ލަފްޒު 3

- by - 48- November 10, 2019

ލޫޝާ. ވަރަށް ރީތިނަމެއް. ” ޒުލޭޙާ އުފާވެރި ރާގެއްގައި ބުންޏެވެ.
” ކޮބާ ރަޝީދާ؟” ހަލީމް ރަޝީދާ ފެންނަން ނެތުމުން އަހާލިއެވެ.
” ރަޝީދާވީ ބޭރަށް ގޮސް. މިހާރު އަންނަން އުޅޭނެ. ” ޒުލޭޙާ ބުންޏެވެ.
” އެހެންތަ؟ ” ހަލީމް ބުނެލިއެވެ. އަދި ޒުލޭޙާގެ އަތުން ކުޑަދަރިފުޅު ނަގާ އުރާލިއެވެ. ” ކާފަގެ ހުރިހާ ހުވަފެނެއް. މިދަރިފުޅުގެ ބައްޕަ ވެއްޔާ މޮޑެލާފި. މިދަރިފުޅުވެސް ބޮޑުވެގެން ޝަކުވާ ކުރާނެ. ގޯސްވާނީ މިމުސްކުޅިކާފަ އާއި މާމަ. ” ހަލީމް ހިމޭންރާގެއްގައި ބުނެލިއެވެ.
” އެހެނެއްނުވާނެ. ރަޝީދާ އަށް ވެސް އަދި ނުވިސްނެނީ. ޖަލާލް އަށް ވެސް އަދި ވިސްނޭނެ ދުވަހެއް އަންނާނެ. ” ޒުލޭޙާ ވިސްނޭ މީހެއްހެން ބުންޏެވެ.
” އެދުވަހަކަށް އިންތިޒާރު މިކުރެވެނީ…. ” ލޫޝާ ޒުލޭޚާގެ އަތައް ދިނެވެ. އަދި ދަނީ އޭ ބުނެލާފައި ނިކުމެގެން ދިޔައެވެ. ޒުލޭޚާ ލޫޝާ ގޮވައިގެން އެތެރެއަށް ވަނެވެ. ނަޖުމާ ހަލީމްދިން ބޮނޑިބަތް ކޮތަޅުތައް ހިފައިގެން ބަދިގެދޮށައް ދިޔައެވެ.

