“އަހަރެން ފަހަރެއްގައިވެސް ހިޔެއްނުކުރަން އައްމާރު ތިހާ ނުބައިވެދާނޭކަމަކަށް…. ކަލޭތީ އިންސާނެެއްތަ؟ އަހަރެން މިއަދު ލަދުގަނޭ ތިފަދަ މީހެއްދެކެ އަހަންނަށް ލޯބިވެވުނީތީ… ތިހާ ނުބައި މީހަކު އަހަރެންގެ ދަރީންގެ ބައްޕައަކަށްވީތީ… ތިހުރީ އަހަރެންގެ މުޅި ދިރިިއުޅުން ހަލާލުކޮށްލައިފައި… އަހަރެން ދަރިފުޅުގެ މުޅި ހަޔާތް ނަގާލައިފައި.. މިހުރިހާކަމަކަށްފަހުވެސް އަހަރެން ހުރީ ދެވަނަ ފުރުސަތެއްދޭން… އެކަމަކު އަމިއްލަ ސާބިތު ތިކޮށްދިނީ ތިއީ އެފަދަ ފުރުސަތެއް ހައްޤުވާވަރުގެ މީހެއްނޫންކަން… ހީނުކުރާތި ދެންވެސް އަހަރެން ކަލެއާއިއެކު އުޅޭނޭ… މިކަންތައް ދެން ނިމޭނީ ކޯޓުން…” ރުޅިވެރިކަމާއިއެކު އާލިއާ ބޭރުކޮށްލި ޖުމްލަތަކާއިއެކު އެންމެ ވަގުތުކޮޅަކުވެސް އައްމާރުގެ ކުރިމަތީ އިތުރަށް މަޑުކޮށްލުމެއްނެތި އެއްއަތުން ފޮށިދަމަމުން ސްޓަޑީއިން ނިކުންނަން ހިނގައިގަތެވެ. އާލިއާ ނުރޯންވެގެން ކިތަންމެ ހިތްވަރެއްކޮށްގެން ހުއްޓަސް ރޮވުނެވެ. އައްމާރު ކޮންމެގޮތަކަށް ކަންތައްކުރިޔަސް އޭނަ އައްމާރުދެކެ ވަނީ ހަޤީޤީ ލޯތްބެވެ. އެ ލޯބީގެ ހައްޤުގައި އައްމާރަށް ދެވަނަ ފުރުސަތެއްދެން ދޭން އޭނަ ބޭނުންވިއެވެ. ނަމަވެސް އެފުރުސަތު ނަގާލީ އައްމާރު އަމިއްލައަށެވެ. އައްމާރުގެ އިންސާނިއްޔަތުކަން ހުރިވަރު ފެނުމަށްފަހު އޭނަދެން ދުވަހަކު އައްމާރު ކައިރިއަކަށް ނުދާނެއެވެ.
އެއްއަތުން ބަރުފޮށި އުފުލާލައިގެން އާލިއާ ސިޑީގެ އެންމެ ފަހު ހަރުފަތާއި އަރާހަމަވިތަނާ އައްމާރު ސްޓަޑީއިން ނިކުމެގެން އައިސް އާލިއާއާއި އަރާހަމަކުރިއެވެ. އައްމާރާއި ދިމާލަށް ބަލާލުމެއްވެސްނެތި ފޮށި ހިފައިގެން ސިޑީގެ ފައްތަރުތަކުންލާފައި އާލިއާ ތިރިއަށް ފޭބިއެވެ. އޭރު ސޯޅަ އަހަރުގެ ލުޔޫންވެސް ސޯފާގައި އިނދެފައި ތެދުވިއިރު އެ މޫނުމަތީން ހައިރާންކަން ފާޅުވަމުންދިޔައެވެ.
“އާލިއާ…” ބޮލަށް އަރާފައިވާ ޝައިތާނީ ރުޅި މައިތިރިވާއަތަށް އަޅާލުމާއިއެކު އައްމާރު އާލިއާ ދިޔަނުދޭން މަސައްކަތްކުރިއެވެ. އާލިއާއަކީ އޭނަގެ މުޅި ދިރިއުޅުމެވެ. އެއްވެސް ހާލެއްގައި އާލިއާ ދިޔުމަކީ އޭނައަށް ބަލައިގަނެވޭނޭކަމެއްނޫނެވެ.
“އެއްްވެސް އެއްޗެކޭ ކިޔާނެކަމެއްނެތް… އަޑުއަހާކަށް ބޭނުމެއްނޫން… ބުނެފީމެއްނު މިކަން ނިމޭނީ ކޯޓުންނޭ… އަލްހާން ކުރާހުރިހާކަމަކާއި ރުހިގެން އެއްބާރުލުން ދޭން ރިހާނާ ހުންނާތީ ހީނުކުރާތި އަހަރެންވެސް އެހެން ހުންނާނެ… ދެން އެންމެ ވަގުތުކޮޅަކުވެސް އައްމާރާއިއެކީގައި އުޅޭކަށް ބޭނުމެއްނޫން… ދަރިފުޅާ ހިނގާދާން… މިއީ މީހަކު އުޅޭވަރުގެ ތަނެއް ނޫން….” އައްމާރު ވާހަކަދައްކަން މަސައްކަތްކުރުމާއިއެކު އާލިއާ ފަސްއެނބުރުނުގޮތަށް އައްމާރުގެ މޭގައި އަތްއަޅާ ފަހަތަށް ކޮއްޕާލިގޮތަށް ދުވެފައި ސިޑިން ފޭބިއެވެ. އެއާއިއެކު ސޯފާ ކައިރީގައި ހުރި ލުޔޫން ފެނުމާއިއެކު އާލިއާ ހިނދުކޮޅަކަށް ހުއްޓަސް އަރާފައިވެސް ދުވެފައި އައިސް ލުޔޫން ގެނެސް މޭގައި ޖައްސާލިއެވެ.
“ލުޔޫންއެއް ނުދާނެ… އެއީ އަހަރެންގެވެސް ދަރިއެއް… ލުޔޫންގެ މައްޗަށް އަހަރެންގެ ބާރު އޮންނާނެ… ޔޫން… ދަރިފުޅު ހުންނަނީ ޑެޑީ ކައިރީ…” އޭނަގެ އެއްވެސް އަމަލަކުން އާލިއާ ނުހުއްޓުވޭނެކަން ޔަގީންވުމުން އައްމާރު އާލިއާގެ ބަލިފައިގައި ހިފަން އުޅުނެވެ. ލުޔޫން އޭނަ އަތުން އަތުލައިގެން ގެންދިޔުމުގެ ހިތްވަރު އާލިއާއަށް ކުރަން ނުކެރޭނޭކަމަށް އައްމާރު ހުރީ ޔަގީންކޮށްގެންނެވެ. އެހެންނޫނަސް ލުޔޫން ގެންދިޔުމަކީ އާލިއާއަށް ކުރެވޭނޭކަމެއްނޫނެވެ. ދަރީންގެ މައްޗަށް އާލިއާގެ ބަހަށްވުރެ ބޮޑަށް ހިނގާނީ އޭނަގެ ބަހެވެ.
“ލުޔޫން ހުންނާނީ އަހަރެން ކައިރީ.. ކަލެއަށް އެއްދަރި ހަލާކުކުރެވިއްޖެެއެއްނު… ކޮންމެހެން ކަލޭ ހިނގިމަގުން މިދަރި ގެންދަން ހަނދާނެކަމެއްނެތް…” ކުދީންގެ ކުރިމަތީގައި ދުވަހަކު އައްމާރާއި ވާހަކަނުދައްކާފަދަގޮތަކަށް އާލިއާ ވާހަކަދައްކަމުން ދިޔައިރު އެވަގުތު ދޮރުމައްޗަށް އެރި ރައިހާންއަށް ހުރެވުނީ ދެލޯބޮޑުކޮށްލައިގެންނެވެ. އައްމާރުގެ ނުފޫޒުން ސަލާމަތްވެގެންއައުމާއިއެކު އޭނައަށް މިފެނުނީ ހީނުކުރާފަދަ މަންޒަރެކެވެ. މިއީ އޭނާ ހޭލާހުރެ ފެންނާނޭކަމަށް އުއްމީދުކުރެވުނު މަންޒަރެއްނޫނެވެ.
“މަންމާ…” ފެންނަމުންދިޔަ މަންޒަރުން ނަގައިގަންނާނޭ މާނައެއް ނޭނގިފައިހުރެ ރައިހާންއަށް އާލިއާއަށް ގޮވާލެވުނެވެ. އެވަގުތު އާލިއާ އޭނައާއި ދިމާލަށް ބަލާލީ ދުވަހަކު ބަލާނުލާފަދަ ރުޅިވެރި ނަޒަރަކުންނެވެ.
“މަންމާ… ހަމަ ދަނީތަ… ކޮކީވެސް ދަނީތަ؟” އެއްފަރާތެއްގައި ބަހައްޓާލެވިފައިވާ ފޮއްޓާއި ދިމާލަށް ބަލާލެވުނު ހިނދުކޮޅު ރައިހާން ހިންދިރުވާލިއެވެ. އަލުން އާލިއާގެ މޫނަށް ބަލާލެވުނުއިރު އެލޮލުގައި ކޮންމެވެސް ވަރަކަށް މޮޅިވެރިކަންވިއެވެ. އާލިއާގެ ފަރާތުން ޖަވާބެއް ނުލިބުނުއިރު ރައިހާން ލުޔޫންއާއި ގާތަށް ފިޔަވަޅެއް އަޅާލަމުން ކޮއްކޮގެ އަތުގައި ހިފަހައްޓަން އުޅުނެވެ. އެއަތުގެ އިނގިލިތަކުން ލުޔޫންގެ މަޑު އަތްތިލައިގައި ހިފާލަން އުޅެނިކޮށް އާލިއާ ރުޅިވެރި ސިންގާއެއްފަދައިން އައިސް ރައިހާން ދުރަށް ފޮޅާލިއެވެ.
“ޚަބަރުދާރު… އަތްނުލާތި މަގޭ ދަރި ގައިގައި…” އާލިއާ ރައިހާންއާއި ދިމާލަށް ބަލާލީ ދުޝްމިނަކާއި ދިމާލަށްވެސް ބަލާނުލާނެހާ ނުރައްކާތެރި ނަޒަރަކުންނެވެ.
“މަންމާ…” ރައިހާންއަށް ގޮވާލެވުނެވެ. އަދުއްވެއްގެ ފަރާތުން ދަރިފުޅު ސަލާމަތްކުރާފަދައިން އާލިއާގެ އަމަލުތައް ބެހެއްޓިއިރު އޭނައަކީވެސް ލުޔޫން ފަދައިން އެ މަންމަގެ ދަރިއެއްކަން މަންމައަށް ނޭނގެނީ ހެއްޔެވެ؟
“އަމިއްލަ ކުށަށް އަދަބުލިބިގަތުމުގެ ކުރީން އަހަންނާއި ދިމާލަށް ތިހެން ކިޔަން ހިތަށްވެސް ނާރުވާތި… އަންހެންކުއްޖެއްގެ މުޅި ދިރިއުޅުން ސުންނާފަތިކޮށްލިއިރު ބަނޑުއަޅާ ވިހާ ތިވަރުކޮށްފައި ތިހުރީ އަންހެނެއްކަމެެއް ނޭނގުނެއްނު… މީހުން ބުނަނީ ހަމަ ތެދެއް… އަލަގަހަކުން ކެޔޮޮނިރެއް ނުފަޅާނެ… އެހެންނޫންނަމަ އަހަރެން ރައިހާންއަށްދިން ތަރުބިއްޔަތަށް ފަހުވެސް ތިފަދަ އުޅުމެއް ހޯދައެއްނުގަންނާނެ… އައްމާރު މިހުރިހާކަމެއްމިވީ ކަލެއާއި ހެދި… ކަލޭ ހަލާކަށްދަމުން އަހަރެންގެ ދަރިފުޅުވެސް ހަލާކުކޮށްފި… މިއީ އަހަރެން ބަނޑުއަޅައި ވިހޭ ދަރިފުޅެއްނޫން… އެދަރިފުޅު އަހަރެންގެ އިހުސާސްތައް ދަންނާނެ… އެ އިހުސާސްތަކަށް ޤަދަރުކުރާނެ…” ލޮލަށް ތާޒާ ކަރުނަތައް ގިނަވެދާނެހެން ހީވުމުން އާލިއާ ތުންފަތް ކަނޑައިގެންދާހާ ބާރަށް ތުންފަތުގައި ދަތްއަޅާލިއެވެ. އޭނަ ރައިހާންއާއި ދިމާލަށް ބަލާލި ނަޒަރުގައި ޝަކުވާގެ އަސަރުވިއެވެ. އެ ދަރިއަކާއި މެދު އޭނަ ފަހުރުވެރި ދަރިފުޅު އޭނަގެ މޫނުމަތީ އެތިފަހަރެއް ޖަހައިފިއެވެ. އޭނަ ދިން ތަރުބިއްޔަތަށް މަލާމަތްކޮށް އެދަރިފުޅަށްޓަކައި އޭނަ ނިދިނަގާލި ރޭތަކުގެ ބުރަ މަސައްކަތް ފެނަށް ދުއްވާލައިފިއެވެ.
“އައްމާރާއި ރައިހާންގެ ދުނިޔެއަށް މަރުހަބާ… ތިދުނިޔޭގައި އުޅޭކަށް އަހަރެން ނެތީން… މިއަދަށްފަހު ކަލޭމެންނަށްޓަކައި އާލިއާއާއި ލުޔޫން މަރުވީކަމަށްބަލާ….” ކަރުނައާއި ވޭނާއި ހިތާމަ އެކުވަމުންދިޔަ ނަޒަރަކުން އުމުރުގެ ބޮޑުބައި އެކީގައި ހޭދަކުރި ބައިވެރިޔާގެ މޫނަށް ނަޒަރު ހުއްޓާލި ވަގުތުކޮޅަކަށްފަހު ލުޔޫންގެ އަތުގައި ހިފައިގެން އާލިއާ ދޮރާއިދިމާލަށް ހިނގައިގަތެވެ.
“އަދި އެއްވާހަކަ… އައްމާރު އަހަރެން މިދަނީ ކަލޭގެ ނިމުން ގެނެސްފައި… މި ރާއްޖެ ކީއްކުރަން މިގެއިން ބޭރަށްވެސް ކަލެއަކަށް ފިޔަވަޅެއް ނޭޅޭނެ… އަހަރެން ކަމާއި ބެހޭ ފަރާތަށް އަންގައިފިން…” އާލިއާގެ ލޮލުން ވިދާލި ސާބިތުކަމާއިއެކު އެދުލުން ބޭރުވި ބަސްތަކާއިއެކު އައްމާރަށް އެ ނަން ކިޔާލެވުނީ ހައިރާންކަމާއިއެކުގައެވެ. ޤަބޫލުނުކުރެވިފައި ހުރި ކަހަލަގޮތަކަށެވެ. އޭނަގެ ނިމުން ގެނައުމަށް ކެތްމަދުވެފައިތިބި ފަރާތްތަކަށް އެކަން ފަހިކޮށްދިނީ މުޅި އުމުރު އެކީހެން ހޭދަކުރި ބައިވެރިޔާއެވެ. އާލިއާގެ ދެއަތުން އޭނަ ހަލާކާއި ދިމާލަށް ކޮއްޕާލީއެވެ. ޝައިތާނާ އައްމާރުގެ ބޮލަށް ވަދެގެން އާލިއާއާއި މެދު ހިތުގައި ރުޅިވެރިކަން އުފެއްދިއެވެ.
