ހުރީމެ އިންތިޒާރުގަ (4)

- by - 48- November 21, 2019

ކަޝަފް އެމީހަކަށް ގެނައި ހަދިޔާ އެމީހަކަށް ދެމުންދިޔައެވެ. ހުސްވެސް އަގުބޮޑު އެއްޗެއްސެވެ. ކޮންމެ މީހަކަށް ވެސް އެންމެ ގުޅޭނެ ހެދުމެވެ. މީރުވަސްދުވާ ސެންޓާއި އެކިކަހަލަ ޗޮކުލެޓެވެ.

” ބައްޕައަށް ހީވަނީ މިގަމީސް މާ ކުޑަވާނެހެން.. އެހެންނޫނަސް މި ލާންކެރޭވަރަށް ވުރެން ބައްޕަ މުސްކުޅިއެެއް ނޫންތަ.. އެކަމަކު ގަމީސް ވަރަށް ރީތި” ބައްޕަ އަށް ގެނައި ގަމީސް ގައިގަޖައްސާލަމުން ބުންޏެވެ.

‘ އެކަމަކު މިގަމީސް ވަރަށް ހެޔޮވަރުވާނެ” ބައްޕަ ދެވަނަ ގަމީސް ވެސް ނިއުޅާލިއެވެ.

އެންމެން ކެޑި ޕާރުސަލް ކަރުދާސްތައް ނަގަން އައި ނޯކަރު ފެނުނީ އެވަގުތެވެ.

” މި ގަމީސް އޭނަ އަށް ދިނުން ކިހިނެތްވާނެ.. އާއަހަރެއް ފެށެންވެސް މާގިނަ ދުވަހެއް ނެތެނުން.. އަޅުގަނޑުމެންގެ ފަރާތުން ހަދިޔާއެއްވެސް ދެވުނީނުން…” ކަޝަފް ފާޅު ކުރި ހިޔާލު ކަމުދާނެކަމުގެ އުއްމީދުގައި ބުންޏެވެ.

” އެކަމަކު މިއީ ހާދަ އަގުބޮޑެތި އެއްޗެއްސޭ.’ އެކަން ބޮޑުދައިތަ އެހހާ ރުހޭކަމަކަށް ނުވިއެވެ. އޭނަގެ ވިސްނުމުގައި އަންނައުނު ފަދަ ހަދިޔާ ދޭންވާނީ އެމީހެއްގެ ފެންވަރާ އެއްވަރަށެވެ.

” ތިއީ ވަރަށް ރަގަޅު ކަމެއް.. ނިކަމެތިންނަށް އެހީވުމަކީ ލިބޭ މުދަލުގައި ބަރަކާތް ލައްވާނެކަމެއް. ދަރިފުޅުގެ ތި ހިޔާލު ދިނީތީ މާމަ ވަރަށް އުފާވެއްޖެ’ މާމަ ކަޝަފްގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

” ތި ގަމީހާެި އެކު މި ސެންޓުފުޅިވެސް ދީ” ކަމާލް ސެންޓުފުޅި ދިއްކޮށްލަމުން ބުންޏެވެ. ކަމާލުވެސް ހުރީ ހިނިތުން ވެފައެވެ.

ބޮޑުދައިތަގެ ވިސްނުމާއި ދެން ތިބި އެންމެންގެ ވިސްނުން ތަފާތުވުމުން އައި ރުޅިން އެތަނުން ނުކުމެގެން ދިޔައީއެވެ.
ކަމާލު ސާހިލްގެ ނަމުން ގޮވާލާފައި އެތަނަށް އައުމަށް ބުންޏެވެ. ކަޝަފް އަށް މަޑުމަޑުން އެނަން ކިޔާލެވުނެވެ. މީހާއެކޭ އެއްވަރަށް އެނަންވެސް އެހާމެ ރީއްޗެވެ.