އިރުއޮސިއްޖެއެވެ. އަދިވެސް ރަޝީދާ އެއް ގެޔަކަށް ނާދެއެވެ. ނަޖުމާ ކުޑަކުޑަ ލޫޝާ އުރާލައިގެން ނާނާ ކިޔާލަކިޔާލާ އިނެވެ. ޒުލޭޚާ އަންނާރު ދިޔަތައްޓެއް ހިފައިގެން އައިސް ކުޑަސަމްސަލަކުން ލޫޝާގެ އަނގަޔަށް އެތިކޮޅުކޮޅުން ޖައްސަމުން ދިޔައެވެ. ޒުލޭޚާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހިފައި ހުރިކަމުގެ އަސަރުތަކެވެ. ނަޖުމާ އަށް ވެސް އެކަން ފާހަގަ ކުރެވުނެވެ.
” މަންމާ ރުޅިއައިސްފަދޯ ތިއިނީ؟” ނަޖުމާ އަހާލިއެވެ.
” ރުޅިއަންނަ ވަރުނުވޭތަ؟ ބޭރަދަމުން ބުނެލާފައި ދިޔަނަނަމައެއްނު. މިއޮތީ އަދި 7ދުވަސްވީ ކުޑަކުއްޖެއް ވިއްޔާ. ކިރަށް ރޮއިރޮއި ހަލާކުވަމުން މިކުއްޖާމިދަނީ. ” ޒުލޭޚާ ތަންކޮޅެއް ހަރުކަށިކޮށް ބަސްތަކަށް ބާރުލާފައި ބުންޏެވެ.
” ތިއަޑެއް ނީވުނީސް އެގޭގައި ބޭއްވިނަމަ. ” އެތެރެއަށް ވަންނަމުން ރަޝީދާ ބުންޏެވެ. ޒުލޭޚާ ފަސް އެނބުރި ރަޝީދާ އަށް ބަލާލިއެވެ. ޒުލޭޚާ ރުޅިއައިސްފައި ތެދުވިއެވެ. އަދި ބަލަން ބަލާކަށް ނުހުރެ ރަޝީދާގެ ކަންފަތް މަތީގައި ޖެހިއެވެ.
” ލަދާހަޔާތާ ކޮބާ؟ ރަޝީދާ އަށް މަންމަ އެހެން ހެދިންތަ؟ ރަޝީދާ މިމައުސޫމް ކުޑަދަރިފުޅަށް ތިހެން ތިހަދަނީ؟ ” ޒުލޭޚާ ރުޅިއައިސްފައި ބުންޏެވެ.
” މަންމަ ވެސް ރުޅިއަންނާނެ ކަމެއްނެތް. އަހަރެން ގެ މިއަދުގެ މިހާލުގެ ޒިންމާދާރަކީ މަންމަ.” ރަޝީދާ ރުޅިއައިސްފައި ބުންޏެވެ. ޒުލޭޚާ އަށް އިތުރަށް އެއްޗެއް ނުބުނެވެނީސް ރަޝީދާ އެތެރެއަށް ވަދެފައި ނަޖުމާގެ އަތުން ލޫޝާ ނެގިއެވެ. ” ނަޖުމާވެސް މިތަނުން ނިކުމޭ. ” ރަޝީދާ ރުޅިއައިސްފައި ނަޖުމާ އަށް ވެސް ބުންޏެވެ.
ނަޖުމާ ނިކުމެގެން ދިޔައެވެ. ޒުލޭޚާ އެއްވެސް އެއްޗެއް ނުބުނެ ނަޖުމާގެ ފަހަތުން ނިކުމެގެން ދިޔައެވެ. ރަޝީދާ ލޫޝާ ގެން ގޮސް އެނދުގައި ބޭއްވިއެވެ.

އެއްދުވަސް ދެދުވަސް ދެދުވަސް ހަފުތާއަށް ހަފްތާ މަސްތަކަށް ބަދަލުވަމުން ގޮސް ދުނިޔޭގެ ހަލަބޮލިކަން ޒުލޭޚާގެ ޑައިރީގެ ސޮފްހާތަކުގައި ލިޔެވެމުން ދިޔައެވެ. ޒުލޭޚާ ގެ ހިތުގައި ލޫޝާ އާއި ދޭތެރެގައި ލޯތްބާއި ކުލުނާއި އުފެދިފައިވާ އިރު ރަޝީދާގެ ހިތުގައި އެއްވެސް ވަރަކަށް ލޫޝާ އަށް ޓަކާ މައިވަންތަކަމުގެ ލޯތްބި އުފެދިފައެއް ނުވެއެވެ. ދުވަހެއް ދުވަހަކަށް ލޫޝާ އާއި ދޭތެރޭގައި ރަޝީދާ ފަރުވާކުޑަވަމުން ދިޔައެވެ. އަޅާލުމާއި ލޯތްބާއި ކުލުނަކީ މިހާރު ރަޝީދާ ދަންނަ އެއްޗެއް ނޫނެވެ. އެކަމާ ޒުލޭޚާ ވަރަށް ހިތާމަ ކުރެއެވެ. ޒުލޭޚާ އެކިގޮތް ގޮތައް ރަޝީދާ އަށް ވިސްނާދެމުން ދިޔައެވެ.
” ދަރިފުޅާ. ތިގޮތައް ލޫޝާ އާއި ދޭތެރެގައި ކަންތައް ތިކުރަނީ ކީއްވެގެންތަ؟” ޒުލޭޚާ ހަމަޖެހިލަމުން އަހާލިއެވެ. ރަޝީދާ އެޔަށް އެއްވެސް ޖަވާބެއް ނުދެއެވެ.
” ރަޝީދާ…. މަންމަ މިކާ އެއްޗެއް ދަރިފުޅަށް އިވޭތަ؟” ޒުލޭޚާ އަހާލިއެވެ.
” އަހަރެން ގޮތަކަށް ކަންތައް އެބަކުރަންތަ؟” ރަޝީދާ ޒުލޭޚާ އަށް ބަލާލަމުން އަހާލިއެވެ.
” މަންމަ އެއްޗެއް އަހާލާއިރަށް ރަޝީދާ ތިދެނީ ކޮންކަހަލަ ޖަވާބެއްތަ؟” ޒުލޭޚާ ހަރުދަނާ މަޔެއްހެން އަހާލިއެވެ. އެވަގުތު ނަޖުމާ ބަދިގެޔަށް ވަންނަމުން ބުންޏެވެ.
” ރަޝިއްތާ ފޯނެއް. ” ރަޝީދާ އުފާވެރިގޮތަކަށް ހީލިއެވެ. އަދި އަވަސް އަވަހަށް ތެދުވެގެން ބޭރަށް ނިކުމެގެން ދިޔައެވެ.
” ކާކުގެ ފޯނެއް؟” ޒުލޭޚާ ނަޖުމާ ކުރެން އަހާލިއެވެ.
” ނޭނގެ. ” ނަޖުމާ ކުރުޖަވާބެއް ދިނެވެ.
” ކޮބާ ލޫޝާ؟” ޒުލޭޚާ އަހާލިއެވެ.
” މިއައީ ނިންދަވާފައި. ” ނަޖުމާ ޖަވާބުދިނެވެ.
ޒުލޭޚާ އިތުރަށް އެއްވެސް ޖަވާބެއް ނުދީ ގޮނޑިން ތެދުވެގެން ބޭރަށް ނިކުތެވެ. ނަޖުމާ މޭޒުމަތީގައި ހުރިތަށިތައް ނަގަން ފެށިއެވެ.

