އަތް ދަނޑިމަތީގައި…………
( މި ވާހަކައިގައި ބޭނުންކޮށްފައިވާނީ ހާދިސަ ދިމާވި މީހުންގެ އަސްލުނަމެއް ނޫނެވެ.)
ހިތްގައިމު ހެނދުނެއްގެ ވަގުތެވެ. ދުނިޔެމައްޗަށް އަލިވެފައިވީނަމަވެސް، ހޫނުކަމުގެ އެއްވެސް އަސަރެއްނެތެވެ. މަގުމަތި ކުނިކެހުމުގައި ބައެއް އަންހެންވެރިން މަސްއޫލުވެގެން އުޅޭތަން ފެނެއެވެ. އިރު އިރުކޮޅުން ޖެހިލާ މަޑު ވައިރޯޅިން، ދިގު ހުއި ގަސްތައް ހެލެމުންދާ މަންޒަރު ވަރަށްވެސް ހިތްގައިމެވެ.
ގޭދޮށް ކުނިކަހަން އޮތް މޫމިނާ، އިލޮށިފަތި އެއްލައިލަމުން ދުއްވައިގަތީ އޭނާގެ ހަގު ދަރިފުޅު ރޮއިގަތް އަޑަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއިރު އިރުފާނު ހޭލައިގެން ރޮނީއެވެ. އަވަސްއަވަހަށް ގޮސް އިރުފާން އުރާލައިގެން މޫމިނާ ނުކުތީ ބޭރަށެވެ. އެއިރު އެސޮރުގެ ރުއިން ދިޔައީ މަޑުވަމުންނެވެ. ރުއިން އެއްކޮށް ހުއްޓާލުމުން އެސޮރު ބިންމަތީ ބަހައްޓާފައި މޫމިނާ ގޮސް، ކުނިވެފައި ހުރި ބަތްކޮޅަކާއި މަހު ކަށިފަތި ތަކަކާއި އަދި ހަމަ އެފަދަ އެއްޗެހިތަކެއް އަޅާފައިވާ ބާލިދީއެއް ހިފައިގެން ނުކުމެއްޖެއެވެ. އަދި 3 އަހަރުގެ އިރުފާނުގެ އަތުގައި ހިފައިގެން ހިނގައިގަތީ ބޭރަށެވެ.
މޫމިނާ ބޭރަށް ނުކުތްއިރު ބައެއް އަންހެންވެރިން އިލޮށިފަތި ހިފައިގެން ގެއަށް ވަންނަނީއެވެ. އެއްބައިމީހުން މުޅޯށިތައް ހިފައިގެން ވަލުމަގުން އަރައިގެން އަންނަތަން ފެނެއެވެ. މޫމިނާ ހަރު ހިނގުމެއްގައި ވަލުމަގާއި ދިމާއަށް ހިނގައިގަތެވެ. އެއިރު އިރުފާނު، މޫމިނާގެ އަތުގައި ހިފައިގެން ހުރެ މޫމިނައާ އެއްވަރަށް ހިނގޭތޯ މަސައްކަތް ކުރަނީއެވެ. އެސޮރަށް އާދެވެނީ ފާޑަކަށް ދުވަމުންނެވެ.
ވަލުތެރޭގައިވާ ހިމަމަގުން އެދެމައިން ހިނގަމުން ދިޔައިރު ދެފަޅީގައިވާ ބޯ ގަސްތައް ނާމާންގޮތަކަށް ހެލެމުން ދިޔައެވެ. ދިއްގާ ގަހެއްގައި ޖައްސާފައިތިބި ދެތިންކާޅެއް ގޮވާލަ ގޮވާލަ ތިއްބެވެ. އެއިރު ރާޅުޖަހާއަޑު މަޑުމަޑުން އިވެމުންދިޔައެވެ.
ގަސްބޯ ޖަންގަލި ފަސްދީ، ހިމުން ދޮންވެލީގެ ގޮނޑުދޮށަށް ނުކުމެވުމާއެކު ސާފު ރީތި ވައިރޯޅިތައް މޫމިނާގެ މޫނުގައި ފިރުމަންފެށިއެވެ. އޭނާގެ ބުރުގާ މަޑުމަޑުން ވަޔާ ވިހުރެން ފެށިއެވެ. މިއާއެކު ވަށައިގެންވާ މާހައުލަށް އޭނާ ކުޑަކޮށް ނަޒަރު ހިންގާލިއެވެ.
