ލަފްޒު 1

- by - 30- November 2, 2019

ހިތްމަގޭ އެ ލަފުޒުގެ އަޑު އެހުމަށް ވަނީ ކެތް މަދުވެފާ.
ހިތް އެދޭ ލޯތްބާއި އުފާ ވީ އެލަފްޒާ ގުޅުވިފާ.
*******************************************
މުޅިކާއިނާތުވަނީ ނިދާމަރުވެފައެވެ. ހަމަހިމޭންކަން ވަނީ ހިސާބު ގަނޑަށް ވެރިވެފައެވެ. އެއްވެސް އިންސާނެއްގެ ހިލަމެއް ނުވެއެވެ. އިރުއިރު ކޮޅާ ކާޅުގޮވާލާއަޑު އިވިލައެވެ. ކުއްލިޔަކަށް ފުރާޅުމަތިން ބުޅާ ކޯޅިގަތް އަޑު އިވިގެން ދިޔައެވެ. މެދުއުމުރަށް ދާ ސަކީނާ ސިއްސައިގެން ދިޔައެވެ. އެވަގުތު ރަޝީދާ އަޅަމުން ދިޔަ ވޭނަށް
ކެއްކުރަމުން ސިއްސައިގެން ގޮސްފައި ސަކީނާގެ އަތުގައި ހިފިއެވެ. ސަކީނާ ރަޝީދާގެ ބޮލުގައި އޯގާތެރިކަމާއި އެކީގައި ފިރުމާލިއެވެ. ކޯތާފަތް މައްޗަށް އަސްފައިވާ ކަރުނަތައް ސަކީނާ ފުހެލަދިނެވެ. އެއްވެސް އަޑެއް ނީއްވާ ވޭނަށް ކެއްކުރަމުން ދިޔަކަމުގައި ވިޔަސް ލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ އަންނަމުން ދިޔައެވެ.
” ދަރިފުޅާ ކެއްކޮށްލާ. މަންމަ އަށް އިޙްސާސް ކުރެވޭ ދަރިފުޅަށް އަޅާނެ ވޭން. އެކަމަކު މިވޭން ކޮންމެ މަޔަކު ތަހަންމަލް ކުރަން ޖެހޭނެ. ” ސަކީނާ ރަޝީދާގެ ބޮލުގައި ފިރުމަމުން ބުނަމުން ދިޔައެވެ.
” މަންމާ ޖަލާލް އަދިވެސް ނާދޭތަ؟ ” ވޭނަށް ކެއްކުރަމުން ހިތްވަރު ކޮށްލާފައި ރަޝީދާ އަހާލިއެވެ.
” އާން. އަދިވެސް ޖަލާލް ނާދޭ. ” ސަކީނާ ބުންޏެވެ.
” ސަކީނާ. ސަކީނާ. ” ދޮރުގައި ޓަކިޖަހާލަމުން ބޭރުން ހަލީމްގެ އަޑު އިވިގެން ދިޔައެވެ.
” މަންމަ އަށް ހީވަނީ ފޫޅުމާ މީހާ އައީހެން. ” މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. ސަކީނާ އަވަސް އަވަހަށް ގޮސް ދޮރުހުޅުވާލިއެވެ. އަދި ބޭރަށް ނިކުތެވެ.
” ހަލީމް ކިހިނެއްވީ؟ އަދިވެސް ފޫޅުމާމަ ނާންނަނީތަ؟ ” ސަކީނާ އަވަސް އަވަހަށް އަހާލިއެވެ.
” ސަކީނާ އަހަރެން ނަށް ފެންނަނީ ރަޝީދާ ގޮވާގެން ސެންޓަރަށްދާން. ފޫޅުމާމަ ރަށަކުނެތް. ” ހަލީމް ކަރުއެލުވާލަމުން ބުންޏެވެ.
” ރަޝީދާ ގޮވައިގެން ސެންޓަރަށް ދެވޭނީވެސް ޖަލާލު އައީމައެއްނު. އޭނަ އެދިޔައީ ކޮންތާކަށްތަ؟” ކަންބޮޑުވަމުން ސަކީނާ އަހާލިއެވެ.
” ޖަލާލު ހޯދަން ވެސް ހިނގާފައި މިއައީ. އެއްވެސް ތާކުން ނުފެނު. އޭނަ ރާޒުވާ ކުޅެން އިންނަ ފިނިއަށިމައްޗަކުވެސް ނެތް. ” ހަލީމު ކަންބޮޑުވަމުން ހާސްވެފައިވާ ރާގަކަށް ބުންޏެވެ.