ޒުލޭޚާ ކޮޓަރިޔަށް ވަންއިރު ރަޝީދާ ފޯނުން ވާހަކަ ދައްކާ ނިމިގެން ފޯނު ބޭވިއެވެ. ޒުލޭޚާ ފެނުމުން އުފާވެރިގޮތަކަށް ހީލަމުން ބުންޏެވެ.
” މަންމާ. އަހަރެން މިއުޅެނީ މީހަކާ އިންނަން. ” ރަޝީދާ ހަމަޖެހިލަމުން ޖެހިލުން ކުޑަރާގެއްގައި ބުންޏެވެ.
” ކާކާ؟” ޒުލޭޚާ އަށް ޙައިރާން ކަމާއި އެކީގައި އަހާލެވުނެވެ.
” ހުސްނީ އާއި. ” ދަންނަ މީހެއްގެ ނަން ބުނެލިހެން ރަޝީދާ ބުނެލިއެވެ. ޒުލޭޚާ ޙައިރާން ވިއެވެ.
” ހުސްނީއޭ؟” ޙައިރާން ކަމާއި އެކީގައި ޒުލޭޚާ އަހާލިއެވެ.
” އާން. ކިހިނެއްވީ؟” ރަޝީދާ އަހާލިއެވެ.
” ހުސްނީ އެއީ ކާކުކަން ރަޝީދާ އަށް އެނގޭތަ؟” ޒުލޭޚާ އަހާލިއެވެ.
” އާން. ” ރަޝީދާ ކުރުކޮށް ބުނެލިއެވެ.
” ރަޝީދާ އަށް އޭނަގެ ހަގީގަތް އެނގޭތަ؟” ޒުލޭޚާ އަނެއްކާވެސް ކޮށްލީ ސުވާލެކެވެ.
” އާން. އެއީ 3 ކުދިންގެ ބައްޕަ އެއް. ދޮށީ އަނބި އިންނަނީ ވަރިކޮށްފައި. އޭނަގެ ދެކުދިން ތިބޭ. ދެވަނަ އަށް އިން މީހާ ވީ ނިޔާފައި. އޭނަޔަށް ލިބުނީ ފިރިހެން ކުއްޖެ. މިހާރު އުމުރުން 6 އަހަރު. އެކުއްޖާ ވިހާފައި އޭނަ މަރުވީ. އޭރުއްސުރެން ހުސްނީ އަދިވެސް މީހަކާ ނީނދޭ. އިތުރަށް އޮޅުން ފިލުވަން ބޭނުންތަ؟ ” ރަޝީދާ އަހާލިއެވެ.
” ދެމީހުންނާއި އިނދެ 3 ކުދިން ލިބިފައި ހުރި މީހަކާއި ރަޝީދާ އިންނަން ތިއުޅެނީ؟ ރަޝީދާ މޮޔަވީތަ؟” ޒުލޭޚާ ނުހުރިފައި ބުންޏެވެ.