ސާހިލް އަށް ހަދިޔާ ދިނީ ކަޝަފްގެ އަތުންނެވެ. މިއީ ހަޔާތުގެ މިހާހިސާބަށް އައި އިރު އޭނާއަށް ލިބުނު ފުރަތަމަ ހަދިޔާއެވެ. ސާހިލް އޭގައި ހިފަމުން ހިނިތުންވެލި އެވެ. ސާިލް އެ އެއްޗެހީގައި ހިފި އިރުވެސް ކަޝަފްއަށް ހުރީ އޭގެން އަތް ދޫކޮށްލަން ނޭގިފައެވެ. ސާހިލް މިހާކައިރިން ފެނުނީމަ ފާޑަކަށް ހުއްޓުން އެރީއެވެ.

ކަޝަފް ސިއްސައިގެން ދިޔައީ މަންމަ އަތުގައު އޮތް ސެންޓު ފުޅި ވެއްޓުނު އަޑަށެވެ. ކަޝަފް އަވަސް އަވަހަށް އަތްދޫކޮށްލަމުން އެންމެނާއި ދިމާއަށް ބަލާލިއެވެ. ނަސީބަކުން އެންމެ މެ ތިބީ އެމީހުންގެ ވާހަކައިގައެވެ.

*****
ހެނދުނުގެ ހިތްގައިމު ވަގުތެވެ. ކަޝަފް ނުކުތީ ގޯތިތެރެއަށެވެ. ފަތިހަށް ފޮޅޭ މާމެލާމެލީގެ ވަހުން މުޅިޖައްވު އޮތީ އެއްވަސް ކޮށްލާފައެވެ. ކަޝަފް ވަށައިގެން ނަޒަރު ހިންގާލިއެވެ. ކުއްލިއަކަށް ނަޒަރު ގޮސް ހުއްޓުނީ ތަންކޮޅެއް ދުރުގައި ހުރި ސާހިލް އަށެވެ. އޭނާ ހުރީ ބަގީޗާތެރެ ސާފް ކުރާށެވެ. ކަޝަފް ހަތަރު ފަރާތް ހޯދާ ބަލާލުމަށް ފަހު ކުރިޔަށް ހިނގައިގަތެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ސާހިލް އާ ވާހަކަ ދައްކާލަން މިއަށްވުރެން ރަގަޅު ފުރުސަތެއް ނުލިބޭނެ ކަން ޔަގީނެވެ.

ކުއްލިއަކަށް މިގަޑީގައި އެތަނުން ކަޝަފް ފެނުމުން ސާހިލް ދިޔަެީ ސިހިގެންނެވެ.
” މި ގަހުގައި މާ އަޅާފަ ހުންނަތަނެއް ދުވަހަކުވެސް ނުދެކެން. ސާހިލް ބަގީޗާ ބަލަހައްޓަން ފެށިފަހުން ބަގީޗާ އިތުރަށް ފުރިހަމަ ވެއްޖެހެން ހީވެ”
ާަކަޝަފް ހީކުރީ ސާހިލް އޭނާގެ ވާހަކައިގައި ބައިވެރިވާނެކަމުގަްއެވެ. ނަމަވެސް ސާހިލް ކަޝަފްގެ ވާހަކައަށް ހަމައެކަނި ހިނިތުންވެލީއެވެ. ކަޝަފް އަށް ދެން ދައްކާނެ އިތުރުވާހަކައެއް ނޭގުނެވެ. ނަމަވެސް ބޭރަށް އަޑު ނީވުނަސް އެތައް ވާހަކައެއް ހިތްއެބަ ދައްކައެވެ.

ކަޝަފް އެބުރުނީ ހިޔަންޏެއްވިހެން ހީވެގެންނެވެ. ކަޝަފް އަށް ފެންނަވަރުވީ ބޮޑުދައިތަގެ ހެދުމުގެ ފަސްބައެވެ.

****

ދުވަސްތައް ފާއިތުވަމުން ދެއެވެެ. އެއްބަޔަކަށް އުފާވެރި ކުލަތަކުން ފުރިފައިވާ މަންޒަރުތައް ދައްކަމުންނެވެ. އަނެއްބަޔަކަށް ހިތާމައަކަށް ފަހު ހިތާމަްެއް ކުރިމަތިކުރުވަމުން ނެވެ.