މޫދުގެ ތަންކޮޅެއްބޭރުގައި، ފެނުންމައްޗަށް ހިއްލިފައިހުރި ދެތިންގާ ފެނެއެވެ. އުޑުމަތީގައި ކުދިކުދި ވިލާކޮޅުތައް އެއްވެސް ތަރުތީބެއްނެތި އުކާލެވިފައި ވެއެވެ. ހުދު ދޮންވެލިގަނޑަށް ބީއްސަމުންގެންދިޔަ ރާޅުގެ އަޑާ އެކުވެފައިވަނީ އަކިރިތައް އެކިގޮތްގޮތަށް ފުރޮޅެމުންދިޔަ އަޑެވެ. ބީއްސަމުންދިޔަ ރާޅާ ހަނގުރާމަ ކުރަމުންދިޔަ އުނބެއް، ރާޅުތަކުތެރޭގައި ދެކޮޅަށް ފުރޮޅިފުރޮޅި އޮތެވެ. ދުރުގައި ހުރި ނެރުދަނޑިމަތީގައި ޖައްސަފައި އިން ކާޅެއް ފޫހިގޮތަކަށް ގޮވަމުންދިޔައެވެ.
މޫމިނާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އެއިރު އިރުފާނު މޫދާދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މޫމިނާ، އެސޮރު ވެލިގަނޑުމަތީ ބައިންދާފައި ބާލިދީ ހިފައިގެން މޫދާދިމާއަށް ހިނގައިގަތެވެ. ބާލިދީގައި ހުރި ކުނިތައް މޫދަށް އޮއްސާލިއިރު ތިމާވެއްޓާދޭތެރޭ އޭނާ ވިސްނާހެންނެއް ހިއެއްނުވެއެވެ. ބާލިދީ ސާފުކޮށްލުމަށްފަހު އެއްގަމަށް މޫމިނާ ހިނގައިގަންއިރު، އެވަގުތަށް ފާރަލައިގެން ތިބި ކާޅުތައް އުދުހިފައިއައިސް ރާޅުޖަހާފަށަށް ތިރިކޮށްލަނީއެވެ. އަދި ވެލިގަނޑުމަތީއޮތް ކަށިފޮތިތައް ތުނބުލައިގެން އުދުހިގަތެވެ.
މޫމިނާ ހައިރާންވީ އިރުފާނު، ބޭންދިތާނގައި ނެތީމައެވެ. އަވަސްއަވަހަށް މޫދާދިމާއަށް ހިންގާލި ނަޒަރާއެކު، ރާޅުފެންކުރީގައި ދެފައި ތެންމައިގެން ހުރި އިރުފާނު ލޮލުގައި އަޅައިގަތެވެ. ބަލިދީ ވެލިގަނޑުމަތީ ބައިންދާފައި ދުވެފައި ކަހަލަގޮތަކަށްގޮސް އިރުފާނު ނަގައިގަނެގެން ހިނގައިގަތީ އެއްގަމަށެވެ. އިރުފާނު ބޮޑައި ހާކާފައި ރޯންފެށިއެވެ.
ގެއާ ހިސާބަށް އާދެވުނީ ހާލަކުންނެވެ. ރޮމުންދިޔަ އިރުފާން ކިހިއްޔަށް ޖަހައިގެން އަނެއްއަތުން ބާލިދީ ހިފައިގެން ރުންކުރުވެފައިހުރި މޫމިނާ ދޮރު ހުޅުވާލަމުން ގޭތެރެއަށް ވަނެވެ. އިރުފާނު ގޭތެރޭގައި ބެހެއްޓުމަށްފަހު ބަދިގެއަށްދިޔައިރު ދޮށީ އަންހެންދަރި، މައިޝާ އިނީ ސައިބޯށެވެ.
” ދަރިފުޅާ… ސައިބޮއެގެން ދޭބަލަ އިރުފާނު ގާތަށް……” އަތްދޮންނަ ތައްޓާ ދިމާއަށް ހިނގައިގަންނަމުން މޫމިނާ ބުންޏެވެ. ” މަންމަ މިއުޅެނީ ތަށިތައް ދޮންނަން….. މިހިރީ ރޭގަ ކޭ ތަށިތައް ހުރި ގޮތަށް….. ” ސައިތައްޓަށް ފާރޮށި ކިބަ ލައިގެން އިން މައިޝާ ހޫން އަޅުވާލިއެވެ.
