ރަސްމީ ގަޑި – 3
ރަހްމާ
ސޭލްސް ކެބިންއަށް ދުން ކަނޑާފައި ވަންއިރު އަނގަ ހުޅުވައިގެން ޗުވިންގަމެއް ހަފަން އިން އީނާޝްގެ ކަންފަސޭހަ ނަޒަރު އަހަރެންނާއި އަމާޒުވިއެވެ. އީނާޝްއާއި އަަހަރެން ފިޔަވައި ދެން ތިބި އެންމެން ވީ ކާން ގޮހެވެ. އަތުގައި އޮތް އާފަލުގައި ހިފާލުމުން ސުލްތާންގެ ސޫރަ ސިފަވެގެން ދިޔައެވެ. ދަތް ކުނޑި ވިކަމުން އަހަރެންނަށް ހާއްސަކުރެވިފައި ވާ ގޮނޑީގައި އިށީނީމެވެ.
ސުލްތާންއަކީ ހަމަ އަހަރެން ހީކުރި ކަހަލަ މީހެކެވެ. މީހުނަށް އިހުތިރާމު ނުކުރާ އަނގަ ހަޑި މީހެކެވެ. ސިކުނޑި ވެސް ލައްފިލުވާ އަޅައިގެން ދޮންނަން ވެފައި ހުރި މީހެކެވެ. ކުދި ކިޔަމަުން އާފަލުގައި ދަތް އަޅާލެވުނީ ހީކުރި ވަރަށް ވުރެ ބާރަށެވެ.
“ދެންމެ ވަރަށް ގިނަ އިރު ވަންދެން ރަހްމާގެ ފޯނު ރިންގުވި.”
މުޅި އަނގަމައްޗަށް ޗުވިންގަމް ބޮތްކެއް ފަޅާލައިގެން އިން އީނާޝް ފޫހިވެފައި ބުނެލިއެވެ. އޭނާ އިނީ ގޮނޑިއެއްގެ މައްޗަށް ދެފައި ލައިގެން ފޯނާ ކުޅޭށެވެ.
ވާހަކަ އެހެން ދިމާލަަކަށް އަނބުރާލަން އަހަރެން އަވަސްވެލީމެވެ. މޭޒުމަތީގައި ފޯނު ބޭއްވުނީތީ މޮޔަ ހީވެވުނެއެވެ. ފޯނު އެހެން މީހެއް ނުނެގިކަން އެއީ ނަސީބެކެވެ. އެހެން ނޫނިއްޔާ މީހަކަށް ހަތަރު ކަޅި ހަމަ ނުކޮށްލެވޭހާ ލަދެއްގައި ބެދުނީސްކަން ކަށަވަރެވެ.
“އީނާޝް ކާން ނުދަނީތަ؟”
އަހަރެން ނިއްކުރީގައި ގިނަވަމުން ދިޔަ ދާ ތިކިތައް ޓިޝޫއަކުން ފޮހެމުން އަހާލީމެވެ. އީނާޝް އަނގައިގައި އޮތް ޗުވިންގަމް ފޮނި ގޮތަކަށް ހަފާލިއެވެ.
“ޕްލީސް. ކޯލް މީ ނާޝް. އަހަރެން މިހުރީ ހުޒާމް ނިމެންދެން. އެއްކޮށް ދާން ލަންޗަށް..”
އޭނާގެ އަތުގައި ވިދަމުން ދިޔަ ރިހި އަނގޮޓީގެ ވިދުން ފެނުނީ ދެނެވެ. މިވަރު ކަމެއް އަހަރެންގެ ލޮލަށް ނުފެނި ދިޔައީ ކިހިނެތް ހެއްޔެވެ؟
“އާ ޔޫ ޑޭޓިން ހިމް؟”
އަހަރެންވެސް ނޫންކަމަށް ހަދާލާފައި އަހާލި ސުވާލުން އީނާޝްގެ މޫނު ދިއްލިގެން ދިޔައެވެ. އޭނާގެ އަތުގައި އޮތް ރިހި އަނގޮޓިއާއި ދިމަާލަށް ބަލާލިގޮތް ފެނިފައި ހުރިހާ ކަމެއް ވެސް ސާފުވެގެން ދިޔައެވެ. ސުވާލެއް އެހުމުގެ ބޭނުމެއް ވެސް ނެތެވެ. ހައިރާންވާ ވަރުގެ ކަމެއް ނޫނެވެ. ހުޒާމް ކަހަލަ ބޭރުފުށް ރީތި ކުރަން އުޅޭ މީހުަނަށް ވެސް ކަމުދާނީ ހަމަ އެކަހަލަ މީހުންނެވެ. ލަނޑަޔާވާނީ ލަނޑަޔާއޭ ބުނެ އުޅެއެެވެ.
