ވީރާނާވެފައިވީ ޙަޔާތް މަގޭ 12

- by - 12- September 8, 2019

ޖެހިލުންވެ ހުރެ، ރަޔާންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހީމެވެ. ރަޔާން ދޮރު ހުޅުވާލާ ބަލާލިއިރު، އެ މޫނުމަތިން ހައިރާންކަން ފެނުނެވެ. ކުރިމަތީގައި ހުރީ އަހަރެންކަމާއިމެދު، ސުވާލު އުފެދިފައި ހުރިހެން ހީވިއެވެ.

**********************

 

“ރަޔާން” ހިތްވަރުކޮށްލާފައި އަހަރެން ރަޔާންއަށް ގޮވާލީމެވެ. ހުއްޓުން އަރާފައި ހުރި ރަޔާނަށް ހޭވެރިކަންވީ، އަހަރެން ގޮވާލުމުންނެވެ. ދޮރުފަތް ބޮޑަށް ހުޅުވާލަމުން، އެތެރެއަށް ވަންނަން ބުންޏެވެ. އަހަރެން، ޔަމާންއާއި ދިމާއަށް ބަލާލީމެވެ. ޔަމާން ބޯ ޖަހާލުމުން، އަހަރެންވެސް ޔަމާންއާއިއެކު އެތެރެއަށް ވަނީމެވެ. ރަޔާން އެނދުގައި އިށީންދެލަމުން، އަހަރެމެން ގާތު، ސޯފާގައި އިށީނުމަށް ބުންޏެވެ.

 

“ރަޔާން… ރަޔާން…” ދެފަހަރަކު ރަޔާންގެ ނަން ކިޔުނުއިރުވެސް، ބުނަން ބޭނުންވި ވާހަކަ ދުލާއި ހަމައަށް ގެނައުމަށް އަހަރެން ނުކުޅެދުނެވެ.  ރަޔާން އަހަރެންގެ މޫނަށް ބަލަން އިނީ، އަހަރެން ދައްކަން ބޭނުންވަނީ ކޮން ވާހަކައެއްކަން ނޭންގޭތީއެވެ.

 

“އަހަރެން މި އައީ ރަޔާންއާއި، ވާހަކައެއް ދައްކަންވެގެން” އަހަރެން އެންމެފަހުން ބުނީމެވެ. ރަޔާން އަހަރެންގެ މޫނަށް ކަޅިޖަހާނުލާ ބަލަން އިނެވެ. ޔަމާންގެ މޫނަށް ހުއްޓާލި ނަޒަރު، އަނެއްކާވެސް އަހަންނަށް ބަދަލުކޮށްލިއެވެ. ހިމޭންކަމާއެކު އިންއިރު، އަހަރެން ދައްކަން އުޅޭ ވާހަކައެއް ދެނެގަންނަން މަސައްކަތްކުރަނީކަމަށް ވެދާނެއެވެ. ޔަމާން އަހަރެންގެ އަތުގައި ހިފާލަމުން، އަހަންނާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ކުރިއަށް ގެންދަން އިޝާރާތްކޮށްލުމުން، އަނެއްކާވެސް ރަޔާންގެ މޫނަށް ބަލާލެވުނެވެ.

 

“ރަޔާން… ސޮރީ..” ރަޔާންގެ ކިބައިން މާފަށް އެދުންވީ، އަހަރެން ހީކުރި ވަރަށްވުރެވެސް އުނދަގޫ ކަމަކަށެވެ. ސިހިފައި ރަޔާން ކޮޅަށް ތެދުވިއެވެ. އަހަރެންގެ މޫނަށް ހައިރާންކަމާއެކު ބަލަން ފެށިއެވެ.

 

“އެދުވަހު އަހަންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން.. ރުޅި އައިސްފައި ހުރިވަރުން އެދުވަހު ވީގޮތް އެއީ… ހީވިހީވުމެއްގެ ސަބަބުން ރަޔާންގެ ބޮލުގައި އިލްޒާމެއް އެޅުވުނީ… އެކަމަށް އަހަރެން މާފަށް އެދެން…” އަހަރެން ވާހަކަ ކުރިއަށް ގެންދިޔައިމެވެ. ރަޔާން އެއްޗެކޭ ނުބުނެ، އަހަންނާއި ދިމާއަށް ބަލަން އިރުކޮޅަކު އިނެވެ.