“ކިހިނެއްވީ؟ އަހަރެން މިއީ މީހަކާއި ނީނދެހުރި މީހެއްތަ؟ އަހަރެންގެ ކުއްޖަކު ނެތްތަ؟ މަންމަ ތިހާ ކަނބޮޑުވެފައި ތިހެން ތިއެހީ. ހުސްނީ ހުސްނީގެ ދިރިއުޅުމުގެ ހުރިހާ ވާހަކަ އެއް އަހަރެން ނަށް ކިޔާދީފި. އަހަރެންގެ ދިރިއުޅުމުގެ ހުރިހާ ވާހަކަ އެއް އަހަރެން އޮންނާނީ ހުސްނީއަށް ކިޔާދީފައި. ހުސްނީ އަހަރެންގެ ދަރިފުޅާއި އެކީގައި އަހަރެން ގެންދަން އެހެރީ ތައްޔާރަށް. ދެން ކީއްވެ އަހަރެން ހުސްނީ އާއި ނީންނަންވީ. އަހަރެން ހުހަށް ހުރުމުގެ ބޭނުމެއް އެބައޮތްތަ؟ ޖަލާލް އަހަރެންގެ ކައިރިޔަށް އެނބުރި އަންނާނެ
ކަމުގެ އުންމީދު އޮތީ ހަމައެކަނި މަންމަ އަށާއި ޖަލާލްގެ ބައްޕަ އަށް… އަހަރެން ނަކަށް ނޫން. ވަރިކުރިފަހުން މިހާރު އަހަރުވީ. އަދި ވެސް ކުޑަމީހާއަށް އޭނަ ހަރަދެއް ނުކުރޭ. އަހަރެން ކިހިނެއް ލޫޝާ ބަލާނީ…. މަންމައަށް އަހަރުމެން ދެމައިން އަބަދު ބެލޭނެތަ؟. އެހެން ނޫނަސް…. އަހަރެން މިހާރު އެއްފަހަރު މަންމަގެ ނިންމުމަށް މީހަކާއި އިނދެފިން. އެކަމުން އަހަރެން ނަށް ރަނގަޅު ފިލާވަޅެއްވެސް ލިބިއްޖެ… މިފަހަރު އަހަރެންގެ ހިތް
އެދޭގޮތައް އަހަރެން ކަންތައްކުރާނީ. ނަސީބުގައި ވާންހުރިގޮތެއް ވެދާނެ އެއްނު. ” ރަޝީދާ ހަމަޖެހިލަމުން ޒުލޭޙާ އަށް ބުންޏެވެ.

