އަހަރެންނަކީ އެކަނިވެރި މަޔެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަހަރެން ވަރަށްކުޑަ އިރު ބައްޕަ އާއި މަންމަ ވަކިވެ ބައްޕަ އެހެންމީހަކާއި އިނދެ އާ ދިރިއުޅުމެއް ފެށީއެވެ. ބައްޕަމެންގެ ދިރިއުޅުން ފެންނަނީ ނުލާހިކުވެސް އުފާވެރިކޮށެވެ. އެއް ރަށެއްގައި ދިރިއުޅެމުންދާތީ ހުރިހާ ކަމެއްވެސް އަހަރެންގެ ލޮލައް ފެނެއެވެ. ކޮންމެޔަކަސް ބައްޕަ ވަކިވެ ދިޔުމުން މަންމަގެ ބޮލުގައި އެތައް ޒިންމާއެއް އެއްފަހަރާ އެޅުނެވެ. ދެމައިންގެ ބަނޑުހައިކަން ފިލުވާނެ މަގެއް ހޯދަން ޖެހުނެވެ. އަމިއްލަ ހިތްދަތި ކަމާއިއެކު ނަމަވެސް އަހަންނަށްޓަކައި އެ މަންމަ އުފާވެރި މޫނެއް ދައްކަމުން ދިޔައެވެ. އަހަންނަށް ރަނގަޅައް ކިޔައިވައިދީ މޮޅު ކުއްޖަކަށް ހެދުމަށް ސްކޫލައް ފޮނުވޭނީވެސް ރުފިޔާ ލިބިގެންތާއެވެ. އެއީ މި ޒަމާނުގައި ހެން ސަރުކާރުން ހިލޭ ފޮތްތައް ބެހި ޒަމާނެއް ނޫނެވެ. އަދި ސްކޫލް ޔުނީފޯމާއި ބޫޓް، ދަބަސް ފަދަ ތަކެއްޗަކީވެސް ހަމަ ރުފިޔާއަށް ގަންނަންޖެހޭ ތަކެތިތާއެވެ.

މަންމަގެ ނަސީބު ރަނގަޅުކަމުން ރަށު އޮފީހުގެ މަސައްކަތު މީހެއްގެ ވަޒީފާ ލިބުނެވެ. ނަމަވެސް އެއްކޮޅަކުން ދިރިއުޅުން ހަމަޖެހުނު ނަމަވެސް އަނެއްކޮޅުން މަންމަގެ މި ދަރިފުޅައް އެތައް ހިތާމައެއް އުފުލަން ޖެހުނެވެ. މަންމަ ވަޒީފާއަށް ދާ ވަގުތު އަހަރެން ހުންނަނީ މުޅިން އެކަނި ވެފައެވެ. ގޭގައި ކުރާނެ ކަމެއް ނޯވެއެވެ. އޭރު ރަށުގެ މަދު ގެ އެއްގައި ޓީ.ވީ ހުރި ނަމަވެސް އަހަރެމެންގެ އެހާ ފެންވަރެއް ނެތެވެ. މިކަމުގެ ސަބަބުން ސްކޫލު ނިމިގެން އައިސް އަހަރެން މުޅިންވެސް ވަގުތު ހޭދަކުރަނީ ރަހުމަތް ތެރިންނާއި އެކު ބޭރުގައެވެ. އެކިއެކި ކުޅިވަރުތައް ކުޅުމާއި، މަޖާކޮށް ސަކަރާތް ޖެހުމުގައެވެ. މަންމަޔަކީވެސް މާ މޮޅައް ކިޔަވައިގެން ހުރި މީހެއް ނޫނެވެ. އެހެންކަމުން ސްކޫލުންދޭ ފިލާވަޅުތައް ކިޔައިދީ ބުނެދޭކަށްވެސް ނޭނގެއެވެ. ސްކޫލުގައި ކިޔަވައިދޭ އެއްޗެހި ރަނގަޅައް ނޭނގޭތީ އަހަރެންނަކަށް މުދައްރިސް ކިޔަވައިދޭ ތަކެއްޗަކަށް ސަމާލުކަމެއްވެސް ނުދެވެއެވެ. އެހެންކަމުން ސްކޫލު ހަޔާތްވެސްވީ ބޭކާރު ދުވަސްތަކަކަށެވެ. ގްރޭޑް ހަތަކާއި ހަމައަށް ކިޔަވާފައި އިތުރަކަށް ސްކޫލަކަށްވެސް ދާ ހިތެއް ނުވިއެވެ. ރަހުމަތް ތެރިންނާއިއެކު ދުވާލު ހަތަރުދަމު މަޖާކުރުން ނޫން ކަމެއް ނޯވެއެވެ.