މެންދުރުވެގެން އައިއިރު އުޑުމަތީގައި ފުސް ބޯ ކަޅުވިލާތައް އައީ ގިނަވަމުންނެވެ. އިރުމަތިން އަރައިގެން އައި ކަޅު ވިލާގަނޑުން މުޅި އުޑުމަތި ބައްދާލިއެވެ. ވައި ބާރުވާންފެށިއެވެ. ދުނިޔެމައްޗަށް އަނދިރިކަން ފެތުރެން ފެށިއެވެ.
ދުން އަރަމުންދިޔަ ބަތްތަވާގައި މަތި ޖެހުމަށްފަހު މޫމިނާ، މޫނުގައިހުރި ދާ ތިކިތައް އަތުގެ ނުފުށުން ފުހެލިއެވެ. އަދި އަތުގައި އޮތް ދޭފަތް ފާރުގައި ހުރި މޮހޮރުގައި އަޅުވާލުމަށްފަހު ބަދިގެއިން ބޭރަށް ނުކުތެވެ. އާދަޔާ ހިލާފަށް ބާރުވެފައިވާ ވައި އޭނާއަށް އިހުސާސްވީ އެވަގުތެވެ. އުޑުމައްޗަށް ނަޒަރު ހިންގާލަމުން ހިއްކަން އަޅާފައިހުރި އަންނައުނުތައް ނަގަން އޭނާ ހިނގައިގަތެވެ.
އަންނައުނުތައް ހިފައިގެން ކޮޓަރިއަށް ވަންއިރު އެނދުގައި އޮށޯވެލައިގެން ވާހަކަފޮތެއްކިއަން އޮތް މައިޝާ ފެނިފައި މޫމިނާ ހައިރާންވިއެވެ. އަންނައުނުތައް މޭޒުމަތީ ބެހެއްޓުމަށްފަހު މޫމިނާ މައިޝާ ގާތަށް ޖެހިލިއެވެ.
” ކޮބާ އިރުފާނު……. މައިޝާއާ ހަވާލުކުރި…….؟” މޫމިނާގެ ނިތަށް ރޫ އަރުވާލަމުން ސުވާލުކޮށްލިއެވެ.
” މަންމަކައިރިއަށޭ ކިޔާފަ ދިޔައީ…. ނުދޭތަ……؟”
މައިޝާ، ވާހަކަ ފޮތް ބާއްވާފައި ބޭރަށް ނުކުންނަން ހިނގައިގަތެވެ. މޫމިނާވެސް މައިޝާގެ ފަހަތުން ބޭރަށް ނުކުތެވެ. ގޭގެ އެކިތަންތަން ހޯދަންފެށިއެވެ. ނުފުރޮޅާ ގަލެއް ނެތެވެ. ނުހިއްލާ ފަތެއް ނެތެވެ. މުޅި ގޭތެރޭގައި އަތްފުނާ އެޅިއިރުވެސް އިރުފާނުގެ ހިލަމެއް ނުވިއެވެ.
ދެ މައިން ނިކަން ހާސްވެއްޖެއެވެ. ނިތްކުރިން ދާ ފުހެމުން އައި މޫމިނާއަށް، ހުޅުވިފައިވާ ގޭގެ ބޮޑު ދޮރު ލޮލުގައި އަޅައިގަތީ އެވަގުތެވެ. ހިތްގަނޑުތެޅިގަތުމާއެކު އޭނާ ދުއްވައިގަތީ ގެއިން ބޭރަށެވެ. އެއިރު ހިމަފޮދު ވާރޭ ވެހެން ފަށައިފިއެވެ.
މުޅި މަގުމަތި ވަނީ ކުނިން ފުރިފައެވެ. ރުކަކުން ވެއްޓިފައިވާ ހިކި ފަނެއް މަގު ހުރަސް ވެފައި އޮތެވެ. ގަސްތަކުގެ ފަތްތައް ވަޔާ ހަނގުރާމަ ކުރަމުން ދިޔައީ ކާމިޔާބުލިބޭނެ ކަމުގެ އުންމީދުގައެއްނޫނެވެ. ހިކި ވެލިގަނޑު މަޑުމަޑުން ތެމެމުން ދިޔައެވެ. ވަޔާ އިދިކޮޅަށް އުދުހިފައި އައި ކާޅެއް އެންމެފަހުން ކެތް ނުވެގެން މިސްރާބު ބަދަލުކޮށްލިއެވެ. މޫމިނާ ކުނިކަހަން ގެންގުޅުނު އިލޮށީފަތި އެއިރުވެސް މަގުގެ އެއްފަޅީގައި އޮތެވެ.
