މޫނޭ ތިއީ ހިތް އެދޭ (2)
ސާދަވިލޭރޭގެ ހަނދު ފޫހިކަމެއް ނެތި މެދު އުޑުގައި ރަނިކަން ކުރަމުން ދިޔައިރު އެހަނދުވަރުގެ ރީތި ރިހި އަލި ދިޔައީ މުޅި ދުނިޔެއާއި ކުޅެމުންނެވެ. ހަނދުގެ ދަރުބާރުގައި ފިޔަޖަހަމުން ދިޔަ ތަރިތަށް އެކަމުގެ ޝަރަފު އަމިއްލައަށް ބަލައިގަންނަމުން ދިޔައީ އެހެން ހިތްތަކުގައި ހަސަދަވެރިކަން އުފައްދަމުންނެވެ. ބަގީޗާގައި ހެދިފައި ހުރި އެކި ކަހަލަ މާމެލާމެލީގެ ގަސްތަށް ވަޔާއިއެކު ނާނާ ކިޔަމުން ދިޔައިރު، މާމެލާމެލީގެ މީރުވަސް ވަނީ މުޅި ފަޒާގައި ހިފާފައެވެ. ބެލްކަނީގެ ރެއިލިންގްގައި އަތް އަޅުވައިލައިގެން އާސިމް ހުރިއިރު ވަށައިގެންވީ މަންޒަރުގެ ރީތިކަން ހިތަށް ވާސިލްކުރެވޭ ގޮތެއް ނުވިއެވެ. ވާނީވެސް އެހެންތާއެވެ. ދުވަހުގެ ކޮޅުންވެސް އަފްނާން އާއި ވަކި ނުވާނެކަމަށް ކުރި ހުރިހާ ވައުދުތަށް މިއަދު ވެއްޔާއި މޮޑެވިގެން އެދިޔައީ ހީވެސް ނުކުރާފަދަ ހިތާމަވެރި ގޮތަކަށެވެ. ޙިޔާލުތަކުގެ ތެރޭގައި ހުއްޓައި މާޒީގެ ފުންކަނޑަށް އާސިމް ގެނބިގެންދިޔަ ގޮތެއްވެސް ނޭނގުނެވެ.
*****
ޝަރަފުވެރިކަމާއިއެެކު ދުވާލުގެ ތަރި އޭގެ ވާޖިބު އަދާކުރަމުން ދިޔައިރު، މެންދުރުގެ ދިލަގަދަ އަވިން ދުނިޔެމަތި ފިއްސަމުން ދިޔައެވެ. އިރުއިރު ކޮޅާ ޖެހެމުން ދިޔަ ވައި ރޯޅިތަކުން މާހައުލު ފިނި ކުރުވައެވެ. ހުދު ކަފަކޮޅެއްހެން ތިބި ވިލާތަށް ބޯވެ އަނދުން ކުލައަށް ވަމުން ދިޔައިރު، މަޑުމަޑުން ވިއްސާރައިގެ ކުލަވަރު ދިޔައީ ފާޅުވަމުންނެވެ. އުޑުމަތީގައި ހަރަކާތްތެރި ވަމުން ދިޔަ ދޫނިތަށް އެއެއްޗެއްގެ މަންޒިލަށް ވާސިލްވެވޭތޯ މަސައްކަތްކުރަމުން ގެންދިޔައީ ވަރުބަލި ކަމެއް ނެތި އެވެ.
ހޮސްޕިޓަލުގައި ކުރަންހުރި މަސައްކަތްތަށްކޮށްް ނިންމާލުމަށްފަހު، ބްރިޖްގައި ކާރު ދުއްވަމުންގޮސް އާސިމް މަޑުކޮށްލީ ހުޅުމާލޭގައި ހުންނަ އޭނާގެ ދިހަ ބުރީގެ އިމާރާތެއްގެ ކުރިމަށްޗަށެވެ. އޭރު އެތަނާ ފުދޭވަރަކަށް ކައިރީގައި ޓެކްސީއެއް ނުލިބިގެން އަތްހޫރުވަމުން ދިޔަ އަންހެންކުއްޖާ އައިސް އެކާރަށް އެރީ އެއްވެސް ގޮތަކަށް ބަލައިނުލާހެން ހީވެއެވެ. އަވަސްކުރަން އުޅުމުގެ ތެރޭގައި އެރުނީ ކޮންކަހަލަ ކާރަކަށް ކަމެއްވެސް އަފްނާންއަކަށް ރޭކާވެސްނުލިއެވެ.
