން ނަޒަރު ހިންގާލިއެވެ. ނަސީބަކުން އެއިން ހިސާބަކުންވެސް މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ނިކްހާ އަވަސް އަވަހަށް ގޭގެ އިންފާރުން އެތެރެއަށް ދެމިގަތެވެ. ނިކްހާއަށް ގޭގެ ފޫޓުތެރެއަށް ބަލައިލެވުނެވެ. މީގެ ދުވަސްތަކެއް ކުރިން ދޮންތައާއި ދެމީހުން އަބަދު ސާފުކޮށް ބެލެހެއްޓި ގޯތިތެރެ ވަނީ ހަޑިވެ ގޮނޑުވެފައެވެ. ހިކިފަތްތަކުންނާއި އެކިވަރުގެ ގަސްތަކުން ގޭފޫޓުތެރެ ފުރާލައިފައި ވީއިރު ގެވެސްވާނީ މީދަލާއި އެކި ސޫފާސޫފިގެ ހާއްޔަކަށް ކަން ޔަޤީނެވެ.

އޭނާއަށް ހީކުރެވުނު ގޮތަށް ގޭ ދޮރު ހުރީ ތަޅުނުލައެވެ. ތަޅު އަނބުރާލަމުން ދޮރު އެތެރެއަށް ކޮށްޕާލި އިރު އޭނާގެ އަތުގައި މަޑު ތުރުތުރެއް ވިއެވެ. ގޭތެރެއަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ. ނިކްހާ ފޯނުގެ ފްލެޝް ޖައްސާލަމުން ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ގޭތެރެއިގައި ވަނީ ތަރުތީބު ކަމެވެ. ނަމަވެސް ހިރަފުހާއި މަކުނުވަލުން މުޅިތަން ވަނީ ތަތްތެޅިފައެވެ. ނިކްހާ ކުރިއަށް އަޅާލި ފިޔަވާޅާއި އެއްކޮށް ވާލެއް ހޭރިގަތް ޒާތުގެ އަޑެއް އިވުނެވެ. އެއަޑު މުޅި ގޭތެރޭ ގުގުމައިގެން ދިޔައިރު އޭނާއަށް މޭގައި އަތް އަޅައިލެވުނެވެ. ސަހަރާތެރެއިން އޭނައަށް ފެނުނު މަންޒަރުތައް ލޮލަށް ސިފަވަމުން ދިއުމާއެކު ނިކްހާ ބޭނުންވީ އެތަނުން ނިކުންނާށެވެ. އެހެނަސް މާދަމާއަކީ މިރަށުގައި ހުރެވޭނެ ފަހު ދުވަހަށްވެފައި އޭނާގެ ހިތުގައި ހުރި ސުވާލުތަކުގެ ޖަވާބު ހޯދަން އިންތިހާއަށް ބޭނުންވުމުން، އެކަންވާނީ ހަމައެކަނި އެޑައިރީގެ އެހީގައިކަން އެނގި ޑައިރީ ހޯދަން އޮތް އަޒުމު އިތުރަށް ވަރުގަދަވިއެވެ. އޭނާ ބިސްމި ކިޔަމުން ނިޝާ ކޮޓަރީގެ ދޮރު އެތެރެއަށް ކޮށްޕާލިއެވެ. އެއިރު އޭނަގެ އަތުގައި މަޑުތުރުތުރެއް އުފެދިފައި ވިއެވެ. އެވަގުތު ޖެހިލި ބާރު ވައިރޯޅީގައި ކުޑަދޮރުތަކުގެ ދޮރުފޮތިތައް ވެސް އުދުހިގެން ދިޔަފަދައެވެ. ނިކްހާގެ ހިތުގައި އޮތް ބިރުވެރިކަން ދިޔައީ އިތުރުވަމުންނެވެ. އެގޭތެރެއަށް ވެރިވެފައިވީ ހަމަހިމޭން ކަމުގެ ތެރެއިން އިވިލަނީ ނިކްހާގެ ހިތުގެ ތެޅުމުގެ އަޑު އެކަންޏެވެ. އޭނާ އަވަސް ފިޔަވަޅު ތަކެއްގައި ގޮސް  އެކޮޓަރީގެ އެތްފަރައިތެއްގައި ހުރި އަލަމާރި ދޮރުފަތުގައި އަތްޖައްސާލިއެވެ. އެވަގުތު އޭނާ ދިޔައީ އެއްލިގެންނެވެ. ބިއްލޫރިތަކެއް ފައިބައިގަން އަޑުން އޭނާގެ ހިތުގައި އޮތް ބިރުވެރިކަން ދެގުނަ ކޮށްލައިފިއެވެ. ހިތް އަތްމަށްޗަށް ލައިގެން ހުރެ އަވަސް ހަރަކާތަކާއި އެއްކޮށް އަލަމާރި ހުޅުވާލިއެވެ. ތަރުތީބު ކަމާއެކު ފަތްޖަހާފައިހުރި ނިޝާގެ ހެދުންތައް ހާވާލަމުން އެންމެ ދަށަށް އަތްގެންދިޔައެވެ. މަޑުމަޑުން ނެގިއިރު ކަޅުކުލައިގެ ބޯ ބަނޑަވެރިގަނޑެއް ލާފައިވާ ބޯފޮތެކެވެ. ބަލާބެލުމަށް ދުވަސްވެފައިވާ އެފޮތުގެ ބަނޑަވެރި ގަނޑު ނިކްހާ ހުޅުވާލިއެވެ. ރަތްކުލައިގެ އަކުރުން “ނިޝީ” ޖަހާ ފަވާލެވިފައިވެއެވެ.