ލިބުނީވެސް މުޅިންވެސް އަހަރެންކަހަލަ ރަހުމަތްތެރިންނެވެ. ކިޔެވުމަކީ މުހިންކަމެއްކަމަށް ދެކުނު އެކަކުވެސް ނެތެވެ. އަބަދު ރަށުތެރޭގައި ގިނަވެގެން އުޅެން ފެށުމުން އެންމެ ފަހުން ނުބައި ކަންތައްތަކަށް މަގުފަހިވެ، އަހަރެންގެ ދިރިއުޅުން ހަލާކު ވީއެވެ. ފުރަތަމަ ފެށުނީ ސިނގިރެޓުންނެވެ. ނަމަވެސް ފަހުން ނުކުރާކަށް ނުބައި ކަމެއް ނޯވެއެވެ. އަންހެން ކުދިންނާއި ފޮށުމާއި، މަސްތުވާ ތަކެތި ބޭނުން ކުރުމާއި މާރީމާރީ ހިންގުންފަދަ އެތައް ނުބައި ކަމެކެވެ. އެއް އިރެއްގައި އަހަރެމެނަށް އަހަރެމެން ތިބެނީ ފެނިފައެވެ. ތިމާމެން ވަރު މޮޅު، ނުބައި ބައެއް ނެތްކަމަށް އަމިއްލައަށް ފަޚުރުވެރިވެވުނީ އިތުރު ވިސްނުމެއްވެސް ނެތިއެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ދިރިއުޅުން ގެއްލިފައިވާ މިންވަރު އަންދާޒާ ކުރެވި ދެރަވެއެވެ. ނަމަވެސް މުޅިންވެސް ވިސްނެމުން ދިޔައީ ދެން އެހާލާތުން އެނބުރި އާންމު ދިރިއުޅުމަކަށް ނާދެވޭނޭ ކަމުގައެވެ. ވީމާ މުޅިންވެސް އެންޖޯއީ ކުރުން ނޫންކަމެއް ނޯވެއެވެ. މައެއް ބަފައެއް އާއިލާގެ މީހެއްގެ ބަހެއް އަހަރެމެނަށް މުހިންމެއް ނޫނެވެ. އިދިކޮޅައް އެއްޗެހި ބުނާ ކޮންމެ މީހަކީ ދުޝްމިނެއްކަމަށް ދެކި ހިތުގައި އެމީހަކާއިމެދު އަބަދުވެސް ނަފްރަތު އޮވެއެވެ. އަމިއްލަ މައިމީހާއާއިމެދުވެސް ދެކެވެނީ ހަމަ އެފަދައިންނެވެ. މަންމަ މިއުޅުން ހުއްޓުމަށްއެދި ރޮއި އާދޭސް ކުރިޔަސްވެސް ހިތަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. ބަދަލުގައި އާދެވެނީ ރުޅިއެވެ. އަންނަ ރުޅީގައި މަންމަޔާއި ދިމާލައްވެސް ނުގޮވާނެ އެއްޗެއް ނޯވެއެވެ.

ހަޤީޤީ އުފާވެރިކަމަކީ ކޮބައިކަން އިހްސާސް ކުރެވުމަކީ އެހާލާތުގައި އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ދިރިއުޅުމާއި މެދު ސީރިއަސް ނަޒަރަކުން ވިސްނާލަންވެސް ފުރުސަތު ލިބޭނީ ސިކުނޑިއަށް އެ ފުރުސަތު ދޭނަމަތާއެވެ. ހަމައިގާ ހުންނާނީ މަދު ސިކުންތު ކޮޅަކުއެވެ. ހޭވެރިކަމެއް ވާއިރަށް އަނެއްކާވެސް މަސައްކަތް ކުރަނީ އެތިކޮޅު ލިބޭނެ މަގެއް ހޯދާށެވެ. އަމިއްލަ ގެއިން ވަށްކަން ކޮށްގެން ނަމަވެސް މެއެވެ. މަންމަ ބުރަ މަސައްކަތުން ހޯދާ ރުފިޔާކޮޅުވިޔަސް ހެޔޮއެވެ.

ދިރިއުޅުން އެހާލާތުގައި ވަނިކޮށް އެ ފުން ވަޅުގަނޑުން އަރައިގަނެވޭނެ ދުވަހަކުވެސް ހިތަކަށް ނާރައެވެ. ނަމަވެސް ﷲ ތެދުމަގު ދައްކަވަން  ހުރި މީހަކަށް އެ މަގު ފެންނާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އަހަންނަށް އެމަގު ފެނުމަށް މެދުވެރިއަކަށްވީ އެކުގައި އުޅުނު ރަހުމަތް ތެރިއެކެވެ. އޭނާ މާލެ ގޮސް އެތައް ދުވަހެއްފަހުން ރަށައް އައީ އެކީގައި ކްލީން ވެގެންނެވެ. ބަލާ ބެލުމަށްވެސް އޭނާގެ މޫނުމަތިން ފެންނަނީ އުޖާލާ ކަމެވެ. ރީތި ހިނިތުން ވުމެކެވެ. އޭނާ އަހަރެމެންގެ ގްރޫޕާއި ދުރުން އުޅުނަސް އެކަނި ފެންނަ ކޮންމެ ވަގުތަކު އެންމެނާވެސް ވާހަކަދައްކައި ނަސޭހަތްދީ ހަދައެވެ. އެދުވަސްކޮޅު ވީ އަހަރެން އެކަމަށް ވަރަށް ބޭނުންވެފައިހުރި ދުވަސްކޮޅަކަށެވެ. ދިރިއުޅުމާއިމެދު މާޔޫސްވެ ނުބައި ކަންތައްތައް ދޫކޮށްލަން ބޭނުންވި ނަމަވެސް މަގެއް ނުފެނިފައި ހުރި ދުވަސްކޮޅެކެވެ. ރަނގަޅު އެކުވެރިޔެއްގެ ފުރިހަމަ ސަޕޯޓު ވަރަށް ބޮޑައް ބޭނުންވެފައި ހުރި ދުވަސްކޮޅަކަށެވެ. ހިތުގެ އުދާސްތައް އަޑުއަހާލާނެ ފަރާތެއްނެތި ވޭނުގައި އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ވީމާ އޭނާގެ ބަދަލުވުމާއި، އޭނާގެ ނަސޭހަތްތައް އަހަންނައްވީ ބޮޑު ނިޢުމަތަކަށެވެ. އުޅެވެނީ ނުބައިކޮށްކަން ހިތައް އަރާ ވަގުތު ދިޔަޔަސް ރަނގަޅު މަގައް މިސްރާބު ބަދަލުކުރަން ނޭނގިފައި ހުއްޓާ، އޭނާ އެކަމަށް އެހީވެދިނެވެ.