 

“އެކަމާ ޝަބާ މާފަށް އެދޭކަށް ނުޖެހޭ… އަހަންނަށް އެފަދަ މަންޒަރެއް ފެނުނު ނަމަވެސް ، ގަބޫލުކުރެވުނީހީ އެގޮތަށް… އަމިއްލަ ދަރިއަކަށް އެކަހަލަ އަނިޔާއެއްވުމުން، ރުޅިވެސް އަންނާނެ.” އަހަރެންގެ މޫނުން ނަޒަރު ވަކިކޮށްލަމުން، ރަޔާން ބުނެލިއެވެ.

 

“އަސްލު މާފަށް އެދެން ޖެހޭނީ އަހަރެން… ނޭންގި ނަމަވެސް އަހަރެންގެ ސަބަބުން، ޝާފީއަށް ލިބުނު އަނިޔާއެއް އެއީ… އެހެންވީމާ އެއްގޮތަކުން ބުނަންޏާ، ޝަބާ އަހަރެންދެކެ ރުޅިއައުން ހައްގު…” ރަޔާން އިސްޖަހާލަމުން މާފަށް އެދުނެވެ.

 

“ރަޔާން… އަހަރެމެންނަށް އެދުވަހު ކަންތައްވީ ގޮތް ކިޔައިދީބަލަ…” ޔަމާން އެދުނެވެ. އަހަރެންވެސް ރަޔާންގެ މޫނަށް ބަލާލީ، އެކަމަށް އެދޭ ހާލުގައެވެ.

 

“އެދުވަހު ގެއަށް އައިއިރު، ޝާފީ އިނީ ސިޓިންގރޫމުގައި އެކަނި… އެހެންވެ، ޝާފީއާއިއެކު ކުޑައިރުކޮޅަކު މަޑުކޮށްލާފައި، އަހަރެން ދިޔައީ ކޮޓަރިއަށް… ލެޕްޓޮޕާއި ބައެއް އެހެން އެއްޗެހި ހިފައިގެން ކޮޓަރިން ނުކުތީ… އޭރު އަހަރެން އުޅުނީ، ނުނިމި ހުރި ބައެއް މަސައްކަތްތައް ކޮށްލަން ޓެރަހަށް ދާންވެގެން… އަހަރެން ގޭގެ ދޮރާއި ދިމާއަށް ދާތަން ފެނިގެން، ޝާފީ އަހަންނަށް ގޮވީ… ޓެރަހަށް ދާން އުޅޭކަން އެނގުނީމަ، ޝާފީވެސް ބޭނުންވީ އަހަންނާއި އެއްކޮށް ދާން… އަހަރެންވެސް އެކަމަށް އެއްބަސްވެ، ޝާފީ ގޮވައިގެން ދިޔައީ… ސިޑިން އަރަމުން ބުނިން ބަލައިގެން އަރާށޭވެސް…  ސިޑީގެ ވަކި ހިސާބަކަށް އެރުނުތަނާ ބުނެފި، ބްލޮކްސްތައް ހިފައިގެން ކޮއްކޮ އަންނާނަމޭ… އެހެން ކިޔާފައި އަލުން ފޭބީ… ޝާފީ އެ އެއްޗެހި ހިފައިގެން އަންނަންވާއިރަށް، އަހަރެން ދިޔައީ އަހަރެންގެ އަތުގައި ހުރި އެއްޗެހި ޓެރަހަށް ލާން… އަހަންނަށް ސިޑިއާއި ހަމައަށް އާދެވުނުއިރު ޝާފީ އައިސްފި… ވަކި ހިސާބަކަށް އެރުނުތަނާ، ޝާފީ އަރިއަޅާލައިގެން ވެއްޓެން ދިޔައީ… ޖެހިގެން އިން ހަރުފަތުގައި ފައި އެޅުނު ގޮތަކުން ހެން ހީވަނީ…  އަހަރެން ހުރި ހިސާބާއި ޝާފީއާއި ދެމެދު ފުދޭވަރެއްގެ ދުރުމިނެއް ހުރި… ހުރިހާ ކަމެއްވެސް ވީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި… އަހަރެން މަސައްކަތް ކުރިން… ޝާފީ ވެއްޓެން ދިޔައިރު ހިފައްޓަން… އެކަމަކުވެސް…. އަހަންނަށް އެކުއްޖާގެ އަތުގައި ނުހިފުނު… ޝާފީ ވެއްޓި، ބިންމަތީގައި ޖެހުނު ތަން ފެނުމުން އަހަރެން ހުއްޓުން އެރި… އެވަގުތު ޝަބާއަށް އާދެވުނީ…ހަރަކާތެއްވެސް ނުގެނެވިފައި ހުއްޓާ، ޝަބާ ގޮވާލި އަޑަށް ހޭވެރިކަމެއްވީ…” ރަޔާންއަށް ވެސް އެވާހަކަތައް ކިޔައިދޭކަށް ފަސޭހައެއް ނުވިއެވެ.