” އެހެންވިއްޔާ … ސަމީރާގެ ގެ ބެލިންތަ؟ ” ހަލީމްގެ މޫނަށް ބަލާލަމުން ސަކީނާ ބިރުން ހުރެ އަހާލިއެވެ. އެހެން އަހާލުމާއި އެކީގައި ހަލީމް ސަކީނާ އަށް ސިހިފައި ބަލާލިއެވެ.
” ސަމީރާގެ ގެއޭ. އެގެޔަށް އޭނަ ދާން ވެއްޖެތަ؟ މިއީ ދެން އެގެޔަށް ދާން ކޮންވަގުތެއް؟ އޭނަގެ އަންހެނުން މަރާދިރުމާއި ދޭތެރޭގައި އޮވެގެން އެތައް ވޭނަކާއެތައް ކެކުޅުމަކާ އެކު އޭނަގެ ދަރިޔަކު އުފަން ކުރަން އުޅޭކަން އޭނަޔަށް ނޭނގެނީތަ؟ އެގެޔަށް ގޮސް ވަދެ އޮންނަން. ” ރުޅިވެރި ރާގަކަށް ހަލީމް ބުންޏެވެ.
” އަންނާނަން އެގެވެސް ބަލާފައި. މިރޭ އެގޭތެރެއިން އޭނަ ފެނިއްޖެއްޔާ މަނޫނީ އޭނަ. ކޮންމެވެސް އެއްގޮތަކަށް މިރޭ ނިންމާނަން. ” ރުޅިއައިސްފައި ހަލީމް ބުންޏެވެ. އަދި ނިކުންނަ ދޮރާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު ސަކީނާ ހަލީމްގެ އަތުގައި ހިފިއެވެ.
” ނޫން ހަލީމް. މިއީ ޒުވާބުކުރަން ދާން ރަނގަލޫވަގުތެއް ނޫން. ” ސަކީނާ އާދޭހުގެ ރާގެއްގައި ބުންޏެވެ. ހަލީމް ސަކީނާ އަށް އެއްޗެއް ބުނަން އަނގަހުޅުވާލިއެވެ. އެވަގުތު ކޮޓަރިތެރެއިން ކުޑަ ކުއްޖަކު ރޮއިގަތް އަޑުއިވުނެވެ. ހަލީމް އާއި ސަކީނާ އެކަކު އަނެއްކަކަށް ބަލާލިއެވެ.
” މަގޭ ދަރިފުޅު. އެވިހެއީ. ” އުފާވެރިރާގެއްގައި ސަކީނާ އަށް ބުނެވުނެވެ. އަދި އަވަސް އަވަހަށް ހާސްވެފައި ހުރެގެން ދުވެފައި އެތެރެއަށް ވަނެވެ.
” ސުބުހާނަށް ﷲ. މިއީ އެމަންޖެގެ ނަސީބު ހުރިގޮތްތަ؟ ” ހަލީމް އަށް ބުނެލެވުނެވެ.
” ހަލީމޫ ރަޝީދާގެ ހާލުވަރަށް ބޮޑު. އަވަހަށް ސެންޓަރަށް ހިނގާ. ” ސަކީނާ ކޮޓަރިތެރެއިން ގޮވާލިއެވެ.
ސަކީނާ އެހެން ބުނުމުން ހަލީމު ތެޅިގަތީ އަވަހަށް ރަޝީދާ ސެންޓަރަށް ގެންދާށެވެ. ރަޝީދާ ސެންޓަރަށް ގެންދެވުނީ ކިރިޔާއެވެ.
” ކުޑަތަންކޮޅެއް ލަސްވިނަމަވެސް ދެމައިން ސަލާމަތް ނުކުރެވުނީސް. އެކަމަކު މިހާރު ދެމައިގެ ހާލުވެސް ކުރިޔަށް ވުރެން ރަނގަޅު. ” ޑޮކްޓަރ ބުނުއްވިއެވެ.
” އަލްހަމްދު ލިއްﷲ. ” ސަކީނާ އަށް ރޮވުނެވެ.
” ކޮންއިރަކުން ގެޔަށް ފޮނުވާލާނީ؟ ” ހަލީމް އަހާލިއެވެ.
” އިރާދަކުރެއްވިއްޔާ މާދަމާ ހަވީރަށް ބަލާފައި ރަނގަޅިއްޔާ މާދަމާ ރޭ ގެ ޔައްފޮނުވާލާނަން. ” ޑޮކްޓަރ ބުނުއްވިއެވެ.