ﷲގެ އޯޤާތެރިކަން ހިތައް ވައްދައިދީ ޠަޢުބާވާން ނަސޭހަތް ދިނެވެ. އަހަންނަށްވެސް ބަދަލު ވެވިދާނެކަމަށް ބުނެ ހިތްވަރު ދިނެވެ. ނުބައި އާދަތަކުންނާއި، އެޑިކްޝަނުން ދުރުވާނީ ކިހިނެއްކަން ކިޔައިދީ އެއްބާރުލުން ދިނެވެ. ދިރިއުޅުން އަލުން އާރާސްތު ކުރުމަށް އުއްމީދު އާލާ ކޮށްދިނެވެ. ވެއްޓިފައިވާ ފުން ކަނޑުން ގެނބި މަރުވުމުގެ ކުރިން އަހަރެން ސަލާމަތް ކޮށްދެވެން ކުރެވުނުހާ ކަމެއް އޭނާ ކޮށްދިނެވެ. އަހަރެން އޭނާގެ ނަސޭހަތްތައް ކަނުލާ އަޑުއެހީމެވެ. އޭނާ އަހަރެންގެ ހިތުގައި އާލާ ކުރުވި އުންމީދުތަކުގެ އަލީގައި މިސްރާބު ބަދަލު ކުރީމެވެ. އުޅުން އިސްލާހުކޮށް މަޑުމަޑުން ނުބައި ރަހުމަތް ތެރިންނާއި، ދުރުވެ ރަނގަޅު ކަންކަމުގައި ވަގުތު ހޭދަކުރީމެވެ. އޭނާ އަހަރެންގެ އަތުގައި ހިފައިގެން ފަސް ވަގުތު ނަމާދައް ދިޔައެވެ. މުދިމުން ލައްވާ އިސްލާމްދީނުގެ ރިވެތި އަޚްލާޤު އަހަރެންނަށް ބުނެދީ، ދިރިއުޅުން އުފާވެރި ކޮށްދިނެވެ.

މަޑުމަޑުން އަހަރެންގެ ދިރިއުޅުން ބަދަލު ވިއެވެ. ދުވަހަކުވެސް ހިތައް ނުލިބޭހާ ހަމަޖެހުން އަހަރެންގެ ހިތައް ލިބެމުން ދިޔައެވެ. ﷲއަށް އަޅުކަން ކުރުމަކީ އަހަރެންގެ ހިތުގެ ހަމަޖެހުން ކަމުގައި ވެގެން ދިޔައެވެ. މައިންބަފައިންނަށް ކަމޭ ހިތުމާއި، ހެޔޮ ނަސޭހަތް ދިނުމާއި، ދީނީ މަޢުލޫމާތު ހޯދުމުގައި އަހަރެން ދުވަސްތައް ހޭދަކުރަމުން ދިޔައީ ސުވަރުގެއަށް އެދިއެވެ. އަހަރެންގެ ދިރިއުޅުމަށް އައި ބަހާރު މޫސުމުގެ އުފާވެރިކަން އެންމެ ރީތިކޮށް ފެންނަމުން ދިޔައީ އަހަރެންގެ މަންމަގެ މޫނުމަތިންނެވެ. އެތައް ދުވަހަކަށްފަހު އެ މަންމަގެ ދުނިޔެ އަށް އަލަށް އުފާވެރިކަން ވެރިވެފައިވާ ފަދައެވެ. އެ މޫނުމަތިން ހިނިތުންވުން ނުފިލައެވެ. ވާނީވެސް އެހެންތާއެވެ. މުޅި ރަށު ރައްޔިތުންވެސް ތިބީ އަހަރެންގެ ބަދަލާއިމެދު ޚައިރާންވެ ޤަބޫލު ނުކުރެވިފައެވެ. އެންމެންވެސް ދައްކަނީ އެވާހަކަޔޯލައެވެ. އަދި އަހަރެންގެ އެ ބަދަލައް އެތައް ބަޔަކު އުފާކޮށް މަރުހަބާ ކިޔަމުން ދިޔައީވެސް ހިތައް ނާރާހާ ވަރަށެވެ. ކުރިން އަހަރެންގެ ދުޝްމަނުން ކަމުގައި ދެކެވުނު މީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ މަރުހަބާގެ އުފާވެރި ހިނިތުންވުން ތަކެކެވެ. އެ އެންމެންވެސް އަހަންނަށް ހިތްވަރު ދެމުން ދިޔައެވެ.

ނަމަވެސް އަހަރެން އޭރު އެންމެ ކައިރީ އުޅުން ރައްޓެހިން ދެން އަހަރެންނަށް ބަލަމުން ދިޔައީ ނަފްރަތުގެ ބެލުމަކުންނެވެ. އެމީހުން އަހަރެންނަށް ފާޅުގައި އެތައް މަލާމާތެއް ކުރަމުން ދިޔައެވެ. ނަމަވެސް އަހަރެން ދެންވެސް ބެލީ އަހަރެންގެ އެކުވެރިޔާ ފަދައިން އެމީހުންވެސް އެ ކަނޑުން ސަލާމަތް ކޮށްދިނުމަށް އެހީތެރިއަކަށް ވެވޭތޯއެވެ. އެމީހުންގެ އަތުގައި ހިފައި އެއްގަމަށް އެރުވޭތޯއެވެ.

ނަމަވެސް ފަހަރެއްގައި އަހަންނަށް އެކަމުގައި ގޯހެއް ހެދުނީއެވެ. އަނެއްކާވެސް އަހަރެންގެ އޮޑީގެ ސަމުގާ އަހަންނަށް ގެއްލުނީއެވެ. އަހަރެންގެ އެކުވެރިން އަހަރެންގެ އަތުގައި ހިފާ ދަމައިގަނެ، އެމީހުން ގެނބެމުން ދިޔަ ކަނޑުތެރެއަށް އަހަރެން ގަންބާލީ އަހަރެން އެކަމާއި ފިކުރުވެސް ނުކޮށް ހުއްޓާއެވެ. ނޫނީ އަހަރެންގެ ބަލިފަޔަކީ ކޮބައިކަން އަހަންނަށް ނޭނގުނީއެވެ.