ދާހިއްލާ ފޯވެފައިހުރި މޫމިނާ، ޖެހިގެންހުރި ހަރީރާ ގެ ގެއަށް ވަނެވެ. ނިކަން ހާސްވެފައި ހުރެ ތިމަންނާގެ ހަގު ދަރި، އިރުފާނު ދުށިންހޭ އަހާލިއެވެ. ހަރީރާގެ އަނގައިން ނޫނެކޭ ބުނިއިރު، މޫމިނާ ދުވެފައި އެ ގެއިން ނުކުންނަނީއެވެ. އެއިރު މައިޝާ މަގުގެ އެއްފަޅީގައި މަޑުކޮށްލައިގެން ހުއްޓެވެ. މޫމިނާ، އޭގެ ހުޅަނގަށް ހުރި ސަމްސިއްޔަތުގެ ގެއަށް ވަނެވެ. ނަމަވެސް އިތުރު މާޔޫސްކަމެއް ނޫނީ އެފަކީރަށް ނުލިބުނެވެ.
އެ ގެއިން ނުކުމެ ދޮރާށިދޮށުގައި މަޑުކޮށްލައިގެން ގޮތްހުސްވެފައި މޫމިނާހުއްޓެވެ. އެވަގުތު ވަލުމަގާދިމާލުގައި ހުރި ދިގު ހުއި ގަސްތަކުގެ ތެރެއިން ނުކުމެ ބާރުދުވެލީގައި ވަލުމަގާދިމާލަށް ދުއްވައިގަތް އިރުފާނު ފެނިފައި މޫމިނާ ސިހުނެވެ. އޭނާވެސް ފަޔަށް ބާރުލާފައި ދުއްވައި ގަތެވެ. އެވަގުތު، ވެހެމުންދިޔަ ހިމަފޮދުވާރޭ އިންތިހާއަށް ބޯކޮށްލައިފިއެވެ. ވައިވެސް ބާރުވެފައިވަނީ ނިހާޔަތަށެވެ. ބިންމަތީގައިހުރި ހިކިފަތްތައްވެސް އެގޮތްމިގޮތަށް ފަޒާތެރޭ އުދުހެމުންދިޔައެވެ. މޫމިނާ ދުވެފައިގޮސް ވަލުމަގަށް ނުކުތްއިރު އިރުފާނު އަތިރިމައްޗަށް ނުކުންނަނީއެވެ. ނަމަވެސް އެމަންޒަރު މޫމިނާއަށް ފެނުނީ ފުސްކަމެއްގެ ތެރެއިންނެވެ. ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުން ކިތަންމެ ކައިރީގައިވާ މަންޒަރެއްވެސް ސިފަކުރުމަކީ އުނދަގޫކަމެކެވެ.
މޫމިނާ ހަޅޭލަވަމުން ދުވެފައި ގޮނޑުދޮށަށް ނުކުތްއިރު އެފަކީރުގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އާދަޔާހިލާފަށް ގަދަވެފައިވާ ކަނޑާއި އަދި ވެލިގަނޑު މައްޗަށް ބިންދަމުންދިޔަ ރުޅިވެރި ރާޅުތަށް ފެނިފައި މޫމިނާ އަނބުރައިނުގަތީކިރިޔާއެވެ. އޭނަގެ ލޯ އަވަސްއަވަހަށް ހަރާކަތްކުރަމުންދިޔައެވެ. އެވަގުތު ބިންދާލި ބޮޑުރާޅުގެ ތެރޭގައި އެނބުރެމުންދިޔަ އިރުފާނުގެ ނިކަމެތި ކުޑަ ހަށިގަނޑުފެނިފައި މޫމިނާއަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. އަދި އަވަސްއަވަހަށްގޮސް މޫދަށް ޖެހިގަނެ، އޭނާގެ ލޯބިވާ ދަރިފުޅު އޭނާގެ ހިމާޔަތުގެ ދަށަށްގެނެވޭތޯ މަސައްކަތްކުރިއެވެ. އޭނާ އެކަން ކުރިވެސްމެއެވެ. ނަމަވެސް މޫމިނާގެ އަތްދަނޑިމައްޗަށް ނެގި އެ ހަށިގަނޑު، އަނެއްކާވެސް އައިރާޅާއެކު، މޫދުގެ ލޮނުގަނޑުތެރެއަށް ދަމައިގަތީވެ. މޫމިނާ ބާރުބާރަށް ރޮއިގަތެވެ. އަނެއްކާވެސް އެ އޮއި ގަދަ ރާޅުތަކުގެ ތެރެއިން އިރުފާނު ނެގޭތޯ މޫމިނާ މަސައްކަތްކުރަމުން ދިޔައެވެ. އެއިރު މޫމިނާގެ އިސްތަށިގަނޑުން ބޮޑުބައެއް ވަނީ ބުރުގާތެރެއިން ނުކުމެ އޭނާގެ މޫނުމައްޗަށް އެޅިފައެވެ. ދުރުގައި ބަލަންހުންނަ މީހަކަށް މިމަންޒަރު ވާނީ ހިތްދަތި މަންޒަރަކަށެވެ.