 

ޝާފީ ސަލާމަތްކުރަން، ރަޔާން ކުރި މަސައްކަތް ނާކާމިޔާބުވުމުން، އޭނާ ހުރީ ވަރަށް ދެރަވެފައެވެ. އަދި އަހަރެން އެފަދަ އިލްޒާމެއް އެޅުވުމުން ވާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް އިސްޖަހާލެވުނެވެ. ރަޔާން އަހަރެންގެ ނަމުން ގޮވާލި އަޑު އިވުމުން، އިސްއުފުލާ އޭނާއާއި ދިމާއަށް ބަލާލީމެވެ.

 

“ޝަބާ… އަހަރެން ހަމަ އަސްލުވެސް މަސައްކަތްކުރިން… އެކަމަކު…” ރަޔާން ބޯ ހޫރާލަމުން އޭނާގެ ވާހަކަ ހުއްޓާލިއެވެ. އެއީ އޭނާ ގަސްދުގައި ކުރި ކަމެއް ނޫންކަން، އަހަންނަށް ޔަގީންކޮށްދޭން މަސައްކަތް ކުރަނީއެވެ.

 

“އަހަންނަށް މާފުކޮށްދޭތި… އަހަރެންގެ ސަބަބުން…” ރަޔާންގެ ވާހަކަތައް މެދުކަނޑާލަންޖެހުނީ، އޭނާގެ ފޯނު ރިންގުވާން ފެށި އަޑަށެވެ.

 

ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އެކޮޅުން ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު، މިދަނީކަމަށް ބުނެ، ރަޔާން ފޯނު ބޭއްވިއެވެ. ވަރަށް އަވަހަށް ދާން ޖެހިއްޖެކަމަށް، އަހަރެމެން ގާތު، ރަޔާން ބުންޏެވެ. އަދި މަޑުކުރެވެން ނެތުމުން، މާފަށް އެދުނެވެ. އެއީ އެއްވެސް މައްސަލައެއް ނޫންކަމަށް، އަހަރެމެން ބުނީމެވެ. ދެން އެހެން ފަހަރަކުން ވާހަކަ ދައްކާނީކަމަށްވެސް ބުނީމެވެ. ރަޔާންވެސް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމުން، އަހަރެމެން ކޮޓަރިން ނުކުތީމެވެ.

 

މިއަދު މިގެއަށް އައި މައިގަނޑު އެއް މަޤްސަދު، ފުރިހަމަކުރެވުނީތީ ހިތްހަމަޖެހުނެވެ. އަހަރެމެންގެ ބޭނުމަކަށްވީ، ރަޔާންގެ ދުލުން، ކަންތައްވީ ގޮތް އޮޅުންފިލުވުމެވެ. ކުރެވިފައިވި ކުށްހީގެ ސަބަބުން، ދިމާވާން ނުޖެހޭ އެތައް މައްސަލަތަކެއް ކުރިންވެސް ދިމާވެއްޖެއެވެ. އެހެންވެ، ރަޔާންއާއި ބައްދަލުކޮށް، އެކަން އިތުރަށް އޮޅުންފިލުވާ، އޭނާގެ ކިބައިން، މާފަށް އެދެން ބޭނުންވީއެވެ. ރަޔާންގެ ދުލުން ހަޤީޤަތް ކިޔައިދިނުމުން، ދެން އިތުރު އޮޅުމެއް ނޯންނާނެތީއާއިވެސް އެކުގައެވެ. ރަޔާން ދެއްކި ވާހަކައާއި، ޝާފީގެ ފަރާތުން އަހަރެމެންނަށް އެނގުނު ވާހަކަތަކާއި، ފުށުއެރުންތަކެއް ނެތުމުން، އެއީ ރަޔާން ގަސްދުގައި ކުރި ކަމެއް ނޫންކަން ޔަގީންކުރެވިއްޖެއެވެ.