އަހަރެން އަހްސަން ހޯދަން ދިޔައީ އެގޭދޮށުގައި އެމީހުން ގޭގެ ފުރާޅު އާ ކުރުމަށްފަހު ބާކީވި ޓިނު ކޮޅެއް އޮތްވާހަކަ ބުނުމުން އެ ބަލާއެވެ. ގޭ ދޮށުގައި ކުޑަ ކަމެއްގައި ބޭނުން ކޮށްލަން ބޭނުންވެގެންނެވެ. ނަމަވެސް އަހަންނަށް ދެވުނީ ނުބައި ވަގުތަކު އެވެ. އަހަރެންގެ އޭރުގެ ނުބައި އެކުވެރިން ގުރޫޕް ހަދާފައި ތިބީ މަސްތުވާ ތަކެތި ބަންދުކުރާށެވެ. އެކަން ކުރަމުން، އެމީހުން އެތަކެތި ނޯށައް ދަމާ ބޭނުން ކުރަމުން ދިޔަ މަންޒަރު އެތައް ދުވަހެއް ފަހުން ފެނުނު ވަގުތު، އަހަންނަށް ހުރެވުނީ ހުއްޓުން އަރާފައި އެ ޕެކެޓުތަކަށް ބަލަހައްޓައިގެންނެވެ. އެވަގުތުގައި އަހަރެންގެ ލޮލައް ސިފަވަމުން ދިޔައީ ކުރިން އެ ބޭނުން ކުރުމުގައި މަޖާ ކުރި ވަގުތު ތަކެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް އަހަރެން އަހަރެންގެ ދީން މަތިން ހަނދާން ނެތިދިޔައީއެވެ.  ﷲ މަތިން ހަނދާން ނެތި، ހިތުގައި ޖެހި ބިރުވެރިކަމުގެ ވިންދުވެސް ނެތިގޮސް މުޅިންވެސް އިހްސާސް ކުރެވުނީ އޭރުގެ މަސްތުގެ ހާލަތުގެ ވަގުތީ ހިތްހަމަ ޖެހުމެވެ. ހިތުގެ ވިންދު ބުނެދޭން ނޭނގޭ ވަރަށް އަވަސް ވެފައިވީ ހިތާއި ސިކުނޑި ހަނގުރާމައެއްގައި ވާތީއެވެ. ނޭނގޭ މިންވަރަށް އެ ޕެކެޓުގައި އެވާ އެތިކޮޅައް ދަހިވެތިވީ އެހެން ކަމަކަށް ވިސްނުން ނުދާ މިންވަރަށެވެ. ފަހަތައް ފިޔަވަޅު އަޅަން ހިތާއި ސިކުނޑިން ގޮވި ނަމަވެސް ހަށިގަނޑު އެކަމަށް އެއްބާރުލުން ނުދިން ކަހަލައެވެ. އެއަށް ބަލަން ހުއްޓި ހުރި މަންޒަރު އެކުވެރިންނަށް ފެނުމުން އެމީހުން މަލާމާތުގެ ރާގައް ފެށީ ހޭށެވެ. އަދި ބޭނުން ނަމަ މިއަދު ހިލޭ ދީފާނެކަމަށްބުނެ އަހަރެންގެ އަތައް ޕެކެޓެއް ލައިދިނީ ނޫނެކޭ ބުނަން ބޭނުން ވިޔަސް ދުލުން ބަހެއް ބޭރުނުވެ ހުއްޓާއެވެ. ދެންވެސް އެމީހުން އަހަންނަށް އެކަން ނުކުރޭވޭނޭހެން ހީވުމުން އެމީހުން އަމިއްލަ އަތުން ނަގާފައި އަހަރެންގެ ނޭފަތުގައި ޖައްސައިދިނީއެވެ.

އަހަރެންގެ ހިތުގައި އެމީހުންނަށް އޯގާތެރިކަން ވީ އެމީހުންވެސް ބަދަލު ކުރެވޭނޭ ހިތާއެވެ. އެމީހުންވެސް ބަދަލުވާން ބޭނުންވެޔޭ ހިތާއެވެ. ނަމަވެސް އެމީހުންގެ ނުބައިކަން އިހްސާސްވީ އަހަރެންގެ ހޭވެރިކަން އަނބުރާ އައުމުންނެވެ. ހިތުގައި ހަމްދަރުދީ ވަނީ ސަލާމަތުންވާ ހިތްތަކުގައިކަން އިހްސާސްވީ މާ ފަހުންނެވެ. އެމީހުންގެ ހިތްތައްވަނީ ޣާފިލުކަމުގައި މަރުވެފައެވެ. ނަމަވެސް ވިސްނުނު އިރު ވަގުތު ފާއިތުވި ކަހަލައެވެ. އަނބުރާ އެ މަސްތުގެ ތެރެއަށް ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ދެވުމުން އަހަރެންގެ ދިރިއުޅުން އެފުއް މިފުށައް ޖެހުނު ކަހަލައެވެ. އަހަރެންގެ އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. ފޫހި ވިއެވެ. އަނެއްކާވެސް އުއްމީދުތައް ގެއްލެނިވިގެން ދިޔައީއެވެ. އަހަންނަށް ބަދަލު ވެވިދާނޭ ހީކުރެވުނީ މޮޔަކަމުން ކަމުގައި ދެކެވުނެވެ. އަހަރެމެން ކަހަލަ މީހުންނަށް އެ މަސްތުކަން މެނުވީ އުފާވެރިކަމެއް ނެތްކަމަށް ވިސްނުނެވެ. އަހަރެން އެކީހެން ޑިޕްރެޝަނަށް ދިޔައެވެ. އަމިއްލަ ނަފްސައް އޮތް އިތުބާރު ގެއްލުނީއެވެ. އަހަންނަށް ސީދާ މަގުން ދަތުރު ނުކުރެވޭނޭކަމަށް ޤަބޫލުކޮށް ނިންމީމެވެ. އަދި އަހަރެމެނަށް އުފާވެރިކަމަކީ ވާ އެއްޗެއް ނޫން ކަމަށް ވިސްނީމެވެ.