ރާޅު ބޭރަށް ދަމައިގަންވަގުތު މޫމިނާ، އޭނާގެ ދަރިފުޅު ލޮނުގަނޑުން ނެގިއެވެ. އަދި އަތްދަނޑިމަތީގައި ބާއްވައިގެން އައިސް ވެލިގަނޑުމަތީގައި ދެކަކޫޖަހާފައި އިށީނެވެ. އެއިރު އިރުފާނުގެ ހަށިގަނޑުވަނީ އާދަޔާހިލާފަށް ފިނިވެފައެވެ. އެ ހަށިގަނޑުގައި އެއްވެސް ދިރުމެއްނެތެވެ. ދެލޯ ވަނީ މެރިފައެވެ. އަތުގެ ހުދު ހަންގަނޑުވަނީ ފިނިގަދަވެގެންގޮސް ހަރުވެފައެވެ.
މޫމިނާގެ އަތުގައި އޮތް އިރުފާނުގެ ހަށިގަނޑަށް ކުޑަ ދިރުމެއް އައެވެ. ލޯހުޅުވާލިއެވެ. ފުންނޭވައެ ބޭރުކޮށްލިއެވެ. ގިސްލެވެމުންދިޔަ މޫމިނާގެ މޫނުމަށްޗަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. ވީއުފަލުން އޭނާގެ ދަރިފުޅު ނަގާ މޭތެރޭ ބޮނޑިކޮށްލިއެވެ. ނިކަން ލޯބިން ބައްދާލިއެވެ. ދެން ދުވަހަކުވެސް ދަރިފުޅު ނުފެންނަ ހިސާބަށް ދުރަށް ނުދާނަމޭ ބުނާކަހަލައެވެ. ނަމަވެސް……………
ނަމަވެސް މަރަކީ ކާކަށް ހިފެހެއްޓޭނެ އެއްޗެއްހެއްޔެވެ؟ މޫމިނާގެ ހަށިގަނޑުގައި ބައްދާލައިގެން އޮތް އިރުފާނުގެ ހަށިގަނޑު މަޑުމަޑުން ދޫވަމުންދިޔައެވެ. މޫމިނަގެ ކޮނޑުމަތީގައި އޮތް އިރުފާނުގެ ކުޑަކުޑައަތް ލޫދިގެންގޮސް އެލުނެވެ. އެ ހަށިގަނޑަށް ވެރިވި ކުޑަ ހޫނުކަން، އަނެއްކާވެސް ގަނޑުފެން ފަދައިން ފިނިވެގެން ދިޔައެވެ. މުމިނާ އޭނާގެ ހަށިގަނޑާ އިރުފާނު ދުރުކޮށްލިއެވެ. އެއިރު އިރުފާނުގެ ދެލޯ ބޮޑަށް ހުޅުވިފައި އޮތެވެ. އަނގަވެސް ހުރީ ކުޑަކޮށް ހުޅުވިފައެވެ. ކަރު އޮތީ އެލިފައެވެ. ދެއަތުގައި އެއްވެސް ވާތްގެތް ނެތެވެ.
މޫމިނާ ހާސްވާންފެށިއެވެ. އޭނާގެ ދަރިފުޅު އަތްދަނޑިމަތީގައި ބާއްވައިގެން ތަޅުވަމުންދިޔައެވެ. ދަރިފުޅާއޭ ކިޔާ ހަޅޭއްލަވަމުންނެވެ. ރޮމުން ގިސްލަމުންދިޔައިރު އޭނާގެ ހިތް ހީވަނީ ހުއްޓިދާނެހެންނެވެ. އިރުފާނުގެ ހަށިގަނޑަށް އިތުރު އެއްވެސް ބަދަލެއްނައެވެ. މޫމިނާ ކަރުބުޑުން ބާރަށް ހަޅޭލަވައިގަތެވެ. އެއަޑު، ބިންދަމުންދިޔަ ރާޅުގެ އަޑާއެކުވެގެން ޖައްވުގެތެރެއަށް އަރައިގެން ދިޔައެވެ. އެއިރު ބޯކޮށް ވެހެމުންދިޔަ ވާރޭ މަޑުމަޑުން ތުނިވަމުންދިޔައެވެ.