ރަޝީދާ ގެޔަށް ގެންނަން ވާއިރަށް ސަކީނާ ގޭތެރެ ތާހިރުކޮށް އެނދުތަންމަތި އަޅާ ހަދާލިއެވެ. ރެއަށް ކައްކަން ހުއްޓާ ބޭރު ގޭތެރެއިން ހަލީމްގެ އަޑު އިވިގެން ދިޔައެވެ. ރުޅިއައިސްފައި ޖަލާލް އަށް އަޑުލާ އަޑު އިވުނެވެ. ސަކީނާ އަވަސް އަވަހަށް އަތް ދޮވެލައިގެން ދުވެފައި ކަހަލަ ގޮތަކަށް ބަދިގެއިން ބޭރަށް ނިކުތެވެ. ސަކީނާ އަށް ފެނުނީ ހަލީމް ރުޅިއައިސްގެން ޖަލާލްގެ އަތުގައި ހިފައިގެން ގެއިން ނެރެނިކޮށެވެ. ސަކީނާ ތެޅިގަނެފައި ގޮސް ހަލީމްގެ އަތުގައި ހިފިއެވެ.
” ނޫން ހަލީމް. ނޫން. މަގޭދަރިފުޅަށް ތިހެން ނުހަދާ. ” ސަކީނާ ރޮއިގަތެވެ. ހަލީމް ސަކީނާ އަށް ބަލާލިއެވެ. ސަކީނާ ރޮމުން ދިޔައެވެ. ޖަލާލް އިސްޖަހާލައިގެން ދޮރުމަތީގައި ހުއްޓެވެ.
” ކޮންމެފަހަރަކު… ހަމަ ކޮންމެފަހަރަކު އަހަރެން ޖަލާލް އާއި ދިމާއަށް އެއްޗެއް ބުނާއިރަށް ސަކީނާ އެކަމަކަށް ހުރަސް އަލާނެ. ސަކީނާ އަކަށް ނުފެނޭތަ ރޭގައި ރަޝީދާ އަށް ވީވަރު. އެފަކީރާއި ކުޑަދަރިފުޅު ދުނިޔޭގައި އެތިބީ ކިރިޔާ. ” ޖަލާލް އާއި ދިމާއަށް ބަލާލިއެވެ. ” މިޖަލާލް އިއްޔެ މެންދުރު ނަމާދުން ފައިބައިގެން ފޫޅުމާމީހާ ބަލާ ދިޔަމީހާމިއީ. އަދި ކިރިޔާ ގެޔަށް އައިސް އެވަދެވުނީ. ވިސްނާލަބަލަ ނިކަން. އިންސާނިއްޔަތު ކަމެއް ހުރިމީހަކު އެހެން ހަނދާނެތަ؟ ވީކީއްތޯ ކުރަންވީ ކޮންކަމެއްތޯ އަންގާލީކީ އެއްނޫން. ގޮސް އެ ސަމީރާގެ އުނގަށްވެއްޓި މިއޮންނަނީ. މީނަގެ ނަޒަރުގައި ރަޝީދާ މިއީ އެއްވެސް މީހެއްނޫން. ރަޝީދާ އަކަށް މީނަގެ އެއްވެސް ޒިންމާއެއްނެތް. ހުރިހާވެސް މީހަކީ ސަމީރާ. ” ހަލީމް ރުޅިއައިސްފައި އަޑުގެ ކޮޅަށް ހަޅޭލަވަމުން
ދިޔައެވެ. ސަކީނާ ގިސްލަމުން ހަލީމްގެ އަތުގައި ހިފައިގެން އެތެރެއަށް ދަމަދަމަ ހުއްޓެވެ.
” ރަޝީދާ އަށް އެހީވާން މިތަނުގައި މަންމަ އާއި ބައްޕަ ތިބި. އެކަމަކު ސަމީރާ. ސަމީރާ އަށް އަޅާލާނެ އެއްވެސް މީހަކު ނެތް. އިއްޔޭއްސުރެން ސަމީރާ އޮތީ ހުމާ. ސަމީރާ އަކީވެސް އަހަރެންގެ އަންބެއް.
