Skip to content
އެސްފިޔަ

ގަނާގެ ޝިކާރައަކަށްވެފާ……

ދުވަހުގެ އެންމެފަހު ރަނގަބީލުގެ އަޑާއިއެކު ހުރިހާކުދިންވެސް އަވަސްވެގަތީ އެކުއްޖެއްގެ ދަބަސް ހިފައިގެން ކުލާހުން ނުކުތުމަށެވެ. އެގޮތުން އަހަރެންވެސް އާދައިގެ މަތިން އަހަރެން ގެންގުޅޭ ދަބަސްގަނޑު ހިފައިގެން އެކަނިހުރެ ގެއަށް ދިއުމަށް މިސްރާބުޖެހީމެވެ. އެހެނަސް ގޭޓުން ބޭރަށް އަޅަންނެގި ފުރަތަމަ ފިޔަވަޅުމަތީ އަހަންނަށް ހުއްޓެން މަޖުބޫރުވީ ފަހަތުން އިވުނު ހުޝާމްގެ ބިރުވެރިއަޑުންނެވެ. “އޭ މަޑުކޮށްބަ! ….. މާ އަވަސް އަރުވާލައިގެން ކޮންތާކަށް ދާންތަ ތިއުޅެނީ!!” އެއާއެކު ދެން އިވިގެން ދިޔައީ އެ ގުރޫޕު އެހެން ކުދިންގެ ހުނުމުގެ އަޑެވެ.

އަހަންނަށް ދެއަތް މުއްކަވާލަމުން ދެލޯމަރާ ތަގުޅި ކޮއްލެވުނީ ދެން މިއަދު ފަސޭހަ ރަހުމަތެއްގަ ގެއަށްނުވަދެވޭނޭ ހިތަށްއެރުމުންނެވެ. ހުޝާމްއާއި އޭނާގެ ގުރޫޕަކީ މި ރަށުގައިވެސް އުޅޭ އެންމެ ނުފޫޒުގަދަ، ބިރުވެރި ގުރޫޕޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ވީއިރު އެމީހުންގެ ކުރިމަތީ އަހަންނަށް ދެއްކޭނީ ކޮންބާރެއް ހެއްޔެވެ. އަމުދުން އަހަންނަށް އެހީގެ އަތެއް ދިއްކޮށްލާނޭ ގާތް އެކުވެރިއަކުވެސް ނުވާއިރު އަހަރެންގެ އަމިއްލަ ދިފާއުގާ ނުކުންނަންވެސް މިއަދު މިވަނީ ޖެހިލުންވެފައެވެ. އެމީހުންގެ ކުރިމަތީ އަހަރެން ވެފައިވަނީ އެއްވެސް އަގެއްނެތް މޮޔައަކަށެވެ.

ގެއަށް ހަމަ ވަދެވުމާއެކު އެންމެ ފުރަތަމަވެސް ކަންފަތުގައި ޖެހުނީ މަންމަގެ ކަންބޮޑުވެފައިވީ އަޑެވެ. “ދަރިފުޅާ ޒައިކް…… ކޮންތާކު އުޅެފަ ތިއައީ……ސުބްހާނަﷲ!! އަނެއްކާ މިއަދުވެސް…….މިހާރު މިވާގޮތެއް މަންމައަށް ކިޔައިދޭން ވެއްޖެއްނު! ކޮންމެ ދުވަހަކު ގެއަށް އަންނައިރު ތިހުންނަނި މީހާ ހުންނަގޮތް.” އަހަރެންގެ ކުރިމަތީ އައިސް ހުއްޓެމުން އާދައިގެ މަތިން މަންމަގެ ކަންބޮޑުވުން ފާޅުކުރިއެވެ. އެހެނަސް މިފަހަރުވެސް އަހަރެން ޚިޔާރުކުރީ ހަމަހިމޭންކަމެވެ. މަޑު މަޑުން އިސްޖަހާލެވުނީ ބުނާނެ އެއްޗެއް ސިކުނޑިއަށް ނައުމުންނެވެ. އެހެންނޫނަސް އަހަރެން މަންމަ ގާތު ބުނާނީ ވަކި ކީކޭ ހެއްޔެވެ؟ ބަޔަކު މީހުން އަހަރެން ގައިގައި ތަޅައިގަތީއޭ ބުނާނީ ކޮންދުލަކުން ހެއްޔެވެ؟ އެމީހުން އަބަދު އަހަންނަށް އުނދަގޫ ކުރާ ވާހަކައާއި މަލާމާތްކޮށް ފުރަށްސާރަ ކުރާވާހަކަ ބުނާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ މި ހުރިހާކަމެއް އެނގޭ ދުވަހަކުން އެ މަންމައަށް ވާނެ ގޮތެއް އަންދާޒާ ކޮއްލަންވެސް ނޭނގެއެވެ.

އަހަރެންގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން އެނގުންވި މަންމަ ބަދިގެއާ ދިމާއަށް މިސްރާބުޖަހަމުން ފެންވަރައިގެން ކާންނުކުތުމަށް އަހަރެންގާތު ބުންޏެވެ. އެކަނިވެލާނެ ފުރުސަތެއް ނުލިބިފާ ހުރި އަހަރެން އަވަހަށްގޮސް ކޮޓަރިއަށްވަދެ ދޮރުލައްޕާ ތަޅުލީމެވެ. 14 އަހަރުގެ ފިރިހެން ކުއްޖެއްކަމަކު އަހަރެންނަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށްތާއެވެ. ދެ އަހަރުދުވަސް ވަންދެން ހުއްޓުމެއް ނެތި ލިބެމުންމިދާ އަނިޔާއިން މިންޖުވާން އަހަރެން ބޭނުމެވެ. މި ފާއިތުވެ ދިޔަ ދުވަސް ތަކުގައި އަހަންނަށް ލައްކަ ކެތްކުރެވިއްޖެއެވެ. އެކަމަކު ދެނެއްނުވާނެއެވެ. އަދި އަމުދުން މިއަދު އެމީހުން އަހަރެންގެ ލޯބިވާ މަރުޙޫމް ބައްޕައާ ބެހޭ ގޮތުން ދެއްކި ވާހަކަތައް އަޑު އިވިފާ އަހަރެންގެ ކަރުނަތަށް ހިފަހަށްޓާލަން ނުކުޅެދުނެވެ. ނޭނގިނަމަވެސް މިއަދު އެމީހުން ވެފައި އެވަނީ އަހަރެންނާއި އަހަރެންގެ މަންމަ އުޅެމުން މިއަންނަ އެކަނިވެރި ފަގީރު ދިރިއުޅުމަށް ލެވިފައިވި އިތުރު ޒަހަރަކަށެވެ. ނޫނީ އެމީހުން ގަސްތުގައި އެކަމުގެ ނާޖާއިޒް ފައިދާ ނަގަނީއެވެ. ކުރާނީ ކީއްހެއްޔެވެ؟ މިއަދު މީ އަހަރެންގެ ޙާލަތެވެ.

ވާގޮތެއް ނޭނގުނެއްކަމަކުވެސް އަހަރެންގެ ޙާލާމެދު ޙަމްދަރުދީވެ މަންމަ ފިކުރުކޮށް ރޯތީ ކިތަންމެ ދުވަހަކު އަހަރެން ދެކެމެވެ. އެކަމާ ޚުދު އަހަރެންވެސް ހިތާމަކުރަމެވެ. އެހެނަސް އެ މަންމައަށް ޙަޤީގަތް ހާމަ ކުރާނެހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. މީގެ ދެތިން އަހަރުކުރިން މިދުނިޔެ ދޫކޮށް ދިޔަ ބައްޕަގެ ހަނދާންތަކުން އަދިވެސް އަރައިނުގަނެވިގެން އުޅޭ މަންމައަށް ޙަޤީގަތް ހާމަކުރަން ފަސްޖެހެވެނީއެވެ.

ބުރު ނޭނގޭ ވަރަށް އެނބުރެމުން ދިޔަ ފަންކާއަށް ނަޒަރު ހުއްޓާލައިގެން އޮތް އަހަރެންގެ ސިކުނޑިއަށް ހިޔާލެއްއައެވެ. އަހަރެންގެ ހިތުން މޮޅު ޙިޔާލެކެވެ. މުޅިއުމުރަށް މި އަނިޔާވެރިކަމުން މިންޖުވެވޭނެ ގޮތެކެވެ. އާނއެކެވެ. އަމިއްލައަށް މަރުވުމެވެ.