މިއަދަކީ ސާހިލްގެ ހަޔާތް އިތުރަށް ކަޅު ކޮށްލި ދުވަހެކެވެ. އަނެއްކާވެސް ފައިމައްޗަށް ފޮއި އެވެއްޓުނީ ފައިގަ ރިހިރިހި އޮއްވައެވެ. މަންމަގެ މަރުވުން ވެގެން ދިޔައީ ފުންމިންނޭގޭ އަދިރި ވަޅުގަނޑަކަށް ވެއްޓުން ކަހަލަ ކަމަކަށެވެ. ނަމަވެސް ޔަގީނެވެ. އޭނާ އެވަޅުގަނޑުން އެރޭތޯ މަސައްކަތް ކުރާނެއެވެ.

މަންމަގެ މަރުގެ ޖަނާޒާއަށް ބޮޑުބޭބެ ހާޒިރުވިއެެވެ. މަންމަ ބަލި އެނދުގައި އޮތްހާ ދުވަހު މަންމަ ދެކިލަން ނައިސް އަންނަން މި އެގުނީ މަރުވީމަހެއްޔެވެ؟ މީހުން ކޮށްފާނެ މަލާމާތަކަށް ވިސްނާފައައީކަމަށްވެސް ވެދާނެއެވެ. ޖަނާޒާގެ ހުރިހާކަމެއް ނިމުމަށްފަހު ބޮޑުބޭބެ ދިޔައީ އިތުރަށް ސާހިލްގެ ހިތް ޒަހަމް ކޮށްލާފައެވެ.

” މި ކުއްޖެއްގެ ސުންޕާކަން އަހަރެންގެ މުޅި އާއިލާ ނެތި ކޮށްފި. ކުރިއަށް އޮތްތާގަ އެއްވެސް ކަމަކު މަގޭ ކުރިމައްޗަށް ނާރާތި. މިގެއިންވެސް ނުކުމެގެން ދާން އުޅޭ.. މީ މަގޭ ގެ” ބޮޑުބޭބެ ބުނި ކޮންމެ ޖުމްލަތައް ސާހިލްގެ ސިކުޑީގައި ތަކުރާރުވަމުން ދިޔައެވެ.

މިގެއިން ނުކުމެގެން އޭނާދާނީ ވަކި ކޮންތަނަކަށް ހެއްޔެވެ.؟؟

******

ސާހިލް ތާޖުވިލާއަށް ދިޔައީ ދެދުވަސް ފަހުންނެވެ. މަންމަގެ މަރުގެ ސަބަބުން ކުޑަދުވަސްކޮޅެއްގެ ޗުއްޓީއަކަށް ސާހިލް އެދުނީ އިއްޔެއެވެ. ކަމާލް ސާހިލް އަށް ޗުއްޓީ ދިން ނަމަވެސް މިއަދު އޭނާ ނިންމީ މަސައްކަތަށް ދާށެވެ. ގޭގައި އެކަނި އިނުމުން ހިތާމަވެރިކަން އިތުރުވާތީއެވެ. ބޮޑުބޭބެގެ ވިހަ ބަސްތައް އިރުއިރުކޮޅާ ސިކުނޑިއަށް އައިސް އިތުރަށް ހާސް ކުރުވަމުން ދާތީއެވެ.

ސާހިލް އަށް ތާޖުވިލާއަށް ދެވުނީ ދާންޖެހޭ ގަނޑިއަށްވުރެން ތަންކޮޅެއް ލަހުންނެވެ. ސާހިލް އަށް ތާޖު ވިލާ އަށް ވަދެވުނު އިރު ގޯތިތެރޭގައި ކަޝަފް އިނެވެ. ކަޝަފް އަބަދުވެސް އެންމެ ހެދުނުގެ ސައިތަށި ބޯނީ މިތަނުގައެވެ. ކަޝަފް އިނީ ވާހަކަ ފޮތެއް ތެރެއަށް ގެއްލިފައެވެ. ކަޝަފް ބަލާލީ މީހެއްގެ ހިލަން ވެގެންނެވެ.