ލުޔޫންއާއިއެކު އާލިއާ އެގެއާއި އަދި އައްމާރުގެ ދިރިއުޅުމާއި އަބަދުގެ އަބަދަށް ވަކިގެންދިޔައިރު އާލިއާ ހުއްޓުވާކަށް އައްމާރު ނޫޅުނެވެ. ސިޑީގެ ރެއިލިންއަށް ލެގިލިގޮތަށް ހަރަކާތެއްވެސް ކޮށްނުލާ އޭނަ ހުރިއިރު މޫނުމަތީން ތަފާތު އަސަރެއްވެސް ދައްކައެއްނުލިއެވެ. މުޅި ދިރިއުޅުން ރޫޅިގެންދިޔައިރު އޭނަގެ ސަމާލުކަން ދެވިފައިވީ އަމިއްލަ ސަލާމަތްތެރިކަން ހޯދުމަށެވެ. އަމިއްލަ އެދުމައިގެން އޭނަގެ ލޯކަނުވަމުން އައިސް ލޯބިވާ އަނބިމީހާވެސް ދިޔަދިނީއެވެ. އެންމެ ފަހުވަގުތު އަނބިމީހާއަކީވެސް އަދުއްވެއްކަމަށް ޤަބޫލުކުރީއެވެ.
އާލިއާ ހުއްޓުވުމުގެ ބޭނުމުގައި އާލިއާގެ ފަހަތުން ދިޔަނަމަވެސް ރައިހާންއަށް ޖެހުނީ ނާކާމިޔާބާއި ކުރިމަތިލާށެވެ. ވެދިޔަ ހުރިހާކަމަކަށްފަހު އާލިއާ ހުރީ ފަސްއެނބުރިބަލާކަހަލަ ގޮތަކަށް ނޫނެވެ. އޭނަ ރޯޒް ފްލޭމްއާއި ވަކިވެގެންދިޔައީ އައްމާރާއިއެކު ދަރިފުޅާއި އޮތް ގުޅުންވެސް ކަނޑާލައިފައެވެ. ހިތާއި ދެކޮޅަށެވެ.
*** *** *** *** *** ***
ސްޓަޑީއިން ފޮށި ނެރެ ދަމަމުން އައްމާރު ތިރިއަށް ފައިބައިގެން އައިރު ރައިހާން ސޯފާގައި އިނެވެ. ދެއަތުގެ އުޅަބޮށި ގެނެސް ކަކުލުގައި ޖައްސާލިގޮތަށް ދެއަތުން ފަން އިސްތަށިގަނޑުގައި ހިފާލައިގެން އިސްތިރިކޮށްލައިގެން އޭނަ އިންގޮތުން އާލިއާ ނިކުމެގެންދިޔަފަހުންވެސް އެ ހަށިގަނޑަށް ހަރަކާތެއް ނުގެންނަނީހެން ހީވިއެވެ. ކައިރިވަމުންދިޔަ އައްމާރުގެ ފިޔަވަޅަށްވެސް އިސްއުފުލާ ބަލާލުމެއްނެތި އިނދެފައި ރައިހާން ނޭފަތް ދަމާލިއެވެ.
ސިކުންތުކޮޅެއްވާންދެން ރައިހާންއާއި ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު އައްމާރު ރައިހާންގެ ކުރިމައްޗަށް ހުއްޓުނުގޮތަށް ފަޓްލޫންގެ ޖީބުން ޕާސްޕޯރޓު ނަގައި ރައިހާންއާއި ދިމާލަށް ދިއްކޮށްލިއެވެ. އެއާއިއެކު ބޮލުގައި ހިފާލެވިފައިވާ ދެއަތް ނައްޓުވާލަމުން ރައިހާން ތެދުވިގޮތަށް އައްމާރުއާއި ދިމާލަށް ބަލާލިއިރު އެލޮލުގައި ތަފާތު އަސަރެއްވިއެވެ. ބަހެއްބުނާނެހެން ހީވިވަގުތުކޮޅަކަށްފަހު ރައިހާން ބަހެއްބުނުމެއްނެތި އޭނައާއި ދިމާލަށް ދިއްކޮށްލެވިފައިވާ އައްމާރުގެ އަތްދުރަށް ޖައްސާލިގޮތަށް ދޮރާއި ހިނގައިގަތެވެ.
“ދަރިފުޅާ… ރައިން….” އެ ހަރަކާތުން ހައިރާންކަމެއް ލިބުނު އައްމާރަށް ހަލުވިކަމާއިއެކު ދޮރާއިދިމާލަށް ދެވުނެވެ. އޭރު ގަރާޖުން ނެރެފައި އޮތް ކާރަށް އަރައިގެން ރައިހާން ނައްޓާލީއެވެ. ރައިހާންގެ އެ ކުއްލި ބަދަލު ނަގައިގަންނާނޭ ގޮތެއް ނޭނގިފައިހުރެވެސް ގަރާޖުން ކާރު ނެރުމަށް ނޯކަރު ކުއްޖާއަށް އައްމާރު އަމުރުކުރިއެވެ. އޭނަގެ ކުރިމައްޗަށް ކާރު ހުއްޓާލުމާއިއެކު ޑިކީއަށް ފޮށިއެރުވިގޮތަށް ކާރަށް އަރައިގެން އޭނަގެ މަންޒިލަށް އައްމާރު ދަތުރުފެށިއެވެ. އޭރު އޭނަގެ ކަންފަތުގައި ފޯނު ޖައްސާލެވިފައިވެއެވެ.
*** *** *** *** *** ***
އާންމު ފަރާތެއްގެ ފަރާތުން ލިބުނު މައުލޫމާތާއިއެކު މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ފޯރިމަރަމުންދިޔައެވެ. ފުލުހުންގެ ވެހިކަލްތަކާއިއެކު ޔުނީފޯރމްގައި ތިބި ފުލުހުން ބައިބަޔަށް ހަރަކާތްތެރިވަމުން ދިޔައިރު އާދައިގެ ހެދުމުގައި ތިިބި ފުލުހުން ޕްރައިވެޓް ކާރުތަކާއި ޓެކްސީތަކުގައި މާލޭގެ މަގުތަކުގައި ދުއްވަމުންދާ އުޅަނދުފަހަރަށް ފާރަވެރިވަމުންދިޔައެވެ.
މާލެއާއި ހުޅުމާލެއާއި ދެމެދު އެޅިފައިވާ ސިނަމާލޭ ބްރިޖުން އައިސް ހުޅުލެއާއި ދިމާލަށް ދެވޭކޮޅަށް އަޅަމުން އައްމާރު ފުންނޭވާއެއް ދޫކޮށްލިއެވެ. އެއްވެސް ދަތިކަމެއްނެތި އެހިސާބަށް އާދެވުމުން އޭނަގެ މަގު އަމާންވާނޭކަމުގެ ޔަގީންކަމާއިއެކު އޭނަ ސީޓްތެރެއަށް ހަށިގަނޑު ދޫކޮށްލަމުން ލޯމަރާލިއެވެ. އެވަގުތު ކަންފަތުގައި ޖެހުނު ސައިރެންގެ އަޑާއިއެކު އައްމާރުގެ ދެލޯ ހުޅުވިގެންދިޔައިރު ވަގުތުން ފުންމައިގެން ތެދުވެވުނުކަހަލައެވެ. އޭނައަށް ކާރުގެ ސަރަކައަށް އަނބުރާލައިނުލެވެނީސް ސައިރެން އަޅަމުން އައި ފުލުހުންގެ ހަތަރު ވެހިކަލް އައްމާރު އިން ކާރުގެ ހަތަރު ފަރާތުން ބައްދާލިއެވެ. ކާރުގެ ކުރިމައްޗަށްވާގޮތަށް އޮތްކާރުގެ ފަހަތަށް ހުއްޓާލި ކަނޑުނޫކުލައިގެ ޕްރައިވެޓް ކާރުން ފޭބި މަޔާން އޭނަ ލައިގެން ހުރި ކޯޓު ރީތިކޮށްލަމުން ކާރު ވަށާލުމަށްފަހު އައިސް އައްމާރުގެ ކާރުގެ ކުރިމައްޗަށް ހުއްޓުނެވެ.
ބެދެނު މަޅި ލޯމަތީން ފެނުނު އިރުވެސް އަމާންދޭފަދަ ހިޔާލެއް އައްމާރުނުކުރިއެވެ. ކޯޓް އަމުރާއިއެކު މަޔާން ކާރާއި ކައިރިވާތަން ފެނުމުން އައްމާރު ކާރުލޮކްކުރިއެވެ. އެ މަންޒަރު ފެނިފައި މަޔާންގެ ތުންފަތްމަތީ ވިހަ ހިނިތުންވުމެއްދުވެލިއެވެ. އެންމެ ކައިރިއަށް ހުރި ފުލުސްމީހާގެ އަތުން މުގުރު ބުރި ނެގިގޮތަށް ލޯގަނޑުގައި މުގުރުން ޖެހިގޮތަށް ކާރުގެ ބިއްލޫރިގަނޑު ތަޅާލިގޮތަށް މަޔާން ކާރު ހުޅުވިއެވެ. އޭގެ ކުރިން ފަސެންޖަރ ސީޓްއަށް ބަދަލުވެގެންއިން އައްމާރު ތަންވަޅުބަލާފައި އަނެއްް ދިމާލުން ކާރުން ދެމިގަތްގޮތަށް ފުލުހުންނަށް އަތުނުވާންވެގެން ދުރަށް ދުއްވައިގަތެވެ. އޭނައަށް ދެވުނީ ކުޑަ ތަންކޮޅަކަށެވެ. އޭނަގެ ކުރިމައްޗަށް ހުރަސްވި ފުލުހުންގެ ސަފާއިއެކު އައްމާރުގެ ފައިގައި ހިލިހިލާގަނޑެއް ޖެހިފަދައެވެ. ހިންދިރުވާލަމުން ފަހަތަށް ފިޔަވަޅެއްއަޅާލިގޮތަށް ސަތަހައެއް ފަދައިން ދުރަށް ފެތުރުފައިވާ ކަނޑަށް އައްމާރު ނަޒަރު ހިންގާލިއެވެ. އެއާއިއެކު އޭނަ ކޮށްލީ މަޔާން ހީވެސް ނުކުރާކަމެކެވެ.
އޮމާން ދޫލައެއްފަދަ ލޮނުގަނޑު މައްޗަށް އެއްޗެއް ޖެހުމާއިއެކު ލޮނުތައް ބުރައިގެން ދިޔަ އަޑާއިއެކު މަޔާން ދުވެފައި އައިސް ބްރިޖްގެ ރެއިލިންގައި ބަނޑު އަޅުވާލިގޮތަށް ކަނޑާއިދިމާލަށް ގުދުވެލިއެވެ. އައްމާރު ފުއްމާލި ދިމާލުން އުފެދުނު ފޮނުގަނޑު ސާފުކޮށް ފެންނަން ހުރިއިރު ލޮނުގަނޑުގެ ތެރެއިން އައްމާރުގެ އަތް ފެނުނުހެން ހީވެފައި މަޔާންއަށް ލޯހަނިކޮށްލެވުނެވެ. އޭރު ދެފުލުހަކު ކަނޑަށް ފުންމާލައިފިއެވެ.
*** *** *** *** *** ***
ހަވީރުގެ ފިނިޖެހެމުންދިޔަ ވަގުތު ހަވީރުގެ ސަޔަށް އެއްޗެއް ތައްޔާރުކުރުމުގައި ޑައިިނިންރޫމްތެރޭގައި މިލީނާ އުޅެމުންދިޔައިރު ލިވިންރޫމްގައި އަޅުވާފައިހުރި ޓީވީގެ އަޑުއިވެމުންދިޔައެވެ. އައްމާރު ހައްޔަރުކުރެވުމާއިއެކު ގެނެސްދޭންފެށި ލައިވް ކަވަރޭޖް ކުޑަވަގުތުކޮޅެއްގެ މެދުކެނޑުމަކަށްފަހު އަލުން ދައްކަމުންދިޔައެވެ. ކަނޑުގެ ލޮނުގަނޑުގެ ތެރެއިން ނަަގައިގެން އައްމާރު ހޮސްޕިޓަލަށް ގެނެވި ހޮސްޕިޓަލްތެރޭ ފުލުހުން ހަރަކާތްތެރިވަމުންދާ މަންޒަރު ވަގުތުން ދުރަށް ދައްކަމުންދިޔައެވެ. ނޫސްވެރިންނާއި އާންމު އެހިސާބަށް އެއްވެ ހޮސްޕިޓަލް ތޮއްޖެހެމުންދާތީވެ އެ މީހުން ދުރަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ކުރަމުންދިޔައެވެ. އައްމާރުއަށް ފަރުވާދެމުންދާ ބައިގައި ފުލުހުން ސަފުޖަހާލައިގެން ތިބީ އެހެން މީހަކަށް ނުވަދެވޭނޭ ފަދައަކުންނެވެ.
“އާދެ…. ދާދި ދެންމެއަކު އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާގޮތުގައި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ ފަރާތް އައްމާރު ފުލުސް އޮފީހަށް ގެންދިޔުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުން… ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްްޖޭގެ އެންމެ މަޝްހޫރު ކުންފުނި ސިލްކްގެ ޗެއަރމަން އިސްމާއިލް އައްމާރު ހައްޔަރުކުރެވިފައިވަނީ 1998 ވަނަ އަހަރު ރާވައިގެން އޭރުގެ އޭ.އެޗް ފިނޭންޝިއަލްގެ ޗެއަރމަން އަޒްހާން ސުލްތާން އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި… މިކުށުގައި މީގެ ކުރިންވެސް ދެފަރާތެއް ހައްޔަރުކުރެވިފައިވޭ… މިގޮތުން އޭ.އެޗް.ފިނޭންޝިއަލްގެ އޭރުގެ ޖެނެރަލް މެނޭޖަރ އަޙްމަދު އިޝާރު ހައްޔަރުކުރެވިފައިވާއިރު ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ފުރަތަމަ ފަރާތްކަމުގައި އަލްހާން ސުލްތާންވަނީ ކޯޓުގެ އަޑުއެހުންތަކުގައި ކުށަށް އިއުތިރާފްވެފައި… ކުށް ސާބިތުވެފައިވާ އަލްހާންއަކީ ކުރީގެ އޭ.އެޗް.ފިނޭންޝިއަލްގެ ވައިސްްްްްް ޗެއަރމަންގެ އިތުރުުން ހާދިސާގައި ދުނިޔެ ދޫކުރި އަޒްހާން ސުލްތާންގެ އެއްބަނޑު އެއްބަފާ ބޭބެ…” ލައިވް ކަވަރޭޖްކުރިއަށް ދަމުންދިޔަވަރަކަށް ގެނެސްދެމުންދިޔަ ތަފްސީލްގެ އަޑު ވަކިހިސާބަކުން ކެޑިގެންދިޔުމާއިއެކު މިލީނާ ޑައިނިންރޫމްގައި ހުރެފައި ބޭރަށް ބޯދިއްކޮށްލިއެވެ. އޭރު ޓީވީ ނިއްވާލިގޮތަށް ލިވިންރޫމްގައި މަޑުކޮށްލުމެއްވެސް ނެތި ޔަޒްދާން ސިޑިން އަރައިގެންދަނީއެވެ.
މިލީނާގެ މޫނުމަތީގެ ކުލަވަރުު ބަދަލުވެގެންދިޔަ ހިނދުކޮޅު އަނގައިން ބަހެއް ބޭރުވެދާނެއަތީ ދެތުންފަތް ފިއްތާލިއެވެ. މިވަގުތަކީ ޔަޒްދާންއާއި ވާހަކަ ދައްކަން އެންމެ މުނާސަބު ވަގުތުނޫންކަން އޭނައަށް އިނގެއެވެ. ހައިލާއާއި ބައްދަލުކުރަން ވިންޓަރ ބްރީޒްއަށް ދިޔަދުވަހަށްފަހު ޔަޒްދާންއަށް އައިސްފައިވާ ބަދަލުތައް މިލީނާއަށް ފާހަގަކުރެވިފައިވެއެވެ. އޭނަ ނުދަނެހުރިކަމަށް ހަދައިގެން ހުރިޔަސް ސަބަބަކީ ޝާދީންކަން ރަނގަޅަށް އިނގެއެވެ.