“ޔެސް. ހީ އިޒް މައި މޭން..”
މޫނަށް ފުޅާ ހިނިތުންވުމެއް ގެނުވަމުން އޭނާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެންގެ ފަރާތުން އެއްޗެއް ބޭނުންވާ ފަދައިންނެވެ.
“އޯ މައި ގޯޑް!!! ކޮންގްރެޓްސް. އަޅޭ ތި އަނގޮޓި ހާދަ ލޯތްބޭ!!!”
އަހަރެން އަނގަމަތީ އަތް އަަޅަމުން ކުޅެލި ތަމްސީލު ވަރަށް ވެސް ފުރިހަމައެވެ. އީނާޝް ހިތްހަމަޖެހިގެން އަނެއްކާ ވެސް ޗުވިންގަމް ހަަފަން ފެއްޓިއެވެ
އިތުރަށް ވާހަކަ ނުދައްކަ އަހަރެން ސޭލްސް ބައިގައި އިންނަ ބާލުހާނާއަށް ނިކުމެލީމެވެ. މެންދުރުގެ ވަގުތު ކަމުން މަގުމަތީގައި ދުއްވާ އެއްޗެހި އާދަޔާ ހިލާފަށް ގިނައެވެ. ބަރުގޮނުގެ އަޑުފަށްގަނޑާއި މީހުންެގެ ހަލުވި ހަރަކާތްތަކުން މާލޭގެ ގުދުރަތީ ރީތިކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. އޮތްހާވެސް އެއްޗަކީ ބޯ މަތީގައި އެނބުރަމުން ދާ ހުދު ކަފަ ވިލާތަކެވެ. ސާފު ނޫ އުޑެވެ. ބަބުޅަމުން ދާ ގަދަ ނޫ ކަނޑެވެ. ހަޔާތުގައި ކިތަންމެ ބޮޑު ހައިޖާނެއް ހިނގިކަމުގައި ވިޔަސް އަަހަރެން ހެއްދެވި ފަރާތަށް ޝުކުރުއަދާ ކުރަން ހަނދާނެއް ނުނެތެއެވެ.
ހިޔާލުތަކުގެ ވައު ފަށް ކެނޑުނީ އަތުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ސްކްރީންއަށް އަރާފައިވަނީ ހަތް އަކުރުގެ ނަަންބަރެކެެވެ. ކާކު ކަމެއް އެހެން މީހަކަށް ނޭނގޭނެއެވެ. އަހަރެން ފިޔަވައެވެ. ދެހިޔާލެއްގައި ހުރެފަވެސް ނެގީ އިތުރު ގޮތެއް ނުވިސްނިގެންނެވެ.
“ހަލޯ؟”
ފޯނުުގެ އަނެއް ކޮޅުން ނުަލަފާ ހިނިގަނޑެއް ޖަހާލިއެވެ. އަހަރެންގެ ނިއްކުރިއަށް ރޫތައް އަރުވާލީމެވެ. މިއިީ ދެން ދުވަހަކު ސަލާމަތްވާނެ މުސީބާތެއް ހެއްޔެވެ؟ ކޮންމެ މީހެއްގެ ވެސް ސިއްރުތަކެއް ވާނެއެވެ. މާޒީއެއް ވާނެއެވެ. ފޯނުގެ އަނެއް ފަރާތުގައި އެވަނީ އަހަރެންގެ މާޒީއެވެ. އަހަރެން އެކަކަށް ވެސް އިނގެން ބޭނުންނުވާ ސިއްރެވެ. އަހަރެންގެ ފިރިމީހާއެވެ.