” ސަމީރާ އަކީ ޖަލާލްގެ އަންބެކަމަކަށް އަހަރުމެން ނެތް ނުދެކެން. ” ސަކީނާ އަށް ނުހުރެވިގެން ބުނެވުނެވެ.
” ސަމީރާ އެއީ ދަރިފުޅާ ރަޝީދާގެ ދިރިއުޅުން ހަލާކުރަން ތިދިރިއުޅުމަށް ވަން ކަތުރުފަންޏެއް. އެކަން ދަރިފުޅަށް ނުވިސްނެނީތަ؟ ކޮންމެފަހަރަކު ރަޝީދާ އަށް ބޮޑުކަމެއް ދިމާވެގެން ޖަލާލްގެ އެހީ ބޭނުން ވެގެން ހޯދާލާއިރު ދަރިފުޅުގޮސް ތިއޮންނަނީ ސަމީރާގެ ކައިރީގައި. ” ސަކީނާ ދެރަވެފައި ބުންޏެވެ.
” ނުވިސްނޭނެ. ބުނާނެ ކަމެއްނެތް. ބޭކާރު އަނގައެއް މިތެޅެނީ. އަދިވެސް އެހެރީއެއްނު. އޭނަ ބަލާލިތަ ރަޝީދާ ކޮބާތޯ. ދަރިފުޅު ކިހިނެއްތޯ. ލިބުނީ ކޮންކަހަލަ ކުއްޖެއްތޯ. ” ހަލީމް ރުޅިއައިސްފައި ބުންޏެވެ.
” ދަރިފުޅާ. ރަޝީދާގެ ކައިރިޔަށްދޭ. ” ސަކީނާ ބުންޏެވެ.
” ދާނެ ކަމެއްނެތް. އޭނަ ދާންވީ މިގޭން ނިކުމެގެން ސަމީރާ ކައިރިޔަށް . ނިކުމޭ މިގޭން. “ސަކީނާގެ އަތް ފޮޅުވާލާފައި ޖަލާލްގެ އަތުގައި ހިފައި ގޭން ނެރެން ހަލީމް އުޅުނެވެ.
މިމަންޒަރަކީ ސަކީނާ އަށް ދުށުމަށް ކުޅަދާނަ މަންޒަރަކަށް ނުވިއެވެ. އެދެބަފައިންގެ އަރާރުމަކީ ސަކީނާ އަށް ހިތްދަތިކަން ގެނުވި ކަމަކަށް ވިއެވެ. ހިތުގެ ބަލިހުރުމުގެ ސަބަބުން ދެފަހަރަށް ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައިވާ ސަކީނާގެ މެޔަށް ތަދުވާން ފެށިއެވެ. އަނގައިން އެއްވެސް އެއްޗެއް ނުބުނެވި ހުރިތަނަށް މަޑުމަޑުން ތިރިވާން ފެށިއެވެ. ސަކީނާގެ ހަބަރު ހުސްވިއެވެ. ޖަލާލް އަށް އެމަންޒަރު ފެނުމުން ހަލީމްގެ އަތް ފޮޅުވާލާފައި ސަކީނާގެ ކައިރިޔަށް އައެވެ.
” މަންމާ. މަންމާ. މަންމާ…. ” ޖަލާލް އަޑުގެ ކޮޅަށް ގޮވަމުން ދިޔައެވެ.
” ސަކީނާ. ސަކީނާ. ” ހަލީމްވެސް ވެއްޓިފައި އޮތް ސަކީނާގެ ކައިރިޔަށް ތިރިވިއެވެ. އަދި
ސަކީނާގެ މެރިމެރި އޮތް ދެލޮލަށް ބަލާލިއެވެ. ސަކީނާ ހާސްވެގެން ތެޅިފޮޅެމުން ދިޔައެވެ.
” ޖަލާލް. ދެންވެސް މަންމަ ގޮވައިގެން ސެންޓަރަށް ދެވޭތޯ ހިނގާބަލަ. ” ޖަލާލް ސަކީނާ
އުފުއްލާލައިގެން ގޭން ނިކުތެވެ. ފަހަތުން ހަލީމް ވެސް ނިކުތެވެ.