މިއީ ކޮންފަދަ އަނިޔަވެރި ދުނިޔެއެއްހެއްޔެވެ؟ ކުޑަ ވަގުތުކޮޅަކަށް މުމިނާގެ މޫނުމައްޗަށް ވެރިވި އުފާވެރިކަން އަބަދުގެ އަބަދަށް ފަނާވެގެން ދިޔައީއެވެ. މުމިނާގެ އަތްދަނޑިމަތީގައި ނެތިދިޔަ އޭނަގެ ލޯބިވާ ދަރިފުޅު، އިރުފާން ފަދައިންނެވެ.
ނިމުނީ
26 Comments!
Comments are closed.



Hellow everyone…. here is a real story… hope you all’ll like it… ;P
🙂
Nice
Sifakohdhinun vvvv kamudhey
Thnkx yoohaa 🙂
Furathama story r balaafa mi story ehrr reehcheh noOn… vaanuvrr rangalhah neyngey… I think You cn do better thn this… 🙂
vaahaka kiyan neyngenyya nukiyaa hureema v nu :@ huh !
V v v rythi,, keep it up… Sifakurun hama ehwana… Hywy hama film eh balaalewunuhen… N v hiydhathi story eh… V dhera wehje… Mi story hoody genesdhyfa in goi v salhi… Ithuru waahaka akah inthizaaru kuran… :-):-)
baby, mee hoody ge furathama vaahaka eh noon ingey…hama kithanme haa ves mi vaahaka reethi…haassakoh sifakurun thah
aslu kihinehv irufaan ah.. kyve moodhah dhieh… waahaka kiya nimun iruves javaabu nulibey suvaal thakeh ebahuri.. otherwise ok
Hey this is so good hope to see your story ASAP i feel sad for the mother. And good luck with your studies.
Thankx all… 😀 mistake huriyyaa bunedhehchey… eyrun dhn faharakun rangalhu kureveynee….. btw, alhuganduge dhigu waahaka, ‘kalhu finifen maa’ varah avahah up kureveytho balaanan….. 😉
v rangalhu, molhu waahaka liyuntheriyakah vevidhaane, inshaa alla
v rangalhu. insha alla, molhu waahaka liyuntheriyakah vevidhaane.
V nyc mi story..
V reeti vaahaka eh, v bodah kamudhey, keep it up
sifa kurunthah v.rangalhu!!!heekuree biruveri vahaka akah vane kamah…… ekamku vahak ninmali gotheh eha kamaku nudhiya….thankolheh hadhisa bodu kolli nama…. i mean that ,maisha ge sababub v kamehge gothuga hadhafa….eyna ekamah maafah edhey gothah hadhali nma vs ok vane……dhn kuriah oi thaanga v.furihama vahaka eh kiyalan libeyne kamah heekuran….
varah hadi
hey hoodyy woody..mee dhw mi lyy stry aky..i read it liye nimunu thanaa dhw..ekm vx mi site ga comment eh khladheyn kamah. 😛 vrh rythi stry..dhn ekudhin ebunaahen ekujja moodhah vettunu goi neygeythy kudakh sakaraai vany..i undrstand hoody ah ebai nugenesdhevuny kyhvekan vx…bt kmmx gothakah ethankolhu lynama vrh rythi vaane.. 🙂 kyp the gud wrk up..n dhn in stry avahah up kureyy..okkk 🙂 <3
sifakohdhinumuge bai maa bodee aslu
v reethi mi vaahaka. in my view everything was just perfect.
މާޝާ ﷲ ވަރަށް ފުރިހަމަ.. ސިފަކުރުން ހަމަ އޮބިނޯވޭ.. އަދި ވާހަކަ އާއި ގުޅޭގޮތުން ދުނިޔެމައްޗަށް ގެނެސްފައި ހުރި ބަދަލުތައް ވަރަށް ގުޅޭ.. ހަމަ 85/100 ދޭވަރުވޭ.. ! 🙂
Perfect
miii real story eh dhw…. eba huri kudhi kudhi mistakes ibaarai kurumuga… good luck
kurimathee hurihaakamey fenhen heevee v salhi sifakurun…
Masha allah hoody vareh neh… Varah salhi… ❤️❤️?