“ކިހިނެތް ވެގެން ތަ ހާނިމްއަށް ތިއުޅެނީ؟ ކިހިނެތް އަހަރެންގެ ނަންބަރު ހޯދީ؟”
އަހަރެންގެ އަޑުގައި ވި ތުރުތުރުއެޅުން އިވިފައި އަމިއްލަ ނަފްސަށް މަލާމާތްކޮށްލެވުނެއެވެ. ހާނިމްގެ ސަބަބުން އަހަރެންގެ ޒަމީރަށާއި ހިތަށް ލިބުނު ގެއްލުން ދުވަހަކު ފޫ ނުބެއްދޭނެއެވެ.
“އަހަރެން ކަލޭ ވަރިއެއް ނުކުރަން.. ތި ހުރި ތަނެއް ހަމަ މިހާރު ބުނޭ..”
ހާނިމްގެ އަމުރުވެރި އަޑު އިވުމާއިއެކީ އަހަރެންގެ ލޭ ކެކުނެއެވެ.
“ހާނިމް އަހަރެން ވަރި ނުކުރިޔަސް ކުރިޔަސް ހެޔޮ.. އަދި ވަރިވާން އިތުރު ގޮތްތަށް ވެސް ހުރޭ.. އަހަރެން ހޯދަން ނޫޅޭ.. އަހަރެން އަތަކު ނެތް ލާރިއެއް..”
ފޯނު ބޭއްވިއިރުުވެސް ހާނިމްގެ ދުލުން އިވުނު ބަދު ބަސްތައް ކަންފަތުގައި ގުގުމަމުން ދިޔައެވެ. ހާނިމްގެ ހޫނު ނޭވާ އަހަރެންގެ މޫނަށް އެޅޭ ކަހަލައެވެ. އެ އަތުން ފިރުމި މޫނުގައި ހަމަ އެ އަތުން ޖަހާ ދުޅަ އަރުވާލި ހަނދާންވެ މުޅި މީހާގެ ހެޔަށް ގޮތް ވާހެން ހީވިއެވެ. ބޭއިހްތިޔާރުގައި އަހަރެންގެ ލޮލުން ވެއްޓުނު ކަރުނަ ތިކީގެ ލޮނު ރަހަ ތުންފަތުގައި ލިއެވެ.
“ނޫން.. އަހަރެން މިއީ މިނިވަނެއް.. އަހަރެން މިއީ މިނިވަނެއް.. ނޯ މޯ!”
އޮފީސް ނިމެނީ ހަތަރު ގަޑި ބައިގައެވެ. ހުރިހާ އެންމެން ލިފްޓަށް އަރައިންގަންނާނީ އެއްފަހަރާ ކަން އަހަންނަށް އިނގެއެވެ. ވީމާ މީހުން މަދުވެލަންދެން އޮފީސް ތެރޭ މަޑުކޮށްލީމެވެ. ފަސް މިނިޓެއް ވަރު ކޮށްލާފައި ނިވާލާފައި އޮތް ފޯނު ހުޅުވާލީމެވެ. އޭރު ހާނިމް ދިހަ ފަހަރު ގުޅާފައި ހުއްޓެވެ. އަހަރެން ބޯ ހޫރުވަމުން ރިސެޕްޝަނަށް ނިކުންއިރު ހުޒާމް ހުރީ ވީލާގެ ކުރިމަތީގައެވެ. ވީލާ އަތަށް ފައިލެއް ހަވާލުކުރަމުން އޭނާ އަވަސް އަވަހަށް އަހަރެން ހުރި ބަޔަށް ވަނެވެ. ވީލާގެ މޫނުމަތީގައި ވި ކުލަވަރު އަހަރެންނަށް ފާހަގަވިއެވެ. ފައިލުގައި ހިފާއިގެން ހުރިލެތް ބާރުކަމުން އިނގިލީގެ ކޮޅު ހުދުވަނީއެވެ. ތުންފަތުގައި މަޑު ތުރުތުރުއެޅުމެއް ހުރިހެން ހީވިއެވެ. ހުޒާމްވެސް