ޒުލޭޙާ އަށް އިތުރަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. ވިސްނުން ކޮށިވެއްޖެއެވެ. ރަޝީދާގެ އެހާލުގެ ޒިންމާ ދާރަކީ ހުދު އޭނައެވެ. އެކަމަކު އެއީ އޭނަ ގަސްތުގައި ކުރިކަމެއް ނޫނެވެ. ދަރިފުޅަށް ރަނގަޅު މުސްތަގްބަލެއް ހޯދާދޭން އުޅެނިކޮށް އެލުނު ޅައެއްޗެކެވެ…. ދެވަނަ ފަހަރަށް ރަޝީދާ އެނިންމި ނިންމުމަކީ ވެސް ރަނގަޅު ނިންމުމެއްނޫނެވެ. އެކަމުން ދެރަލިބޭނީ ހަމައެކަނި ރަޝީދާ އަކަށް ނޫނެވެ. ރަޝީދާގެ ކުޑަދަރިފުޅަށް ވެސް
ލިބޭނީ ދެރައެވެ. އެކަން ރަޝީދާ އަށް ވިސްނާދޭނެ ގޮތަކާއި މެދު ޒުލޭޚާ ވިސްނަން ފެށިއެވެ.

ޒުލޭޚާ ބުނަމުން ދިޔަ ވާހަކަ ތަކަށް ރަޝީދާ ދިނީ ބީރުކަންފަތެކެވެ. ރަޝީދާގެ ގޮތް ދޫނުކުރުން ދިޔައީ އިންތިހާއަށެވެ. އެންމެފަހުން ޒުލޭޚާ ރަޝީދާގެ އުފަލަށްޓަކާ ހަތިޔާރު ބެހެއްޓިއެވެ. ރަޝީދާ އާއި ހުސްނީގެ ކައިވެނި ކުރެވިއްޖެއެވެ.

” ރަޝީދާ. އަހަރެން އަދި ބުނެލަން ޖެހޭ ވާހަކަ އެއް އެބައޮތް. ” ހުސްނީ ރަޝީދާގެ އަތުގައި ހިފާލަމުން ބުންޏެވެ.
” ކޮންވާހަކަ އެއް؟” ރަޝީދާ އަހާލިއެވެ.
” ހަގީގަތުގައި. ރަޝީދާގެ ޒިންމާ އެއް ލޫޝާ އަކީ. އެކަމަކަށް އަހަރެން އެއްވެސް މައްސަލައެއް ނުޖައްސާނަން. އެކަމަކު… އަހަރެންގެ އެއްވެސް ކަމަކަށް ލޫޝާގެ ސަބަބުން ހުރަހެއް އެޅިގެން ނުވާނެ. ރަޝީދާ ވިސްނަން ޖެހޭނީ އަހަރުމެން ދެމީހުންގެ ދިރިއުޅުން ބަދަހިކުރެވޭތޯ. އަހަރުމެން ނަށް ލިބޭ ކުދިންގެ މުސްތަގްބަލު އަލިކުރެވޭތޯ. ލޫޝާގެ ސަބަބުން މިއިން އެއްވެސް ކަމަކަށް ހުރަސް އެޅިގެން ނުވާނެ. އަހަރެން ބުނަން މިއުޅޭ އެއްޗެއް ރަޝީދާ އަށް ވިސްނޭނެކަމަށް އަހަރެން ހީކުރަން. ” ހުސްނީ ރަޝީދާގެ އަތުގައި ފިރުމާލަމުން ބުންޏެވެ. ރަޝީދާ ހުސްނީގެ މޫނަށް ބަލަމުން ދިޔައެވެ.
” ކީއްވެ އެއްޗެކޭ ނުބުނީ؟ ” ހުސްނީ ރަޝީދާގެ މޫނަށް ބަލާލަމުން އަހާލިއެވެ.
” އަހަރެން ބުނާނީ ކީކޭ؟ ލޫޝާ އަކީ އަދި ވަރަށް ކުޑަކުއްޖެ. އެއްވެސް އެއްޗެއް ލޫޝާ އަކަށް ނުވިސްނޭނެ. ” ރަޝީދާ އެނދުގައި އަރާމު ނިންޖަކުން ނިދާފައި އޮތް ލޫޝާ އަށް ބަލާލިއެވެ.
” އާނ. އަދި ލޫޝާ އަކަށް އެއްވެސް އެއްޗެއް ނުވިސްނޭނެ. އެހެން ވެގެން މިހާރު މިވާހަކަ މިދައްކަނީ. ފަހުން ރަޝީދާ އަށާއި އަހަރެން ނަށް ކުދިން ލިބުނީމައި ލޫޝާ އާއި…. ” ހުސްނީ ބުނަން އުޅުނެވެ.
އެވަގުތު ލޫޝާ އަށް ހޭލެވުނެވެ. އަދި ރޯން ފެށިއެވެ. ރަޝީދާ ގޮނޑިން ތެދުވެގެން ލޫޝާ އޮތް އެނދާއި ދިމާއަށް ދިޔައެވެ. އަދި ލޫޝާ އުރާލިއެވެ. ހުސްނީވެސް ތެދުވެގެން ރަޝީދާގެ ކައިރިޔަށް އައެވެ. އަދި ނިދީގައި އިން ލޫޝާގެ ކޮލުގައި ހިފާލިއެވެ.
” ދޭ…. ނިންދަވާލަންދޭ. ނިދިނުފިލަނީސް ނިންދަވާލާ…. ” ހުސްނީ ހީލަމުން ބުންޏެވެ.