ހަމަޖެހިލައިގެން ޔަޒްދާންއާއި ވާހަކަަދައްކާލަންދާން ނިންމަމުން މިލީނާ އޭނަ ކުރަން ހުރި މަސައްކަތަށް އަލުން އެނބުރުނެވެ.
ކޮޓަރިއަށް ވަތްގޮތަށް އެއްޗެހި ބަދަލުކޮށްލުމެއްވެސް ނެތި ޔަޒްދާން އެނދުމައްޗަށް ވެއްޓިގަތެވެ. ކުރިމަތިވަމުންދާ ކަންތަކުން އޭނަގެ ތަބީއަތު ނުހަނު ބޮޑަށް ގޯސްވެފައިވެއެވެ. ކޯޓްރޫމްގައި ހިނގި ކަންތަކަށްފަހު ގެއަށް އައުމާއިއެކު ކަންފަތުގައި ޖެހުނު އަޑަކުން އޭނަގެ އިހުސާސްތައް ދައްކާނުލައެއް ނުހުރެވުނެވެ. އަބަދާއި އަބަދު ހަބަރުތަކުންނާއި ނޫސްތަކުން އަލްހާންގެ ނަން ފެންނަން ފެށުމުން އޭނައަށް އުނދަގޫކަމެއް އިހުސާސްވާން ފަށައިފައިވެއެވެ. އެއިން ކޮންމެފަހަރަކު އޭނައަށް ވިސްނެނީ އެކަމުން ޝާދީންގެ ހިތަށް ކުރާނޭ އަސަރާއިމެދުގައެވެ. އަދި ޝާދީންގެ ޖުމްލަތައް ކޮޅިގަނޑެއްގެ ސިފައިގައި އޭނަގެ ސިކުނޑީގެ ހަމަޖެހުން ނަގާލާގޮތުން ކަމަކަށް ސަމާލުކަންދޭން ދަތިވެފައިވެއެވެ. އޭނަ ވަކާލާތުކުރަމުންދިޔަ މައްސަލައިގައި ކުރިއަރަމުންގޮސް މިއަދު ބަލިވީ އެދެވޭ ސަމާލުކަން ނުދެވިގެންނެވެ. އެހެންމީހުންގެ ހައްޤަށް ވަކާލާތުކޮށްދެމުންދާއިރު ހުދު އޭނަވެސް ހުރީ އަމިއްލަ ހައްޤު ރައްކާތެރި ކުރެވޭފަދަ ހާލެއްގައެއްނޫނެވެ. އެހެންމީހުންނަށް އަޑު އުފުލައިދެމުންދާއިރު އޭނަގެ ހިތުގެ އަޑު ޝާދީންއާއި ހަމަޔަށް ގެންގޮސްދޭނޭގޮތެއް އޭނައަށް ނޭނގިފައިވެއެވެ.
ލަސްލަހުން ވަގުތައް ފާއިތުވެގެންގޮސް އިރުއޮއްސިގެންދިޔުމާއިއެކު ޔަޒްދާން އެނދުން ތެދުވެ ފަނޑު އައްޔަކުން ކޮޓަރިތެރެ ދިއްލާލިގޮތަށް ބެލްކަންޏަށް ނިކުމެލިއެވެ. ރަތްވިލާތަކުގެ މައްޗަށް ކަޅުކަން ގަދަވަމުން އައި މަންޒަރު ދެކެންހުރެފައި އަމިއްލަ ނަފްސު މައިތިރިނުކުރެވިގެން ޔަޒްދާން ބެލްކަނީގެ ރެއިލިންއަށް އެތިފަހަރެއް ބޭލިއެވެ. ރެއިލިންގައި ހިފާލެވިފައިވާ އަތަށް ބާރުކޮށްލަމުން ކަށިކޮށް ފަޅާފައިވާ ތުނބުޅީގައި އަތް ހިންގާލިއިރު އެ މޫނުމަތިން ކަމަކާއި ވިސްނާކަމުގެ އަސަރާއިއެކު ލޮލުން ރިހުމެއް ފާޅުވިއެވެ. އެކަނިހުރެ އަމިއްލަ ހިތާއި ޔަޒްދާން ޝަކުވާކުރިއެވެ. އެހެންމީހަކު ކުުރި ކުށެއްގެ ސަޒާ މިހާ ހިތިގޮތަކަށް އޭނައަށް ލިބެންވީ ކީއްވެހެއްޔެވެ؟ އޭނައާއި މެދު ނުވިސްނާވަރަށް ޝާދީން ދުނިޔެއާއިމެދު ވިސްނަނީ ކީއްވެހެއްޔެވެ؟
“ޝަވާ… ކީއްވެ އެހެންމީހުންގެ ކުށްތައް އަހަރެމެންގެ ލޯތްބަށް ހުރަސްއަޅަނީ… އަހަރެން އެނބުރިއައުމާއިއެކު ޝަވާ ދުރަށްދާން ބޭނުންވީ ކީއްވެ… ޔޫ ހޭވް ޓު ކަމް ބެކް މައި ލަވް….” ޔަޒްދާން ވޭނީގޮތަކަށް ލޯމަރާލިއިރު ކަރުނަތައް ކޯތާފަތް މަތީ ރޮނގަކަށް ފިރުކެންފެށިއެވެ. އިރުކޮޅަކަށް އަނދިރިކަމަށް ގެނބެމުންދިޔަ ފަޒާއަށް ނަޒަރުހުއްޓާލެވުމާއިއެކު އޭނަގެ ހަޔާތާއި މެދު ވިސްނާލެވިފައި ހިތަށް ނޭނގޭފަދަ އުނދަގޫތަކެއް ލިބުނެވެ. އިރުގެ ރަންދޯދިތައް ފުހެވެމުންދިޔައިރު ހަނދުނާރާތީ އުޑަށް ވެރިވަމުންދިޔަ ފަޅުކަމުން ޔަޒްދާން އިތުރަށް މާޔޫސްކުރުވިއެވެ. ޝާދީން އޭނައާއި ދުރަަށްދާން މަސައްކަތްކުރުމަކީ އޭނަގެ ހިތަށް ހާދަ ތަދުކުރުވާ ކަމެކެވެ. އޭނަ ކެތްކުރާނީ ކިހިނެތް ހެއްޔެވެ؟
އެއްފަރާތަށް ކަހާލެވޭ ބެލްކަނީގެ ދޮރު ކަހާލުމަށްފަހު މިލީނާ ބެލްކަންޏަށް ނިކުތީ ޔަޒްދާން އެގޮތުގައި ހުއްޓައެވެ. ރެއިލިންގައި ހިފަހައްޓައިލައިގެން ދުރަށް ނަޒަރު ހުއްޓައިލައިގެން ބުދެއް ފަދައިން ހަރަކާތެއްނެތި ޔަޒްދާން ހުރިތަން ފެނިފައި މިލީނާގެ ހިތުގައި ރިއްސާލިއެވެ. އެރީތިލޮލުން ކަރުނަ ހިކިފައިވިޔަސް ކޯތާފަތުގައި ތާޒާކަމާއިއެކު ފެންނަން ހުރި ކަރުނައިގެ ރޮނގު ފެނިފައި ހިތަށް ބާރުވެގެންދިޔަފަދަ އިހުސާސެއް މިލީނާއަށް ކުރެވުނެވެ.
“ދަރިފުޅާ ދާން…” މިލީނާގެ އަޑުކުރެހިގެންދިޔައެވެ. މިލީނާގެ އަޑަށް ޔަޒްދާން ފަސްއެނބުރި ބަލާލިއިރު ދިރިއުޅުމުގެ މައިދާނުގައި އޭނައަށް ލިބެމުންދާ ވޭނާއި ހިތުގައި އުފެދިފައިވާ ޝަކުވާތައް އެ ރީތި ދެލޮލުން ހުރީ ސާފުކޮށް ފެންނާށެވެ. އެ ނަޒަރުން އެކަނިވެސް މިލީނާ ފެންކަޅިކޮށްލިއެވެ.
“ދަރިފުޅު… ކިހިނެތްވީތަ؟ މަންމައަށް އިނގޭ ދާން ކޮންމެވެސް ކަމަކާއި ދެރަވެފައި ހުންނަކަން…” ޔަޒްދާންއާއި ގާތަށް ފިޔަވަޅެއް އަޅާލަމުން މިލީނާ ޔަޒްދާންގެ އަތުގައި ހިފަހެއްޓިއެވެ. ވޭތުވެގެންދިޔަ ދުވަސްތަކުގައި ޔަޒްދާންގެ މޫނުމަތީން ފެންނަމުންދިޔަ ކުލަވަރުތަކުންވެސް ޔަޒްދާންގެ ހިތާމަތައް މިލީނާއަށް ފާހަގަކުރެވިފައިވެއެވެ.
“ކަމެއްނުވޭ…” ޔަޒްދާންގެ ލޮލުން ފެނުނު ހުސްކަމާއިއެކު ދުރުބަލާލިއެވެ. އޭނަގެ ހިތުގެ ފަސާނާ އެހެންމީހަކަށް އިއްވުމުގެ އޮތީ ކޮންބޭނުމެއްހެއްޔެވެ؟ އެހިތަށް ފަރުވާދީ ހަމަޖެހުމެއް ހޯދައިދެވޭނޭ ފަރާތެއް ޝާދީން ނޫނީ ނެތެވެ.
“ތިހެން ބުނެގެން މަންމަ ޤަބޫލުކުރާނެހެން ދަރިފުޅަށް ހީވަނީތަ؟ ދަރިފުޅުގެ އެއްވެސް ކަމެއް މަންމައަށް ސިއްރުކުރެވިދާނެތަ؟ މިމަންމަގެ ބަނޑުއަޅައި ނުވިހިޔަސް ދަރިފުޅަކީވެސް ޔާންފަދައިން މަންމަގެ ދަރިއެއް… މިންނުގެ ހަމައެކަނި ނިޝާން… މަންމާއޭ ކިޔާފައި އެންމެ ފުރަތަމަ ގޮވާލި ކުއްޖަކީ ތިއީ… މިމަންމަގެ އަތުތެރެއަށް ފުރަަތަމަ ލީ ފުރާނަ… ވީއިރު ތިގޮތަށް ހިތާމަކުރާތަން ދެކެން މަންމައަށް ކެތްވެދާނެތަ؟” މިލީނާގެ ލޮލުގައި ވިދަންފެށި ކަރުނަަތަކާއިއެކު އެއްއަތްއުފުލާލަމުން ޔަޒްދާންގެ މޫނުގައި ހިފާލިއެވެ. އޭނަގެ އަތުގެ ތެރެއަށް ޔަޒްދާންގެ ކުޑަކުޑަ ހަށިގަނޑު ލެވުނުދުވަސް މިއަދުވެސް އޭނަގެ ލޯމަތީން ފެންނަކަހަލައެވެ. ޔަޒްދާންގެ ފުރަަތަމަ ނޭވާ ދުނިޔެއަށް ލީވަގުތަކީ މިންހާގެ ފަހު ނޭވާ މިދުނޔެއަށް ދޫކޮށްލި ވަގުތުކޮޅެވެ. އެ ތުއްތު ރުއިމުގެ އަޑުން ހަމަޖެހުން ލިބިގަންނަމުން އަބަދުގެ އަބަދަށްޓަކައި މިންހާ ލޯމަރާލީ އޭނަ ދުނިޔެއަށް އުފަންކުރި ނިޝާން ދައްތައާއި ހަވާލުކޮށްފައެވެ. މިންހާގެ ވަކިވުމުން މިލީނާގެ ހިތަށް ލިބުނު ހިތާމަ ކުޑަކޮށް ކުޑަކޮށްދިނީ އެތުއްތު ފުރާނައެވެ. އެއީ މިދުނިޔޭގައި ހުރި މިންހާއާއި ޔަޒީންގެ ހަމައެކަނި ނިޝާނެވެ. ދުނިޔެދޫކޮށްފައިވާ ޔަޒީންގެ ރަމްޒެވެ.
“މަންމާ އަޅުގަނޑު ހަދާނީ ކިހިނެތްތަ؟ ކީއްވެތަ ދިރިއުޅުން މިހާ އުނދަގުލީ… އެހެންމީހުން ކުރާ ކުށުގެ ބަދަލު އަޅުގަނޑުމެން ނަގަންޖެހުމަކީ އިންސާފެއްތަ؟ ކީއްވެ ދުނިޔެއަށް ނުވިސްނެނީ… އެހެންމީހުންގެ ހިތާމަތައް ވަޒަންނުކުރެވެނީ…” ޔަޒްދާންގެ އިޙުސާސްތައް އެހާ ފާޅުކަން ބޮޑުގޮތެއްގައި އެހެންމީހަކަށް އިއްވާލި ފުރަތަމަ ފަހަރެވެ. ހިތްފަޅައިގެންދާވަރުވީއިރު އިހުސާސްތައް ސިއްރުކުރަން ނުކުޅެދުނީއެވެ. އަމިއްލަ ތަގުދީރާއިމެދު ޝަކުވާކުރެވުނުއިރު ހައްތަހާބޮޑަށް ރޮވުނީއެވެ. އޭނައަށް ލޯބީގައި މިހެންވާންވީ ކީއްވެހެއްޔެވެ؟
“ދަރިފުޅު ސާފުކޮށް މަންމައަށް ކިޔައިދީބަލަ… ދަރިފުޅު ތިދައްކަނީ ޝާދީންގެ ވާހަކަތަ؟ ބައްޕަ ވިދާޅުވިޔަސް ދުރަށްދާން ނިންމީ ދަރިފުޅެއްނު… އެއީ ޝާދީންއަށް އެންމެ ރަނގަޅުގޮތްކަމަށް ދާންވެސް ޤަބޫލުކުރީނު… މިއަދު ކިހިނެތްވީތަ؟ މިލީނާ ހުރީ ބުނާނެ އެއްޗެއް ނޭނގި ހާސްވެފައެވެ.
“މަންމާ…. އޭރު ކަންތައް އޮތްގޮތުން ދުރަށްދާން ބޭނުންވީ… ޝަވާދެކެ ލޯބިނުވާތީއެއްނޫން… ޝަވާގެ ހިތްހަލާކުކުރަން ބޭނުންނުވާތީ އެގޮތަށް ކަންތައް ކުރަން ބޭނުންވީ… އެކަމަކު އަޅުގަނޑު އަދިވެސް ޝާދީންދެކެ ލޯބިވޭ… މަންހަލްއާއިއެކު ދިރިއުޅުމެއް ފެނިދާނެކަމަށް ހީކުރިޔަސް ޝާދީންއާއިމެދު ނޫނީ ވިސްނޭ އެންމެ ވަގުތުކޮޅެއްވެސް ނާދެ… އިނގޭ މިއީ ރަނގަޅުގޮތެއްނޫންކަން… މިކަމަށް މަންހަލް މަރުހަބާ ނުކިޔާނެކަން… އެކަމަކު މަންމާ… އަޅުގަނޑު މިއަދު ޝާދީން ބޭނުން… އިތުރަށް މިގޮތަށް އުޅެން ހަދައިގެން އަޅުގަނޑުގެ ދިރިއުޅުން ހަފުސްވާނީ…” ޔަޒްދާން މިލީނާގެ މޫނަށް ބަލާލިއިރު އެ ލޮލަށް ބޮޑިވަމުން އައި ކަރުނަތަށް ފެނި މިލީނާގެ ހިތަށް ތަދުކޮއްލިއެވެ. ޝައްކެތްނެތް މިންވަރަށް ޔަގީންވެފައިވިޔަސް ޔަޒްދާންގެ ކޮންމެ ޖުމްލައަކީ މިލީނާއަށް ލިބުނު ސިހުމެކެވެ.