 

އެދުވަހު ޝާފީގެ ފަރާތުން، އެ ވާހަކަތައް އޮޅުންފިލުމުން އަހަރެން ހައިރާންވިއެވެ. ރަޔާން، ޝާފީއަށް ގަސްދުގައި އަނިޔާއެއް ނުދޭކަން، އެނގުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް، ހަޤީޤަތް ބަލާނުލާ، ރަޔާންއާއި ދިމާއަށް ކިޔުނު އެއްޗެހި ހަނދާންވުމުން، ވަރަށް ދެރަވިއެވެ. ކުރެވުނު ކުށްހީގެ ސަބަބުން، ރަޔާންއަށް އެއްވެސް އަސްލެއް ނެތް ތުހުމަތެއް ކުރެވުނީތީ، އެކަމާ ހިތާމަކުރީމެވެ. އަހަންނާއި ރަޔާންގެ ތަފާތެއް ނެތޭ ހިތަށް އެރިއެވެ. ރަޔާންވެސް ހަމައެކަނި އޭނާއަށް އިވުނު ވާހަކަތަކެއްގެ ސަބަބުން، އަހަންނާއި ދިމާއަށް އެއްޗެހި ކިއީއެވެ. އަހަރެންވެސް، އަހަންނަށް ފެނުނު ކަމެއްގެ ސަބަބުން ރަޔާންއާއިމެދު، ކަންތައް ކުރެވެނީ ހަމަ އެކަހަލަ ގޮތަކަށެވެ.

 

އިވޭހާ އަޑަކީ ތެދަކަށް ނުވެދާނެއެވެ. ހަމައެފަދައިން، ފެންނަހާ މަންޒަރަކީ، ހަޤީޤަތަކަށް ނުވެދާނެކަން، އެ ހާދިސާއިންވެސް އެނގިގެން ދިޔައެވެ. އެކަން އަހަރެން ގަބޫލުވެސް ކުރަމެވެ. ނަމަވެސް އެދުވަހު އަހަންނަށް ފެނުނު މަންޒަރުން، އަހަންނަށް ކުށްހީއެއް ކުރެވުނީއެވެ. އެ ހީވި ހީވުން، ބިނާވެގެން ދިޔައީ، މާޒީގައި ރަޔާން އަހަންނާއިމެދު ކަންތައްކޮށްފައިވާ ގޮތުގެ މައްޗަށެވެ.

 

ރަޔާން ގެއިން ބޭރަށް ދިއުމުން، އަހަރެމެން ސިޓިންގރޫމް ސޯފާގައި އަނެއްކާވެސް ޖައްސާލީމެވެ. މާ ގިނައިރެއްނުވެ، ދައްތަ، އައިނީ ގޮވައިގެން ނުކުތެވެ.

 

“ވަރަށް ލަސްވެއްޖެ ދޯ؟ ކޮޓަރިތެރެވެސް ސާފުކުރަން ޖެހުނީމަ ލަސްވީ.. އައިނީ ކުލަ ޖެއްސީ ހަމައެކަނި ފޮތުގައެއް ނޫންވިއްޔަ، ދޯ ދަރިފުޅާ… އައިނީ އިށީންދެގެން އިންތަނުގައިވެސް ހުރީ ހުސް ކުލަ…” ދައްތަ ކިޔައިދެމުން ދިޔައެވެ. އަހަރެން ހިނިތުންވެލަމުން، އައިނީ ކައިރިއަށް ގެނެސް އުނގުމަތީގައި ބޭންދީމެވެ.