އަހަރެންނަށް ހެޔޮ އެދުން އެކުވެރިޔާވެސް އޭރު އެނބުރި ހިނގައްޖެއެވެ. އެ އަޑިގަނޑުން އަހަރެން ނަގައިދޭނޭ މީހަކު މިފަހަރަކު ނުވިއެވެ. މުޅި ދުނިޔެމަތިންވެސް ފޫހިވެއްޖެއެވެ. ކުރެވެނީ ނުބައިކަމެއްކަން އަބަދު ވެސް އިހްސާސް ވީ ނަމަވެސް އެއީ އަހަރެމެނަށް ހުރި ގޮތްކަމުގައި ޤަބޫލު ކުރެވި އެކަމުން އަރައިގަނެވޭތޯ މަސައްކަތް ކުރުމުގެ ބަދަލުގައި އެކަމުގައި އަނެއްކާވެސް ދުވަސްތައް ގުނަމުން ދިޔައީމެވެ. އެއްވެސް އުފަލެއް ލިބޭތީކީ ނޫނެވެ. ނަމަވެސް ކުޑަ ހިނދުކޮޅަކަށްވެސް މި ފޫހިވާ ދުނިޔެ މަތިން ހަނދާންނެތެން ބޭނުންވާތީއެވެ. ހިތުގައި ކުރެވެމުންދާ ކުއްވެރި ކަމުގެ އިހްސާސުން ދުރުވާން އަހަންނަށް އިޚްތިޔާރު ކުރެވުނީ އެ ނުބައި މަގެވެ.

އަހަންނަށް އެތައް ފާފައަކުން ދުރުވެވުނެވެ. ކުރިން މަންމައަށް އިޙްތިރާމެއް ނުކުރާ މީހާގެ ހިތުގައި މަންމައަށް ލޯބި ޖެހި ﷲގެ ލޯބި ހޯދުމަށްޓަކައި އެ މަންމަ އަށް އިހްތިރާމް ކުރީމެވެ. އެކަމުން ބަޔާންވެސް ކުރަން ނޭނގޭފަދަ އުފާވެރިކަން ލިބުނެވެ. މީހުންގެ ނުބައި ވާހަކަ ދެއްކުން ހުއްޓާލާ ރަނގަޅު އެއްޗެހި ކިޔުމުގައި ވަގުތު ހޭދަކުރީމެވެ. ސިނގިރެޓު ނުބުއިމަށާއި، ލަވަ ކިޔާ އަޑު ނޭހުމަށް، އަދި އެފަދަ މަންޒަރުތައް ހިމެނޭ ފިލްމު ނުވަތަ ޑްރާމާތައް ނުބެލުމަށް މަންމަ އަށާއި، ރަހުމަތް ތެރިންނަށް ނަސޭހަތްދީ އަމިއްލަ އަށްވެސް އެކަން ކަމުން ދުރުވީމެވެ. ފަސް ވަގުތު ބަރާބަރަށް މިސްކިތައް އަރާ، މުދިމުން ގާތުން ދީނީ އިލްމު އުނގެނުމަށް މަސައްކަތް ކުރީމެވެ. ދިރިއުޅުމަށްޓަކައި މަސައްކަތެއް ކުރެވޭތޯ އަމިއްލަ އަށްވެސް ކުދި ކުދި މަސައްކަތްތަކުގައި ޝާމިލްވެ، އެހެން މީހުންނަށްވެސް އެހީވެ އުޅުނީމެވެ. ނަމަވެސް އަހަރެންގެ ބަލިފައި މައްޗައް ފޮއި ވެއްޓުނީއެވެ. އެތައް މަސައްކަތަކުން ދުރުވި މަސްތުގެ ހާލަތައް އެނބުރި ރުޖޫޢު ވެވުނީއެވެ. އެތައް ދުވަހަކަށް އަހަރެންގެ މި ނަފްސު އެކަމަކުން ދުރުކުރުވި ކަމަކަށް ކުޑަ ހިނދުކޮޅަކަށް ނޫނެކޭ ނުބުނެވުނީތީ ދުވަހަކުވެސް އަހަރެންގެ އަމިއްލަ ނަފްސައް މާފް ކުރެވޭނެ ބާއެވެ. އެނބުރި ﷲގެ ކުރިމަތީގައި ސަޖިދައެއް ކުރުމަށްވެސް އަހަރެންގެ ހަށިގަނޑު ދެކޮޅުހަދާ ކަހަލައެވެ. ހިތުގައި ބިރުވެރިކަމާއި، އަމިއްލަ ނަފްސައްވާ މަލާމާތާއި، ރުޅިވެރިކަން ސިކުނޑިއަށް ބާރު ފޯރުވަނީއެވެ.

އެ ފިކުރުތައް އަހަރެންގެ ސިކުނޑިން ދުރައް ނުދެއެވެ. އަހަރެންގެ މާޔޫސްކަން ފިލާ ނުދިޔައެވެ. އެ މާޔޫސްކަމުގައި އަހަރެންނަށް އިޚްތިޔާރު ކުރެވުނީ މަސްތުގެ މާޔޫސްކަމަށް ގެނބި ގޮސް އެ މާޔޫސްކަން މަތިން ހަނދާން ނައްތާލާށެވެ. ރަށުގެ އެތައްބަޔަކު އަހަންނަށް މަލާމާތް ކުރަން ފެށިއެވެ. މަސްތުވާ މީހުން ދުވަހަކުވެސް ބަދަލު ނުވާނެކަމުގެ މިސާލެއްގެ ގޮތުން އަހަރެންނަށް އިނގިލި ދިއްކުރެވެން ފެށިއެވެ. އެ ހުރިހާ ކަމަކުން އަހަރެންގެ ދިރިއުޅުން އިތުރައް މާޔޫސް ވުން ނޫންކަމެއް ނުވިއެވެ.