ހުސްނީ އެހެން ބުނުމުން ރަޝީދާ ލޫޝާ ގޮވައިގެން ގޮސް އެނދުގައި އޮށޯތެވެ. ރަޝީދާ ލޫޝާ ނިންދަވާލިއެވެ. ލޫޝާ ކުޑަ އެނދަށް ލުމަށްފަހު ހުސްނީގެ ކައިރިޔަށް އައެވެ.

” މާދަމާއިން ފެށިގެން ލޫޝާ ނިންދަވާނީ ޙަދީޖާގެ ކޮޓަރީގައި. އެތަނުގައި ނިހާދު ވެސް ނިދަނީ. ޙަދީޖާ އަކީ އެކަނި ހުރިމީހެއް. އެދެކުދިންނަށް އެތަނުގައި އެއްވެސް އުދަގުލެއް ނެތި ނިދޭނެ. ” ހުސްނީ ރަޝީދާގެ އަތުގައި ހިފާލަމުން ހީލަމުން ބުންނެވެ. ރަޝީދާ ވެސް އެގޮތާއި އެއްބަސްވިއެވެ.

*************************************

ދުވަސްތައް މާޒީގެ ސޮފުހާތަކާއި އެކުވެގެން ހިނގައްޖެއެވެ. ދޮންރީތި ލޫޝާގެ މޫނުގައި ވަނީ ކިލައެވެ. އިސްތަށިގަނޑުވަނީ އެއްވެސް ތަރުތީބެއްނެތް ގޮތަކަށް ހާވާލާފައެވެ. މީންދުވަހަކު އެބޮލުގައި ފުނާ އަޅާލިހެނެއް ހިޔެއްނުވެއެވެ. ނޭފަތުން އަރަދަފުސް އައިސްފައި ހުއްޓެވެ. މީހާވަނީ ދާހިތްލާ ފޯވެފައެވެ….. ކުންނާރުގަހުން ފައިބައިގެން ފާރަށް އަރަން ދުއްވައިގެތެވެ. ކުންނާރުގަހުގެ ތިރީގައި ދޮންވެލިފުނިމަތީގައި އިން ޔުމްނު ރޮއިގަތެވެ. ލޫޝާ ފާރަށް އަރަން ގޮސްގޮސް ހުރެފައި ޔުމްނު ކައިރިޔަށް އައެވެ. އަދި އަތުގައި އޮތް ކުންނާރު ޔުމްނު އަތައް ދިނެވެ. ޔުމްނު ހުއްޓާލިއެވެ. ނިހާދު ފާރަށް އަރަމުން ލޫޝާ އަށް ގޮވާލިއެވެ.
” ލޫޝާ. ކޮބާ އަހަރެން ގައިގައި އަތްލަން އާދޭ…. ” ނިހާދު ލޫޝާ އަށް ގޮވާލަމުން ބުންޏެވެ. ލޫޝާ ފާރާއި ދިމާއަށް ބަލާލިއެވެ. އަދި ދުވެފައި ގޮސް ފާރަށް އަރަން އުޅުނެވެ. އަވަގުތު ފައި ކައްސާލައިގެން ލޫޝާ ވެއްޓި ފާރުކައިރީގައި ފުނިޖަހާފައިހުރި ގާފުމިމަތިން ތިރިޔަށް ކެހިގެން ދިޔައެވެ. މުޅިބުރަކައްޓާއި ކަކޫ މަށައިގެން ދިޔައެވެ.
” މަގޭދަރި…. ” އަޑުގެ ކޮޅަށް ރަޝީދާ ހަޅޭލަވައިގަތެވެ. ލޫޝާ ރޮވިފައި އޮވެގެން ދޮރާއި ދިމާއަށް ބަލާލިއެވެ. ރަޝީދާގެ އުރުގައި އިން ޔުޝްރާ އުނދޯލީގައި ބޭއްދުމަށްފަހު ދުވެފައި ކުންނާރުގަސްބުޑުގައި އިން ޔުމްނު އާއި ދިމާއަށް ދިޔައެވެ. އަދި އަނގައިގައި އޮތް ކުންނާރު އިނގިލިބާނައިގެން ނެރުނެވެ.