ރަޝީދާ އިރުއިރުކޮޅާ ކެއްމަދުވެފައިވާ ބެލުމަކުން ދޮރާއި ދިމާއަށް ބަލާލައެވެ. އަދި ކައިރީގައި ނިދާފައި އޮތް ތުއްތު ތުއްތު ދަރިފުޅަށް ބަލާލައެވެ.
” މަންމަ ހާދަލަސްވަނީ. މިހާރު އަންނަން ވެއްޖެ. ބައްޕަ ވެސް ދިޔަގޮތައް ނާދޭ. ޖަލާލް ގެވެސް އެއްވެސް ހަބަރެއް ނުވޭ. އަހަރެން ވިހޭކަންވެސް ނޭނގެނީކަން ނޭނގެ…. އެކަމަކު ހާދަ ލަސްވެއްޖޭ. މަންމަ އަށް ވީކިހިނެއްބާ. ” ރަޝީދާ ހިތައް އަރަމުން ދިޔައެވެ.
ރަޝީދާ ދޮރާއި ދިމާއަށް ބަލަހައްޓައިގެން އެތައް އިރަކު އޮތެވެ. އެއްވެސް މީހެއްގެ ހިލަމެއް ވޭތޯއެވެ. ސަކީނާ އާއި ހަލީމް އައިސް އޭނަޔާއި ކުޑަދަރިފުޅު ގެޔަށް ގެންދާނެ ކަމުގެ އުންމީދުގައެވެ. މަޑުމަޑުން އެހެން އޮއްވާ ރަޝީދާ އަށް ލޯ މެރިއްޖެއެވެ. …. ރަޝީދާ އަށް ހޭލެވުނީ ތުއްތު ދަރިފުޅުގެ ރުއިމުގެ އަޑުންނެވެ. ރަޝީދާ ލޯހުޅުވާލާފައި ބަލާލިއެވެ. އަދި ކުޑަދަރިފުޅު ގަޔާއި ކައިރިކޮށްލިއެވެ. އަދި ގަޑިޔަށް ބަލާލިއެވެ.
ރަޝީދާ ހައިރާންވިއެވެ.
” އަދިވެސް މަންމަ ނާންނަނީ؟ މިހާރު ރޭގަނޑު 01 ޖަހަން ދަނީ. ހަވީރު ގެޔަށް ދާން ޑޮކްޓަރ ހުއްދަ ދެއްވި. އެކަމަކު އަދިވެސް އަހަރެން ބަލާ މިތަނަށް އެކަކުވެސް ނާދޭ. ” ރަޝީދާ މަޔޫސްވިއެވެ. ހިތައް އެތަކެއް ސުވާލު ތަކެއް އަރާ ފައިބަމުން ދިޔައެވެ. ވާނުވާ ނޭގޭ ހާލުގައި ރަޝީދާ އިނެވެ. ކުޑަދަރިފުޅަށް ކިރުފޮދެއް ދީފައި ނިންދަވާލިއެވެ. އަދި ލޯތްބާއި އޯގާތެރިކަމާއި އެކީގައި ރަޝީދާގެ މަގަތުން ބޭއްވިއެވެ. އަނެއްކާވެސް ރަޝީދާ ވިސްނަން ފެށިއެވެ.
” ގޭތެރޭގެ ކަންތައް ރަނގަޅުބާ. ބައްޕަ ވެސް ނާދޭ. ޖަލާލް އަށް އަދިވެސް އަހަރެން ވިހޭކަން ނޭނގެނީބާ. މަންމަ ލަސްވަނީ ކީއްވެގެންތަ؟ ” ރަޝީދާ ހަސްކަމާއި އެކީގައި ވިސްނަމުން ދިޔައެވެ.
ރަޝީދާ ކެއްމަދުވެފައިވާ ބެލުމަކުން ދޮރާއި ދިމާއަށް ބަލަމުން ދިޔައެވެ. އަދި އެހާ މެ ކެއްމަދުވެފައިވާ ގޮތަކަށް ކުރިމަތިން ފާރުގައި ހަރުކޮށްފައިވާ ގަނޑިޔަށް ބަލާލައެވެ. މިހާރު މެންދަމުން އަނބުރާ 3 ޖަހަނީއެވެ. ބަނޑުހައި ހޫނުކަމުން އެތާގައި އޮންނަންވެސް އުދަގުލެވެ. ހެނދު ޖެނދުނާ ކިރުތައްޓެއް ބުއިގޮތަށެވެ. ކާއްޗެއް ބަލާ ހަލީމް ގެޔަށް ދިޔަގޮތައް ބަހަބަރެވެ. ހަވީރުން ރަޝީދާ ބަލާ ސަކީނާ އަންނަން ގެޔަށް ދިޔަގޮތައް
ސަކީނާގެ ހަބަރެއް ނުވެއެވެ. ބަނޑުގައި ރިއްސަން ފެށިތަނުން ފޫޅުމާއިމީހާ ބަލާދިޔަގޮތައް ޖަލާލްގެ ހަބަރެއް ވީކީއެއް ނޫނެވެ. ރަޝީދާ ގެ ކަންބޮޑުވުން ދިޔައީ އިންތިހާއަށެވެ. އެތަނުން ކުޑަދަރިފުޅު ގޮވައިގެން ތެދުވެގެން ދާން ރަޝީދާ ބޭނުންވިއެވެ. އެކަމަކު އެއީވެސް ރަނގަޅު ގޮތަކަށް ނުވާނެތީ ރަޝީދާ ހަމަޖެހިލެވޭތޯ ބަލެވިއެވެ.