ނަމަވެސް ﷲ ގެ ރޭއްވެވުން ތެރިކަމުގެ ފުރިހަމަކަމާއެވެ. އަހަރެންނަށް ގޭތެރެއިން އެއްޗެއް ނުފެނިގެން ހޯދަން އުޅެނިކޮށް އޭރު އަހަރެން ކިޔަން ގެންގުޅުނު ގަނޑަކަށް ނަޒަރު ހުއްޓުނީ ކީއްވެކަމެއް އަހަންނަކަށް ބުނެދޭކަށް ނޭނގެއެވެ. އެތައް ގަނޑެއް އެތާ ހުއްޓާ ހަމަ ކުއްލިއަކަށް އެ ގަނޑުގައިވާ އެއްޗެއް ކިޔާލަން ބޭނުންވީ ކީއްވެގެންކަމެއް އަހަންނަކަށް ނޭނގެއެވެ. އޭގައިވަނީ ދީނީ މައުލޫމާތުކަން އެނގުނު ނަމަވެސް އެކިޔަން ހިތްބުނީ ސަބަބެއް އޮވެގެންތާއެވެ. އޭގައި ވިއެވެ.

“ﷲ އީ ފާފަ ފުއްސެވުމަށް ލޯބިކުރައްވާ ރަސްކަލާނގެއެވެ. އާލަމްތަކުގެ ވެރި ރަސްކަލާނގެ އިންސާނުން އުފައްދަވާފައިވަނީ ފާފަ ކުރެވޭ ބައެއްގެ ގޮތުގައެވެ. ވީމާ ފާފަ ކުރެވުމަކީ މައްސަލައެއް ނޫނެވެ. ކޮންމެ އިންސާނަކަށްވެސް ފާފަ ކުރެވޭނެއެވެ. ފާފަ ކުރެވުމާއި އެކު އެފާފަ ކުރެވުނީތީ ދެރަވެ، ފާފަ ފުއްސެވުމަށްއެދި ﷲގެ ހަޟްރަތުގައި ދެންނެވުމަށް އެކަލާނގެ އަންގަވާފައި ވެއެވެ. އަދި އެހެންމެ ދެވަނަ ފަހަރައް އެ ފާފަޔައް އަރައި ނުގަނެވޭތޯ މަސައްކަތް ކުރުންވެސް ވެއެވެ. ނަމަވެސް ދެންވެސް ފާފަ ކުރެވިއްޖެނަމަ އަނެއްކާވެސް ވަނީ އެކަލާނގެ ހަޟްރަތައް ރުޖޫޢަވެ ފާފަފުއްސެވުމައް އެދި ދެންނެވުމެވެ. އަދި އޭނާ އިޚްލާސްތެރިކަމާއިއެކު ދަންނަވާ ދެންނެވުންތައް އެކަލާނގެ ފުއްދަވާ ދެއްވާނެކަމަށްވެސް އަންގަވާފައި ވެއެވެ.

“އަދި އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ، އެއުރެންގެ ނަފްސުތަކަށް އަނިޔާވެރި ވެއްޖެނަމަ، (އެބަހީ ކިތަމެ ކުޑަ ނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި ދުޢާކޮށް އުޅޭ މީހުންނެވެ. ﷲ ފިޔަވާ ފާފަ ފުއްސަވާނީ ފަހެ ކާކު ހެއްޔެވެ؟ އަދި އެއުރެން ދެނެތިބި ހާލު އެއުރެން ކުޅަ ކުށުގެމަތީގައި ދެމިއެއް ނުތިބެއެވެ. އެއުރެންގެ ޖަޒާއަކީ އެއުރެންގެ ވެރި ރަސްކަލާނގެ ހަޟްރަތުން ފާފަ ފުއްސެވުމެވެ. އަދި އެތަންތާގެ ދަށުން ކޯރުތައް ހިނގަ ހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާގައި އެއުރެން ދެމިތިބޭ ހާލުގައެވެ. ހެޔޮ އަމަލުކުރާ މީހުންނަށް ހުރި ދަރުމައެއްގެ މޮޅު ކަމާއެވެ.” (ޤުރުއާން 3:135،136)

މަތީގައިވާ އާޔަތުންވެސް އެނގޭ ގޮތުގައި ﷲ ފިޔަވާ ފާފަ ފުއްސަވާނެ އެހެން ފަރާތެއް ނުވާނެއެވެ. އަދި ފާފަ ފުއްސެވުމަކީ އެކަލާނގެ ސިފަފުޅުތަކުގެ ތެރެއިން ސިފައެކެވެ. އަދި އެހެންމެ ފާފަ ފުއްސެވުމަށް އެދުމަކީވެސް މާތް ހެޔޮ އަމަލެއްކަމާއި، އެ ހެޔޮއަމަލު ކުރާ މީހުންނަށް ލިބޭ ހެޔޮ ދަރުމަވެސް ވަރަށް ސާފެވެ.