“ތިކަމާއިމެދު މަންމަ ބުނާނީ ކީކޭ… ދަރީންގެ ހަޔާތަށް މަންމައާއި ބައްޕަ ނުފޫޒް ނުފޯރުވާނެކަން އެންމެ ރަނގަޅަށް އިނގޭނީ ދަރިފުޅުމެން ދެކުދީންނަށް… މަންމަމެންނަށް އަބަދުވެސް މުހިންމުވާނީ ދަރިންގެ އުފާ… އެކަމަކު ދަރިފުޅު ވިސްނަންވާނެ… ދާންގެ ހަޔާތުގައިވެސް އަންހެންކުއްޖަކު ހުރިކަން… މަންހަލްއަށް އެންގުމެއްނެތި ދަރިފުޅު ތިފަދަ ފިޔަވަޅެއް ނަގާކަށް މަންމައަކަށް ޤަބޫލެއް ނުވެވޭނެ… ގޮތެއްނިންމަންވާނީ ދެކުދީން ވާހަކަދައްކައިގެން… ދާންގެ ހަޔާތަށް ކޮންމެ ކުއްޖަކު އަޔަސް މަންމަ އުފަލާއިއެކު އެކުއްޖަކު ޤަބޫލުކުރާނަން…” މިލީނާ ނުހަނު ވިސްނުންތެރިކަމާއިއެކު ވާހަކަދައްކަމުން އައިސްފައި ޔަޒްދާންގެ ބޮލުގައި ފިރުމާލިއެވެ. އެ ޖުމްލަތަކަކީ މިލީނާގެ ނަޒަރުގައި ޔަޒްދާންއަށް ހިތްހަމަޖެހުމަކަށްވިޔަސް މާޔޫސީގޮތަކަށް ޔަޒްދާން ދުރުބަލާލިގޮތުން މިލީނާގެ މޫނަށް ތަފާތު ކުލަވަރެއްވެރިވިއެވެ.
“މަންމާ ޝަވާ ބޭނުމެއްނުވޭ އަޅުގަނޑު ގާތަށް އަންނާކަށް…” ޔަޒްދާންގެ އަޑުގައިވީ ހިތްހަލާކުވެފައިވީ ކަމުގެ އަސަރުތަކެވެ.
“އެއީ ކީއްވެތަ ދަރިފުޅާ…” މިލީނާ ސުވާލުކުރިއެވެ.
“އަލްހާންގެ ކަންތަކުގައި އަމިއްލަ ނަފްސުކުށްވެރިކޮށްގެން ޝަވާ އެ ހުންނަނީ… އެދުވަހު ދޫކޮށްލައިފައި ދެވުނީތީ އެކަމަށް ދުވަހަކު ޝަވާ މައާފެއްނުދޭނެ… މައާފަށް އެދެވުނުވަރެއް އިތުރު ފުރުސަތަކަށް އެދެވުނު ވަރެއްވެސް ނޭނގެ…. އެކަމަކު ޝަވާ ދުރުން އުޅެން ބޭނުންވާހެން ހީވަނީ… މަންމާ… އެދުވަހު އެގޮތަށް ކަންތައްކުރެވުނީމާ ދެން ދުވަހަކު އުފަލެއް ނުލިބޭނީތަ؟ ކީއްވެ މިލޯބި އެހާ އުނދަގޫ ލޯތްބަކަށްވީ…” ޔަޒްދާން ފަހަތަށް އެނބުރިލަމުން މިލީނާގެ ކޮނޑުގައި މޫނު ފޮރުވާލިއިރު ކަރުނަތަކުން މިލީނާގެ ހެދުން ތެމިގެންދިޔައެވެ. ދަރިފުޅުގެ މިހިތާމަ ފެނި މިލީނާވެސް ހިތްހަލާކުވާވަރުވިއެވެ. ޔަޒްދާންގެ ކަރުނައަކީ މިލީނާ އަބަދުވެސް އެންމެ ހިތަށް ދަތިކޮށްލާ އެއްބައެވެ. ޝާދީންއަށްފަހު ޔަޒްދާން އަބަދުހެން ހިތާމައިގެ އުޅުނުތަން އެންމެ ގާތުން ފެނިފައިވުމުން މިލީނާއަށް އޭގެ ފަހުން އެ ލޮލުން ކަރުނަ ދެކުން ހިތަށް ކެތްނުވާވަރު ކަމަކަށް ވެފައިވެއެވެ.
“ވެގެންދިޔަ ހުރިހާކަމަކުން އެންމެ ބޮޑު ހިތާމައެއް ލިބޭނީ ޝާދީންއަށް… ކާކު ހީކުރާނީ އަލްހާން އެވަރުގެ ކަމެއްކޮށްފާނެއޭ… އަދި އެވެސް އަމިއްލަ ކޮއްކޮއަށް… އެހެންމީހުންނަށްވެސް ޤަބޫލުކުރަން ދަތިވާއިރު ޝާދީންއަށް އަދި ކިހާ އުނދަގޫވާނެ ދަރިފުޅާ… މުދަލާއި ފައިސާއަކީ ހަމަ އިންސާނާގެ ހަލާކު… މިނަށްވުރެ ދުނިޔޭގެ އެދުމަށް ހޭބަލިވެއްޖެ މީހަކު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ… ކޮންފަދަ ނަސީބެއް އަހަރެމެންގެ ޒެލްއަށް އެމީހުން ކަމެއްނުކުރިކަން… ދަރިފުޅާ… އިންސާނާ ކިތަންމެ މޮޅަށް ޕްލޭންކުރިޔަސް ތަޤުދީރުގެ ރޭވުމާއި އެއްގޮތަށް ނޫނީ އެއްވެސްކަމެއް ނުވޭ… އަލްހާންއާއި އިޝާރުގެ ހަރުކަށިކަމާއިއެކު އެމީހުންގެ ދަރީންނަށް މަންމަގެ ދެކުދީން ކަމުދިޔުން އެކަމުގެ ހެއްކަކަށްނުވޭތަ… ދެއާއިލާގެ ރުޅިވެރިކަމަށް ނިމުމެއް އޮތީތީ ދަރިފުޅާއި ޝާދީން އަދި ޔާންއާއި ޝަލީން ކޮންމެވެސް ސިފައެއްގައި ގުޅުނީ… މަންމަމެންގެ މާޒީ ދަރިފުޅުމެންގެ ދިރިއުޅުމަށް ނިވާއެޅީ…” މިލީނާގެ ދެއްކި ވާހަކައިގެ އިބްރަތްތެރިކަން ނަގައިގަނެވިފައި ޔަޒްދާންގެ ލޮލުން ކަރުނައައެވެ. ކިތަންމެ ބާރުގަދަ މުށްބާރު މީހަކަށްވެސް ދުނިޔެ ކޮންޓްރޯލްކުރުމުގެ ބާރުވެރިކަން ލިިބިފައެއްނުވެއެވެ. ތަޤްދީރަކީ އެއްވެސް އިންސާނަކަށް ބާރުފޯރުވޭނޭ އެއްޗެއްނޫނެވެ. އިންސާނާ ބޮޑާއިކަމާއިއެކު ލިބިފައިވަނީ ނުހަނު ކުޑަ ބާރުވެރިކަމެވެ. ހިތާމައަކީ އަމިއްލަ ނިކަމެތިކަމާއިއެކުވެސް ނަފްސުގެ މައްޗަށް ބޮޑާކަން އިސްކޮށް އިންސާނުން ހަލާކަށްވެއްޓޭތީއެވެ.
“ދަރިފުޅު ޝަވާ ގެނޭ… ދަރިއެއްގެ ގޮތުގައި ޝަވާ ޤަބޫލުކުރަން މަންމަ ތައްޔާރަށް މިހުރީ… އަލްހާން ކުރިކުށެއްގެ ޝަޒާ ދަރިއަކަށްވީީތީއޭ ކިޔާފައި ޝާދީންއަށް ދޭހާ ނުވިސްނޭ މީހެއްނޫން މަންމައަކީ…” މިލީނާ ޔަޒްދާން ގެނެސް މޭގައި ޖައްސާލަމުން އެއަތުގައި ހިފަހައްޓާލިއެވެ.
“މަންމަ ބުނިހެން ޝަވާ ގެންނަން ބޭނުން… އެކަމަކު މިވަގުތު ޝަވާ ބޭނުންވާވަރަށް ވަގުތު ދޭން އަޅުގަނޑު ބޭނުމީ… ޝަވާ އެނބުރި އަންނަންދެން އިންތިޒާރުކުރާގޮތަށް އަޅުގަނޑު މިހުރީ…. ކިތަންމެ ދުވަހެއްވިޔަސް… ޝަވާ ބޭނުންވާ ދުރުމިންދިނަސް ދެން ޝަވާ ދުރަށްދިޔަކަ ނުދޭނަން…” ކަރުނައިގެ ތެރެއިންވެސް ޔަޒްދާންގެ ލޮލުން ދިރުމެއްފެނިލިއެވެ.
މިލީނާ ދިޔުމާއިއެކު ޔަޒްދާން އިސްއުފުލާލަމުން ބޯމައްޗަށް ނިވާއަޅާފައިވާ އުޑަށް ނަޒަރު ހުއްޓާލިއެވެ. މަޑުމަޑުން ރަތްކަން ކެނޑެމުންދިޔަ ވިލާތަށްވެސް ޝާދީން މަތިން ހަނދާންކޮށްދިނެވެ. މޮޔަވާހާ ރީތިކަމާއި އެ ފުރިހަމަކަން ލޮލަށް ސިފަކޮށްދިނެވެ. ޖެހެމުންދިޔަ ވައިރޯޅިތަށްވެސް އެ ހަށިގަނޑުގެ ލުއި ލުއިވަސް ޔަޒްދާންއަށް ގެނެސްދެމުންދިޔަފަދައެވެ. ކަންފަތުގައި އެ ފޮނި އަޑު ގުގުމަމުންދިޔަފަދައެވެ. ހުރިހާކަމެއް އަދި އެއްޗެއް ޔަޒްދާންއަށް މާޒީގެ އެ ފޮނި ފޮނި ހަނދާންތަށް އާކޮށްދިނެވެ. ޝާދީން މޫނު ސިފަކުރަމުން ޔަޒްދާން އެސްފިޔަތައް ލައްޕާލިއެވެ.
*** *** *** *** *** ***
ކޯޓުގައި ބޭއްވުނު ފުރަތަމަ އަޑުއެހުމަށް ރިހާނާ ހާޒިރުކުރެވުނު ދުވަހެވެ. ކޯޓުގެ ދޮރުމައްޗަށްވާގޮތަށް މަޑުކޮށްލި ފުލުހުންގެ ވެހިކަލުން ރިހާނާ ބޭލުވިގޮތަށް ދެފުލުހަކު އައިސް ރިހާނާގެ އަތުގައި ހިފަހެއްޓިއެވެ. އޭނަގެ އަތުގައި ކުރިމައްޗަށްވާގޮތަށް ބިޑިއަޅުވާފައިވާއިރު ލައިގެން ހުރި ޖަލު ޔުނީފޯރމުގެ ސަބަބުން އޭނަގެ ވަރުގަދަ ޝަޙްސިއްޔަތަށް ފަޑުކަމެއް އައިސްފައިވެއެވެ. އިސްތަށިގަނޑުވެސް ތަރުތީބެއްނެތި ހޭވިފައިއޮތް މޭކަޕުން އޮމާންކަން ގެނެސްދީފައިވާ ހަންގަނޑުގައިވީ ކުރަކިކަމެވެ.
ފުލުހުންގެ ވެހިކަލްއިން ރިހާނާ ފޭބުމާއިއެކު އެވަގުތަށް އިންތިޒާރުކޮށްގެން ތިބި ނޫސްވެރިން ކެމެރާތަކާއިއެކު އެ ސަރަހައްދަށް އެއްވާންއުޅުނެވެ. އޭގެ ކުރިން ފުލުހުން އެސަރަހައްދު ބަންދުކޮށްލިއިރު ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުސަތުދިނުމެއްނެތި ދެފުލުހަކު ރިހާނާ ގޮވައިގެން ކޯޓަށް ވަންނަން ހިނގައިގަތެވެ. އޭރު ދައުވާކުރާ މާލަމަށް ހުއްދަ ދެވިފައިވާ ފަރާތްތަށް ވަންނަމުންދިޔައެވެ. އެއްބަޔަކު ކޯޓުގެ ބޭރުގައިވެސް މަޑުކޮށްލައިގެން ތިއްބެވެ.
އެއްވެފައިވާ މީހުންގެ ފަރާތުން އިވެމުންދިޔަ ވިހަ ބަސްތަކަށް ބީރުކަންފަތެއްދެމުން ކުރިއަށްދިޔަ ރިހާނާގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައީ ލޯމަތީން ފެނުނު ސޫރައަކުންނެވެ. އޭނަގެ ބުމަގޮށްޖެހި މޫނުމައްޗަށް ރުޅީގެ އަސަރުތައް ފެތުރިގެންދިޔައީ ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. އޭރު މަޔާންއާއި ނުހަނު މުހިންމު ވާހަކައެއްގައި ހުރެފައި ހައިޒަލް ރިހާނާއާއި ދިމާލަށް ބަލާލީއެވެ. ރިހާނާ ވަގުތުން މޫނުކުނިކޮށްލަމުން ލޯހަނިކޮށްލިގޮތުން ހައިޒަލްގެ ހިތަށް ފޫހިކަމެއްވެރިވިއެވެ. އެއްމިޔަކަނި ކުޑަކޮށް ދަމާލަމުން އޭނަ ދުރަށް ބަލާލީ ރިހާނާގެ މޫނަށް ބަލަންވެސް ބޭނުންނުވެގެންނެވެ. އެއްއިރެއްގައި ރިހާނާގެ ފަރާތުން މައެއްގެ ލޯތްބަށް އެދިގެން އުޅެވުނީތީވެސް އޭނަ މިއަދު ހިތާމަކުރެއެވެ. ރިހާނާފަދަ އަންހެނަކަށް މައިވަންތަކަމުގެ އިހުސާސަކީ ކޯއްޗެއްކަމެއްވެސް ނޭނގޭނެއެވެ. ދުރުގައިހުރެގެންވިޔަސް ހައިލާ އޭނައަށްދިން ލޯތްބާއި ގާތަށްވެސް ރިހާނާއަށް ލޯތްބެއްނުދެވޭނެއެވެ. އެ މަންމަވަނީ އަމިއްލަ ލެއިން ދެފަހަރު އޭނަގެ ފުރާނަ ސަލާމަތްކޮށްދީފައެވެ.
ރިހާނާގޮސް ނިވާވިފަހުން ހައިޒަލް ދޮރާއިދިމާލަށް ނަޒަރުހުއްޓާލަމުން އަތުގައި އަޅާފައިވާ ގަނޑިއަށް ނަޒަރެއްދިނެވެ. އޭނަގެ އިންތިޒާރު ނިމުމަކަށް އަންނަކަން ހަނދާންވެފައި ހައިޒަލްއަށް ހިނިތުންވެވުނެވެ. މިއަދު އޭނަ ރިހާނާއަށް ދޭ “ސަޕްރައިޒް” އިން ރިހާނާ ހޭނުނެތިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ. އޭނައަށް އެވަގުތަށް އިންތިޒާރުކުރެވެނީކީ ނޫނެވެ. އޭނަ ނިންމައިގެން ހުރީ ރިހާނާ ކޯޓަށް ވަނުމުގެ ކުރީން އެވަގުތުކޮޅި ގެނައުމަށެވެ. ނަމަވެސް އެކަން ނައިނާއާއި ހަވާލުކުރަންޖެހުނީ އެހެންކަމެއް ކުރިމަތިވެގެންނެވެ. ޝަލީންއާއި މަޔާންގެ މައްސަލަގަނޑު އިނގުމަށްފަހު އެކުވެރިޔާއަށް އެހީވުން މުހިންމުކަމަކަށްވެފައިވެއެވެ.