ނިކްހާ ނިޝާގެ ހެދުންތަކެއް އެ އަލަމާރީގައި އަޅުވަން ދިޔަ ދުވަހަކު އޭނާއަށް އެފޮތް ފެނި ހިތުގައި ސުވާލު އުފެދުނެވެ. އެއީ ނިޝާގެ ޑައިރީކަން ނިކްހާއަށް އެނގުނު ހިސާބުން އެފޮތް ކިއާލުމުގެ ޝައުގުވެރިކަން އޭނާގެ އޮތެވެ. އެހެނަސް އޭގެ ކުރިން އޭނާގެ ދިރިއުޅުމަށް އައީ ވަރުގަދަ ތޫފާނެކެވެ.

“ބަން…” ގޭފުރާޅު މަށްޗަށް އެއްޗެއް ޖެހިގަތް އަޑުން މުޅިތަނުގެ ހަމަހިމޭން ކަން ނަގާލިއެވެ.  ނިކްހާއަށް ލިބުނު ސިހުމުގައި މަންމައޭ ކިޔާ ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު ބަރު ހުނުމެއްގެ އަޑުން މުޅިތަން ގުގުމާލިއެވެ. ނިކްހާގެ މުޅިގައިން ހީބިހި ހިލުވަލިއެވެ. އަތަކަށް ގުޑިލާން ވެސް ނުކެރިފައި ހުރި އިރުކޮޅަކަށް ފަހު ފޮތް މޭގައި ޖަށްސާލަމުން ނިކްހާ ދުއްވައިގަތީ އެތަނުން ސަލާމަތްވެ ނިކުމެވޭތޯއެވެ. އެވަގުތު އަނެއްކާވެސް އޭނާގެ ބޮލުގައި ތޫނު ރިހުމެއް އުފެދުނެވެ. ނިޝާގެ ކޮޓަރިން ބޭރަށް އޭނާއަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. ބަންލާފައި އެކޮޓަރި ދޮރު ލެއްޕުނުއިރު ކުޑަކުއްޖެއްގެ ރުއިމުގެ އަޑުންނާއި އެ ބަރު ހުނުމުގެ އަޑުން މުޅިތާ ވަނީ ނާމާން ކަމެވެ. އޭނާއަށް ލައްވާލައިގެން މިއުޅެނީ އާދިޔާމަކު ކަމެއްނޫންކަން އޭނާއަށް ޔަގީން ކުރެވުނެވެ. އިރެއް އިރަކަށް އެކުއްޖާގެ ރުއިމުގެ އަޑު ބާރުވަމުން އައިއިރު ނިކްހާގެ ހިތުގެ ތެޅުންވެސް ބާރުވަމުން އައެވެ. އިރުކޮޅަކުން އިވެމުން އައި އަޑުތައް ކެނޑި ގޭތެރެ ހިމޭންވެއްޖެއެވެ. އޭނާގެ ފޯނުގެ ފްލެޝް ވެސް ނިވިއްޖެއެވެ. ފޯނުގެ ބެޓެރި ހުސްވީކަމެއް ނޫނީ އެހެން ކަމެއް ކަމެއް ނޭނގެއެވެ. މަޑުމަޑުން ލެއްޕެމުންދިޔަ ގޭދޮރު ފެނި އޭނާއަށް ނޫނެކޭ ކިޔައި ދުއްވައިގަނެވުނެވެ. ދޮރާހަމަވެފައި އެންމެ ފަހުފަހަރަށް ގޭތެރެއަށް ބަލައިލިއެވެ.