މިހާރު ގަނޑިން ހެނދު 8 ޖެހީއެވެ. ރަޝީދާ ގެ ދެލޯ މަޑުމަޑުން މެރެމުން ދިޔައެވެ.
” ދަރިފުޅާ. ” މެރިމެރި އޮތް ދެލޯ ރަޝީދާ ހުޅުވާލަފައި ބަލާލިއެވެ. ކުރިމަތީގައި ހިތާމަވެރި ގޮތަކަށް ހަލީމް ހުއްޓިލައިގެން ހުއްޓެވެ. ދެލޯ ވަނީ ރަތް ވެފައެވެ. މޫނުމަތީގައި ވަނީ ހިތާމައެވެ. ރަޝީދާ ހަލީމް އަށް ބަލާލާފައި އެއްޗެއް ބުން އުޅުނެވެ.
” ދަރިފުޅާ. މަންމަ. މަންމަ.” ހަލީމް ބުނަން އުޅުނެވެ. ހަލީމްގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އަންނަން ފެށިއެވެ.
” ބައްޕާ ކިހިނެއްވީތަ؟ ” ހާސްކަމާއި އެކީގައި ރަޝީދާ ސުވާލު ކޮށްލިއެވެ.
” ބައްޕަ މިއައީ ދަރިފުޅާ ކުޑަމީހާ ބަލާ. ހިނގާ ގެޔަށް ދާން. ” ހަމަޖެހިލަމުން ހަލީމް ބުންޏެވެ.
” ބައްޕާ. ކިހިނެއްވީތަ؟ ބައްޕަ ތިރޮނީ ކީއްވެގެންތަ؟ މަންމަ ކޮބާތަ؟ ޖަލާލް ކޮބާތަ؟ ” ރަޝީދާ އަހާލިއެވެ.
” ދަރިފުޅާ. މަންމަ. މަންމަ އަހަރުމެން ދޫކޮށްލާފައި ހިނގައްޖެ. ” ހަލީމް ހިތްވަރު ކޮށްލާފައި ބުންޏެވެ.
” މަންމަ ހިނގައްޖެއޭ؟ ކޮންތާކަށް؟ ” ރަޝީދާ ވާނުވާ ނޭނގިގެން އަހާލިއެވެ.
” އަބަދުދުގެ އަބަދަށް. ނިމުމެއްނުވާ އާލަމަށް. ” ކަރުނުން ފުރިފައިވާ ދެލޯ މަރާލަމުން ހަލީމްބުންޏެވެ.
” ކީކޭ؟ …. ” ރަޝީދާގެ އަނޑު ބެދުނެވެ. އެއްވެސް އެއްޗެއް ރަޝީދާ އަކަށް ނުބުނެވުނެވެ. ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަން ފެށިއެވެ. މަންމަޔަކާ އެއްވަރަށް ހެޔޮ އޯގާތެރި ، އެމާދާތަ ދުނިޔެއަޅާ ދިއުމުން ރަޝީދާގެ ހިތައް ވަރަށް އަސަރު ކުރިއެވެ. ރަޝިދާ ގިސްލާ ރޮމުން ދިޔައެވެ.