ދައުވާކުރެވޭ މާލަމުގައި އެންމެ ހަމަޖެހި ޤާޒީ ދުރުވުމާއިއެކު ބިސްމީގެ ބަރަކާތުން ޝަރީއަތުގެ މަޖިލީސް ފެށިގެންދިޔައެވެ. ޤާޒީގެ ފަރާތުން ދެކެވުނު ވާހަކަކޮޅަށްފަހު މައްސަލައިގެން ކުރިއަށްދިޔުމުގެ އިޒުނަ ލިބުމާއިއެކު މަޔާން ތެދުވިގޮތަށް ބަހެެއްބުނުމެއްނެތި މާލަމަށް ވަދެވެން އިންނަ ދޮރާއި ދިމާލަށް ނަޒަރު ހުއްޓާލިއެވެ. އެހިމޭންހަރަކާތުން ހައިރާންކަން ފާޅުވި މޫނުތައް ދޮރާއި ދިމާލަށް އަމާޒުވެގެންދިޔަ ވަގުތު ދޮރު ހުޅުވިގެންދިޔައެވެ. އެއާއިއެކު ހައިޒަލްގެ އަތުގައި ހިފަހައްޓާލައިގެން ހުރެ މާލަމަށް ވަތް އަންހެންމީހާގެ މޫނު އެތަށްބައެއްގެ އަމާޒުފަށްގަނޑަކަށްވިއެވެ.
“ދައުވާ ފެށުމުގެ ކުރީން އަޅުގަނޑުކަމެއް ފާހަގަކޮށްލަން ބޭނުން… މިމައްސަލައިގެ ދައުވާ އުފުލާ ފަރާތްކަމުގައިވާ މުޙައްމަދު ހައިޒަލް އަޒްހާންއާއިއެކު މިހާރު ދުރުވާފަރާތަކީ މި ހާދިސާގައި ދުނިޔެދޫކޮށްދިޔަކަމަށް ނިންމާފައިވާ އެއްފަރާތްކަމުގައިވާ އޭ.އެޗް ފިނޭންޝިއަލް ހާދިސާގައި ނިޔާވި އަޒްހާން ސުލްތާންގެ އަނބިކަނބަލުން މަރިޔަމް ހައިލާ… ނިޔާވިކަމަށް ނިންމާފައިވާ މިފަރާތް ދިރިހުރިކަމުގެ ހަބަރު އަޅުގަނޑުމެންނަށް ލިބިފައިވަނީ ދާދި އިހަކަށްދުވަހު… އެހެންކަމުން އިއްޒަތްތެރިޔާ ޤާޒީއާއި ތި އެންމެހާ ފަރާތްތަކަށް މިކަން އަންގަން… އަދި ބައެއް އަމިއްލަ ސަބަބުތަކަށްޓަކައި އިތުރު މައުލޫމާތު މިވަގުތު ދެވެންނެތްވާހަކަ އަޅުގަނޑު ދަންނަވާލަން….” މަޔާންގެ ބަސްތަކުން އެތަނުގެ ތެރޭގައި ބޮމެއްގޮއްވާލެވުނުފަދައެވެ. ވަގުތުން މާލަންތެރެ ހަލަބޮލިވެގެންދިޔައެވެ. ދެމީހުން ދެމީހުން ވާހަކަދައްކަމުންދިޔައިރު ރިހާނާއަށް އިނދެވުނީ ހަރަކާތެއްވެސް ނުގެނެވިފައެވެ. މަޔާންގެ ބަސްތަކުން އޭނަގެ ސިކުނޑީގެ ހުރިހާ ނާރުތަކެއް ކެނޑކެނޑިގެން ދިޔަފަދައެވެ. ހަޤީގަތް ލޯމަތީން ފެނި ކަންފަތަށް އަޑުއިވުމަށްފަހުވެސް ހަޖަމްކުރާކަށް އޭނައަކަށް ނޭނގުނެވެ. މިވީހާތަނަށްވެސް ހައިލާ ދުނިޔޭގައި ހުރިކަމަށް އޭނައަށް ހީވިހީވުމަކީ ވަހުމެއްކަމަށް ރިހާނާ ޤަބޫލުކުރިއެވެ. އޭނަ އުއްމީދުވެސް ނުކޮށް ހުއްޓާ އެ ވަހުމް ތެދަކަށްވެގެން އައިސް އޭނައާއި ބައްދަލުކޮށްފިއެވެ.
އެކަމަކު އެހެންވާނީ ކިހިނެތްހެއްޔެވެ؟ ހައިލާގެ ފުރާނަނެތް މަސްގަނޑާއި މަރުސާބިތުކުރިކަމުގެ ލިޔުންވެސް ފެނުނީ އޭނައަށާއި އަލްހާންއަށެވެ. އެތައް ބައެއްގެ ހަށިތަކުގެ ތެރެއިން އަނދާފައިވާ ހައިލާގެ ހަށިގަނޑު ހޯދާ ފާހަގަކުރީ އޭނައާއި އަލްހާންވެގެންނެވެ. ގުދަނުގެ ކުރިމައްޗަށްވާގޮތަށް އޮތްތަން ފެނުނު ހަށިގަނޑާއި އޭނަ ހަވާލުވީއިރު އެތަނުން ފެނުނު ފަށަކީ އެއީ ހައިލާގެ ހަށިގަނޑުކަމަށް ބާރުދިން އެންމެ ބޮޑުހެއްކެވެ. ފުލުހުން އެފަށް އަލްހާންއާއި ހަވާލުކުރުމާއިއެކު އެއީ ހައިލާގެ ހަށިގަނޑުކަމާއިމެދަކު އަލްހާން ޝައްކެއްވެސްނުކުރިއެވެ. ސަލާމަތްވުމުގެ ތެރޭގައި އެފަށްކޮންމެވެސްގޮތަކުން ހައިލާގެ ހަށިގަނޑާއި ވަކިވީކަމަށް އޭނަ ޔަގީންކުރިއެެވެ. ނަމަވެސް މިއަދު ވާހަކަ ބަދަލުވެއްޖެއެވެ. މަރުވިކަމަށް ނިންމާފައިވާ ހައިލާ އަލުން ދިރިގެން އަތުވެއްޖެއެވެ.
މައްސަލައިގެ އަޑުއެހުން ކުރިއަށްދަމުންދިޔައިރުވެސް ރިހާނާގެ ނަޒަރު ހުއްޓިފައިވީ ހައިލާގެ މޫނަށެވެ. ޤާޒީއާއި ވަކީލްގެ ދައްކަމުންދިޔަ ވާހަކަތަކުން އެންމެ ބަހެއްހާ ހިސާބުވެސް އޭނަގެ ކަންފަތަކަށް ނުވަދެއެވެ. އޭނައަށް ނަޒަރުުހުއްޓާލައިގެން އިން ދަރިފުޅަށް ނަޒަރުދެވޭވަރަށްވުރެ އޭނަގެ ހާލު ބޮޑުވެފައިވެއެވެ. ފުރިހަމަ 21 އަހަރަށްފަހު ބިރުވެރި ހުވަފެނެއްފަދައިން އޭނަގެ އަދުއްވު އޭނަގެ ލޯކުރިމައްޗަށް އައިސް އޭނަގެ ދުނިޔޭގެ ދައުރުވުން ހުއްޓާލާފައިވާފަދައެވެ. ލޯމައްޗަށް ފެންނަމުންދާ މަންޒަރަކީ ތެެދެއްކަމާއިމެދު އޭނަގެ ހިތުގައި އަދިވެސް ސުވާލު އުފެދިފައިވެއެވެ.
އެއްގަނޑިއިރާއި ކުޑަވަގުތުކޮޅަކަށް ދެމިގެންދިޔަ އަޑުއެހުން ނިމި އެންމެން ކޯޓުން ނިކުތްވަގުތު މީޑިއާގެ މީހުންތައްވެސް އެ ސަރަހައްދަށްއެއްވިއެވެ. އިރުކޮޅެއްފަހުން ދެފުލުހަކު ރިހާނާ ނެރެގެން އަންނަތަން ފެނުމުން މީހުންގަނޑުގެ ތެރެއިން ފުރޭނިގެން ޝާދީން ފުލުހުންގެ ވެހިކަލްއާއި ގާތްވާން އުޅުނެވެ.
“މަންމާ….” ރިހާނާ ވެހިކަލްއަށް އަރުވަންއުޅެނިކޮށް ޝާދީން ބޭރުކޮށްލި ލަފްޒާއިއެކު ރިހާނާއަށް ފަސްއެނބުރިބަލާލެވުނީ އަމިއްލަ އިހުތިޔާރަކާއިނުލާއެވެ. އެއްވެފައިވާ މީހުންގެ ކުރިއަށް ޖެހި ރޮއެ ރޮއެ ހުރި ޝާދީން ފެނި ހިތްމަޑުވެގެންދާނެހެން ހީވި ވަގުތުކޮޅަކަށްފަހުވެސް ރިހާނާ މޫނުމަތީން ތަފާތު އަސަރެއް ދައްކައެއްނުލިއެވެ. އޭނަ އެވަގުތުވެސް ކަޅި ހިންގާލީ އެހެން ސޫރައެއްދެކެން ބޭނުންވެފައިހުރެއެވެ.
ރިހާނާގެ އެއަޅާލުންކުޑައަމަލުން ދެވަނަފަހަރަށްވެސް ލޮލުގެ ތެރެއަށް ކަރުނަތައް ބޮޑިކޮށްފާނެހެން ހީވުމުން ޝާދީންއަށް ތަކުރާރުކޮށް އެސްފިޔަޖަހާލެވުނެވެ. ރުއިމުގެ އަޑުބޭރުވެދާނެއަތީ އަތްނަގާ އަނގަމަތީ އަޅާލެވުނުއިރު އެ ޅަހިތް ފިސްފިސްވީފަދައެވެ. އެތަށްދުވަހެއްފަހުން މިއަދުވެސް މަންމަގެ ހަޔާތުން އޭނައަށް މަޤާމަށް ނެތްކަމަށް މަންމަ އަންގައިދީފިއެވެ. މަންމަގެ ލޯބި އޭނައަށް ހައްޤުނުވާން އޭނައަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟ ވޭތުވެދިޔަ ދުވަސްތަކުގައި މަންމަ ދެކިލަން ދެވުނު އަދަދެއްވެސް އޭނައަކަށް ނޭނގެއެވެ. އެއިންކޮންމެފަހަރަކުވެސް އޭނައަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. އޭނަ ފެންނަ ހިސާބަށް އަންނަންވެސް މަންމަ ދެކޮޅު ހެދީއެވެ.
ބަނޑުއަޅާ މައިމީހާއަށް ނުކުރި އަސަރެއް އެ މަންޒަރު ފެނިފައި ކުރީ ހައިލާއަށެވެ. އޭނަ ކުރިއަށް ޖެހުނުގޮތަށް ޝާދީން ގެނެސް މޭގައި ޖައްސާލަމުން އެފަން އިސްތަށިގަނޑުގައި ފިރުމަންފެށިއެވެ. އެވަގުތު އެދިމާލަށް އައި ރިހާނާ ފެނިފައި ހައިލާ އިސްއުފުލާބަލާލިއިރު އެލޮލުގައި ވީ އަސަރަކުން ހައިލާގެ ފުރާނަވެސް ރޫރޫއަޅައިގަތެވެ.
“ހައިލާ…. ކަލޭ މަރެއްވެސްނުވިދޯ… ކަލޭތީ އަހަރެންގެ ބަރުބާދީ… މިހުރިހާކަމެއްވާންޖެހުނީ ކަލެއާއިހެދި… އަހަރެން ކަލޭ މަރާލާނަން….” އޭނަގެ އަތުގައި ހިފަހައްޓައިގެން ތިބި ދެފުލުހުން ފޮޅުވާލިގޮތަށް މޮޔައެއްފަދައިން އަޑުގަދަކޮށްފައި ރިހާނާ ހައިލާގެ ގަޔަށް އަތްއިސްކުރަންއުޅުނެވެ. އޭނަގެ ދެއަތްއަތްތިލަ ހައިލާގެ ކަރަށް ފޯރުވަން އުޅެނިކޮށް އައިނައިތަނެއް ނޭނގި ހައިޒަލް އައިސް ރިހާނާގެ ދެއަތުގައި ހިފަހެއްޓިއެވެ.
“އަހަރެންގެ މަންމަ ގައިގައި އިނގީލީގެ ކުރި ޖައްސާލިޔަސް މަވަރުގެ ނުބައިމީހަކު ނުހުންނާނެ… އެވަގުތުން ފެށިގެން އަހަރެން ހަނދާންނައްތާލާނަން ތިއީ ދޮންތަގެ މަންމަކަން…” ވައަތުން ހިފަހައްޓާ ބާރުކޮށްލެވިފައިވާ ރިހާނާގެ ދެއަތް ފަހަތަށް އެއްލިއިރު ހައިޒަލްގެ އަޑުގައިވީ އިންޒާރެވެ. އެވަގުތު ރިހާނާއާއި ހަވާލުވެގެންތިބި ދެފުލުހުން އައިސް ރިހާނާ ހިފަހެއްޓިއެވެ. އޭރު ޝާދީންވެސް ހުރީ ހައިލާއާއި ދުރުވިގޮތަށް ރިހާނާއަށް ދިމާލަށް ބަލަހައްޓައިގެން ބުނާނޭ ބަހެއްނެތިފައެވެ.
“މަންމާ ހެޔޮނުވާނެ… ކިހާވަރެއް ކޮށްގެން މަންމަ ހިތްފުރޭވަރުވާނީ… ކުރެވުނު ފާފަ ކުޑަވެގެންތަ ދެވަނަ ފަހަރު މީހަކު މަރަން ހިތަށް އެރުވީ… ﷲ ގެ އަޒާބަށް ބިރުވެތިވެސްނުވަނީތަ… އަހަރެން މިއަދު ދެރަވޭ ތިއީ އަހަރެންގެ މަންމައަށްވީތީ… މަންމަގެ ސަބަބުން އަހަރެން މުސްތަޤުބަލު ބަނަވެއްޖެ… މިއީ މަޔަކަށް ދަރިއަކަށް ދެވޭނެ އެންމެ ރަނގަޅު ހަދިޔާތަ؟” އެތަށްދުވަހެއްވާންދެން ހަނުހުރުމަށްފަހު ހިތުގެ އިހުސާސްތައް ދުލާއިހަމަޔަށް ޝާދީންގެނައެވެ. ރިހާނާއާއި އަލްހާން އޭނަގެ މައިންބަފައިންނަށްވުމަކީ އަބަދުހެން އޭނަގެ ނަފްސު އެތަށް މަަރަކުން ޤަތުލްކުރާ ހަޤީގަތަށްވެގެން ހިނގައްޖެއެވެ. ޖަލުގެ ތޭރިތަކުން ރިހާނާގެ ކަޅު ހިތަށް އަލިކަމެއްލިބޭނޭކަމަށް އޭނަ އުއްމީދުކުރިއެވެ. ނަމަވެސް ރިހާނާގެ ޝަޙްސިއްޔަތަށް ބަދަލުވުމެއްނެތްކަން އެތަށްދުވަހެއްފަހުންވެސް ރިހާނާ ސާބިތުކޮށްދީފިއެވެ. އިމާންކަމުގެ ނޫރުން އުޖާލާވެގެންދާވަރަށްވުރެ ރިހާނާގެ ނަފްސުވަނީ ޖާހިލުވެފައެވެ. ދުވަހަކު ތެދުމަގު ނުލިބޭނޭވަރަށް އެ ނަފްސުވަނީ ކުށްތަކުން ނުތާހިރުވެފައެވެ. އޭނަގެ ސިކުނޑީގައި ދިރިއުޅެމުންދާ ޝައިތާނާ ރިހާނާގެ ހިތާއި ނަފްސު ގައިދުކޮށް އެ ހަށިގަނޑު މިލްކުކޮށްފައިވެއެވެ.