“ވަރަށް އަވަހަށް ޓްރީޓޮޕް ހޮސްޕިޓަލަށް ހިންގާބަ” ހާސްވެފައިވާ އަޑަކާއި އެކު އަފްނާން އެހެން ބުނުމުން އާސިމްއަށް ކުޑަ ހައިރާން ކަމެެއް ލިބުނެވެ. ނުވެސް ދަންނަ މީހަކު އެނާގެ ޕްރައިވެޓް ކާރަށް އެރުމަށްފަހު ޓެކްސީ ޑްރައިވްރަކާއި ވާހަކަ ދައްކާގޮތަށް ތަނަކަށް ގެންގޮސްދެން ބުނުމުން ލިބޭނެ ހައިރާންކަން ބޮޑުވާނެތާއެވެ.
“އަހަންނަށް ޔަގީނޭ މީނަ މި ކާރަށް މި އެރީ ރަނގަޅަށް ނަމްބަރ ޕްލޭޓު ނުބަލާކަން. މިހާރުގެ އަންހެން ކުދިންވެސް ތަނަކުން ކާރެއް ފެންނަ އިރަށް އެއަށް އެރޭތޯވިއްޔަ މަސައްކަތް ކުރަނީ. ބަލަމާ ނިކަން މީނަ އުޅޭ ނޫޅޭއެއް. މަންމަ ބުނޭ ވިއްޔަ ހުރިހާ އަންހެން ކުދިން އެއްގޮތެއް ނުވާނެޔޭ.” ހިތާހިތުން އަފްނާން އާއި ދިމާލަށް ކުދިކިއަމުން އެ ނުދަންނަ ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށް އާސިމް އަވަސްވެގަތެވެ. ހަވީރުން ބައްޕަ ބުނި ގަޑިއަށް ކޮންމެހެންވެސް ހޮޓަލަށްވެސް ދާންޖިހޭނެއެވެ.
ފޯނު ރިންގްވާން ފެށުމާއިއެކު ކާރުގެ ކުޑަދޮރުން ބޭރު ބަލަން އިން އަފްނާން އަވަހަށް ފޯނު ނަގައިކަންފަތުގައި ޖައްސާލަމުން ހަލޯއޭ ބުނެލިއެވެ. “ވަޓް” އެކޮޅުން ވަރަށް ހާސްވެފައި ހުރެ ކޮންމެސް އެއްޗެކޭ ބުނުމުން ބޭއިޙްތިޔާރުގައި އަފްނާންއަށް ވަރަށް ބާރަށް ބުނެވުނެވެ. އާސިމްގެ ދެބުމަ ގޮށް ޖެހުނީ ވެގެން މި އުޅޭގޮތްނަގައިގަންނަން ދަތި ވުމުންނެވެ. “ވަރަށް އަވަސްކޮށްލަފާނަންތަ” ހާސްވެގެންގޮސް އަފްނާންގެ މުޅި ގައިން ދާހިއްލަން ފެށިއެވެ. “ކިހިނެއްތަ ވެގެން ތި އުޅެނީ؟” އަފްނާންގެ ފަރާތުން ޖަވާބަކަށް އުންމީދު ނުކޮށް ހުރެ އާސިމް ހިތުގައިވި ސުވާލުކުރިއެވެ. “މީ ދައްތަ އެކްސިޑެންޓްއެއް ވެގެން ހޮސްޕިޓަލްގައެޑމިޓްކުރީ. ބައްޕަމެން ބޭނުންވަނި އަހަރެން ދައްތައަށް ފަރުވާ ކުރަން، ވަރަށް ސީރިއެސްވެފަޔޯ މިހާރު ކޮންޑިޝަންވެސް އޮތީ. އެހެންވެ..” ބުނަން އުޅުނު ވާހަކަ އަފްނާން މެދު ކަނޑާލީ، ހޮސްޕިޓަލްގެ ޕާކު ފެނުމުންނެވެ. ކޮނޑުގެ ހުރަހަށް އަޅުވާލެވިފައި އޮތް އަތްދަބަހުން ފަންސަވީސް ރުފިޔާ ނެގުމަށްފަހު އަފްނާން އާސިމްއަށް ދިއްކޮށްލިއެވެ.