 

“ދަރިފުޅުމެން ސައިބޯން ހިނގާ… ބޮޑުބޭބެ އަދިވެސް ނާދެ ދޯ؟” ދައްތަ ބުނެލިއެވެ. ފަހު ޖުމްލަ ބުނެލިއިރު، ބޮޑުބޭބެ ދޮރު ހުޅުވާފަ ގޭތެރެއަށް ވަދެއްޖެއެވެ.

 

“ޒާހިރާ… އަހަރެން މި ހުރީނު..” ބޮޑުބޭބެ ޖަވާބުދިނެވެ. ސޯފާގައި އަހަރެމެން ތިބިތަން ފެނުނީ އޭގެ ފަހުންނެވެ. ހިނިތުންވެލަމުން، ބޮޑުބޭބެ އަހަރެމެން ކައިރިއަށް އައެވެ.

 

“އަނހާ… ދަރިފުޅުމެން އައިސް އެބަ އުޅެންދޯ؟ ސައި ބޮއިފިންތަ ތި ކުދިން؟… ކާފަގެ އައިނީ ސައި ބޮއިފިންތަ؟” އަހަރެމެންނާއި ވާހަކަ ދެއްކުމަށްފަހު، ބޮޑުބޭބެ އައިނީގެ ބޮލުގައި ފިރުމާލިއެވެ. އައިނީ ހީލަމުން، ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ.

 

“އައިނީ ސައިބޯނީ ކާފައާއި އެއްކޮށް ދޯ ދަރިފުޅާ؟ ޒާހިރާ… އަވަހަށް މިކުދިންނަށް ސައި ހަދައިދީ…” ބޮޑުބޭބެ، ދައްތަ ގާތު އެދުނެވެ. ދައްތަ ކާބަޔާއި ދިމާއަށް މިސްރާބު ޖެހުމުން، އަހަރެންވެސް ތެދުވީ ދައްތައަށް އެހީވާން ދާންވެގެންނެވެ.

**********************

 

ޝާފީވެސް މިހާރު ރަނގަޅުވެފައިވުމާއެކު، ޔަމާން އަހަރެން ގޮވައިގެން، މިރޭ ބޭރަށް ދާން ބޭނުން ވާހަކަ ބުންޏެވެ. އަހަރެން ގާތު ނުވައެއް ޖަހާއިރަށް ތައްޔާރުވާށޭ ބުނެފައި ދިޔަ މީހާގެ ޚަބަރެއް އަދި ނުވެއެވެ. ޝާފީ ނިންދަވާލުމަށްފަހު، އަހަރެން ދޮންބެދައްތަ ގާތު، ޝާފީ ބަލާލަދިނުމަށް އެދުނީމެވެ.

 

ޔަމާން އަހަންނަށް ގުޅީ، އަހަރެން ތައްޔާރުވެ ނިމުނުތަނާއެވެ. ފޯނު ނެގުމުން، ތައްޔާރުވެވުނީތޯ ސުވާލުކުރިއެވެ. އަހަރެން އާއެކޭ ބުނުމުން، މިދަނީކަމަށް ބުނެ ފޯނު ކަނޑާލިއެވެ.

 

އިރުކޮޅަކުން، ދޮރު ހުޅުވުނު އަޑު އިވިގެން ބަލާލިއިރު، ޔަމާންއެވެ. އެއްވެސް އެއްޗެއް ނުބުނެ، ޔަމާން ބަލަން ފެށުމުން، އަހަރެން ލަދުން އިސްޖަހާލީމެވެ. ޔަމާންއަށް މިކަން އެނގުމުން، ކައިރިއަށް އައެވެ. އަދި ދަތްދޮޅިދަށަށް ޝަހާދަތް އިނގިލި ލައްވާލާ، އަހަރެންގެ މޫނު އުފުލާލިއެވެ. އެއަށްފަހު، ކޯތާފަތުގައި ދެއަތުން ހިފާލިއެވެ. ހަތަރުކަޅި ހަމަވި ވަގުތު، އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެއްލިފައި ތިބެވުނެވެ. ހަމަހޭވެރިކަންވުމުން، އަހަރެން ދުރަށް ދާން އުޅުނު ވަގުތު، ކައިރިވެލާ، އަހަރެންގެ ނިތުގައި ތުންފަތް ޖައްސާލިއެވެ. އަހަންނަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ.