*** *** *** *** *** ***
ވަރީގެ ހުރިހާކަމެއް ނިމި ޖަސްޓިސް ބިލްޑިންގްއިން ނިކުތުމާއިއެކު ހައިޒަލްއާއި ޝަލީންގެ ނަޒަރު ބައްދަލުވިއެވެ. އެތައްދުވަހަަކަށްފަހު އެދެމެދަށް ވެރިވެފައިވާ ހިމޭންކަމާއިއެކު ހައިޒަލްއަށް ޝަލީންގެ ފުށުން އިހުސާސްވީ ބީރައްޓެހިކަމެވެ. ހައިޒަލްގެ މޫނަށް ނަޒަރު ބެހެއްޓިވަގުތުކޮޅަކަށްފަހު ޝަލީން ބަހެއްބުނުމެއްނެތި އިސްއޮބާލިގޮތަށް ތިރިއަށް ބަލަންފެށިއެވެ.
“ހިނގާ އަހަރެން ގެއަށް ގެެންގޮސްދޭނަން…” ޝަލީންއާއި ދިމާލަށް ބަލަހައްޓައިގެން ހުރި ވަގުތުކޮޅަކަށްފަހު ހައިޒަލް ހުށަހެޅިއެވެ. މަޔާންގެ ފަރާތުން އިވުނު ވާހަކަތަކަށްފަހު ޝަލީންއާއި ވާހަކަދައްކަން އޭނަ ބޭނުންވެފައިވެއެވެ. އަތުގައި އޮތް ވަރީގެ ސެޓްފިކެޓްއަށް ދެއަތުން ބާރުކޮށްލައިގެން ހުރެ ޝަލީން ބޯޖަހާލިއެވެ. ވަގުުތުގެ ގޮތުން ހައިޒަލްއާއި އެކީ އެކަހެރިވާން ބޭނުންނުވިޔަސް އޭނައަށް ހުއްޓެމުންދާ ނަޒަރުތަކުން ސަލާމަތްވާން ޝަލީން ބޭނުންވެފައިވެއެވެ. އެހާ ފަސޭހައިން އޭނަ އެއްބަސްވީ ސަބަބަކީ އެއީއެވެ.
ހައިޒަލްގެ ފަހަތުގައި ހުރެގެންގޮސް ޕާރކިން ޒޯންގައި އޮތް ކާރަށް ޝަލީން އެރުމާއިއެކު ހައިޒަލް ކާރުދުއްވާލިއެވެ. ހައިޒަލްއާއި ދިމާލަށް ބަލާލި ހިނދުކޮޅަކަށްފަހު ޝަލީން ކާރުގެ ވިންޑްސްކްރީންގައި މޫނު ޖައްސާލިއެވެ. އެއްއަތުން ކަރުނަ ފުހެލިއެވެ. ހައިޒަލްއާއި މަޔާންއާއިމެދު އޮތްގުޅުން މިހާ ހިސާބުން ކެނޑިގެންދިޔައީކަމަށް އިތުރުމީހަކު ވިސްނައިދިނުމަކާއިނުލާ ޝަލީންއަށް ވިސްނުނެވެ. ކައިވެނި ރޫޅި އެދެމެދުގައިވީ ގުޅުން ކެނޑިގެންދިޔަޔަސް އެދެމެދުގައި އެކުވެރިކަން އޮންނާނޭކަމަށް ޝަލީން ހީކުރިއެވެ. ނަމަވެސް ވަގުތު އޭނަގެ އަތުން އެ ހައްޤު އަތުލައިގަނެފިއެވެ. ހައިޒަލްގެ މައާފުވެސް ހައްޤުނުވާވަރުގެ މީހަކަށް ހަދައިފިއެވެ. އެކަމާއިމެދަކު އޭނަގެ ހިތުގައި އެއްވެސް ބުރަކަމެއް ޝަކުވާއެއްނެތެވެ. އެހުރިހާކަމަކާއިއެކުވެސް އޭނަ ހައިޒަލްއަށް ޤަދަރުކުރާނެއެވެ. ހައިޒަލްއަކީ އޭނަގެ ހަޔާތުގައި ދިމާވި އެންމެ ރަނގަޅު އިންސާނާއަށްވާނެއެވެ. އޭނަގެ ސިއްރުތައް ހިފަހައްޓައިގެން އެތަށް ޒިންމާއެއް ބޮލުގައި އަޅައިގެންއުޅުނުކަމީ ހައިޒަލްގެ މާތްކަމެވެ. އޭނަގެ އިތުބާރު ހައިޒަލް ހޯދި ސަަބަބުވެސްމެއެވެ.
މިޑޯވިއުއަށް ދެވެންދެންވެސް އެދެމެދުގައިވީ ހިމޭންކަމެވެ. އިސްވެ ބަހެއް ނުބުނިތާ އިސްއުފުލާ ހައިޒަލްގެ މޫނަށް ޝަލީން ބަލައެއްވެސްނުލިއެވެ. އެއްއަތުން ކާރުގެ ހުންގާނު ކޮންޓްރޯލްކުރަމުންދިޔަ ހައިޒަލްގެ ނަޒަރު ދޭތެރެއަކުން ޝަލީންއަށް ހުއްޓެމުންދިޔައިރު އެއިން ކޮންމެފަހަރަކު ދުލާއި ހަމަޔަށް އަންނަ ބަސްތައް ދެތުންފަތުގެ ދޭތެރޭގައި ހައްޔަރުކުރަމުން ހައިޒަލް ދިޔައެވެ.
މަޑުދުވެއްޔެއްގައި އައި ކާރު މިޑޯވިއުގެ ކުރިމައްޗަށް ހުއްޓުމާއިއެކު ކާރުން ފައިބަން ދޮރުފަތުގައި ހިފާލައިފައިވެސް ޝަލީން ހައިޒަލްއާއި ދިމާލަށް ބަލާލީ ވާހަކައެއް ބުނަންބޭނުންވެގެން އުޅޭފަދަ ގޮތަކަށެވެ.
“ތޭންކްސް… ހުރިހާކަމަކަށްވެސް… އަހަރެންގެ ކައިވެންޏާއި ބޭބީގެ ސިއްރުހިފަހައްޓައިދިނީތީ… އެންޑް ސޮރީ… މިހުރިހާ ދުވަހު ބުރައަކަށްވެވުނީތީ…” ޝަލީންގެ އަރުތެރެބެދެމުންދިޔަހެން ހީވިއިރުވެސް ހިތްވަރުކުރަމުން އޭނަގެ ޖުމްލަ ފުރިހަމަކުރިއެވެ. އިތުރަށް މަޑުކޮށްލުމެއްނެތި ކާރުގެ ދޮރުފަތް ހުޅުވާލަން ޝަލީން އުޅުމާއިއެކު ހައިޒަލް އަތްފޯރުވާލިގޮތަށް އަތްގަނޑުގައި ހިފަހެއްޓިއެވެ.
“އަހަންނާއި ވާހަކަދައްކަން މަޑެއްނުކުރެވޭނެތަ… ޕްލީޒް…” ހައިޒަލް އެހާ ރީތިކޮށް އެދުމުން ދެކޮޅުހަދާނެހާ ހިތްވަރެއް ޝަލީންއަކަށް ނުލިބުނެވެ. ޖަވާބެއްގެ ގޮތުގައި ބޯ ޖަހާލިގޮތަށް ޝަލީން ސީޓަށް ލެގިލިއެވެ.
“ޝަލީ އަހަރެމެންނަކަށް ފްރެންޑްސްހެންނެއް ނޫޅެވޭނެތަ؟” ހައިޒަލް ސުވާލުކުރިއެވެ. ޝަލީންގެ މިދުރުކަމުން އޭނައަށް ހިސާބަކަށް އުނދަގޫކަމެއް ލިބިފައިވެއެވެ. މަޔާންއާއި ނައިނާގެ ސަބަބުން އޭނަގެ ހާއްސަ މީހުންގެ ލިސްޓަށް ޝަލީންގެ ނަން އިތުރުވެފައިވެއެވެ. އެހެންނޫނަސް ޝަލީންގެ ހިތާމަތައް އިނގުމަށްފަހު ޝަލީންއަށް ރައްކާތެރިކަން ދޭން އޭނަ ބޭނުންވެފައިވެއެވެ.
“އަހަރެމެން ދެމީހުން އެކަކު އަނެކަކު ނޭނގޭކަމަށް ހެދިއްޔާ ކަންނޭނގެ ދެން ރަނގަޅުވާނީ… މިހެންބުންޏަސް ހައި އަހަންނަށްކޮށްދިން ކަންކަމުގެ އަގުވަޒަންކުރާނޭގޮތެއްނެތްކަންވެސް އިނގޭ… ނޭނގޭ ޝުކުރުއަދާކުރާނެގޮތެއްވެސް….” ޝަލީން ދެއަތްދެއަތާއި މޮޑެލަ މޮޑެލައި އިނދެފައި ހައިޒަލްއާއި ދިމާލަށް ބަލާލިއެވެ. މަޔާންއާއިއެކު ހައިޒަލްއާއި ނައިނާއާއި ގުޅިގެން އުފާވެރި ދިރިއުޅުމެއް އުޅޭނޭކަމުގެ ހުވަފެންތައް އޭނަވެސް ދެކުނެވެ. ނަމަވެސް އެހުވަފެންތައް މިއަދު ވަޔަށް ބުރައިގެން ހިނގައްޖެއެވެ.
“އަހަރެމެން ދެމީހުން އެކަކުއަނެކަކު ނޭނގޭކަމަށް ހަދައިގެން އުޅެންޖެހޭ ސަބަބެއް އަހަންނަކަށް ނޭނގެ… ގައިމުވެސް އަހަރެންގެ ނަޒަރުގައި އެވަރުގެ ކުށެއް ޝަލީނުކުރެ…. އަހަރެން ޝަލީ ކުށްވެރިއެއްނުވެސް ކުރަން… އަހަރެންގެ އަތްމަތީ އޮތްބާރުގެ ބޭނުން އެހެންބަޔަކު ނޭދެވޭގޮތުގައި ހިފުމަކީ ޝަލީ އަހަރެމެންނާއި ދުރަށްދާން ޖެހޭ ސަބަބެއްނޫނޭ… އެހާ ވިސްނުން ހަނިމީހަކަށް ނުވެބަލަ… އަހަންނަށް ޝަލީ އަދިވެސް ވަރަށް ހާއްސަ… ތިއީ ނައި ދައްތައެއް ފަދައިން ދެކޭ ފަރާތެއް… ނައިއަށް ދިރިއުޅުމަށް އުއްމީދެއްދިން ފަރާތަކީ ތިއީ… ދެވަނަ ފަހަރަށް އަހަރެންގެ ނެއިން އަހަންނަށް ލިބިފައި އެހުރީ ޝަލީގެ ސަބަބުން… މިހުރިހާކަމެއް ޝަލީ އަހަރެމެންނާއިއެކު އުޅޭކަށް ނުފުދޭތަ… އަހަރެންކޮށްދިން ކަންތަކަށް އަގެއްދޭން ބޭނުންވަންޏާ ޝަލީ އަހަރެމެންނާއި ދުރުނުވޭ… އެނޫންކަމެއް ޝަލީގެ ފަރާތުން އަހަރެން ބޭނުމެއްނޫން…” ހައިޒަލް ޝަލީންއާއި ދިމާލަށް ބަލާލިއިރު އެލޮލުގައި ޝަލީންގެ ފަރާތުން އެދޭއެދުމެއްވިއެވެ. އެކަން ނަގައިގަނެވުނުވަގުތުކޮޅު ޝަލީން އިސްއޮބާލީ އެކަންކޮށްދޭނެހާ ހިތްވަރުނެތިގެންހެން ހީވެއެވެ.
“ޝަލީ… އަހަރެން ޝަލީއަކަށް ބާރެއްނާޅާނަން… އެކަމަކު ޔަގީންކަންދޭން ބޭނުން… އަހަރެންގެ ބެސްޓީއަކީ އެއްވެސް ހާލެއްގައި ޝަލީ ދޫކޮށްލައިފައި ދާކަހަލަ މީހެއްނޫން… އެއަށްވުރެ ބޮޑަށް ޔާން ޝަލީ ދެކެ ލޯބިވޭ… މިހާރު އެ މޫނުމަތީން މާޔޫސްކަން ފެންނަ ސަބަބަކީ ތިއީ… ޔާންދެކެ ވާލޯބީންވެސް ޝަލީއަށް ޔާން ކައިރިއަކަށް ނާދެވޭނެތަ… ތިހެން އުޅެގެން ޔާންއަށް ދެވެނީ ހިތާމަ ނޫނީ ކޮން އެއްޗެއް… އަހަންނަށްވެސް ވިސްނޭ ޝަލީ ހުރި ހާލަތު… އަހަރެންވެސް ނައިއަށްޓަކައި ސެކްރިފައިޒްވިން… އެކަމަކު މިހާރު ހިތަށްއަރާ އެދުވަހު ނައިގެ އަތުންދޫކޮށްނުލާ އެ ހުރިހާކަމަކާއި ކުރިމަތިލެވުނުނަމައޭ… އޭރުން ދިރިއުޅުމުގެ ގިނަދުވަސްތަކެއް ކަރުނައިގައި އުޅޭކަށް ނައިއަކަށް ނުޖެހުނީހޭ… ޝަލީ އަދިވެސް ލަހެއްނުވޭ… ޔާން އިންތިޒާރުނުކުރުވާ ޔާންގާތަށް ދޭ… ތިދެމީހުން ގުޅޭނޭ ދުވަހަކަށް އަހަންނާއި ނައި އިންތިޒާރުކުރަން… މިލީ އާންޓީވެސް ޝަލީއަށް ވެއިޓްކުރޭ… ސޯ ޕްލީޒް…” ހައިޒަލް ވާހަކަދައްކަމުންދިޔައިރު އެންމެފަހަރަކުވެސް ޝަލީން އިސްއުފުލާ ބަލައެއްނުލިއެވެ. އިނގިލިތަކާއި ކުޅެލަ ކުޅެލައި އިނދެފައި ދެތިންފަހަރަކު ޝަލީން ނޭފަތް އެތެރެއަށް ދަމާލިއެވެ.
“ދަނީ…” ޝަލީންގެ ފަރާތުން ޖަވާބެއް ލިބޭނޭކަމަށް އުއްމީދުކުރިވަގުތުކޮޅަކަށްފަހު ޝަލީން ބުނެލުމާއިއެކު ހައިޒަލްގެ މޫނުން ތަފާތު ކުލައެއް ފެނިލިއެވެ.
“މަންމަ ބޭނުންވޭ ޝަލީއާއި މީޓްކުރަން… ކުރިންވެސް ޝަލީ ފެނިފައިދޯ ހުރީ މަންމަ… އެކަމަކުވެސް އަހަރެން ބޭނުން އިންޓްރޮޑިއުސް ކޮށްދޭން…. ޝަލީ ރެޑީވީމަ އަންގާލާ… އަހަރެންދެއްކި ވާހަކައާއިމެދު ވިސްނައްޗޭ… ޝަލީގެ ޖަވާބަކަށް އިންތިޒާރުކުރަން….” ކާރުގެ ދޮރު ހުޅުވާލައިފައި ޝަލީން ފޭބުމާއިއެކު އަނެއް ފަރާތުގެ ދޮރު ހުޅުވާ ކާރުގެ ފޭބުމަށްފަހު ހައިޒަލް ވާހަކަދެއްކިއެވެ. އެވާހަކައިގެ ޖަވާބެއްގެ ގޮތުން ބޯޖަހާލިގޮތަށް ޝަލީން ގޭޓާއިދިމާލަށް ހިނގައިގަތެވެ. ޝަލީން ވަދެގެންދާ މަންޒަރު ދެކެންހުރެފައި ހައިޒަލް ކާރަށް ލެގިލިއެވެ. އިރުކޮޅެއްވާންދެން އެހެންހުރުމަށްފަހު ކާރަށް އަރާ ވިންޓަރ ބްރީޒްއާއި ދިމާލަށް ދުއްވާލިއެވެ.