” އިއްޔެ ކީއްވެތަ މަސައްކަތައް ނައީ” ކަޝަފް ފުރަތަމަވެސް މި ސުވާލު ކޮށްލެވުނީ ސާހިލް ނައީ ކީއްވެކަން އެގިފައި ނުވާތީއެވެ. ކަމާލް އަށް އެ ހަބަރު ލިބިފައިވީނަމަވެސް ކަޝަފް އާ އެވާހަކަ ހިއްސާ ކޮށްފައި ނުވާތީއެވެ.

ސާހިލް ކަޝަފްގެ ސުވާލަށް ޖަވާބެއް ނުދީ އިސްޖަހާލީއެވެ. އެވަގުތު ލޮލުން ވެއްޓުނު ކަރުނަތިކި ހަމަ ރަގަޅަށްވެސް ކަޝަފްއަށް ފެނުނެވެ. ކަމެއް ގޯސްވެއްޖެކަން ކަޝަފް ދެނެގަންނާކަށް ލަހެއް ނުވިއެވެ.

” އަހަރެންނަކީ މާ ދުރުމީހެއް ކަމަށް ނުދެކި ތިޔަ ވެގެން އުޅޭ ކަމެއް ހިއްސާ ކޮށްލަބަ” ކަޝަފް ކައިރީގައި އިން ގޮނޑީގައި އިށީންނަން އެދެމުން ބުންޏެވެ.
ސާހިލް ގޮޑީގައި އިށީނީ ދެތިން ފަހަރު ކަޝަފް ބުނުމުންނެވެ. އެއީ ސާހިލް އިންނަން ޖެހޭ ޖާގައެއްކަމަށް އޭނާ ގަބޫލް ނުކުރާތީއެވެ. އެއީ ދަރަޖައިގެ ގޮތުން ތަފާތު ދެ މީހުންނަށް ވާތީއެވެ.
” ކީއްވެ މާ ބޮޑަށް ދެރަވެފަ ތިހުރީ” ކަޝަފްގެ ސުވާލު އަނެއްކާވެސް ތަކުރާރު ކޮށްލިއެވެ.
މަންމަ ނިޔާވި ވާހަކަ ސާހިލް އަށް ބުނެވުނީ ވަރަށް އުދަގުލުންނެވެ.
ކަޝަފް އަށް ކުރެވުނު ސުވާލަށް މާފަށް އެދެމުން ސާހިލްގެ އަތުގައި ހިފާލިއެވެ.
” މީގެ ފަހުން އަހަރެންނަކީ ދުރުމީހެއް ކަމަށް ނުދެކޭނެ ކަމަށް ހީކުރަން” ކަޝަފް ގެ އެ ޖުމްލައިން ސާހިލް އަށް ދިރުމެއް ލިބުނު ކަހަލައެވެ. ދުނިޔެއިން އޯގާތެރިން ހުސްނުވާކަން ޔަގީންވިއެވެ.

މި މަންޒަރުތައް ދުރުގައި މީހަކު ބަލަން ހުރިކަމެއް އެކަކަށްވެސް ނޭގެއެވެ. ކަޅު ވިލާތަކުން އުދަރެސް ބައްދަމުން ކަޝަފްމެންނަށް ރޭކާވެސް ނުލައެވެ.