 

“ހިނގާ ދާން ދޯ…” ޔަމާންވެސް ހިނިތުންވުމެއް ދެމުން ބުނެލިއެވެ. އަހަރެންގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުތެވެ. އަހަރެމެން އެރޭ ދުއްވާލަން ދިޔައީމެވެ. ދެމީހުން އެކުގައި މިގޮތަށް ވަގުތުކޮޅެއް ހޭދަކޮށްނުލެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެތައް އިރަކު ދުއްވުމަށްފަހު، ތަންކޮޅެއް މީހުން މަދު ހިސާބެއްގައި މަޑުކޮށްލީމެވެ. އެކި ވާހަކަތަކުގައި ތިބުމުން، ވަގުތު ހިނގައިދިޔަގޮތްވެސް ނޭންގުނެވެ.

 

“ޝަބާ.. އަބަދުވެސް އަހަރެން ޝަބާދެކެ ވަރަށް ލޯބިވާކަން ހަނދާންކުރާތި އިނގޭ… އަހަރެން ނެތް ދުވަހަކުންވެސް ޝަބާ އުފަލުގައި ހުންނާތި..” ޔަމާން ބުނެލި ވާހަކައިން، އަހަރެންގެ ހިތުގައި، ބުނެދޭން ނޭންގޭފަދަ ބިރުވެރިކަމެއް ހިނގާލިއެވެ. ޔަމާންގެ ކޮނޑުމަތިން ބޯ ހިއްލާލަމުން، އެ މޫނަށް ފުން ނަޒަރަކުން ބަލާލީމެވެ.

 

“މިރޭ ކޮންކަހަލަ ވާހަކަތަކެއް ތި ދައްކަނީ؟… ކިހިނެއް އެނގެނީ ކާކުކަމެއް ކުރިން…؟؟…” އަހަންނަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. ޔަމާން އަހަރެންގެ މޫނަށް ބަލާލިއިރު، ލޯ ފެންކަޅިވެފައިވާތީ ފެނުމުން، ދެފަރާތަށް ބޯ ހޫރާލިއެވެ. ގަޔާއި ކައިރިކޮށްލަމުން، އަހަރެންގެ ހަށިގަނޑުގައި ދެއަތް ވަށާލިއެވެ. ފަހުން އެކި ވާހަކަ ދައްކައިގެން އަހަރެން ހަމައަކަށް އެޅުވިއެވެ.

**********************

 

އެރޭ އަހަރެމެންނަށް ގެއަށް އާދެވުނުއިރު، ބާރަ ޖަހަނީއެވެ. އެތައް ދުވަހެއް ފަހުން، ހަމަޖެހިގެން ނިދާލެވުނު ރެއަކަށް އެރޭ ވިއެވެ. ޝާފީއަށް އަނިޔާވި ފަހުން، އަހަންނަށް ހަމަނިދި ނުލިބެއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ފަތިހު ހޭލެވުނުއިރު، އޮވެވުނީ، ޔަމާންގެ އަތުތެރޭގައެވެ. ހިނިތުންވެލަމުން، ޔަމާންގެ ބޮލުގައި ފިރުމާލެވުނެވެ. ފާހާނާއިން ނުކުތްއިރު، ޔަމާން އޮތީ ހޭލައެވެ. އަހަރެން ނުކުތުމުން، ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. ތައްޔާރުވެގެން މިސްކިތަށް ދިޔައީ، އަހަރެން ފަތިސްނަމާދުކުރަން އުޅެނިކޮށެވެ.

**********************

 

ޔަމާން އޮފީހަށް ދާން ތައްޔާރުވަމުން ދިޔައިރު، އަހަރެން އުޅުނީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައެވެ. ކޮޓަރިއަށް ވަންއިރު، ޔަމާންވެސް ނިމިގެން ކޮޓަރިން ނުކުންނަނީއެވެ.