ބަލާކަށް ނުހުރެ އަވަހަށް ގޮސް އެނދުގާއޮތް ބެޑްޝީޓުނަގާ، މޭޒުމަށްޗަށް އެރުމަށްފަހު ފަންކާބުޑުގާ ބެޑްޝީޓް އޮޅާލާ ގޮށެއްޖަހާލީމެވެ. އެހެނަސް އޭރުވެސް އަހަރެންގެ ހިތުގެ ކަނަކުން ގޮވަމުން ދިޔައީ އެކަން ނުކުރުމަށެވެ. ނަމަވެސް ނޭނގޭ ސަބަބަކާހުރެ އަހަރެން އެވަގުތު ބޭނުންވީ ހަމަ އެކަން ކުރާށެވެ. އަހަރެންގެ ހިތާމަތަކަށް އެންމެ އަވަހަށް ނިމުމެއްގެނެވޭނެ ގޮތެއް ކަމުގައި އަހަންނަށް ފެނުނު ގޮތަކީ އެއީ ކަމުގައިވާތީއެވެ. އެހެންނަމަވެސް އޭރު އަހަންނަށް ނޭނގުނުކަމަކީ މާތްﷲ އެއްވެސް އިންސާނަކަށް ނުއުފުލޭވަރުގެ ބުރައެއް ނުޖައްސަވާނެކަމެވެ.

އަހަރެން ބެޑްޝީޓުގެ އަނެއްކޮޅުން މަޅިއެއް ގޮތަށް ހަދާ ކަރަށްލައްވާލި ވަގުތުވީ މަންމަ ދޮރުގައި ޓަކިދިން ވަގުތަށެވެ. ސިކުނޑީގައި އުފެދިފައިވި ތޫފާނުގެ ވަރުގަދަކަމުން ރަނގަޅަށް ވާނުވާ ނޭނގޭ ޙާލު އަހަރެން ކުރިއަށް ވުރެވެސް އަތްމަތި އަވަސް ކޮއްލީމެވެ. އޭރު ބޭރުން އިވެމުން ދިޔަ މަންމަގެ އަޑުވެސް ގަދަވެފައިވެއެވެ.

ކަރުގައި ބެޑްޝީޓުއޮޅާ ވާންކޮއްލުމައްފަހު ފައިން މޭޒު ދުރަށް ކޮށްޕާލީމެވެ. ހަމަ އެވަގުތު މަންމަ ކޮންމެވެސް ގޮތަކުން ދޮރުހުޅުވުމަށްފަހު ކޮޓަރިއަށް ވަންކަންވެސް އެގުނެވެ. ރޮވިފާހުރެ އަހަރެންގެ ނަމުން ބާރަށް ގޮވަމުން ދިޔަ އަޑުވެސް ނުސާފު ގޮތަކަށް އިވެމުންދިޔައެވެ. އޭރު އަހަރެންގެ ނޭވާކޮޅަށް ގޮއްސިއެވެ. މަންޒަރު ފުސްވާންފެށި ވަގުތު، މިއީ އަހަރެންގެ ޙަޔާތުގެ ނިމުމޭ ހިތަށްއެރިއެވެ.

މަޑު މަޑުން އެސްފިޔަތަޅުވާލުމަށްފަހު އުނދަގޫ ގޮތަކަށް ލޯ ހުޅުވާލުމާއެކު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އަހަރެންގެ އަތުގައި ހިފަހައްޓައިގެން ކައިރީގައި ރޮވިފައި އިން މަންމައެވެ. ދެލޯރަތްވެ މުޅި މޫނު ދުޅަވެފައި ވީގޮތުން ވަރަށް ގިނައިރު ރޮއެފައި ހުރިކަން އެނގެއެވެ. އަހަރެން ހަމަ، ހޭއެރުމާއެކު މަންމަގެ ބަޑި ފަޅައިގެން ދިޔައެވެ. ގިސްލެވޭހާލު ވަރަށް ހިތްވަރު ކޮށްފާ މަންމަ އަހަންނާ ވާހަކަ ދެއްކިއެވެ. އަހަރެންގެ ކުލާސް ކުއްޖެއްގެ ފަރާތުން މަންމައަށް ހުރިހާކަމެއް އެނގިއްޖެ ކަމަށާ، އިތުރަށް މަންމައާ ކަންކަން ސިއްރުނުކުރުމަށް އެދުނެވެ.

ގައިގާ އަޅަމުން ދިޔަ ވޭނަށް ވުރެ އެވަގުތު އަހަރެންގެ ހިތަށް ކޮށްފައިވި އަސަރު މާބޮޑެވެ. މަންމަ އެޙާލުގަ އިންދާ ފެނުމުން އަހަންނަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފްސެވެ. ނަމަވެސް އެވަގުތުވެސް މަންމަގެ ހިތް ވަރުގަދަކަމާމެދު އަހަރެންނަށް ހިތާ ހިތުން ތަޢުރީފު ކުރެވުނެވެ.