” ކޯއްޗެއް އަނގަޔަށް ލައިގެން ތިއުޅެނީ؟ ކާކު ދިން އެއްޗެއް؟” ރަޝީދާ ރުޅިއައިސްފައި އަހާލިއެވެ. ޔުމްނު އަޑުގެ ކޮޅަށް ރޯންފެށިއެވެ.
” ހުއްޓާލާ…. ” ރަޝީދާ ޔުމްނުގެ އަތުގައި ހިފައިގެން ގޭތެރެއަށް ހިނގައިގަތެވެ.
” މަންމަ ބުނީމެއްނު ކޮޓަރިން ބޭރަށް ނުނިކުންނާށޭ. ކީއްކުރަން ނިކުތީ…. ޔުމްނު ކުޅޭނީ ކޮއްކޮ އާއި އެކީގައި. ބޭރަށް ހިރަފުހަށް ނިކުންނާނެ ކަމެއްނެތް. ” ރަޝީދާ އުނދޯލީގައި އިން ޔުޝްރާ އުރާލިއެވެ. އަދި ޔުމްނު އާއި ޔުޝްރާ ގޮވައިގެން
އެތެރެއަށް ދިޔައެވެ. ވެއްޓިފައި އޮތް ލޫޝާގެ ދެލޯ ފެންކަޅިވިއެވެ. އަޑުން އަޑުނަގާ ރޯންވެސް ނޭނގިފައި ލޫޝާ އޮތްގޮތައް އޮތެވެ. މިމަންޒަރުތައް ބަލަން އޮތް ނިހާދު ފާރުން ފައިބައިގެން ލޫޝާގެ ކައިރިޔަށް އައެވެ.
” ލޫޝާ ކަކުލުން ލޭ އަންނަންނީ…. ” ނިހާދު ލޫޝާގެ ކަކުލަށް ފުމެލަމުން ބުންޏެވެ.
” ވަރަށް ތަދުވޭ…. ” ރޮވިފައިވާ ރާގަކަށް ލޫޝާ ބުންޏެވެ. ނިހާދު ލޫޝާ ގެ އަތުގައި ހިފައިގެން ނަގަން އުޅުނެވެ. އެވަގުތު ނަމާދު ކޮށް ނިމިގެން ކޮޓަރިން ހަދީޖާ ބޭރަށް ނިކުތެވެ. ލޫޝާ ވެއްޓިފައި އޮތްތަން ފެނުމުން އަވަސް އަވަހަށް ލޫޝާ އާއި ދިމާއަށް ހަދީޖާ ދިޔައެވެ.
” ނިހާދު. ލޫޝާ އަށް ކިހިނެއްވީ؟” ހަދީޖާ އަހާލިއެވެ.
” ދައްތާ. ލޫޝާ ވެއްޓުނީ….” ނިހާދު ބުންޏެވެ.
” ކޮންތާކު؟” އަވަސް އަވަހަށް ހަދީޖާ އަހާލިއެވެ.
” ފާރަށް އަރަނިކޮށް. ” ނިހާދު ޖަވާބު ދިނެވެ.
” އެހެން ވެގެން ދައްތަ ބުނަނީ ކުޅެން ފާރަށް ނާރަން. ކުޅޭނެ ތަން ނެތީކީއެއްނޫނެއްނު. މިހާރު އަނެއްކާ މިއޮތީ ވެލިފުނި ތިރިވެފައި. ނިހާދުގެ ބައްޕަ ގެޔަށް އައިސް މިތަން ފެނުނީމައި ކިހާ ރުޅިއަންނާނެ…. ” ހަދީޖާ ބުންޏެވެ.
” ގޭތެރޭގައި ކުޅުނީމައި މަންމަ އަށް އުދަގޫވަނީ… ” ލޫޝާ ރޮވިފައިވާ ރާގަކަށް ބުންޏެވެ.
” އަޑުގަދަކޮށް ކުޅުނީމައެއްނުދޯ. ދެން އަވަހަށް ހިނގާ ފެންވަރައިގެން ބޭސްއަޅަން. ދައްތަ ފެންވަރާށޭ ބުނީމައިވެސް ފެންނުވަރާ ތިއިންނަނީ. މީހުން ބުނާނެ ތިއީ ހަޑިކުއްޖެކޭ….ހަނޑިގިއްލާއޭ. ” ހަދީޖާ އޯގާތެރި ރާގެއްގައި ލޫޝާ އަށް ބުންޏެވެ.