ވީލާއާއި ހަތަރު ކަޅި އެއްވަރުކުރަން ޖެހިލުންވާހެން އޭނާގެ ހަރަކާތްތަކުން ހީވިއެެވެ. ހުޒާމް ކަހަލަ ތިމާއަށް ތިމާ ފެނިފައި ތިބޭ މީހުން އެ ޒާތަކަށް ނޫޅޭއެވެ. މި ކަންތައް ގަނޑުގެ އެންމެ އަޑިއަށް ނުދަނީސް އަހަރެންނަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އަބަދުވެސް ހުރިހާ ކަމެއް އިނގެން ޖެހޭނެއެވެ. އެއީ ތަބީޢަތުގައި ހަރުލާފައި ހުރި ކަމެކެވެ. މަންމަ ދުނިޔޭގައި ހުރިއިރު ބުނި ބަސް ހަނދާން ވިއެވެ. “ރަހްމާ ޖެހޭނެ ހޮރެއް ފެންނައިރު އެޔަށް ވަދެ ކޮންނަން!”
ރިސެޕްޝަނުން ނިކުމެ ލިފްޓަށް އެރިއިރުވެސް އަހަރެންގެ ހިނިތުންވުން ފިލައިގެން ނުދެއެވެ.
ދެކޮޅަށް ބޯ ހޫރުވަމުން އަތް ދަބަސް ކިހިލިފައްޗަށް ޖަހައިގެން އަހަރެން ވަނީ ބައު އިމާރާތެއްގެ ތެރެއަށެވެ. އިމާރާތުގެ ބޭރުގައި “ދުވަހު ކުއްޔަށް ކޮޓަރި ދޫކުރަމެ” މިހެން ލިޔެވިފައިވި ފިލާގަނޑެއް ހަރުކޮށްފައި ހުއްޓެވެ. މީހުންގެ ނަޒަރު އަމާޒުނުވާނެހާ ހަލުވިކޮށް ހަނި ސިޑިއަކުން ތިންވަނަ ފަންގިފިލާއަށް އެރީމެވެ. އޭރު އެ ބުރީގައި ޖެހިގެން އިން ކޮޓަރިއިން ޒުވާން ފުރައިގެ ފިރިހެނަކާއި އަންހެނެއް ނިކުންނަނީއެވެ. އަންހެންކުއްޖާގެ ހެދުމުގައި ރޫ ޖެހިފައި ވީ އިރު ފިރިހެންމީހާގެ އިސްތަށިގަނޑު ހުރީ ހާވާލަފައެވެ. އަހަރެންގެ ތޫނު ދެލޯ އަންހެންކުއްޖާއާއި އަމާޒު ކޮށްލީމެވެ. ދޮން މޫނެކެވެ. އޮށާނައެއް ލަކުނެއް ނެތް ރީތި މޫނެކެވެ. ބަލާބެލުމަށް އަށާރަ އަހަރު ވީހެނެއް ވެސް ހިޔެއް ނުވެއެވެ. އެޔާ ޙިލާފާށް ސިގިރޭޓު ވަހުން ފެންވެރިފައިވި ފިރިހެންމީހާއަކީ ތޭވީސް އަހަރު ވަރު ވެދާނެ މީހެކެވެ. މިއޮށް ރޯމާ ދުވާލު ގަޑީގައި ވެސް ކުރާ ކަމަކީ މިއީ އެވެ.
ގިނައިރު ބަލަން ނުހުރެ އަވަސް އަވަހަށް އަހަރެން ކޮޓަރިއަށް ވަދެލީމެވެ. އެނދުގައި ލަގޭޖް ފޮއްޓެއް އޮތް އިރު ގޮނޑިއެއްގައި ތުވާޔެއް ބާއްވާފައި އޮތެވެ. ފުން ނޭވާއެއް ލަމުން ފޯނުން ނަންްބަރަކަށް ޑައިލް ކޮށްލީމެވެ.