“މިއީ ޕްރައިވެޓް ކާރެއް. އައި ޑޯންޓް ތިންކް އައިމް ގޮނަ ނީޑް ދެޓް. ތެންކްޔޫ.” އާސިމް ބުނެލި ޖުމްލައިން އަފްނާނަށް ލަދު ގަނެވުނެވެ. އެ ދޮން މޫނަށް ޖަންބު ކުލަ ފާއްދާލާން ދެ ސުކުންތު ވެސް ނުނަގާނެއެވެ. އަވަސް ކުރަން އުޅުމުގެ ތެރޭގައި ކާރުގެ ނަންބަރު ޕްލޭޓްއަށްވެސް ނުބެލުނީއެވެ. ނަމަވެސް ވެދިޔަ ކަމެއްވެ ނިމުނީއެވެ. ދެން އެކަން ބަދަލު ކުރަން އުޅުނަސް އެކަމެއް ބަދަލެއް ނުވާނެތާއެވެ.
“ދެން ކީއްވެ އެރި އިރު ވެސް ނުބުނީ؟” ލަދުގަނެފައި އިންނަމަވެސް އަފްނާން އެހީ އެ ނުދަންނަ މީހާ އޭނާއަށް އެއްވެސް ކަމެއް ރޭކާލިޔަ ނުދިނުމުންނެވެ.
“އެއީ ތިކުއްޖާ ވަރަށް ހާސް ވެފަ އިނީމަ، އެކަމަކު މިހާރު ދެން އެވާހަކަ ދައްކާނެ ވަގުތެއް ނެތެއްނު. ދައްތަ ކައިރިއަށް ދޭ އަވަހަށް. ހާލަތު އިތުރަށް ގޯސްވެދާނެ.” ހޮސްޕިޓަލާއި ފުދޭވަރަކަށް ކައިރީގައި ކާރު ޕާކު ކޮށްލުމަށްފަހު އާސިމް ބުންޏެވެ.
“އޯކޭ، އެކަމްވެސް މީތި ބާއްވާާ.” އާސިމް އަތަށް ރުފިޔާ ލުމަށްފަހު އަފްނާން އަވަހަށް ކާރުން ނިކުމެ ހޮސްޕިޓަލާއި ދިމާލަށް ދުއްވައިގަތެވެ.
“އަޖައިބެއް ފަދަ ކުއްޖެއްނުން މީ. ކޮންމެހެން އަހަންނާއި ވާހަކަ ދައްކާކަށްވެސް ނުޅުނޭ ދޯ. އެހެންމާ މަންމަވެސް އެ ބުނީ ދޮގެއް ނޫންތާ .” ކާރު އަނބުރައި އައި ކޮޅަށް ދުއްވާލަމުން އާސިމް ހިތާ ހިތުން ބުނެލިއެވެ.
ހަވީރު ހަތަރު ގަޑި ފަނަރަ ވީ އިރު އާސިމް ހުރީ ބައްޕަ ބުނި ހޮޓެލްގައެވެ. ކަނޑު ނޫ ކުލައިގެ އޮފީސް ކޯޓުގެ ދަށުން ހުދު ގަމީހެއް ލައިގެން ހުރި އިރު ހަމަ އެ ކުލައިގެ ޖީންސެއް ލައިގެން ހުރުމުން އާސިމްގެ ފިރިހެންވަންތަކަން ވަނީ ދެގުނަ ކުރުވައިފައެވެ. އަތުގައި އަޅާލެވިފައި އޮތް ކަޅު ކުލައިގެ ގަޑީގެ ސަބަބުން އެ ފިރިހެންވަންތަކަން އިތުރު ކުރުވިއެވެ. ހޮޓެލްގެ ރެސްޓޯރެންޓްގައި އާސިމް އިށީންދެލައިގެން އިން އިރު އެތަނުގައި އުޅުނު އެތަށް އަންހެން ކުދިންގެ ލޯ އޭނާއަށް އަމާޒުވަމުން ދިޔައެވެ.ނަމަވެސް އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ދިނުމެއް ނެތި އިން އާސިމް ހައިރާން ވި މިއަދު އޭނާގެ ކާރަށް އެރި ނުދަންނަ ކުއްޖާ އޭނާގެ ބައްޕަ އާއި އެކު އަންނަތަން ފެނުމުންނެވެ. އިށީންދެގެން އިން ގޮނޑިން ތެދުވެވުނު ގޮތްވެސް އާސިމް އަކަށް ނޭނގުނެވެ. އަފްނާންގެ ވަށް މޫނު އަޅައިގެން ހުރި ކަނޑު ނޫ ކުލައިގެ ޝޯލްގެ ތެރެއިން ބަބުޅަމުން ދިޔައިރު، ފައި ތިލައާއި ހިސާބަށް އަރާ ކަޅުކުލައިގެ ހެދުން އަފްނާން އާއި ނުހަނު ގުޅެއެވެ. ބައްޕަ އައިސް އިށީންދުމުން ގަދަކަމުން ކަހަލަ ގޮތަކަށް އާސިމް އަފްނާންގެ މޫނަށް ހުއްޓިފައި ހުރި އޭނާގެ ނަޒަރު އެހެން ދިމާއަކަށް އަނބުރާލީ ބައްޕަ ދައްކަން އުޅުނީ ކޮން ވާހަކައެއްތޯ އަހަމުންނެވެ. އަފްނާންގެ ހިތުގައި އެކި ކަހަލަ ސުވާލުތަށް އުތުރި އަރަމުން ދިޔައީ، މިއަދު ދިމާވި މީހާއާއި އަލުން ބައްދަލުވުމުންނެވެ. ހިތުގައި އެކި ކަހަލަ ޖަޒުބާތުތަށް އުތުރި އަރަމުން އައި އިރު ކުޑަ ހިނދުކޮޅަކަށް ނަމަހީވެސް މިއަދު މިތަނަށް އައި ސަބަބު އަފްނާން ހަނދާނުން ކައްސާލިއެވެ.