ހަދީޖާ ލޫޝާ އާއި ނިހާދުގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަނެވެ. ހަދީޖާ ލޫޝާ ފެންވަރުވާ ރީތިކޮށް ލިއެވެ. ބޮލުގެ އިސްތަށިގަނޑުގައި ޖެހިފައިހުރި ގޮއްތައް ފިލުވަން ގިނައިރު ނެގިއެވެ. ބުރަކަށީގަޔާއި ކަކުލުގައި މަށައިގެން ދިޔަތަނުގައި ބޭސްއުނގުޅިއެވެ.
” ކޮބާ ދައްތަ ދަސްކުރަން ބުނި އެތި ދަސްކުރިންތަ؟” ޙަދީޖާ އަހާލިއެވެ. އެސުވާލަށް ނިހާދު އާއި ލޫޝާ ޖަވާބެއް ނުދިނެވެ.
” ދައްތަ ދަސްކުރަން މިދިނީ ނަމާދުކުރާ އިރު ކިޔާތަކެތި. ތިކުދިން ދައްތަ ބުނާ ގޮތައް ނުހަދަންޏާ ކިހިނެއްވާނީ؟ އެއްވެސް އެއްޗެއް ނޭނގޭ ކުދިންނަށްތަ ވާން ބޭނުންވަނީތަ؟” ޙަދީޖާ އަހާލިއެވެ.
” ދައްތާ. އަހަރެން ދައްތަ އާއި ސުވާލެއް ކުރަންތަ؟” ނިހާދު އެއްދިމާއަކަށް ގެލިފައި އިނދެގެން ސުވާލުކުރިއެވެ.
” ސުވާލެކޭ؟ ކޮންސުވާލެއް؟” ހީލަމުން އޯގާތެރި ކަމާއި އެކީގައި ހަދީޖާ އަހާލިއެވެ.
” ބައްޕަ ނިހާދުދެކެ ރުޅިއަންނަނީ ކީއްވެގެންތަ؟” ހަދީޖާ ހައިރާން ކަމާއި އެކީގައި ނިހާދު އަށް ބަލާލިއެވެ. (ނުނިމޭ).

48

You may also like...

3 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Varah😍😍varah😘😘reethi😍😍maa sha Allah😍😍.Curiously 😍😍😍waiting 😍😍😍for😍😍 the😍😍 next 😍😍😍part….

    ⚠Report!

Leave a Reply

Your email address will not be published.