*** *** *** *** *** ***
މެންދުރުގެ ހޫނުކަމުގެ ތެރެއިން ދުއްވާފައި އައި ބީއެމްޑަބްލިއު ކާރުން ހައިލާ ފޭބިގޮތަށް ކުރިމަތީން ފެންނަން ހުރި އިމާރާތަށް ނަޒަރެއްދިނެވެ. އެވަގުތު ޑްރައިވަރ ސީޓްއިން ފޭބި ހައިޒަލް ހައިލާގެ އަތުގައި ހިފަހައްޓާލިއެވެ.
“މަންމައާއިއެކު އަޅުގަނޑު ދިޔަސް އެންމެ ރަނގަޅުތަ؟” ހައިލާގެ ފަރާތުން ލިބޭނޭ ޖަވާބު އިނގިހުރެވެސް ހައިޒަލް ސުވާލުކުރިއެވެ. ސިންގާއެއްގެ ކޮއްޓަކަށް ސަލާމަތެއްނެތި މަންމަ ފޮނުވުމަކީ އޭނަ ކުރަން ބޭނުންވާކަމެއްނޫނެވެ. ރިހާނާގެ ނުރައްކާތެރިކަން ކުރިންދުވަހަކު އޭނަގެ ހަމަލޮލަށް ފެނިފައިވެއެވެ.
“ދަރިފުޅު ކަންބޮޑުނުވެބަލަ…. މަންމަ އެކަންޏެއްނުވާނެއެއްނު… ފުލުހުން ތިބޭނެއެއްނު… އެހެންނޫނަސް ރިހާނާއާއި މަންމައާއި ދެމެދު އޮތްކަމަކީ މަންމަމެންގެ އަމިއްލަކަމެއް… މިކަމުގެ ތެރެއަށް ދަރިފުޅު ވައްދާކަށް މަންމަ ބޭނުމެއްނޫން…” ހައިލާ ދެވަނަ ފަހަރަށްވެސް އޭނަގެ ދަރިފުޅަށް ނުހަނު ލޯބިން ވިސްނައިދިނެވެ. ރިހާނާގެ ހިތުގައި އޭނަގެ މައްޗަށް އުފެދިފައިވާ ޒާތީ ހަސަދަވެރިކަން ހައިޒަލްއަށް އިނގި މަސްލަހަތުު ގޯސްވާކަށް އޭނަ ބޭނުމެއްނޫނެވެ. އޭނަ ބޭނުންވަނީ ހަމަހިމޭންކަމާއިއެކު މައްސަލަ ނިމިގެންދިޔުމަށެވެ.
“އެންމެ ރަނގަޅު އަޅުގަނޑު ކާރުގައި މަޑުކުރާނަން…” ހައިޒަލް ގޮތްދޫނުކުރަން ހުރެފައިވެސް ބަސްގަބޫލުކުރިއެވެ. އޭނަ ހުރެގެން ނުދެއްކޭފަދަ ވާހަކައެއް ހައިލާގެ ހިތުގައި އޮތްކަމަށް އޭނައަށް ކޮންމެވެސް ވަަރަކަށް ނަގައިގަނެވުނީއެވެ.
މަގުދައްކަމުން ހިނގާފައި ދިޔަ ފުލުސް ކުއްޖާގެ ފަހަތުގައި ހުރެގެންގޮސް ހައިލާ ގައިދީންނާއި ބައްދަލުކުރާ ކޮޓަރިއަށް ވަތްއިރު ރިހާނާ އިނީ މާކުރިން އައިސް އޭނަގެ އިންތިޒާރުގައެވެ. އޭނަގެ ކުރިމައްޗަށް ވާގޮތަށް އިން މޭޒުމަތީގައި އިނގިލިތައް ހިންގަހިންގައި އިނދެފައި ހައިލާއާއި ދިމާލަށް ބަލާލުމާއިއެކު ރިހާނާގެ ދެ ބުމަގޮށްޖަހާލައިފިއެވެ.
”ޖަލު ޔުނީފޯރމުގައި އިންނަ ގޮތްބަލާލާ ހިތުންތަ ތިއައީ…” ރިހާނާގެ އަޑުގައިވީ ރުޅިވެރިކަމާއިއެކު އެއަޑުގައިވީ ހައިލާ ކުށްވެރިކުރާފަދަ ރާގެކެވެ. އޭނަ ހައިލާއާއި ދިމާލަށް ބަލާލެވުމާއެކު މޫނަށް ގޮތެއްހަދާލެވުނެވެ. އެއްބަސްވާން ބޭނުންނުވިޔަސް އެތައްއަހަރެއްފަހުންވެސް އެރީތިކަން ފެނި އޭނަގެ ހިތުގައި ހަސަދަވެރިކަމެއް ހިނގާލީއެވެ. އެއީ އެތައް ސޫރައެއްގެ ތެރެއިން އަޒްހާންގެ ހިތާއި ކުޅެލަން ކާމިޔާބުކުރި ސޫރައެވެ.
“ރިނީ…” ރިހާނާގެ ނަޒަރިއްޔާތު އޭނައާއިމެދު ބަދަލުވެފައިވާވަރު ފެނުމުން ހައިލާއަށް ގޮވާލެވުނެވެ. ރިހާނާ އޭނަދެކެ އެހާ ރުޅިއެއް އަންނަނީ އޭނައަށް ކޮންކަމެއްކުރެވިގެންހެއްޔެވެ؟ އަޒްހާންއާއި ކައިވެނިކޮށްގެން ވިންޓަރބްރީޒްއަށް ދިޔައީއްސުރެ ރިހާނާއާއި ގުޅިގެން އުޅެން ހައިލާ މަސައްކަތްކުރިއެވެ. އެ ފުރުސަތު ނުދިނީ ރިހާނާއެވެ.
“ކޮންމެހެން ރިނީ ކިޔައިގެން މާގާތްވާން އުޅޭނެކަމެއްނެތް… ކަލޭވެސް ރިހާނާ ކިޔާ…” އެނަމުން މާޒީގެ ހަނދާންތަކެއް ލޯމަތީ ފިޔަޖަހާލި ހިނދުކޮޅު ރުޅިވެރިކަމާއިއެކު ރިހާނާ ހަޅޭލަވައިގަތެވެ.
”ރިނީ ކީއްވެ… އަހަންނަށް އެވަރުގެ ދެރައެއްދޭން ރޭވިއިރު އަންހެނަކަށްވެ ހުރެ އަހަރެންގެ އިހުސާސްތައް ރިނީއަކަށް ނޭނގުނުތަ؟ ކުޑަކުޑަ ޝާދީންއާއިމެދު ވިސްނައެއްނުލަންތަ… ރިނީ ކުރިކަމަކުން އެކުއްޖާ ހިތާމަކުރާވަރު އިނގޭތަ… އަމިއްލަ ދަރިފުޅުގެ މުސްތަޤުބަލަށް އަމިއްލަ އަތުން ހިޔަނި އެޅީ ކީއްވެ…” ހައިލާ ވާހަކަދައްކަމުންދިޔަވަރަކަށް މާޒީގެ ހަނދާންތައް ފަނޑުގޮތަކަށް ލޯމަތީން ތަމްސީލުވާންފަށާ ނޭވާލާން އުނދަގޫވިއެވެ. އޭނަ މޭގައި އަތްއަޅާބާރުކޮށްލިއެވެ.
“ތިވާހަކަދައްކަން އެންމެ ރަނގަޅު މީހާތަ ތިއީ… ދަރީގެ އުމުރުން ހައަހަރުވެސް ނުވަނީސް އެއްލާލައިފައި ފިލާރައްކާވިގޮތަށް 21 އަހަރުފަހުން އައިސް އެބަ އަހަންނަށް ކިޔައިދެއެއްނު… ކަލޭ ފުރަތަމަ ދާންވީނު ހައިޒަލްގެ މައާފުހޯދަން… ތޮށިގަނޑު އަޒްހާންހެން ހުއްޓަސް އެއީ ހަމަ އަލްހާން… ހީކުރަނީތަ އަޒްހާންހެން ކަލޭ ރޯލާއިރަށް ލޮއްސަން އަންނާނެޔޭ…” ކުށްގަބޫލުކުރަން ބޭނުންނުވާތީ ރިހާނާ ހައިލާއާއި ދިމާލަށް މަލާމަތްކޮށްލިއެވެ.
“ﷲ އިރާދަކުރެވިއްޔާ އެދަރިފުޅަށް އަހަރެން ދިން ތަރުބިއްޔަތު ފުޑާލެވޭނެފަދަ މީހަކު ނާންނާނެ… މިހުރިހާ ދުވަހު ތޮށިގަނޑެއްހެން ހުރީތީ އެކަމުގެ ފައިދާ ނެގުމަކީ ބައެއްގެ ނުބައިކަން… މިއަދުވެސް އެއީ އަހަރެން ހައަހަރުން ތަރުބިއްޔަތުކުރި ކިޔަމަންތެރި ދަރިފުޅު… ދަރިންގެ ތަރުބިއްޔަތަކީ ކޮބައިކަމެއް ތިފަަދަ މަޔަކަށް ނޭނގޭނެ… ޝާދީންގެ ކަމެއް ނޭނގޭމީހަކަށް ހައިޒަލްއާއި ބެހޭކަމެއް އިނގިދާނެތަ؟ މިހުރިހާދުވަހު ރިހާނާއަށް އެދަރިފުޅަކީ ވާދަވެރިއެއް… އަހަރެން ހިޔެއްނުކުރަން އަހަރެންދެކެ ސަބަބެއްނެތި ރިހާނާ ތިއަންނަ ރުޅި އަހަރެންގެ ހައިޒަލްއަށް ބާލާނޭކަމަކަށް… ކޮބާތަ އެދަރިފުޅުގެ ކުށަކީ…” ރިހާނާގެ ވާހަކަހުރިގޮތުން ރިހާނާއާއި ސުލްހަވެރިވުމުގެ ހިޔާލުދޫކޮށްލި ހައިލާގެ އަޑު ކޮންމެ ޖުމްލައަކާއިއެކު ބާރުވަމުން އައެވެ.
“އަހަރެން މިއަދު މިތަނަށް މިއައީ އަހަރެންގެ ޝާދީންގެ ހައްޤުގައި… ކޮއްކޮއެއްގެ ހައިސިއްޔަތުން ދައްތައާއި ވާހަކަދައްކަން… އެކަމަކު އެއީ ބޭކާރުކަމެއްކަން ވިސްނިއްޖެ… ރިހާނާ ދުވަހަކު ބަދަލެއްނުވާނެ… ސަބަބެއްނެތި އަހަރެންދެކެ އަންނަމުންދިޔަ ދިޔަ ރުޅި ހައްދުން ނައްޓަމުންގޮސް އަމިއްލަ އަތުން ރިހާނާ ހަލާކަށް ތި މަގުކޮށީ… ނަފްރަތާއި ހަސަދައަކީ މީހާގެ ހަލާކު… އަހަންނަށް ކޮންކަމެއްކުރެވިގެންތަ ރިހާނާ ތިވަރަކަށް އަހަރެންދެކެ ރުޅި ތި އަންނަނީ…” އެއީ ހައިލާގެ ހިތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އުފެދިފައިވީ ސުވާލެކެވެ. މިވީހާތަނަށް އޭނަ އެކަން ނޭނގޭކަމަށް ހަދައިގެން ހުއްޓަސް މިއަދު އޭނަގެ ސުވާލުގެ ޖަވާބު ބޭނުމެވެ. އޭނަ ދުނިޔެއިން ނައްތާލަން ބޭނުންވާވަރަށް ރިހާނާ އޭނައަށް ނަފްރަތުކުރީ އޭނަގެ ކޮންކުށެއް އޮވެގެންކަން އޭނަ ބަލަން ބޭނުމެވެ.
“އަމިއްލައަށް ކުރެވޭ ކަންކަން ނޭނގޭހާ ކުޑަކުއްޖެއްތަ ކަލެއަކީ… މައުސޫމް ހެދެން އެބައުޅެއެއްނު އަދި… ކަލޭއަށް އަހަން ކެތްވާނެތަ… ކަލޭގެ ކުށަކީ އަޒްހާންގެ އަނތްބަކަށްވީކަން… އަހަންނަށް ނުލިބުނު ލޯބި ކަލޭ ހޯދައިގަތްކަން… އަހަރެންގެ ހައްޤަކަށް އަރައިގަތްކަން…” ރިހާނާގެ ދަތްތަކަށް ބާރުވެގެންދިޔައިރު ކަތުރުކަށިގަނޑަށް ވާންކަމެއް އެރިއެވެ.
“ކީކޭ…” އެ ޖުމްލަތަކުން ސިހުމުން ހައިލާގެ ހިތް ވިރުވާލިއެވެ. އަރުތެރެ ބެނދެމުންދިޔަހެން ހީވިއެވެ.
“އާނ.. އަޒްހާންއަކީ އަހަރެންގެ ފުރަތަމަ ލޯބި… ޒުވާންވެގެން އައުމަށްފަހު އަޒްހާންގެ ބައިވެރިއަކަށް ވުމުގެ ހުވަފެން ނޫނީ އަހަރެން ނުދެކެން… އެހުރިހާކަމަކަށް އެޅުނު ހުރަހަކީ އަލްހާން… އަލްހާން އަހަރެންދެކެ ލޯބިވާކަން އިނގުމުގެ ކުރީންވެސް އަޒްހާން އަހަންނާއިމެދު ދެކެމުންދިޔައީ އަލްހާންގެ ހައްޤެއްގެ ގޮތުގައި… އެހެންނޫނަސް އަންހެންކުދީންނަކީ އަޒްހާންގެ ހަޔާތުގައި މުހިންމު ބައެއްނޫން… ކަލޭއާއި ދިމާވުމާއި ހިސާބަށް… އަލްހާންގެ އަނތްބަކަށްވިޔަސް އަޒްހާން ހާސިލްކުރުމަކީ އަހަރެންގެ އަމާޒަކީ… އެކަމަށް ހުރަސްއެޅީ ކަލޭ… އެކަމުގެ ބަދަލު އަހަރެން ހިފީ… އަހަންނަށް އަޒްހާން ނުލިބުނުއިރު އެހެންމީހަކަށްވެސް ލިބެން ނޭނދުނީ…”: އެއިން ކޮންމެ ލަފްޒެއް ތޫނުކޮށްފައިވާ ހަތިޔާރެއްފަދައިން ހައިލާގެ ހިތަށް ހެރެންފެށުމާއިއެކު ހައިލާއަށް ކޮއްޅަށް ތެދުވެވުނެވެ. އޭނަ ކަންފަތުގައި އަތްއަޅާލިގޮތަށް ލޯމަރާ ތަގުޅިކޮށްލިގޮތަށް ހަޅޭލަވައިގަތެވެ.
“ހުއްޓާލާ… ރިހާނާ ލަދެއްވެސް ނުގަނޭތަ… އެއީ އަހަރެންގެ ފިރިމީހާއޭ… އަލްހާންގެ ކޮއްކޮއޭ… އަޒްހާންއާއިމެދު ތިފަދަ ނަޒަރަކުން ދެކެންވެސް ރިހާނާއަށް ކެރުނީ ކިހިނެތް… އަހަރެން މިއަދު ލަދުގަނޭ ތިއީ އަޒްހާންގެ ފަހަރިއަށްވީތީ… އަހަންނާއި ގުޅުމެއް ހުރި މީހަކަށްވީތީ…” އިރުކޮޅެއްވަންދެން ލޯމަރާލައިގެން ހުރެފައި ހައިލާ ރިހާނާއާއި ދިމާލަަށް ބަލާލިއިރު އެ މޫނުމަތީވީ ފޫހިކަމާއި ރުޅިވެރިކަމެވެ. ރިހާނާގެ މޫނުމަތީން އެވަގުތުވެސް ފެންނަމުންދިޔަ ފަހުރުވެރި ހިނިތުންވުމުންވެސް ހައިލާއަށް ޔަގީންވީ އަމިއްލަ ނިޔަތާއިމެދުވެސް ރިހާނާ ލަދުވެތިނުވާކަމެވެ. އެ ހިޔާލުން އެކަނިވެސް ހައިލާގެ މޭނުބައިކުރިއެވެ.