ގޭގެ އުޖާލާކަން ގެއްލި ހިނގައްޖެއެވެ. ހިނިތުންވުމުގެ އަނޑު ކެނޑިގެން ހިނގައްޖެއެވެ. ގޭގެ ވިނދު އަނބަދުގެ އަބަދަށް ހުއްޓިޖެވެ…. ރަޝީދާ އެނދުގެ އެއްކަނެއްގައި އެއްދިމާލަކަށް ބަލަހައްޓައިގެން އިނެވެ. ކުޑައެނދުގައި އޮވެގެން ކުޑަދަރިފުޅު ރޮމުން ދިޔައެވެ. އެކަމުގެ އިޙްސާސް އެއް ރަޝީދާ އަކަށް ނުވެއެވެ.

ސަކީނާ ވަޅުލުމުގެ ކަންތަކުން އަވަދިވެގެން ހަލީމް އާއި ޖަލާލް ގެޔަށް އައެވެ. ގޭތެރެއަށް ވަނުމާއި އެކީގައި ޖަލާލް އަށް ކުޑަދަރިފުޅުގެ ރުއިމުގެ އަދު އިވުނެވެ. ހަލީމްވެސް ކޮޓަރިޔާއި ދިމާއަށް ބަލާލިއެވެ.
” ކުޑަމީހާ ހާދަ ވަރަކަށް އެރޮނީ؟ ” ހަލީމް އަށް އަހާލެވުނެވެ.
ޖަލާލް އެސުވާލަށް ޖަވާބުދިނުމެއްނެތި މަޑުމަޑުން ހިނގާލާފައި ގޮސް ކޮޓަރިޔަށް ވަނެވެ. ޖަލާލް އެނދުގެ އެއްކަނެއްގައި އިށީނދެގެން އިން ރަޝީދާ އަށް ބަލާލިއެވެ. އަދި އެނދުގައި ރޮއިރޮއި އޮތް ކުޑަދަރިފުޅަށް ބަލާލިއެވެ. ޖަލާލް އެތެރެއަށް ވަދެ ދޮރު ލައްޕާ ލިއެވެ.
” ރަޝީދާ ކިހިނެއްވެފައި ތަ ތިއިނީ. ކުޑަމީހާ ރޯއަޑެއް ނީވޭތަ؟ ” ޖަލާލް އަހާލިއެވެ.
ރަޝީދާ ޖަލާލް އަށް ބަލާލިއެވެ. އޭރުވެސް ރަޝީދާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ.
” ޖަލާލް އަށް އިވުނުތަ؟ ” ރަޝީދާ ބެދިފައިވާ އަޑަކުން އަހާލިއެވެ.
” ކޯއްޗެއް؟ ކުޑަމީހާ ރޯއަޑު އިވުނީމައެއްނު އަހަރެން މިހެން މިއެހީ. ކިހިނެއް ވެފައިތަ ރަޝީދާ ތިއިނީ؟ ” ޖަލާލް ކުޑަމީހާ ނަގަމުން އަހާލިއެވެ.
” އަހަރެން ނަށް ކަމެއް ވެފައިތަ މިއިނީ؟ ކަމެއްވިއްޔާ ވީ ޖަލާލް އަކަށް ނު. އަހަރެން ނަށް އޮޅުވާލީ ކީއްވެގެން؟ ” ރަޝީދާ ދެރަވެފައިވާ ރާގަކަށް އަހާލިއެވެ.
” އަހަރެން އޮޅުވާލިއޭ ކިޔާފައި މިކުޑަދަރިފުޅަށް އަނިޔާ ދިނުމުގެ ހައްގެއް ރަޝީދާ އަކަށް ނޯންނާނެ. ” ޖަލާލް ބުންޏެވެ.
” ހައްގޭ. ހައްގުގެ ވާހަކަ ޖަލާލް ނުދައްކާ. އަހަރެން ނަށް އަނިޔާ އާއި ހިތްދަތިކަން ދޭ ޖަލާލް އަށް ހައްގު އެބައޮތްތަ؟… އަދިވެސް ޖަލާލް އަކަށް ނޭގެ ޖަލާލް އަށް ލިބުނީ އަންހެންދަރިއެއްކަމެއް ފިރިހެން ދަރިއެއްކަމެއް. ހައްގުގެ ވާހަކަ އެބަދައްކައެއްނު. ޖަލާލްގެ ދަރިފުޅު ދުނިޔެއަށް އުފަން ކުރަން އަހަރެން އެޅިވޭނާ ކެކުޅުން ޖަލާލް އަށް އިޙްސާސް ކުރެވުނުތަ؟ މަރާ ދިރުމާއި ދޭތެރޭގައި އޮވެގެން ޖަލާލްގެ އަމާނަތް ދުނިޔެއަށް އުފަން ކުރިވަގުތު ޖަލާލް ވީ ގޮސް އެހެން އަންހެނެގެ އުނގުތެރޭގައި. ޖަލާލް ބުނޭގޮތުން