 

“ޝަބާ… މިއަދު ޝާފީ ސްކޫލަށް ލާން ހިއެއް ނުވޭ އާދެވޭނެހެންނެއް… މިއަދު ބައިވަރު މީޓިންގތަކެއްވެސް އެބައޮތް… އެކަމަކުވެސް ބަލާނަން ޝާފީ ނިމޭގަޑިއަށް ބަލާދެވޭތޯ…” އޮފީހަށް ދާން ގެއިން ނުކުތުމުގެ ކުރީގައި، ޔަމާން ބުންޏެވެ. ދޮރު ހުޅުވާލުމުގެ ކުރިން، އަހަރެންގެ ހަށިގަނޑުގައި ބައްދާލަމުން، ބޮލުގައި ފިރުމާލިއެވެ. ޔަމާން ލިފްޓަށް އަރަންދެން، ހިނިތުންވެފައި އަހަރެން ބަލަން ހުރީމެވެ.

**********************

 

ޔަމާންއަށް މިއަދު ދެވެން ނެތުމުން، ޝާފީ ތައްޔާރުކޮށްލައިގެން އަހަރެން ގެއިން ނުކުތީމެވެ. ޝާފީ ސްކޫލަށް ލާފައި، ގެއަށް ދިއުމުގެ ކުރިން، އެތާ ކައިރީގައި ހުރި ބުކްޝޮޕަށް ވަނީ، ބޭނުންވާ ބައެއް އެއްޗެހި ގަންނަންވެގެންނެވެ. ޝާފީއަށް ބޭނުންވާ އެއްޗެހި ނެގުމަށްފަހު، ވާހަކަފޮތްތައް ހުރި ބައިގައި ކުޑައިރުކޮޅަކު މަޑުކޮށްލީމެވެ. ލިބޭ ހުސްވަގުތުތަކުގައި، ވާހަކަ ކިޔުމަކީ، އަހަރެން ވަރަށް ކުރާހިތުން ކުރާ ކަމަކަށްވާތީ، އެތަނުން، އަހަންނަށް ކަމުދިޔަ ދެތިން ވާހަކަ ފޮތެއް ނެގީމެވެ.

 

ފިހާރައިން ނުކުތްތަނާ، ފޯނު ވައިބްރޭޓްވާން ފެށިއެވެ. ގުޅަނީ ދޮންބެދައްތައެވެ. ފޯނު ނަގަން އިނގިލިތައް ހަރަކާތްކޮށްލި ވަގުތު، އެއްފަރާތަކުން އައި މީހެއް، އަހަރެން ގައިގައި ޖެހުނެވެ. ހަށިގަނޑު ބެލެންސްކޮށްލެވުނު ނަމަވެސް، އަތުގައި އޮތް ފޯނު، އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އަހަރެން ފޯނު ނަގަންވެގެން ތިރިވެލީމެވެ. އެކަމަކު، އޭގެ ކުރިން އެމީހަކު ކުޑަކޮށް ގުދުވެލާ، ފޯނު ނެގުމަށްފަހު، އަހަންނަށް ދިއްކޮށްލިއެވެ. އަހަރެން ފޯނުގައި ހިފަމުން ޝުކުރު އަދާކުރީމެވެ.

 

“ސޮރީ… ބަލާނުލާ އާދެވުނީމަ ވީ ގޮތް… އަހަރެންގެ މިސްޓޭކް…” ކޮންމެވެސް ތަނަކުން އިވިފައިވާ އަޑެއްހެން އަހަންނަށް ހީވިއެެވެ. ފޯނުން ނަޒަރު ވަކިކޮށްލަމުން، އިސްއުފުލާ އެމޫނަށް ބަލާލެވުނެވެ. ސާފުކޮށް އެމީހެއްގެ މޫނު ފެނުނު ނަމަވެސް، އެއީ ކާކުކަން ދެނެގަންނަން ވަގުތުކޮޅެއް ހޭދަވިއެވެ. ކުރިމަތީގައި ހުރީ ކާކުކަން އެނގުމުން، ފަހަތަށް ދެފިޔަވަޅެއް އަޅާލެވުނީ ޖެހިލުންވިވަރުންނެވެ. ހީވެސް ނުކޮށް ހުއްޓާ ކުރިމަތިން ފެނުމުން، ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ.

 

(ނުނިމޭ)

12

You may also like...

2 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.