އެންމެ ސިކުންތަކަށްވެސް އެތާގައި މަޑުކުރަން ބޭނުންނުވާތީ ހައިލާ ދުވެފައި ބޭރަށް ނިކުތެވެ. ރިހާނާއާއި ބައްދަލުކުރީތީ މުޅިއުމުރަށްވެސް އޭނަ ހިތާމަކުރާވަރު ރިހާނާކޮށްފިއެވެ. މިއަދު ދުނިޔޭގައި ނެތަސް އަދިވެސް އަޒްހާންއަކީ އޭނަގެ ހިތުގެވެރިޔާއެވެ. އޭނަގެ ފުރަތަމަ އަދި އެންމެ ފަހުގެވެސް ލޯތްބެވެ. އެ އޯގާތެރިކަމުން ހިތުގައި ފިރުމާލުމަށްފަހު މުޅިއުމުރަށް އަޒްހާން އޭނައާއި ދުރަށްދިޔައީ އޭނަގެ ހިތް ހިފައިގެންނެވެ. ވީއިރު އެހެންމީހަކު އަޒްހާންދެކެ ލޯބިވާ ވާހަކަ އަޑުއަހަން އޭނަ ބޭނުންވެދާނެ ހެއްޔެވެ؟ އަދި އެވެސް އަޒްހާންގެ ބޭބޭގެ ހަލާލު އަނބިމީހާގެ ދުލުންނެވެ. އޭނަގެ ހިތުގައި ރިހާނާގެ މައްޗަށް އޮތް ކުލުނުގެ ކުޑިފަށްވެސް ރިހާނާ ފުހެލައިފިއެވެ. ރިހާނާގެ މޫނު ދެކޭ ހިސާބަށް ދާކަށްވެސް ދެން އޭނަ ބޭނުމެއްނޫނެވެ.
*** *** *** *** *** ***
ރޭގަނޑުގެ ކެއުމަށްފަހު ސްޓަޑީގައި ފޮތެއް ބައްލަވަން އިން މިޙުރާން ފޮތް ތިރިކޮށްލަމުން ދޮރާއި ދިމާލަށް ބަލާލެއްވިއިރު މިލީނާ ދޮރުން ވަދެގެން އަންނަނީއެވެ. މިލީނާގެ މޫނަށް މިޙުރާންގެ ނަޒަރު ހުއްޓުނުވަގުތު ލޯބިވާ އަނބިމީހާގެ މޫނުން ފެނުނީ ކޮންމެވެސް ވާހަކައެއްދައްކަން ބޭނުންވެގެން އުޅޭފަދަ އަސަރެކެވެ. މިޙުރާން ކުޑަކޮށް އެއްބުމަ ހިއްލާލެއްވިއެވެ.
“ރާން… ޔާން ވާހަކައެއްދައްކަން ބޭނުންވެގެން…” މިލީނާ އަޑުގައި ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއްވިއެވެ. މަަޔާން ބުނާ ވާހަކައަކުން މިޙުރާން ހިތްހަމަނުޖެހޭނެކަން މިލީނާއަށް ޔަގީންވެއެވެ. ކުދިންގެ އުފަލަށް އިސްކަންދިނަސް މިޙުރާންއަކީވެސް އުސޫލްތަކެއްގެ ވެރިއެކެވެ.
“ހުއްދަ ހޯދާކަށް ނުޖެހޭނެއޭ… ޔާންއާއި ދާން ބޭނުންކޮންމެ ވާހަކައެއްވެސް އަހަންނާއި ދެއްކޭނެ… ދަރިފުޅު އެތެރެއަށްވަދެބަލަ…” މަޔާން އަޑުއިވޭ ހިސާބުގައި ހުރިކަން އިނގިލައްވާތީ މިޙުރާން ވާހަކަދެއްކެވީ މަޔާންއަށް އަޑުއިވޭވަރަށެވެ. އޭރު އެތުންފަތްމަތީ ހިނިތުންވުމެއްވިއެވެ. މަޔާންއަކީ މިވީހާތަނަށްވެސް ބޭނުންކޮންމެ ވާހަކައެއް އޭނައާއި ހިއްސާކުރާކުއްޖެކެވެ. މިފަހަރު ނުކެރިގެން އުޅޭތީ މިޙުރާންއަށް އެހެން ގޮތެއްހެން ހީވެލައްވައިފިއެވެ.
ސްޓަޑީގެ ދޮރުހުޅުވިގެންދިޔަ އަޑާއިއެކު ސްޓަޑީތެރެއަށް ވަދެގެން އައި މަޔާން އައިސް މިޙުރާން އިންނެވި ސޯފާގެ ކުރިމައްޗަށް ހުއްޓުނެވެ. އެއާއިއެކު އެއްއަތް އަނެއްއަތުގެ ތެރެއަށްލަމުން މިޙުރާންއާއި ދިމާލަށް ބަލާލީ އެނަޒަރުގައިވީ ޖެހިލުންވުމާއިއެކު ހަށިގަނޑުވީ ފިނިވެފައެވެ. އުމުރުގައިވެސް ބައްޕަ ކުރިމަތީގައި މިހާ ޖެހިލުންވެ ހާސްވީދުވަހެއް އޭނައަށް ތަޖުރިބާކުރެވިފައެއްނުވެއެވެ. މިޙުރާންއަކީ ކުދިންގެ ކޮންމެ ވާހަކައެއްވެސް ކަނުލާ އަޑުއަހާ ބަފައެކެވެ. ހިކުމަތްތެރިކަމާއިއެކު ދަރީންނަށް މަގުދައްކައިދޭ އާރުކާޓީއެކެވެ. މިވީހާތަނަށް ފަސޭހަކަމާއިއެކު މިޙުރާންއަށް ހުރިހާ ވާހަކަތަކެއް ކިޔައިދެމުން އަޔަސް ވާހަކައިގެ ގޮތުން މަޔާންގެ ހިތުގައި ޖެހިލުންވުން އުފެދިފައިވަނީއެވެ. ގައިމުވެސް އެވާހަކަ އޭނަގެ ބުރުސޫރަ ބައްޕަގެ ކުރިމަތީ ބަދަލުކޮށްލާނެއެވެ.
މިލީނާ މަޔާންގެ އަތުގައި ހިފައިގެން ގެނެސް ސޯފާގައި ބޭންދުމާއިއެކު މިޙުރާންގެ މޫނަށް ބަލާލިވަގުތުކޮޅަކަށްފަހު މަޔާން ވާހަކަދެއްކިއިރު މިޙުރާންގެ މޫނާއި ހަތަރުކަޅި ހަމަނުކުރަން މަސައްކަތްކުރިއެވެ. އެއަޑުގައިވީ ހާސްކަމާއިއެކު ވާހަކަ ކުރިއަށްދިޔަވަރަކަށް މިޙުރާންގެ ތަނަވަސް ނިއްކުރިއަށް ރޫތައްޖެހެމުންދިޔައެވެ. ސޯފާގެ އަތްގަނޑުގައި ހިފާލެވިފައިވާ އަތަށް ބާރުވެގެންދިޔަވަގުތު ކޮޅު މިޙުރާން ސޯފާއިން ތެދުވެވަޑައިގަތްގޮތަށް ފާރުގައި އަތްޖައްސާލިއެވެ. އެއްއަތުން ދަތްދޮޅީގައި ހިފާލަމުން މަޔާންއާއި ދިމާލަށް ބަލާލިއިރު އެލޮލުުގައިވީ ޝުއޫރުތައް ތަރުޖަމާކުރަން މަޔާން ނުކުޅެދުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
43 Comments!
Comments are closed.






hello readers.. varah dhuvas fahun dhw mi upkurevunee… im really sorry for that.. aslu exam dhuvaskolhuveema time eh nuvey.. konme dhuvahaku kuda thankolheh liyamun aisfa dhigukoh mi upkohleee.. ummeedhu kuran kiyuntherinah mi bai kamudhaane kamah… vaahakaige baakee inee dhe part.. nimunuhaa avahakah genesdheynan.. inthizaaru kurahjjey.. adhi suvaaleh eba in ingey mayaaan mihraaan kairee e bunee kon vaahaka eh hen readers ah heevanee.. can you guess?
Obviously saleen n mayaan ge marriage ge vaahaka n babby ge vaahaka anyways curiously waiting for the next part thankoleh kurin up kohdhehcchey n gud luck for exams
Dhiraaaaaa orchid.. Mee Haadha reethi vaahaka ekey.. Fortnite au kiyunu enme reethi vaahaka.. Characters thakuge role ves vvvvv salhi inge.. Dhiraa bunaakau thee hama orchid maleiy.. Ahun hama anga thanminau hulhuvifa mithibee.. Ehennun vaanee.. Mihiree upload kollaa reethi episode thah.. Adhi mivaahka au film eiy hadhaifinama kihaa reethi vaane.. Eyrun fortnite innaanee rovi ufaave birugane ladhugane goiy goiy vefa.. Hehe.. Fortnite akau neynge dhen bunaanee echcheiy.. Dhiraa ge vaahaka thah hama reethi ingey.. Wish you the very best of luck.. Baajjaveri dhuvasthakakau edhen.. Good bye.. Good luck.. Good luck for your exams ingey orchid maa.. Fortnite mi dhanee dhen.. Annaanan dhen konmeves dhuvahakun nooniyyaamun konmeves ehen irakun..
Sis avahah next part up kohla deeba……………❤️❤️❤️❤️❤️❤️❤️ Vvvvvvvv vaahaka kiyahitun mihury………. Mayaan bunan eulheny Kon vaahaka eh tha???? What’s going to happen? ??????????????????????
haadha molhey dear.. dhira ehaa indirect koh genaimaves guess kohlaaafa dhw miothy… thanks dear
alhe dear fortnite dhira dhen bunaaneeves keekey.. im speechless after reading your sweet sweet comment.. alhe haadha ufaavehje ey dear ge bageecha ge malakah veema.. thanks a zillion times my dear
dear avahah next part kiyaala ingey.. mayaan bunan ulhey vaahaka dhira ah ves neyngigen miulheny
Shixoo Izkaan Afeef Nahu Xaad
thanks dear
Dhiraage vaahaka ekani kiyey gotha vakin page eh needheytha?
egothah adhi page eh neih dear.. ekm mi site in ves dhira ge bai negyma hama ekani dhirage stories fehnan ihnaanee
V reethi mi part ves … next part thankolheh avahah update kohdheeba ?
thanks dear.. next part avahah kiyaala ingey
This is a very good part too.. I love it.. Hope that you will upload the next part of the story soon
thanks dear
Missed u dhiraa vaahaka v. Reethi???
missed you too dear.. thanks my darla
Dhiraa dhiraa dhiraa???…alhey u made me speechless ingey…haadha haa vaa ryhchey mi bai vx??????…hithah eri kiyamun dhaairu varakah story ithurah dhiguvaane nama eyy???….hehe moya dhw jiji dhahkaa vhk???…anyway story aa behey gothun vhk dhahkaalaanan ngey…jiji ah vrh vrh vrh kamudhey sis sifakohlaafa in goii????????????…adhi hama ekani sifakurumeh nuun ingey…..sis genesdhyfa in goiy vx hama vrh vrh Chaaley buneveyny masha allah???????????????…hailaa aa rihaanaa ge baithah vx vrh salhi genesdhyfa inleh..ehme beynun vany shavaa aa dhaan aa mayaan aa shaly ge baeh kiyaalan???…haizal aa naina vx…adhi specially azhaan aa haila aa dhemeehunge???….azhaan Mareh nuvey dhw???…neyge dhen..hehe.. dhen mayaan ebuny shaleen aa eyna aa baby ge vhk kahney..Vrh curious.. waiting for the next???❤❤❤????????????…Lysm dear
haadha dhigu colourful comment ekey jiji love.. dhira ves hithah araa dhuvahaku nunimey varah liyeveyne nama eyy.. hehehehe.. mayaan bunaa vaahaka eh balamaa dhw.. dhen azhaan dhiraves hithah araa azhaan alun hailaa ah dheveyne namaeyy.. ekm keehkuranee emeehun ge love story ehaa hisaabun nimifa eynee.. azhaaan ge sifaiga haizal ehury ehnu hailaa ah takaa.. dhen othy thi couples kolhuge bai ingey.. thank you so much for the long long and colourful comment
This part is also amazing Maasha allah. Curiously waiting for the next part. Ehaa burakoh ulhemunves vaahaka upkohdheythy varah ufaavey. Good luck for ur exams. Ly dhiraa?❤❤❤
thankss dear.. my pleasure
Dhiraa sis as usual mi part varah habeyyss.. Lysssm.. When is the next part??.. Mihuraan ah evy keehbaa??????????????????????
thank you so much dear
Wowwwwwwwww ……. Maasha Allah ….. V furihama mi bai ves ….. Hama speechless ….. I felt like hama mi eo ga ulhevunuhen ….. It was tht amazing ….. Mohaar story nimenee dhw … V dheravey ehn ve ….. Ekm v happy vey eba hurihaa problem solve vaathee …. I love tht shaadheen part a lot … All I want yo say is keep it up … You r a really grt author …. Wish all the best in future dear …. Love this story n love u dhiraa ❤❤❤❤❤❤
thankss dear.. alhe aslu immko ge comment kiyaafa dhira beynunvaa kanthah achieve kurevunukan yageen kurevihjje.. thanks dear.. yeah then inee dhe ep baakee.. dhira ves dhera vey mi ulhey characters aai thikudinaai vaki vaa vaguthu kudathanvaathee.., ekm mi vaaahaka ves nimeyne dhw… thank you so much love,, ly too .. best wisheses
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? #Speachless #Love it #Best story ever??
thank you thank you thank you so much for the bright and colourful comment… it means a lot to me dear
Mi prt vx vrh reethi???!!! I can’t wait for the next prt??❤️❤️❤️❤️!!!And plus!!! Mihuraan ah kihineh e v?????
thanks dear
80 episodes mi kiyaaly dhe dhuvahun, so interesting. V gina meehun ge vaahakah kiyan, buneveyny thiee v hunaru veri liyun theri ekey. Kuda kuda mistake eh bunelaanan, v gina in ekan repeat vefa vaathy. Mauloo liyaa iru seenuge matheega thiki jahan jeheyny, e ee loadhu veema. Vaahaka v furihama v reethi
thanks dear.. varah ufaavehje thihen buni adu ahaafa.. thiki jehi thaana dhw… kudakoh faruva kudakohlevifa e inee.. dhen ahna part thakuga ragalhu kuraanan.. thanks for pointing out.. thanks dear.. kamudhiyaima varah ufaa vehjje
dhiraa vhk ninmaanulahcheyy ehnmen marry kuruvaafa. emeehun life eh fashaign ulhenikoh vx vhk genesdhehchey plx. vhk liyaa ehnmen vx mikahala case thah genehsa merry kurumaa vhk ninmaaluaa innaany eythi ehaa ehnoon. i hope dhiraa wont do that. btw vhk vrh habeys. lysm dhiraa
hingaa dhw nimu in gotheh balan.. gaimuves ehen stories aai different vaane.. kudakoh inthizaaru kohlaa… thanks dear
????????????????????????????????????????????????
alhe dhira kihineih thi hurihaa maa bodi thakeh hifaanee… hehehe.. thanks dear
????????????????????????????????????????????????????????????????????????????????????????????????????
owwwn… thank you so much my dear
Thankoleh avahah next part up kohla deeba……….. ???????????
thanks dear
I think mayaan mihuraan kaireega bunanee mishal baby and shaleen ge vaahaka hen … btw missing u n this story soooo much dhiraa… curiously waiting for thr next part …. lots of love dhiraa ????
thanks dear
Kn irakun tha next part up vaaany haadha gina dhuvahekey dhw
thanks dear next part mihaaru kiyaaleveyne