މަންމަގެ އެތަށް އާދޭސް ތަކަކާ ނަސޭޙަތްތަކެއްގެ ސަބަބުން މިއަދު އަހަރެންނަށް އާހިތްވަރެއް ލިބިއްޖެއެވެ. އުއްމީދުގެ ހުޅުކޮޅު ދިއްލިއްޖެއެވެ. ދިރިއުޅުމުގެ ވަކި މަޤްޞަދެއް ކަނޑައެޅިއްޖެއެވެ. ހިތާމަވެރިކަމެއް ނުވަތަ ހިތްހަމަ ނުޖެހޭ ކަމެއް ދިމާވާ ކޮންމެ ފަހަރަކު އަމިއްލަ ނަފްސަށް ގެއްލުން ދިނުން އެއީ އޮންނަ ހަމައެކަނި ޙައްލު ނޫންކަމުގައި ވިސްނިއްޖެއެވެ. އަދި ހަމައެއާއެކު ދިރިއުޅުމުގައި ދިމާވާ ހުރިހާ ގޮންޖެހުންތަކާ ކޮންމެފަހަރަކު އެކަނިން ކުރިމަތިލުމަށްވުރެ، އިތުބާރު ހިފޭ ގާތް މީހެއްގެ އެހީ ހޯދުން ބުއްދިވެރިކަންވެސް އެނގިއްޖެއެވެ.

މިހާރު އަހަރެން ބޭނުން ވަނީ އަހަރެންފަދަ ގަނާގެ ޝިކާރައަކަށް ވެފައިވާ ކުދިންނަށް އިންސާފު ހޯދަދޭށެވެ. އެފަދަ ކުދިންނަށް އެހީވާށެވެ. އެކުދިންގެ ދިރިއުޅުން އަލިކޮށްދީ މުސްތަޤްބަލް އުޖާލާ ކޮށްދޭށެވެ. އެކުދިންގެ އަމިއްލަ ދިފާޢުގައި ނުކުންނަން ދަސްކޮށްދޭށެވެ. އެއީ މިހާރު އަހަރެންގެ ޢަޒުމެވެ.

ނިމުނީ

ނޯޓު : މިއީ އަޅުގަނޑުގެ މުޅި ޙަޔާތުގައިވެސް މިފަދަ ސައިޓަކަށް ލިޔުނު ފުރަތަމަ ވާހަކަކަމުން ކުށް ހުރުމަކީ އެކަށީގެންވާ          ކަމެކެވެ. ވުމާއިއެކު އެފަދަ ކުށެއް ފެނިއްޖެނަމަ ކޮމެންޓްގެ ޒަރިއްޔާއިން އެކަން ޙިއްސާ ކޮއްލަދެއްވުން އެދެމެވެ.

Comments (10)

  1. leash

    vr reethi adhi iburaiyy theri vaahakaeh

    1. pinky
      leash

      thank u leash ??
      I’m so glad you liked it

  2. Rainstorm

    fiest vhk a balaafa hama vrh best ❤? keep going ?

  3. pinky

    jazakallah khairan and thank you ?
    asluga varah ufaavehje thikahala supportive inspiring reader ehge faraathun first comment libunyma…. and Insha Allah adhives alhugaduge vaahakathah kiyaalan libeyne varah avahah….. once again thank u ❤

  4. samra

    vv reethi vahaka eh..

    1. pinky
      samra

      alhamdhullillah….. varah ufaavehje samra ah mi story kamudhiyaeema

  5. Yan

    First ah balaafa Hama habeys ?? Masha Allah

    1. pinky
      Yan

      awwww?? jazakallah khairan and thank u Yan

  6. Nayaa

    Awww.. Pinky vrhh reethi mi stryy and very inspiring… Pinky ge neww vaahaka eh fennrne kamahh unmeedhu kurann….. Lysssssm.. ??????????❤❤❤❤❤❤❤❤❤❤❤??????????????????☺☺☺☺☺☺?????????????????????……

    1. pinky
      Nayaa

      aww…. thank you for ur lovely commment……hehe????
      insha allah varah avahah story eh liyeleveytho balaanan ingey… and love u too❤?

Comments are closed.