ފާފަތަކުން ދުރުވެ ހުރުމަށް ގިނަގިނައިން އިސްތިޣްފާރުކޮށް އެކަމަށް އެދި ދުޢާ ދެންނެވުމަކީވެސް ސީދާ މަގުގައި ދެމި ހުރުމަށް މަގުފަހި ވާނޭކަމެކެވެ. ﷲ ފޮނުއްވި އެންމެހާ ނަބިއްޔުންވެސް ފާފަ ފުއްސެވުމަށްއެދި ދުޢާކުރިކަން ޤުރުއާނާއި ހަދީޘުން އެނގެން އެބައޮތެވެ. ގިނަގިނައިން ފާފަ ފުއްސެވުމަށްއެދޭ އަޅުތަކުންނަށް ލިބޭނެ އެތައް ނިޢުމަތެއްގެ ވާހަކަ ޤުރުއާނުގައި އައިސްފައިވެއެވެ. އަދި އިސްތިޣްފާރު ކުރުމުން މާޔޫސްކަމާއި ހިތްދަތިކަންފަދަ ނަފްސާނީ ބަލިތަކުންވެސް މީހާ ސަލާމަތްވާނެއެވެ. އަދި އަބޫ ދާޢޫދުގެ ހަދީޘެއްގައި ވާގޮތުން އަބަދާއި އަބަދު ﷲގެ ހަޟްރަތުން ފާފަ ފުއްސެވުމަށްއެދޭ އަޅަކަށް، އޭނާއަށް ދިމާވާ އެންމެހާ ހިތާމަތަކާއި، ދަތި އުނދަގޫތަކުން ﷲ ދުރުކުރައްވާ، އަދި އޭނަ ހިތައްވެސް ނާރާނޭ ގޮތްގޮތުން ބޮޑެތި ނިޢުމަތްތައް އޭނާއަށް ދެއްވާނެއެވެ.”

އަހަންނަށް ކިޔުނީ އެހިސާބަށެވެ. އަހަރެންގެ ދެލޯ ކަރުނުން ފޯވިއެވެ. އަހަންނަށް އިހްސާސްވީ ﷲ އަހަންނަށް ބަސް ވަހީ ކުރައްވާ ފަދައިންނެވެ. އަހަރެންގެ ހިތުގައި މިއޮތް ހުރިހާ ދުވަހު އަދަމުން ދިޔަ ހުޅުގަނޑުން ލިބެމުންދިޔަ ވޭންތައް ކުއްލިއަކަށް ފެންއަޅާ ނިވާލި ފަދައެވެ. އަހަރެންގެ ފައިން ވަރުދޫވެ ބިންމައްޗައް ތިރިވެވުނީ ރޮމުންނެވެ. އެތަކެއް ދުވަހު އަހަރެން އިންތިޒާރު ކުރި ލޯބިވެރިއެއްގެ ސިޓީ އެއް، ލޯބިން ފުރިފައިވާ މެސެޖުތަކަކުން އަހަންނަށް ރައްދުވި ފަދައެވެ. އޭގައިވަނީ އިންތިހާ ލޯތްބެވެ. ފިރިހެނަކަށް ވިޔަސް އަހަރެންގެ ކޯތާފަތުގައި ބީހިމެންދިޔައީ ލޮލުން ފައިބަމުންދިޔަ ކަރުނަ ތަކެވެ. މިއުޅެނީ ބަހަކުން އަހަރެންގެ އިހްސާސްތައް ބުނެދޭން ނޭނގިގެންނެވެ. ހިތާމައާއި އުފާވެރިކަން ހިތުގެ އެންމެ ހިމަނާރާއިވެސް ކުޅެލައިފިއެވެ. މުޅި ހަށިގަނޑުގެ އެންމެހާ ގުނަވަންތަކެއް އަހަންނާއިއެކު ބައިވެރިވެފައިވާ ފަދައެވެ.

ހިތާމަވެރިކަމުގެ އިހްސާސް ކުރެވެމުން ދިޔައީ، މިއޮތް ހުރިހާ ދުވަސް ފާއިތުވެގެން ދިޔައިރުވެސް އެކަލާނގެ ހަޟްރަތުން ފާފަ ފުއްސެވުމަށް އެދި ނު ދެންނެވުނީތީއެވެ. އެކަލާނގެ ހަނދާންވާ ކޮންމެ ފަހަރަކު އަމިއްލަ ނަފްސައް ކުރެވެމުންދިޔަ ނަފްރަތުގެ ސަބަބުން އެ ހިތްވަރު ނުލިބުނީތީއެވެ. އެކަލާނގެ އީ ފާފަ ފުއްސެވުމަށް ލޯބިކުރައްވާ ރަސްކަލާނގެކަން ހަނދުމަ ނުވީމައެވެ. ޝައިޠާނާގެ ވަސްވާހުގައިޖެހި އަނެއްކާވެސް ފާފަޔަކަށްފަހު ފާފައެއް ކުރެވެމުން ދިޔައީތީއެވެ. އުފާވެރިކަން ވީ، ﷲ އަހަރެންދެކެވާ ލޯބި ހިތައްއަރާފައެވެ. އެތައް ފާފަތަކެއްގައި ބެދި ދިޔަނަމަވެސް އަދިވެސް އަހަންނަށް މަގު އެދައްކައިދިނީ އެނބުރި އެކަލާނގެއަށް ރުޖޫޢުވުމަށެވެ. ފާފަ ފުއްސެވުމަށްއެދި ދެންނެވުމަށެވެ.