ބޭރަށް އަސަރު ނުކުރިނަމަވެސް ގޭތެެރޭގެ މޫސުމް ވަނީ މުޅިން ބަދަލުވެފައެެވެ. ނެގި ވިލާގަނޑުގެ ބާރުގަދަވެ ތޫފާނަކަށް ބަދަލުވެއްޖެއެވެ.
ބޮޑު ދައިތަ ފަރުޒާނާ ހީވަނީ ރޫޅި ދާނެ ހެންނެވެ. ކިޔޭ ނުކިޔޭ އެއްޗެއްވެސް ގިނަފަހަރަށް ނޭގެއެވެ.
ކަމާލް އަށް ހުރީ އެ ދައްކާ ވާހަކަތައް ގަބޫލު ކުރަން ދަތިވެފައެވެ. ކަމާލްގެ އިއްޒަތާއި އަބުރަށް ހުތުރުވާފަދަ ކަމެއް ކަޝަފް ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަބަދުވެސް އޮވެއެވެ.

” ކަޝަފް އަކީ އެކަހަލަ ކުއްޖެއް ނޫން.. ހާއްސަކޮށް ގޭގަ ގެންގުޅޭ ނޯކަރަކާ ދޭތެރޭ އެކަހަލަ ނަޒަެަކުން ނުދެކޭނެ. އެއީ މީހުންނަށް ވަރަށް އޯގާތެރި ކުއްޖެއް.. ފަރުޒާނާއަށް ތި ފެންނަނީ އެކަހަލަ މަންޒަރުތައް.. ” މާމަ ވާހަކަ ދެއްކީ ކަޝަފްގެ ދިފާއުގައެވެ.

މިގޮތައް ވާހަކަ ދައްކާގެން ކުރި ނުލިބޭނެކަން އެގޭތީ ފަރުޒާނާގެ އަޑާއި ރާގު މުޅިން ބަދަލުކޮށްލިއެވެ.

” އަހަރެން މިހާވަރުން މި އުޅެނީ ކަޝަފްއާދޭތެރޭ އެއްވެސް ޝައްކެތް އޮވެގެންނެއް ނޫން. ނޯކަރުގެ އަމަލުތައް ހުންނަގޮތް ކަމުނުދާތީ،… އެހެން ނޫނަސް…..” ފަރުޒާނާގެ ވާހަކަ މެދު ކަޑާލާ ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ.
އެންމެންވެެސް ހުރީ ފަރުޒާނާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރޭތޯއެވެ.
” އަހަރެންގެ ސަމީރު ކަޝަފް އަށް ވަރަށް އެދޭ.. ސަމީރުގެ އުއްމީދުތަކާއި ގުޅިފަ ވަނީ ކަޝަފް” ސަމީރުއަށް ވެސް ނޭގޭ މި ބޮޑު ސިއްރު ފަރުޒާނާ ހާމަ ކޮށްލިއެވެ.
ކުއްލިއަކަށް އެންމެންގެ މޫނުމަތިން އުފާވެރިކަން ފާޅުވެއްޖެއެވެ. ފަރުޒާނާއާއި ދޭތެރޭ އޮތް ނުރުހުން ސިކުންތު ކޮޅެްްތެރޭގައި އެންމެން ހިތްތަކުން ފޮހެޗިގެން ހިނގައްޖެއެވެ. ހީވާ ގޮތުން މިއީ ކަމާލްވެސް ވިސްނަމުން އައި ކަމެކެވެ. އެކަން އެގޮތައް ކުރުމަށް ނުރުހުންތެރިވާންވީ ސަބަބެއްވެސް ނެތެވެ. ސަމީރަކީ އޭނާގެ މަންމަ ކަހަލަ ކުއްޖެއްނޫނެވެ. ކަޝަފް ކަހަހަލަ މީހުންނަށް އޯގާތެރި އަހުލާގު ރަގަޅު ކުއްޖެކެވެ. ހުރިހާގޮތަކުން ބެލިނަމަވެސް ކަޝަފް އާ އެންމެ ގުޅޭ ބައިވެރިޔާއަށް ވާނެއެވެ.

” ތިކަން ލަސްނުކޮށް އަވަހަށް ކުރަން މަށަށް ފެންނަނީ” މާމަގެ މި ޖުމްލައިން ފަރުޒާނާ އުފާވިވަރުން ބައްތިރީސް ދަތް ދައްކާލިއެވެ.