އެ ނުދަންނަ މީހާއާއި ދޭތެރޭ ވިސްނަން އިންދައި އާބިދް އޭނާ މިއަދު އާސިމްއާއި އަފްނާން މިތަނަށް ގެނައި ސަބަބު އިއްވާލިއެވެ. ދެމީހުންނަށް ވާހަކަ ދައްކާލާނެ ފުރުސަތެއް ދެމުން އާބިދް އެތަނުން ދިޔައީ ވަރަށް މުހިންމު ފޯނު ކޯލަކަށް ޖަވާބުދޭންޖިހުމުންނެވެ. އާބިދް ދިއުމުން ދެމީހުންނަށްވެސް ދެމީހުންގެ މޫނަށް ބަލާފައި ހީލެވުނީ މިއަދު ވީ ކަންތަށް ހަނދާނަށް އައުމުންނެވެ.
“އަހަންނަށް ކިޔަނީ އަހްމަދް އާސިމް އާބިދް. ދެން.. ކޮން ނަމެއް ކިޔަނީ؟” ސަލާމަށް އަތް ދިއްކޮށްލަމުން އާސިމް ތައާރަފްވެލިއެވެ. “އަފްނާން. އާމިނަތު އަފްނާން އައްބާސް” ސަލާމް ކޮށްލަމުން އަފްނާން ޖަވާބުދިނެވެ. ހޮސްޕިޓަލްގެ އެކި ވާހަކަތަށް ދެއްކުމަށްފަހު ދެމީހުންވެސް ވަކިވީ ހޯމަ ދުވަހު ހޮސްޕިޓަލުން ދިމާވުމަށެވެ.
*****
މާޒީގެ ފުން ކަނޑުން އާސިމް އަށް ބޭރަށް ނުކުމެވުނީ އިސްރާ އައިސް ކާން އަންނަން ބުނުމުންނެވެ. އިރު ކޮޅަކުން މި ދަނީ ކަމަށް ބުނެ އާސިމް ފާހާނާއަށް ވަދުނެވެ. ފާހާނާއަށް ވަދެ ކުޑަކޮށް ތާޒާވެލައިގެން އާސިމްއަށް ކޮޓަރިން ބޭރަށް ނިކުމެވުނީ އަފްނާންވެސް ކޮޓަރިން ނިކުތް ވަގުތަށެވެ. ދެމީހުންނަށް އެކަކު އަނެކަކާ ދިމާލަށް ބަލަން ތިބެވުނީއެވެ. ޝަކުވާއިން ފުރިގެންވީ ނަޒަރަކުން އަފްނާން އާސިމްްއަށް ބަލަން ހުރި އިރު އެދެލޮލުގައި އެތަށް ހާސް ކަރުނައެއް ފުނި ޖެހެމުންދިޔައެވެ.
3 Comments!
Comments are closed.

Salaam Readers.. So miothy dhe vana part up khllevifa.. Unmmeedhu kuran reethi vaane kmh..Aish ah ingey mi part vrh kurukn, ehenmaaa next part dhigu khleveythw balaanan.Enjoy reading the story
Varah Varah reethi..?????maa sha Allah waiting for the next part..???
Thank you Yanaa