އެހިނދު އޭނާގެ ހިތް ހުއްޓުނު ފަދައެވެ. ގޭ ސިޓިންރޫމުގައި އެލުވާފައި ހުރި ބޮކިތަކެއް ފަދައިން އެލިފައި ތިބި އިންސާނުންގެ ބޯބުރިތައް ފެނި އޭނާގެ މޫނުމައްޗަށް އަނދިރި ވިއެވެ. ނަމަވެސް ނިކްހާ ހިތްވަރު ކޮށް ފަހަތަށް ފިޔަވަޅު އަޅަން ފެށިއެވެ. އެބޯބުރިތައް ކަރާ ހިސާބުން ވީދާލާފައި ވީއިރު އެތަންތަނުން ލޭތިކި ތަޅަމުން ދިޔައެވެ. އެއީ ބޯބުރި ތަކަކަށް ވީނަމަވެސް އޭގެ ތުންފަތް ހަރަކާތް ކުރަމުން ކޮންމެވެސް އެއްޗެކޭ ކިޔަމުން ދިޔައެވެ. ނިކްހާއަށް ހަމަ ގެއިން ނުކުމެވުމާއެކު ބަންލާފައި އެދޮރުވެސް ލެއްޕުނެވެ. އޭނާއަށް އޯކަތްދެމިގަންނަމުން އެތަނަށް ހޮޑުލެވުނެވެ. އެއިރު މުޅި މީހާ ހުރީ ހުމާއި ފިހިފިހިއެވެ. ދާހިތްލާ ފޯވެފައެވެ. އޭނާއަށް ލައްވާލައިގެން މިއުޅެނީ ކޮން ކަންތަށް ގަނޑެއްބާވައޭ ނިކްހާ ހިތަށް އެރިއެވެ. މީހަކަށް ފެނުމުގެ ކުރިން އެތަނުން ދާން ނިކްހާ ބޭނުން ވިއެވެ. އެއިރު އޭނާގެ ބޯއަނބުރާހެންވެސް ހީވެއެވެ. ވައިއަޑަކުން މީހަކު އޭނަގެ ކަންފަތް ދަށުގައި ގޮވާލިކަމުގެ އިހްސާސް އޭނާއަށް ކުރެވުނެވެ. އިތުރަށް އެންމެ ސިކުންތަކުވެސް އެފަޅުގޯތި ތެރޭ މަޑުކުރާކަށް ނިކްހާގެ ހިތެއް ނޭދެއެވެ. ނެތްހިތްވަރު ނެރެ ދެފަޔަށް ބާރުލަމުން ނިކްހާ ދުއްވައިގަތެވެ. ހަލުވިކަމާއިއެކު ދިގުމަގުތައް ހުރަސް ކުރަމުން އެމީހުން އުޅޭ ގެއާއި ހަމައަށް އާދެވުނު އިރު ނިކްހާއަށް ތަންތަން ފުސްވާން ފެށިއެވެ. އޭނާ އަދިވެސް ބޭނުމީ ދުވާށެވެ. އެގެއާއި ވީހާވެސް ދުރަށް ދާށެވެ. ޔަނާލް އާއި އޭނާ އުޅޭ ކޮޓަރި އަށް ވަދެ ދަބަހުގެ އެންމެ އަޑިއަށް އެފޮތް ލާފައި ނިކްހާ ތެދުވިއެވެ. ބޮލުގައި އަތްއަޅައިގެން ހުރެ ގޮސް ނިކްހާއަށް އެނދުގައި އިށީނދެވުނީ ކިރިޔާއެވެ. އޭނަގެ ހަބަރު ހުސްވެ އެނދުމައްޗަށް ދެމުނެވެ. ކޮޓަރި ފެންލައިޓުން ވަދެގެން އައި ދުންގަނޑެއް އޭނާގެ ފައިކައިރީ ހުއްޓުނީވެސް އެވަގުތުއެވެ. އޭގެ ސިފަ ޖެހެމުން ގޮސް މަޑުމަޑުން ދުންތަށް ފިލައިގެން ދިޔައެވެ.

*** ** ***

ޔަމާންގެ ސައިކަލު ފަހަތުގައި އިން ޔަނާލް އިނީ ކަންބޮޑުވެފައެވެ. ދޭތެރެއަކުން ފުންނޭވާއެއް ލަމުން އަވަސް ކުރާށޭ ބުނެލައެވެ. އެމީހުން އުޅޭ ގެއާއި ހަމަވުމުން ސައިކަލު ރަނގަޅަށް މަޑުވެސް ކޮށް ނުލަނީސް ޔަނާލް ފުންމާލިއެވެ. އަދި އެހާމެ އަވަހަށް ދުވެގޮސް ގޭތެރެއަށް ވަނެވެ. ޔަނާލް އޭނާއާއި ނިކްހާ އުޅޭ ކޮޓަރި އާއި ހަމައަށް ގޮސް މަޑުމަޑުން އެދޮރު ހުޅުވާލިއެވެ.

**ނުނިމޭ**

72

9 Comments

 1. shal

  December 24, 2019 at 6:59 am

  Intresting

  • samra

   January 10, 2020 at 10:49 am

   thankxx shal

 2. Anonymous

  December 24, 2019 at 10:10 am

  Story is amazing as usual ❤❤💋When next episode ?

  • samra

   December 24, 2019 at 12:38 pm

   thankxx Anonymous…. insha allah v avahah

 3. Samra

  December 25, 2019 at 10:15 am

  thankxx shal

 4. @[email protected]

  December 27, 2019 at 3:14 pm

  Masha Allah.. mi part vs vr salhi . Keep going

  • samra

   December 27, 2019 at 5:51 pm

   thank U sissy

 5. NONNI

  January 22, 2020 at 6:39 pm

  🖤🖤🖤Vrh reethi mi part vxx🙂

 6. Mal

  May 21, 2020 at 1:06 pm

  Vrh reethi story eh! Masha Allah!❤

Comments are closed.