*******

ސާހިލް ދިޔައީ ކަމާލް ގޮވާލެއްވުމުންނެވެ. އޭރު ކަމާލު ހުރީ ސިޓިންގ ރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ވަރަށް ބޮޑު ނިންމުމެއް ނިންމަން އުޅޭކަހަލަ ގޮތަކަށެވެ. ކަމާލް އަށް ސާހިލް ފެނުނީވެސް އިރުކޮޅެއް ފަހުންނެވެ.

” ސާހިލްގެ ވަޒީފާއަށް މިހާރު މިގެއަށް މީހަކު ބޭނުމެއް ނުވޭ. ސާހިލް ކޮންމެވެސް އެހެން ތަނަކުން ވަޒީފާ އެއް ހޯދަން މަސައްކަތް ކުރޭ.” ކަމާލް ސާހިލް ވަޒީފާއިން ވަކިކުރިކަން އެންގިއެވެ. ހަގީގަތުގައި ސާހިލްގެ ވަޒީފާއަށް ކޮންމެހެންވެސް މީހަކު ހުންނަންޖެހެއެވެ. ނަމަވެސް ގޭތެރޭގެ މަސްލަހަތައްޓަކައި އެކަން އެގޮތައް ނިންމީއެވެ.

ސާހިލް ހުރީ ވަޒީފާއިން ކުއްލިއަކަށް ވަކި ކުރުމުން ހައިރާންވެފައެވެ. އިއްޔެއާއި ހަމައަށްވެސް ކަމާލުދިޔައީ ސާހިލްގެ މަސައްކަތައް ތައުރީފް ކުރަމުންނެވެ. ނަމަވެސް ކުއްލިއަކަށް އެވަޒީފާ އަށް މީހަކު ބޭނުން ނުވުމުން ކަމެއް ގޯސްވީމަކަން ސިކުނޑި ބުނެދެމުންދާން ފަށައިފިއެވެ. އެކަމަކުވެސް ގޯސްކޮށް ކުރެވުނު ކަމެއް ވިސްނާ ވިސްނާވެސް ނޭގުނެވެ.
ނަމަވެސް އެހެން މީހުން ފަދައިން ވަޒީފާއިން ވަކިނުކުރުމަށް އާދޭސް ކުރާކަށް ސާހިލްގެ ހިތެއް ނުބުންޏެވެ. އޭނާ އެތަނުން މަޑުމަޑުން ނުކުމެގެން ދިޔައީއެވެ.

ސާހިލް ނުކުމެގެން ދިޔަތަން ދުރުގައި ކަޝަފް ހުރީ ބަލަހައްޓައިގެންނެވެ. އެދޭތެރޭގައި ދެކެވުނު ހުރިހާ ވާހަކައެއް ކަޝަފް ހުރީ އަޑު އަހާށެވެ. ދެން ސާހިލް އޭނާއަކަށް ނުފެންނާނެއެވެ. ކަޝަފް އެތަނުން ދިޔައީ ލޮލުގައި ހުރި ކަރުނަތައް ގިނަވެ ނުހިފެހެއްޓޭ ވަރުވުމުންނެވެ. ކޮޓަރިއަށް ވަދެ ބާރަށް ރޮވެން ފެށުނެވެ. އެކަމަކު އޭނާ އަށް މިހާ ވަރު މިވީ ކީއްވެހެއްޔެވެ؟ މިވަރު ނުވާންވީވެސް ކީއްވެގެން ހެއްޔެވެ.؟ ފުރަތަމަ ފެނިލުމާއެކުވެސް ސާހިލް އަށް އޭނާގެ މުޅި ހިތް އެކީ ދެވިއްޖެއެވެ. ނަމަވެސް ސާހިލް އެ ގެއިން ފޮނުވާ އެލީ އެކަން ސާހިލް އަށް ހާމަ ކޮށްދޭނެ ފުރުސަތުވެސް ނުލިބިއެވެ…

(ނުނިމޭ)

48

You may also like...

9 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.