ވިއްޔާ އެއީ ޖަލާލްގެ އަނބިމީހާ. ގާނޫނީ ގޮތުން އެކަމުގެ ހެއްކެއް ފެންނާކަށް ނެތް. އަހަރެން މިއީ ގާނޫނީ ގޮތުން ނާއި ދީނީ ގޮތުން ޖަލާލްގެ ހަލާލު އަނބިމީހާ. އެކަމަކު އެކަން ޖަލާލް ހަނދާނެއްނެތް. ފާޅުގައި އަހަރެން ނަށް ބޭވަފާތެރި ވަމުން ޖަލާލް ތިދަނީ. އަހަރެން ނަށް ބޭވަފާތެރި ވާން ޖަލާލް އަށް ހަނގު އެބައޮތްތަ؟ މިއީ ގަދަކަމުން ޖަލާލްގެ މާންބަފައި ކުރުވި ކައިވެންޏެއްވިއްޔާ މިކައިވެނި ދެމެހެއްޓުމުގެ ބޭނުމަކީ ކޮބާ؟ އެއްވެސް
ދިރުމެއް އާރެއް ބާރެއް ނެތް މިދިރިއުޅުން އަހަރެން އުޅެން ވީ ކީއްވެ؟… ” ރަޝީދާ ގިސްލަމުން ޝަކުވާގެ ކުރަމުން ދިޔައެވެ.
” ޖަލާލް ތިއީ އަހަރެންގެ ފިރިމީހާއޭ ނަމަކަށް ބުނަންވީ ކީއްވެ؟ ޖަލާލް އަށް އަހަރެން ނަށް އެއްވެސް ޒިންމާ އެއް ނުވޭތަ؟ ” ރަޝީދާ ކަރުނުން ފުރިފައިވާ ދެލޮލުން ޖަލާލް އަށް ބަލާލިއެވެ.
” އަހަރެން ރަޝީދާ ތިދައްކާ ވާހަކަ އަށް އެއްވެސް ޖަވާބެއްދޭކަށް ބޭނުމެއްނޫން. ރަޝީދާ ސަމީރާ އާއި ދޭތެރޭގައި ކޮންމެ ގޮތަކަށް ދެކުނުކަމުގައި ވިޔަސް ސަމީރާ ވެސް އެއީ އަހަރެންގެ އަންބެއް. އަހަރެން ރަޝީދާ އަކަށް އެއްވެސް ކަމެއް އޮޅުވައެއްނުލަން. އޮޅުވާލީ އަހަރެންގެ މާންބަފައިނާ ރަޝީދާގެ މާންބަފައިން. އެންމެންނަށްވެސް އިނގޭ އަހަރެން ލޯބިވަނީ ސަމީރާ ދެކެކަން. އަހަރެން ރަޝީދާ ޔާއިނީ ހަމައެކަނި އަހަރެންގެ
މަންމަގެ އުފަލަށް. ރަޝީދާ ދެކެ ލޯތްބަކުންނެތްނޫން. ” ޖަލާލް ރަޝީދާގެ މޫނަށް ބަލާލަމުން ބުންޏެވެ. ރަޝީދާ ކަރުނުން ފުރިފައިވާ ދެލޯ މަރާލިއެވެ

 

30

You may also like...

7 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Assalaam Alaikum Dear Readers.. This is my first story and I hope you guys will like it… Please do comment and rangalhu kuran jehey kan kan readers kiyaadhin varakah I can improve..

    ⚠Report!
  2. Mee hama maahko ge first storytha? Are you the real author.. mee meege kurin konmeves site akun ahanah kiifaivaa vaahakaeh.. site hadhaan nethas mi vaahaka mihaaruves athuga eba oih.. so if your not the real author pls dont take the credit of others hard work

    ⚠Report!

Leave a Reply

Your email address will not be published.