ވަގުތު ފާއިތު ނުވާ ކަމާއި، އަހަންނަށްވެސް ހެޔޮމަގައް ރުޖޫއު ވެވިދާނެކަމުގެ އެތައް އުންމީދެއް އަނެއްކާވެސް ހިތުގައި ޖަމާވިއެވެ. ކުރީގައި އެނގިގެންދިޔަ އެތައް ކަމެއް އަލުން ހަނދާނައް އައެވެ. މީހެއްގެ ކުލަޔަކަށް، ޤަޢުމަކަށް، މުއްސަނދިކަމަކަށް ނުވަތަ ފަޤީރުކަމަކަށްވެސް ﷲ ބައްލަވާ ވޮޑިގެން ނުވާކަމެވެ. އެކަލާނގެ ބައްލަވާ ވޮޑިގެންވަނީ އެކަލާނގެ އަޅުތަކުންގެ ހިތްތަކާއި، އަމަލުތަކަށެވެ. ހެޔޮ ނިޔަތެއްގައި ކުރާ ކިތަމެ ކުޑަ ހެޔޮކަމަކަށްވެސް އެކަލާނގެ ހެޔޮ ޖަޒާ ދެއްވާނެކަމެވެ. އެއީ ހެޔޮކަމަކައްއެދި އަޅާ އެންމެ ފިޔަވަޅަކަށްވިޔަސް މެއެވެ. އަދި ފާފަތަކުން ސަލާމަތްވެ ހެޔޮމަގުގައި ސާބިތުވެ ހުރުމައްކުރާ ކޮންމެ މަސައްކަތަކީ ބޮޑުވެގެންވާ ޖިހާދެއްކަމެވެ. މިއޮށް ހުރިހާ ދުވަހު އަހަރެންގެ ހިތުން އެބަސްތައް ފުހެވިފައިވީ ފަދައެވެ. ހިތުގައި ތަކުރާރުކޮށް ޝައިޠާނާ އާލާ ކުރަމުން ދިޔައީ އެންމެ ހަނދާނެކެވެ. އެތައް މަސައްކަތަކުން ދުރުވި ފާފައަށް އަރައިގަނެވުނު ހަނދާނެވެ. ނަމަވެސް އަނެއްކާ ﷲ އަހަންނަށް ތެދުމަގު ދައްކަވައިފިއެވެ. އަހަރެންގެ ހިތުގައި އެ ފާފައަށްޓަކައިވީ ނަފްރަތުގެ ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ. ގައިމުވެސް އެއީވެސް ހެޔޮކަމެކެވެ. އެދުވަހައްފަހު އަނެއްކާވެސް އަހަރެން ހެޔޮމަގުގައި ސާބިތުވެ ހުރުމަށް މަސައްކަތް ކުރަމުން ދިޔައީމެވެ. އެތައް އުނދަގުލަކާއި ވޭނެއް އުފުލަން ޖެހުނެވެ. މީހުންގެ ހިތްތަކުން އަހަންނަށް ގެއްލިގެން ދިޔަ އިތުބާރު އަލުން ހޯދުމަކީ ފަސޭހަކަމެއް ނޫންކަން އެނގެއެވެ. ނަމަވެސް ﷲ އަހަރެންގެ އަމަލުތައް ދެނެވޮޑިގެންވާކަން އަބަދުވެސް ހިތުގައި ބާއްވަމެވެ. އަހަރެންގެ އިޚްލާސްތެރިކަމާއި، ހެޔޮ ނިޔަތް ހަމައެކަނި ދެނެވޮޑިގެންވާ ފަރާތަކީ އެއީއެވެ.

އަހަރެން މިވާހަކަތައް ތިޔަ ފަރާތްތަކާއި ހިއްސާ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އަހަރެން ފަދައިން ތަކުރާރު ކުރެވުނު ފާފައެއްގެ ސަބަބުން އުންމީދު ގެއްލި ދީނާއި ދުރައްގޮސް ތިބި އެންމެހާ ޒުވާނުންނަށް މިކަންކަން ހަނދާން ކޮށްދިނުމެވެ. ﷲ އީ އެންމެ އޯޤާވަންތަ ރަސްކަލާނގެ ކަމާއި، ފާފަ ފުއްސަވާ ރަސްކަލާނގެ ކަމެވެ. ތިބާގެ ކުއްތަކަށް ފާފަ ނުފުއްސަވާނެކަމަށް ހީނުކުރާށެވެ. ތިޔަ ވެއްޓިފައިވާ ވަޅުގަނޑުން ނުތެދުވެވޭނެ ކަމަށް ހީނުކުރާށެވެ. ކެތްތެރިކަމާއި، އަޒުމާއި، ހެޔޮ ނިޔަތާއިއެކު ހިތްވަރު ކުރާށެވެ. އަދި ގިނަގިނައިން އިސްތިޣްފާރު ކުރާށެވެ. ކުޑަކުޑަ އެންމެ ހެޔޮކަމަކީވެސް ދެވަނަ ހެޔޮކަމެއް ކުރުމަށްލިބޭނެ ހިތްވަރެކެވެ.

**ނިމުނީ**

 

92

11 Comments

  1. MOHAMED SHAHEEN

    September 18, 2019 at 6:36 am

    nice good advice

    • Faathii

      September 18, 2019 at 9:39 pm

      Jazaakallah khair. (May Allah reward you for good).

  2. Umny 💖💖💖

    September 18, 2019 at 7:38 am

    Varah ibraitheri vaahaka eh Mee. Thank faathii ah mikahala vaahaka thakuga beynun jehifa huri dhuvas kolheh Mee for my brother and my bf also so thanks a lot

    • Faathii

      September 18, 2019 at 9:42 pm

      Your most welcome. 😀
      May Allah make your needs fullfil in the most beautiful way..

  3. Girl

    September 18, 2019 at 9:12 am

    Just wow👏👏👏

    • Faathii

      September 18, 2019 at 9:43 pm

      Jazaakillah khair.(may Allah reward you for good). 🙂

  4. Frnd

    September 18, 2019 at 11:40 am

    Varah ibraitheri filavalheh

    • Faathii

      September 18, 2019 at 9:45 pm

      Alhamdhulillah. 😀
      Jazaakallah khair.

  5. Kattey

    September 18, 2019 at 2:27 pm

    Aaaah the most beautiful story ever read🙂🙂🙂🙂 BTW mi site au Haadha bodethi change thakeiy aisfiyey🤔🤔🤔What is this Faathiiii???

    • Faathii

      September 18, 2019 at 9:49 pm

      Alhamdhulillah (all praise’s belong to Allah) Jazaakallah khair.(may Allah reward you for good). 🙂
      aan dhw.. varah badhalu kollaifi.

  6. Evzzz

    September 20, 2019 at 10:20 pm

    maasha allah

Comments are closed.