“ހަލޯ. ކޮންއިރަކުން އެޕާޓްމަންޓު ލިބެނީ؟ މިހާރު އެޑްވާންސް ވެސް ދީފީމެއްނު.”
އަހަރެން ހުރީ ނުރުހުންވެފައި ކަން ފޯނުގެ އަނެއް ފަރާތުގައި ހުރި ހުސްނީއަށް އަންގަން ބޭނުންވިއެވެ. ރެފިޔުޖީއެއް ހެން އުޅޭތާ މިހާރު ހަފްތާއެއް ވަނީއެވެ. މާލެއަކީ ކިތަންމެ ތަރައްގީ ވިޔަސް ރަހުމު ކުޑަ ރަށަކޭ އަހަރެން ހިތަށް އެރިއެވެ. ނަމަވެސް ހާނިމްގެ ކިބައިން ސަލާމަތްވާން ރެފިޔުޖީއަކަށް ވާން ވެސް އަހަރެން ފަހެއް ނުޖެހޭނަމެވެ.
އެނދުމަތީ ހިޔާލީ ފޮލައެއް ކައްކަން އޮއްވާ ނިދިއައި ގޮތެއް ވެސް ނޭނގުނެއެވެ. ހޭލެވުނު އިރު ހެނދުނު ހަޔެއް ޖެހީއެވެ. އޮފީހަށް ދާން ތައްޔާރު ވާންވީއެވެ. އައު ދުވަހަކަށް ފެށުމެއް އައީއެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓެމުން އަމިއްލަ ނަފްސަށް އަހަރެން ހިތްވަރު ދިނީމެވެ.
“ޔޫ ކޭން ޑޫ ދިސް!”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.



Me first dhw.. Story hama amazing!!! Keep it up rainoppa dear ????❤️❤️❤️
yes, you are first. <3
Thank you very much, Zoe. I really appreciate it
Varah Reethi. Next part Kon irakun? Next part dhigu kurevey tho balanchey. Rainoppa thi kuraa massaikathah hama saabas Ingey keep it up. Writers ah thaureef koh koh thaureef ge basthah husnuvaane. Varah time beynun vaane vaahaka thah liyan reygandu ge araam nidhives gehluvaalaafa readers ah takaa thi kohdhehvaa massaikathah fahun fashun shukuru dhahnavan
Next part miah vure dhigu kurevey thw balaanan.
Thanks for understanding, Umny.
Thank you for your support, love. <3
I loved and enjoyed your hard-hitting prose!
Congrats!Keep-up the good work! A real pain–
writing in this column in Dhivehi, in Thaana script, from right to left.Hence the Engljsh usage!
Yes, i try to have a unique flair while writing. I don’t like all sentences sounding monotonous. Rather i like it to create a picture with every word.
Thank you for your lovely comment kala123. Also for taking the time to read this. 🙂
liyaa style binmaa aa vahtaru hen heevey… improve adhi kureveyne… miah vure molhah liyeveyne..
anyways, story varah reethi. heevey rahma ge character ga baivaru layers eba huri hen.. rainoppa ge gina vaahaka thakuga suspense gina.. love this and love you :*
Ahaha. Your compliment moved me, love. I wouldn’t compare myself to such a great writer as Binmaa. But I hope one day I am able to write even half as good as he does.
Love you too, Nau. <3
Masha allah mi story hama varah reethi keep it up by the way when next part curiously waitinnng ♥️♥️♥️
Next part will be uploaded very soon. Thanks for reading this, Girl. 🙂
Rainoppa story genesdhey iru v ehn style akah huhnany kiyaa hiyyvaa kahala gothakah..V v rythi mibai vx..kon irakun baa next..waiting???????????????????❤❤❤❤?????????????????
Jiji ah kamu dhiyaeethee varah ufaa kuran. Jiji ge comments kiyaafa alhugandu vex varah ufaavey 🙂
Dhn oi bai varah avahah :*
haadha lahey up vaaleh
Haadha reehchey mi vaahaka